އެންމެނަށް ގުޑްލަކް ކިޔާލުމަށްފަހު، ފިހާރައިން ނިކުންނަން ނައިޝާ ދޮރުގެ އަތްގަނޑުގައި ހިފާލި ވަގުތު ފާއިޒް އެތަނަށް ވަނެވެ. “ހުސް އަންހެން ކުދިންދޯ ތިބީ” މުޅިތަނަށް ނަޒަރު ހިންގާލުމަށްފަހު ފާއިޒް ނައިޝާއަށް ބުނެލިއެވެ. ފާއިޒަށް އާނއެކޭ ބުނުމުގެ ގޮތުން ނައިޝާ ބޯޖަހާލިއެވެ

“އާ ޝިޕްމެންޓު އައީމަ ފިރިހެންކުދިން އަންނާނެ މުދާތައް ހިފައިގެން…ހަރުތަކުގަ މުދާތައް ޖަހާ ކަަންތައް ކުރަން…. އަންހެންކުދިންނަށް އެކަންކަމެއް ނުކުރެވޭނެއެއްނު” ފާއިޒް ބުނެލިއެވެ.  “އާނ…..އެކަމް ހަރުތަކު ކައިރި ތިބި ކުދިންނަށް ނައި ކިޔާދީފަ އިންނާނީ ކަސްޓަމަރުން ދިޔާމަ ހަރުތަކުގެ ތަރުތީބު ގެއްލިފަ ވަންޏާ ރަނގަޅުކޮަށްލައްޗޭ..ބައެއްފަހަރު ކަސްޓަމަރުން އައިސް އެއްޗެހި ހާވާ ހަދާއިރު ތަރުތީބު ގެއްލޭނެދޯ” ނައިޝާގެ އެބަހަށް ފާއިޒް ތާއީދުކުރިއެވެ.

”އިތުރަށް ކަމެއްނެތިއްޔާ އަޅުގަނޑު ގޮސްލިއަސް އެންމެ ރަނގަޅުތަ؟” ދިއުމަށް ފާއިޒްގެ ކިބައިން ނަައިޝާ އިޒްނަ ހޯދާލިއެވެ.ފާއިޒްގެ އިޒްނަ ލިބުމުން ބަނދަރުމަތީގައި އިން އެފިހާރައިން ނިކުމެ،މަޑު ހިނގުމެއްގައި ހިނގާލައިފައި ނައިޝާ ދިޔައެވެ.ދިޔަ މަގުމަތީގައި ހަނީފާއްތަ ފެނޭތޯ ދެފަރާތަށް އޭނާ ބަލައިލައެވެ. ބަނދަރުން ރަށުތެރެއަށް ވަދެވެން އިންނަ ގޯޅިއާ އަރާ ހަމަވުމަށްފަހު ނައިޝާ އޭނާގެ ހިނގުން ހުއްޓާލިއެވެ. އަދި ވަރަށް ރަނގަޅަށް އެމަގަށް އޭނާ ބަލަން ހުއްޓެވެ.

ހައަހަރު ފަހުން ވަރަށް ބޮޑު ބަދަލުތަކެއް ރަށަށް އައިސްފައި ހުރުމުގެ ސަބަބުން އޭނާއަށް ހަނީފާއްތަގެ ގެއަށްދާން އިނގޭނެ ބާވައޭ ހިތަށްއަރަމުންދިޔައެވެ. މީހުން ކައިރި އަހައިގެންވިޔަސް މިއަދު ނައިޝާ ހަނީފާއްތަ އާއި ބައްދަލުކުރަން ނުހަނު ބޭނުންވެއެވެ. ވަރަށް ގިނަ ދުވަހު އޭނައަށް ފިލައިގެން ރަށުތެރެއަށް އަރަން ނުކެރިގެން އުޅެވިއްޖެޔޭ އޭނާގެ ހިތަށް އަރަމުންދިޔައެވެ.

ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ގޯޅިތެރެއަށް ނައިޝާ ވަނެވެ.އެވަގުތު އެމަގުގައި އުޅެނީ ދެތިން އަންހެނެކެވެ.މަޑު ހިނގުމެއްގައި ހިނގަމުންދިޔަ ނައިޝާ މުޅިތަނަށް ނަޒަރު ހިންގާލިއެވެ. ގެތަށްވެސް ވަނީ ޒަމާނީ ފެންވަރަށް ބޮޑެތިކޮށް ހަދާލާފައެވެ. ތިރި ފާރުބުރި ލާފައި ހުރި ގެތައް މިހާރު ނެތެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ނައިޝާ ފެނުމުން އެވަގުތު މަގުގައި ހުރި އަންހެނުންތައް އޭނާއަށް ހިނިތުންވެލިއެވެ.

ރަށުތެރެއަށް ވަތް ވަރަކަށް ނައިޝާގެ ހިތް ދިޔައީ އަވަސް ވަމުންނެވެ.ކިތަންމެ ބޮޑު ބަދަލެއް ރަށަށް އައިސްފައި ވިޔަސް އޭނާއަށް ހަނީފާއްތަގެ ގެއަށްދާން އެނގުނެވެ. ފުރަތަމަ ގޯޅިން ގޮސް ދެވަނަ ގޯޅިއަށް ނައިޝާ ވަނެވެ. އެވަގުތު ދުރުން ހިނގާފައި އަންނަ ދެފިރިހެނުން ނައިޝާއަށް ފެނުނެވެ. އެމީހުންނަށް ނައިޝާ ފެނުމުން ކަޅިޖަހާނުލާ ބަލަންފެށިއެވެ. ނައިޝާވެސް އެމީހުންނަށް ބަލައިލިއެވެ. އެއީ ސައިފްގެ ފިރިހެން ދެ ރަހުމަތްތެރިންނެވެ.

“މީ އެއްކަލަ ފިހާރަ ހުޅުވަން އައިސް އުޅޭ ރީތި މަންޖެދޯ” އެތަނުން އެކަކު، އަނެކަކަށް ބުނެލި އަޑު ނައިޝާއަށް އިވުނެވެ. އެމީހުން ނައިޝާއާ ކައިރިވަމުން ދިޔަނަަމަވެސް އެމީހުން ފެންނަ ކަމަކަށް ނައިޝާ ނުހަދައެވެ.”މަންޖޭ ތަނެއް ހޯދަނީތަ؟” ނައިޝާ އާއި އަރާހަމަވުމުން އެކަކު ހިނިތުންވެ ހުރެ ބުނެލިއެވެ. އެވަގުތު މީގެ ހައަހަރު ކުރިން އެދެމީހުން ނައިޝާއަށް ކުރި މަލާމާތް އޭނާގެ ހަނދާނަށް އައެވެ. އެއީ ސައިފާ އިނދެގެން ނައިޝާ މިރަށަށް އައިތާ ދެވަނަ ދުވަހެވެ. މަގުމަތިން އެދެމީހުނަށް ނައިޝާ ފެނިގެން ‘ދައްތާ ގެއަށްދާން އިނގޭހޭ” ބުނެ ހެމުން ކުރި މަލާމާތް ނައިޝާގެ ލޯމައްޗަށް ސިފަވެގެންދިޔައެވެ.

އެމީހުންނަށް ރައްދު ދިނުމެއްނެތި ނައިޝާ އޭނާގެ ހިނގުން ކުރިއަށް ގެންދިޔައެވެ. އެވަގުތު އެދެމީހުން ހުއްޓިލުމަށްފަހު ނައިޝާ ދާތަން ބަލަން ހުއްޓެވެ. މަޑު ހިނގުމެއްގައި ހިނގާފައި ދިޔަ ނައިޝާގެ ހިނގުން ހުއްޓާލީ ސައިފްގެ ގޭ މަގަށް އެޅުމުންނެވެ. ވަރަށް ރަނގަޅަށް ނައިޝާ އެގެއާ ދިމާލަށް ބަލައިލިއެވެ. އެގެ ހުރީ މީގެ ހައަހަރުވެސް ހަމަ ހުރިގޮތަށް އެއްވެސް ބަދަލެއް ނެތިއެވެ. އާންމުކޮށް ގޭދޮރުމަތީގައި އިންނަ، ނައިޝާ ސައިފަށް ގަނެދިން ޖީއެން ސައިކަލް ފެންނަން ނެތުމުން ސައިފް ގޭގައި ނޫޅެނީކަމަށް ނައިޝާ ނިންމިއެވެ.

ނައިޝާއަށް ހަނީފާއްތަގެ ގެއަށްދާން އިނގެނީ އެމަގުން އެކަނި ކަމަށްވާތީ ފުން ނޭވާއެއް ދޫކޮށްލުމަށްފަހު، ކުރިއަށް ފިޔަވަޅު ނެގީ ސައިފަށް ނައިޝާ ފެނުނަސް އޭނާއަށް ނައިޝާ ނޭނގޭނެކަމަށް ނިންމައިގެންނެވެ. މަޑުމަޑުން އެގޭ ދޮރުމަތިން ނައިޝާ ހުރަސްކޮށްލިއެވެ. އޭރު އޭނާގެ ހިތްގަދައަށް ތެޅިތެޅި އޮތެވެ. އެގެ ހުރަސްކޮށް ދިޔަ ނައިޝާ ވަރަށް ރަނގަޅަށް ގޯތިތެރެއަށް ބަލައިލިއެވެ. ކުޑަ އަންހެން ކުއްޖަކާއި ކުޑަ ފިރިހެން ކުއްޖެއް ފިޔަވައި ގޯތިތެރޭގައި އެވަގުތު އެއްވެސް މީހެއް ފެންނާކަށް ނެތެވެ. އެކުދިންގެ އުމުރުން ހީވަނީ ބަލާބެލުމަށް ހަތަރެއް އެހެންނޫނީ ތިން އަހަރުގެ ކުދިންތަކެއް ހެނެވެ.

“ކާކުގެ ކުދިންނެއްބާ؟…އަނެއްކާ ސައިފްގެ ބޭބީސްތަކެއްބާ؟” ދިޔަ މަގުމަތީގައި ނައިޝާގެ ހިތަށް އެރިއެވެ. ހިނގަމުންދިޔަ ނައިޝާ ގޮސް ހަނީފާއްތަގެ ގޭދޮރުމައްޗަށް ހުއްޓިލުމަށްފަހު ހިތްހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލިއެވެ. ވަރަށް ރަނގަޅަށް ނައިޝާ އެގޭ ބޭރަށާއި ފިހާާރައަށް ނަޒަރު ހިންގާލިއެވެ. ހައަހަރު ފަހުން ފެނުނަސް އެގެއާ ފިހާރައަކަށްވެސް މާބޮޑު ބަދަލުތަކެއް އައިސްފައެއް ނުވެއެވެ.

މުޅި ތަނަށް ބަލަމުންދިޔަ ނައިޝާއަށް، ފިހާރައިގެ ކައުންޓަރުގައި ހަނީފާއްތަ އިންތަން ފެނުމުން އޭނާއަށް ހިނިތުންވެވުނެވެ. ނަންބަރު އައިނެއް އަޅާލައިގެން ފޯނުން ކޮންމެެވެސް އެއްޗެއް ކިޔަމުން ހަނީފާއްތަ ދިޔައެވެ. މަޑުހިނގުމެއްގައި ހިނގާލައިފައި ނައިޝާގޮސް އެފިހާރައަށް ވަނެވެ. ނައިޝާ ވަނުމުން ފޯނާއި އައިނު މޭޒުމަތީގައި ހަނީފާއްތަ ބާއްވާލިއެވެ.

” މިރަށަށް ފިހާރަ ހުޅުވަން އައިސްގެން އުޅޭ މަންޖެދޯ ތީ؟” ހިނިތުންވެލަމުން އޯގާތެރިކަމާއެކު ނައިޝާ ފެނުމުން ހަނީފާއްތަ ބުނެލިއެވެ. އެވަގުތު ހިނިތުންވެލައިގެން ހުރި ނައިޝާ ހަނީފާއްތަގެ ކައިރިއަށް ޖެހިލިއެވެ. “ހަނީފާއްތާ މީ ނައިޝާއޭ” ނައިޝާ ބުނެލިއެވެ. އެވަގުތު ހިނިތުންވެލައިގެން އިން ހަނީފާއްތަގެ މޫނުމަތިން ހިނިތުންވުން ކެނޑި މީހާ ހައިރާންވިއެވެ “ކިީކޭ؟” ހަނީފާއްތައަށް އަހާލެވުނެވެ.

” މީ ނައިޝާއޭ ސައިފްގެ ކުރީގެ އަންހެނުން” އިތުރަށް ނައިޝާ ބުނެލިއެވެ. އެވަގުތު ހަނީފާއްތަގެ މޫނުމައްޗަށް ހިނިތުންވުން ވެރިވިއެވެ. އަދި އިން ތަނުން ތެދުވެ ނައިޝާ ގަައިގައި އުފަލުން ބައްދާލިއެވެ. ނައިޝާވެސް ހިނިގަނޑެއް ޖަހާލަމުން ހަނީފާއްތަ ގައިގައި ބައްދާލިއެވެ.

“ކަނބުލޯ ތަ ތީ ހަމަ އަސްލަށްވެސް….ހާދަ ތަފާތޭ…ދައްތައަކަށް ނުވެސް އެނގުނު…މާޝާﷲ ކަނބުލޮ ހާދަ ރީއްޗޭ މިހާރު” ނައިޝާގެ ކޮލުގައި ހިފާލަމުން އޯގާތެރިކަމާއެކު ހަނީފާއްތަ ބުނެލިއެވެ. “މިއަދަށް ފަސްދުވަސްވީ މިރަށަށް އައިތާ…އެކަމަކު ހައްތަހާވެސް ރަށުތެރެއަށް އަރަން ނުކެރިފަ ހުރީ” ނައިޝާ ހަނީފާއްތައަށް ކިޔައިދިނެވެ.

0

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!