ނީކިޔާ ހޭލެވުނީ ހޫނު ވެގެންނެވެ. ބޮލަށް ތަދުވާ ވަރުން ނިދުނީ އޭސީ ވެސް ނުޖައްސައެވެ. ތެދުވެ އޭސީ ޖައްސާލަމުން ނީކިޔާ ފާޚާނާއަށް ވަދެ މޫނު ދޮވެލައިގެން އައިސް ނުކްޝާން ގެނެސްދިން ބޭސް ކައިލިއެވެ. ނިދުމުގެ ސަބަބުން ބޮލަށް ވަނި ކުޑަކޮށް ލުއިވެފައެވެ. ބޭސް ކައިގެން ފޯނު ހުޅުވާފައި ފުރަތަަމަ ވެސް ނީކިޔާ ބަލާލީ ލަމާން އޮންލައިންގަ އިންތޯ އެވެ. އެންމެ ފަހުން އޮންވެފައި އިނީ މިއަދު ހެނދުނެވެ. ނީކިޔާ ހައި ޖަހާލާފައި ރިޕްލައި ކުރަންދެން އިނެވެ. އިރުކޮޅެއް ވީ އިރު ވެސް ރިޕްލައި ނައުމުން ނީކިޔާ ފޯނު ބާއްވާފައި ކޮޓަރިން ނިކުތެވެ. ނުކްޝާން ޓީވީ ބަލަން އިންތަން ފެނިފައި ނީކިޔާ ނުކްޝާން ކައިރީގައި އިށީނެވެ.”ދެން އެއްވެސް ކަމެއް ނެތް؟؟ ކޮބާ ޔަމް؟؟..” ނީކިޔާ އެހިއެވެ.”ކޮޓަރީގަ ނުން ވާނީ..” ނުކްޝާން ޗެނަލް ތައް ބަދަލު ކުރަން ފެށިއެވެ. އެހެންހޭ އަހާލަމުން ނީކިޔާ ޔަމްހާއަށް ގޮވަން ވެގެން ދިޔައެވެ. އޭރު ނަވްޔާ ބަދިގޭގައި އުޅެއެވެ.”ޔަމް..” ނީކިޔާ ކޮޓަރި ދޮރު ހުޅުވާލި ވަގުތު ޔަމްހާ ފާޚާނާއިން ނިކުންނަނީއެވެ.”އާދެބަލަ ބޭރަށް.. ހާދަ ފޫއްސޭ ޔަމް ނެތީމަ..” ނީކިޔާ ތުން ދަމާލިއެވެ. ހެމުން ޔަމްހާ ވެސް ނީކިޔާ ފަހަތުން ނިކުތެވެ. ނުކްޝާން ލޮލުގައި އަޅައިގަތީ ޔަމްހާއެވެ. ހީލައިގެން ހުރި ކަމަކު މޫނުމަތިން ނުތަނަވަސްކަން ފެންނަން ހުއްޓެވެ. ނުކްޝާން މާ ވަރަކަށް ބަލާހެން ހީވެގެން ޔަމްހާ އެދިމަ ބަލާލި ވަގުތު ދެމީހުންގެ ހަތަރުކަޅި ބައްދަލުވިއެވެ.

 

**25 ވަނަ ޕާޓު**

 

ހިތްހަމަ ނުޖެހޭކަން ދައްކާލާފައި ނުކްޝާން މޫނު އަނބުރާލިއެވެ. ނުކްޝާން އެހެން ހެދުމުން ޔަމްހާ ދެރަވެފައި އިސްޖަހާލިއެވެ. ނީކިޔާ ދައްކަމުން ދިޔަ ވާހަކަ އަށް ސަމާލުކަން ދޭން ފެށީ ވެސް އެ ނުތަނަވަސްކަމާއި މާޔޫސްކަން ނީކިޔާ އަށާއި ނުކްޝާންއަށް ނުދައްކަންށެވެ. ނުކްޝާންއަށް ނޭނގިގެން ޔަމްހާ އާއި ދިމަ ބަލާލެވުމުން އަމިއްލަ ނަފްސަށް ކުދިކިޔާލިއެވެ. ނުކްޝާންގެ ހިތުގައި އަލަށް އުފެދެންފެށި އިހުސާސް އަށް ކިޔާ ނަމެއް ހިތަކަށް ނައެވެ. ކޮންމެ ގޮތެއް ވިޔަސް މި އިހުސާސް ޔަމްހާ އާއި މެދު ކުރާކަށް ނުކްޝާން ބޭނުމެއް ނޫނެވެ. މިއީ ކޮންމެވެސް އެހެން ކަމަކާ ގުޅުވައިގެން ވާ ގޮތެއް ކަމަށް ނުކްޝާން ނިންމި އެވެ. ލަސްތަކެއްނުވެ އެ އިހުސާސް ގެއްލިދާނެ ކަމަށް އަމިއްލައަށް ނިންމި އިރު ނުކްޝާން އަށް ނޭނގުނީ އެ އިހުސާސްގެ މައްޗަށް ބާރު ނުފޯރުވޭނެކަމެވެ. ކިތަންމެ ވަރަކަށް މަސައްކަތް ކުރިޔަސް މެއެވެ.

 

ސައި ބޮއިގެން ނުކްޝާން ބޭރަށް ނިކުތް އިރު ޔޫޝައު ގެއިން ނިކުމެއްޖެ އެވެ. ފޫހިވާތީ ނުކްޝާން ލަމާންއަށް ގުޅާލިއެވެ.”ކޮން ހިތެއް އޮވެގެން މިހާރު ތި ގުޅީ..” ފޯނު ނެގިގޮތަށް ލަމާން އެހިއެވެ.”ކޮބާތޯ ބަލަން..” ނުކްޝާން ގަހެއްގައި ލެނގިލިއެވެ.”ދެން ހުރިހާ އެއްޗެއް ބަލާނެ މީހާގެ ހެޔޮކަން ދައްކަން އުޅެންޏާ..” ޝަކުވާގެ ރާގަކަށް ލަމާން ކިޔާލިއެވެ.”ނުކް.. މި ދަނީ ޔަމްގެ ބޭސް ބަދަލު ކުރަން..” ނީކިޔާ ޔަމްހާ އާ އެކީ ގެއިން ނިކުތެވެ. އަތަށް ފުންކޮށް ކަތުރު ހަރާފައި ވުމުން ބޭސް ބަދަލު ކުރަން ދެދުވަހުން އެއްދުވަހު ދާން ޖެހެއެވެ.”ބޭހޭ؟؟ކޮން ބޭހެއް؟؟ ނުކް އޭނައަށް ކީއްކުރީ؟..” ނީކިޔާމެން ދިޔަ އަޑު އަހާފައި ލަމާން ސުވާލުތައް ކުރަން ފެށިއެވެ.”އަޖާބެއް.. އޭނާއަށް ކަމެއް ވާއިރަށް މިމީހުންނަށް ހީވަނީ މަރު ގާތް ވާހެން..އޭނަ އަމިއްލަ އަށް އަތަށް ކަތުރު ހަރައިގެން ކުރިން ދުވަހު.. މަ ބޮލަށް ޖަހާތޯ ކަންނޭނގެ އެހެން ހެދީ.. ބައްޔެއް ކަހަލަ އެއްޗެއް ހުވާ..” ނުކްޝާން ދެލޯ އަޅައިގެން ހުރެ ވާހަކަ ދެއްކިއެވެ.”ތިހާ ރުޅި ނާދެބަލަ.. ފުރަތަމަ އަހާބަލަ ކީއްވެގެންތޯ އަތަށް ކަތުރު ހެރީ.. ވެދާނެ ނުކް އޭނާއާމެދު ކަންތައް ކުރާ ގޮތުން ދެރަވެގެން ކަމަށް..” ލަމާން ބުންޏެވެ.”ނޫޅެން!..” ދަތްކުނޑި ވިކާލަމުން ނުކްޝާން ފުން ނޭވާއެއް ލިއެވެ.

 

ބޭސް އަައިގެން ހޮސްޕިޓަލުން އައި މަގުމަތީގައި ނީކިޔާ ބޭނުންވީ އެއްޗެއް ކާލަންށެވެ.”ޔަމް މަޑުކޮށްލާ މި އަންނަނީ ޗޮކްލެޓް ގަނެގެން..” ނީކިޔާ ފިހާރައަށް ވަނެވެ. އެކި ވައްތަރުގެ ޗޮކްލެޓްތައް ނަގައިގެން ކައުންޓަރު ކައިރިއަށް ނީކިޔާ ދިޔައެވެ. ކޮފީ ދަޅުތައް ކައިރީގައި ހުރި ސުދާ ނީކިޔާ ލޮލުގައި އަޅައިގަތީ އެވަގުތެވެ.”ހޭއި ނީކިޔާ..” ސުދާ ހެވިފައި ގޮވާލިއެވެ. މޫނު އަނބުރާލަމުން ނީކިޔާ އެހެން ދިމައެއް ބަލަން ފެށިއެވެ.”ލަމާން ހަމަ ޗީޓް ކުރަނީއޭ ދޯ.. ކިހާ ދެރަ.. ހިތް ހަލާކު.. ދެން ވެސް އޭނަ ދައްކާ ދަޅައަށް ހެއްލެން ހުރޭ.. ކޮންމެ ރެއަކު އަންހެން ކުއްޖެއް ގޮވައިގެން އުޅޭ ފިރިހެނަކާ އެކީ އުޅެގެން ލިބޭނީ ލަނޑު..” ސުޕާރީ ތައް ޖީބަށް އަޅަމުން ސުދާ މަލާމާތް ކޮށްލިއެވެ. މިފަހަރު ލަމާން އާއި ދެކޮޅަށް އެއްޗެއް ބުނާކަށް ނީކިޔާއަށް ނުކުޅެދުނެވެ. ތުންފަތުގައި ދަތް އަޅާލަމުން ކަރުނަތައް ހިންދާލާފައި ޗޮކްލެޓްތައް ހިފައިގެން ނީކިޔާ ފިހާރައިން ނިކުތެވެ. ސުދާ އެބުނީ ތެދެކޭ ނީކިޔާ ހިތް ޤަބޫލު ކުރީ ލަމާންގެ ޢަމަލާ ބަހާ ދިމާ ނުވާތީއެވެ. ހަޤީގަތާ ކުރިމަތިލާން ޖެހޭނެކަން ހަނދާން ކުރަމުން ޔަމްހާ އާ އެކީ ގެއަށްދާން ނީކިޔާ ހިނގައިގަތެވެ.”ކަމެއް ވީތަ؟؟..” މާ މަޑުން ނީކިޔާ ހުންނަން ފެށުމުން ޔަމްހާ އަހާލިއެވެ.”ނޫނޭ ހެހެ..” ރާގު ބަދަލު ކޮށްލަމުން ނީކިޔާ ހިނިގަނޑެއް ޖަހާލިއެވެ.

 

ސުދާ ފިހާރައިން ނިކުމެ ޔޫޝައު ބުނި ފަޅު ގެއާއި ދިމާއަށް މިސްރާބު ޖެހިއެވެ.”ޝޫޓް.. މިހާރު ގަޑި ވެސް ޖެހޭނެ..” ފޯނުން ގަޑި ބަލާލަމުން ސުދާ ހިނގުން އަވަސް ކޮށްލިއެވެ.”ހާދަ ލަހަކުން ތި އައީ.. މިތާ ހުރެ ހުރެ ފައިގަ ރިއްސާން ފަށައިފި..” ޔޫޝައު ސުދާ އާއި ދިމާއަށް ބަލާލިއެވެ.”ސާބަސް.. މިތަނަށް މި އައީ ނީޝާ ބުނެގެން ނޫންތަ..” ސުދާ ލަދުން އިސްޖަހާލަމުން ބުންޏެވެ.”އާނ ދޯ.. އަސްލު ރާއްޖެ އައީ ވެސް ހަމަ މި ބޭނުމުގަ.. ރަޝިޔާގަ އުޅެ އުޅެ އެ އާދަތައް މިހާރު ހުންނަނީ.. ހަގް އެއް ދީބަލަ..” ޔޫޝައު އެއްލޯ މަރާލިއެވެ. ލަދު ފިލުވާލާފައި ޔޫޝައުގެ ގައިގައި ސުދާ ބާރަށް ބައްދާލިއެވެ.”ދެން އޯކޭ އޯކޭ ތިހާ ބާރަށް ނޫނަސް” ދޫ ނެރެލަމުން ޔޫޝައު ޖީބަށް އަތް ޖަހާލިއެވެ.”މި އައީ އެއްކަލަ ނީކިޔާ ގޮއްވާލާފަ..” ސުދާ ފާރު ބުރިއެއް މަތީ އިށީންނަމުން ބުންޏެވެ.”އަހަރެމެންގެ ޓާގެޓަކީ ޔަމްހާ އާއި ނުކްޝާންއެއްނު.. ބަޓް މުޅި އެ އާއިލާ އާ ކުޅުމަކީ ހާދަ މަޖާ ކުޅިވަރަކަށް ވާނެއޭ..” ޔޫޝައު ހޭންފެށިއެވެ.”އާނ އެކޭ.. އޭނަ ޤަބޫލު ކުރި މަ ލަމާން އޭ ކިޔައިގެން ހެދި ދޮގު ވާހަކަ.. ވެދާނެ ޝައްކުވާ ގޮތަކަށް އޭނައަށް އުޅެވެނީކަމަށް..” ސުދާ އަރައިގެން އިން ހީލްސް ބައިލަމުން ފައި ދަމާލިއެވެ. ޔޫޝައު ވެސް މިއަދު އޭނާއަށް ކުރެވުނު ކަންތައް ސުދާއަށް ކިޔައިދިނެވެ.

 

“އޭ ބްރޯ.. ބުނެބަލަ ކުއްޖަކަށް ޕްރޮޕޯސް ކުރާނެ ގޮތެއް..” ލަމާން ހުޝާން ކައިރީގައި އެހިއެވެ.”އައްދެ.. ކާކަށް އަނެއްކާ..” ހުޝާން ހެވިފައި ލަމާން އަށް ބަލާލިއެވެ.”އެއީ.. އެކުއްޖާ އާނއެކޭ ބުނެފިއްޔާ ބުނާނަން ކާކުކަން.. އެހަށް މަ ކުރި ސުވާލަށް ޖަވާބު ދީބަލަ..” ހިނިތުންވަމުން ލަމާން ޖަވާބު ދިނެވެ.”މާބޮނޑިއެއް ގަނެގެން..އޯރ ރިންގް އެއް ދޭނީ.. އޯރ ކެއުމަކަށް އިންވައިޓް ކޮށްފަ އަތުގަ ހިފާފަ އަހާނީ..” ހުޝާން ޚިޔާލަށް އައީ ގޮތް ކިޔާލިއެވެ.”އޫހ.. ތެންކްސް.. ހަމަ އެކަކު ކައިރީ ނުބުނާތި.. ނުކް ކައިރީ ވެސް އަދި ނުބުނަން.. އެކުއްޖާ އޯކޭ ކޮށްފިއްޔާ ނުކް ކައިރީ ބުނާނަން..” ވިސްނުމަކަށް ގެއްލިފައި އިނދެ ލަމާން ހީލިއެވެ.”އާނ ތި ކެވޭތޯ ބަލާބަލަ ތި އަންހެން ކުއްޖެއްގެ ޚިޔާލު ނުކޮށް..” ހުޝާން ދިމާ ކޮށްލިއެވެ. ލަމާންގެ މަންމަ އަށް ނިދުމުން ދެމީހުން ވެސް ހޮސްޕިޓަލް ކެންޓީނަށް އައީ އެއްޗެއް ކާލަންށެވެ. ލަމާން ނިންމައިގެން ހުރީ އަނބުރާ ރާއްޖެ ގޮސް ނީކިޔާ އާއި ރައްޓެހިވާންށެވެ. އެވަގުތު ކޮޅުގައި ވާނެ ގޮތް ހިތަށް އެރުމުން ލަމާންއަށް ބޭއިޚްތިޔާރުގައި ހީލެވުނެވެ.

 

ނީކިޔާ އެކަނިވެލަން ބޭނުން ވުމުން ބޭރުގައި ހުރި ތިރި ގަހަކަށް އަރާ އިށީނެވެ.”ލަމާން..” ފެންކަޅިވެފައިވާ ލޮލަކުން ނީކިޔާ ކުރިމައްޗަށް ނަޒަރު ހުއްޓާލިއެވެ. ލަމާންއަށް އިންތިޒާރު ކޮށްކޮށް ހުއްޓާ މިވީ ކިހިނެއް ހެއްޔެވެ؟ އޭނަގެ ފުރަތަމަ ލޯބި އޭނަ އަތުން ބީވެގެން ދަނީ ހެއްޔެވެ؟ ލަމާން ލޯބިވާ ކުއްޖަކީ އޭނައެއް ނޫން ބާއެވެ؟ އުންމީދު މި ކުރެވެނީ ވާން ގާތް ވެސް ނުވާ ކަމަކާ ހެއްޔެވެ؟ ނޫނެކެވެ. އަދި އެއްފަހަރު ނަމަވެސް ލަމާންއަށް އިތުބާރު ކުރާނެއެވެ. ސުދާ އަކީ އޭނަ ދެކެ ރުޅި އަންނަ މީހެކެވެ. ސުދާ ދައްކާ ވާހަކަ ޤަބޫލު ކުރަން ހެޔޮ ވެސް ނުވާނެއެވެ. އަމިއްލަ ނަފްސަށް ވިސްނައިދެމުން ނީކިޔާ ކަރުނަތައް ހިންދާލާފައި ހީލިއެވެ. ދެން ލަމާން ގުޅާ ފަހަރަކުން އޭނަ ލަމާން ދެކެ ވާ ލޯބި ހާމަ ކުރާނެއެވެ. ލަމާން އާއި ނުލާ ނޫޅެވޭނެކަން ބުނެދޭނެއެވެ. ލަމާން އޭނާގެ ލޯބި ޤަބޫލު ކޮށްފިއްޔާ ސުދާ ދެއްކި ވާހަކަތަކަކީ ހުސް ދޮގު ވާހަކަތަކެކެވެ.

 

“ކޮންކަމަކާ މާ ހެވެނީ؟؟..” ނުކްޝާން އެހިއެވެ.”އެ ކީއްކުރަން ބަލާ އެއްޗެއް.. މީހަކަށް ހެވުމަކީ މަނާކަމެއްތަ؟..” ނީކިޔާ މަތީ ތުންފަތުގައި ދަތް އަޅާލިއެވެ.”އުހުނ.. މިކަހަލަ ހަމަހިމޭން ތަނެއްގަ ގިނައިން ކުރާނީ ބިޓުގެ ޚިޔާލު. އެހެންވެ ހަމަ އަހާލީ.” ނުކްޝާން ނީކިޔާ ކައިރިއަށް ގަހަށް އެރިއެވެ. ބިޓޭ ބުނުމުން ނީކިޔާ ފާޑަކަށް ރަކިވިއެވެ.”ހޫނ ޔަޤީނޭ.. ކާކު؟؟” ނީކިޔާ އަށް ވީގޮތް ފެނުމުން ނުކްޝާން ލާނެއްކަން ދެގުނަވިއެވެ.”ޝަޓް އަޕް..” ރަކިވީކަން ފޮރުވާހިތުން ނީކިޔާ ތުން ދަމާލިއެވެ.”އޯވ ކާކުތަ ނީކް ލަދު ގަންނަވަރަށް ލޯބި ދެނީ.. ބުނެލައިގެން އުޅެބަލަ..” ކޮލުގައި ޝަހާދަތް އިނގިލިން ޖަހާލަމުން ނުކްޝާން ވިސްނާކަމަށް ހެދުނެވެ.”ނޯ ވަން..މީހަކު ރަކި ވިއްޔާ ނޫނީ ހީލައިގެން އިނިއްޔާ އޭގެ މާނަ އަކީ ބިޓެއް ގެންގުޅުމެއް ނޫނޭ ބިގް ސައިކޯ.” ދެބުމަ އަރުވާލަމުން ނީކިޔާ ފޮނިވެލިއެވެ.”އާނ އިނގެއޭ އެކަމަކު މަށަށް ޝައްކުވޭ އެބަ.” ނުކްޝާން ދެލޯ ހަނިކޮށްލިއެވެ. ޝައްކު ވާނެ ހުރިހާ ކަމެއް ވެސް.. އޭ ތިއެއް ނޫނޭ.. އިނގޭތަ ނަވްއެބަ އުޅޭ ޒާއިފް މެންގެއަށް ޗޭންޖް ވާން..” ނީކިޔާ ވާހަކަ ބަދަލުކޮށްލިއެވެ.”ވާޓް..” ނުކްޝާން ދެލޯ ބޮޑުވިއެވެ.”ހޫމް.. ނަވް ބުނީ ނުކް ކައިރީ ވެސް ބުނެދޭށޭ.. އަސްލު ވެސް ވަރަށް ދެރަ..އެކަމް ނަސީބެއް މާލެ އެއް ނުދޭ މިގެއާ ވަރަށް ކައިރި..މިތާ ހުރި ކުޑަކުދިންގެ ޕާކް އިނގެއެއްނުން.. އެތާ ކުރިމަތި.. އެހާ ދުރެއް ނޫނެއްނު.. ” ނީކިޔާ ބުންޏެވެ. ނުކްޝާން އެހެންދޯއޭ ބުނަމުން ގަހުން ފުންމާލިއެވެ.

 

ޔޫޝައު ގެއަށް އައި އިރު ޔަމްހާ ސިޓިން ރޫމުގައި ޓީވީ ބަލަން އިނެވެ. ހަމަ އެކަކު ފެންނަން ނެތުމުން ޔޫޝައު ހީލަމުން ޔަމްހާ ކައިރީގައި އިށީނެވެ.”ހަގް އެއް ދީބަލަ ބޭބީ..” ޔޫޝައު ސިއްރުން އެދުނެވެ. ޔަމްހާ ވަގުތުން އިންކާރު ކޮށްފައި ދުރަށް ޖެހުނެވެ.”އޯކޭ އޯކޭ.. އެކަމް އެއްކަލަ ފޮޓޯތައް..” ނޭނގޭ ކަމަށް ހަދާލަމުން ޔޫޝައު ހަނދާން ކޮށްދިނެވެ. ހިތް ނޫނެކޭ ބުނި ނަމަވެސް އަމިއްލަ ނަފްސަށްޓަކާ ޔޫޝައުގެ ގައިގައި ޔަމްހާ ބައްދާލަމުން ލޯ މަރާލިއެވެ. އެވަގުތު ގޭތެރެއަށް ވަންނަން އައި ނުކްޝާން އަށް އެތަން ފެނުނެވެ. ޔަމްހާގެ އަތް ޔޫޝައުގެ ގައިގައި ވަށާލެވިފައިވީ ގޮތުން ނުކްޝާންގެ ހިތަށް އުނދަގޫ ވިއެވެ. ޚާއްސަކޮށް ޔަމްހާގެ ދެލޯ މަރާލާފައި ވީގޮތުން އެއީ ޔަމްހާ ބޭނުން ވެގެން ކުރާ ކަމެއްހެން ބަލާލާ މީހަކަށް ހީވެދާނެއެވެ. އެދެމީހުންނަށް ނުބަލަން ވެގެން ނުކްޝާން ހިނގައިގަތީ ކޮޓަރިއަށް ވަންނަންށެވެ. ޒާއިފް އެ ބުނި ވާހަކަތައް ހިތުގެ އަޑިން ޤަބޫލު ކުރެވިއްޖެއެވެ. މީހަކު ވަތް އަޑަށް ޔަމްހާ ކުއްލިއަކަށް ޔޫޝައު އާއި ދުރުވިއެވެ.”މައި ގޯޑް.. އިޓް ފެލްޓް ސޯ ގުޑް..” ނުކްޝާން ވަތްތަން ބަލަން ހުރެފައި ޔޫޝައު ތަމްބްސް އަޕް އެއް ދައްކާލިއެވެ. ޝަކުވާ ކުރާފަދަ ގޮތަކަށް ޔޫޝައު އާއި ދިމަ ބަލާލަމުން ޔަމްހާ ގެއިން ނިކުންނަން ދުއްވައިގަތެވެ.

 

ނުކްޝާން ކޮޓަރިއަށް ވަތް އިރުވެސް ޔޫޝައު އާއި ޔަމްހާގެ ޚިޔާލުތައް ބޮލަށް އުނދަގޫ ކުރަމުން ދިޔައެވެ. ޔަމްހާ އާއި ޔޫޝައު އާއި ދެމެދު އޮންނަނީ ކޮން ގުޅުމެއް ހެއްޔެވެ؟ އެދެމީހުން އެހާ ވެސް ކައިރީ ހެއްޔެވެ؟ ނުކްޝާން އާއި މެދު ނޯންނަ ގުޅުމެއް ޔޫޝައު އާއި އެކީ ބާއްވާތީ ނުކްޝާން ހިސާބަކަށް ހަސަދަވެރިވިއެވެ. ޚިޔާލުތަކުގައިި އިނދެފައި ދޮރާއި ދިމަ ބަލާލީ ޔަމްހާ އަންނާނެ ކަމުގެ އުންމީދުގައެވެ. ޔަމްހާ ނައުމުން އިސްޖަހާލާފައި ނުކްޝާން ތުން ފިއްތާލިއެވެ. ހަމަހެއަށް އާދެވުނު ފަދައެވެ. ކުއްލިއަކަށް ދެބުމަ ގޮށްޖަހާލަމުން ދަތްކުނޑި ވިކާލީ އަމިއްލަ ނަފްސު ދެކެ ރުޅިއައިސްފައެވެ. ޔަމްހާ ޔޫޝައު އާ އެކީ އުޅުނަސް އޭނައަށް ކޮން ކަމެއް ހެއްޔެވެ؟ އޭނަ ގައިން ތަނެއް މަދުވަނީކީ ނޫނެވެ. ނަމަވެސް ނުކްޝާން އަށް ފާހަގަވާ ކަމަކީ އެފަދަ ކަމެއް ޔަމްހާ އާއި ޔޫޝައު އާއި ދެމެދު ވާތަން ފެނުމުން ހިތަށް ފާޑަކަށް އުނދަގޫ ވާކަމެވެ. އެއީ ކީއްވެ ކަމެއް އަދަށް ދާންދެންވެސް ނޭނގެއެވެ. ދެން ނުކްޝާން ނިންމީ ގިނަވަގުތު ޕޮލިސް ސްޓޭޝަނުގައި ހޭދަ ކުރަންށެވެ. އެތަނުގައި ކައިގެން ފެންވަރައިގެން އުޅެވޭނެއެވެ. އޭރުން ފަހަރެއްގާ މި އިޙުސާސް ނެތި ހިނގައިދާނެހެން ނުކްޝާން އަށް ހީވިއެވެ. އެއީ ކިހާ ބޮޑު ކުށްހީއެއް ކަމެއް ކުޑަކޮން ވެސް ނުކްޝާން އަކަށް ނޭނގެއެވެ.

 

“އޭ ޔަމް ކޮންތާކަށް؟؟..” ޔަމްހާ ގެއިން ނިކުތުމުން ނީކިޔާ އެހިއެވެ.”ތާކަށް ނޫން… ހަމަ ނިކުމެލީ..” މާޔޫސްކަން ފޮރުވަމުން ޔަމްހާ ހިނިތުންވެލިއެވެ.”އެހެންތަ.. އާދެބަލަ މިތާ އިށީންނަން..މަށަށް ދޮގު ނުހަދާތި.. ކީއްވެފަ ތިހިރީ؟.” ނީކިޔާ ފަރުވާތެރިކަމާއި އެކު ޔަމްހާގެ މޫނަށް ބަލާލިއެވެ.”އެއީ.. ދެންމެ ނިކުންނަނިކޮށް ވެއްޓެން އުޅުނީ..” ޔަމްހާ ދޮގު ހެދިއެވެ. އެވާހަކަތައް އަޑުއަހަން ހުރި ޔޫޝައު ގާތަށް ހިނި އައެވެ.”ވެއްޓެން ދަނިކޮށް އަހަރެން ހިފެހެއްޓީ..” ބޭރަށް ނިކުންނަމުން ޔޫޝައު ބުންޏެވެ. ދެންވެސް ނީކިޔާއަށް ޤަބޫލު ކުރަން ދަތިވިއެވެ.”އޯކޭ.” ނީކިޔާ ގަހުން ފުންމާލިއެވެ. ޔޫޝައު އިތުރު ކަމެއް ޖައްސައިގެން ބްލެކްމެއިލް ކޮށްފާނެތީ ޔަމްހާ ވެސް ކޮޓަރިއަށް ވަންނަން ހިނގައިގަތެވެ. އަނެއްކާ ވެސް ކުރިމަތި ލާން ޖެހޭނީ ނުކްޝާން އާކަން އިނގުމުން ހިނގުން މަޑުޖެހުނެވެ. އަދި ނުކްޝާން އޭނަ އާއި މެދު އަޅާ ނުލާނެކަން ހަނދާންވުމުން ނުތަނަވަސް ކަމާއެކީ ކޮޓަރިއަށް ވަނެވެ. ހެމުން ފޯނާއި ކުޅެން އިން ނުކްޝާން ފެނިފައި ޔަމްހާ ހިތަށް ހަމަޖެހުމެއް ނުލިބުނެވެ. ނުކްޝާން މާ ވަރަކަށް އޭނާގެ ހިތަށް ތަދުކުރަން އުޅެނީ ކީއްވެ ބާއެވެ؟

 

ނުކްޝާން އަށް ބަލަން ހުރިކަން ފާހަގަ ވެދާނެތީ އަވަހަށް ކޮންމެވެސް މަސައްކަތެއް ކުރަން އުޅުނެވެ. ނަމަވެސް އަތުގައި ބެންޑޭޖް އަޅާފައިވުމުން އެއްކަމެއް ވެސް ކުރެވޭގޮތެއް ނުވިއެވެ. އެވަގުތު ފޯނު ރިންގްވާންފެށިއެވެ. ނިޝާ އަރާފައި އިނުމުން ޔަމްހާ ފޯނު ހިފައިގެން ކޮޓަރިން ނިކުތީ ނުކްޝާން އަށް އަޑުއިވި ދާނެތީއެވެ.”ހެއި.. ކިހިނެއް މިހާރު.. އަތަށް ތަދުވޭތަ އަދިވެސް..” ނީޝާ ޝައުޤުވެރިކަމާއެކު އެހިއެވެ.”ހްމް ކުޑަކޮށް ތަދުވޭ..” ވާހަކަ ދައްކާ ހިތް ނުވެފައި އިނދެ ޔަމްހާ ބުންޏެވެ.”ހާދަ ފާޑަކަށް.. ކަމެއް ހިނގީތަ؟” ޔޫޝައުގެ ފަރާތުން އެކަހަލަ ކަމެއްގެ ވާހަކަ އަޑު އިވިފައި ނުވާތީ ނީޝާ ހައިރާންވިއެވެ.”ނޫނޭ.. މިގަޑީގަ އަތަށް ތަދުވާތީ ތިހެން ތި ހީވަނީ..” ޔަމްހާ ޖަވާބު ދިނެވެ. ޔަމްހާ އެހެން ބުނުމުން ޔޫޝައު މެންނަށް އަދި ކަމެއް ނުކުރެވޭތާއޭ ނީޝާ ހިތަށް އެރިއެވެ.”އެހެން.. ދެން ރެސްޓް ކުރޭ ޕްލީޒް. ޓޭކް ކެއަރ.. ބާއި .” ނީޝާ އެހެން ބުނެފައި ޔަމްހާއަށް އެއްޗެއް ބުނަން ފުރުސަތު ނުދީ ފޯނު ކަނޑާލިއެވެ. އެއީ ނީޝާގެ އާދައެއް ކަމުން ޔަމްހާ އަޅާ ނުލައި ނީޝާ ބުނިހެން ރެސްޓް ކޮށްލަން ކޮޓަރިއަށް ވަދެ އެނދުގައި އޮށޯތެވެ.

 

ޔަމްހާއަށް ހޭލެވުނީ އަތަށް ތަދުވާ ވަރުންނެވެ. އޭރު އިރުވެސް ނާރައެވެ. އަތަށް ތަދުވާތީ ހަދާނެ ގޮތް ނޭނގިފައި ޔަމްހާ އިންދައި ނީކިޔާ މަތިން ހަނދާންވުމުން ޔަމްހާ އެނދުން ތެދުވެ ކޮޓަރިން ނިކުތެވެ. އަދި ނީކިޔާ ކޮޓަރީގައި ޓަކި ދިނެވެ. ދެތިން ފަހަރަކު ޓަކި ދިނުމުން ވެސް ނީކިޔާ ނުހޭލިއެވެ. ނުކްޝާން އާއި ނީކިޔާ އަކީ ނަވްޔާ ފަދައިން އެހާ އަވަހަށް ހޭލެވޭ ބައެއް ނޫނެވެ. ޔަމްހާ ފުން ނޭވާއެއް ލަމުން ސޯފާގައި އިށީނެވެ. ކުއްލިއަކަށް ނީކިޔާ ދޮރު ހުޅުވާލި ގަޑީގައި ޔަމްހާ ސިއްސައިގެން ދިޔައެވެ.”ނީކް ނުނިދަންތަ؟؟..” މޫނުމަތިން ނިދީގެ އަސަރެއް ފެންނަން ނެތުމުން ޔަމްހާ އެހިއެވެ.”ހޫމް.. ކީއްވެގެން ގޮވީ..” ނީކިޔާ ޔަމްހާ ކައިރީގައި އިށީނެވެ.”މާ ބޮޑަށް އަތަށް ތަދުވާތީ.” އެ އަތުގައި އަތް އަޅާލަމުން ޔަމްހާ ބުންޏެވެ. އިރުކޮޅަކުން ތަދު ކުޑަވެދާނެ.. ޒާއިފް ހޭލާ ހުރި ނަމަ.. އޭނަ ވެސް ހާދަ ނިދިގަދައޭ..” ނީކިޔާ ޔަމްހާގެ އަތަށް ވައި ޖައްސާލިއެވެ.”ކީއްވެ ހޭލާ މިގަޑީގަ..” ޔަމްހާ ހިތުގައި އުފެދުނު ސުވާލު ކޮށްލިއެވެ.”ކަމެއް ނުވޭ..” ހިނިތުންވުމަކާ އެކީ ނީކިޔާ ޖަވާބު ދިނެވެ. ސިޓިން ރޫމުގައި އަނދިރި ބޮތްކެއް ދިއްލާފައި ހުރުމުން ނީކިޔާގެ ހިތާމަވެރި މޫނެއް ޔަމްހާ އަކަށް ފާހަގައެއް ނުވިއެވެ.”އެހެންތަ.. ދެން ނިދާ އަވަހަށް.. އަނެއްކާ ބޮލުގަ ރިއްސާނެ.” ޔަމްހާ އެދުނެވެ. އޯކޭއޭ ބުނެފައި ނީކިޔާ ކޮޓަރިއަށް ވަނެވެ. ޔަމްހާއަށް އެތާ އިންދައި ފޫހިވެގެން ނިދުނެވެ.

 

“ގުޑް މޯނިންގް.. މިތާ ކީއްވެ ނިދީ؟.” ނަވްޔާ ޔަމްހާއަށް ގޮވާލިއެވެ.”ނިދުނީ.. ހެހެ ގުޑް މޯނިންގް..” ޔަމްހާ ހީލިއެވެ.”ޒާއިފް މެންގެއަށް ޗޭންޖް ވާން މިއުޅެނީ.. އަންނައްޗޭ އިނގޭ.. އެހާ ދުރެއް ނުވާނެއޭ.” ނަވްޔާ އެދުނެވެ. އަދި ގެ ހުންނަތަން ކިޔާދިނެވެ.”ކޮން އިރަކުން ދަނީ.” އަނެއްކާ ވެސް ޔަމްހާގެ ހިތް ނުތަނަވަސް ވިއެވެ.”ގެ ހުރީ ރެޑީގަ މިހާރު..ހަމަ ދާންވީ.. ދެ ކޮޓަރި އިންނަ ގެއެއް.. ކުރިން ޒާއިފް މަންމަ އުޅުނީ އެގޭގަ.. މިދިޔަ އަހަރު އޭނަ މަންމަ ނިޔާވެގެން އެގެ ހުހަށް ނުބަހައްޓަން ޒާއިފް ބުނީ ބަދަލުވާން ހިނގާށޭ..އަސްލު މާލެ ދާން ޖެހުނު ނަމަ ނުދާނަން..” ނަވްޔާ ކިޔާދިނެވެ.”ނަވް ދިޔައީމަ ވަރަށް ފޫހި ވާނެ.. ނީކް މެން ވެސް ދާނީ..” ޔަމްހާ އެހެން ބުނުމުން ނަވްޔާ ވަގުތުން ޔޫޝައު އެހުރީ ނޫންހޭ ބުންޏެވެ.”ޔޫޝައު އާ ނަވް އާ ތަފާތު ވާނެ ދޯ..” ޔަމްހާ ހީލިއެވެ.”ދަނީއޭ ސައި ހަދަން.. ޔަމްގެ އަތް ރަނގަޅު ވީމަ ދާނީ. އޭރުންނު މަ ނެތަސް ގޭތެރޭގެ މަސައްކަތް ކުރެވޭނީ ދޯ.” ނަވްޔާ ބަދިގެއަށް ވަނެވެ.”އަޅޭ ނަސީބު ކިހާ ރަނގަޅު.. އަހަރެމެންނަށް އެކީގަ ކިހާ ވަގުތެއް ހޭދަ ކުރެވޭނެ ދޯ ބޭބީ. ބޭބީ ދެން ނުޖެހޭނެ މީހަކު ހުރެދާނެ ކަމަކަށް ހާސް ވާކަށް..” ނަވްޔާ ދެއްކި ވާހަކަތައް އަޑުއަހަން ހުރި ޔޫޝައު ހިނިގަނޑެއް ޖަހާލިއެވެ. ކޮޓަރިން ނިކުންނަން އައި ނުކްޝާން އަށް އެ ވާހަކަތައް އަޑު އިވުމުން ނިކުންނަ ޚިޔާލު ދޫކޮށްލާފައި އިތުރު ވާހަކައެވެ އިވޭތޯ މަޑުކޮށްލިއެވެ. ނުކްޝާން ސިހުނީ ދޮރު ހުޅުވާލާފައި ވަތް ޔަމްހާގެ މޫނު ނުކްޝާންގެ މޭމަތީގައި ޖެހުމުންނެވެ.

– ނުނިމޭ –

34

4 Comments

  1. ayshath thasnym

    October 19, 2021 at 10:15 pm

    💕💕💕

    • Baby Devil

      October 20, 2021 at 11:15 pm

      😘🤍✨

  2. Aminath Mai zer

    October 20, 2021 at 2:34 pm

    Love this 💓💓💓

  3. Eevss

    October 20, 2021 at 7:17 pm

    Wow❤️.. Nice part 💕💕.. Curiously waiting for the next part 😇😇💓

Comments are closed.