ޔާޝާ ގޮވައިގެން ގޮސް ޔަމްހާ މަޑުކޮށްލީ ހޮޓެލެއް ކައިރީގައެވެ.”އާދޭ..” ޔަމްހާ ކާރުން ފައިބަމުން ޔާޝް ގޮވައިގެން ވަނެވެ. އަދި އެބުނާ ރޫމްއަކަށް ޔަމްހާ ދިޔައެވެ. އޭރު ދެ ފިރިހެނުން އެތެރޭގައި ތިއްބެވެ.”އަން.. މީނަ މަރާލާފައި ދޫ ކުރާތި..” ޔަމްހާ ޔާޝާ އެތެރެއަށް ކޮށްޕާލާފައި ދޮރު ލެއްޕިއެވެ. އެ ކުޑަ ކުއްޖާއަށް ބިރުން ރޮވެން ފެށިއެވެ. ހިތްހަމަ ޖެހިފައި ޔަމްހާ ބޭރަށް ނިކުތެވެ. އެއްވެސް ކުށެއް ނެތް މައުސޫމް އަންހެން ކުއްޖެއް ފިރިހެނުންގެ އަތްދަށަށް ދޫކޮށްލާފައި ޔަމްހާ އެ އަންނަނީ ބިރެއް ނެތިއެވެ. ޔަމްހާ އެހެން ހެދުމުން އެކުޑަކުއްޖާ ޔަމްހާދެކެ ގަންނާނެ ބިރު ހިތަކަށް ނާރައެވެ. ބޮޑު ޒިންމާއެއް އަދާ ކުރެވުނުހެން ޔަމްހާ ފުން ނޭވާއެއް ލިއެވެ. ޔަމްހާ ކާރު ފަހަތުން ޔޫޝައު އައިކަމެއް ޔަމްހާ ނުދެނަހުއްޓެވެ. ޔާޝާ ގެންދާތަން ޔޫޝައުއަށް ފެނުން ނަމަވެސް ނުހުއްޓުވޭނެކަން އިނގޭތީ އެ ކާރު ފަހަތުން ޔޫޝައު ދިޔައީއެވެ. އެތެރެއަށް ވަތް ފަހުން ވީ ކީއްކަން ނޭނގުނެވެ. ނިކުތް އިރު ޔާޝާ ނުލާ ނިކުތްތަން ފެނުމުން ކޮންމެވެސް ނުބައެއް އެބަ އުޅެއޭ ހިތް ބުނަން ފެށިއެވެ. ޔަމްހާ ދިއުމުން ޔޫޝައު އެ ހޮޓެލް ތެރެއަށް ވަނެވެ.

 

**36 ވަނަ ޕާޓު**

 

ވަކި ހިސާބަކަށް ދެވުމުން ޔާޝާ ރޯއަޑު ޔޫޝައުގެ ކަންފަތުގައި ޖެހުނެވެ. އެވަގުތު ހުރެވުނުތަންވެސް ޔޫޝައުއަށް ނޭނގުނެވެ. އަވަސް އަވަހަށް އެ ރޫމަށް ވަތް އިރު ޔާޝާ ބިންމަތީގައި އޮތެވެ. އެފަކީރު ގައިގެ އެތަން މިތަނުގައި ލޭ ހުރި އިރު އެދެ ފިރިހެނުން ޔާޝާގެ ރުއިމަށް ސަމާލުކަމެއް ނުދިނެވެ.”ޔާޝް..” ޔޫޝައު ހާސްވެފައި ޔާޝް ކައިރިއަށް އައެވެ.”ކުޑަބޭ..” ޔާޝާ އެހީއަކަށް އެދުނެވެ. ޔޫޝައު ޔާޝާ ގޮވައިގެން އެތަނުން ނިކުތް އިރު ގިނަ ބައެއްގެ ނަޒަރު ހުއްޓިފައި ވަނީ އެދެމީހުންނަށެވެ. އެކަމަށް ބަލާ ނުލައި ޔާޝާ ގޮވައިގެން ޔޫޝައު އޭނާގެ ކާރަށް އަރާ ގެއަށްދާން ދުއްވާލިއެވެ.

 

“ޔާޝް.. ކުޑަބެ ދެކެ ރުޅި އަޔަސް ޔަމްހާއާ އެކު ނުދައްޗޭ..” ގެއަށް އައިސް ޔޫޝައު އެދުނެވެ.”އަހަރެން ކުޑަބެދެކެ ރުޅިއެއް ނާންނަމޭ.. ސިސް އެއީ އެހާ ގޯސް މީހެއްތަ؟..” ޔާޝާ ކަރުނަތައް ފުހެލަމުން އެހިއެވެ.”ހްމްމް.. އެމާ ކުޑަބެ ދޫކޮށްފަ ދިޔައީ ޔަމްހާއާ ހެދި.. މަންމަ އާ ބައްޕައާ ރުޅިވީ ވެސް ޔަމްހާ އާ ހެދި . ދޮންބެ އެހާ ބޮޑަށް ޗޭންޖް ވީ ވެސް ޔަމްހާ އާއި ހެދި.. ޔާޝްއަށް އިނގެއެއްނު ފަހުން ދޮންބެ ވަރަށް ރުޅިގަދަ ކަން..” ޔަޝާންގެ ވާހަކަ ދައްކަން ފެށުމުން ޔޫޝައު ފެންކަޅިވިއެވެ. ޔަމްހާ އާއި ބައްދަލު ވުމުގެ ކުރިން ޔޫޝައުގެ ހުރިހާ އަޑިގަނޑަކުން އަރައިގަތުމަށް އެހީތެރިވި މީހަކީ ޔަޝާންއެވެ. އެންމެ ލޯބިވި ބޭބެ އަކީ ވެސް ޔަޝާންއެވެ. ޔާޝާ އާއި ޔަޝާން އަކީ ޔޫޝައުގެ ފުރާނައާއި ގުޅިފައިވާ ބައެއްހެން ބައެއްފަހަރު ޔޫޝައުއަށް ހީވެއެވެ.

 

“ލައްބަ.. އަޅުގަނޑު ދެން ނުދާނަން އެމީހާ ކައިރިއަކަށް..” ޔާޝާ ޔޫޝައުގެ ކޮނޑުގައި ބޯ އަޅާލިއެވެ.”ޔާޝް ޕެކް ކުރޭ އިނގޭ.. އެންމެ އަވަހަކަށް ފުރާ ފްލައިޓުން އަހަރެމެން ރާއްޖެ ދާން ވާނެ..” ޔާޝާގެ ބޮލުގައި ފިރުމާލަމުން ޔޫޝައު އެ ކޮޓަރިން ނިކުތެވެ. އަދި އެކުވެރިއަކަށް ގުޅައިގެން ފްލައިޓް ހަމަޖެއްސިއެވެ. ޔޫޝައުއަށް ނޭނގިގެން ހަމަ ޖައްސުނީ ބޮމެއް ހަރުކޮށްފައި އިން ފްލައިޓް އެކެވެ. މީހަކު ދެކެ ރުޅިއައިސް ހަސަދަ ވެރި ވެގެން ކޮންމެސް މީހެއްގެ ދުޝްމަނުން ވަނީ އޭގައި ބޮން ހަރު ކޮށްފައެވެ. ޔަމްހާއަށް އެކުވެރިއެއްގެ ފަރާތުން މިވާހަކަ އިނގުނެވެ. އެ އެކުވެރިޔާ ވަރަށް ރުޅިއަންނަ މީހެއް އެ ފްލައިޓުން ދާނެ ކަމަށް ބުނެފައި ވުމުން އެއީ އޭނާ ކުރި ކަމެއްކަން ޔަމްހާއަށް އިނގުނެވެ. ކޮންމެހެން އެ ކަން ހުއްޓުވާކަށް ވެސް ޔަމްހާ ނޫޅެއެވެ. އެއީ އެ ފްލައިޓުން ޔާޝާދާނެކަން އިނގޭތީއެވެ. ޔާޝާ ހަވާލު ކުރި ފިރިހެނުންގެ ފަރާތުން ޔޫޝައު އޭނަ ސަލާމަތް ކޮށްގެން ގެންދިއަކަށް ޔަމްހާއަށް ވަނީ އިނގިފައެވެ. އެ އެކުވެރިޔާގެ ފަރާތުން ޔާޝާ އެ ފްލައިޓުން ދާނެކަން ޔަމްހާއަށް އިނގިއްޖެއެވެ. ނޭނގުނު ކަމަކީ ޔަމްހާގެ ބައްޕަ ވެސް ހަމަ އެ ފްލައިޓުން ރާއްޖެ ދާނެ ކަމެވެ.

 

އެއާޕޯޓްގައި އިން ޔާޝާ އިނީ މާޔޫސްވެފައެވެ. ކޮންމެވެސް ކަމެއް ޖެހިގެން ޔޫޝައު ރަޝިޔާގައި މަޑުކުރަން ޖެހުމުން ޔާޝާއަށް ޖެހުނީ އެކަނި ދާންށެވެ. ނިއްކުރީގައި ބޮސްދީފައި ޔޫޝައު އެއާޕޯޓުން ނުކުމެގެން ދިޔައީ ފްލައިޓް ނައްޓާލުމުންނެވެ. ޔޫޝައު ގެއަށް ގޮސް ވަނުމުން އިންތިޒާރުގައި ހުރީ ޔަމްހާ އަޅާފައި ހުރި ޕެޓްރޯލްތައް މަތީގައި އަލިފާން ރޯކޮށްލިއެވެ. ޔަމްހާ ހީކޮށްގެން ހުރީ ޔާޝާ އާއި ޔޫޝައު ވެސް ނިމި ދާނެ ކަމަށެވެ. ނަމަވެސް ކަން ދިމާވީ ޔަމްހާ އުންމީދު ކުރި ގޮތަކަށް ނޫނެވެ. އަލިފާން ރޯވުމުން އަވަހަށް އެތަނުން ނުކުމެގެން ޔަމްހާ ދުރަށް ދިޔައެވެ.”ޔަމް ފްލައިޓް ގޮށްވާލައިފިން..” އެވަގުތު ޔަމްހާގެ އެކުވެރިޔާ ގުޅާފައި ބުންޏެވެ. ހެވިފައި އޯކޭއޭ ޔަމްހާ ބުންޏެވެ.

 

އަލިފާން ރޯވެފައިވާ ގޭގެ ތެރެއިން ޔޫޝައު ނިކުތީ ވަރަށް ހާލުންނެވެ. މީހުންތައް އޮތީ އެއްވެފައެވެ. ޔޫޝައުގެ އަތާއި ބަނޑުގެ އެއްބައި ވަނީ ފިހިފައެވެ. ލަސްނުކޮށް އެމީހުން ޔޫޝައު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިނެވެ. އޭރު ނޫސްތަކުގައި ފްލައިޓެއް ގޮވައިގެން އުޅޭ ވާހަކަ ފެތުރިއްޖެއެވެ. އެތަނުން ހަތަރު މީހަކު ނިޔާވިކަމާއި ދެންތިބި މީހުންނަށް އެކި އަނިޔާ ލިބުނުކަން ލިޔެފައި ވިއެވެ. މީހެއްގެ ފަރާތުން އެވާހަކަ އަޑު އިވުމުން ޔޫޝައު އަވަސް އަވަހަށް ނޫސް ބަލާލިއެވެ. އެ ފްލައިޓްގެ ފޮޓޯ އިނުމުން އެއީ ޔާޝާމެން ފުރި ފްލައިޓް ކަން އިނގެން ޔޫޝައު އަށް ސިކުންތެއްވެސް ނުނެގިއެވެ. ޔޫޝައުގެ ހިތް އަވަސް ވާން ފެށިއެވެ. ތިރިއަށް ދިޔަ އިރު އެ ދަތުރުގައި މަރުވި މީހުންގެ ފޮޓޯ ދައްކާފައި ވެއެވެ. ފުރަތަމަ ވެސް ލޮލުގައި އަޅައިގަތީ މެދު އުމުރުގެ ފިރިހެނެކެވެ. ބަލާ ބެލުމަށް ޔަމްހާ އާއި އެއްގޮތް ގޮތެއް ހުއްޓެވެ. ދެން ހުރީ ޒުވާން އަންހެން ކުއްޖެކެވެ. ތިން ވަނައަށް ހުރި މީހާ ފެނުމުން ޔޫޝައުގެ ނޭވާ ކަރުގައި ތާށިވިއެވެ. އެއީ ދެވަނަ އެހެން މީހެއް ނޫނެވެ. އޭނާގެ ލޯބިވާ ކޮއްކޮއެވެ. ފުރަތަމަ ޔޫޝައު އަށް ރޯންވެސް ހަނދާންނެތުނެވެ. އަތަށް ގުޅާފައިވާ އައިވީ ނައްޓާލަމުން ޔޫޝައު ކޮޓަރިން ނިކުތް ވަގުތު ދެތިން ނަރުހަކު ޔޫޝައު ހިފަހައްޓާލިއެވެ.”ޔާޝް.. އަހަރެން އޭނަ ކައިރިއަށް ގެންދޭ..” ޔޫޝައު ފެންކަޅިވިއެވެ. ބޮޑު ފިރިހެނަކު ހިފަހައްޓާލަން ނަރުސް ކުދިންނަށް އުނދަގޫ ވުމުން ނިދާ އިންޖެކްޝަނެއް ޔޫޝައު ގަޔަށް ޖެހިއެވެ.

 

ނިދާ ހެދުން ލައިގެން ޔަމްހާ ސޯފާގައި އޮށޯތެވެ. އޭރު ޓީވީ އިން ވެސް ދައްކަނީ ހަމަ އެއް ޚަބަރެކެވެ. ހަމަޖެހިލައިގެން ދެލޯ މަރާލި ވަގުތު ޔަމްހާގެ މަންމަ ގުޅަން ފެށިއެވެ.”ޔަމް ދަރިފުޅާ.. ބައްޕަ މަރު ވެއްޖެ.. ރަޝިޔާއިން ފުރި ފްލައިޓެއް ގޮވައިގެން.. ޔަމް..” ޔަމްހާގެ މަންމަ ރޮމުން ވާހަކަ ދެއްކިއެވެ. ޔަމްހާއަށް ހީވީ މީހަކު އޭނާގެ ބޮލުގައި ހޭނެތޭ ވަރަށް ޖެހި ހެންނެވެ. ބުނާނެ އެއްޗެއް ނޭނގިފައި ޔަމްހާ ޓީވީ އާއި ދިމަ ބަލާލިއެވެ. ހަނދާންވީ އަދި ކިރިޔާއެވެ. ޔަމްހާގެ ބައްޕަ މިދިޔަ ހަފްތާ ރަޝިޔާއަށް އައިސް މިއަދު ދާ ގޮތަށް ވަނީ ހަމަޖެހިފައެވެ. ޔަމްހާގެ ލޮލުން ކަރުނަ ފައިބަންފެށިއެވެ. ބައްޕަ ދާކަން އިނގޭނަމަ އޭނަ އެ ބޮން ނަގާނެއެވެ. އެވަގުތު ހަނދާންވީ ޔޫޝައު އާއި ޔާޝާގެ މަތިންނެވެ. އަވަސް އަވަހަށް ނޫހަށް ވަދެ ޔަމްހާ ބަލާލިއެވެ. ކުޑަ ކުއްޖަކު މަރުވުމުން އެ ޚަބަރުތައް ކިޔާ މީހުންގެ އަދަދު ކުރިއާ ބަލާފައި ގިނައެވެ. ޔަމްހާއަށް ހިތާއި ދިމާގައި އަތް އަޅާލެވުނެވެ. ލޯބިވާ މީހަކު އެގޮތަށް މަރުވުމުން ހިތުގައި އަޅާނެ ވޭން އިހުސާސް ވިއެވެ. ޔޫޝައު ހިތަށް ކުރާނެ އަސަރު ޔަމްހާއަށް ފުރަތަަމަ ފަހަރަށް ވިސްނާލެވުނެވެ. ކުރެވުނީ ކިހާ ބޮޑު ކުށެއްކަން ޔަމްހާއަށް ރޭކާލިއެވެ. ކެތް ނުވުމުން ޓީވީ ނިއްވާލާފައި ޔަމްހާ ހިތް ފުރެންދެން ރޯންފެށިއެވެ.

 

ޔަމްހާ ނިންމީ ވަގުތުން ރާއްޖެ ދާންށެވެ. އެވަގުތު ފޯނަށް މެސެޖެއް އައެވެ.”ޔަމްހާ.. އަހަރެން މަރެއް ނުވޭ.. އިނގޭ މި ގޭގައި ރޯކުރީ ޔަމްހާކަން.. ހަނދާން ކުރާތި ތިހެން ފިލައިގެން ނޫޅެވޭކަން.. ކޮންމެސް ގޮތަކުން ބަދަލު ހިފާނަން..” ޔޫޝައުގެ އެ މެސެޖުން ޔަމްހާ އިތުރަށް ދެރަވިއެވެ. ޔޫޝައު ސަލާމަތް ވީތާއޭ ހިތަށް އެރުމުން ޔަމްހާ ހިތުގައި ބިރުވެރިކަމެއް އުފެދުނެވެ. މުޅި އާއިލާ އަށް ގެއްލުން ދީފައި ހުރި މީހަކަށް ޔޫޝައު ކަމެއް ނުކޮށް ހުންނާނެ ހެން ޔަމްހާއަށް ހިއެއް ނުވެއެވެ. ޔަމްހާ އަނބުރާ ރާއްޖެ ދިޔައީ ކުރީގެ ރަނގަޅު ހިތްހެޔޮ ޔަމްހާގެ ގޮތުގައެވެ. އޭނަ އެ އާއިލާއިން އަތުލިހާ ފައިސާއެއް ހޯދިތާކު ބަހައްޓާފައެވެ. ރާއްޖެ އައިސް ޔަމްހާ ނީޝާ ކައިރީގައި އެ އުޅުން ދޫކޮށްލަން އެދުނު ނަމަވެސް އަބަދު އެކަމަށް އާދަ ވެފައި ވުމުން ނީޝާއަށް އެކަން ނުހުއްޓެވުނެވެ. ފަހުން ޔަމްހާ ދެކެ ނީޝާ ހިތްހަމަ ނުޖެހެން ފެށީ ޔަމްހާ އެގޮތަށް ނަސޭހަތް ދޭތީ އެވެ. ނުކްޝާން އާއި ކައިވެނި ކުރީ ވެސް ނިޝްފާގެ އެދުމުގެ މަތިން ނުކްޝާން އަށް ދޮގު ހަދައިގެންނެވެ. އެނޫން ގޮތަކަށް އެކަން ވާކަށް ނެތޭ ބުނެފައެވެ. ޔަމްހާ ދެކޮޅު ހެދުމުން ވެސް ނިޝްފާ އެހެން ހެދިއެވެ. އޭރު ވެސް ޔޫޝައުގެ ހަނދާންތަކުން ޔަމްހާ ސަލާމަތެއް ނުވެއެވެ. ކޮންމެވެސް ގޮތަކަށް ބަދަލުހިފާނެއޭ ބުނި ތަންކޮޅު ޔަމްހާގެ ހިތުތެރޭގައު އަބަދުހެން ގުގުމައެވެ. ކިރިޔާ ވެސް ހަމަޖެހުމެއް ލިބުނީ ނުކްޝާން އާއި ދޭތެރޭ އޮތް ގުޅުން ރަނގަޅު ވުމުންނެވެ.

 

***

 

ޔަމްހާ ކިޔާދީ ނިމުން އިރު ހުރީ ރޮވިފައެވެ. ޔޫޝައުއަށް ވެސް ހުރީ ރޮވިފައެވެ.”ޔަމްހާ ތިހެން ކިޔާދިން އިރު ނޭނގޭނެ އަހަރެންގެ ހިތުގައި އެޅި ވޭނެއް.. އަހަރެންގެ ބޭބެއާ އަހަރެންގެ ކޮއްކޮ އަކީ އަހަރެންގެ ފުރާނަ ކަހަލަ ބައެކޭ..” ޔޫޝައު ބުންޏެވެ. ނުކްޝާން ހައިރާންވީގޮތަށް އަނގަ ވެސް ހުޅުވުނެވެ.”އަހަރެން އަދިވެސް ޤަބޫލެއް ނުކުރަން ޔަމްހާ ބަދަލުވީ ކަމަކަށް.. ޔަމްހާ ބުނެދީބަލަ ކީއްވެ އުފަލުން އުޅެމުން އައި އާއިލާއެއްގެ ތެރެއަށް ވަނީ..” ކަރުނައިގެ ތެރެއިން ޔޫޝައު ޔަމްހާއަށް ބަލާލިއެވެ.”އައިމް ސޮރީއޭ ޔޫޝައު..” ޔަމްހާ ޔޫޝައު ކައިރިއަށް ފިޔަވަޅެއް އަޅާލިއެވެ.”ނުކުރާނަން ދުވަހަކު ވެސް މަޢާފެއް.. އަންހެނަކަށްވެ ހުރެ މައުސޫމް އަންހެން ކުއްޖެއް ފިރިހެނުންގެ ތެރެއަށް ދޫކޮށްލާފަ ރައްޓެހިވެގެން އުޅުނު ފިރިހެން ކުއްޖާއަށް ލަނޑު ދީ މަރާލީ ހިތެއް ނޯންނަތީދޯ.. އަދި އަހަރެމެންގެ މައިންބަފައިން ވެސް ވަކި ކޮށްފި.. އިނގޭ ޔާޝާ އާއި ޔަޝާން މަރާލީ ޔަމްހާ ނޫންކަން.. އެކަމް ޔަމްހާގެ އަތެއް ވެސް އެކަމުގައި ވާނެ..” ޔޫޝައު ކަރުނަތައް ފުހެލާފައި ޖީބަށް އަތް ޖަހާލިއެވެ.

 

ނުކްޝާން އަށް ޤަބޫލު ކުރަން ދަތިވިއެވެ. ހިތަށް އަސަރު ކުރިވަރުން ނުކްޝާން އަށް ބަލާލެވުނީ ނިޝްކާ އާއި ދިމަ އެވެ.”ޔޫޝައު އޭނަ އެ މަޢާފަށް އެދުނީނުން..” ޔަމްހާ އާއި ދިމަ ބަލާ ނުލައި ނުކްޝާން ގޮސް ނިޝްކާ އުރާލިއެވެ. ޔޫޝައު އަށް އެއްޗެއް ނުބުނެވި އުޅެނިކޮށް ނުކްޝާން އަނެއް އަތުން ޔަމްހާގެ އަތުގައި ހިފައިގެން އެގެއިން ނުކުމެގެން ދިޔައެވެ. ނުކްޝާން ޔަމްހާގެ އަތުގައި ހިފަހައްޓައިގެން ހުރިވަރު ބާރުކަމުން ޔަމްހާ އަށް އިނގުނީ ނުކްޝާން އެހުރީ ހިތްހަމަ ނުޖެހިފައިކަމެވެ. ގެއަށް ވަދެފައި ނުކްޝާން ފުލުހުންނަށް ގުޅާ ނިޝްކާ ފެނިއްޖެ ވާހަކަ ބުނެފައި ފޯނު ބޭއްވިއެވެ. އަދި ނިޝްކާ ގޮވައިގެން ކޮޓަރިއަށް ވަދެ ދޮރު ތަޅުލިއެވެ. ޔަމްހާ ރޮމުން އިސްޖަހާލިއެވެ. އޭނައަށް ހީވެފައި އޮތީ ރަނގަޅަށް ތާއެވެ. ޔަމްހާގެ ނުލަފާކަން އިނގުމުން ނުކްޝާން އޭނަ ދެކެ ރުޅި އަންނާނެ އެވެ. ކޮޓަރީގައި އުޅުން ނީކިޔާ ބޭރަށް ނިކުތީ ނުކްޝާން ބާރަށް ދޮރު ޖެހުމުންނެވެ.

 

“ކިހިނެއްވީ ޔަމް.. ނުކް ކޮބާ؟؟..” ނީކިޔާ ދޮރު ލައްޕާލަމުން އައިސް ޔަމްހާ ކައިރީގައި އިށީނެވެ.”ކކޮޓަރީގަ..” ނީކިޔާ ދުރަށް ޔަމްހާ މޫނު އަނބުރާލީ ރޯކަން ނުދައްކުމަށެވެ.”ނިޝް ގޮވައިގެން މި އައީ.. ހެހެ..” ނީކިޔާ ފާޑަކަށް ބަލަން އިނުމުން ޔަމްހާ މޫނު ފުހެލިއެވެ.”އަސްލުވެސް؟؟..” ނީކިޔާ އުފަލުން ނުކްޝާންގެ ކޮޓަރި ކައިރިއަށް ހުއްޓި ގޮވަންފެށިއެވެ. އެއަޑަށް ނިދާފައި އޮތް ނިޝްކާ ދެލޯ ހުޅުވާލިއެވެ.”ޑެޑީ..” ނުކްޝާން ފެނުމުން ނިޝްކާ ރޯންފެށިއެވެ.”ނިޝް ދޫނި ހުއްޓާލާ ކިހިނެއް ވީ..” ޓަކި ޖެހުމަށް އަޅާ ނުލައި ނުކްޝާން ނިޝްކާ ބޮލުގައި ފިރުމާލިއެވެ.”މަންމި ކޮބާ؟؟..” ނިޝްކާ ނުކްޝާން އާއި ދިމާއަށް ބަލާލިއެވެ.”މަ..މަންމި ނެތް.. ދަރިފުޅު ހުއްޓާލާ..” ނުކްޝާން ޖަވާބު ދިނުމާއެކު ބާރަށް ރޮއިގަންނަމުން ނިޝްކާ ނުކްޝާންގެ ގައިގައި އޮޅުލައިގަތެވެ.

 

ދޮރުގައި ކަންފަތް ޖަހައިގެން އަޑުއަހަން ހުރި ނީކިޔާއަށް ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން އިނގުނީ ނުކްޝާން މަންމި ނެތޭ ބުނުމުންނެވެ.”ޔަމް ކަމެއް ގޯސް ވީ ދޯ.. ކިހިނެއްވީ” ނީކިޔާ އައިސް ޔަމްހާ ކައިރީގައި އިށީނެވެ.”ނުކް އަހަރެން ދެކެ ރުޅި އައީ.. އެބަ އަންނަން ފެން ފޮދެއް ބޮއިގެން.” ނީކިޔާގެ ސުވާލު ތަކުން ސަލާމަތްވާން ޔަމްހާ ކާގެއަށް ވަނެވެ. އިތުރަށް ވާހަކަ ދައްކަން ޔަމްހާ ބޭނުން ނުވާހެން ހީވެގެން ނީކިޔާ ފުން ނޭވާއެއް ލާފައި ކޮޓަރިއަށް ވަނެވެ. ފެން ބޮއިގެން އައި އިރު ނީކިޔާ ނެތުމުން ވެފައި ހުރި ވަރުބަލިން ޔަމްހާއަށް ނިދުނީ ދޮރު ވެސް ތަޅު ނުލައެވެ. ނުކްޝާން އޭނަދެކެ ރުޅި އައިސްފައި ވުމުން ހިތުގައި ރިހުމެއް އުފެދިފައި ވުމާއި އެކު ނިޝްކާގެ ހާލު ދެކިލަން ބޭނުން ވުމުން ޔަމްހާ އަށް ނިދުނީ ވެސް ތަންކޮޅެއް ލަސްވީ ފަހުންނެވެ.

 

ޔޫޝައު ގެއަށް ވަދެގެން އައީ އޭނާގެ އެއްޗެހިތައް ހިފައިގެން އެގެއިން ނިކުންނަންށެވެ. ޔޫޝައުގެ ނަސީބު ވެސް ރަނގަޅީއެވެ. ސޯފާގައި ނިދިފައި އޮތް ޔަމްހާ ފެނިފައި މީ ރަނގަޅު ގަޑިއޭ ވިސްނުމުން ޔޫޝައު ހިނިތުންވިއެވެ. ނުކްޝާން ނާންނާނެއޭ ޔޫޝައު ހިތަށް އެރި ވަގުތު ނުކްޝާން ނިކުތެވެ.”ޔޫޝައު..” ނުކްޝާން ނުރުހިފައި ޔޫޝައުއަށް ބަލާލިއެވެ.”މިގޭގަ ޔޫޝައު އުޅެން މަ އެހާ ހިތްހަމައެއް ނުޖެހޭ..” ޔަމްހާ ކައިރިއަށް ދަމުން ނުކްޝާން ޔޫޝައުއަށް ބަލާލިއެވެ.”ނުކްޝާން އަށް އޯކޭ ދޯ ޔަމްހާ ކިތަންމެ ގޯސް ކަމެއް ކޮށްފައި ހުއްޓަސް؟؟..” ޔޫޝައު ފޫހިވެފައި އެހިއެވެ.”ބަދަލު ހިފުމެއް ނޯވޭ.. އޭނަ މަޢާފަށް ވެސް އެދުން.. އެހެންވެ މިހާރުން މިހާރަށް މިގެއިން ނިކުންނަން ވީއެއްނު ދޯ..” ޖަވާބު ދީފައި ނުކްޝާން ޔަމްހާ އަތްދަނޑި މައްޗަށް ލައިގެން ކޮޓަރިއަށް ވަނެވެ. ހިތްހަމަ ނުޖެހުނަސް އަމިއްލަ ގެއެއް ނޫންކަމުން ޔޫޝައު ފުސްމޫނު ހަދައިގެން ކޮޓަރިއަށް ވަނެވެ.

 

ޔަމްހާ ނިޝްކާ ކައިރީގައި އެނދުގައި ބާއްވާފައި ނުކްޝާން ވެސް އެމީހުން ކައިރީގައި އޮށޯތެވެ. ވިސްނެންފެށީ ޔަމްހާ ދެއްކި ވާހަކަ ތަކެވެ. ނުކްޝާން ހީކޮށްގެން ހުރީ ޔަމްހާ ވަރަށް ރަނގަޅު ކަމަށެވެ. އެއްވެސް ގޯސް ކަމެއް ނުކުރޭ ކަމަށެވެ. ބައެއް ފަހަރު ހީކުރާހާ ކަމެއް ޔަޤީން ނުވެދާނެއެވެ. ޔަމްހާއާއި މެދުގައި ހިތްހަމަ ނުޖެހުނަސް އެ ހިތުގައި ޔަމްހާއަށްޓަކާ ވި ލޯތްބަށް ކުޑަވެސް ބަދަލެއް ނާދެއެވެ. ނުކްޝާންއަށް ނިދިފައި އޮތް ޔަމްހާ އާއި ދިމާއަށް ބަލާލެވުނެވެ. އެހާ ފުރިހަމަ ދެވަނަ ސޫރައެއް މި ދުނިޔޭން ވެސް ނުކްޝާން އަށް ފެނުމަކީ ނާދިރު ކަމެކެވެ. ނުވަތަ ފެނުނަސް ލޯބި ވުމަކީ ދުވަހަކު ވެސް ވާނޭ ކަމެއް ނޫނެވެ. ނުކްޝާން ބަލަން އޮއްވައި ޔަމްހާ މަޑުމަޑުން ދެލޯ ހުޅުވާލާފައި ބޮލުގައި އަތް އަޅާލިއެވެ. ޔަމްހާއަށް ވީ ގޮތް ފެނިފައި ނުކްޝާން އަށް ބަލަހައްޓައިގެން ހުރެވުނެވެ.”ނުކް..” ނުކްޝާން ފެނުމުން ޔަމްހާގެ ހަރަކާތްތައް ލަސްވިއެވެ.

– ނުނިމޭ –

91