މިހާރު ބޯއްޓު ލަފާ ތަނަށް އައި އެންމެން ހެން ގެއަށް ގޮސް ނިމިއްޖެއެވެ.  ނަމަވެސް ޝިޔާނާ އެ އިން ގޮތަށް އިން ތަނުން ގުޑާ ވެސް ނުލާއިނެވެ. އާދައިގެ މަތިން މިއަދުވެސް އަހަރެން ޝިޔާނާ ގޮވައިގެން ނުކުތީ ހަވީރު ފިންޔަށް ބަންދަރަށެވެ. ބޯއްޓު ލަފާ ތަނަށް ކޮންމެހެން ހަދާފައިވެސް ޝިޔާނާ ގެންނަން އަހަރެންނަށް މަޖުބޫރު ވެއެވެ. ފާއިތުވެ މި ދިޔަ 2 އަހަރު ދުވަހު ކަންތައް ވަމުން އައީ މިހެންނެވެ. އޭނާ އެ ކުރާ އިންތިޒާރަށް ނިމުމެއް އަންނާނެބާއެވެ؟

ބުރެއް މަތީގައި އިށީނދެ ފުން ހިޔާލަކަށް ގެއްލިފައި އިން ޝިޔާނާގެ މޫނު މަތީގައިވާ މާޔޫސްކަން ބަލައިލި ކޮންމެ މީހަކަށް ވެސް ފަސޭހަ ކަމާއެކު އެނގޭނެއެވެ. ” އޭ މޮޔަ ޝިޔާނާ މިއަދު ވެސް ކަލޭ ފިރިމީހާ އަންނަ ތަނަށް އައިސްތަ ތި އިނީ؟ ” މެދު އުމުރުގެ އަންހެނަކު ޝިޔާނާ އިން ބުރާ ހަމަކުރަމުން ބުނެލިއެވެ. ނަމަވެސް އޭނަ އެ އިން ގޮތަށް އަނގައިން ބަހެއް ނުބުނި ތާނގަ އެ މީހާއާއި ދިމާލަށް ބަލައިވެސްނުލައި އިނެވެ. އަހަރެންނަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ.

” ޔާނާ” އަހަރެންގެ އަތް ފައި ގަނޑު ވި ކަހަލައެވެ. ހުރި ފިޔަވަޅު މަތީ ހުރެވުނީ ފަހަތުން މީހަކު އެގޮވާލި ނަމަކުންނެވެ. ބޭއިހްތިޔާރުގައި ޝިޔާނާ އާއި ދިމާލަށް ބަލާލެވުނެވެ. އެ ފަކީރުގެ ދެ ލޮލޯ ވަނީ ކަރުނުން ފުރިފައެވެ. ނަމަވެސް ތުންފަތުގައި ވި ހިނިތުން ވުމުން އެއީ އުފާވެރިކަމުގެ ކަރުނަކަން އެނގެއެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. މި ވޭތުވެ ދިޔަ ދެ އަހަރު ދުވަހު އެ ނަން އަޑު އަހާލާ ހިތުން ކެތްތެރިކަމާއެކު ކުރި ވޭނީ ދިގު އިންތިޒާރު އެންމެ  ގާތުން ދެކުނު މީހަކީ އަހަރެންނެވެ.

ޝިޔާނާ ކޮޅަށް ތެދުވެލިއެވެ. ނަމަވެސް އަހަރެން ހުރި ފިޔަވަޅު މަތީގައި ހުރީ ފަހަތަށް ބަލައިވެސްނުލައެވެ. ކުއްލިއަކަށް ދުވެފައި އައިސް އަހަރެންގެ އަތުގައި އޮޅުލައި ގަންނަމުން އޭނާ ރޯންފެށިއެވެ. އަދި ފަހަތުގައި ހުރި މީހާއަށް އިޝާރާތް ކުރަމުން ” އަހަރެން ބުނީމެއްނު އަހަރެންގެ ކިޔާން އަންނާނެ އޭ އަހަރެން ކައިރިއަށް” ކިޔަމުން ދިޔައެވެ. ޝިޔާނާގެ މި ކުއްލި ހަރަކާތުން ހިސާބަކަށް ސިހިފައި ހުރި އަހަރެން އެ މީހަކު ހުރި ދިމާލަށް ފަހަތަށް އެބުރިލީމެވެ. އިސްކޮޅުންނާއި އުމުރުން ވާނީ ދާދި އަހަރެންނާއި އެއްވަރެކެވެ. ނަމަވެސް އެއް ވަރަކަށް ވެސް ދިވެއްސެއްގެ ވައްތަރެއް އެ ޒުވާނާ ގަޔަކު ނެތެވެ. އެކަން އެންމެ ބޮޑަށް ދޭހަ ވަނީ އޭނާ ގެ ވިލު ފެހި ކުލައިގެ ދެ ލޮލުންނާއި އޮމާން ދޮން ހަންގަނޑުންނެވެ. ފިރިހެނެއް ނަމަވެސް އަހަރެން ވެސް އަޖައިބުވިއެވެ. ހަމަ އެހާ ފުރިހަމަ މީހުން ވެސް ދުނިޔޭގަ އުޅެނީހެއްޔެވެ؟ އެ ޒުވާނާ އަހަރެންނަށް ފަނޑު ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ. ބަދަލުގައި އަހަރެން ވެސް ހިނިތުން ވެލީމެވެ. ދެ މީހުންނަށް ކުއްލި ސިހުމެއް ލިބުނީ ކަނޑާ ވައްޓާލި ރުކެއް ފަދައިން ޝިޔާނާ ހުރި ދިމާލުން ފަހަތަށް ވެއްޓުމުންނެވެ.

ހޮސްޕިޓަލުގައި ހޭދަވެގެން މި ދިޔަ ބައިގަޑި އިރެއްހާ ވަގުތު ތެރޭގައި ކިޔާންގެ ފަރާތުން ވަރަށް ގިނަ ވާހަކަ ތަކެއް ވަނީ އަހަރެންނަށް އެނގިފައެވެ. އެ ދެ މީހުން އަލަށް ދިމާވި ދުވަހާއި އެ ދުވަހު ކަންތައް ވެގެން ދިޔަ ގޮތެވެ. ލޯބީގެ ގުޅުން ފެށިގެން އައި ގޮތާއި އެ ގުޅުން އައިސްފައިވާ ހިސާބެވެ. އަދި އޭނަ ޝިޔާނާ ދެކެ ވާ ލޮއެއްބާއި ދުރުގައި ހުރި އިރު އުޅުނު ހިތާމަވެރި ދިރިއުޅުމުގެ ވާހަކައެވެ. ނަމަވެސް އަދިވެސް އެންމެ މުހިންމު އަދި އެންމެ އެނގެން ބޭނުންވާ ވާހަކަ ވަނީ ސިއްރެއްގެ ގޮތުގައިއެވެ. އެއީ އެ ދެ މީހުންގެ ވަކިވުމުގެ ސަބަބެވެ. ދެ މީހުން ވެސް އެކަކު އަނެކަކު ދެކެ އިންތިހާއަށް ލޯބި ވާއިރު ދުރުގައި އުޅެންވީ ކީއްވެހެއްޔެވެ؟ އަހަރެންގެ ހިތަށް އެރިއެވެ. ” ޝާމިލްގެ ހިތުގައި ތިވާ ސުވާލަށް ވެސް އަހަރެން ޖަވާބު ދޭނަން. އާން، އަހަރުމެން ދެ މީހުން ވަކިވުމުގެ ސަބަބު ބުނެދޭނަން އެކަމަކު އަދި ފަހުން. އެކަމަށް އަދި ވަގުތެއް ނުޖެހޭ. މިހާރު ޔާނާ ހޭލާނެ، ހިނގާ ދާން”  މިހެން ބުނެލަމުން ކިޔާން ހިނގައިގަތެވެ. އަހަރެން ދިޔައީ ސިއްސައިގެންނެވެ. އަހަރެންގެ ހިތުގައި ވަނީ ސީދާ އެ ސުވާލު ކަމެއް ކިޔާން އަށް އެނގުނީ ކިހިނެތް ހެއްޔެވެ؟ ފާޑަކަށް އޭނަ ދިޔަ ދިމާލަށް ބަލަން އަހަރެންނަށް އިރުކޮޅަކު އިނދެވުނެވެ….

ނުނިމޭ

0

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!