އައްކިޔުން ސިޓިންރޫމަށް ނިކުތްއިރު ޒަލަފް ޓީވީ ބަލަންއިނެވެ.”ބުރޯ ބަލީތަ؟…މިހާރު ހާދަ ހަބަރެއްނުވެޔޭ…އަބަދު ކޮޓަރީގަ ތިއޮންނަނީ…ކިހިނެއްވީ އަނެއްކާ ކަމެއް ގޯސްވީތަ؟” އައްކިޔުންނަށް އަންނަމުންދާ ބަދަލުގެ ސަބަބުން ޒަލަފް އަހާލިއެވެ. “އާނ ބޮލަށް ތަދުވާތީ މިއުޅެނީ” އައްކިޔުން ބުނެލިއެވެ. “މިހާރު އެއްގޮތަކަށްވެސް އައްކި ނުފެނޭ…އޮފީހަކުންވެސް ދިމައެއްނުވޭ” ޒަލަފް އެހެން ބުނުމުން ހަފްތާއަކަށް އޮފީހަށް ސަލާމްބުނެގެން އުޅޭކަމަށް އައްކިޔުން ބުނެލިއެވެ.

***********

ޒަލަފަށް ޖަވާބުދިނުމަށްފަހު އައްކިޔުން ބޭރަށް ނިކުތެވެ.މަޑުހިނގުމުގައި އޭނާ ހިނގާލައިފައި ދިޔައީ އަބަދުވެސް އޭނާ އިންނަ، ބީޗުގައި ހުރި ޖޯއްޔަށެވެ.ޖޯލީގައި އިށީންނުމަށްފަހު ޖިންސު ޖީބުން ސިޓީއުރަ އައްކިޔުން ނެގިއެވެ.އަދި  އޭގައިވާ ފޮޓޯތައް ނެގުމަށްފަހު ފަހަރަކު ފޮޓޯއެއް ބަލަމުންދިޔައެވެ.ފޮޓޯތަކަށް ބަލަމުންދިޔަ އައްކިޔުންގެ ލޮލަށް ކަރުނަ ޖަމާވިއެވެ.އައްކިޔުން ރޯން އިންދާ އެތަނަށް ލެޔާލް އައެވެ.

“އަހަރެންގެ ހިތަށް ވަރަށް އެބަ އަސަރުކުރޭ އައްކި ތިގޮތަށް ކަރުނައަޅާ ހިތާމަކުރާތަން ފެންނާތީ” އައްކިޔުންނާ އެއްޖޯލި ދުރުގައި ލެޔާލް އައިސް އިށީނެވެ.ލެޔާލްގެ އަޑަށް ސިހިގެންދިޔަ އައްކިޔުން ވަގުތުން ލޯފުހެލިއެވެ.

“ކީއްކުރަން ތިއައީ؟…މިފަހަރު ކޮން ޚަބަރެއް ހިފައިގެން؟” މޫދާ ދިމާލަށް ބަލަހައްޓައިގެން އިނދެ އައްކިޔުން އަހާލިއެވެ.

“އަހަރެން ދެކެތަ އަދިވެސް އައްކި ތި ހިތްހަމަ ނުޖެހެނީ؟…..އަހަރެން ނުބުނި ނަމަ އަދިވެސް އައްކިއަކަށް ހަގީގަތެއް ނޭނގުނިސް” ހިތްހަމަ ނުޖެހިހުރެ ލެޔާލް ބުނެލިއެވެ.އެވަގުތު އަނގައިން ނުބުނެ އައްކިޔުން އިނެވެ.

“އަހަަރެން ވަރަށް ދެރަވޭ އައްކި ތިގޮތަށް ހިތާމަކުރާތީ…..ތިހެން އަބަދު ތިފޮޓޯތައް އަތަށް ލައިގެން ތިއަށް ބަލަހައްޓައިގެން ހިތާމަ ތިކުރަނީ…ތީ ހަމަ ބޭކާރުކަމެއް…އައްކިއަށް އަދިވެސް މީހުންވާނެ…..އެނައިޝާ މަތިން ދެން ހަނދާން ނައްތާލާ” އައްކިޔުންގެ އަތުގައި ހިފާލަމުން ލެޔާލް ބުނެލިއެވެ.

އެވަގުތު ލެޔާލްގެ އަތްފޮޅުވާލުމަށްފަހު އަނގައިން ވާހަަކަދެއްކުމަށް އައްކިޔުން ބުނެލީ ނުރުހުންތެރިކަމާ އެކުގައެވެ. “އަހަރެން ކިތަންމެ ހިތާމައެއް ކުރިޔަސް، ކިތަންމެ ވަރަކަށް މިފޮޓޯތައް ހިފަހައްޓައިގެން މިއަށް ބަލަން އިނަސް އެއީ ލެޔާލާ ބެހޭ ކަމެއްނޫން…އަަަހަރެންނަށް ނައިޝާ ބޭވަފާތެރި ވެދާނެކަމަށް ގަބޫލުކުރަން ދަތި، އެކަމް ކުރިމަތިން ފެންނަން މިހުރި ފޮޓޯތަކުން…” އައްކިޔުން ބުނަން އުޅުނެވެ.

“ރަނގަޅު…..ބެހެވޭ ކަމެއްނޫން…އެކަމަކު އަަހަރެންނަށް ކެތެއްނުވާނެ އައްކިޔުން ބަރުބާދު ވެގެންދާތަން ދެކޭކަށް” ލެޔާލް ދެރަވެލާފައި ބުނެލިއެެވެ.ލެޔާލަށް ޖަވާބެއްނުދީ މޫދަށް ބަލަހައްޓައިގެން އައްކިޔުން އިނެވެ.ކުޑަ ވަގުތުކޮޅަކު އައްކިޔުންނަށް ބަލަންއިނދެފައި ލެޔާލް ޖޯލިން ތެދުވިއެވެ.

“އައްކިއަށްޓަކައި އަހަރެން އަދިވެސް މި ކެތްކުރަނީ އެނައިޝާއަށް ބަދަލުނުހިފާ” ލެޔާލް އެހެންބުނުމާއެކު ކުއްލިއަކަށް އޭނާއާ ދިމާލަށް އައްކިޔުން ބަލައިލިއެވެ.

“ހައްތަހާވެސް އައްކިއަށް ވިސްނާލާ ތަންކޮޅު…އެހެންނޫންނަމަ އެ ނައިޝާ މިޙާރު ދުނިޔެއަކު ނުހުންނާނެ…އެކަމް އަހަންނަށްވެސް ކެތްކުރެވޭނީ ވަކިވަރަކަށް” ދާން ހިނގައިގަންނަމުން ލެޔާލް އެހެންބުނުމުން އައްކިޔުންގެ ހިތް ތެޅި ގަނެގެންދިޔައެވެ.

“ލެޔާލް” ޖޯލިން ތެދުވެ ހާސްކަންމަތީގައި ހުރެ އައްކިޔުން ގޮވާލިއެވެ.އޭނާ ނައިޝާއަށް ކޮންމެފަދަ ގޮތެއްވެސް ހަދާފާނެ ކަމާމެދު އައްކިޔުން އެއްވެސް ވަރަކަށް ޝައްކެއް ނުކުރެއެވެ.އެހެންކަމުން ލެޔާލް ނައިޝާއަށް ގޯނާއެއް ކޮށްފާނެތީ އައްކިޔުން ޖެހިލުންވިއެވެ.

އައްކިޔުން ގޮވާލުމުން ލެޔާލް ހުއްޓުނެވެ.އަދި އައްކިޔުންނަށް ފުރަގަސްދީގެން ހުރި ލެޔާލްގެ ތުންފަތްމައްޗަށް ނުބައި ހިނިތުންވުމެއް ވެރިވިއެވެ.

އައްކިޔުންނަށް ފުރަގަސްޖަހައިގެން ހުރުމަށްފަހު، އަނެއްކާވެސް ދާން ލެޔާލް ހިނގައިގަތެވެ. “ލެޔާލް ޕްލީސް މަޑުކޮށްބަ” ލެޔާލްގެ ކައިރިއަށް އަންނަމުން އައްކިޔުން ބުނެލިއެވެ.އެވަގުތު އައްކިޔުންނާ ދިމާލަށް އެނބުރުމަށްފަހު، ކިހިނެއްވީތޯ ލެޔާލް އަޙާލީ އާދައިގެ ރާގަކަށެވެ.

“ލެޔާލް….ޕްލީސް ނައި އަށް އެއްވެސް ކަމެއް ނުކުރާތި” އާދޭހުގެ ރާގަކަށް އައްކިޔުން ބުނެލިއެވެ. “ލެޔާލް އައްކި ދެކެ ލޯބިވާނަމަ ނައިއަކަށް ގެއްލުމެއްނުދޭނެ” ލެޔާލް ހުއްޓުވަން އައްކިޔުން ބުނެލިއެވެ.

“ސޮރީ އައްކި….އައްކިއަށްޓަކާ އަހަރެން ވަރަށް ކެތްކޮށްފިން….އެރަށުގަ ނައިޝާ މަޖާ ނަގަމުންދިޔަ ވަގުތު ހިތަށްއެރި ގޮތެއްހަދާލަފާނަމޭ….އެހެންނަމަވެސް އައްކިއަށް ވިސްނާފަ އަަހަރެން އައީ އޭނައަށް ގޮތެއްނުހަދާ…އެކަމަކު ދެނެއްް އެޔަގީންކަމެއް ނުދެވޭނެ” ހިނގައިގަންނަމުން ލެޔާލް ބުނެލިއެވެ.

އެވަގުތު ގޮތްހުސްވެފައިވާ އައްކިޔުން ލެޔާލްގެ އަތުގައި ހިފިއެވެ. “ކިހިނެއްހެދީމަ ލެޔާލް ހުއްޓާނީ؟” ލެޔާލާ ދިމާލަށް އެއްޗެހި ކިޔައިފިނަމަ އޭނާ ރުޅިއައިސްގެން ނައިޝާއަށް ގެއްލުމެއްދީފާނެތީ، ރީތިކޮށް އައްކިޔުން އަހާލިއެވެ.

“އައްކިއަށް އޮތީ ހަމައެންމެ ގޮތެއް” އެއް އިނގިލި ދައްކާލަމުން ލެޔާލް ބުނެލިއެވެ.ލެޔާލްގެ އިނގިއްޔަށް ބަލައިލުމަށްފަހު އެއީ ކޮން ގޮތެއްތޯ އައްކިޔުން އަހާލިއެވެ.

“އަހަރެންގެ މީހަކަށްވުން…..އަހަންނާ ރައްޓެހިވުން” ލެޔާލް އެހެންބުނެލުމުން އައްކިޔުންނަށް އޭނާއާ ދިމާލަށް ބަލައިލެވުނެވެ.

ލެޔާލް ހުށަހެޅި އެއިޚްތިޔާރަކީ އައްކިޔުންނަށް ގަބޫލުވާން އުދަނގޫ އެއްޗެކެވެ.އެއީ ނައިޝާ ނޫން މީހަކާ ދޭތެރޭގައި ލޯބީގެ ނަަޒަރަކުން ދެނެއް އައްކިޔުންނަކަށް ނުބެލެވޭނެއެވެ.އެހެންކަމުން ލެޔާލަށް ދޭނެ ޖަވާބެއް ނޭނގޭތީ އޭނާއާ ދިމާލަށް ބަލަހައްޓައިގެން އައްކިޔުންނަށް ހުރެވުނެވެ.

“މިހާރު ޖަވާބުނުދިނަސް އަހަންނަށް ހެޔޮ…ވިސްނާފަ މާދަން ނޫން އަނެއްދުވަހު އަހަންނަށް ޖަވާބެއްދީ…ވިސްނަން މިދިނީ އެއްދުވަސް” އެހެންބުނެ ލެޔާލް ދާން ހިނގައިގަތެވެ.ލެޔާލް ދާމަންޒަރު ބަލަން އައްކިޔުން ހުރީ ގޮތްހުސްވެފައެވެ.

***********

އެއްދުވަސް އެއްކޮށް އައްކިޔުން ހޭދަކުރީ ލެޔާލަށް ދޭނެ ޖަވާބަކާ ދޭތެރޭގައި ވިސްނުމަށެވެ.ކެއުމެއް ބުއިމެއް ނިދުމެއް ނެތިއެވެ.ނައިޝާ އައްކިޔުންނަށް ބޭވަފާތެރިވެ އޭނާ ދޫކޮށްލިޔަސް، އައްކިޔުން ނައިޝާއަށް ދެރަގޮތެއް ވާކަށް ނޭދެއެވެ.އެއަށްވުރެ ބޮޑަށް އައްކިޔުން ނައިޝާދެކެ ލޯބިވެއެެވެ.ވަރަށް ވިސްނުމަށްފަހު އައްކިޔުން ގޮތެއް ނިންމިއެވެ. ނައިޝާގެ ސަލާމަތާ ރައްކާތެރި ކަމަށްޓަކާ ކިތަންމެ ބޮޑު ގުރުބާނީއެއްވެސް ވާން އޭނާ ހުރީ ތައްޔާރަށެވެ.

އާދައިގެމަތިން ފޮޓޯތައް ހިފައިގެން ޖޯލީގައި މިރޭވެސް އައްކިޔުން އިނެވެ.ނައިޝާ ދޫކޮށް އެހެންމީހަކާ ލޯބީގެ ގޮތުން ގުޅެންޖެހުމުން އޭނާވަނީ ވަރަށް ބޮޑަށް ރޮއެފައެވެ.ރޮއެފައި ވާވަރުން ދެލޯވެސްވަނީ ރަތްވެ ދުޅަވެފައެވެ.އެހެންނަމަވެސް ނައިޝާ ހެޔޮހާލުގައި ހުންނަން އައްކިޔުން ބޭނުންވެއެެވެ.

ޖޯލީގައި އައްކިޔުން ރޯން އިންދާ އޭނާގެ ބައްޕަ އައެެވެ.”ދަރިފުޅާ” އައްކިޔުން ކައިރި ޖޯލީގައި އިށީންދެލަމުން އައްކިޔުންގެ ބައްޕަ ގޮވާލި އެވެ.އޭނާގެ ބައްޕަ އައުމުން އައްކިޔުން ވަގުތުން ލޯފުހެލިއެވެ.

“ދަރިފުޅާ ރޮނީތަ؟” އައްކިޔުންގެ ބައްޕަ ކަންބޮޑުވެފައި އަހާލިއެވެ. އެވަގުތު އެއްޗެކޭ ނުބުނެ އައްކިޔުން އިސްދަށަށް ޖަހާލައިގެން އިނެވެ.

“ކިހިނެއްވީ ދަރިފުޅާ؟” އައްކިޔުންގެ ބައްޕަ އިތުރަށް އަހާލިއެވެ. “ކޮންމެވެސް ކަމެއް ވެއްޖެ… ބުނެބަލަ ކިހިނެއްތަ ވީ؟” އަނެއްކާވެސް އައްކިޔުންގެ ބައްޕަ އަހާލިއެވެ. އޭނާގެ ބައްޕަ އެހެން އެހުމުން ކަމެއް ނުވާކަމަށް އައްކިޔުން ބުނީ އިސްދަށަށް ޖަހައިގެން އިނދެއެވެ.

 

0

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!