ރުހާއަށް ހުރެވުނީ އަނގަމަތީ އަތް އަޅާލައިގެންނެވެ. ދެލޯ ފެންކަޅިވެފައިވީ މިލްނާގެ ވާހަކަތަކުންނެވެ. އެތެރެއަށް ވަނުމުގެ ބަދަލުގައި އޭނާ އެނބުރުނީ އެނބުރި ކޮޓަރިއަށް ދިއުމަށެވެ. އެވަގުތު ކުރިން ލިބުނު ސިހުމަށްވުރެ ބޮޑު ސިހުމެއް ލިބުނީ ފަހަތުގައި ރިދާ ހުރިތަން ފެނިފައެވެ. އޭނާގެ ދެލޮލުން ފައިބަމުން ދިޔަ ކަރުނަތަކުން މިލްނާމެންގެ ވާހަކަތައް އޭނާއަށްވެސް އިވުނުކަން ރުހާއަށް ނަގައިގަނެވުނެވެ. ރުހާއަށް އެއްޗެކޭ ނުބުނެވި އުޅެނިކޮށް އަވަސް ފިޔަވަޅުތަކެއް އަޅަމުން ރިދާ މިސްރާބު ޖެހީ ގެއިން ބޭރަށް ނުކުތުމަށްޓަކައެވެ. ދެލޮލަށް ޖަމާވެފައިވާ ކަރުނަތައް ފުހެލަމުން ރުހާވެސް ރިދާގެ ފަހަތުން ހިނގައިގަތެވެ.

ރުހާ ބޭރަށް ނުކުތްއިރު ރިދާ ފެންނަން ނެތުމުން އެކި ދިމަދިމާ ބަލަމުން ދަނިކޮށް ރިދާ ފެނުނީ ގޭގެ ބިއްދޮށް ފަރާތުގައި ހުރި ގާފޮޅެއްމަތީ އިށީނދެލައިގެން އިންދައެވެ. ދެކަކޫމަތީ ބޯއަޅާލައިގެން އިން ރިދާ ފެނިފައި ރުހާގެ ހިތަށް ވަރަށް އަސަރުކުރިއެވެ. މަޑުމަޑުން ހިނގާލާފައިގޮސް ރިދާގެ ގާތުގައި އިށީނދެ އޭނާގެ ބޮލުގައި ވަރަށް ލޯބިން ފިރުމާލިއެވެ. ނަމަވެސް ރިދާ ބަލައެއް ނުލިއެވެ.

“ރިދާ…..” ރުހާ މަޑުމަޑުން ގޮވާލިއެވެ. އެ އަޑުގައިވީ އޯގާތެރިކަމާއި ލޯބީގެ އިންތިހާއެވެ. ރުހާގެ އަޑު ޖެހުމުން ރިދާ މަޑުމަޑުން ބޯ ހިއްލާލަމުން ރުހާއަށް ބަލާލިއެވެ. އަދި ރުހާއަށް އިތުރު އެއްޗެކޭ ނުބުނެވި އުޅެނިކޮށް ރުހާގެ ގައިގައި ބައްދާލައިގެން އިނދެ ރޮމުން ދިޔައެވެ. ރުހާ ބަހެއް ނުބުނެ މަޑުކުރީ ރިދާއަށް ރޯލުމަށް ފުރުޞަތު ދެމުންނެވެ. އިރުކޮޅަކު އެގޮތުގައި ވުމަށްފަހު ރިދާ ދުރަށް ޖެހެލިއެވެ. އަދި ރުއިމުގެ ސަބަބުން ރަތްވެފައިވާ ދެލޯ ފުހެލަމުން ނޭފަތް އެތެރެއަށް ދަމާލިއެވެ.

“ސޮރީ ދޮންތީ….. އަހަރެންގެ ސަބަބުން މަންމަ ދޮންތިއާއިމެދުވެސް ސުވާލު އުފައްދަނީ އެ…. އަހަރެން މިއަދު ވަރަށް ދެރަވެއްޖެ…. މިހާރު ހިތަށް އަރާ މިލާންއާ ކައިވެނިކުރަން އެއްބަސް ނުވެވުނުނަމައޭ…. އޭރުން އެންމެން ދެރަވާކަށް ނުޖެހޭނެއްނު…. ނުބުންޏަސް އަހަންނަށް އެނގޭ މިލާންވެސް ދެރަވާނެވަރު….” ރިދާ ވާހަކަ ދެއްކީ އިސްޖަހާލައިގެން އިނދެއެވެ.

“ރިދާ… ދެންވެސް ތިކަހަލަ އެއްޗެކޭ ނުބުނައްޗޭ….. މީގައި ރިދާގެ ކުށެއް ނެތޭ…. ކުދިން ނުލިބުން އެއީ ރިދާގެ ކުށެއް ނޫން…. އެހެން ނޫނަސް ޑޮކްޓަރުން އެހެން ބުންޏަސް އަދި އުއްމީދު ކަނޑާލާކަށް ނުވޭ…. ވެދާނެ އަދި ވަގުތު ނުޖެހެނީކަމަށްވެސް…. އަބަދުވެސް ވިސްނަން ވާނީ އެންމެ ރަނގަޅުގޮތަށް….” ރިދާގެ ބޮލުގައި ނުހަނު ލޯބިން ފިރުމާލަމުން ރުހާ މަސައްކަތް ކުރީ ރިދާއަށް ވިސްނައިދޭށެވެ. ނަމަވެސް ރިދާގެ ސިކުނޑިއަށް އެއިން ވާހަކައަކުން އަސަރުކުރާހެނެއް ހިޔެއް ނުވެއެވެ. ކުރިންވެސް އެހާ ހިތްދަތިވެފައިހުރެ އެހެން މީހުންނަށްޓަކައި ހިނިތުންވެލައިގެން ހުއްޓާ އެފަދަ ވާހަކައެއް އަޑު އިވުމުން އޭނާގެ ހިތަށް އެވަނީ ވަރަށް ފުން އަސަރުތަކެއް ކޮށްފައެވެ. ހުއްޓުމެއްނެތި ރިދާގެ ލޮލުން ކަރުނަ ފައިބާތަން ފެނުމުން ރުހާވެސް އިނީ ވަރަށް ދެރަވެފައެވެ.

**********

ރޭގަނޑުގެ ވަގުތެވެ. ލޫޠް ނިދުމުން ލީނާގެ ގާތުގައި ބަލައިލާން ބުނެފައި ލައިނީ ގޮވައިގެން ރަޔާން ބޭރަށް ނުކުތެވެ. ލައިނީގެ އަތުގައި ހިފައިގެން މަގުން ހުރި ގޮތަށް އަތިރިއާއި ދިމާއަށް ހިނގައިގަތުމުން ބަހެއް ބުނުމެއް ނެތި ލައިނީ ދިޔަ ނަމެވެސް އޭނާގެ ހިތުގައި އެތައް ސުވާލެއް އުފެދިފައި ވިއެވެ. ނަމަވެސް އޭނާ ރަޔާނަށް ކުރާ އިތުބާރެއްގެ ބޮޑުކަމުން ރަޔާން ގެންދާ ތަނަކަށް ގެންދަންދެން ހިމޭންކަން އިޚްތިޔާރުކުރީއެވެ.

އަތިރިއަށް ދެވުމުން އެތާނގައި ހުރި ބެންޗު ގޮނޑިއަކަށް އިޝާރާތްކުރަމުން ރަޔާން އެދުނީ އެތާނގައި އިށީނުމަށެވެ. ބަސްއަހާ ކުޑަކުއްޖެއް ފަދައިން ލައިނީ ރަޔާން އެދުނުގޮތަށް އެތާނގައި އިށީނެވެ. ރަޔާންވެސް ލައިނީގެ ގާތުގައި އިށީނދެ ވަށައިގެންވި މާހައުލަށް ނަޒަރު ހިންގާލިއެވެ. ހަނދުވަރުގެ ރިހިއަލި މޫދަށް އެޅިފައިވާއިރު ފެންނަލެއް ނުހަނު ހިތްގައިމެވެ. ކަނޑުގެ ލޮނުގަނޑު އުފުލިފައިވާ ތަންތަންކޮޅަށް ހަނދުވަރުގެ އަލި އެޅިފައިވާއިރު ހީވަނީ މުތީތަކެއް ވިދާހެންނެވެ. ވިލާކޮޅެއް ފެންނަންނެތް ސާފު އުޑުގައި ބުރުހަމަ ހަނދު ރަނިކަން ކުރަމުން ދިޔައިރު ތަރިތައްވެސް ފަރިކަމާއެކު ފިޔަޖަހަމުން ދިޔައެވެ. އޮރެންޖް އަލިން ދިއްލާ އަޅާފައިވާ ރަށްތައް ދުރުދުރުން ފެންނައިރު މަންޒަރަށް އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ. ޖެހިލާ ފިނިފިނި ވައިރޯޅިން ނަފްސުތަކަށް ތާޒާކަން ގެނެސްދެމުން ދެއެވެ.

“ވަރަށް ހިތްގައިމު ރެއެއް ދޯ….” މައްޗަށް ބަލަން އިނދެ ރަޔާން ބުނެލިއެވެ. އިސްޖަހާލައިގެން އިން ލައިނީއަށް އިސް އުފުލާލެވުނީ ރަޔާންގެ އަޑުގައިވި ހިތްގައިމު ކަމަކުންނެވެ. ރަޔާނަށް ބަލަން އިންދާ ރަޔާން ބަލާލުމުން އަވަސް އަވަހަށް ދުރުބަލާލެވުނެވެ. އަނެއްކާވެސް ރަޔާނާއި ދިމާއަށް ބަލާލެވުނީ ރަޔާން އޭނާގެ އަތުގައި ހިފަހައްޓާލުމުންނެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލްވެގެން ދިޔަވަގުތު އެކަކު އަނެކަކަށް ބަލަހައްޓައިގެން ތިބެވުނީއެވެ. ދެމީހުންގެ ލޮލުގައިވެސް ވަނީ އެކަކު އަނެކަކަށްޓަކައި އިންތިހާ ދަރަޖައިގެ ލޯތްބެވެ. ޝަކުވާއެވެ. ލައިނީއަށް އެގޮތުގައި އިނދެވުނީ އިރުކޮޅެއްވަންދެނެވެ. ހިމަދިގު ލޮލުގެ ކޮޅުން ކަރުނަ ތިއްކެއް ފާއްދާލިއެވެ. ކަރުނައަކަށްފަހު ކަރުނައެއް ފައިބަމުންގޮސް ރަނގަޅަށްވެސް ރޮވިއްޖެއެވެ. މޫނުގައި އަތް އަޅާލެވުނީ އަޑު ބޭރުވެ ގިސްލެވެން ފެށުމުންނެވެ. ލައިނީގެ ވޭނީ ރުއިމުގެ އަޑުން ރަޔާންގެ ހިތުގެ ފުންމިނަށް އަސަރުކުރިއެވެ. އޯގާތެރިކަމާއިއެކު ލައިނީގެ ގައިގައި އަތްވަށާލަމުން އެ ދެ އަތުގެ ޙިމާޔަތް ދިނެވެ.

“”ސޮރީ ލައި….. ވަރަށް ބޮޑަށް ސޮރީ….” ލައިނީގެ ބޮލުގައި ދަތްދޮޅި ޖައްސާލައިގެން އިނދެ ރަޔާން ބުނެލިއެވެ. ލައިނީގެ ރުއިމުގެ އަޑު މަޑުވިނަމަވެސް އޭނާ ރަޔާނާއި ދުރަކަށް ނުދެއެވެ. ލައިނީ ބަހެއް ނުބުނުމުން ދެންވެސް ވާހަކަ ދެއްކީ ރަޔާނެވެ.

“އަހަންނަށް އެނގޭ ފަހަކަށް އައިސް ލައިއާއި ދޭތެރޭ ކަންތައް ކުރެވެނީ ރަނގަޅަށް ނޫންކަން…. އެކަމަކު އެއީ އަހަރެންވެސް ޤަސްދުގައި ކުރިކަމެއް ނޫން…..” ވާހަކަ ދައްކަމުން ދިޔައިރު ރަޔާންގެ އަޑު ކުރަކިވަމުން ދިޔަކަން ލައިނީއަށް ފާހަގަވިއެވެ. ރުއިން ހުއްޓާލުމަށްފަހު ލަސްލަހުން ރަޔާނާއި ދުރަށް ޖެހެލަމުން ދެލޯ ފުހެލާ ރަޔާންގެ ވާހަކައަށް ސަމާލުވެލިއެވެ. ރަޔާނަށް އެކަން ވިސްނުމުން އަނެއްކާވެސް ވާހަކައާއިގެން ކުރިއަށް ދިޔައެވެ.

“އަސްލު އަހަންނަށްވެސް ނޭނގެ އެގޮތަށް ކަންތައް ކުރެވެނީ ކީއްވެކަމެއް…. ބޮޑަށް ހީވަނީ ހިތުގައި ބައިވަރު ޝަކުވާ އުފެދިފައިވީމަ އެގޮތަށް ބޭރުކުރެވެނީހެން…..” ދުރުބަލާލަމުން ރަޔާން ބުނެލިއެވެ.

“ކޮންކަމަކާމެދު ޝަކުވާ އުފެދުނީ…..؟؟؟؟” ލައިނީގެ އަޑު މަޑެވެ. އޭނާ އިނީ އިސްޖަހާލައިގެންނެވެ.

“އަހަރެނގެ ޖަވާބު އަހާފައި ލައި ގޯސްކޮށް މާނަ ނުނަގައްޗޭ….. ލޫޠް ލިބުން ފަހުން ފަހަކަށް އައިސް އަހަރެން ބޭނުންވާ ވަރަށް ލައިނީއާއިއެކު ވަގުތު ހޭދައެއް ނުކުރެވެ. ފުރަތަމަ އެކަން މާ ބޮޑު ކަމަކަށް ނުހެދިޔަސް ފަހުން ފަހުން އައިސް އަހަންނަށް މާ ބޮޑަށް އެކަމާ ވިސްނެނީ… އެކަމަކު މީހަކާ ހިއްސާނުކޮށް ހިތުގައި ބާއްވައިގެން އުޅޭތީ ކަންނޭނގެ ރުޅީގެ ސިފައިގައި ބޭރުކޮށްލެވެނީ… އޭގެ އިތުރުން، އޮފީހަށް ނުކުންނަން ފެށިފަހުން ލޫޠް ރޯތީ ރޭގަނޑު ރަނގަޅަށް ނުނިދޭ…… ހަމަނިދި ނުލިބި ހުރެފައި އޮފީހަށް ގޮސް އައިސް އެހާ ވަރުބަލިވެފައި ހުންނަނީ… ދެން ބޭނުންވިޔަސް ލައި އާއި ރީތިކޮށް ވާހަކައެއް ނުދެއްކެ… ފާޑަކަށް ރުޅިގަދަވަނީ….. އެހެންވެ ލައިއާއި ލޫޠްއާއި ދުރުވެވުނީ…. އަސްލު ވަރަށް ދެރަވޭ އެހެން ކަންތައް ކުރެވޭތީ…. ރުޅިއައިސްގެން އެއްޗެހި ބުނެވުނަސް ފަހުން ވިސްނާލެވުނީމަ ދެރަވޭ…. އެކަމަކު ލައިއާއިމެދު ހިތުގައި އެތައް ޝަކުވާއެއް އުފެދިފައިވާތީ ލައިގާތު އެވާހަކަ ދައްކަން ބޭނުން ނުވީ…. ޙަޤީގަތުގައި ރުހާ އަހަރެންނާ ވާހަކަދެއްކުމާއި ހަމައަށް އެ ހުރިހާ ކަމެއްގައިވެސް އަހަރެން ހުރީ ލައި ކުށްވެރިކޮށްގެން…. އަހަރެން ދެކުނު ގޮތުގައި އަހަރެމެންގެ ދެމެދަށް މިހާ ބޮޑު ދުރުމިނެއް އައީ ހަމައެކަނި ލައިގެ ސަބަބުން…. އެކަމަކު ރޭގަ ރުހާ އަހަރެންނާއި ވަރަށް ވާހަކަދެއްކި… ވަރަށް ވިސްނައިދިން…. އޭނާގެ ވާހަކަތައް އަޑުއަހާފަ ޤަބޫލުކުރެވުނު މިކަމުގައި ލައި އެކޭ އެއްވަރަށް އަހަރެންގެވެސް ކުށް އެބައޮތްކަން…. ލައި އަށް އެހީވުމުގެ ބަދަލުގައި އެއްޗެހި ކިޔާލާފައި ދެވެނީ… އެއްފަހަރުވެސް ހިތަކަށް ނާރަ އަހަންނެކޭ އެއްފަދައިން ލައިވެސް ދެރަވާނެކަމެއް…. ވަރުބަލިވާނެކަމެއް…. ލައި އަށްވެސް ހަމަނިދި ނުލިބޭނެކަމާއިމެދު އޭރަކު ވިސްނައެއް ނުލެވުނު…. ރުހާގެ ވާހަކަތަކުން ވިސްނުނީ ލައިއަށް އަހަރެންގެ ބޭނުން އެންމެ ބޮޑަށް ޖެހުނު ވަގުތު ދުރުކޮށްލެވުނުކަން…. ލައިވެސް މުޅިން އަލަށް މަންމައަކަށްވުމުން އެކިކަންކަމާ ކުރިމަތިލުމުގައި އުނދަގޫތަކެއް ހުންނާނެކަން… ލައި އަށް އަހަރެން އެހީވެ ލައިގެ ޙާލަތާއި އިޙްސާސްތަކާއިމެދު އޭރުގައި ވިސްނާލެވުނުނަމަ މިހާ ބޮޑު ދުރުކަމެއް ނައީސްކަންނޭނގެ…. އަހަރެން ލައި އާއި ދޭތެރޭ ކަންތައް ކުރީ ރަނގަޅަކަށް ނޫން…. ލައި ވަރަށް ބޮޑަށް ސޮރީ….” ލައިނީގެ ދެއަތުގައި ހިފަހައްޓާލަމުން އާދޭހުގެ ރާގެއްގައި ރަޔާން ބުނެލިއެވެ.

“ނޫން ރަޔާން…. އަހަންނަށް ވިސްނޭ އެހެން ވެދާނެކަން…. އަހަރެންގެ ހިތުގައި އެއްވެސް ބުރަކަމެއް ނެތް….. އަސްލު އަހަރެންގެވެސް ސަބަބުން އެކަން އެގޮތަށް އެވީ…. ރަޔާންއަށް ދޭންވާ ސަމާލުކަން ނުދެވުނީމަ އެހެންވީ…. ސޮރީ… ރަޔާން….” ރަޔާންގެ ވާހަކަތަކާއިމެދު ވިސްނާލަމުން ލައިނީ ވާހަކަދެއްކިއެވެ.

“އަހަރެން ކުރިންވެސް ބުނިހެން މީގަ ލައިގެ ކުށެއް ނެތް… ދެން އެކަކު އަނެކަކަށް ސޮރީ ބުނުން ހުއްޓާލަމާ… ނަޞީބެއްނު މާ ގޯސް ނުވަނީސް ޙައްލަކަށް އެޅުނުކަން…. މިހާރު ހިތަށް އަރާ ކުރިންވެސް މިކަމާމެދު ލައި އާއި ވާހަކަދައްކާ ލެވުނުނަމައޭ…” ކުޑަކޮށް ހީލަމުން ރަޔާން މިހެން ބުނުމުން ލައިނީވެސް ހީލަމުން ބޯޖަހާލީ ރަޔާނާއި އެއްބަސްވުމުގެ ގޮތުންނެވެ.

“މީގެ ފަހުން ވާނެ މިގޮތަށް މިކަހަލަ މާހައުލެއްގައި ކޮންމެ ރެއަކުވެސް ދެމީހުން އެކުގައި ވަގުތު ހޭދަކޮށްލަން…. ލައިގެ ސިކުނޑިއަށްވެސް ލުއިކަމެއް ލިބޭނެ…. މީގެ ފަހުން ލޫޠުގެ ކަންތަކުގައިވެސް އަހަރެން އެހީވާނަން… ދަންވަރު ހޭލާ އިންނަންވިޔަސް ދެމީހުން ބަހައިލައިގެން ތިބޭނީ….. އޭރުން ލައިއަށްވެސް ރަނގަޅަށް ނިދާލެވޭނެ….” ރަޔާންގެ ޚިޔާލަށް ތާއީދުކުރުމުގެ ގޮތުން ލައިނީ ބޯޖަހާލަމުން ހިނިތުންވެލިއެވެ. އެކަކު އަނެކަކާއިއެކު އެކަނި ވަގުތު ހޭދަކޮށްލެވުމުން ދެމީހުންވެސް ތިބީ ވަރަށް ހިތްހަމަޖެހިފައެވެ.

**********

ރިދާ ކޮޓަރިއަށް ވަންއިރު މިލާން އިނީ ސޯފާގައި ފޯނާއި ކުޅޭށެވެ. އިރުކޮޅަކު މިލާނަށް ބަލަން ހުރެފައި ރިދާގޮސް މިލާންގެ ގާތުގައި އިށީނދެ އޭނާގެ ކޮނޑުގައި ބޯ އަޅާލިއެވެ. ރިދާ އައުމުން މިލާންވެސް ފޯނު އެއްފަރާތުގައި ބާއްވާލަމުން ރިދާގެ އަތްތިލައާއި ކުޅެލިއެވެ.

“މިލާން…..” އިރުކޮޅެއްގެ ހިމޭންކަމަށްފަހު ރިދާ ގޮވާލިއެވެ. މިލާން ހޫމް އަޅުވާލަމުން ރިދާގެ މަޑު އަތްތިލައަށް ފިތާލިއެވެ.

“މިލާން… އެހެން ކައިވެންޏެއް ކުރަންވީނު…..” ރިދާ ބުނި އެއްޗަކުން ސިހުންވީވަރުން މިލާނަށް ރިދާއާއި ދުރަށްޖެހިލެވުނެވެ. ދެލޯ ބޮޑުކޮށްލައިގެން އިނދެ ރިދާއަށް ބަލަމުން ދިޔައީ ކަންފަތަށް އިވުނު ޖުމްލަ ޤަބޫލުނުކުރެވިފައެވެ. މިލާނަށް އެކަހަލަ ސިހުމެއް އަންނާނެކަމަށް ކުރިންވެސް ލަފާކުރެވިފައިވީތީ ރިދާ މިލާންގެ އަތުގައި ހިފަހައްޓާލިއެވެ. އޭރު އޭނާގެ ދެލޯވަނީ ފެންކަޅިވެފައެވެ. ނަމަވެސް އޭނާ ދިޔައީ އެކަރުނަތައް ބޭރުނުކޮށްވޭތޯ މަސައްކަތް ކުރަމުންނެވެ.

“އަހަންނަށް އެނގޭ މިލާންވެސް ކުއްޖަކު ބޭނުންވާނެވަރު…. އަހަރެންނަށް ކުދިން ނުލިބޭތީ އެކަމާ ދެރަވާކަންވެސް ނުބުންޏަސް އަހަންނަށް އެނގޭ….. އެކަމަކު އަހަންނަށް ކުދިން ނުލިބުނަސް މިލާންގެ އެއްވެސް މައްސަލައެއް ނެތެއްނު…. އެހެން ކައިވެންޏެއް ކޮށްފިއްޔާ މާތް ﷲ ގެ އިރާދަފުޅާ ލައިގެން މިލާނަށް ކުއްޖަކު ލިބިދާނެ….. އޭރުން މަންމަމެންގެވެސް އުއްމީދު ފުރިހަމަވީ… މިލާނަށްވެސް ބައްޕާއޭ ކިޔާފައި ގޮވާލާނެ ކުއްޖަކު ލިބޭނެ…..” ކިތަންމެ ހިތްވަރު ކުރި ނަމަވެސް ރިދާގެ ލޮލަށް ޖަމާވެފައިވީ ކަރުނަތައް ފައިބައިގަތެވެ. އެހެނަސް އަވަސް ޙަރަކާތަކާއިއެކު އޭނާ އެކަރުނަތައް ފުހެލިއެވެ.

“ރިދާ މޮޔަވީތަ….؟؟؟ އެނގޭތަ ތި ކިޔޭ އެއްޗެއް….؟؟؟؟” އިރުކޮޅަކު ހިމޭނުން އިނދެފައި މިލާން ކޮޅަށް ތެދުވިއެވެ. ރުންކުރު ގޮތަކަށް އެހެން ބުނެލިއިރު އޭނާގެ އަޑާއި ރާގުން ހިތްހަމަ ނުޖެހިފައިވާވަރު ހާމަކޮށްދެއެވެ. ދުވަހަކުވެސް އެ ބީދައިން މިލާން ވާހަކަ ދައްކާފައި ނުވާތީ ރިދާވެސް ސިހުނެވެ. ހިންދިރުވާލަމުން ކޮޅަށް ތެދުވެވުނީ ޖެހިލުންވެފައި ހުރެއެވެ.

“މިލާން…. އަހަރެން ދައްކާ ވާހަކަ އަޑުއަހާބަލަ….” ފޯނު ހިފައިގެން މިލާން ކޮޓަރިން ނުކުންނަން ދާން ހިނގައިގަތުމުން ރިދާ އުޅުނީ މިލާންގެ އަތުގައި ހިފައި ހުއްޓުވާށެވެ. ނަމަވެސް ރިދާގެ ވާހަކަތަކުން ހިތްހަމަ ނުޖެހިފައި ހުރި މިލާން ރިދާގެ އަތް ފޮޅުވާލަމުން ކޮޓަރިން ނުކުމެގެން ދިޔައީއެވެ. ރިދާއަށް ހުރެވުނީ ދެން ހަދަންވީ ގޮތެއް ނޭނގިފައެވެ. ސިކުނޑި ރަނގަޅަށް މަސައްކަތްކުރުމުން މިލާން ހޯދުމަށް ހިނގައިގަތެވެ. އޭނާއަށް ގޭގެ ގޭޓުން ނުކުމެވުންއިރު މިލާން ސައިކަލަށް އަރާ ދުއްވާލައިފިއެވެ. ރިދާ އެތެރެއަށް ވަދެގެން އައީ މާޔޫސްވެފައި ހުރެއެވެ.

**********

ދަންވަރުގެ ވަގުތެވެ. މިކްޔާނަށް ހޭލެވުމުން އެނދުގެ އަނެއް ފަރާތަށް ބަލާލިއިރު ރުހާ ނެތުމުން މީހާ ކޮޅަށް ޖެހުނެވެ. ވަށައިގެން ނަޒަރު ހިންގާލެވުމުން ބެލްކަނީގެ ދޮރު ހުޅުވިފައިވާތަން ފެނުމުން ރުހާ އެތާނގައި ހުރިކަން ނަގައިގަނެވުމުން ހިތަށް ލުއިކަމެއް ލިބިގެން ދިޔައެވެ. ރެއިލިންގގައި ހިފަހައްޓާލައިގެން ހަނދާ ދިމާއަށް ބަލަން ހުރި ރުހާ ސިހިގެން ދިޔައީ މިކްޔާން ގޮވާލުމުންނެވެ. މިކްޔާން އެތަނަށް އައިކަންވެސް އޭނާއަށް ނޭނގުނީ މާ ފުން ޚިޔާލަކަށް ގެއްލިފައި ހުރުމުންނެވެ.

“ކީއްވެ މިތާ ތި ހުރީ….؟؟؟ ކޮންކަމަކާ ތި ވިސްނަނީ…..” މޭމަތީ ދެއަތް ހުރަސްކޮށްލަމުން މިކްޔާން ސުވާލުކޮށްލިއެވެ. އޭނާގެ ނަޒަރު ސީދާވެފައިވީ ރުހާއަށެވެ.

“ކަމެއްނުވެ….. ހޭލެވުނީމަ އައީ ހަނދުވަރު ރީތިކަމުން…..” ލުއި ހިނިތުންވުމަކާއިއެކު ރުހާ ޖަވާބުދިނެވެ.

“ދެން ކޮންކަމަކާ ތި ވިސްނަނީ….؟؟؟” އެ ސުވާލަށް ޖަވާބު ނުދިނުމުން މިކްޔާން އަނެއްކާވެސް އެ ސުވާލު ތަކުރާރުކޮށްލިއެވެ.

“ނުވިސްނަން….” ފުޅާ ހިނިތުންވުމަކާއިއެކު އެހެން ބުނެލި ނަމަވެސް އެ މޫނުގައިވި ނުތަނަވަސްކަން ފޮރުވަން ރުހާ މަސައްކަތް ކުރަމުންދިޔަކަން މިކްޔާނަށް ނަގައިގަނެވުނެވެ.

“ނޫން…. ކޮންމެވެސް ކަމަކާ އެބަ ވިސްނާ…. ބުނެބަލަ….” ރުހާއާއި ގާތަށް އެއްފިޔަވަޅު އަޅާލަމުން މިކްޔާން އެދުނެވެ. މިކްޔާން ގޮތްދޫނުކުރާނެކަން އެނގުމުން ރުހާ ބަލި ޤަބޫލުކުރިއެވެ.

“މި ވިސްނެނީ ރިދާއާއި ދޭތެރޭ…..” މިކްޔާނާއި ދިމާއަށް ރީތިކޮށް އެނބުރެމުން ރުހާ ބުނެލިއެވެ. މިކްޔާން ދެލޯ ހަނިކޮށްލި ގޮތުން އިތުރު ތަފްޞީލަށް އެދުނީކަން ރުހާއަށް ދެނެގަނެވުނެވެ. އެހެން ކަމުން އެވާހަކަ ފެށުމުގެ ކުރިން ރުހާ ފުން ނޭވާއެއް ބޭރުކޮށްލިއެވެ.

“މިއަދުވެސް ދެރަވެގެން ރިދާ ވަރަށް ރޮއުނު…. އޭނާއާއިމެދު އެގޮތަށް ކަންތައް ވީމަ އަހަންނަށް މި ވިސްނެނީ….” ރިދާއާއިމެދު ރުހާ ކަންބޮޑުވާކަން އެ މޫނުމަތީގެ ކުލަވަރުތަކުން އެކަނިވެސް ހާމަވާން ހުއްޓެވެ.

“އެނގޭ ދެރަވާނެކަން…. އެކަމަކު އެކަހަލަ ކަންތައް ދިމާވީމަ ވާނެ ވަރަށް ހިތްވަރުކުރަން….” މިކްޔާން އޭނާގެ ޚިޔާލް ފައުޅުކުރިއެވެ.

“ރިދާ ވަރަށް ހިތްވަރުކުރޭ…. ހިނިތުންވާންވެސް މަސައްކަތްކުރޭ…. އެކަމަކު ހިތްވަރުކުރަން މަސައްކަތްކުރިޔަސް ދެން ތިބޭ މީހުންގެ ފަރާތުން އެއްބާރުލުން ލިބުމުގެ ބަދަލުގައި ހިތްދަތިވާކަހަލަ ވާހަކަދެއްކީމަ ދެން ކިހިނެއްވާނީ…. މިއަދު މަންމަ އެ ދެއްކި…..” އެ ހިސާބަށް ގޮސްފައި ރުހާއަށް މަޑުކޮށްލެވުނީ މިކްޔާނާއި ހަމައަށް ގެންދާ ބޭނުން ނުވާ ވާހަކަތަކެއް އޭނާގެ ކުރިމަތީގައި ހާމަކުރެވުމުންނެވެ. ފަހަރެއްގައިވެސް މިއަދު ހިނގާދިޔަ ހާދިޘާގެ ވާހަކަ މިކްޔާނަށް ހާމަކުރާކަށް އޭނާ ބޭނުމެއް ނުވެއެވެ. ނަމަވެސް ވާހަކައިގެ ތެރެއިން އޭނާއަށް އެ ހިސާބަށް ބުނެވުނީއެވެ. ރުހާގެ ވާހަކަތައް ކަނުލާ އަޑުއަހަން ހުރި މިކްޔާނަށް ލޯ ހަނިކޮށްލެވުނީ އެވާހަކަ ފަށާފައި ރުހާ ހުއްޓާލުމުންނެވެ. ރުހާގެ މޫނުގެ ކުލަވަރުތަކުން އެއީ ރުހާ ދައްކަން ބޭނުންވި ވާހަކަތަކެއް ނޫންކަން އޭނާއަށް ހާމަވިއެވެ. އެހެނަސް އެވާހަކަ އެނގެން ބޭނުންވެފައި ހުރިވަރުން އެކަމާ ގުޅޭގޮތުން ސުވާލުކުރިއެވެ.

“މަންމަ ކޮން ވާހަކައެއް ދެއްކީ….؟؟؟؟” މިކްޔާންގެ ސުވާލުން ރުހާއަށް އިތުރު ހާސްކަމެއް ލިބުނެވެ.

“ދެން އެވާހަކަ ނުދައްކަމާ…. ހިނގާ ނިދަން ދާން….” މިހެން ބުނެފައި ރުހާ އުޅުނީ އެތަނުން ދާށެވެ. ނަމަވެސް ދެވޭގޮތް ނުވީ މިކްޔާން އޭނާގެ އަތުގައި ހިފެހެއްޓުމުންނެވެ.

“ރުހާ…. މަންމަ ކޮން ވާހަކައެއް ދެއްކީ….. ރުހާ ނުކިޔައިދީފިއްޔާ އަހަރެން މަންމަ ގާތުގައި އަހާނަން….” ރުހާއާއި ކުރިމަތިލަމުން މިކްޔާން ބުނެލިއެވެ. ރުހާއަށް ދެފަރާތަށް ބޯ ހޫރާލެވުނީ މަންމަ ގާތު ނާހާށޭ ބުނަމުންނެވެ.

“އެހެންވީއިރު ރުހާ ކިޔައިދީ….” މިކްޔާން ބޭނުންވީ ކޮންމެހެންވެސް އެވާހަކައެއް ހޯދާށެވެ. އިތުރުގޮތެއް ނެތުމުން ރުހާއަށް ޖެހުނީ އޭނާއަށް އިވުނު ވާހަކަތައް ކިޔައިދޭށެވެ.

“މަންމަ ކީއްވެބާ އެގޮތަށް އެ ވިސްނަނީ….” ރުހާގެ ވާހަކަތައް އަޑުއަހަން ހުރެފައި މިކްޔާނަށް ބުނެވުނެވެ.

“މަންމައަކީ ގޯސް މީހެއް ނޫން…. އަހަންނަށް ހީވަނީ މަންމަ މާ ބޮޑަށް މާމަ ދަރިއަކު ބޭނުންވެފައި ހުރީމަ ދެރަވީ ވަރުން އެހެން ބުނެވުނީ ކަންނޭނގެ….”‘ ރުހާ ބެލީ މިލްނާ ދިފާޢު ކުރެވޭތޯއެވެ. މިކްޔާން އެއްޗެކޭ ބުނަން އަނގަ ހުޅުވާލިވަގުތު ކޮޓަރީގެ ދޮރުގައި ޓަކިޖަހާ އަޑުއިވުމުން ދެމީހުން އެކަކު އަނެކަކަށް ބަލާލެވުނީ މެންދަމުގެ އެ ގަޑީގައި ޓަކިޖަހަނީ ކާކުބާއޭ ހިތަށް އަރާފައެވެ. އަވަސް ފިޔަވަޅުތަކަކާއިއެކު މިކްޔާން ކޮޓަރިއަށް ވަދެގެން ހިނގައިގަތުމުން ރުހާވެސް އެތެރެއަށްވަދެ ބުރުގާ އަޅާލިއެވެ. ކޮޓަރީގެ ދޮރު ހުޅުވާލުމާއިއެކު މިކްޔާނަށް ހައިރާންކަން ލިބުނީ ދޮރުމަތީގައި ރޮވިފައި ހުރި ރިދާ ފެނުމުންނެވެ.

“ރިދާ….” ކޮޓަރީގެ ދޮރު ބޮޑަށް ހުޅުވާލަމުން މިކްޔާނަށް ރިދާގެ ނަން ކިޔާލެވުނެވެ. މިއަޑަށް ރުހާއަށް ދޮރާއި ދިމާއަށް ދެވުނު ގޮތްވެސް ނޭނގުނެވެ. ރޮވިފައިހުރި ރިދާގެ އަތުގައި ހިފައި ކޮޓަރިއަށް ވެއްދުމުން މިކްޔާން ދޮރު ލައްޕާލިއެވެ.

“ރިދާ މި ގަޑީގަ ކިހިނެއްވީ….؟؟؟ ކީއްވެ ތި ރޮނީ….” ރިދާގެ ކޮނޑުގައި ހިފަހައްޓާލަމުން ހާސްވެފައިހުރެ ރުހާއަށް އަހާލެވުނެވެ.

“ދޮންތީ…. މިލާން…. މިލާން…. އަދިވެސް ގެއަށް ނާދެ…..” ރޮވިފައި ހުރެ ރިދާ މިހެން ބުނުމުން ރުހާއަށް މިކްޔާނާއި ދިމާއަށް ބަލާލެވުނެވެ. ސުވާލު އުފެދިފައިހުރި މިކްޔާންވެސް ރުހާއަށް ބަލާލަމުން ރިދާގާތު މިލާން ދިޔައީ ކޮންތާކަށްތޯ އަހާލެވުނެވެ.

“ނޭނގެ ދިޔަތަނެއްވެސް…. އެކަމަކު ހިތްހަމަ ނުޖެހި ހުރެގެން ދިޔައީ….” ރިދާ އިތުރަށް އޮޅުން ފިލުވައިދިނެވެ.

“ކޮންކަމަކާ ހިތްހަމަ ނުޖެހުނީ….؟؟؟” ރުހާގެ ގާތުގައި މަޑުކޮށްލަމުން މިކްޔާން ސުވާލުކޮށްލިއެވެ. ރިދާ އެ ދެމެދުގައި ދެކެވުނު ވާހަކަތައް ކިޔައިދެމުން މިލާން ހިތްހަމަ ނުޖެހުނު ސަބަބު ބަޔާންކޮށްދިނެވެ.

“ރިދާ އެކަމަކު އެކަހަލަ ވާހަކަ ދައްކަން ވާނެތަ….؟؟؟؟ އެއީ ދެން މީހުން ދައްކާކަހަލ ވާހަކަތަ….؟؟؟ މިލާން ނޫނަސް އަހަރެން ނަމަވެސް އެކަހަލަ ވާހަކައެއް ދައްކާފިއްޔަ ރުޅި އަންނާނެ ދޯ….” ރިދާގެ ވާހަކަތައް އަހާފައި ހިތްހަމަނުޖެހުނު ވަރުން މިކްޔާނަށްވެސް ވާހަކަ ދެއްކުނީ ތަންކޮޅެއް ބާރަށެވެ.

“މިކްޔާން………. މިހާރުވެސް ރިދާ އެ ހުރީ އެހާ ހާސްވެފައި… އެ ޙާލަތުގައި މިކްޔާން ތިގޮތަށް ވާހަކަ ދެއްކީމަ ކިހިނެއް ވާނީ…..”  މިކްޔާން އެ ގޮތަށް ވާހަކަ ދެއްކުމުން ރުހާއަކަށް ކަމަކު ނުދިޔައެވެ.

“އެ އޯކޭ ވާނެ ދޮންތީ…. އެހެން ނޫނަސް މި ވަގުތު އެއިން އެއްވެސް ވާހަކައަކުން އަހަންނަކަށް އަސަރެއް ނުކުރާނެ…. އެއަށްވުރެ ބޮޑަށް މިލާނާ ދޭތެރޭ އަހަރެން މިހުރީ ކަންތައް ބޮޑުވެފައި…. ނޭނގެ ވީ ކޮންތާކު ކަމެއްވެސް…. ފޯނުވެސް ނިވިފައި…. އަހަރެން ވަރަށް ހިތް ބިރުގަނޭ…..” އަނެއްކާވެސް ރިދާއަށް ރޮވޭ ގޮތްވިއެވެ. ރިދާ މަސަލަސްކުރަން ރުހާ މަސައްކަތްކުރަމުން ދިޔައެވެ.

“ސޮރީ ރިދާ…..” މިކްޔާން މާފަށް އެދުމުން ރިދާ ދެފަރާތަށް ބޯހޫރާލީ އެއީ ކަމެއް ނޫންކަމުގައި ބުނަމުންނެވެ.

“ކިހާ އިރަކު މިލާން ދިޔައީ….” ފޯނުން މިލާނަށް ގުޅަން މަސައްކަތްކުރަމުން މިކްޔާން ސުވާލުކޮށްލިއެވެ. މިފަހަރު އެ އަޑުގައިވީ މަޑުމައިތިރިކަމާއި އޯގާތެރިކަމެވެ.

“ދިހައެއް ޖަހާކަށްހާއިރު…..” ދެލޯ ފުހެލަމުން ރިދާ ބުނެލިއެވެ.

“ފޯނުވެސް ނިވާލާފައި އޮތީ…..” މިލާންގެ ފޯނަށް ނުގުޅުމުން މިކްޔާން ބުނެލިއެވެ. ރިދާގެ ގާތުގައި މަޑުކުރުމަށް ރުހާގެ ގާތުގައި ބުނެފައި އޭނާ ނުކުތީ މިލާން ހޯދަން ދިޔުމަށެވެ. ދަމުން ދިޔައީ މިލާން ނެތް ވާހަކަ ގޭގެ އެހެން މީހެއްގެ ގާތުގައި އެހަށް ނުބުނަން ބުނެފައެވެ.

(ނުނިމޭ)

0

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!