ހައިދަރު-1
“މަންމަ މިބުނާހާވެސް އެއްޗަކީ ފަތިސް ނަމާދުން ދުވަސް ފެށީމައޭ ދުވަސް ބާއްޖަވެރިވާނީ. ހައިދަރުވެސް ރޭގަނޑު ހޭލާ އުޅެފަ ފަތިހު ނިދާގޮތަށް ހެނދުނުގެ ސައިވެސް ތިބޮނީ އެހެން ކުދިން ކާގަޑީގަ.” އަމީރާ ގޮނޑި ކައިރިކޮށްގެން އިށީންނަމުން ބުނެލީ އޯގާތެރިކަމާއި އެކީގައެވެ. ދަރިފުޅު ހާޖަރުއަށް ދިން ނަސޭހަތެއް ނަމަވެސް ޖުމްލައިގެ ފަހުބައި ހައިދަރުއަށް އަމާޒު ކޮށްލީ އުޅުން އިސްލާހުވާން އެދޭވަރުންނެވެ.
ކުއްލިއަކަށް ހައިދަރުގެ އަތުގައި ހުރި ހުދުކުލައިގެ މުށި ޖޯޑު ހޫރާލިއެވެ. އެދިޔަ ބާރުމިނުގައި ގޮސް ކާކޮޓަރީގެ ފާރުގައި ޖެހި، ޖޯޑު ތަޅައިގެންގޮސް، ކޮފީގެ ޗާޓު ހުދު ފާރުގައި ކުރެހިއްޖެއެވެ. މަޑުމަޑުން ކެއުމަށް އިންސާފު ކުރަމުންދިޔަ ހައިތަމް، ޒޯޔާ އަދި ހާޖަރުއަށް ވެސް ސިހުން ގެނުވައިފިއެވެ. ބައްޕަ ޖުނައިދު މިއަދު ކާމޭޒު ދޮށުގައި ނެތްކަން ނަސީބެކެވެ.
“އަހަރެންގެ މަންމައަށް ވާން މަސައްކަތް ނުކުރިއްޔާ ރަނގަޅީ.” ހައިދަރު އެހެން ބުނެލީ އިސްދަށަށް ޖަހައިގެން ހުރެ މަޑުމަޑުން ނަމަވެސް، ދަތްކުނޑި ވިކާފައި ހުރިވަރުން ނުރުހިފައި ހުުރިވަރު އަންދާޒާ ކުރެވުނެވެ. ގޮނޑިން ތެދުވެ ހަމަ އިސްކޮޅަށް ދެމިލިއިރު ގައިމުވެސް އިސްކޮޅު ހަފޫޓަށްވުރެ ކުރެއް ނުވާނެއެވެ. އަޑުފައްގަނޑާއެކު ކޮޅަށް ތެދުވެ ހުރި ބޭބެ ހައިތަމްއަށް ވުރެވެސް ހަގީގަތުގައި ހައިދަރުގެ އިސްކޮޅުން ދިގެވެ.
ހައިދަރު ގޭގެ ބޮޑު ދޮރާށިން ނިކުމެގެން ދަމުން ފެންޑާގައި ހުރި ގަސް މުށިގަނޑެއްގައި ވެސް ފައިން ޖަހާ ވިއްސާލިއެވެ. ރުޅި އަންނަ ހިނދު ޝައިތާނާ ސިކުނޑިއަށް ސަވާރު ވަނީ އަމިއްލަ ނަފްސުވެސް ކޮންޓްރޯލް ނުކުރެވޭ ދަރަޖައަށެވެ. ކާރު ގަރާޖުން ނެރެގެން ދުއްވާލީ ގޭޓު ކައިރީ ހުރި ސެކިއުރިޓީ ގާޑަށްވެސް ކަޅިއަޅައިލަމުންނެވެ.
އަމީރާ ލަސްލަހުން ކާން ފެށީ އިހުސާސްތައް ފޮރުވަން ކަންނޭގެއެވެ. އެހެނަސް ލޯ ފެންކަޅިވީ ބޭއިހުތިޔާރުގައެވެ. ހާޖަރު ގޮނޑިއަށް ލެގިލައިގެން ހަށަން ބަނދެގެން އިނީ ކާހިތް ނުވެފައެވެ. ދޮންބެގެ ނަފްރަތު މަންމައަށް އަމާޒުވާ ކޮންމެ ފަހަރަކު އޭނާގެ ހިތަށްވެސް އެތައް އަނިޔާއެއް ލިބެއެވެ. އޭނާގެ ހައްގުގައި ނަމަވެސް ހައިދަރު މަންމަ ދެކެ ލޯބިވާނެ ނަމައޭ ހިތަށް އަރައެވެ. ހައިތަމްވެސް ހުރީ ހަގީގަތުގައި ދެރަވެފައެވެ. ހައިދަރު މަންމައެއްގެ ދަރަޖަ ނުދިނަސް، ބައްޕަގެ އަންހެނުންނަށް ވީތީވެސް އިހުތިރާމް ކުރަން ޖެހޭނެ ކަމަށް ހައިތަމް ދެކެއެވެ.
މީގެ ވިއްސަކަށް އަހަރު ކުރިން އަމީރާ މިގެއަށް އައީ ގެންގުޅޭ ހާދިމާއެއްގެ ގޮތުގައެވެ. އަމީރާއަކީ ކަޅުފޮއި ދަންވަރެއްގައި އަނިޔާވެރި ފިރިހެނަކު ހިންގި ލާއިންސާނީ އަމަލެއްގެ ނަތީޖާއެވެ. ބައްޕަނެތް ކުއްޖަކަށްވީތީ އާއިލާއިން ބާކީކޮއްލި ކުއްޖެކެވެ. އެނުލަފާ ފިރިހެނާދެކެ މަންމަ ކުރި ނަފްރަތު އަމާޒުވީ ކުށެއްނެތް ދަރިފުޅަށެވެ. މައުސޫމް އަމީރާއަށެވެ. ބޮޑުވަމުން އައިއިރު މަންމަގެ ވިހަ ބަސްތަކަށް ކަންފަތް ހޭނިފައި ވިޔަސް ހިތުގައިލީ ޒަހަމްތައް ދިޔައީ އިތުރުވަމުންނެވެ. އަތްމަތި ދަތިވާ ކޮންމެ ފަހަރަކު އެއީ އޭނާގެ ސުންޕާކަމުން ދިމާވާ ކަންތައްތައް ކަމާއި ހަރާން ދަރިއަށް ހަރަދު ކުރަން ޖެހޭ ވާހަކަވެސް މަންމަ އޭނާއާއި ދިމާލަށް ގޮވާލައެވެ.
އެއާއި ހިލާފަށް މަންމަ ކޮއްކޮމެންދެކެ އިންތިހާއަށް ލޯބިވެއެވެ. އެއީ އަމީރާ ލިބުމަށްފަހު މަންމަ ލޯބިން ކުރި ކައިވެންޏަކަށް ލިބުނު ދެކުދިންނެވެ. އަމީރާއަށްވުރެ އެންމެ ދެއަހަރު ހަގު ފިރިހެން ކޮއްކޮ އާރިފް މަސްތުވާތަކެތީގެ ވަބާގައި ޖެހުނީވެސް މަންމަގެ ހައްދެއްނެތް ލޯބީގެ ސަބަބުން ކަމަށް އޭނާ ގަބޫލުކުރެއެވެ. މަންމަގެ ފިރިމީހާ ވަޒީފާ އަދާކުރަނީ ރިސޯޓެއްގައި ކަމުން ރަށުގައި ހޭދަކުރެވޭ ދުވަސްތައް މަދެވެ.
މަންމައާއި އެއްވަރަށް އާރިފްވެސް އޭނާއަށް ނަފްރަތު ކުރެއެވެ. އޭނާއަށް ޖެއްސުމަށް އާރިފް ކޮށްފައި ނުކުރާކަށް ކަމެއް ނެތެވެ. އެކުދިންނަށް ދަސްވާނީ މަންމަ ދަސްކޮށްދިން އެއްޗެއް ނޫންހެއްޔެވެ؟ ހަތަރުއަހަރަށްދާ ކުޑަ އަންހެން ކޮއްކޮއަށް އަދި މާބޮޑަކަށް ކަންތައްތައް އޮޅުމެއް ނުފިލައެވެ. އެކުއްޖާވެސް ބޮޑުވެގެން އަމީރާއަށް ނަފްރަތު ކުރާނެ ކަންނޭނގެއެވެ.
އަމިއްލައަށް އުޅެވޭވަރު ވުމުން އަމީރާ ބޭނުންވީ އަމިއްލައަށް މަސައްކަތްކޮށް ފައިސާ ހޯދާށެވެ. މާރަނގަޅު ތައުލީމެއް ލިބިފައި ނެތްކަމުން ރަނގަޅު ވަޒީފާއެއް ނުލިބޭނެކަން އެނގުނަސް އޭނާ ހިއްވަރު އެލުވައެއް ނުލައެވެ. “ލިލަކް ވިއު” ގައި ގެންގުޅޭ ކުއްޖެއްގެ ވަޒީފާ އޮތްކަން އަމީރާއަށް އެނގުނީ ގާތް ރައްޓެއްސެއްގެ ފަރާތުންނެވެ. ވަޒީފާ ލިބުނީ ހީކުރިވަރަށްވުރެވެސް ފަސޭހައިންނެވެ. އޭނާއަކީ ދިވެއްސަކަށްވީތީ ގޭގެ ވެރިން މާބޮޑަށްވެސް ހިތްހަމަ ޖެހުނެވެ.
އަމީރާގެ އެންމެ ބޮޑު ޒިންމާއަކަށްވީ ޖުނައިދުއާއި ރައުދާގެ ކުޑަ ދެކުދިން ބެލުމެވެ. ޖުނައިދުއަކީ އައްޑޫގެ ނަން ހިނގާ ވިޔަފާރިވެރިއެކެވެ. ރާއްޖޭގެ ނިސްބަތުންވެސް ކުރީސަފުގައި ގުނާލެވޭ މުއްސަންޖެކެވެ. “ލިލަކް އިންޑަސްޓްރީސް” އޭ ބުނުމުން ނޭނގޭނެ މީހަކު މިރާއްޖޭގައި ނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ހެދުން ވިއްކާ ފިހާރައަކުން ފެށުނު ވިޔަފާރި ފުޅާވަމުންގޮސް ސެލޫނާއި ޖިމާއި ރެސްޓޯރެންޓް ތަކާއި ބޮޑެތި ރިސޯޓުތަކާއި ހަމަޔަށް ވިޔަފާރި ވަނީ ފުޅާވެފައެވެ. އެހާ ފުދިގެން ތަނަވަސްކަންމަތީ އުޅެވުނަސް ޖުނައިދުގެ އަންހެނުން ރައުދާވެސް ވަނީ އަމިއްލަ ޓީވީ ޗެނަލެއް ހުޅުވައިގެން ވިޔަފާރިއެއް ފަށާފައެވެ. ކާމިޔާބު އަންހެނުން ހަމައެކަނި ދަރިން ބަލަން ގޭގައި ތިބެން ޖެހޭނެ ކަމަކަށް އޭނާ ގަބޫލެއް ނުކުރެއެވެ.
މަސައްކަތުގައި ބުރަކޮށް އުޅެމުން ދެމަފިރިންނަށް އާއިލާއަށް ވަގުތު ކޮޅެއް ދެވެނީ ވަރަށްވެސް މަދުންނެވެ. އަމީރާ ކުދިން ބެލުމާއި ހަވާލުވީއިރު ހައިތަމްގެ އުމުރުން ދިހަ އަހަރު ފުރިފައިވީ ނަމަވެސް ހައިދަރުއަށް އެންމެ ހައަހަރެވެ. ހައިތަމްވީ އަމީރާއަށް ބަލަހައްޓަން ފަސޭހަ ކުއްޖަކަށެވެ. އެހެނަސް ހައިދަރުގެ ބޮޑާހޭކުމާއި، ކޫސަނި ބަސްނޭހުންތަކުގެ ސަބަބުން ދުވަސް ނިމޭއިރު އަމީރާ ހުންނަނީ ލޮޑުވެފައެވެ. އަމީރާއަށްވުރެ ކުރިންވެސް އެކުދިން ބަލަހައްޓަން ކިތަންމެ ބަޔަކު ގެނެވިއްޖެއެވެ. އެކަމަކު ހައިދަރުގެ މިޒާޖާހެދި އެއްވެސް މީހަކަށް މާގިނަ ދުވަހު ހިފަހައްޓައެއް ނުލެވުނެވެ.
އަމީރާއަށް ކިތަންމެ ބުރަވިޔަސް ކުދިން ބެލުން އެއީ ކުރާހިތްވާ ކަމަކަށްވިއެވެ. އަމިއްލަ ގެއިން ނުލިބޭ ހިތްހަމަޖެހުން މިގެއިން އިހުސާސް ކުރެވުނެެވެ. “ލިލަކް ވިއު” ގައި ގެންގުޅޭ ހުރިހާ ހާދިމުންނަށް ކެއިންބުއިމާއި ނިދުމަށް ގޭގެ ވަލުފަރާތުގައި ކުޑަ ކޮޓަރިތަކެއް ހަމަޖެހިފައިވީ ނަމަވެސް، އަމީރާ ބޭނުންވީ ނިދަން އަމިއްލަ ގެއަށް ދިއުމަށެވެ. މަންމަ ނުބައިކޮށް ކަންތައް ކުރިޔަސް، އަދި ގެއަށް ދިއުމުން އެއްޗެހި ކިޔަސް، މަންމަ ދޫކޮއްލާފައި އެއްކޮށް އެހެން ގެއަކަށް ބަދަލުވާން އޭނާގެ ޒަމީރު ތަނެއް ނުދިނެވެ.
އެގޮތުގައި ހޭދަވީ މަދު ދުވަސްކޮޅެކެވެ. އެއްދުވަހަކު އަމީރާ ގެއަށް ދިޔައިރު މަންމަ އޭނާގެ ހެދުންތަކާއި ދެންވެސް އޭނާއަށް ނިސްބަތްވާ އެއްޗަކާއެކު ކޮތަޅަކަށްލާ މަގަށް ނެރެލިއެވެ. ދުވާލު ހަތަރުދަމު ތިއޮންނަ ތަނަކަށް ނިދަންވެސް ދާށޭ ބުނެ ދޮރާށި ލައްޕާ ތަޅުލިއެވެ.
މަންމައަށް އާދޭސްކުރަން ދާން ހިތަށް އަރާފައިވެސް ކަންތައް ވާނެގޮތް އަންދާޒާ ކުރެވޭތީ އެ ހިޔާލު ދޫކޮށްލިއެވެ. އޭނާއަށް މިދުނިޔެއިން މަންމައެއްގެ ލޯބި ލިބެން ނެތީ ކަންނޭގެއެވެ. އޭނަ ހާދަ އިންތިޒާރެއް ކޮއްފިއެވެ. އުއްމީދުގެ ކުޑަ ވާފަށް ވެސް މަންމަ މިއަދު ކަނޑާލައިފިއެވެ. އަމީރާ މިދުނިޔެއަށް އުފަންވި އިރުވެސް އޭނާ ނުކުރާ އެތައް ކުށެއްވަނީ ބޮލުގައި އެޅި، އޭގެ އަދަބުވެސް ކަނޑައެޅި ނިމިފައެވެ. ބަރު ހިތަކާއިގެން ކޮތަޅު ނަގަމުން އޭނާ ހިނގައިގަތީ، ފެންކަޅި ވެފައިވާ ލޮލުން އަދިވެސް އެއްފަހަރު ގެއާއި ދިމާލަށް ބަލާލަމުންނެވެ.
ކިތަންމެ ބޭނުން ނުވިޔަސް “ލިލަކްވިއު” އަށް ދިއުން ނޫންގޮތެއް މިއަދު ނެތެވެ. ހިތާމަތައް ހަނދާން ނައްތާލަން އެހީވެދިނީ ހައިތަމްއާއި ހައިދަރުގެ ކުދި ފިޔަވަޅުތަކާއި ތުއްތު ހުނުންތަކުގެ އަޑުންނެވެ. އަމީރާ ވީހާވެސް ގިނަ ވަގުތެއް އެކުދިންނާއެކު ހޭދަ ކުރިއެވެ. ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް ހައިދަރުވެސް އަމީރާއާއި ހިސާބަކަށް ދޯޅުވިއެވެ. މަންމަ ނެތުމުގެ ޝަކުވާއާއި ބޮޑާހޭކުންތައް ތަންކޮޅެއް މަދުވީ، އަމީރާ ގިނަވަގުތު އެކުދިންނާއެކު ކުޅެން ހޭދަކުރުމުން ކަންނޭގެއެވެ. އެކަމަކު އަދިވެސް ހައިދަރުއަށް މަންމަ ނެތި ނިދޭ ކަމަކަށް ނުވެއެވެ. ޗެނަލް ހިންގުމުގައި އަވަދިނެތި އުޅެމުން ރައުދާއަށް ގެއަށް ނާދެވުނު ދުވަހެއް ވެއްޖެއްޔާ، ހައިދަރުއަށް ނިދެނީ ރޮއިރޮއި ހަކަތަ ހުސްވާފަހުންނެވެ. އަމީރާ ހައިރާންވެއެވެ. އޭނާގެ ދަރިއެއް ހުރިނަމަ އެންމެ ހިނދުކޮޅަކަށްވެސް ހިލޭ މީހަކާ ހަވާލެއް ނުކުރާނެއެވެ.
ދުވަސްތައް މަސްތަކަށް ބަދަލުވަމުންގޮސް މިއަދަކީ އަމީރާ މިގޭގައި ވަޒީފާ އަދާކުރާތާ ފަސް މަސް ފުރުނު ދުވަހެވެ. ގޭގެ އަހުލުވެރިންނަށް އުފާވެރިކަމާއި އެކު ފެށިގެން އައި ދުވަސް ނިމުނީ، ހިތްތަކަށް ލޮޅުން ގެނުވަމުންނެވެ. ރައުދާގެ މަރުގެ ހަބަރު އަމީރާއަށް ލިބުނީ، ހައިތަމްއަށް ރޭގަނޑު ކާންދިނުމަށް މަޝްއޫލު ވީގަޑީގައި، އެގޭގެ ކައްކާމީހާގެ ފަރާތުންނެވެ. ގަނޑުވެފައި ހުރެވުނު ވަގުތުކޮޅަކަށްފަހު ހަމަހޭވެރިކަން ވުމުން، ފުރަތަމަވެސް ވިސްނާލެވުނީ މައުސޫމް ކުޑަ ދެކުދިންނަށް ވާނެ ގޮތަކާއިމެދުގައެވެ. މަންމަ ބުނާ ފަދައިން އޭނާގެ ސުންޕާ ކަމުގެ ހިޔަނި މިގެއަށްވެސް އެޅުނީ ކަންނޭގެއެވެ.
ކުއްލިއަކަށް ހަނދާންވީ ހައިދަރުގެ މަތިނެވެ. ރައުދާ ހަވީރު ގެއަށް އައިސް އަނބުރާ އޮފީހަށް ދާން އުޅުނު ގަޑީގައި، ހައިދަރު ކުރުނުކޮށްގެން އޭނާ ދިޔައީ ކުޑަ ދަރިފުޅުވެސް ގޮވައިގެނެވެ. ހައިދަރު ގަދަވެ ސަލާމަތުން އެނބުރި އައުމަށް އެދި، މާތްﷲގެ ހަޟްރަތުގައި ދުއާ ދެންނެވުނު އަދަދެއްވެސް އަމީރާއަކަށް ނޭނގެއެވެ. މިވީ ކުޑަ ދުވަސްކޮޅުގައި އެދެކުދިންނާއި މެދު ހިތުގައި ލޯބި އުފެދިފައިވީ އަމިއްލަ ދަރިން ފަދައިންނެވެ.
ހައިތަމް ނިދުމުން އަމީރާ ހުުރީ ކެތްތެރި ކަމެއްނެތި ދެކޮޅަށް ހިނގާލަ ހިނގާލައެވެ. ހައިދަރު ގޮވައިގެން ޖުނައިދު ގެއަށް ވަދެގެން އަންނަ ތަން އަމީރާއަށް ފެނުނީ އޭގެ ދިހަ ވަރަކަށް މިނިޓް ފަހުންނެވެ. އަމީރާ ދުވެފައި ގޮސް ހައިދަރު އުރާލިއެވެ. އެއޮތް ހަލަނި ކުއްޖާ ހުރީ ހަރަކާތެއް ނެތި ނެގިމަޑުވެފައެވެ. ޖުނައިދުގެ މޫނުމަތިންވެސް ފެނުނީ މާޔޫސްކަމާއި މޮޅިވެރިކަމެވެ. މަޑު ހިނގުމެއްގައި ގޭތެރެއަށް ވަދެގެން ދިޔައިރު އެހިތުގައި އަޅާނެ ވޭނާއި، ސިކުނޑިއަށް ކުރާނެ ބާރު މީހަކަށް ވަޒަން ކޮށްލަންވެސް ނޭނގޭނެއެވެ.
ޖުނައިދުއާއި ރައުދާއަކީ ލޯބިން އެކުގައި އުޅެމުން އައި ދެމަފިރިންނެވެ. ރައުދާ އަމިއްލަ ވިޔަފާރިއެއް ފެށުމުން ޖުނައިދު ހިތްހަމަ ނުޖެހުނަސް، ދުވަހަކުވެސް ބާރަށް ބަހެއްވެސް ނުބުނެއެވެ. ދެކުދިންނަށް ލިބެން ޖެހޭވަރަށް އަޅާލުން ރައުދާގެ ވިޔަފާރިއާއި ހެދި ނުދެވޭތީ، ދެމަފިރިންގެ ދޭތެރޭގައި މައްސަލަ ޖެހުނަސް ލޯތްބަކަށް ބަދަލެއް ނާދެއެވެ. ވަކިވެގެން އެދިޔައީ ޖުނައިދުގެ ހަޔާތުގެ އެއްބަޔެވެ. އެތައް އަހަރަކު އެކުގައި އުޅުނު ލޯބިވާ އަނބިމީހާއެވެ. ދެކުދިންގެ މަންމައެވެ. އެހުސްކަން ފޫބެއްދޭނީ ކިހިނަކުން ހެއްޔެވެ؟
ރައުދާގެ މަރަށް ހަމަސް ފާއިތުވެގެން ދިޔަފަހުން، ޖުނައިދު އަމީރާއާއި ކައިވެނި ކުރީ އެއްވެސް ހާލެއްގައި ލޯބިވެގެނެއް ނޫނެވެ. މުސްކުޅި މައިންބަފައިންގެ އެދުމުގެ މަތިން، ހަމަ އެކަނި ނަމެއްގައި ކުރެވުނު ކައިވެންޏެކެވެ. އޭނާގެ ދަރިންނަށް ރަނގަޅު ތަރުބިއްޔަތެއް ދިނުމަށްޓަކާ، އެއީ އެންމެ ރަނގަޅު ގޮތް ކަމަށް އަމިއްލައަށް ވެސް ގަބޫލުކުރެވުނެވެ. އަމީރާ އެކުދިންގެ ކަންތަކަށް ފަރުވާ ބަހައްޓާ މިންވަރާއި އަޅާލާވަރު ފެނި، އަމީރާއަށްވުރެ ރަނގަޅު މަޔަކު އޭނާގެ ދަރިންނަކަށް ދެން ނުލިބޭނެ ކަން ޖުނައިދުއަށް އެނގުނެވެ.
ރައުދާގެ މަރަށްފަހު އަމީރާއަށްވެސް ބޮޑެތި ބަދަލުތަކެއް އައެވެ. މަރަކީ ކޮންމެ ވަގުތެއްގައިވެސް ބައްދަލު ކޮށްފާނެ އެއްޗެއްކަން ހިތަށް އަރާ ބަރާބަރަށް ނަމާދުވެސް ކުރަން ފެށިއެވެ. ދީނަށް އިތުރު އަހަންމިއްޔަތު ކަމެއްދީ، އޭނާ ލަމުން އައި ހަރުވާޅު ހެދުންވެސް ކަޅުކުލައިގެ އަބާޔާ ހެދުމަށް ބަދަލުކޮށް، ބުރުގާ އެޅިއެވެ. ޖުނައިދުގެ ކައިވެންޏަށް އެއްބަސްވީވެސް އޭނާފަދަ އެކަނިވެރި އަންހެންކުއްޖަކު ކައިވެންޏަކާއި ނުލައި، ހިލޭބައެއްގެ ތެރޭ މިހާގިނަ ވަގުތު ހޭދަ ކުރުމުން ފާފަވެރިވެދާނޭ ހިތަށް އަރާފައެވެ. އަނެއްކޮޅުން ހައިތަމްއާއި ހައިދަރުގެ ހައްގުގައެވެ. އެއީ މިހާރު އަމީރާގެ މުޅި ދުނިޔެއެވެ.
އޭގެފަހުން ފަަނަރަ އަހަރު ފާއިތުވެގެން ދިޔަ އިރުވެސް ބަދަލުނުވަނީ ހައިދަރު އަމީރާއަށް ކުރަމުންއައި ނަފްރަތެވެ. ބޮޑުވަމުން އައިވަރަކަށް އަމީރާއަކީ އޭނާގެ މަންމަގެ މަގާމު ހޯދަން އުޅޭ، ވިޔާނުދާ އަންހެނެއް ކަމަށް ގަބޫލު ކުރެވެން ފެށިއެވެ. މަންމަ ނިޔާވިތަނުން ބައްޕައާއި ކައިވެނި ކުރާނީ އެހެންވީމަތާއެވެ! މަންމަގެ މަރުގެ ފަހަތުގައި އަމީރާގެ އަތެއް ނުވާކަންވެސް އެނގެނީ ކިހިނެތް ހެއްޔެވެ؟ ފަހަރެއްގައި މަންމަ އުޅެމުންދިޔަ އަރާމު ދިރިއުޅުން އަމީރާވެސް ބޭނުންވީ ކަންނޭގެއެވެ. މުއްސަނދި ކަމާއި މުދަލުގެ ދަހިވެތިކަމުގައި މަންމަ މަރާލީ އަމީރާ ނޫންކަމެއްވެސް ނޭނގެއެވެ.
ހިތަދޫގެ އެކި މަގުތަކުގައި ކާރު ދުއްވުމަށްފަހު ހައިދަރު ކާރު މަޑުކޮއްލީ، ވަރަށް މަދުން މީހުން ވަޒަންވެރިވެ އުޅެމުންދާ ވަލުތެރޭގެ ހިސާބެއްގައެވެ. ރަށުގެ އެންމެ ކޮޅުން އޮންނަ ކޯއްޓޭއާއި މާދުރު ނޫން ހިސާބެއް ކަމުން، އެކި ވައްތަރުގެ ދޫނި ރާގުރާގަށް ލަވަ ޖަހަމުންދާ އަޑު އިވެއެވެ. ލޮލުގައި އަވި އައިނު އަޅާލުމަށްފަހު، ލައިގެން ހުރި ހުޑީ އިން ބޯވެސް ނިވާކޮށްލައިގެން ހިނގައިގަތީ، ކުރިމަތީގައި އޮތް ހަނި ގޯޅިގަނޑެއްގެ ތެރެއަށް ވަދެގެންނެވެ. މީހަކު އޭނާއަށް ފާރަލަމުން ބޯކޮޅު ބަލަމުން ދިޔަކަމެއް ނޭނގިހުރެ، ހައިދަރު ގޮސް ވަނީ ދެބުރިއަށް ހުރި ގެއަކަށެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.


