” މިއިން އެއްވެސް ކަމަކީ ލިލީއާ ހެދި ވީކަމެއް ނޫނޭ.. ތިގޮތަށް އަމިއްލަ ނަފްސު ކުށްވެރިނުކޮށްބަލަ. އަހަރެމެން އެކަކަށްވެސް ތަޤުދީރުގައި ވާންހުރިކަމެއް ނުހުއްޓުވޭނެ.. އެއީ އެއަށްވުރެ ބާރުވެރި ފަރާތެއްގެ ތަދުބީރު.. ” ވެގެންދިޔަ އެއްވެސް ކަމަކީ ލިލިއަންގެ ކުށެއް ނޫންކަން ދިޔާން އަންގައިދޭން ބޭނުންވިއެވެ.

” އަހަރެން ޕޮލިހުންނާ ވާހަކަ ދައްކާނަން.. ލިލީ އެއްވެސް ކަމަކާ ހާސްނުވޭ.. އިރާދަ ކުރެއްވިއްޔާ ވަރަށް އަވަހަށް މަންމައަށް އިންސާފު ލިބިގެންދާނެ..” ދިޔާން އަޒުމާއެކު އިއްވާލިއެވެ. ދިޔާން އަށް ބަލައިލި ލިލިއަންގެ ހިތަށް ތަސައްލީ ލިބިގެންދިޔައެވެ. އޭނާގެ ކައިރީ ދިޔާން ހުރިހާ ހިނދަކު ހުރިހާކަމެއްވެސް ރަނގަޅުވާނެކަމުގައި ލިލިއަން އަށް އުންމީދުކުރެވުނެވެ.

**********

ދިޔާން ލިލިއަންގެ ކައިރީ އޭނާއަށް ނިދެންދެން އިނެވެ. ނިދިފައި އޮތް ލިލިއަންގެ ހަމަހިމޭން މޫނަށް ބަލަން ދިޔާން އަށް އިނދެވުނީ ފިކުރެއްގައެވެ.  ފުންނޭވާއެއް ދޫކޮށްލުމަށްފަހު ހަށިގަނޑު ސީދާ ކޮށްލަމުން ދިޔާން ހިނގައިގަތީ ކޮޓަރީގެ ދޮރާ ދިމާއަށެވެ. ދޮރުގެ ތަޅުގައި ހިފަހައްޓައިގެން ހުރެ އަދިވެސް އެއްފަހަރު ދިޔާން އަށް ލިލިއަންގެ މޫނަށް ބަލައިލެވުނެވެ. އޭނާގެ ޢަމަލުތަކުން ލިލިއަން އެކަނި ބާއްވާފައިދާން އުނދަގޫވެގެން އުޅޭކަން ފާޅުވަމުން ދިޔައެވެ. އެހެނަސް ވީހާވެސް އަވަހަކަށް ލިލިއަން ދިން މަޢުލޫމާތު ފުލުހުންނާ ހިއްސާކުރުން މުހިއްމެވެ. ގެއްލިގެންދާ ކޮންމެ ސުކޫތަކީވެސް ސުހެއިލް ހޯދުމަށް އެޅިގެންދާނެ ހުރަހެކެވެ. 

ދިޔާން ޕޮލިސް ސްޓޭޝަނަށް ވަނުމަށްފަހު ހައިފާގެ މަރުގެ މައްސަލަ ބެލުމާ ހަވާލުވެ ހުރި އިންވެސްޓިގޭޝަން ޓީމުގެ މަތީފަރާތާއި ބައްދަލު ކޮށްލުމަށް އެދުނެވެ. ހީކުރި ވަރަށްވުރެ އަވަހަށް ބައްދަލުވުން ހަމަޖެހިގެން ދިޔައީ އެމީހުންނަށް ދިޔާން އަކީ ކޮންފެން ވަރެއްގެ ކާކުކަން އެނގޭތީ ކަންނޭނގެއެވެ.

ބައްދަލުވުން ބޭއްވޭ ކޮޓަރީގައި އިންވެސްޓިގޭޓަރ އަންނަންދެން ދިޔާން ކެތްތެރިކަމާއެކު މަޑުކޮށްލައިގެން އިނެވެ. އިރުކޮޅެއްގެ ތެރޭގައި ކޮޓަރީގެ ދޮރު ހުޅުވާލަމުން އެތެރެއަށްވަނީ ސާޅީހުން މަތީގެ ފިރިހެނެވެ. މޫނުމަތިން ފެންނަ ވަރުބަލި ކަމާއި ކުލަފަނޑުވެފައިވާ ދެލޯ ފެނުމުން މިއިން ދުވަހަކު ހަމަނިދި ނުލިބޭކަން ހާމަވަމުން ދިޔައެވެ. ގިނަ ކްރައިމް ޔުނިޓްތަކުގައި މަސައްކަތް ކުރާ ފަރާތްތަކަށް އެއީ އާކަމަކަށް ނުވާނެކަން ދިޔާން އަށް އެނގެއެވެ.

” މިސްޓަރ ޑަބްލިޔު.. ވަރަށް އުފާވެއްޖެ ބައްދަލުވީމަ.. އަޅުގަނޑަކީ ވައިލެންޓް ކްރައިމް ޑިވިޝަން ތްރީގެ ހެޑް އިންވެސްޓިގޭޓަރ ފާރޫޤް މުހައްމަދު.” ފާރޫޤް ސަލާމަށް އަތް ދިއްކޮށްލުމުން ދިޔާންވެސް ގޮނޑިން ތެދުވެ ސަލާމް ބަލައިގަތެވެ. އޭނާއަށް ހީވީ ރަނގަޅަށެވެ. ދިޔާންއަކީ ކާކުކަން މާކުރިން އަންގާފައިވާކަން ޔަޤީންވިއެވެ. ދިޔާން ވަޤުތު ބޭކާރު ކުރުމެއްނެތި އޭނާ އައި ބޭނުން ހާމަކުރިއެވެ. ލިލިއަންގެ ފަރާތުން ލިބުނު މަޢުލޫމާތު އޭނާ ފާރޫޤުއާ ހިއްސާކުރިއެވެ.

” އަޅުގަނޑު މީގެ ކުރިން ކޮންމެވެސް ވަރަކަށް ވާނީ ސުހެއިލް އާ ބެހޭ ގޮތުން މަޢުލޫމާތު އެއްކޮށްފަ.. އެއީ ކިހާ ނުރައްކާތެރި މީހެއްކަން އަޅުގަނޑަށް އެނގޭ.. މިއީ އަޅުގަނޑު ކުރަހާފައިވާ ސުހެއިލްގެ ސްކެޗެއް..” ދިޔާން އޭނާ ކުރެހި ކުރެހުން މޭޒުމަތީގައި ބާއްވާލަމުން ބުނެލިއެވެ. ފާރޫޤު ސީރިއަސް ކަމާއެކު އެ ތަސްވީރަށް ނަޒަރު ހިންގާލިއެވެ.

” ސުހެއިލް އަކީ ޔޫކޭގެ ފަރާތަކާއި ގުޅިގެން ފުޅާދާއިރާއެއްގެ ހިއުމަން ޓްރެފިކިންްގް ގެ މަސައްކަތް ކުރަމުން އަންނަ ފަރާތެއް.. ޑީލާސްގެ އެދުމަށް އެމީހުން ބޭނުންވާފަދަ ވިކްޓިމްސް ހޯދުމަކީ  ސުހެއިލް ހާއްސަވެފައިވާ ކަންތައް.. ހީވާގޮތުން ސުހެއިލް އަކީ އޭނާގެ ބޮސް ވަރަށް ގަޔާވާ ފަރާތެއް.. މިހާ ތަނަށް ސުހެއިލްގެ މައްޗަށް ދަޢުވާއެއް އުފުލިފައިނުވާކަން އެކަން ވަރަށް ސާފުކޮށްދޭ.. އެކަމަކު.. ސުހެއިލް މަސައްކަތް ކޮށްދެނީ ކޮން ފަރާތަކަށް ކަން އަޅުގަނޑަކަށްވެސް ނުހޯދުން.. އެކަމުންވެސް އެނގޭ އެމީހުންގެ ނުފޫޒާއި ބާރުގަދަކަން.. ” ދިޔާން އޭނާއަށް ސުހެއިލް އާ ބެހޭގޮތުން އެނގުނު ހުރިހާ މަޢުލޫމާތެއް ހިއްސާކުރިއެވެ.

ފާރޫޤަށް އިރުކޮޅެއް ވަންދެން ބުނާނެ އެއްޗެއް ނޭނގި ހުއްޓުން އަރާފައި އިނދެވުނެވެ. އޭނާއަށް ކުރެވުނީ  އިންފޯމެންޓް އަކާއި ވާހަކަ ދެއްކޭ ފަދަ އިޙްސާސެކެވެ. ދިޔާންގެ ފަރާތުން އޭނާ ވަރަށް ރަނގަޅަށް ސުހެއިލްގެ ފަތިފުށް ބަލައި ފާސްކޮށްފައިވާކަން އެނގުނެވެ. ކުޑަ ހިނދުކޮޅަކަށް އެއީ މިސްޓަރ ޑަބްލިޔުކަން އޭނާ ހަނދާން ނެތޭ ގޮތްވިއެވެ. އެންމެންގެ ވާހަކަތަކުންވެސް މިސްޓަރ ޑަބްލިޔު މަޝްހޫރުވެފައިވަނީ  ކަންކަމަށް މާ ބޮޑު ފަރުވާލެއްނެތި ގިނަ ވަޤުތު މަޖަލާއި އަމިއްލަ ކަންކަމުގައި ވަޤުތު ހޭދަކުރާ ” ކެއަރ ފްރީ” މީހެއްގެ ގޮތުގައެވެ. އެހެނަސް މިވަޤުތު އޭނާގެ ކުރިމަތީގައި އިން ޝަޙްސިއްޔަތުގެ ފަރާތުން ފާޅުވަނީ ހަރުދަނާކަމާއި ޤާބިލް ކަމެވެ.

” ތިދިން މަޢުލޫމާތު ވަރަށް ބޮޑު އެހީއަކަށް ވެގެން ދާނެ.. އަޅުގަނޑުމެންނަށް ލިބިފައިވާ ރިސޯސެސްތައް ބޭނުންކޮށްގެން އިތުރަށް މައްސަލަ ތަޙުޤީޤު ކުރަމުންދާނަން. އިރާދަ ކުރެއްވިއްޔާ ވަރަށް އަވަހަށް މައްސަލަޔަށް ކުރިއެރުމެއް ލިބޭނެކަމަށް އަޅުގަނޑުމެން މި ބަލަނީ..” ފާރޫޤުގެ ޖަވާބާއެކު ދިޔާން އަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. އިންވެސްޓިގޭޝަން ޓީމަށް އިތުބާރު ކުރަމުން ދިޔާން ތެދުވެ އޭނާއަށް ވަޤުތު ކޮޅެއް ހުސްކޮށްލަދިން ކަމައްޓަަކައި ފާރޫޤަށް ޝުކުރު އަދާކުރިއެވެ.

ޕޮލިސް ސްޓޭޝަނުން ނިކުންތަނާ ދިޔާން އަށް މާޔާގެ ފޯނު ކޯލެއް އައެވެ. ދިޔާން ފޯނު ނެގުމާއެކު މާޔާ ސުވާލު ކުރީ ލިލިއަން އާ ބެހޭ ގޮތުންނެވެ.  ލިލިއަން ނިދާފައި އޮތްވާހަކަ އޭނާ ބުންޏެވެ. މާޔާއާ ދައްކަން ބޭނުންވާ ވާހަކައެއް އެބެއް ކަމަށް ބުނުމުން ގެސްޓް ހައުސް އަށް އެބަ ދަންކަމުގައި ބުނެ މާޔާ ފޯނު ބޭއްވިއެވެ.

*********************

ދިޔާން ކޮޓަރި ބަލައިލި އިރު ލިލިއަން އަދިވެސް އޮތީ ނިދާފައެވެ. މަޑު މަޑުން ދޮރު ލައްޕާލުމަށްފަހު މާޔާ އަންނަންދެން ދިޔާން ލިވިންގް ރޫމްގެ ސޯފާގައި ޖައްސާލިއެވެ. ހަތަރުދަމު ނުނިދާ އުޅުމުން އޭނާވެސް ހުރީ ނުހަނު ވަރުބަލިވެފައެވެ. ދެލޮލުގެ ކަރުނަވަޅާއި ނޭފަތް ބައްދަލުވާ ހިސާބުގައި އިނގިލިތައް އޮއްބާލަމުން ދިޔާން އޭނާގެ ސިކުނޑިއަށް ލުޔެއް ލިބޭތޯ މަސައްކަތް ކުރިއެވެ.

ދޮރުގައި ޓަކި ޖެހި އަޑު އިވިގެން ދިޔައީ އެގޮތުގައި ދިޔާން އިންދައެވެ. މާޔާ އައީކަން ޔަޤީންކުރަމުން ދިޔާން ގޮސް ދޮރު ހުޅުވާލިއެވެ. 

 މާޔާ އެތެރެއަށް ވަނުމުން ދެމީހުން އައިސް ސޯފާގައި ހަމަޖެހިލިއެވެ. ދިޔާން މާޔާއަށް ކަންކަން ގޮސްފައިވާ ހިސާބު ކުރުކޮށް ކިޔައިދިނެވެ. ސުހެއިލްގެ ވާހަކަ އެނގުމުން މާޔާގެ ދެލޯ ބޮޑުވެގެން ފިޔައެވެ. ލިލިއަންގެ ފަރާތުން ސުހެއިލްގެ އެއްވެސް ވާހަކަައެއް އޭނާއަށް އެނގިފައެއް ނެތެވެ.

” މާޔާއަށް އެނގޭނެ އަހަރެން މާދަން ފުރަން ޖެހޭކަން.. މިހާރު ލިލިއަންގެ ހުރި ހަމައެކަނި މީހަކީ މާޔާ.. އަހަރެން.. ލިލިއަން އެކަނި ބަހައްޓާފަ ދާކަށް ބޭނުމެއްނޫން.. އެކަމަކު..” ދިޔާންގެ ނިތަށް ޖަމާވި ރޫތަކާއެކު ދެއަތް ދެއަތާ ޖޯޑުކޮށްލިއެވެ. އޭނާ ގެ ހިތުގައިވާ ހުރިހާ ޝުއޫރުތަކެއް ހާމަކުރަން ދިޔާން  ނުކުޅެދުނެވެ.

” އަހަރެން ލިން ބަލާނަމޭ.. ދިޔާން ހާސްނުވޭ.. އަހަރެން.. މަންމައާ ވާހަކަ ދައްކަން ނިންމައިފިން.. ދިޔާން އެނބުރި އަންނަންދެން ލިލިއަން އަހަރެމެންގޭގަ ހުރެވޭގޮތް ހަދަން ވެގެން… ލިލިއަން އެކަނި އެގޭގަ އުޅެން މިހާރު ސޭފެއް ނުވާނެ އެންނު.. އެކަމަކު.. މައްސަލައަކަީ މަންމަ.. މަންމަ ޤަބޫލުވާނެކަމެއް ނޭނގޭތީ.. ފެށުނީއްސުރެ މަންމަ އެހާ ހިތްހަމައެއް ނުޖެހޭނެ އަހަރެން ލިލިއަން އާއެކު ވަޤުތު ހޭދަކުރިޔަސް..” މާޔާ މާޔޫސްކަމާއެކު އިސްޖަހާލަމުން ފުންނޭވާއެއް ދޫކޮށްލިއެވެ. 

” އެންމެ ރަނގަޅުތަ އަހަރެން މާޔާގެ މަންމައާ ވާހަކަ ދެއްކިޔަސް..؟ ފަހަރެއްގަ އަހަންނަށް މާޔާގެ މަންމަ އެއްބަސްކުރެވިދާނެ އެންނު..” ދިޔާން ވިސްނުމެއްގައި އިނދެ އެހިއެވެ.

” އެންމެ ރަނގަޅު.. ދިޔާން އަށް ތިގޮތް ފެންނަންޏާ..” މާޔާ އެއްބަސްވުމުގެ ގޮތުން ބޯ ޖަހާލިއެވެ.

************

ދިޔާން މާޔާއާއެކު އައިސް އޭނާ ދިރިއުޅޭ ގެއަށް ވަނެވެ.  ގޭގެ ހުސްބިމުގައި ހުރި ބޮޑު ދިއްގާގަހެއްގެ ދޮށުގައި މަދުފަޅަން އިން މެދު އުމުރުގެ އަންހެނެއް ދިޔާން އަށް ފެނުނެވެ.

” މަންމާ..” މާޔާ ގޮވާލުމާއެކު އެމީހާ ބަލައިލިއެވެ. އެެއީ މާޔާގެ މަންމަކަން ދިޔާން އަށް އެނގުނީ ދެނެވެ. 

” މަންމައާ ބައްދަލުކޮށްލަން ބޭނުން މީހެއް އެބަހުރި..” މާޔާ ބުނެލިއެވެ.

” ކާކުތަ..؟” މަަދުފެޅުން ހުއްޓާލަމުން ހަދީޖާ އަޅައިގެން އިން އައިނު ރަނގަޅު ކޮށްލަމުން ބަލައިލިއެވެ. 

މާޔާގެ ކައިރީގައި ހުރި އިސްކޮޅުންދިގު ޒުވާނާއަށް ހަދީޖާ ރަނގަޅަށް ނަޒަރު ހިންގާލިއެވެ.  ފުރަތަމަ ބަލާލުމާއެކުވެސް ވަރުގަދަ ޝަހްސިއްޔަތެއްގެ ވެރިއެއްކަން ހަދީޖާއަށް ޔަޤީންވި ފަދައެވެ. މަދު ފަޅަން އިންތަނުން ތެދުވެ ދެއަތް ފޮޅާލަމުން އޭނާ ދިޔާން ކައިރީ ހުއްޓުނެވެ.

“ހިނގާ އިށީންނަން.. މާޔާ ތިހެން ނުހުރެ ދޭބަލަ ބޯލާނެ ފިނިއެއްޗެއް ގެންނަން.. ގެއަށް މީހަކު ގެނެއްސަ މެޙެމާންދާރީ އަދާކުރަންވެސް މި ކުއްޖާ ހަނދާނެއް ނުހުންނާނެ..”  ޖޯލިފަތީގައި އިށީންނަމުން ހަދީޖާ ބުނެލިއެވެ. މާޔާ އަވަސްވެގަތީ މަންމަ ބުނިފަދައިން ކަންތައް ކުރުމަށެވެ.

” ކޮންވާހަކައެއް ދައްކަން އުޅުނީ.. ފުރަތަމަ އަހަންނަކަށް ނޭނގޭ ތީ ކާކު ކަމެއްވެސް.. މާޔާގެ ރައްޓެއްސެއްތަ..؟” ހަދީޖާ ސުވާލު ކުރިއެވެ. 

” ލައްބަ.. މާޔާގެ ރައްޓެއްސެއް.. އަޅުގަނޑު މިރަށަށް އައީ މިހާރު ކުރިއަށްދާ ހައުސިންގް ޔުނިޓު ފަރުމާކުރާ ކުންފުނީގެ ފަރާތުން އެކަން ކުރިއަށް ދާގޮތް ބަލާލުމަށް.. އެކަމަކު.. މާދަމާ އަޅުގަނޑު އަނބުރާ މާލެ ދާން ޖެހޭ..” ދިޔާން ކުރު ގޮތަކަށް ކިޔައިދިނެވެ.

” ހޫމްމް.. ދެން ދައްތަ ކޮށްދެންވީ ކޮން ކަމެއް..؟” ހަދީޖާ ސުވާލު ކޮށްލިއެވެ.

” ދައްތައަށްވެސް އެނގޭނެ ކަންނޭނގެ ލިލިއަން.. މާޔާގެ އެންމެގާތް ރަޙުމަތްތެރިޔާ..” ލިލިއަންގެ ނަން ދިޔާންގެ އަނގައިން ބޭރުވުމާއެކު ހަދީޖާގެ މޫނުގެ ކުލަ އޮއްސުނުތަން ދިޔާން އަށް ފެނިގެން ދިޔައެވެ. 

” އޭނަ ކިހިނެއްވީ..؟” ހަދީޖާ ފޫހިކަން އެކުލެވޭ ރާގެއްގައި ސުވާލު ކުރިއެވެ. 

” ލިލިއަންގެ މަންމައަށް ދިމާވި ގޮތް ދައްތައަށް އެނގޭނެ.. މިހާރު ލިލިއަންވެސް އޭނާގެ އަމިއްލަ ގޭގަ އުޅޭކަށް ރައްކާތެރިއެއް ނޫން.. ޕޮލިހުންނަށްވެސް އަދި އެއުޅެނީ އެކަން ކުރި ބައެއް ނުހޯދިގެން..” ހަދީޖާގެ ބަނަވެފައިވާ މޫނު ފެނުން ނަމަވެސް ދިޔާން އޭނާ އެދޭ ކަންތަކުގެ ވާހަކަ ކުރިއަށް ގެންދިޔައެވެ. ލިލިއަން އެކަނި ހާލަށް މިރަށަށް ދޫކޮށްލާފައި އޭނާ ފުރައިގެން ދިޔުމަކީ ވާން ނެތްގޮތެކެވެ.

” އެކަހަލަ އަންހެނުންނަށް އަންނާނީ އެކަހަލަ ނިމުން.. އަދި ވީވަރު ކުޑަ.. އާން..މުޅިގޯތި ބޮޑެތި ގޭންގް ތަކުގެ ހާއްޔަކަށް ހަދައިގެން މިހުރިހާ ދުވަހު އެއުޅުނީ.. އެންމެ ފަހު ވަޤުތު އެއޮތީ ކާންދިން އަތުގަ ދަތްއަޅާފަ..” ހަދީޖާގެ ވާހަކައިން އޭނާގެ ހިތުގައި ހައިފާއާ މެދު އެއްވެސް ހަމްދަރުދީއެއް ނުވާކަން ގައިމެވެ. އެހެނަސް އެވާހަކަތަކުން ދިޔާންގެ ހިތުގެ ހަމަޖެހުން ގެއްލުވާލިއެވެ. 

“އެކަމަކު ލިލިއަންގެ ކުށެއް އެކަމުގަ ނެތެއްނޫންތޯ..ދައްތައަށް މިގޭގަ ކުޑަ ދުވަސްކޮޅަކު ލިލިއަން ބަހައްޓާލެވިދާނެތޯ..؟” ދިޔާން ލިލިއަން ދިފާޢު ކުރަމުން އޭނާގެ އެދުން ހާމަކުރިއެވެ.

“ލިލިއަން އާ ތިފަރާތާ އޮތީ ކޮން ގުޅުމެއް..؟” ހަދީޖާ ލޯ ހަނިކޮށްލަމުން ސުވާލު ކޮށްލިއެވެ.

” އަޅުގަނޑު ވަރަށް އަވަހަށް ލިލިއަން އާ ކައިވެނި ކުރަން ގަސްތުކުރަން.. އެކަމަކު މިވަޤުތަށް އަޅުގަނޑަށް ލިލިއަން މާލެ ގެންދެވޭކަށް ނެތް.. އިރާދަ ކުރެއްވިއްޔާ ދެ ހަފްތާއެއްވަރު ތެރޭގަ ލިލިއަން ބަލާ އަޅުގަނޑު އެނބުރި އަންނާނަން.. ދައްތަ ކައިރިން މި އެދެނީ އެދުވަސްކޮޅަށް ލިލިއަން މިގޭގަ ބަހައްޓާލަ ދިނުމަށް..” ދިޔާން ބުނެލިއެވެ. ހަދީޖާއަށް އިރުކޮޅަކު ދިޔާންގެ މޫނަށް ބަލަހައްޓައިގެން އިނދެވުނެވެ. އެ ޒުވާނާގެ ފަރާތުން ފެންނަމުން ދިޔަ ސިފަތައް ހަދީޖާއަށް ނުހަނު ކަމުދިޔައެވެ. އެއްވެސް ކަހަލަ އޮޅުވާލުމެއް އެ އަޑުގައެއް ނެތެވެ. އަނެއްކޮޅުން އެހިތް ހަސަދަވެރިކަމުން ދިޔައީ ފޯވަމުންނެވެ.  އޭނާގެ ދަރިފުޅަށް އެކަށީގެންވަނީ ދިޔާން ފަދަ މީހެއް ކަމުގައި ހިތްބުނެލިއެވެ. އެހެނަސް ލިލިއަން އެވަނީ އެފުރުސަތަށް ޖާގައެއްނުދީ ދިޔާން ޖަހައިގަނެފައެވެ.

” ހައިފާޔާައެކު ލިލިއަންގެ ނަންވެސް މިރަށުގަ ވަނީ ވެއްޔާ މޮޑެވިފަ.. އެކަހަލަ ކުއްޖެއް ކިހިނެއް އަހަރެން މިގޭގަ ގެންގުޅޭނީ.. އަހަރެމެން އާއިލާގެ އަގުވެއްޓޭނީ.. މިހާރު މާޔާ ކައިރިވެސް ސަތޭކަ ފަހަރު ބުނެވިއްޖެ އޭނާ އާއެކު އަބަދު ނޫޅޭށޭ.. އެކަމަކު އެ ބޯހަރު ކުއްޖާ އަހަރެން ބުނާ އެއްޗެއް އަޑު އެހިއްޔާއެންނު..” ހަދީޖާ އޭނާގެ ނުރުހުންވުން ފާޅު ކުރަމުން ދިޔައެވެ. 

” އަހަންނަށް ހީވަނީ ދިޔާން އަށްވެސް ލިލިއަން އަށް ވުރެ ރަނގަޅު ކުއްޖެއް ލިބިދާނެހެން.. އޭނައާއެކު އުޅެން ވެއްޖެނަމަ ތިފަރާތުގެ އަބުރާ އިއްޒަތްވެސް ވެއްޔާ މޮޑެވޭނީ.. މީހުން ހާދަ ފާޑު ފާޑު އެއްޗިއްސެއް ކިޔާނެ އޭ..” ހަދީޖާ ބުނެލިއެވެ. 

-ނުނިމޭ-

0

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!