ލީނާ ކޮޓަރިން ނުކުތްއިރު ލޫޠް ފައިމައްޗަށް ލައިގެން ސޯފާގައި ނިދިފައި އިން ލައިނީ ފެނުމުން ހިތުގައި އެތަށް ސުވާލެއް އުފެދުނެވެ. ކުޑަކުޑަ ލޫޠަށްވެސް ނިދިފައިވުމުން އޭނާ ފިޔަވަޅު އަޅަމުން ދިޔައީ ވަރަށް މަޑުމަޑުންނެވެ. ލައިނީގެ ގާތުގައި ހުއްޓި ވަރަށް މަޑުމަޑުން ލައިނީއަށް ގޮވާލިއެވެ. ނަމަވެސް ލައިނީ ނުހޭލުމުން އޭނާގެ ގައިގައި އަތް ޖައްސާލިކަމެއް ނޭނގެ އަތް ދަމައިގަނެވުނީ އޭނާގެ ގައި ހޫނުކަމުންނެވެ. ލައިނީ ހުންއައިސްފައިވާކަން އޭނާއަށް ވަގުތުން ނަގައިގަނެވުނެވެ. އެހެންކަމުން އަނެއްކާވެސް ލައިނީއަށް ގޮވާލިއެވެ. ގަދައަށް ނިދިފައި އޮތް ލައިނީ ސިއްސައިގެން ގޮސްފައި ތެޅިގަތުމުން ފައިމަތީ ބާއްވާލާފައި އޮތް ކުޑަކުޑަ ލޫޠްވެސް ހޭލިއެވެ. އެކުއްޖާ އަރިއަޅާލާ ގޮތްވުމުން ހުޝިޔާރުކަމާއިއެކު ހަފްސާ ލޫޠްގައިގައި ހިފާއްޓާލަމުން އުރާލިއެވެ. ލައިނީއަށް މޭގައި އަތް އަޅާލާ ފުން ނޭވާއެއް ބޭރުކޮށްލެވުނީ ފުރާނަފަދައިން ލޯބިވާ ދަރިފުޅު ނުވެއްޓި ސަލާމަތްވުމުންނެވެ. ހޭލެވުމުން އަނެއްކާވެސް އޭނާއަށް ބޮލުގެ ރިހުން އިޙްސާސްވާން ފެށުމުން ނިތުގައި އަތް އަޅާލެވުނެވެ.

“ދަރިފުޅާ… ބޮލުގައި ރިއްސަނީތަ….؟؟؟؟” ރޮމުން ދިޔަ ލޫޠް މަސަލަސްކުރަން މަސައްކަތް ކުރަމުން ލީނާ އަހާލީ ލޯތްބާއި އޯގާތެރިކަމާއި އެކީގައެވެ. ލީނާއަށް ބަލާލުމަށްފަހު އިސްޖަހާލަމުން ލައިނީ ބޯޖަހާލިއެވެ.

“ވަރަށް ގަދައަށް ހުންވެސް އައިއްސަ ތިއިނީ…. ލޫޠްގެ ހައިކަން ފިލުވާލަދީ…. އެހާއިރަށް މަންމަ އަންނާނަން ދަރިފުޅަށް ނާސްތާ އާއި ބޭސް ހިފައިގެން…..” މިހެން ބުނެފައި ލައިނީގެ އަތަށް ލޫޠް ދީފައި ލީނާ ހިނގައިގަތީ ކާގެއާއި ދިމާއަށެވެ.

**********

ލައިނީގެ ނާސްތާ ހިފައިގެން ލީނާ އައިއިރު ލައިނީ އިނީ ސޯފާގައި ހަށިގަނޑު ދަމާލައިގެންނެވެ. އޭނާ އިނީ ލޯމަރާލައިގެންނެވެ. ލޫޠް އޮތީ އޭނާގެ ގާތުގައި ސޯފާގައި ބާއްވާފައެވެ. ހައިކަން ފިލައި އިރުކޮޅަކު ނިދާލެވުމުން ނޫންކަމެއްވެސް ނޭނގެއެވެ. އަޑެއްވެސް ލައްވާނުލައި ބަސްއަހާލައިގެން އޮތެވެ.

ލީނާ ގެނައި ތަބަށް ދިއްކޮށްލުމުން ބަސްއަހާ ކުޑަކުއްޖެއް ފަދައިން ލައިނީ އޭގައިވާ ސޭންޑްވިޗް ކާލުމަށްފަހު ކިރުތަށި އެކީ ހުސްކޮށްލިއެވެ. އަދި ލީނާ ގެނައި ބޭސްގުޅަވެސް ކާލިއެވެ.

“ދަރިފުޅު ދެންދޭ ރަނގަޅަށް ނިދާލަން….. މަންމަ ލޫޠް ބަލާނަން……” ލޯތްބާއިއެކު ލައިނީގެ ބުރަކަށީގައި ފިރުމާލަމުން ލީނާ ބުނެލިއެވެ. އިސްޖަހާލައިގެން އިން ލައިނީ ބޯޖަހާލަމުން ތެދުވީ މިވަގުތު އޭނާވެސް އެގޮތް ބޭނުންވެފައި ވުމުންނެވެ. ލޫޠްގެ ނިތަށް ބޮސްދީފައި ލައިނީ ގޮސް ކޮޓަރިއަށް ވަންނަންދެންވެސް ލީނާއަށް ބަލަން އިނދެވުނީ ހިތުގައި އެތައް ސުވާލެއް އުފެދިފައިވާ ޙާލުއެވެ. ނަމަވެސް ލައިނީގެ ބަލިޙާލަތުގެ ސަބަބުން މިވަގުތު އެއްވެސް ސުވާލެއް ކުރަން އޭނާ ބޭނުން ނުވީއެވެ.

**********

އޮފީހަށްދާން ތައްޔާރުވެގެން ރަޔާން ނުކުތްތަން ފެނުމުން ޖާވިދުގެ ގާތު ސޯފާގައި އިން ލީނާއަށް ނިކަން ފަރުވާތެރިކަމާއިއެކު ރަޔާނަށް ބަލާލެވުނެވެ. ރަޔާނަށްވެސް ލީނާމެން ފެނުމުން ލީނާގެ އުނގުގައި އޮތް ލޫޠުގެ ކޮލުގައި އިނގިލި ޖައްސާ ކޮށްޓާލުމަށްފަހު ކާގެއަށް މިސްރާބުޖެހުމުން ލީނާވެސް އޭނާގެ ފަހަތުން ދިޔައީ ޖާވިދުގެ އަތަށް ލޫޠް ދީފައެވެ.

“ލައިނީ ބަލިކޮށް އުޅޭއިރުވެސް ދަރިފުޅު އޮފީހަށް ދަނީތަ……؟” ރަޔާނަށް ސައި ތައްޔާރުކޮށްދެމުން ލީނާ އަހާލުމުން ރަޔާން ބަލާލިގޮތުން ހީވީ އޭނާއަށް އެއިންކަމެއް ނޭނގޭހެންނެވެ.

“ލައިނީ ބަލި ވާހަކައެއް ނުބުނެ…. އޭނައަށް ކިހިނެއްވީ… ؟؟؟” ހިނދުކޮޅަކަށް ހައިރާންވީ ނަމަވެސް ހަމަޖެހިލަމުން ރަޔާން އަހާލިއެވެ. ލީނާގެ ޝައްކަށް ބޮޅެއް އިތުރުވީއެވެ. ލައިނީގެ ޙަރަކާތްތަކުން އެދެމެދުގައި ކޮންމެވެސް މައްސަލައެއް އުޅޭކަމަށް އޭނާއަށް ވަނީ ކުރިންވެސް ޝައްކުވެފައެވެ.

“އޭނަ ވަރަށް ގަދައަށް ހުން އައިސްފައި އޮތީ…. މަންމަ ގާތުގައިވެސް ނުބުނެ… ހެނދުނު ނުކުތްއިރު ސިޓިންގރޫމްގައި ނިދިފައި އޮތީ…. ގޮވަން ގައިގައި އަތް ޖަހާލީމަ އެނގުނީ ހުން އައިއްސަކަން…. ބޮލުގައިވެސް ރިއްސާތީ އުޅެނީ….” ރަޔާންގެ އަތަށް ސައިތަށި ދިއްކޮށްލަމުން ލީނާ މިހެން ބުނުމުން ރަޔާން ބޯ ޖަހާލިއެވެ.

“ލައިނީ ކީއްވެ ސިޓިންގރޫމްގައި އެ އޮތީ…..؟؟؟” ރަޔާންގެ މޫނަށް ބަލަން އިނދެ ލީނާ އަހާލިއެވެ.

“ލޫޠް ރޯންފެށީމަ ހުއްޓާނުލައިގެން ކޮޓަރިން ނުކުތީ… އެތާ އިންދާ ލޫޠަށް ނިދުނީމަ އޭނާއަށްވެސް ނިދުނީ ކަންނޭނގެ…..” އާދައިގެ ގޮތަކަށް ރަޔާން ބުނެލިއެވެ.

“ދަރިފުޅުމެން މައްސަލައެއް ޖެހިގެންތަ ތި އުޅެނީ…..؟؟؟” އަހަން ނާހަން އިނދެފައިވެސް ލީނާއަށް އަހާލެވުނެވެ. ދެންވެސް ރަޔާން ބޯ ހޫރާލީ އެވާހަކައަށް މާބޮޑު ޝައުގުވެރިކަމެއް ދިނުމެއް ނެތިއެވެ.

“ދެން ހަމަ އޮފީހަށް ދަނީތަ….؟؟؟  މިއަދު ނުގޮސް މަޑުކޮށްލަންވީނު…. ލައިނީވެސް ހިތްހަމަ ޖެހޭނެ……” ސައިބޮއެ ނިންމާލައިގެން ރަޔާން ތެދުވުމުން ލީނާއަށް އަހާލެވުނެވެ. ވާނީވެސް އެހެންތާއެވެ. ރަޔާނަކީ މީގެ ކުރިން ލައިނީ ބަލިވެ އުޅެންޏާ އޮފީހަށް ނުގޮސް ލައިނީގެ ގާތުގައި މަޑުކުރާ މީހެއް ވިއްޔާއެވެ.

“މިއަދު އެބަޖެހޭ ކޮންމެހެންވެސް ދާން…. މިއަދަށް ނިންމަން ޖެހޭ ވަރަށް މުހިއްމު މަސައްކަތެއް އިންނާނެ…. އެކަމަކު ބަލާނަން ނިންމާލާފަ އަވަހަށް އާދެވޭތޯ…..” ލީނާގެ ގާތުގައި މިހެން ބުނެފައި ރަޔާން ނުކުމެގެން ދިޔައީއެވެ. ދަމުން ދިޔައީ ލޫޠް އުރާލާފައެވެ. ލީނާ ހައިރާންވީ ލައިނީ ބަލިކަން އެނގުނީމަވެސް އޭނާގެ ގާތަށް ނުގޮސް އޮފީހަށް ދިޔައީމައެވެ.

**********

ހަވީރުގެ ވަގުތެވެ. ލޫޠް ރީތިކޮށް ނިންމާލުމަށްފަހު ލައިނީ އިނީ އޭނާ ގޮވައިގެން ކޮޓަރީގައެވެ. ހެނދުނު ރަނގަޅަށް ނިދާލެވުމުން އޭނާގެ ބޮލުގެ ރިހުންވެސް ފިލާފައިވެއެވެ. ހުމުގެ އަސަރުވެސް މިހާރަކު ނެތެވެ. މީހާ ފެންނަނީ ނުހަނު ތާޒާކޮށެވެ. ތުންފަތުގައި ލުއި ހިނިތުންވުމެއްވީ ދުވަސްތަކަކަށްފަހު ރަޔާން އޭނާގެ ޙާލު އަހާލާ އިރުކޮޅަކު އޭނާއާއި ވާހަކަ ދައްކާ ހަދާލުމުންނެވެ. ދޮރުގައި ޓަކި ޖަހާލިއަޑު އިވިފައި އެ އިން ގޮތަށް އިނދެފައި އެތެރެއަށް ވަނުމަށް ބުނެލިއެވެ. ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ވަދެގެން އައި ރުހާ ފެނިފައި ލައިނީގެ ހިނިތުންވުން ފުންވެ ކޮޅަށް ތެދުވެވުނެވެ. އަވަސް ފިޔަވަޅުތަކެއް އަޅަމުން ގޮސް ރުހާގެ ގައިގައި ބައްދާލެވުނީ އުފާވެފައި ހުރިވަރުންނެވެ. ރުހާގެ ފަހަތުން ކޮޓަރިއަށް ވަން މިކްޔާން އޭނާގެ ލޮލުގައި އަޅައިގަތީ އަދި މާފަހުންނެވެ. އޭނާ މިކްޔާނަށް ހިނިތުންވެލުމުން މިކްޔާންވެސް ހިނިތުންވެލަމުން ރަނގަޅުހޭ އަހާލިއެވެ. ލައިނީ ބޯޖަހާލިއެވެ. ރުހާ ލައިނީގެ އަތުގައި އޮތް ކުޑަކުޑަ ލޫޠް އުރާލަމުން ލޯބިކޮށްލިއެވެ. އެއަށްފަހު އެދަރިފުޅު މިކްޔާންގެ އަތަށް ދެމުން ލޮލުން އިޝާރާތްކޮށްލިއެވެ. މިކްޔާން ބޯ ޖަހާލަމުން ލޫޠް ގޮވައިގެން ސިޓިންގރޫމަށް ދިއުމުގެ ހުއްދައަށް އެދުމުން ހިނިތުންވެފައިހުރެ ލައިނީ ބޯޖަހާލިއެވެ.

މިކްޔާން ނުކުމެގެން ދިއުމުން ރުހާ، ލައިނީގެ އަތުގައި ހިފައިގެން ގޮސް ލައިނީ ސޯފާގައި ބޭންދުމަށްފަހު އޭނާވެސް ލައިނީގެ ގާތުގައި އިށީނެވެ.

“ލައި….. މިހާރު ކިހިނެއްތަ…؟؟؟ މަންމަ ބުނި ބަލިވެ އުޅޭ ވާހަކަ…..” ލައިނީގެ އަތުގައި ހިފާލައިގެން އިނދެ ރުހާ އަހާލިއެވެ.

“ހެހެހެ…. މަންމަވެސް ދޯ…. އެއީ ނިދި ހަމަނުވާތީ ބޮލުގައި ރިއްސީ…. މިހާރު ދެން ރަނގަޅަށް ނިދާލެވުނީމަ އޯކޭ…. މަންމަ އަހަރެން ބަލިވެ އުޅޭ ވާހަކަ ބުނީމަތަ ތި އައީ…..؟؟؟” ލުއި ހިނިތުންވުމަކާއިއެކު ލައިނީ ވާހަކަދެއްކިއެވެ. މިއިން ދުވަހަކު އެ މޫނުން ނުފެންނަ އުޖާލާކަމެއް އެމޫނުމަތީގައވީ ރުހާއާއި ބައްދަލްވުމުންނެވެ.

“ހަމައެކަނި އެހެން ވެގެންނެއް ނޫން….. މަންމަ ބުނި މިހާރަކަށް އައިސް ލައި ވަރަށް ދެރަވެފައި ހުންނަހެން ހީވެއޭ…. ބޮޑަށް ހީވަނީ ދޮންބެއާއި ދެމީހުން މައްސަލައެއް ޖެހިގެން އުޅޭހެންނޭ ބުނީ….. އެކަމަކު މަންމަ އަހައިގެން ލައި އެއްވެސް ވާހަކައެއް ކިޔައިދޭނެހެން ހީނުވާތީ އަހަރެން ގާތު ބުނި ލައި އާއި ވާހަކަ ދައްކާލަން…. އެހެންވެ އަހަރެން ހިތަށް އެރީ ލައި ގާތަށް އައިހޭ ވާހަކަ ދައްކާލާނީ…. އޭރުން ލޫޠްއާއިއެކުވެސް ވަގުތު ހޭދަކޮށްލެވޭނެއެއްނު…..” ރުހާގެ ވާހަކަތައް އިވިފައި ލައިނީގެ މޫނުގެ އުޖާލާކަން ކެނޑި މީހާ މައިތިރިވިއެވެ. އިސްދަށަށް ޖަހާލެވުނީ އެ މޫނުމަތިން ރުހާއަށް އިތުރުކަމެއް އެނގިދާނެތީއެވެ. ލައިނީ ސިއްރުކުރަން ކިތަންމެ މަސައްކަތް ކުރިނަމަވެސް ލައިނީއައި އެ އައި ބަދަލު ރުހާއަށް ފާހަގަ ކުރެވުނެވެ.

“ލައި….. ކޮންމެ ދެމަފިރިއެއްގެ ދޭތެރޭވެސް މައްސަލަޖެހޭނެ…. ޚާއްސަކޮށް ކުދިން ލިބުމަށްފަހު، ބައެއް ގުޅުންތަކަށް ހީނަރުކަން އައިސްދާނެ…. ބައެއް ގުޅުންތައް ވަރުގަދަވެސް ވެދާނެ…. މީ ދިރިއުޅުން…. ދިރިއުޅުމުން ޙަޔާތުގެ އެކިކުލަވަރުތައް ފެނިގެން ދާނެ…. އެކަމަކު ދިރިއުޅުމުގައި އަންނަ އަޑިގުޑަންތަކުން އަރައިގަތުމަށް ދެމަފިރިން އެކުގައި މަސައްކަތް ކުރަން ވާނީ…. މައްސަލަތައް ޖެހޭކަމުގައި ވަންޏާ ދެމަފިރިން ވާހަކަ ދައްކައިގެން ޙައްލު ކުރަންވާނީ…. ލައި ނުބުންޏަސް ލައި އަށް ތިއައި ބަދަލުން އަހަންނަށް އެނގިއްޖެ ދެމީހުން ދޭތެރޭ ކޮންމެވެސް ކަންތައްތަކެއް އުޅޭކަން…. އެކަމަކު ލައި ބޭނުމިއްޔާ އަހަންނާ ޚިއްސާކުރާނީ…. އަހަރެން މި ހުރީ ލައިގެ ވާހަކަތައް އަޑުއަހާ ލައިއަށް އެހީވާން ތައްޔާރަށް….” މިހާ ހިސާބަށް ވާހަކަ ގެންގޮސްފައި ރުހާ އިތުރަށް އެއްޗެކޭ ނުބުނެ މަޑުކޮށްލީ ލައިނީ އެއްޗެކޭ ބުނޭތޯއެވެ. ނަމަވެސް ހީކުރިގޮތަށް ލައިނީ އެއްވެސް އެއްޗެކޭ ނުބުނެއެވެ. އިސްދަށަށް ޖަހާލައިގެން އިން ގޮތަށް އިނީއެވެ.

“އަހަންނަށް ހީވިއޭ ދޮންބެގެ ދެކޮޅަށް އަހަރެންގެ ގާތުގައި އެއްވެސް އެއްޗެކޭ ނުބުނާނެއޭ… އެކަމަކު އަހަރެން ޤަބޫލުކުރަން އެއީ އަހަރެންގެ ދޮންބެ ވިޔަސް ދޮންބެވެސް ގޯސްވެދާނެކަން…. އެހެނޭ ކިޔާފަ އަހަރެން ދޮންބެ ރަނގަޅެއް ނުކުރާނަން…. މި ވީހާތަނަށްވެސް ދޮންބެގެ އެއްވެސް އުނިކަމެއް ނޫނީ ގޯސް ވާހަކައެއް ލައި އަހަރެން ގާތަކު ނުދައްކާ…. ލައި މިހާރުވެސް ފަސްޖެހެނީ އެހެން ވެގެން ކަމުގައި ވާނަމަ އެންމެ ރަނގަޅު އަހަންނަށް ނުކިޔައިދިނަސް…. އެކަމަކު ދޮންބެ އާއި ވާހަކަ ދައްކައިގެން މައްސަލަތައް ޙައްލުވޭތޯ ބަލާތި އިނގޭ…..” އޯގާތެރިކަމާއިއެކު މިހެން ބުނެފައި ރުހާ ތެދުވީ އެތަނުން ދާށެވެ. އެވަގުތު ކުއްލިއަކަށް ރުހާގެ އަތުގައި ހިފައި ލައިނީ ހުއްޓުވިއެވެ. އަދި ތެދުވިގޮތަށް ރުހާގެ ގައިގައި ބައްދާލައިގެން ހުރެ ރޯން ފެށިއެވެ. ލައިނީގެ ބުރަކަށީގައި ފިރުމާލަ ފިރުމާލާ ބަހެއް ނުބުނެ ރުހާ ހުރީ ލައިނީއަށް ރޯލުމަށް ފުރުޞަތު ދީގެންނެވެ. ރޯލުމުން އެ ހިތަށް ކުޑަ ނަމަވެސް ހަމަ ޖެހުމެއް ލިބޭނެހެން ހީވާތީއެވެ. އިރުކޮޅަކު އެގޮތުގައި ހުރެފައި ލައިނީ ރުއިން ހުއްޓާލަމުން ރުހާ އާއި ދުރުވެލިއެވެ.

“ލައިގެ ތި ކެތްތެރިކަމަށް އަހަރެން ސާބަސް ދެން…. އެކަމަކު އަބަދު ތިގޮތުގައި ހިތާމަ ކުރަން ވެއްޖިއްޔާ އޭގެ އަސަރު ލައިގެ އިތުރުން ލޫޠްއަށްވެސް ކުރާނެ…. ޖެހިގެން ތި އުޅެނީ ކޮންމެ ކަހަލަ މައްސަލައަކަށް ވިޔަސް ދޮންބެ އާއި ވާހަކަ ދައްކައިގެން ވީހާވެސް އަވަހަށް ޙައްލުކުރެވޭތޯ ބަލާތި އިނގޭ…..” ނުހަނު ލޯތްބާއިއެކު ލައިނީގެ ދެލޮލުން އައިސްފައިވާ ކަރުނަތައް ފުހެލައިދެމުން އޭނާގެ ދެއަތުގައި ހިފަހައްޓައިގެން ހުރެ އޯގާތެރިކަމާއިއެކު ރުހާ ވާހަކަ ދެއްކުމުން ލައިނީ ބޯ ޖަހާލީ އޭނާގެ ވާހަކަތައް ޤަބޫލުކުރުމުގ ގޮތުންނެވެ. ލައިނީގެ ގާތު މޫނުދޮވެލައިގެން އައުމަށް ބުނެފައި ރުހާ ކޮޓަރިން ނުކުންނަށް ހިނގައިގަތީ ލައިނީއަށް ރީތި ހިނިތުންވުމެއް ދީފައެވެ.

 

ރުހާ ކޮޓަރިން ނުކުތްއިރު މިކްޔާންގެ އުނގުގައި އޮތް ލޫޠަށް އޮތީ ނިދިފައެވެ. މިކްޔާންގެ ގާތުގައި ލީނާއާއި ޖާވިދު ތިއްބެވެ. އޮލަ ވާހަކައެއްގައި ތިބެފައި ތިން މީހުން އެއްފަހަރާ ރުހާއަށް ބަލާލިއެވެ.

“ކޮބާ ކީކޭ ލައިނީ ބުނީ…..” ރުހާ އައިސް އިށީނުމުން ލީނާ އަހާލިއެވެ.

“މަންމައަށް ހީވީ ހަމަ ރަނގަޅަށް…. ދެމީހުން ދޭތެރޭ ކޮންމެވެސް މައްސަލައެއް ޖެހިގެން އެ އުޅެނީ…. އެކަމަކު ސީދާ ވީ ކީއްކަމެއް އަހަންނަކަށްވެސް ނޭނގެ… ލައި ނުކިޔައިދޭ…. ވަރަށް ދެރަވެފައި އޭނަ އެ ހުންނަނީ…. އަހަރެން ނުކުންނަން އަންނަން ފެށީމަ ވަރަށް ރޮއުނު….. ހަމައަކަށް އެޅުނީމަ އަހަރެން މި އައީ އަންނާށޭ ބުނެފައި….” ވަކިވަކިން އެންމެންގެ މޫނަށް ބަލާލަމުން ރުހާ ކިޔައިދިނެވެ.

“ދަރިފުޅު ދެން ދޮންބެއާއިވެސް ވާހަކަ ދައްކާލާ ނަސޭޙަތްލައިދީބަލަ…. ބައްޕަމެންނަށްވުރެން ދަރިފުޅާ މާތް ގާތްކޮށް ދޮންބެ އުޅެނީ…. ދަރިފުޅު ބުނީމަ މާ ފަސޭހައިން ޤަބޫލުކުރާނެ….” ރުހާގެ ވާހަކަ އަޑުއަހާފައި ޖާވިދު މިހެން ބުނުމުން ރުހާ ބޯ ޖަހާލިއެވެ.

**********

ރޭގަނޑުގެ ވަގުތެވެ. ރުހާއާއި ރަޔާން ތިބީ ގޭގެ ބިއްދޮށް ފަރާތުގައި ހުރި ޖޯލީގައި އިށީނދެގެންނެވެ. ރަޔާންގެ ދިރިއުޅުމާ ބެހޭ ގޮތުން މީގެ ކުރިން އެއްވެސް ވާހަކައެއް ދައްކާފައި ނުވާތީ ރުހާ އިނީ އެވާހަކަ ދައްކަންވުމުން އުނދަގޫވެފައެވެ.

“ރުހާ… ކިހިނެއްވީ މާ މަޑުން ތި އިނީ…. ކޮން ވާހަކައެއް ދައްކަން ދޮންބެ މިތަނަށް ތި ގެނައީ….؟؟؟” ރުހާ މާ މަޑުން އިނުމުން އޭނާއަށް ބަލާލަމުން ރަޔާން އަހާލިއެވެ. ރުހާ ރަޔާނަށް ބަލާލަމުން ހިނިތުންވެލިނަމަވެސް އޭނާ އިނީ ހިތްނުތަނަވަސްވެފައެވެ.

“ދޮންބޭ… އަހަރެން ބޭނުމެއް ނޫން ދެމަފިރިއެއްގެ ދޭތެރޭގެ ކަންތައްތަކާ ބެހޭކަށް… އެކަމަކު އަހަންނަށް ހީވަނީ ދޮންބެއާއި ލައިއާއި ދެމެދު ކޮންމެވެސް މައްސަލަތަކެއް އުޅޭހެން…. މަންމައަށް އެހެން ހީވެގެން ބުނީމަ އަހަރެން ލައި އާއިވެސް ވާހަކަ ދެއްކިން… އޭނަ އެއްވެސް އެއްޗެއް ނުބުންޏަސް ވަރަށް ދެރަވެފައި އިނީމަ އަހަންނަށް އެނގުނު ކޮންމެވެސް ކަމެއް އުޅޭކަން…. ވީ ކީއްކަމެއް ނޭނގެންޏާ އަހަރެންވެސް އެއްވެސް މީހަކު ކުށްވެރިއެއް ނުކުރާނަން… އެކަމަކު އަހަރެން އެވާހަކަތައް ދެއްކީމަ ލައި ދެރަވެގެން ވަރަށް ރުއި… އޭނާ ރޯތަން ފެނުނީމަ އަހަރެންވެސް ވަރަށް ދެރަވި… އޭނާ އެ ހުންނަނީ ވަރަށް ދެރަވެފައި…. އޭނަގެ ޢަމަލުތަކުން އެކަން އެނގޭ…. އެވަރުންވެސް އެއްވެސް ވާހަކައެއް ނުކިޔައިދޭ އަހަންނަކަށް….” ރުހާގެ ވާހަކަ މެދު ކަނޑާލަމުން ރަޔާނަށް ބަލާލިއެވެ. ދެންމެއަކާއި ޖެހެންދެން ހިނިތުންވެލައިގެން އިން ނަމަވެސް ރުހާގެ ވާހަކަތަކުން އޭނާގެ މޫނުގެ ކުލަވަރުވެސް ބަދަލުވެގެން ދިޔައެވެ. ދުރުބަލަހައްޓައިގެން އިން އިރު އޭނާ އިނީ ދެއަތް ޖޯޑުކޮށްލައިގެން ދަތްދޮޅީގައި އަޅުވާލައިގެންނެވެ.

“ދޮންބޭ….” ރަޔާނަށް ބަލަން އިނދެފައި ރުހާ ގޮވާލިއެވެ. ރަޔާން ރުހާއަށް ބަލާލަމުން ޖޯލީގައި ހަމަޖެހިލިއެވެ.

“އަހަރެމެންގެ ދޭތެރޭ އެއްވެސް މައްސަލައެއް ނުޖެހޭ…. އެކަމަކު….” ރަޔާން ފަސްޖެހުނެވެ. ރުހާއަށް އެކަން ނަގައިގަނެވުނެވެ.

“ދޮންބޭ…. ވެގެން ތި އުޅޭ ގޮތެއް އަހަންނަށް ކިޔައިދޭން އުނދަގުލިއްޔާ ނުކިޔައިދިނަސް އޯކޭ ވާނެ…. އެކަމަކު ތި ދެމެދުގައިވާ ދުރުމިން ދުރުކުރެވޭނީ ދޮންބެއާއި ލައިއާ ދެމީހުން އެކުގައި ވާހަކަ ދައްކައިގެން…. ދިރިއުޅުމުގައި ތިކަހަލަ ވަރަށް ބައިވަރު ކަންތައްތަކާއި ކުރިމަތިލާންޖެހޭނެ… އެކަހަލަ ވަގުތުތަކުގައި ގުޅުން ހީނަރުވެގެން ދިޔުމުގެ ކުރިން ދެމީހުން އެކަކު އަނެކަކާ ވާހަކަ ދައްކާ ގުޅުން ރަނގަޅު ކުރެވޭތޯ މަސައްކަތް ކުރަންވާނެ….” ވިސްނޭ ހަރުމީހެއް ފަދައިން ރުހާ ވާހަކަ ދެއްކުމުން ރަޔާން އެވާހަކަތައް ޤަބޫލުކުރުމުގެ ގޮތުން ބޯ ޖަހާލިއެވެ.

“އަހަންނަށް ފާހަގަ ކުރެވުނު ކަމެއް ބުނަންތަ….؟؟؟؟” ރުހާ މިހެން ބުނުމުން ރަޔާން ބޯ ޖަހާލިއެވެ.

“އަހަންނަށް ފާހަގަ ކުރެވުނު ދޮންބެވެސް އަދި ލައިވެސް އެކަކު އަނެކަކުގެ ވާހަކަ އަހަންނާ ޚިއްސާ ކުރަން ބޭނުން ނުވާކަން…. އޭގެއިންވެސް އެ ހާމަ ވަނީ ތި ދެމެދުގައިވާ ލޯތްބާއި އެކަކު އަނެކަކަށް އިޚްތިރާމްކޮށް އަނެކާއާއިމެދު ވިސްނާ އެހެން މީހުންގެ ކުރިމަތީ ބައިވެރިޔާގެ ގޯސް ވާހަކަ ދައްކަން ބޭނުން ނުވާކަން….. ތީ ވަރަށް ރަނގަޅު ސިފައެއް… ތިހާ ލޯބިލޯބި ގުޅުމެއްގައި ކުނި ޖެހުނަ ނުދީ ދޮންބޭ…. ދެމީހުން ހަމަޖެހިލައިގެން ވާހަކަ ދައްކާލަން އަހަންނަށް ވަރަށް ފެނޭ…. އޭގެ ކުރިން އަހަރެން ބުނަންތަ ވާހަކައެއް….” މިފަހަރުވެސް ރަޔާން ހަމައެކަނި ބޯ ޖަހާލީއެވެ.

“ދޮންބޭ… އަންހެނަކު ބަލިވެ އިނުމާއި ހަމައިން ފެށިގެން ވިހެއުމަށްފަހު ފުރަތަމަ ދުވަސްކޮޅު އެއީ ފިރިމީހާގެ އެހީތެރިކަމާއި އަޅާލުމާއި ލޯތްބާއި އޯގާތެރިކަން ވަރަށް ބޮޑަށް ބޭނުންވާނެ ދުވަސްކޮޅެއް… އެދުވަސްކޮޅަކީ އަންހެނުންނަށް ވަރަށް ގިނަ ގޮންޖެހުންތަކާ ދިމާވާ ދުވަސްތަކެއް…. ނަފްސާނީ ގޮތުންނާއި ޖިސްމާނީގޮތުންވެސް އެމީހުންނަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަންނާނެ…. އުޅުމަށާއި ދިރިއުޅުމަށްވެސް ވަރަށް ބޮޑު ބަދަލެއް އަންނާނެ… ޚާއްސަކޮށް ފުރަތަމަ ދަރިފުޅު ލިބޭތަނުން…. އެއީ އެމީހުންނަށް މުޅިން އައު ކަންތައްތަކެއް…. އަލަށް މަންމައަކަށްވުމުން ވަރަށް ގިނަ ކަންތައްތަކާއި ކުރިމަތިލާންޖެހޭނެ…. ވަރުބަލިވެދާނެ، ދެރަވެދާނެ، ރުޅިއައިސްދާނެ، ދެން ހަދަންވީ ގޮތެއް ނުވިސްނިދާނެ، ދަރިފުޅު ހުއްޓުވަން ކުރަންވީ ކީއްކަމެއް ނޭނގިދާނެ، މިހެން ގޮސް ވަރަށް ބައިވަރު ކަންތަކާ ކުރިމަތިލާންޖެހޭނެ…. އެފަދަ މީހުންނަށް ޚާއްސަ ގޮތެއްގައި ފިރިމީހާގެ އަޅާލުން ވަރަށް މުހިއްމު ވާނެ… ލައިނީގެ ފަރާތުން އަހަންނަށް ފެނުނީ އެފަދަ ކަންތައްތަކެއް… އޭނަ އެވަނީ ދޮންބެގެ އަޅާލުމަށް ވަރަށް ބޮޑަށް ބޭނުންވެފައި… ދޮންބެ އޭނާ ދެރަ ނުކުރައްޗޭ…. ތިދެމެދުގައި ތި އުޅޭ ކަންތައްތަކަށް ދެމީހުން ވާހަކަ ދައްކައިގެން ޙައްލު ގެނެވޭތޯ މަސައްކަތްކުރައްޗޭ އެނގޭ….” އެ ހުރިހާ ވާހަކައެއް ދެއްކުމަށްފަހު އާދޭހުގެ ރާގެއްގައި ރުހާ ބުނެލިއެވެ.

“ރުހާ…. ދޮންބެވެސް ޤަބޫލުކުރަން ދޮންބެއަށް ލައިނީ ދުރުކޮށްލެވުނު ކަން… އެކަމަކު ދޮންބެ ޤަސްދުގައި ކުރިކަމެއް ނޫން އެއީ…. ރުހާ ހާސްނުވޭ…. ދޮންބެ ލައި އާއި ވާހަކަ ދައްކައިގެން އެ ކަންތައްތައް ޙައްލުކުރާނަން…. ލައި އަށް އަޅާލުމާއި ލޯބި ދޭނަން…. އެކަމަކު އެ ވާހަކަ ދައްކާނީ މިރެއަކު ނޫން….. ދެމީހުންވެސް ހަމައަކަށް އެޅުނީމަ އެ ވާހަކަ ދައްކާނީ….” މިހެން ބުނެފައި ރަޔާން ލުއިގޮތަކަށް ހީލުމުން ރުހާގެ ހިތަށް ހަމަޖެހުން ލިބިގެން ދިޔައެވެ. ލުއި ހިނިތުންވުމަކާއިއެކު އޭނާވެސް ބޯ ޖަހާލިއެވެ.

**********

ޖެހިގެން އައި ދުވަހުގެ ހެނދުނު ރުހާމެން އެނބުރި މިކްޔާންގެ ރަށަށް ދިޔައީ އެދުވަހު ރިދާމެންވެސް ރަށަށް އައުމަށް ހަމަޖެހިފައިވީތީއެވެ. މާލޭގައި ތިބި ޑޮކްޓަރުންނަށް ދައްކައިގެންވެސް އަލި މަގެއް ނުލިބުމުން ރިދާމެން ރާއްޖޭން ބޭރުގެ އެކި ޤައުމުތަކަށް ގޮސްވެސް ޑޮކްޓަރަށް ދެއްކިއެވެ. ނަމަވެސް އެންމެންގެ ފަރާތުންވެސް ލިބެނީ ހަމަ އެއްޖަވާބެކެވެ. ރިދާއަށް ކުދިން ނުލިބޭނެކަމުގައެވެ.

 

ހަވީރުގެ ވަގުތެވެ. ރުހާއާއި މިލްނާއާއި އަދި މަލަކް ތިބީ މަލަކްގެ ކޮޓަރީގައެވެ. އެވަގުތު ރިދާވެސް އައިސް އެ ކޮޓަރިއަށް ވަނެވެ. އޭނާ އަތުގައި ކޮތަޅުތަކެއްވެސް ހުއްޓެވެ. ދިރިއުޅުމުގައި ކިތަންމެ ބޮޑު ނާއުއްމިދަކާ ކުރިމަތިލަން ޖެހުނު ނމަވެސް އެހެން މީހުންނަށްޓަކައި އޭނާ ހުރީ ހިނިތުންވެލައިގެންނެވެ. ރިދާ އައިސް މަލަކްއަށާއި ރުހާއަށް އެމީހުންނަށް ގެނައި ހަދިޔާ ކޮތަޅު ދިނެވެ.

“އަހަރެން މި އުޅެނީ ތި ހަދިޔާ ތަކެއް ބޭނުންވެގެންނެއް ނޫން….” މިލްނާއަށް ގެނައި ހަދިޔާ ދިއްކޮށްލުމުން އޭނާ ބުނެލީ ހިތްހަމަ ނުޖެހިފައި ހުރެއެވެ. ކިތަންމެ ނުގޮތަކަށް ބުނިނަމަވެސް މިލްނާ އެ ބުނި އެއްޗެއްގެ ފަހަތުގައި ފޮރުވިފައިވި މާނަ ރިދާއަށް ނަގައިގަނެވުނެވެ. އޭނާގެ ދެލޯ ފެންކަޅިވެގެން ދިޔައީ އެހެންވެއެވެ. އެއިން ކަމަކަށް އަޅާލުމެއް ނެތި މިލްނާ ކޮޓަރިން ނުކުމެގެން ދިޔައީއެވެ. ކުއްލިއަކަށް މިލްނާއަށް މިއައި ބަދަލުން ރުހާއާއި މަލަކްވެސް ހުރީ ހައިރާންވެފައެވެ. ރިދާ ދެރަވެފައި ހުރުމުން އެމީހުން ރިދާގެ ގާތަށް ދިޔައެވެ. އެވަގުތު މިކްޔާން ގޮވާލުމުން ރިދާ ގާތު މަޑުކުރަން ބޭނުންވި ނަމަވެސް ރުހާ ދިޔައީ ރިދާގެވެސް އެދުމުގެ މަތިންނެވެ.

**********

މިކްޔާން ބުނެގެން ކޮފީތަށްޓެއް ބަލައި ދިޔަ ރުހާގެ ފިޔަވަޅުތައް މަޑު ޖައްސާލެވުނީ ކާގެއިން މިލްނާއާއި ނިމާލް ވާހަކަ ދައްކާ އަޑު އިވުމުންނެވެ. އެތެރެއަށް ވަންނަން ނުކެރުނީ އެމީހުން ދައްކަމުން ދިޔައީ ރިދާމެންގެ ވާހަކައަށް ވުމުންނެވެ.

“އެކަމަކު ރިދާ އެއީ މިލްނާއަށް މާ ކަމުގޮސްގެން މިގެއަށް ގެނައި ކުއްޖެއްނު… ދެން މިހާރު ތި ކިޔަނީ ކީކޭތަ….؟؟؟؟” ނިމާލް ބުނި އަޑު އިވުނެވެ.

“އޭރު އަހަންނަށް ކިހިނެއްތަ އެނގޭނީ ރިދާއަށް ކުދިން ނުލިބޭނެ ކަމެއް…..” ދެން އިވުނީ މިލްނާގެ އަޑެވެ.

“އޭނައަށްވެސް އެކަން ނެނގޭނެއެއްނު…. އެހެންވީމަ އޭގައި އޭނާގެ އޮތީ ކޮންކުށެއް…. ތިކަހަލަ ބޭކާރު ކަންތަކާ ރުޅިއައުމުގެ އެއްވެސް ބޭނުމެއް ނެތް…..” ނިމާލްގެ ވާހަކަ ހުރީ މިލްނާއަށް ވިސްނައިދޭ ގޮތަށެވެ.

“އެހެންވިޔަސް ހެޔޮ…. ކުދިން ނުލިބޭ މީހެއް އަހަރެންގެ ދަރިފުޅުގެ ދިރިއުޅުމުގައި ބަހައްޓާކަށް އަހަރެން ބޭނުމެއް ނޫން…. އަހަރެންވެސް މާމަ ކުދިން ބޭނުންވޭ…. ކިހިނެއް އެނގެނީ ރުހާގެ ގޮތެއްވެސް…..” މިލްނާ އެހެން ބުނުމުން ނިމާލް ބާރަށް މިލްނާއަށް ގޮވާލިއެވެ. އަދި އިތުރަށް އެކަމާ ގުޅިގެން ވާހަކަ ނުދައްކަން އެންގިއެވެ.

ރުހާއަށް ހުރެވުނީ އަނގަމަތީ އަތް އަޅާލައިގެންނެވެ. ދެލޯ ފެންކަޅިވެފައިވީ މިލްނާގެ ވާހަކަތަކުންނެވެ. އެތެރެއަށް ވަނުމުގެ ބަދަލުގައި އޭނާ އެނބުރުނީ އެނބުރި ކޮޓަރިއަށް ދިއުމަށެވެ. އެވަގުތު ކުރިން ލިބުނު ސިހުމަށްވުރެ ބޮޑު ސިހުމެއް ލިބުނީ ފަހަތުގައި ރިދާ ހުރިތަން ފެނިފައެވެ. އޭނާގެ ދެލޮލުން ފައިބަމުން ދިޔަ ކަރުނަތަކުން މިލްނާމެންގެ ވާހަކަތައް އޭނާއަށްވެސް އިވުނުކަން ރުހާއަށް ނަގައިގަނެވުނެވެ. ރުހާއަށް އެއްޗެކޭ ނުބުނެވި އުޅެނިކޮށް އަވަސް ފިޔަވަޅުތަކެއް އަޅަމުން ރިދާ މިސްރާބު ޖެހީ ގެއިން ބޭރަށް ނުކުތުމަށްޓަކައެވެ. ދެލޮލަށް ޖަމާވެފައިވާ ކަރުނަތައް ފުހެލަމުން ރުހާވެސް ރިދާގެ ފަހަތުން ހިނގައިގަތެވެ.

(ނުނިމޭ)

42

2 Comments

  1. Fathimath Nafha

    November 11, 2021 at 12:58 am

    👍👍👍👍👍🥰🥰🥰…don’t know what say so just some emojis 😂lol because it was❤️👍…so when next…

    • Eemyaa

      November 11, 2021 at 8:26 pm

      Thanks dear ❤️ kury ge part ah koffa in cmnt fenuny v fahun.. Thanks for that too.. 🙂 balaanan next part avahah genesdheveytho 👍

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!