ޔޫޝައު ކީކޭ ހިތަށް އަރައިގެން އޭނައާ ކައިރިވީ..” ޔަޝާން ރުޅިއައިސްފައި އެހިއެވެ.”ދޮންބޭ މަށެއް ނުހަދަމޭ އެހެނެއް.. ޤަބޫލު ކޮށްބަލަ..” ޔަޝާން އާއި ދިމާއަށް ބަލަން ހުރެގެން ޔޫޝައު ބުންޏެވެ.”ނުކުރާނަން ޤަބޫލެއް..” މޭޒުގައި ދެ އަތުން ޖަހަމުން ޔަޝާން ރުޅިވެރިކަމާއި އެކު ޔޫޝައު އަށް ބަލާލިއެވެ.”އިތުބާރު ކުރަން ވެސް ވަކި ހައްދެއް އޮންނަން ޖެހޭނެއޭ ދޮންބޭ..އޭނަ އެ ހަދަނީ ދޮގު..” ޔޫޝައު ޔަޝާންއަށް ވިސްނައިދެވޭތޯ އުޅުނެވެ.”އޭނަ ނުހަދާނެ މަށަކަށް ދޮގެއް.. ހަނދާން ކުރާތި.. ދެން ދުވަހަކު ވެސް އޭނާއާ ކައިރިވެގެން ނުވާނެ.. ވެއްޖެއްޔާ މަގޭ ނުލަފާކަން ދައްކާލާނަން..” ޝަހާދަތް އިނގިލި ޔޫޝައުގެ ގައިގައި ބާރަށް ޖައްސާލަމުން ޔަޝާން ނުކުމެގެން ދިޔައެވެ. ދެރަވެފައި ޔޫޝައު އިސްޖަހާލިއެވެ. ފެށިގެން އަބަދު އެކީގައި އުޅޭ ދޮންބެ ފުރަތަަމަ ފަހަރަށް ރުޅިއައިސްގެން ހަޅޭއްލެވުމުން ޔޫޝައު ހިތުގައި ޒަޚަމެއް އުފެދުނެވެ. ހަމަ އެވަގުތު ސުވާލެއް ވެސް އުފެދުނެވެ. ޔަމްހާ އެހެން ހަދަންވީ ކީއްވެ ހެއްޔެވެ؟

**35 ވަނަ ޕާޓު**

ޔަމްހާއަށް އަނެއް ދުވަހު ހެނދުނު ހޭލެވުނީ ދޮރުގައި މީހަކު ޓަކިދޭ އަޑަށެވެ. ދޮރު ހުޅުވާލި އިރު ކުރިމަތީގައި ހުރީ ޔާޝާ އެވެ.”ސިސް މިހާރު ނުވައެއް ޖަހަނީ އާދޭ ސައިބޯން..” ޔާޝާ އުޖާލާ ހިނިތުންވުމަކާއެކު އެދުނެވެ. މިދަނީއޭ ބުނެފައި ޔަމްހާ ފާޚާނާއަށް ވަތް އިރު މިއަދު ޔޫޝައު އަށް ދޭނެ ލަނޑެއް ހިތުގައި ރާވަމުން ދިޔައެވެ. ފެންވަރައިގެން ރީތިވެގެން ނިކުތް އިރު ޔޫޝައު އާއި ޔަޝާން އަދި ޔާޝާ ވެސް ތިބީ ސައިބޯންށެވެ. އެހެން ދުވަސް ދުވަހާ ޚިލާފަށް މިއަދު ޔޫޝައުމެން ތިބީ އަނގައިން ނުބުނަން ހުވާކޮށްގެން ކަހަލައެވެ.

“ޔަމް.. އަހަރެން އެބަ ދާންޖެހޭ މިއަދު ތާކަށް.. ހަވީރުން ހެން ހީވަނީ އާދެވޭނި..ރަނގަޅަށް ދޮރު ތަޅުލައިގެން އިންނާތި އިނގޭ..” ޔަޝާން ގެއިން ނިކުންނަމުން ޔަމްހާގެ ކޮނޑުގައި ޖަހާލިއެވެ. ހިނިތުންވަމުން ޔަމްހާ ބޯ ޖަހާލިއެވެ. ޔަޝާން ދިއުމުން ޔަމްހާ ގޭތެރެއަށް ވަނެވެ. ފުރަތަމަ ވެސް ލޮލުގައި އަޅައިގަތީ ޔޫޝައުގެ ރުޅިވެރި ނަޒަރެވެ. ރޭގައި ޔަޝާން ޔޫޝައުގެ ކޮޓަރިއަށް ވަނުމުން ކޮންމެވެސް ވަރަކަށް ހަޅޭއްލަވާނެއޭ ޔަމްހާގެ ހިތަށް އެރުމުން މޫނުމަތީގައި ދުވެލީ މަލާމާތުގެ ހިނިތުންވުމެކެވެ.”ސިސް ހިނގާބަލަ އަޅުގަނޑު ތަނަކަށް ލާން..” އެވަގުތު ޔާޝާ ނުކުމެގެން އައެވެ.”އާނ ދޯ ހިނގާ..” ޔަމްހާ ޔާޝާ ގޮވައިގެން ނިކުންނަން ދިޔައެވެ.”ޔާޝް ކުޑަބެ އާ އެކީ ދާން ވީނު ދޯ..” ޔާޝާ ޔަމްހާ އާއި އެކީ ފޮނުވާކަށް ޔޫޝައު ހިތް އެއްބަހެއް ނުވިއެވެ.”އޯކޭ އޯކޭ..” ނަސީބަކުން ޔާޝާ ދެކޮޅު ނުހަދާ ޔޫޝައު އާއި އެކީ ދިޔައެވެ.

ޔޫޝައު ގެއަށް އައީ ހަވީރުއެވެ. މިގަޑީގައި ޔަޝާން އަންނަން އުޅޭނެކަން އިނގުމުން ޔަމްހާ ޔޫޝައު ކައިރިއަށް ދިޔައެވެ.”ރީއްޗަށް މި ބުނަނީ.. ދުރުގައި ހުރެދާނަންތަ..” ޔޫޝައު މަޑުމަޑުން އެދުނެވެ. ޖަވާބެއް ނުދީ ޔަމްހާ ޔޫޝައުގެ އުނގުގައި އިށީނދެ ޔޫޝައުގެ އަތް ގެނެސް ޔަމްހާގެ އުނަގަނޑުގެ ވަށާލިއެވެ. މިފަހަރު ޔޫޝައު އެ އަތް ނެއްޓުވޭތޯ ބެލިއެވެ. ނަމަވެސް ޔަމްހާ ނެއްޓުވިޔަކަ ނުދިނެވެ. ޔަމްހާ ޔަޝާންގެ އިންތިޒާރުގައި ފަސްވަރަކަށް މިނެޓް އިންދައި ޔަޝާން އާއި ޔޫޝައުގެ ލޯބިވެރިޔާ އެތެރެއަށް ވަދެގެން އައެވެ. ދެމީހުންނަށް ވެސް ޔޫޝައު މެން ތިބިގޮތް ފެނިފައި ދުރު ބަލާލެވުނެވެ.”ދޮންބޭ.. އަހަ..” ޔޫޝައު ބުނަން އުޅުން ޖުމްލަ ހުއްޓާލަން ޖެހުނީ ޔަޝާންގެ ބާރު އަޑުންނެވެ.”ދޮންބެ ކިޔަން ކެރޭތީ ހައިރާންވެއްޖެ.. އިތުރަށް އެންމެ ވާހަކައެއް އަޑު އަހާކަށް ބޭނުމެއް ނޫން..” ޔަޝާން ‘ފޭކް’ ކޮށް ރޯން އޮތް ޔަމްހާ ގޮވައިގެން ދުރަށް ޖެހުނެވެ.”ޕްލީޒް ދޮންބޭ މަ ދައްކާ ވާހަކަ އަޑުއަހާ..” ޔޫޝައު ހާސްވިއެވެ.”އަޑެއް ނީވޭތަ ބޭނުމެއް ނޫނޭ ވާހަކައެއް އަޑު އަހާކަށް.. މީގެފަހުން މަށަށް ދޮންބެ ކިޔައިގެން ނުވާނެ.. ތީ މަގޭ ކޮއްކޮއެއް ނޫން..” ޔަޝާން ފަހަތަށް އެނބުރިފައި ހިނގައިގަތެވެ.

“އެމާ..” ޔޫޝައު ދެން ގޮވާލީ އޭނާގެ ލޯބިވެރިޔާއަށެވެ. އެމާ ރޮމުން އެގެއިން ނިކުތީ ޔޫޝައު އަށް އެއްޗެއް ބުނުމުގެ ފުރުސަތު ނުދީއެވެ. ޔޫޝައު އަށް ހަދާނެ ގޮތް ހުސްވި ކަހަލައެވެ. ދެލޯ ފެންކަޅިވިއެވެ. އެގޭގައި އެންމެ ހިނދުކޮޅަކަށް ވެސް އުޅޭކަން ބޭނުމެއް ނުވިއެވެ. އަވަސް އަވަހަށް ކޮޓަރިއަށް ވަދެ ބޭނުންވާނެ އެއްޗެހި ހިފައިގެން ޔޫޝައު ގެއިން ނިކުމެ އެކުވެރިއަކަށް ގުޅައިގެން އެގޭގައި ހުރެވޭނެ ގޮތް ހަމަޖެއްސިއެވެ. ޔޫޝައު އަށް އެންމެ ބޮޑަށް ފާހަގަ ވީ ތަންކޮޅަކީ ޔަޝާން އާދަޔާ ޚިލާފަށް ރުޅިގަދަ ކަމެވެ. ކުރީގައި މަޖުބޫރުން ނޫނީ ބަހެއް ބުނެނުލާ މީހާ އެހާ ރުޅި އައިސްގެން ހަޅޭއްލެވުމުން ޔޫޝައު ހިތަށް ތަދުވިއެވެ. އަނެއްކޮޅުން މިހާ އަވަހަށް ރުޅި އައުމަކީ ޔަޝާންގެ ގޮތެއް ނޫނެވެ. ކަންކަމުގެ ހަޤީގަތް ބަލާ ނުލާ އެއްޗެހި ގޮވަމަކީ ޔަޝާންގެ އާދައެއް ނޫނެވެ. މިކަމުން އެކަނި ވެސް ޔަމްހާ ޔަޝާންގެ ސިކުނޑިއަށް ވެރިވެފައިވާ ވަރު އިނގިއްޖެއެވެ.

ޔޫޝައު އެގެއިން ދިއުމުން ޔާޝާ ރުއީ ޔޫޝައު ގެނައުމަށެވެ.”ނޫން ޔަޝް.. ދޮންބެ މެން މިހުރީނުން ދޯ..” ޔާޝާގެ ހިތްހަމަ ޖައްސައިދޭން ޔަޝާން މަސައްކަތް ކުރިއެވެ.”ކުޑަބެ ކައިރިއަށް ދާން ބޭނުމޭ ދޮންބޭ..” ދެންވެސް ޔާޝާ ބޭނުންވީ ޔޫޝައު ކައިރިއަށް ދާންށެވެ.”އާނ ދެން ދާން އުޅޭ.. މަށެއް ނުބުނަމެއްނު މަޑުކުރާށެކޭ..” ޔަޝާން ރުޅިއައިސްގެން ބުންޏެވެ. ޔާޝާ ހިތަށް ހީވީ ކަށިތަކެއް ހެރުނު ހެންނެވެ. އެންމެ ދިހަ އަހަރުގެ ހިތަކަށް ކެތްވާ ގޮތެއް ނުވިއެވެ.”ދޮންބޭ..” ޔާޝާ ރޯންފެށިއެވެ. “ޔަމް ހިނގާ..” ޔަމްހާގެ އަތުގައި ބާރަށް ހިފައިގެން ޔަޝާން ސިޑިން އަރައިގެން ދިޔައެވެ.

އެގޮތުގައި ދުވަސްތައް ފާއިތުވަމުން ގޮސް ޔަޝާންގެ މަންމަ އާއި ބައްޕަ ވަކިވާ ހިސާބަށް ދިޔައެވެ. ޔޫޝައުގެ އާދޭސްތަކަށް ބީރު ކަންފަތެއް ދީފައި ޔަމްހާ ގެންދިޔައީ އޭނާ ބޭނުންވާ ކަންތައް ކުރަމުންނެވެ. އޭނައަށް ފައިސާ ވެސް ލިބިއްޖެއެވެ. ނަމަވެސް ޔަޝާންގެ ރުޅިގަނޑާހެދި ޔަމްހާއަށް ދުރަށް ދާކަށް ނުކެރުނެވެ. އެކަން އިނގެން ހުރީ ހަމަ އެކަނި ޔޫޝައު އެވެ. ޔާޝާ ޔޫޝައު އަށް ގުޅާ ނުލާ ތާނގައި ފެނުމުން ވާހަކަ އެއްވެސް ނުދައްކައެވެ. އެކަމާ ޔޫޝައު ހިތާމަކުރެއެވެ. ޔަޝާން އާއި ޔޫޝައުގެ ސިކުނޑިއާއި ކުޅެކައިގެން ޔަމްހާ އުފަލުގައި އުޅެމުން ދިޔައިރު އެހެން މީހުންނާ މެދު ވިސްނާލުމަކީ ޔަމްހާގެ ވިސްނުމުގައި އޮންނަކަމެއް ނޫނެވެ.

ދެވަނަ ފަހަރަށް ޔަމްހާ ޗުއްޓީއަށް ރާއްޖެ އައީ ޔަޝާން އާއި ޔާޝާ ވެސް ގޮވައިގެން ހަމަ އެރަށަށެވެ. އަނެއްކާ ވެސް ނުކްޝާން ފެނުމުން ޔަމްހާ ބޭނުންވީ ނުކްޝާން ކައިރިއަށް ދާންށެވެ. ނަމަވެސް ނުކްޝާންގެ އެހުންނަ ރުޅިގަނޑު ފެނި ޔަމްހާ ބައެއްފަހަރު ބިރުގަނެއެވެ. އަނބުރާ ރަޝިޔާއަށް ދިއުމުގެ ކުރިން ޔަމްހާ ނުކްޝާންގެ މަންމަ، ނިޝްފާ އާއި ވާހަކަ ދައްކައިގެން ޔަމްހާ ނުކްޝާންގެ ދެކެ ގަޔާވާ ވާހަކަ ބުނުމުން ނިޝްފާ ޔަމްހާގެ މަންމައާއި އެކަން މަޝްވަރާ ކުރިއެވެ. ޔަމްހާ އެދުނީ މިހާރު ނުކްޝާން ކައިރީގައި ނުބުނެ އޭނާ އަލުން ރަށަށް އައުމުން އެވާހަކަ ބުނަންށެވެ. ނިޝްފާ ހެވިފައި އެކަމާ އެއްބަސްވިއެވެ.

ރަޝިޔާއަށް ގޮސް ޔަމްހާ ބޭނުންވީ ވީހާ ވެސް އަވަހަކަށް ޔަޝާން ކައިރިން ދުރަށް ދާންށެވެ. މިކަމުގައި ޔާޝާ ބޭނުން ކޮށްލަން ޔަމްހާ ހިތަށް ވަސްވާސް ލައިދިނީ ޝައިތާނާއެވެ. ލިބުނު މޮޅު ޚިޔާލާއި މެދު އަމިއްލަ ނަފްސަށް ފަޚުރުވެރިވެފައި ޔަމްހާ ކުރިއަށްވުރެ ޔާޝާއާއި ގުޅުން ބަދަހިކުރިއެވެ. ޔާޝާ އާއި އެކީ ގިނައިން ބޭރަށް ދާންފެށިއެވެ. މިހުރިހާ ކަމަކަށް ވެސް ޔޫޝައު ދިޔައީ ފާރަލަމުންނެވެ. ޔާޝާދެކެވާ ލޯބި އަދިވެސް ޔޫޝައު ހިތަކުން ފުހެ ނުލެވެއެވެ. ޔޫޝައު ހާސްވާންފެށީ ޔާޝާ ގޮވައިގެން ޔަމްހާ ބޮޑެތި ފިރިހެނުން ކައިރިއަށް ދާން ފެށުމުންނެވެ. ގިނަ ވަގުތުތަކުގައި ޔަޝާން އުޅޭ ނޫޅޭ ތަނެއް އިނގެނީކީ ނޫނެވެ. ނަމަވެސް ގެއަށް އަންނަ ގަޑީގައި ޔަމްހާ ފެންނަން ނެތިއްޔާ ޔަޝާން ރުޅި އަންނަނީ ޔޫޝައު ދެކެއެވެ. އުޅޭ ތަނެއް ހޯދައިގެން ގޮސް ބައެއްފަހަރު ޔޫޝައުއަށް އަނިޔާ ވެސް ކުރެއެވެ.

“ސިސް ކޮންތާކަށް ދާން މިއުޅެނީ؟؟..” ހަވީރު ގަޑީގައި ޔަމްހާ ޔާޝާގެ ބޮލުގައި ފުނާ އަޅަން އިންދައި ޔާޝާ އެހިއެވެ.”ހިނގާލަންށޭ މި ދަނީ.. ޔަޝް ވަރަށް ދާހިތްވޭނު ދޯ..” ޔަމްހާ ޖަވާބު ދިނެވެ.”ލައްބަ..” ހިނިތުންވަމުން ޔާޝާ ދޮރާއި ދިމަ ބަލާލިއެވެ. ރީތިވެގެން ޔަމްހާ އާއި ޔާޝާ ގެއިން ނިކުމެ ކާރަށް އެރިއެވެ. ޔަމްހާ ޔާޝާ ކައިރީގައި ދާނެ ތަނެއް ނުބުނެ ކުރިއަށް ދިޔައެވެ. ހިސާބަކަށް ގޮސް އައިސްކޯން ވިއްކާތަނެއް ފެނުމުން ޔަމްހާ ކާރު މަޑުކޮށްލިއެވެ.”ޔާޝް މަޑު ކުރައްޗޭ އިނގޭ.. މި އަންނަނީ އައިސްކޯން ގަނެގެން..” ޔަމްހާ ކާރުން ފައިބައިގެން ފިހާރައަށް ވަނީ މީހަކަށް މެސެޖެއް ކޮށްފައެވެ. ޔަމްހާ ފިހާރައަށް ވަތްކަމެއް ނޭނގި ބަޔަކު އައިސް ޔާޝާ އަނގައާއި މޫނުގައި ފޮތި އަޅައިގެން ގެންދިޔައެވެ. ޔަމްހާ ނޭނގޭ ކަމަށް ހަދާފައި ދެ އައިސްކޯން ގަނެގެން ނިކުތެވެ. ޔާޝާ ފެންނަން ނެތުމުން ޔަމްހާ އެތެރެއިން އުފާކުރަމުން ޔަޝާންއަށް ގުޅާލިއެވެ.

“ޔަޝާން.. ޔާޝް ގެއްލިއްޖެ.. އަހަރެން އައިސްކޯން ގަންނަން ތަކަށް ވަދެފަ އައި އިރު ޔާޝްއެއް ނެތް..” ޔަމްހާ ހާސްވާކަމަށް ހެދުމުން ބުންޏެވެ.”ޔާޝް ގެއްލުނިއްޔޭ؟؟.. ކޮންތާކު ތިހުރީ؟؟..” ޔަޝާން ހާސްވެފައި އެހިއެވެ. ޔަމްހާ ހުރިތަން ބުންޏެވެ. އިރުކޮޅަކު އެހެން ހުއްޓައި ޔަޝާން ކާރެއްގައި އައެވެ. ޔަޝާން ހާސްވެފައި ހުރެ މުޅި އެދިމާ ބަލަން ފެށިއެވެ. ޔަމްހާ ހުރީ ޔަޝާން ވަރުބަލިވަންދެންނެވެ. “ޔަމް…އަޅެ ކޮބާތަ..” ޔަޝާން ކަންބޮޑުވުން ދެގުނަ ބޮޑު ވިއެވެ. އެވަގުތު ކައިރިން ކުއްޖަކު ކެއްސާލިއަޑު އިވުނެވެ. ޔަޝާން ދެލޯ ބޮޑުކޮށްލާފައި އެ އަޑު އިވުނު ދިމާއަށް ދިޔައެވެ. އެވަގުތު ފެނުނީ ހިރިނުލެވޭވަރަށް ބަނދެފައި އޮތް ޔާޝާއެވެ. ވަށައިގެން އަށް ފިރިހެނުން ތިއްބެވެ.”ޔާޝް..” ޔަޝާން ދުއްވައިގަތީ ޔާޝާ ކައިރިއަށެވެ. އަނގައިގައި އޮތް ފޮތިގަނޑު މަތިން ޔާޝާ ވާހަކަ ދެއްކޭތޯ ބަލަން ފެށިއެވެ. ކިޔާއެއްޗެއް އިނގޭތޯ ޔަޝާން އެ ފޮތިގަނޑު ނަގަން އުޅުން ވަގުތު މީހަކު އޭނާގެ އަތުގައި ހިފިއެވެ. އެ އަތުގެ ވަރުގަދަކަން ޔަޝާންއަށް އިހުސާސް ކުރެވުނެވެ.”ޔަމް..ޔަމް ޔޫޝައުއަށް ގުޅާލަދީބަލަ..” ޔަޝާން އެދުނެވެ. އެވަގުތު ވީ ޔާޝާ ހޭނެތުނު ވަގުތަށެވެ. ޔަމްހާ އަވަހަށް ފޯނު ނަގާފައި ޔޫޝައުއަށް ގުޅާލާފައި އައުމަށް ބުންޏެވެ. މިއަދު ޔޫޝައުއަށް ކުޑަ ކަމެއް ޖެހިގެން ޔާޝާމެންނަށް ފާރަ ނުލެވުނީއެވެ.

ޔަޝާން އަނެއް އަތުން ޔާޝާ ސަލާމަތް ކުރެވޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް އަނެއް މީހާ ތޫނު އެއްޗެއް ޔަޝާން ގަޔަށް ހަރާލިއެވެ.”އޭނަ ސަލާމަތް ނުކޮށް ދާން އުޅޭ ނޫނީ މަރުވޭ..” އެތަނުން އެކަކު ބުންޏެވެ.”އަހަރެން ޔާޝް ސަލާމަތް ކުރާނަން..” ޔަޝާން ވޭނަށް ކެތް ކުރަމުން އަދިވެސް އެ ވާތަށް މޮހެވޭތޯ މަސައްކަތް ކުރިއެވެ.”ތީ ބޭކާރު ކަމެއް..” ޔަމްހާ ހެމުން ބުންޏެވެ.”ޔަމް؟؟..” ޔަޝާން ހައިރާންވިއެވެ.”ކިހިނެއްތަ ވީ؟؟ ގަމާރު ކަމުން ނޭނގުނިއްޔޭ މަގޭ މަޤްޞަދު ވެސް.. ކަލޭ ކީއްކުރަން މިތަނަށް ވަނީ ފުރަތަމަ؟؟މަ އުޅުނީ އޭނަ މަރާލަންށޭ..” ޔަމްހާ ޔަޝާންގެ ކަންފަތުގައި ހިފާ ފިއްތާލިއެވެ. ޔަޝާންއަށް ވީ ތަދުން ދެލޯ މަރާލެވުނެވެ. ޔޫޝައު އެބުނީ ތެދެއް ހެއްޔެވެ؟ ޔަޝާން ވަށައިގެން ތިބި މީހުންނަށް ބަލާލިއެވެ. އެތަނުން އެކަކު އެހާ ވަރުގަދަ ވާއިރު ދެން ތިބި މީހުން ކައިރިން އޭނާއަށް ސަލާމަތް ވެވޭނެ ބާއެވެ؟ ކޮންމެ ގޮތެއް ވިޔަސް ހެވެވެ. ޔާޝާ ސަލާމަތް ކުރެވޭތޯ ބަލާނީއެވެ.

ޔަޝާން އުންމީދު ކަނޑާނުލުމުން ޔަމްހާ ރުޅިގަނޑު ފަޅައިގެން ދިޔައެވެ. އެތާ ތިބި މީހުން ޔަޝާންއަށް އަނިޔާ ކުރަން ފެށިއެވެ. ޔަޝާން ހިތްވަރާއެކު ޔާޝާ ގައިގައި ފިރުމާލިއެވެ.”ދޮންބެއަށް މަޢާފު ކުރޭ..” ޔަޝާން އަތް އެލުނެވެ. އެވަގުތު ޔޫޝައު އެތަނަށް ވަނެވެ.”ދޮންބޭ..” ފެންކަޅިވެފައި ޔޫޝައު ޔަޝާން ކައިރީގައި އިށީނެވެ.”ޔޫޝައު ތިބުނީ ތެދެއްދޯ.. ސޮރީ.. ދޮންބެއަށް މާ އަވަހަށް ރުޅި އިސް ކުރެވުނީ..” ޔަޝާން ޔޫޝައު އާއި ދިމަ ބަލާލީ މަޢާފަށް އެދެންށެވެ.”އަހަރެން ޔާޝް ސަލާމަތް ކުރާނަން..” ޔޫޝައު ޔަޝާން އާއި ދިމަ ބަލާލާފައި ވެއްޓިފައި އޮތް ޔާޝާއަށް ބަލާލިއެވެ.”އަވަހަށް ޔާޝް ސަލާމަތް ކުރޭ.. އަހަރެން ސަލާމަތް ކުރުމުގެ ބޭނުމެއް ނެތް..” ޔަޝާން ކެއްސާލިއެވެ. ކަރުނަވީ ލޮލަކާއި އެކު ޔޫޝައު ޔާޝާ ސަލާމަތް ކުރަން އުޅުނެވެ. ޔަމްހާ އަވަހަށް އެމީހުން ގޮވައިގެން ބޭރަށް ނިކުތީ ޔޫޝައު ފުލުހުންނަށް އަންގަފާނެތީއެވެ.

ޔާޝާ ސަލާމަތް ކޮށްގެން ޔަޝާން ކައިރިއަށް އަންނަން ވާއިރަށް ޔަޝާން އެންމެ ފަހު ނޭވާ ދޫކޮށްފިއެވެ. އަވަސް އަވަހަށް އެމްބިއުލެންސް އަށާއި ފުލުހުންނަށް އަންގާފައި ޔޫޝައު ޔާޝާ ހޭ އެރުވޭތޯ ބަލަން ފެށިއެވެ. ހިތުގައި ނުފިލާ ރިހުމެއް އުފެދިފައި ވިއެވެ. ދިރިނޫޅެވޭނެ ވަރަށް ލޯބިވި އާއިލާ ވަކިވުމުން ހިތުގައި އަޅާނެ ވޭން ޔޫޝައު އަށް އަލަށް އިހުސާސް ކުރެވުނެވެ. އެމްބިއުލެންސް އަންނަންދެން ޔޫޝައު އަށް ހުއްޓުމެއްނެތި ރޮވުނެވެ. ޔާޝާގެ ފުރާނަ ސަލާމަތް ކުރެވުނެވެ. މިހާރު ޔޫޝައުއަށް ދުނިޔޭގައި ހުރި މީހަކީ ހަމައެކަނި ޔާޝާއެވެ. ޔޫޝައުއަށް ހަމްދު ކުރެވުނު ވަރެއްވެސް ނޭނގެއެވެ.

ޔަމްހާ ފިލައިގެން އެހެން ގެއަކަށް ބަދަލުވިއެވެ. ކޮންމެ ދުވަހަކު ކަހަލައިން ޔަމްހާ ދިޔައީ ޔާޝާއަށް ފާރަލަމުންނެވެ. ކޮންމެ ގޮތެއް ހަދާފައި ވެސް ޔާޝާ އާއި ޔޫޝައު މަރާލަން ޖެހެއެވެ. އެހެން ނޫނީ އޭނަ އަށް ހަމަޖެހިގެން ދިރިއެއް ނޫޅެވޭނެއެވެ. ޔަމްހާގެ ނަސީބު އަތުގައި ހިފީ ނުވެސް ވިސްނައި ހުއްޓައެވެ. ޔޫޝައު މެންގެ ބޭރުގައި ޔާޝާ އެކަނިމާ އެކަނި ހުއްޓައި ޔަމްހާ ލޮލުގައި އަޅައިގަތެވެ. ސިސް އޭ ކިޔާފައި ޔާޝާ އުފަލުން ޔަމްހާ އާއި ދިމާއަށް ދުއްވައިގަތެވެ. ޔޫޝައުއަށް ސިއްރުން ޔަމްހާ ޔާޝާ ގޮވައިގެން ކާރުގައި ނައްޓާލިއެވެ.”ސިސް ކޮންތާކަށް މިދަނީ.. ކުޑަބެ ހާސްވާނެއޭ.. ކުޑަބެ ގޮވައިގެން ދާންވީނުން..” ޔާޝާ ޔަމްހާ އާއި ދިމަ ބަލާލިއެވެ.”މަޑުން އިނދެބަލަ..” ޔަމްހާގެ ކެތްތެރިކަން ކޮޅުންލާފައި ވުމުން ވާހަކަ ދެއްކުނީ ރުޅިއައިސްފައެވެ. ޔާޝާ ކިޔަމަންތެރިކަމާއެކު ބޯ ޖަހާލިއެވެ.

ޔާޝާ ގޮވައިގެން ގޮސް ޔަމްހާ މަޑުކޮށްލީ ހޮޓެލެއް ކައިރީގައެވެ.”އާދޭ..” ޔަމްހާ ކާރުން ފައިބަމުން ޔާޝާ ގޮވައިގެން ވަނެވެ. އަދި އެބުނާ ރޫމްއަކަށް ޔަމްހާ ދިޔައެވެ. އޭރު ދެ ފިރިހެނުން އެތެރޭގައި ތިއްބެވެ.”އަން.. މީނަ މަރާލާފައި ދޫ ކުރާތި..” ޔަމްހާ ޔާޝާ އެތެރެއަށް ކޮށްޕާލާފައި ދޮރު ލެއްޕިއެވެ. އެ ކުޑަ ކުއްޖާއަށް ބިރުން ރޮވެން ފެށިއެވެ. ހިތްހަމަ ޖެހިފައި ޔަމްހާ ބޭރަށް ނިކުތެވެ. އެއްވެސް ކުށެއް ނެތް މައުސޫމް އަންހެން ކުއްޖެއް ފިރިހެނުންގެ އަތްދަށަށް ދޫކޮށްލާފައި ޔަމްހާ އެ އަންނަނީ ބިރެއް ނެތިއެވެ. ޔަމްހާ އެހެން ހެދުމުން އެކުޑަކުއްޖާ ޔަމްހާދެކެ ގަންނާނެ ބިރު ހިތަކަށް ނާރައެވެ. ބޮޑު ޒިންމާއެއް އަދާ ކުރެވުނުހެން ޔަމްހާ ފުން ނޭވާއެއް ލިއެވެ. ޔަމްހާ ކާރު ފަހަތުން ޔޫޝައު އައިކަމެއް ޔަމްހާ ނުދެނަހުއްޓެވެ. ޔާޝާ ގެންދާތަން ޔޫޝައުއަށް ފެނުން ނަމަވެސް ނުހުއްޓުވޭނެކަން އިނގޭތީ އެ ކާރު ފަހަތުން ޔޫޝައު ދިޔައީއެވެ. އެތެރެއަށް ވަތް ފަހުން ވީ ކީއްކަން ނޭނގުނެވެ. ނިކުތް އިރު ޔާޝާ ނުލާ ނިކުތްތަން ފެނުމުން ކޮންމެވެސް ނުބައެއް އެބަ އުޅެއޭ ހިތް ބުނަން ފެށިއެވެ. ޔަމްހާ ދިއުމުން ޔޫޝައު އެ ހޮޓެލް ތެރެއަށް ވަނެވެ.
– ނުނިމޭ –

0

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!