ސައިކަލު މަތީގައި އިން އިރުވެސް މައިޝާއަށް ވިސްނެމުން ދިޔައީ އީމާ އާއި ދެމެދު ކުރެވިގެން ދިޔަ މަޝްވަރާ އާއި މެދު އެވެ. އެހެންކަމުން ގެއާއި ހަމައަށް އައިސް މަޑުކޮށްލިއިރުވެސް އޭނާއަށް އެކަން ރޭކާވެސް ނުލީއެވެ.

 

“މައި.. މައިޝާ” ދެތިން ފަހަރު ގޮވާލުމަށް ފަހު މައިޝާގެ ހަބަރެއް ނުވުމުނެ ފަހަތަށް އެނބުރިލާ ކުޑަކޮށް މައިޝާގެ ގައިގައި ކޮއްޓާލަމުން އީތަން ގޮވާލިއެވެ. ސިހިފައި މައިޝާ ބަލާލުމުން ނުފައިބަންހެއްޔޭ އީތްނ ބުނެލިއެވެ. ވަށައިގެން ނަޒަރު ނިނގާލިއިރު ގޭގެ ދޮރުމަތީ ތިބެވުމުން މައިޝާ ނޫނެކޭ ކިޔާ ދެފަރާތަށް ބޯހޫރުވާލާ ސައިކަލުން ފޭބިއެވެ. ނިހާލް ސައިކަލު ޕާކު ކުރަން ދިޔުމުން މައިޝާ ގެއަށް ވަދެ އީމާއަށް މެސެޖެއް ކޮށްލީ މާދަމާ އޭނާއަށް ގައިނީ އަކަށް ދެއްކުމަށް އެޕޮއިންޓްމަންޓް އެއް ނަގައިދޭށޭ ބުންޏެވެ.

 

އާ ދުވަހަކަށް އިރު އެރިއިރު މައިޝާ ހުރީ ކޮފީއެއް ހިފައިގެން ކުޑަދޮރު ކައިރީގައެވެ. ގިރައިގެން ހުރި ކޮފީއިން ދުވަމުން ދިޔަ ލުއި ހިތްގައިމު ވަހުން ސިކުނޑިގައި ވަހާ ނުތަނަވސް ކަމެއް ފިލައިގެން ދާހާއެވެ. ފުން ހިޔާލުތަކުގައި ކުރިމަތިން ފެންނަން އޮތް ގޮނޑުދޮށަށް ނަޒަރު ހުއްޓާލައިގެން ހުރި އިރު އެ މޫނުމަތީގައި ވަނީ އެތަކެއް ހިތެއް ކަތިލާނޭ ފަދަ  ނުހަނު ފުރިހަމަ ހިނިތުން ވުމެކެވެ. މައިޝާ އެހެން ހުއްޓާ ސިހުން ގެނުވީ ދޮރެއް ހުޅުވުމުންނެވެ.

އީތަން ނުކުތުމުން އީތަން ގާތު ކޮފީއެއްބޭނުންތޯ އެހީ އެ މޫނުމަތިން ފެންނަމުން ދިޔަ ކަންނެތްކަމާއި ދެންމެ ނިދާހޭލައިގެން ނުކުތުމުން ސިކުނޑިއަށް ތާޒާ ކަމެއް ގެނެސް ދޭށެވެ. ރޭގައި ނިދަން އޮށޮތުމުގެ ކުރިން އީތަން މިއަދު އޮފިހަށް ނުދާ ވާހަކަ ބުނެފައި އޮތުމުން އޭނާ މިއަދު ހުރީ ސައިވެސް ހަދަން ރެޑީ ކޮށްފައެވެ. އީމާ ހަތެއް ޖަހާކަށް ހާއިރު އައުމުން ދެމީހުންވެގެން އީތަން ބްރޭކަށް އަންނަންވާއިރަށް އެހެން ދުވަސް ދުވަހު ސައިހެދިޔަސް މިއަދު ކުރީބައިގައި ސައި ހަދަން އޭނާ ނިންމީ އެވެ. އީތަން އަށް ކޮފީ ހަދާ ނިމުމުން ރޮށި ފިހަން މޮޑެފައި އޮތް ފުއްގަޑު ނަގައިގެން މައިޝާ ރަށި ފިހަން ތައްޔާރު ވެލިއެވެ. އަދި ކަބަޑުތަކުގައި ސްޓޯރ ކޮށްފައި ހުރި ތަނުން ބޭކެޑް ބީންސް ދަޅެއް ނަގައި ކައްކާފައި ހުރި ހޫނު ފެން އެތިން އެތިކޮޅެއް ތައްޓަކަށް އަޅާ އެ ދަޅުގައި ހުރި އެއްޗިހި އެއަށް އަޅާލިއެވެ.

ރޮށި ފިހަން ފަހަރަކު ރޮއްޓެއް ދަމަމުން ފިހަމުން ގެންދިޔަ އިރު އެ މޫނުމަތީގައި މުތީތަކެއް ފަދައިން ދާތިކިތަށް ވިދަމުން ދިޔައެވެ. އަދި އެ ކޮންމެ ފަހަރަކުވެސް ލައިގެން ހުރި ހެދުމުގެ އަތުން އެ ދާތިކިތަށް ފޮހެލަނީ އުނދަގޫ ތަކެއް ކުރިމަތި ވާތީއެވެ. އެޕާރޓްމެންޓާއި ވަކިން ޕަރޓިޝަންކޮށް ވަކިކޮށްފައިވާ ބަދިގޭގައި އަވަދިނެތި މަސައްކަތް ކުރަމުން ދިޔަ މައިޝާ އަށް ވަނީ އީތަން ގެ ތޫނު ބެލުންތަށް އަމާޒުވެފައެވެ. އެ ބަލާލުންތަކުގައި ތަފާތު އަސަރެއް ވާ ކަހަލައެވެ. އަތުގައި އޮތް ފޯނަށް ވުރެން ގިނައިން އީތަން އަށް ބެލެމުން ދިޔައީ މައިޝާ އަށެވެ.

 

ރޮށި ފިހެ ނިމުމުން ފިޔާލެއް ނަގަން އެނބުރުނު މައިޝާ އަށް ހުއްޓެވުނީ އޭނާއަށް އަމާޒެވުފައި ހުރި އީތަންގެ ތޫނު ލޯ ފެނުމުންނެވެ. ހިތް ރޭސްޖަހާހާ ބާރަށް މޭތެރޭ ތެޅެމުންދިޔައިރު ދެންމެ ދެންމެ މޭފަޅާފައި ނިކުމެދާނޭހެން މައިޝާ އަށް ހީވި ކަހަލައެވެ. އީތަންގެ ލޮލާއި ލޯ، ހަތަރުކަޅި ހަމަވި ވަގުތު ގަޑިހިނގުން ހިނގުން ހުއްޓުނު ފަދަ އިހުސާސަކަށް ފަހު މައިޝާ އަށް އިސް ޖަހާލެވުނެވެ. އޭރު އެ މޫނުމަތި ވަނީ ލަދުން ޖަންބުކުލަވެރިވެފައެވެ.

ހުރިހާއިރު މައިޝާ އަށް ނަޒަރު ހުއްޓާލައިގެން އިން އީތަން އަށް ހުއްޓުން އެރީ މައިޝާ އޭނާއާއި ވީ ފަޅިއަށް އެނބުރމުންނެވެ. އެ ލޮލާއި ހަތަރުކަޅި ހަމަވުމުން އީތަން އަށް ވެސް ކުރެވުނީ މައިޝާ އަށްވެސް ކުރެވުނު އިހުސާސެވެ. އޭނާގެ އެންމެ ގާތް އެކުވެރިޔާ ބުނި ފަދައިން އޭނާއަށް މިވަނީ އެހިތުން މައިޝާއަށް ދެވިފައިވާ މަގާމް މަތިކުރެވިފައެވެ. އެކަން މިހާރު އޭނާއަށް ގަބޫލު ކުރެވިއްޖެއެވެ. އެކަން އެހެން ވިޔަކަސް އެހިތުގައި އޭނާގެ ފުރަތަމަ ލޯބި އޭގެ ގޮތުގައި ރައްކާ ކުރެވިފައި ވެއެވެ. ޝުހާ އަށް ދެވިފައިވި މަގާމަކި އެހެން މީހަކަށް އެހިތުން ދެވޭނޭ މަގާމެއް ނޫނެވެ.

މަހެއްހާ ދުވަސް ފަހުން އަނެއްކާވެސް މައިޝާގެ ހިތުގައި ފަސްއަޅާ ފޮރުވިފައި ވާ އިހުސާސް އަނެއްކާވެސް ހޭލީއެވެ. ނިހާލް އޭނާއާއި މެދު ކަން ކުރި ގޮތަށް ފަހު އޭނާ ވަނީ ފިރިހެނުން މަތިން މުޅިންހެން ފޫހިވެފައެވެ. އެހެންނަމަވެސް އެ އަޒުމް އަށް ވަރުގަދަ ލޮޅުމެއް އީތަން ގެނުވައިފިއެވެ. އެހެންނަމަވެސް މައިޝާ އީތަން އާއި މެދު އެފަދަ ނަޒަރަކުން ދެކޭކަށެއް ބޭނުމެއް ނުވިއެވެ. އެހެނީ އެއީ އޭނާއަށް މީހެއްގެ އެހީ އަށް ބޭނުންވި ދުވަހު އެކަމެއް ފޯރުކޮށް ދިން މީހާއެވެ. ވީވަރަކުން އޭނާއަށް އެހީވަމުން ދިޔައީ ދުރުހިލޭ މީހެއްކަންވެސް ހީނުވާހާ ރަނގަޅަށެވެ.

 

މިފަދަ ހިޔާލުތަކުގައި ސައި ހަދާ ނިމުމުން މައިޝާ އަވަހަށް ކާން ހަދާލިއެވެ. އަދި ކޮޓަރިއަށް ވަނީ އެބަ އަންނަން ކަމުގައި ބުނެއެވެ. އީތަންވެސް މައިޝާ ކޮޓަރިއަށް ވަނުމުން އޭނާގެ ކޮޓަރިއަށް ދާން ހިނގައި ގަތީ އީމާ އައިމަ އީމާ އާއި ތިންމީހުން އެއްކޮށް ސައިބޯށެވެ. އަވަސް ފިޔަވަޅު ތަކެއްގައި ފާހާނާއަށް ވަދެ މައިޝާ އޭނާގެ މޫނަށް ފެން ވިއްސާލި އެވެ. އަވަހަށް މޫނު ދޮވެ ހަމަޖެހިލަން އޭނާ ނިންމީ އީތަން އޭނާ ކާން ހަދާ ނިމުމުން އީމާ އައިމާ ކާނަމޭ ބުނެ ކޮޓަރިއަށް ވަނުމުންނެވެ. އީމާ އައިސް އޭނާގެ އެހާސް ކަން ފެނުމުން ސުވާލުކުރާނެތީ، އޭނާ ބޭނުންވީ އެ މޫނުމަތީ ފެންނަން ހުރި ހާސްކަން ކަޑުވާލާ ހަމަޖެހިލާށެވެ.

އީމާ އައުމުން އެ ތިން މީހުން ވެގެން ސައިބޮއެ ނިންމާލިއެވެ. އީތަން ކޮޓަރިއަށް ވަނުމުން އީމާއާއި މައިޝާ މައިޝާގެ ކޮޓަރިއަށް ވަނެވެ. މައިޝާ ފެންވަރައިގެން ތައްޔާރުވެ ނިމުމުން އީމާ އާއި ދެމީހުން އެ ގެއިން ނުކުމެގެން އީމާގެ ގެއަށް ދާން މިސްރާބުޖެހިއެވެ. ޑޮކްޓަރު ބަލާގަޑިއަކަށް ވެފައި ވީ ހެނދުނު ނުވައަކުން ކަމުގައި ވެފައި އަދި މައިޝާ އަށް ލިބިފައިވީ ފަހެއް ކަމުގައި ވުމުން އެދެމީހުން އަވަހަށް ދާން ޖެހެއެވެ.

 

އައި.ޖީ.އެމް. ހޮސްޕިޓަލަށްގޮސް އެދެމީހުން ގައިނޮކޮލޮޖީ ޑިޕާރޓްމެންޓަށް އަރާ މެމޯ ދައްކާލުމަށްފަހު ވެއިޓިންގ އޭރިއާގައި މަޑުކޮށްލިއެވެ. ނަމްބަރު ޖެހުމުން ލަސްތަކެއް ކުރުމެއްނެތި ދެމީހުންވެސް ޑޮކްޓަރ ބަލަން އިންނަވާ ކޮޓަރިއަށް ގޮސް ވަނެވެ. ޑޮކްޓަރަށް ވާގޮތްތަށް ތަފްސީލްކޮށް ކިޔައިދިނުމުން ލަފާދިނީ ޔަގީން ކުރުމަށް ޓެސްޓުހަދާށެވެ. ޓެސްޓުހަދަން ސާމްޕަލް ލެބޯޓަރީއާއި ހަވާލުކުރުމަށްފަހު ރިޕޯރޓް މާދަމާ މެންދުރުގެ ވަގުތެއްހާއިރު ލިބޭތީ ދެމީހުންވެސް ގެއަށް ދިޔުމަށް މިސްރާބު ޖެހިއެވެ. ދިޔަ މަގުމަތީގައި ދެމީހުންގެ ދެމެދު ދެކެވެމުން ދިޔައީ އެއްވާހަކައެކެވެ. ނަތީޖާ ޕޮސިޓިވް ވެއްޖެނަމަ އެވާހަކަ ބުނާނެގޮތަކާއި މެދުއެވެ. މި ވާހަކައިގާ ދެމީހުންވެސް ދޮސް މައިޝާމެންގެ ގެއަށް ވަނެވެ.

 

ގެއަށް ވަން އިރު ސިޓިންގ ރޫމު ސޯފާގައި އިށީންދެގެން އިން އީތަންގެ ނަޒަރު އެ ދެމީހުންނަށް އަމާޒު ވިއެވެ.

“މިއޮށް ހެނދުނާ ކޮންތާކުން ދެމީހުން” ދެމީހުންގެ މޫނަށް ބަލައިލަމުން އީތަން ދެމީހުންނާ ސުވާލު ކޮށްލިއެވެ. އީމާއާއި މައިޝާ ތިބީ އެސުވާލަށް ޖަވާބުދާރީ ވާން ބުނަންވީ ކީކޭކަން ނޭގިފައެވެ. އީމާވެސް ފާޑަކަށް ހާސްވާން ފެއްޓިއެވެ. މިއޮށް އހުރިހާއިރު މައިޝާކައިރި އޭނަ ބުނަމުން އައީ އޭނާ ހުރިހާކަމެއް ހަމައަކަށް އަޅުވާނޭކަމެވެ. އެވަހަކަ އީތަން ކައިރީ ބުނާނީވެސް އޭނާކަމަށްބުނެ މައިޝާ މަސަލަސް ކުރިއިރު އެހާކުއްލިގޮތަކަށް ބުނާކަށް އޭނާބޭނުން ނުވީއެވެ. އެހެން ކަމުން ވާހަކައެއް ހަދާލަން އޭނާ ސިކުނޑީގައި ރޭވުމެއް ރާވާލިއެވެ.

އީމާ އެއްޗެކޭ ނުބުނެ ހުރުމުން މައިޝާގެ ހާސްކަން އިތުރުވާން ފެއްޓިއެވެ. ބުނަންވީ ކީތްކަން ނޭނގިފައި ހުރެވެސް އޭނާ ތެދު ހާމަކުރަން ބޭނުންވިއެވެ. އެހެންކަމުން ވަރަށް ހިތްވަރުކޮށްގެން އޭނާ ތެދު އީތަންގެ ކުރިމަތީ ބަންޑުން ކޮށްލިއެވެ. އީމާއަށްވެސް ހުރެވުނީ ބުނަންވީ އެތި ނޭނގިފައެވެ. އެހެންނަމަވެސް އޭނާއަށް ކުޑަހިތްހަމަޖެހުމެއް ލިބުނީ މައިޝާ އަމިއްލައަށް ތެދު ހާމަކުރުމުންނެވެ.

 

ނުނިމޭ

 

ދެން އޮތް ބަޔަށް އިންތިޒާރު ކޮށްލާ!!!… 😁😁

0

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!