ރަށުގެ އަތިރިމަތީގައި އޮތް ބޮޑު ކުޅިއާއި ދިމާއަށް މާޝާގެ ނަޒަރު ހުއްޓާލައިގެން އިނެވެ. އެކި ފާޑުފާޑުގެ ދޫނިތައް މިނިވަންކަމާއެކު އުދުހި އުދުހިފައި އުޅެމުން ދެއެވެ. އެހިނދު މާޝާގެ ހިތަށް އަރަމުން ފައިބަމުންދިޔައީ އެ ދޫނިތައް ފަދައިން އޭނާއަށްވެސް މިނިވަންކަމާއެކު ކުރިން އުޅުނުހެން އަދި އުޅުވޭނެތޯއެވެ. ނޫޅެވެންވީ ކީއްވެ ހެއްޔެވެ؟ އޭނާގެ މަންމަ ވަނީ އޭނާއަށް އުމުރުން އެންމެ 15 އަހަރު ގައި ކެންސަރާއި ހަނގުރާމަކުރަމުން ދިޔުމުގެ ތެރޭގައި ނިޔާވެފައެވެ. ބައްޕަ ވެސް ވަނީ މަސްތުވާތަކެތީގެ އަވާގައި ޖެހި ދުނިޔެއިން މޮޔަވެފައެވެ. “މަންމައާއި ބައްޕައަށް އަހަރެން ނުބެލެހެއްޓޭއިރު، އަހަރެންނަށް އެކަށީގެންވާ ތަރުބިއްޔަތު ނުދެވޭނެ އިރު އަހަރެން ދުނިޔެއަށް އުފަންކުރުވީ ކީއްކުރަން ހެއްޔެވެ؟ ބަނޑުގައި އޮށްވާ އަހަރެން މަރާނުލީ ކީއްވެގެން ހެއްޔެވެ؟” މާޝާގެ ހިތަށް އެރިއެވެ.

މާޝާ އޭނާގެ ފޯނުގެ ކަވަރު ދަށުން ނެގި ފޮޓޯއަކަށް ބަލަން އިނެވެ. އެ ފޮޓޯގައި ވަނީ އޭނަ އާއި އޭނަގެ މަންމަ އާއި ބައްޕައެވެ. މާޝާ 3 އަހަރު ކުރީގެ ހަނދާންތަކުގެ އޮއިވަރުގަދަ ކަނޑުގެ ތެރެއަށް ގެނބިގެން ދިޔައެވެ. މާޝާގެ ބައްޕަ އާއި މަންމަ މާޝާގެ އަތުގައި ލޯބިން ހިފައިގެން ފިހާރައަކަށް ވަދުނެވެ. ބައްޕަ މާޝާގާތު އޭނަ ބޭނުންވަނީ ކޮންކަހަލަ އައިސްކްރީމް އެއްތޯ އަހާލިއެވެ. “ބައްޕާ އަޅުގަނޑު ބޭނުމީ ވެނީލާ އައިސްކްރީމްއެއް” މާޝާ ޖަވާބު ދިނެވެ. އޭނާގެ މަންމަ އާއި ބައްޕަވެސް ނެގީ ވެނީލާ އެވެ. ތިންމީހުން އުފަލާއެކު ހެމުން ކައިރީގައި ހުރި ޕާރކަކަށް ވަނެވެ. ޕާރކްގައިވާ ބެންޗްއެއް މަތީގައި މަންމައާއި ބައްޕަ އިށީންދުނެވެ. މާޝާވެސް އެމީހުންގެ ފަހަތުން އިށީންނަން އުޅެނިކޮށް ބައްޕަ އޭނާގެ ނޭފަތު ކުރީ އައިސްކްރީމް ހޭކިއެވެ. މާޝާ ހެމުން މަންމަ އާއި ބައްޕަގެ ނޭފަތުގެ ކުރީގައިވެސް އައިސްކްރީމް ހޭކިއެވެ. ބައްޕަ ބޭނުންވީ ތިންމީހުން އެހެން ހަދައިން އައިސްކްރީމް ހިފައިން ސެލްފީއެއް ނަގަންނެވެ.

މާޝާ އޭނާގެ އަތުގައި އޮތް އެދުވަހު ނެގި ފޮޓޯ އަލުން ފޯނުގެ ކަވަރު ދަށަށްލައި ކޯތާފަތް މަތީގައި ހުރި ކަރުނަތައް ފުހެލިއެވެ. އިރު ވަނީ އޮއްސެން ފަށާފައެވެ. މާޝާ ކޮންމެ ދުވަހަކުވެސް އާދައިގެ މަތިން ކޮލެޖް ގެ ލެކްޗާރތައް ނިމުމުން މިކުޅިކައިރިއަށް ހިންހަމަ ޖައްސާލަން އާދައެވެ. ވިނަގަނޑުމަތީގައި އޮތް ފޮތްދަބަސް ހިފައިން ގެއާ ދިމާއަށް މިސްރާބު ޖެހިއެވެ. މާޝާ 10 ބުރީގެ އިމާރާތުގެ އެންމެ މަތީ ފްލޯ އާއި ހަމަވުމުން އެޕާރޓްމެންޓްގެ ދޮރު ހުޅުވަން ޖެހިލުން ވެފައި ހުރެފައިވެސް ތަޅު ހިފާ އަނބުރާލިއެވެ. ލޯ ފިއްތާ ބާރުކޮށް ގެން ހުރެފައިވެސް އަޑެއް ނީވުމުން މަޑުމަޑުން ލޯހުޅުވާލިއެވެ. ބިންމަތީގައި ފުނިޖެހިފައި ހުސްކޮށްފައި ހުރި މުށިފުޅިތަކެއް ނަގަން މާޝާ ކުރިއަށް ހިނގައިގަތެވެ. މާޝާ އައިކަން ކޮންމެސް ގޮތަކުން އިނގެގެން އެއްފަރާތުގައި ހުރި ކޮޓަރިއަކުން މީހަކު ނުކުމެއްޖެއެވެ. ގައެކަށް ޓީޝާޓެއް ނުލާ ހުރި 40 ވަރެކަށް އަހަރުގެ ފިރިހެނެކެވެ. އަނަރޫފަވެފައިވާ ހަށިގަނޑެކެވެ. ދެލޯވަނީ އަޑިވަދެފައެވެ. ދެތުންފަތްވަނީ ހިކެގެންގޮސް ހަންފޮޅިފައެވެ. އަތުގައި ދަގަނޑު ހޮޅިއެއް އޮތެވެ. މާޝާ ބިރުން ތުރުތުރު އަޅަން ފަށައިފިއެވެ. ކޮޓަރިން ނުކުމުނު އެމީހަކު އެ ދަނގަނޑު ބުރިހިފައިން ބިންމަތީ ކާތަމުން މާޝާ އާއި ދިމާއިން އެބަ އާދެއެވެ. އެދަގަނޑުބުރި މާޝާ އާއި ދިމައިން ހޫރާލިއެވެ. “ބައްޕާ!” މާޝާ އަނގައިން ބޭ އިޙްތިޔާރުގައި ނުކުތެވެ. “ކަލޭ ކައިރި ކިތަށް ފަހަރު ބުނަންވީ މަމި ކަލޭގެ ބަފައެއް ނޫނޭ!” މާޝާގެ ލޮލުން އޮހުރެމުން ދިޔަ ކަރުނަތައް އޭނާގެ ބައްޕައަށް ދައްކަން ބޭނުން ނުވާތީ އަވަސް އަވަހަށް ފޮހެމުން ދިޔައެވެ. އޭނާގެ ބައްޕަ ބަލާކަށް ނުހުރެ މާޝާގެ ގާގައި އެ ދަގަނޑު ބުރިން ޖެހިއެވެ. އެއަށް ފަހު އަނެއްކާވެސް ތަޅަމުން ގެންދިޔައެވެ. މާޝާގެ ލޯމައްޗަށް އަނދިރި އެޅުނެވެ.

…………………………..

“ކީއްވެ ހެއްޔެވެ؟ އަހަރެންގެ ކުށަކީ ކޮބާ ހެއްޔެވެ؟ އަހަރެންނަށް މި އަނިޔާތައް ކުރުމުން އޭނާއަށް ލިބެނީ ކޮން އުފަލެއް ހެއްޔެވެ؟ ކޮން އަރާމެކާއި އިއްޒަތެއް ހެއްޔެވެ؟ މަންމަ އަހަރެންނާއެކު މިހާރު ދުނިޔޭ ހުރިނަމަ ކިހާ ރަނގަޅު ވީސް ހެއްޔެވެ.” ދެންމެ ނިދާ ހޭލައިން އެނދުމަތީގައި އޮށޯއްވެގެން އޮތް މާޝާ އަނެއްކާވެސް ކުރިން ހިފައިން ހުރި ފޮޓޯ އަށް ބަލަހައްޓައިން އޮތެވެ. ފޮޓޯ އަނެއްކާވެސް ކަވަރު ދަށަށް ލިޔެވެ. މިއީ އޭނާގެ ކޮންމެ ދުވަހެއްގެ ވެސް ޝެޑިއުލް އެވެ. ބައްޕަ އޭނާއަށް ކުރާ އަނިޔާ ތަކުގެ މަޅީގައި ޖެހި ހުރެ އޭނާގެ އެންމެ ކުރީގެވެސް އުންމީދުކަމަށްވާ ޑޮކްޓަރަކަށް ވުމަށްޓަކައި ކޮލެޖަށް ދިޔުމެވެ. މާޝާ ކޮލެޖަށް ދިޔުމަށްޓަކައި ތައްޔާރުވާންވެގެން ލޯގަނޑު ކުރިމަތީ ހުއްޓުނެވެ. މޫނުމަތީ ހުރި ލަކުނު ތައް ފޮރުވުމަށްޓަކައި ފައުންޑޭށަން ފުޅި ނެގުމަށް ކަބަޑު ދޮރުލޮޅު ވަނިކޮށް އެޕާރޓްމެންޓްގެ ދޮރު މީހަކު ވަރަށް ބާރަށް ޓަކިޖަހާ އަޑު އޭނާ އަށް އިވުނެވެ. ދޮރު ހުޅުވަން ދަނިކޮށް އިވުނީ ބަޔަކު އެޕާރޓްމެންޓަށް ވަދެގެން އައި އަޑެވެ. މާޝާ އަވަހަށް ކޮޓަރިން ނުކުތް އިރު ފުލުހުން ތަކެއް އޭނާގެ ބައްޕަގެ އަތު ބިޑި އަޅުވައިން ނެރޭތަން ފެނުނެވެ. އޭނާގެ ބައްޕަ ފުލުހުން ގާތު އޭނާގެ ކުށަކީ ކޮބާތޯ އަހަމުން ދިޔައެވެ. “މަސްތުވާތަކެތި ވިއްކުން. މާރާމާރީ ހިންގުން. ދަރިފުޅަށް އަނިޔާކުރުން.” އެތާ ހުރި ފުލުހަކު މާޝާގެ ބައްޕަގެ ކުށްތައް ލިސްޓު ކުރަން ފެށިއެވެ. އެހެން ފުލުހަކު އޭނާގެ ބައްޕަ އުމުރަށް ޖަލަށް ލާނެ ކަމަށް ބުނަމުން އެޕާޓްމެންޓްގެ ދޮރު ލެއްޕިއެވެ. ސިމާނާގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ.

-ނިމުނީ-

4

1 Comment

  1. Aisha V

    November 30, 2021 at 8:36 pm

    enme fahu jumulaa ga eii Simaana eh noon Maasha… 🤣🤣🤣

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!