އަލިފުށީގައި ރޯކޮށްލުމަށްފަހު އަލީމެން އެ ރަށުން ފުރައިގެން, ނާއިންފަރަށް ލެފުނީ, އޭގެ އަނެއް ދުވަހުގެ އިރުއޮށްސެން ގާތްވެފައި ވަނިކޮށެވެ. އެއީ އެއް ރޭ ކަނޑުމަތީގައި މަޑުކުރުމަށްފަހު ދެވުނު ވަރެވެ. ނާއިންފަރަށް ލެފުމާއި އެކު, ދޯނި ރަށާއި ގާތުގައި އަޅާފައި ރަށަށް ފޭބިއެވެ. އަލީގެ މޫނުމަތިން ފެންނަން ހުރީ ނުތަނަވަސް ކަމެވެ. ގެއަށް ދިޔަ މަގުމަތީގައި އަލީ އޭނާގެ ދަރިންނާއި ވާހަކަ ދެއްކިއެވެ. 

”ދަރިފުޅުމެންނޭ. ބައްޕަގެ ހިތް ވަރަށް އެބަ ބިރުގަނޭ. ބައްޕައަށް ހީވަނީ އެރަށުން އެ ދިމާވި މީހާ އަހަރަމެން ހޯދަން މިރަށަށް އަންނާނެހެން. ވީ އިރު މީގެ ފަހުން އެބަޖެހޭ ވަރަށް ބޮޑަށް ސަމާލުވެ ތިބެން. އެ މީހާއަށް މޫސާ ނުފެނުން އެއީ އަހަރަމެންނަށް ލިބޭނެ އެންމެ ބޮޑު އެއް ފައިދާ. ވީއިރު ހިނގާ އެ މީހާއާއި ދިމާކުރާނެ މޮޅު ގޮތެއް ރާވާމާ އަވަހަށް.“

މޫސާއާއި, ފަރީޝާ ވެސް އަލީ އެބުނި ވާހަކަ ގަބޫލުކޮށް އެ މީހާ އައިއްސިނަމަ ކަންތައް ކުރާނެ ގޮތެއް ރޭވުމުގައި އެރޭ ހޭދަކުރިއެވެ. އެންމެ ފަހުން އެމީހުން މޮޅު ގޮތެއް ރާވާ އޭގެ އަނެއް ދުވަހަށް ތައްޔާރުވެ ތިބުމަށް ނިންމާ އެ ރޭ ނިދިއެވެ. 

މަރީނާއާއި, ހަމީދު, ދަތުރު ކުރަމުން ދިޔަ ދޯންޏަށް މަރޮއްޓަށް ލެފުނީ, އެ މީހުން ދަތުރު ފެށިތާ އަނެއް ދުވަހުގެ މެންދުރު ފަހުގެ ވަގުތުގައެވެ. އެއީ ރޭގަނޑު މެންދަންވީމާ, ދަތުރު ނުކޮށް މަޑުކޮށްފައި, ފަތިސްވުމުން ދަތުރު ފަށައިގެން, އެމީހުންނަށް އާދެވުނު ވަރެވެ. މަރޮއްޓަށް ލެފުނު އިރު, އަތިރިމަތީގައި މީހުންތައް ތިބީ އެ ދޯނި ފެނި ހައިރާންވެފައެވެ. ހަމީދުމެން ދޯނި އެޅުމުން ބޮއްކުރާއެއްގައި އެމީހުން ބޭލުމަށް ބަޔަކު އައެވެ. އެހާ ފުރިހަމަ ދޯންޏެއްގައި އަންނާނީ, އިއްޒަތްތެރި ބައެއްކަމަށް ބަލާފައެވެ. ދޯންޏާއި ބޮއްކުރާ ގާތްކުރުމަށް ފަހު ބޮއްކުރާގައި ތިބި މީހުން މަރީނާމެންގާތު ހާލު އަހުވާލު އަހާ, ރަށަށް އައި ބޭނުން އަހާލިއެވެ. ޖަވާބުގައި ހަމީދު ވާހަކަ ދެއްކިއެވެ. 

”އަހަރަމެން މިއައީ, އަލިފުށީގެ މީހެއްގެ ފަރާތުން މައުލޫމާތު ލިބުނު ގޮތުން, އެރަށަށް އައި ރޫހީ މިތުރުގެ ވަޒަނަކީ މިރަށް ކަމުގައި އެމީހާ ބުނެގެން. މި ރަށުގެ އެއްވެސް މީހަކު ރޫހީ މިތުރަކު ގެންގުޅޭ ކަން އެނގިފަ އެބައޮތްތޯ؟

ބޮއްކުރާގައި ތިބި މީހުންނަށް ހަމީދު އެބުނި އެއްޗެއް ނޭގުނެވެ. ރޫހީ މިތުރު އެއީ ކޮންއެއްޗެއް ހެއްޔެވެ. މިހެންވެ އެމީހުން ބުނީ, ރަށަށް ފައިބާ, ރަށުގެ ވެރިޔާ ގާތު އަހާލަން ވީންނުހެއްޔެެވެ. އެ މީހުންގެ އެދުމުގެ މަތިން މަރީނާއާއި, ހަމީދު, ބޮއްކުރާގައި ރަށަށް ފޭބިއެވެ. އަދި އެމީހުންނާއި އެކު ރަށުވެރިޔާ ގާތައް ދިއައެވެ. 

ރަށުވެރިޔާ ގާތައް ގޮސް ހަމީދުމެން އަނެއްކާ ވެސް އެ ސުވާލު ކޮށްލިއެވެ. ރޫހީ މިރުތުރެއް ގެންގުޅޭ މީހަކު މިރަށުގައި އެބަ ހުރިހެއްޔެވެ. އެ ސުވާލުގެ ޖަވާބު ރަށުވެރިޔާއަށް ވެސް ދޭކަށް ނޭގުނެވެ. އެ މީހާ ވެސް ހުރީ ސުވާލުތަކުން ފުރިގެންވި މޫނަކާއި އެކުއެވެ. މިހެންވެ ހަމީދުއަށް ޖެހުނީ ރޫހީ މިތުރުންނަކީ ކޮބައިކަން އެ އެންމެނަށް ކިޔައިދޭށެވެ. 

ހަމީދުގެ ވާހަކަތައް ނިމުމުން, އެތަނުން މީހަކު ބުނެލިއެވެ. ތިބުނީ މިރަށު ރާވެރި އަލީގެ ދަރި ފަރީޝާއާއި އެކު އެ އުޅޭ ރަތްގެރީގެ ވާހަކަ ހެއްޔެވެ. ފަރީޝާގެ ވަރަށް ކުޑައިރުގައި އެ މީހުން ނާއިންފަރަށް ބަދަލު ވިއެވެ. އެމީހުން އެރަށަށް ބަދަލުވި ފަހުން މަރޮއްޓަކަށް ނާދެއެވެ. އަހަރުމެން ހީކުރީ އެ ރަށުގައި އުޅޫ ކަނޑުގެރިއެއް އެމީހުން ކާލީކަމުގައެެވެ. ތިބުނި ގޮތުން ވިއްޔާ, އެ ރަތްގެރި ބަދަލު އެވާ, ކަނޑުގެރިއަކީ އެއީއެވެ. އެ ކަނޑުގެރި ހޯދަންޔާ އެރަށަށް ދާށެވެ. އަހަރަމެންނަށް ތި ކަނޑުގެރިވަނީ މީގެ އަހަރު ތަކެއް ކުރިން ފެނިފައެވެ. އެ ސޮރާއި ދިމާކުރަން އަހަރަމެން ޖެހިލުން ވަމެވެ. 

އެމީހާ އެބުނި ވާހަކަަތައް އަޑުއަހައި ހަމީދުއާއި, މަރީނާ އަވަސްވެގަތީ ނާއިންފަރަށް ދިއުމަށެވެ. މަރޮށީގެ މީހުން ގާތު އެ ކަނޑުގެރީގެ އެންމެ ފަހު ދުވަހަކީ މިއަދު ކަމުގައި ބުނަމުން, ހަމީދުމެންގެ ދަތުރު ފެށިއެވެ. ދޯނީގައި ރިޔާނަގާ ކަނޑުގެރި މަރާލުމަށް ނާއިންފަރަށް ދިއުމަށް މިސްރާބު ޖެހިއެވެ.

ހަމީދުމެން ދަތުރު ކުރަމުން ދިޔަ ދޯނި, ނާއިންފަރާއި ގާތް ވީ ހަވީރު ފަހެއް ޖަހަން ގާތްވެފައި ވަނިކޮށެވެ. އެއިރު އަލީ އޮތީ ދިގު ރުކަކަށް އަރައި ދޯންޏެއްގެ ހިލަމެއް ވޭތޯ ބަލާށެވެ. އަލީއަށް އެ ދޯނި ހަމަ ފެނުމާއިއެކު ރުކުން ފައިބައިގެން ގޮސް މޫސާއާއި, ފަރީޝާ ގާތު ތައްޔާރުވެ ތިބުމަށް ބުނެ, އެމީހުން ރަށުގެ އެކިތަންތަނަށް ވަދެ ފިލިއެވެ. މޫސާ ފިލާހުރީ, ރަށާއި ދޯނި ގާތް ކުރުމުން ފެންނަ ހިސާބުގެ ރުކެއްގެ ދޮށުގައެވެ. ފަރީޝާ އިނީ ގޭގައެވެ. އަދި އަލީ އޮތީ އެމީހުން ފެންނާނެހެން ކައިރި ރުކަކަށް އަރައި ފިލާފައެވެ. 

މަރީނާމެން ދަތުރުކުރަމުން އައި ދޯނި ނާއިންފަރުގެ ފަޅަށް ވަދެވުނެވެ. އަލިފުށިން އަލީމެން ގެނައި ދޯނި އަޅާފައި އޮތްތަން ފެނުމުން, އަލިފާންގެރީގެ ވަޒަނަކީ މީކަން އެނގި, އައިސްދާނެ ހަމަލާއަކަށް އެމީހުން ވެސް ހުށިޔާރުވެލިއެވެ. ހަމަ އެއާއި އެކު ފުރަތަމަ ހަމަލާ އަންނާކަށް މާކަށް ގިނައިރު ތަކެއް ނުނެގިއެވެ. ހަމީދުމެން ދޯނި އަޅަން އުޅެނިކޮށް އަލިފާންގުޅައެއް އެމީހުންނާއި ދިމާލަށް އަންނަތަން ފެނުނެވެ. ވަގުތުން ހަމީދުގެ ބޮޑު ކަތިވަޅިން އެ އަލިފާން ގުޅައިގައި ޖަހައި މޫދަށް ދުއްވާލިއެވެ. އަދި މަރީނާއަށް މޫސާ ފެނިގެން, އެހުރީ އޭ ކިޔާ, ހަމީދު އަށް ދެއްކިއެވެ. އެ މަންޒަރު އަލީއަށް ފެނުމުން ހިތް ނުތަނަވަސް ވިއެވެ. ވަގުތުން އަރާއޮތް ރުކުން ފައިބައިގެން މޫސާގެ ގާތައް ދިއުމަށް އަވަސްވެ ގަތެވެ. 

މޫސާގެ ގާތައް އަލީއަށް ދެވުނުއިރު, ހަމީދުމެންނާއި ދިމާއަށް އަންނަ ކޮންމެ އަލިފާން ގުޅައެއް, ބޮޑު ކަތިވަޅިން ޖަހައި މޫދައް ދުއްވަމުން, ނާއިންފަރުގެ އަތިރިއާއި ކައިރީގައި ދޯނި އަޅައި ނިންމިއެވެ. އަދި ނާއިންފަރަށް އެމީހުން ފޭބިއެވެ. ހަދާނެ ގޮތް ހުސްވެފައި ހުރި އަލީ, މޫސާގާތު ބުންޏެވެ. 

”ދަރިފުޅާއެވެ. އެ އަންހެންމީހާ އަށް ދަރިފުޅު އެބަ ފެނެއެވެ. ވީއިރު ބަލައިގެން އުޅެންޗެވެ.“

މަރީނާމެން ނާއިންފަރަށް އަރައި ހަރު އަޑުން ގޮވާލިއެވެ. 

”ފިލާ ތިތިބަ ތަނަކުން ހަމަ މިހާރު ނުކުންނާށެވެ. އަހަރަމެން މިއައީ, އަލިފާންގެރި ބަލާއެވެ. އަހަރަމެންނާއި ހަނގުރާމަ ކޮށްގެން ތިމީހުންނަކަށް މޮޅެއް ނުލިބޭނެއެވެ. އެންމެންގެ ފައިދާއަކަށް އަލިފާންގެރި އަހަރަމެންނާއި ހަވާލު ކުރާށެވެ. ނޫނީ އަހަރަމެންގެ ހުރި ވަރެއް މިއަދު ދައްކާލާނަމެވެ.“

އަލީއަށް އެ އަޑުއިވި, ރުޅި އައިސްގެން, މޫސާ ގާތު ބުނެލިއެވެ. ގޮނޑު ދޮށަށް ނިކުމެ އަލިފާންގެރިއަށް ބަދަލު ވާށެވެ. އަދި ބޮޑެތި އަލިފާންގުޅަ އެ މީހުންނާއި ދިމާލަށް ދޫކުރާށެވެ. ރަށުގައި ރޯވިޔަސް މައްސަލައެއް ނެތެވެ. 

މިހެން ބުނުމުން މޫސާ ވަގުތުން އަލިފާންގެރިއަށް ބަދަލުވެ, ރަށުގެ އަތިރިމައްޗަށް ނުކުތެވެ. އަދި އިހުނަށްވުރެ ބޮޑު އަލިފާންގުޅައެއް ހަދާ ހަމީދު މެންނާއި ދިމާލަށް ދޫކޮށްލިއެވެ. އެ ވަގުތު ހަމީދުގެ އަތުގައި އޮތް ބޮޑު ކަތިވަޅި, އޭނާގެ ހަށިގަނޑާއި ހުރަސް ވާނެހެން ބަހައްޓާ, އެއްޗެއް ކިޔެވިއެވެ. ހަމަ އެއާއި އެކު ކަތިވަޅީގައި ލިޔެވިފައިވާ އަކުރުތައް ނޫކުލައިން ދިއްލުނެވެ. އަދި ހަމީދުއާއި ދިމާލަށް އައި އަލިފާން ގުޅައިގައި ކަތިވަޅި ޖެއްސިއެވެ. އެހިނދު އަލީއަށާއި, އަލިފާންގެރިއަށް ލިބުނީ ހައިރާން ކަމެވެ. އެ ބޮޑު އަލިފާންގުޅަ އެ ދަމައިގަތީ, ކަތިވަޅީގެ އެތެރެއަށެވެ. އެ ވަގުތު ނުލަފާ ހިނިތުންވެލުމެއް ހަމީދުގެ މޫނުމަތުން ފެނިގެން ދިއައެވެ. އިރުކޮޅަކުން ހަމީދުގެ ބޮޑު ކަތިވަޅީގެ ތިލާގައި ނޫކުލައިގެ އަލިފާން ރޯވިއެވެ. އަދި ބޯމަތީގައި ކަތިވަޅި ހޫރުވާލާ, އަލިފާން ގެރިއާއި ދިމާއަށް, ކަތިވަޅީގެ ތިލައިގައި ހުރި ނޫކުލައިގެ އަލިފާންތަކުން, އަލިފާންގުޅައެއް އުފައްދާ ދޫކޮށްލިއެވެ. އަލިފާންގެރި އެ އަލިފާންގުޅައިން ރެކެ ގަތެވެ. 

ފެނުނު މަންޒަރުން އަވަަސް އަވަހަށް އަލީ, އަލިފާންގެރިއަށް ގޮވައި, ފިލަން އަންނާށޭ ބުންޏެވެ. ވަގުތުން އަލިފާންގެރި މޫސާއަށް ބަދަލުވެގެން އަލީގާތައް އައެވެ. އަލީއާއި, މޫސާ އަވަސްވެ ގަތީ ފަރީޝާގެ ގާތައް ދިއުމަށެވެ. އެ މީހުން ރޭވި ރޭވުން ފަނިވީއެވެ. އެ މީހުން ފިލަން ދާތަން ފެނި, މަރީނާއާއި, ހަމީދު ވެސް އެ މީހުންގެ ފަހަތުން ދުއްވައިގަތެވެ. އަލީމެން ގެއަށް ގޮސް ފަރީޝާއަށް ވީގޮތް ކިޔައިދީ, އެންމެން އެކުގައި ވަލުގެ ތެރެއިން ތުނޑިއާއި ދިމާލަށް ދިއުމަށް މިސްރާބު ޖެހިއެވެ. އެމީހުންނަށް މި ރަށުގެ ވަލުތެރެއަކީ ދުވެ އުޅެން ފަރިތަ ތަނެއްކަމަކު, ހަމީދު މެންނަށް އެ ވަލުތެރެ ވީ ދުވެ އުޅުމުގައި ދަތި އުނދަގޫ ތަނަކަށެވެ. ނަމަވެސް ދިމާވާ ކޮންމެ ހޯލިގަނޑެއް, ނޫނީ ގަހުގެ ގޮފިގަނޑެއް ވެސް ހަމީދުގެ ބޮޑު ކަތިވަޅިން ޖަހާ ބިމާ ހަމަ ކުރަމުން, އަލީމެންންގެ ފަހަތުން އެމީހުނަށް ވެސް ތުނޑިއަށް ނުކުމެވުނެވެ. އަލީމެން ގަސްތުކުރީ އެމީހުން ވަލުން ނުކުންނަން ވާއިރަށް އަތިރި މަގުން ގޮސް ދޯންޏަށް އަރައިގެން އަވަހަށް ނާއިންފަރުން ފުރުމަށެވެ. ހަމީދުގެ ވަރުގަދަކަން ފެނި ބިރުގަތީއެވެ. ނަމަވެސް އެމީހުން ތުނޑިއަށް ނުކުމެގެން އަތިރިމަގުން ދަނިކޮށް, ހަމީދުމެން ވެސް އެ މީހުންނާއި އަރާ ހަމަކުރިއެވެ. ހަދާނެ ގޮތް ހުސްވެގެން މޫސާ ލައްވާ, އެ މީހުންނާއި ދިމާލަށް އަލިފާންގުޅަ ދޫކުރަމުން ދުވަމުން ގެންދިއެވެ. ހަމީދުމެން އަލީމެންނާއި ގާތްވުމުން, މަރީނާގެ އަތުގައި އޮތް, ރޯނުގަނޑު މޫސާއާއި ދިމާލަށް އެއްލިއެވެ. އެ ރޯނުގަނޑު ގޮސް މޫސާގެ ވަަށައިގެން އޮޅުނެވެ. އެވަގުތު އެ ރޯނުގައި ލިޔެވިފައި ހުރި އަކުރުތައް ނޫކުލައިން ދިއްލިލިއެވެ. އަދި ދެކޮޅުގައި އިން ރިހި ބަރުން ނޫކުލައިގެ އައްޔެއް ނުކުމެގެން އައިސް, ރޯނުގެ ދެކޮޅު ބެދުނެވެ. ވަގުތުން ދޮންވެލި ގަނޑުގެ މައްޗަށް މޫސާ ވެއްޓުނެވެ. ހަމަ އެވަގުތު އަލިފާންގެރިއަށް މޫސާ ބަދަލު ވާން އުޅުނެވެ. ނަމަވެސް މޫސާއަށް އަލަފާންގެރިއަކަށް ވެސް އަދި ރަތްގެރިއަކަށް ވެސް ބަދަލެއް ނުވެވުނެވެ. ބިންމަތީގައި ދެކޮޅަށް ތެޅިލަ ތެޅީލާ އޮތީއެވެ. 

ވަގުތުން އަލީގެ ދުވުން ހުއްޓާލާ, އުނަގަނޑުގައި އިން ފިޔޮހި ނަގާ, އެ ރޯނުގަނޑު ކަނޑާލަން އުޅުނެވެ. ނަމަވެސް އަލީއަކަށް އެ ރޯނުގަނޑެއް ކަނޑައެއް ނުލެވުނެވެ. އެ ރޯނުގަނޑުން އޭނާގެ އަތް ދޫވީ, ލިބުނު ކުއްލި ކަރަންޓު ޝޮކަކުންނެވެ. އެ އިރު މަރީނާއާއި, ހަމީދު އަލީމެންނާއި އަރާ ހަމަވަނީއެވެ. އަލީގެ ގާތައް އެ މީހުން އައުމުން އަލީ މަޑުމައިތިރި ކަމާއެކު އިނެވެ. އަދި ބަލި ގަބޫލުކުރިއެވެ. މިހެންވެ ހަމީދު އައިސް, އަލީގެ އަތް ފުރަގަހަށް ގެންގޮސް ރޯނުގަނޑަކުން އެއްސިއެވެ. އެއިރު އަލީގެ ފިޔޮހި އިނީ އުނަގަނޑުގައި ޖަހާލާފައެވެ. އަލީގެ އަތް އެއްސި ގޮތައް ފަރީޝާގެ އަތް ވެސް އެއްސިއެވެ. މަރީނާ, މޫސާ ނަގައިގަނެގެން ނާއިންފަރުގެ ތުނޑިއާއި ދިމާއަށް މިސްރާބު ޖެހިއެވެ. އަދި އަލީއާއި, ފަރީޝާ ވެސް ހަމީދުގެ ފަހަތުން މަޑުމަޑުން ހިނގާފައި އެ ދިމާލަށް ދިއައެވެ.

ނާއިންފަރުގެ ތުނޑީގެ ފެށޭ ހިސާބުގައި މޫސާ ބާއްވާފައި, އެއްޗެއް ކިޔަވާފައި, މަރީނާ އެ ރޯނުގަނޑު މުހާލިއެވެ. އަދި ބޮލުގައި ޖަހާލާފައި އިން ފިޔޮހި ނަގާ އަލީއާއި, ފަރީޝާއާއި ވާހަކަ ދެއްކިއެވެ. އަލީމެން ތިބީ ރަށާވީ ފަރާތައް ފުރަގަސް ދީގެން މަރީނާއާއި ދިމާލަށް ބަލާށެވެ. އަދި ހަމީދު ހުރީ އަލީމެންގެ ފަހަތުގައި މަރީނާގެ ހަރާކާތްތަކަށް ބަލާށެވެ. 

”އަހަރެންގެ ނަމަކީ މަރީނާ. ދެން އެހުރީ އަހަރެންގެ ބޭބެ, ހަމީދު. ތި ދެމީހުންނަށް މިހާރު އެނގޭނެ ފަދައިން, މި ސޮރަކީ އާދައިގެ އިންސާނެއްނޫން. އަހަރަމެން މި މަހުލޫގުންނަށް ކިޔާ އުޅެނީ, ރޫހީ މިތުރުން. އެ ސޮރުމެންނަކީ ބައެއް މީހުންނާއި އެކު އުފަންވާ މަހުލޫގެއް. އެ މީހުން މިސޮރުންގެ ބާރުގެ ބޭނުން ކޮށްގެން މުޖުތަމައުގެ ބާރުވެރިކަން ހޯދައިގަނޭ. އަދި ނާއިންސާފުން ކަންކަން ކޮށް މީހުންގެ ފުރާނައަށާއި މުދަލަށް ގެންލުން ދޭ. އަހަރަމެންނަކީ މިކަން ހުއްޓުވުމަށް ވަރަށް ކުރީންސުރެ މަސައްކަތް ކުރަމުން އަންނަ ސިއްރު ބައެއް. އަހަރަމެންގެ މަސައްކަތަކީ މި މަހުލޫގުން މި ދުނިޔެއިން ނައްތާލުން. އެ ސޮރުމެންގެ އުނދަގޫ ބޮޑު ނުވަނީސް މަރާލުން. ވީ އިރު އަހަރެންނަށް ޖެހޭނީ މި ސޮރުގެ ދުވަސް ދުއްވާލަން.“

މަރީނާގެ ވާހަކަ ނިމިނުން ވަރަށް ރުޅިއައިސް އަލީ ވާހަކަ ދެއްކިއެވެ. އެއިރު ސިއްރު ސިއްރުން, އަލީގެ އުނަގަނޑުގައި އިން ފިޔޮހި ނަގައިގެން, އަލީގެ އަތުގައި އަށްސާފައި އޮތް ރޯނު ގަނޑު ކަނޑާލުމަށް ރޯނުގައި ކާތަމުން ގެންދިއައެވެ. 

”ކަލޭމެން ތިއައީ, މީހުންގެ ޅަދަރިން ގަސްތުގައި ކަތިލަމުން އަންނަބައެއް. އެ ސޮރުމެންނަކީ ތި މީހުންނަށް ގޮތްނޭނގޭ ބަޔަކަށް ވުމުން, ތިމީހުން އެސޮރުމެންދެކެ ބިރު ތި ގަންނަނީ. އަދި އެ ބިރުވެރިކަމުގަ އެ މަހުލޫގުންގެ އަސްލު ނުދެނަ ހުރެ އެ މީހުން މަރާތިލަނީ. ޖެހިލުމެއް ނުވޭތަ. އަހަރެން ދެކެނީ އެ ސޮރު އެއީ އަހަރެންގެ އަމިއްލަ ދަރިއެއްގެ ގޮތުގަ. ކަލޭ ތިދެއްކި ވާހަކާގަ ތިބުނީ އެސޮރުމެންނަކީ ބައެއް މީހުންނާއެކު އުފަންވާ ބައެކޭ. އަހަރެންނާ އެކު ވެސް އެސޮރު ކަހަލަ މަހުލޫގެއް އުފަންވި. ކަލޭ ތިބުނާ ކަހަލަގެ ރޫހީ މިތުރެއް އުފަންވި. އަހަރެންނަށް ވިސްނުނު ގޮތުގައި, އެސޮރުމެން އިންސާނެއްގެ ސިފައިގައި ހުންނައިރު ފެންނަނީ, ރޫހީ މިތުރަކާ އެކު އުފަންވާ މީހުންނަށް އެކަނި. ވީ އިރު ކަލޭ ވެސް ތިއައީ ރުހީ މިތުރަކާ އެކު އުފަންވި މީހެއްނު. ކަލޭގެ ރޫހީ މިތުރު ކޮބާ. ޔަގީން ކަލޭއަށް ނޭނގި އެސޮރު ވީ މަރާލާފަކަން.“

އަލީގެ އެ ވާހަކައިން މަރީނާގެ މޫނުމަތީގެ ކުލަވަރު ބަދަލު ވިއެވެ. އަދި ބުނެލިއެވެ.

”އަހަރެންގެ ބައްޕަ ބުނުއްވީ, ބައެއް މީހުންނަށް ރޫހީ މިތުރުގެ ފެނުމުގެ ބާރު ލިބިފައި ވާކަމަށް. އެކުގައި ރޫހީ މިތުރަކު އުފަން ނުވިޔަސް

ހެމުން ހެމުން އަލީ ޖަވާބު ދިނެވެ. 

”ކަލޭއަށް އެނގޭތަ, އަހަރެން އެ ސޮރު ގޮވައިގެން ކިތައް ކިތައް ރަށަށް ގޮށްސަވާނެކަން. ގައިމު އޭގެ އެއް ރަށަކު ވެސް ނޫޅެ އެ ސޮރު އިންސާނެއްގެ ސިފައިގައި ހުންނައިރު ފެންނަ މީހެއް. ދެން ކަލޭ ތީ އެހެން ވިއްޔާ, ވަރަށް ނަސީބު ރަނގަޅު މީހެއް. އެއް މިލިއަނުން އެކަކު. ހަހަހަ

މަރީނާއަށް އޭނާގެ ބައްޕަ ކިޔައި ދީފައި އޮތް ވާހަކަ ތަކުގައި ސިއްރުތަކެއް ވާހެއް ހީވާން ފެށިއެވެ. މިހެންވެ ހަމީދު ގާތުގައި އަހާލިއެވެ, 

”ހަމީދު. އެނާ އެބުނަނީ ތެދެއްތަ. އަހަރެންނަށް ރޫހީ މިތުރުން އިންސާނެއްގެ ސިފައިގައި ހުންނައިރު އެފެންނަނީ, އަހަރެންނާއި އެކު ރޫހީ މިތުރެއް އުފަންވީމަތަ؟ ދޮގު ނުލާ ތެދައް ބުނެދީބަލަ.“

ޖަވާބުގައި ހަމީދު ބުންޏެވެ.

”އޭނާގެ ބަހަށް ތިހެއްލެނީ ކީއްވެތަ. އޭނާ އެ ހަދަނީ ހުސްދޮގު. އަވަހަށް ތި މިތުރު ކަތިލާފަ ހިނގާބަލަ ރަށަށް ދެވޭތޯ އުޅެމާ. އޭރުން މިކަން ވެސް މި ނިމުނީންނު. އަހަރެންނަށް ތި ސޮރު ފެންނަނަމަ ތިކަން މިހާރު ނިންމައިފީމުސް.“

ހަމީދުގެ އެ ޖަވާބުން މަރީނާއަށް ހިތްހަމަ ޖެހުމެއް ނުލިބުނެވެ. މިހެންވެ ތަކުރާރުކޮށް ކުރިން ކުރި ސުވާލު އަހަމުން ގެންދިއައެވެ. އެންމެ ފަހުން ހަމީދު ރުޅިއައިސް ބުނެލިއެވެ.

”އާން. ކަލޭ އުފަންވި ދުވަހު ރޫހީ މިތުރަކު ވެސް އުފަންވި. މަރޮށީން ބައްޕަ އައި ދުވަހު ކަލޭ ވިހެއީ. ބައްޕަ އެ ދުވަހުއައީ މަރޮށިން ރޫހީ މިތުރެއް ކަތިލާފަ. އައިސް ޖެހުނީ ކަލެއާއި އެކު އުފަންވި, ޅަ ވައްލަ ވެސް ކަތިލަން. ރޫހީ މިތުރަކަށް ވީމަ. އަހަރަމެންގެ އާއިލާ އަކީ ޒަމާނުންސުރެ ރޫހީ މިތުރުން ޝިކާރަ ކުރަމުން އަންނަ ބައެއް. މިހެންވެ އާއިލާއަށް ލިބިދާނެ ލަދަށް ވިސްނާފަ ބައްޕަ އެ ދުވަހު އެ މިތިރު މަރާލީ. އެއްވެސް މީހަކު ކަލޭ ގާތު މި ވާހަކަތައް ކިޔައިދިނުން ބައްޕަ އޮތީ މަނާކޮށްފަ. އަދި ކަލޭއަށް ރޫހީ މިތުރުގެ އިންސީ ސިފަ ފެންނަނީ, މިތުރު ފެނުމުގެ ބާރާއެކު އުފަންވި ކުއްޖަކަށް ވާތީ އޭ ކިޔާ މީހުންގެ ގާތު ދޮގު ހެދީ. އެ މީހުން އެކަން ގަބޫލުކުރި ކަމީ ކަލޭގެ ނަސީބު. ނޫނީ, އަހަރަމެންގެ އަތުން މި ބާރުތައް އެ މީހުން އަތުލީސް. ދެން ވެސް އޭނަގެ ބަހަށް ނުހެއްލި ތި މިތުރު މަރާލަބަލަ. އަވަސް ކުރޭ.“

ހަމީދުގެ ވާހަކަތައް އަޑުއަހާ މަރީނާއަށް ރޮވުނެވެ. އަދި މިހާތަނަށް އައި އިރު މަރާލެވުނު މިތުރުންތައް މަތިން ހަނދާންވެ ދެރަވިއެވެ. ބަޔަކުގެ ބަހަށް ހެއްލި, ކުށެއްނެތް ކިތައް މަހުލޫގުން މަރާލެވިއްޖެ ހެއްޔެވެ. އެ މަހުލޫގުންގެ ހަގީގެއް ނޭނގި, ބިރުން, އެ ސޮރުމެންނަށް ގޯނާ ކުރެވުނީއެވެ. އޭނާއާއި އެކު އުފަންވި މިތުރު އޭނާއަށް އެނގުމެއް ނެތި މަރާލީއެވެ. ވީދެރައިން މޫސާގެ ކައިރީގައި މަރީނާއަށް އިށީނދެވުނެވެ. 

މަރީނާގެ އެ އަމަލު ފެނި އެންމެ ފަހު ބަހަކަށް ހަމީދު ބުނެލިއެވެ.

”ބައްޕަ ބުންޏޭ މިހެން ވާނެއޭ. ކަލޭ އޭނާގެ ބަހަށް ހެއްލޭނެއޭ. އެންމެ ރަނގަޅު. ދެން ކަންތައް ކުރަން ވީގޮތް އެނގޭނީ އަހަންނަށް.“

މިހެން ބުނެ ކުއްލިއަކަށް, ހަމީދުގެ ބޮޑު ކަތިވަޅީގެ ތިލަ ފަރީޝާގެ ކަރުގައި ޖައްސާ, ކަރުގައި ކަތިވަޅި އެޅިއެވެ. އެހިނދު ފަރީޝާގެ ކަރު ކަނޑައިގެން ގޮސް ލޭތައް ފައިބައި ގަތެވެ. އެންމެންނަށް ލިބުނީ ކުއްލި ސިހުމެކެވެ. އަލީ އާއި މޫސާ އެކުގައި ”ފަރީޝާ“ އޭ ކިޔާ ހަޅޭއް ލަވައި ގަތެވެ. އެ ހިނދުކޮޅުގައި, އަލީގެ އަތުގައި އޮތް ރޯނުގަނޑު ކަނޑައި ލާފައި ފަރީޝާއާއި ދިމާލަށް ދުއްވައި ގަތެވެ. އެއިރު ދޮންވެލި ގަނޑުގެ މައްޗަށް ފަރީޝާ ވެއްޓެނީއެވެ. ހަމަ އެ ވަގުތު ރަށުގެ އެތެރެއިން ލާފައި, ދޯނިތައް އަޅާފައި އޮތް ދިމާލަށް ދިއުމަށް, ހަމީދު ދުއްވައިގަތެވެ. އެމަންޒަރު ފެނި, މޫސާގެ ގައިން އަލިފާން ހުޅުތަކެއް ރޯވާން ފެށިއެވެ. އަދި މޫސާ ވެސް ރަށުގެ އެތެރެއަށް ދިއުމަށް ދުއްވައި ގަންނަމުން އަލިފާންގެރިއަށް ބަދަލު ވިއެވެ. އިސްކޮޅުގައި ދިވެހި ރުކެއްގެ ދެ ގުނަ ހުންނަވަރުގެ ބިޔަ ބޮޑު އަލިފާންގެރި އަކަށް މޫސާ ބަދަލުވިއެވެ. އެ ސޮރު ހުރީ ރުޅިއައިސް ރަތްވެފައެވެ. ގައިގައި ހުރި އަލިފާން ހުޅުތައް ހުރީ ވަރަށް އުސްމިނުގައި ރޯވެ އަނދަ އަނދަ އެވެ. އިސާހިތަކު މުޅި ރަށުގައި ރޯވާން ފެށިއެވެ.

ފެނުނު މަންޒަރުން މަރީނާ އިނީ ހުއްޓުން އަރާފައެވެ. އިރުކޮޅަކު އެހެން އިނދެފައި އަލީގެ ގާތައް ގޮސް, އޭނާއަށް އެހީވާން ހުއްދަ ދޭށޭ ބުންޏެވެ. އެއިރު އަލީ އިނީ, ފަރީޝާގެ އަތުގައި އަށްސާފައި އަޮތް ރޯނުގަނޑު ކަނޑާލައިފައި, އޭނާގެ އަތްމައްޗަށް ފަރީޝާ ނަގައިގެން ލޭއަންނަ ތަނުގައި އަތް އަޅާ ބާރުކޮށްގެންނެވެ. އޭނާ އިނީ ހަދާނެ ގޮތް ހުސްވެ، ރޮވިފައެވެ. އަލީގާތު މަރީނާ އެދުނީ ފަރީޝާގެ ކަރުގައި, ކަނޑައިގެން ގޮސް އިން ހިސާބު ފޮތިގަނޑެއްގެ އެހީގައި ބާރުކޮށް ފިއްތާފައި ބޭންދުމަށެވެ. މިހެންވެ އަލީ, އޭނަގެ އުނަގަނޑުގައި އިން ކޮވެލި ކުރެހި ފިޔޮހި ނެގިއެވެ. އެވަގުތު މަރީނާއަށް އެ ފިޔޮހި ފެނި ބޭއިހްތިޔާރުގައި އެ ފިޔޮހީގައި ހިފުނެވެ. އޭނާ ބުނިކަހަލަ އެވެ. ތިއީ ކޮންތާކުން ލިބުނު ފިޔޮށްސެއް ހެއްޔެވެ. މަރީނާގެ އަތް ފޮޅުވާލުމަށް ފަހު އަލީގެ މުންޑުގަނޑުގެ ބައެއް އިރާލުމަށްފަހު, ފަރީޝާގެ ކަރުގައި ކަނޑައިގެން ގޮސްފައި ހުރި ތަނުގައި ޖައްސާ ބާރުކޮށް ހިފަހައްޓައިލިއެވެ. އެހިނދު މަރީނާ އެދެމުން ދިއައީ ފަރީޝާ ގޮވައިގެން ވީހާވެސް އަވަހަކަށް މަރޮއްޓަށް ދިއުމަށެވެ. ޖެހިލުންވެ ހުރެ އެންމެ ފަހުން ފަރީޝާ ނަގައިގަނެން ފަޔަށް ލެވުނު ބާރެއްލާ އަތިރިމަގުން ދޯނި އަޅާފައި އޮތް ހިސާބަށް ދިއުމަށް ދުއްވައިގަތެވެ. އެއިރު ވެސް ފަރީޝާގެ ކަރުން ލޭ އަންނަމުން ދިއައެވެ.

އިރު އޮށްސެމުން ދިއަ ވަގުތުވެ. މުޅި އުޑުމަތީގައި އޮތީ ރަތްވިލާ ލާފައެވެ. ވަށައިގެންވީ މާހައުލުގައި އޮތީ އޮރެންޖުކުލަ އަރާފައެވެ. ނާއިންފަރުގައި އަނދަމުންދިޔަ އަލިފާންގަނޑުގެ މެދުގައި އެހުރީ, ބިޔަ އަލިފާންގެރިއެވެ. އެ ސޮރުގެ ނަޒަރު ހުއްޓިފައި ހުރީ, އަތިރިމަތީގެ މޫދު ކައިރީގައި އަޅާފައި އޮތް ދޯންޏާއި ދިމާލަށް ދުވަމުން އެހެރަދާ ހަމީދު އަށެވެ. ރުޅި އައިސްގެން ދޫކޮށްލާ ކޮންމެ އަލިފާންގުޅައެއް ހަމީދުގެ ކަތިވަޅީގެ އެތެރެއަށް ދަމައި ގަތުމަށްފަހު, އަނބުރާ އަލިފާންގެރިއާ ދިމާލަށް ދޫކުރަމުން ދުވަމުން ގެންދިއައެވެ. ހަމީދުގެ ފަހަތުން, މާދުރުން, މަރީނާއާއި, އަލީ ވެސް ދުވަމުން އައެވެ. އަލީގެ އަތްމަތީގައި ފަރީޝާ ބާއްވައިގެންނެވެ. 

ރަށާއި ކައިރީގައި އަޅާފައި އޮތް, އަލީމެން އަލިފުށިން ގެނައި, ދޯންޏަށް, ހަމީދު އެރިއެވެ. އަދި ވަގުތުން ރިޔާ ނަގާ ވައި އަޅުވާލިއެވެ. ނާއިންފަރުގެ ފަޅުން ނުކުތުމަށް ދޯނީގެ މިސްރާބު ބެހެއްޓިއެވެ. އެއިރު ވެސް އަލިފާންގެރި, ހަމީދުއާއި ދިމާލަށް އަލިފާންގުޅަ ދޫކުރަމުން ގެންދިއައެވެ. ނަމަވެސް އޭގެން ކުރާ އެއްވެސް ފައިދާއެއް ނެތެވެ. އެ ހަމަލާތަކުން ހަމީދުއަކަށް އެއްވެސް ގެއްލުމެއް ނުވެއެވެ. މިހެންވެ ރަށުގެ އެތެރެއިން ނުކުމެގެން މޫދާ ދިމާއަށް ދިއުމަށް އަލިފާންގެރި މިސްރާބު ޖެހިއެވެ. އަދި މޫދުގެ ފެންގަނޑުގެ އެތެރެއަށް ފައި ލުމާއެކު, އެ ސޮރުގެ ފަޔަށް ވީތަދުން, ފެންގަނޑުން ފައި ނެގިއެވެ. އެ މަންޒަރު ފެނި, އުފަލުން ހަމީދު ގޮވާލިއެވެ. 

”ކަލޯ, ސޮރާ. އެންމެން އެ ބިރުގަންނަ ކަނޑުގެރިއަށް މޫދަށް އެރޭކަށް ނުކެރުނު ދޯ؟ ދެން ތިތާ ރޮއެލަ ރޮއެލާ ހުރޭ އިނގޭ. އަހަރެން ދެން ދިއައީއޭ. ވަރަށް ސަލާމް.“

އަލިފާންގެރި ވީ ދެރައިން, ރަށުގެ އެތެރެއަށް ވަދެ, އަތަށް ލެވުނު ބާރެއްލާ, ހަމީދުގެ ދޯންޏާއި ދިމާލަށް އަލިފާންގުޅަ ދޫކުރަމުން ގެންދިއައެވެ. އެއިރު އަލީމެން, ހަމީދުމެން އައި ދޯންޏަށް އަރައި, މަރޮއްޓަށް ދިއުމަށް ދަތުރު ފެށިއެވެ. އިސާހިތަކު ދެ ދޯންޏަށް ވެސް ނާއިންފަރުގެ ފަޅުން ނުކުމެވުނެވެ. ނަމަވެސް އެއިރު އަލީގެ އަތް މަތީގައި އޮވެ, ފަރީޝާގެ ފަހު ނޭވާތައް ލަމުން ގެންދިއައެވެ. އެ ވަގުތު އަލިފާންގެރި މަޑުމަޑުން ކުޑަވާންފެށިއެވެ. އަދި ނާއިންފަރުގައި ރޯވެ އަނދަމުން ދިއަ, އަލިފާންގަނޑުތައް, އަލިފާންގެރީގެ ހަށިގަނޑަށް ދަމައި ގަންނަމުން ދިއައެވެ. އަލިފާންގެރި ކުޑަވަމުން ގޮސް, މޫސާއަށް ބަދަލު ވިއެވެ. މޫސާގެ ހަންގަނޑުގެ ކުލައަށް އެއިރު ހުރީ މަޑު ނޫކުލައެއް އަރާފައެވެ. ފިނި މޫސުމުގައި ފިނި ބޮޑުވެގެން މީހާ ގަނޑު ވާއިރު ހުންނަ ގޮތަށެވެ. އެއިރު ފަރީޝާގެ އެންމެ ފަހު ނޭވާ ދޫކޮށްލަނީއެވެ. އިސާހިތަކު, މޫސާގެ ކައިރީގައި ހުރި ރުކުގެ ތޮށިގަނޑުގައި އޭނާގެ ބުރަކަށިޖެހި, ރުއް ކައިރީގައި ގަނޑުވިއެވެ. މޫސާގެ ލޯ, މަޑުމަޑުން މެރުނެވެ. އެ ވަގުތު އަލީ އަޑުން އަޑުނަގައި ރޮއެގަތެވެ. ހަމަ އެހިނދު އިރު ވެސް އޮށްސިގެން ދިއައެވެ. 

-ނިމުނީ-

2

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!