މަންމަ..” ލިލިއަންގެ އަރުބެދިގެން ދިޔައެވެ. އޭނާގެ ސިކުނޑީގައި ބޮޑު ހައިޖާނެއް އުފެދިފައިވާ ފަދައެވެ. ޑޮކްޓަރުގެ ފަރާތުން އިވުނު ބަސްތަކާއެކު އޭނާގެ ހަށިގަނޑުން އެއްބައި މަދުވެއްޖެ ކަމުގެ އިޙްސާސްކުރެވިގެން ދިޔައެވެ. އަދިވެސް އޭނާގެ މަންމަ މިދުނިޔެ ދޫކޮށް ދިޔަކަން ޤަބޫލުކުރަން ލިލިއަން އަށް ނުކުޅެދުނެވެ.

” އަހަރެން.. ބޭނުން.. މަންމަ ކައިރިއަށް ދާން..” ލިލިއަން އުނދަގުލުން އެނދުން ތެދުވަން މަސައްކަތް ކުރަމުން ބުނެލިއެވެ. 

” ލިލީ.. އެހަށް މަޑުކޮށްބަ.. މިވަޤުތު ލިލީގެ މަންމަގެ ހަށިގަނޑު އޮތީ ޕޮލިހުންގެ ބެލުމުގެ ދަށުގަ.. އަހަރެން ޕޮލިހުންނާ ވާހަކަ ދައްކާފަ ލިލީ ގެންދާނަން..” ލިލިއަންގެ ގައިގާ ހިފަހައްޓާލަމުން ވިސްނައިދޭން ދިޔާން މަސައްކަތް ކުރިއެވެ.

” ލިން..” ކައިރިން އިވިގެން ދިޔަ މާޔާގެ އަޑާއެކު ލިލިއަން ރަތްވެފައި ދެލޮލުން އަޑު އައި ދިމާއަށް ނަޒަރު ހިންގާލިއެވެ: 

“އެއްވެސް ތާކަށް ތަދުވޭތަ..؟ އެއްވެސް އުނދަގުލެއް ވޭތަ..؟” މާޔާ ޑޮކްޓަރެއް ފަދައިން ލިލިއަން އަށް ނަޒަރު ހިންގާލަމުން ސުވާލު ކޮށްލިއެވެ. ލިލިއަން މަޑު މަޑުން ދެފަރާތަށް ބޯ ހޫރުވާލިއެވެ. އެއާއެކު ކޮޓަރި ހުޅުވާލަމުން ޑޮކްޓަރަކާއި ނަރުހެއް އެތެރެއަށް ވަދެގެން އައެވެ. ލިލިއަންގެ ވައިޓަލްސް އާއި ބީޕީ ޗެކް ކުރުމަށްފަހު އައިވީ ހުސްވުމުން ހޮސްޕިޓަލުން ދޫކޮށްލެވޭނެ ކަމުގައި ޑޮކްޓަރު ހާމަކުރިއެވެ.

ޕޮލިހުން އެންމެ ފަހުގެ ތަޙުޤީޤުތައް ހިންގުމަށްފަހު އާއިލާއާ ހަށިގަނޑު ހަވާލު ކުރިއެވެ. ފަތިސް ނަމާދަށްފަހު މައްޔިތާގެ މައްޗަށް ކުރެވޭ ކަށުނަމާދު ކުރުމަށް ނިންމުނެވެ.

ހުދު ފޮތިގަނޑަކުން މުޅި ހަށިގަނޑު ނިވާ ކުރެވިފައިވާ ހައިފާގެ ކުރިމަތީ ހުއްޓުނު ލިލިއަން ތުރުތުރު ލަމުން ދިޔަ އަތުން އޭނާގެ މަންމަގެ ކޯތާފަތުގައި އަތް ޖައްސާލިއެވެ. އެވަޤުތުވެސް ލިލިއަންގެ ހިތަށް ސިފަވެގެން ދިޔައީ ހައިފާ އޭނާގެ ކައިރީ އެންމެ ފަހު ވަޤުތު ދެއްކި ވާހަކަތަކެވެ. އެޔާއެކު ލިލިއަންގެ ދެލޯ އަނެއްކާވެސް ފެންކަޅިވެގެން ދިޔައެވެ. ނުރޯން ހިތްވަރުކުރަމުން ލިލިއަންގެ އޭނާގެ ތުންފަތުގައި ދަތްއަޅާ ބާރުކޮށްލިއެވެ. ލިލިއަންގެ ތުންފަތް ރަތްވެގެން ގޮސް ދެންމެ ދެންމެ ލޭތިކި ޖަހާފާނެހެން ހީވެއެވެ.

މައްޔިތާގެ މޫނު ބަލާ ނިމެންދެން ލިލިއަން ހައިފާ ބާއްވާފައި އޮތް އެނދުގެ އެއްފަރާތުގައި ހުއްޓިލައިގެން ހުއްޓެވެ. ގާތުގައި މާޔާ ހުރީ ލިލިއަންގެ ގައިގާ ހިފަހައްޓާލައިގެންނެވެ. ދިޔާން އާއި ސަދޫފްވެސް ކައިރީގައި ތިބި އިރު ދިޔާންގެ ދެއަތް މުށްކެވިފައިވަނީ ލިލިއަންގެ މޫނުމަތިން ފެންނަ ހިތްދަތިކަން ބަރުދާސްތު ނުކުރެވިގެންނެވެ. ލިލިއަންގެ ހިތުގައި އަޅަމުންދިޔަ ވޭން އޭނާގެ ހިތަށްވެސް އިޙްސާސް ކުރެވެމުންދާ ފަދައެވެ.

ކަށުނަމާދު ކުރުމަށްފަހު ހަށިގަނޑު ވަޅުލަން ގަބުރުސްތާނަށް ގެންދަން ފެށި ވަޤުތު ލިލިއަންގެ ހިތުގައި މައްސުނި އެތަކެއް އިޙްސާސްތަކެއް ދަޢުރުވަމުން ދިޔައެވެ. ސަންދޯކުގައި ހިފާ ހުއްޓުވަން ލިލިއަންގެ ހިތް ރޮއެގަތެވެ. ހަތަރު އުދަރެސް ފެނުޖެހިފައިވާ މީހެއް ފަދައިން މާޔާގެ އަތުގެ ބާރުގައި ލިލިއަން ހުރީ އޭނާގެ ލޯ ކުރިމަތިން ގެއްލެމުންދިޔަ އޭނާގެ މަންމަގެ ސަންދޯކަށް ބަލަހައްޓައިގެންނެވެ. ކަޅިޖަހާލަންވެސް ބިރުގަނެފައިވަނީ ލޯ މަރާލެވޭ ވަޤުތު އޭނާގެ މަންމަ ދެލޯ ކުރިމަތިން ގެއްލިގެން ހިނގައިދާނެތީއެވެ.

 ސަންދޯކުގެ ފަހަތުން ފިރިހެނުންތައްގޮސް ގަބުރުސްތާނަށް ވަނުމުން ލިލިއަން ދެފަހަރަކު އެސްފިޔަ ޖަހާލަމުން ދެލޯ ހުޅުވާލިއެވެ. ފެންނަމުންދިޔަ މަންޒަރު ބިލާހަކަށްވުމަށް އަދިވެސް އެދެވޭތީއެވެ.

******

ހުރިހާކަމަކުން އަވަދިވުމާއެކު ދިޔާން ލިލިއަން ގޮވައިގެން އައީ ގެސްޓް ހައުސް އަށެވެ. ލިލިއަން އެކަނި އޭނާގެ ގެއަށް މިފަދަ ވަޤުތެއްގައި ފޮނުވާލާކަށް ދިޔާންގެ ހިތް ނުރުހުނެވެ. މާޔާވެސް ލިލިއަން ހިތްވަރު ދެމުން ވަރަށް އަވަހަށް އަންނާނަން ކަމުގައި ބުނެ  ސަދޫފް އާއެކު ގެއަށް މިސްރާބުޖެހީ އޭނާގެ މަންމަ ގުޅާފައި އައުމަށް އެދުމުންނެވެ.

ލިލިއަންގެ އަތުގައިހިފައިގެން ގެނެސް ސޯފާގައި ބައިންދަމުން  ކުރިމައްޗަށް ހުރި ސޯފާގައި  އިށީނދެ ލިލިއަންގެ މޫނަށް ދިޔާން ނަޒަރު ހިންގާލިއެވެ. އެއްދިމާއަކަށް ގެއްލިފައި އިން ލިލިއަން ހީވަނީ އެހެން ދުނިޔެއެއްގައިވާހެންނެވެ.

“ލިލީ..”ދިޔާންއަށް ކެތްނުވުމުން އެންމެފަހުން ގޮވާލިއެވެ. ލިލިއަންގެ ހިތާމައަށް ކުޑަނަމަވެސް ތަސައްލީއެއް ގެނެސްދެން ދިޔާން ބޭނުންވިއެވެ. އެހެނަސް ލިލިއަން ހިތްހަމަޖައްސައިދޭން އޭނާ ދައްކާނެ ވާހަކައެއް ނޭނގުނެވެ.

“އެހަށް ރެސްޓް ކޮށްލަންވީނު.. ރޭ ހަތަރު ދަމު ނުނިދަ ތިއުޅުނީ… ވަރުބަލިވެފައެންނު ހުންނާނީ..” ދިޔާން އެދުނެވެ. ކަށުނަމާދުގެ ކުރިން މާޔާގެ އެހީއާއެކު ލިލިއަންވަނީ ފެންވަރާ އޭނާގެ ލެއިން ތަތްތެޅިފައިވާ ހެދުން ބަދަލުކޮށްފައެވެ. މިވަޤުތައް ލިލިއަން އަށް އެންމެ މުހިންމު  ކަމަކީ ހުރިހާ ފިކުރުތަކަކާ ދުރަށް ދިޔުމެވެ. ނިންޖަކީ އެކަން ކުރެވޭނެ އެންމެ މޮޅު ގޮތް ކަމުގައި ދިޔާން އަށް ވިސްނުނެވެ. 

ލިލިއަން އަށް ޖަވާބެއް ނުދެވިގެން އުޅެނީސް ދޮރުގައި ޓަކިޖެހި އަޑު އިވިގެން ދިޔައެވެ. ލިލިއަން އަށް ނަަޒަރެއް ދިނުމަށްފަހު ދިޔާން އައިސް ދޮރު ހުޅުވާލިއެވެ. ދޮރު ކުރިމަތީގައި ތިބި ފުލުހުން ފެނުމާއެކު ދިޔާންގެ ނިއްކުރިއަށް ރޫތައް ޖަމާވެގެން ދިޔައެވެ.  އުންމީދުކުރެވުނީ ޕޮލިހުންގެ ފަރާތުން ހިތްހަމަޖެހޭ ޚަބަރެއް ލިބުމަށެވެ.

” އަޅުގަނޑުމެން ލިލިއަން އާ އިތުރު ސުވާލުތަކެއް ކޮއްލަން ބޭނުންވާތީ މިއައީ..” ޕޮލިހުން އެމީހުން އައި ބޭނުން ހާމަކުރުމުން ދިޔާން އެތެރެއަށް ވަނުމަށް އިޝާރާތް ކޮށްލިއެވެ. މިވަޤުތު ލިލިއަން އަށް އިތުރު ތަކުލީފެއް ޖައްސަން  ބޭނުން ނުވިޔަސް އޭނާގެ އަތުގައި އެއްވެސް ބާރެއް ނެތްފަދައެވެ.

” އަޅުގަނޑުމެން ކްރައިމް ސީނު ރަނގަޅަށް ބަލާ ފާސްކުރިން.. އެގޮތުން ބެލި ބެލުމުން އަޅުގަނޑުމެންނަށް ފެނުނު އެއްޗެއް މީ.. މީ ކޯއްޗެއްކަން ލިލިއަން އަށް އެއްވެސް ވަރަކަށް އެނގޭތޯ..؟” ސޯފާގައި ހަމަޖެހިލަމުން އެތަނުން އެއް ފުލުސް އޮފިސަރަކު ބޭރު ފެންނަ ރަބަރު އުރައެއް ދައްކާލަމުން ސުވާލު ކުރިއެވެ.

ލިލިއަންގެ ނަޒަރު ގޮސް އެ އުރަ ތެރޭގައި އޮތް އެެއްޗެއް ހުއްޓުނެވެ. އެއާއެކު ލިލިއަންގެ ދެލޯ ބޮޑުވެ މުޅި މީހާ ތުރުތުރުލާން ފެށިއެވެ. އަނގައިން ނިކުން ވޭނީ އާހާއެކު ލިލިއަން އަށް މޭގައި އަތް އަޅާލެވުނެވެ.

“ލިލީ..!” ދިޔާން ހާސްކަމާއެކު ލިލިއަންގެ ގައިގާ ހިފަހައްޓާލިއެވެ. ލިލިއަންގެ ފަރާތުން ފެންނަމުންދިޔައީ ޕެނިކް އެޓޭކެއްގެ ޢަލާމާތްތަކެވެ.

” ޓޭކް އަ ޑީޕް ބްރެތް..” ދިޔާން ލިލިއަން އޭނާގެ ގަޔާ ކައިރި ކޮށްލަމުން ލިލިއަން ހަމަޔަކަށް އެޅުވުމަށް މަސައްކަތް ކުރިއެވެ. މަޑު މަޑުން ލިލިއަންގެ ތުރުތުރު އެޅުން ހުއްޓި ނޭވާލުން ހަމަޔަކަށް އެޅެމުން ދިޔައެވެ.  ލިލިއަންގެ ހާލަތު އިތުރަށް ގޯސްވެދާނެތީ ދިޔާން އިނީ ނުހަނު ބިރުންނެވެ.

” އަޅުގަނޑަށް ހިޔެއްނުވޭ މިގަޑީގަ ތިކަމާ ބެހޭގޮތުން އިތުރަށް ވާހަކަ ދެއްކުން ރަނގަޅު ހެންނެއް..”  ލިލިއަން ކުޑަކޮށް ހަމަޔަކަށް އެޅުމުން ދިޔާން ފުލުހުންނާ ނަޒަރު ސީދާ ކޮށްލަމުން ސީރިއަސްކަމާއެކު ބުުނެލިއެވެ. ފުލުހުން އެކަކު އަނެކަކަށް ބަލާލަމުން އެންމެ ރަނގަޅު ކަމަށް ބުނެ ތެދުވިއެވެ.

” އަޅުގަނޑުމެން އެކަމަކު ވަރަށް އަވަހަށް ކޮންޓެކްޓް ކުރާނަން.. މައްސަލަޔަށް އިތުރު ކުރިއެރުމެއް ލިބެން އޮތީ ވީ އެންމެ އަވަހަކަށް މިކަމާ ބެހޭގޮތުން ވާހަކަ ދެކެވިގެން..” ޕޮލިހުންގެ ވާހަކައަށް އެއްބަސްވުމުގެ ގޮތުން އެންމެ ރަނގަޅުކަމަށް ބުނެ ދިޔާން ބޯ ޖަހާލިއެވެ.  

ޕޮލިހުން ނިކުމެގެން ދިޔުމާއެކު ދިޔާން އޭނާގެ މޭގައި ލައްވެގެން ހަރަކާތެއް ކޮށްނުލާ އޮތް ލިލިއަން އަށް ބަލައިލިއެވެ. އިތުރު ވާހަކައެއް ދެއްކުމެއްނެތި ދިޔާން ލިލިއަން އޭނާގެ އަތްދަނޑި މައްޗަށް އުފުލާލައިގެން ގެނެސް އެނދުގައި މަޑު މަޑުން ބާއްވާލިއެވެ.

” މިގަޑީގަ އެއްވެސް ކަމަކާ ނުވިސްނާ އަރާމު ކޮށްލާ.. އިރާދަ ކުރެއްވިއްޔާ ހުރިހާ ކަމެއްވެސް އަދި ރަނގަޅުވާނެ.. ” ދިޔާން ލިލިއަންގެ ބޮލުގެ އިސްތަށިތައް މޫނުން އެއްފަރާތް ކޮށްލަމުން ބުނެލިއެވެ.  ފުލުހުން ދެއްކި އެއްޗާ އެކު ލިލިއަން އަށް ވެގެން ދިޔަ ގޮތުން ދިޔާންގެ ހިތުގައި އެތަކެއް ސުވާލުތަކެއް ވަނީ ފުނިޖެހިފައެވެ. އެހެނަސް ލިލިއަން އަމިއްލައަށް ހަމަޖެހިގެން އެވާހަކަދައްކަންދެން ކެތްތެރިވުމަށް އޭނާ ނިންމިއެވެ.

ލިލިއަން އަރާމުކުރަން ވަޤުތު ދެމުން ދިޔާން އެނދުން ތެދުވަން އުޅުނެވެ. އެހެނަސް ލިލިއަން އޭނާގެ ޓީ ޝާޓުގެ ކަނުގައި ހިފެހެއްޓުމާއެކު ދިޔާން އަށް ބަލައިލެވުނެވެ. ލިލިއަންގެ ދެލޮލުން އޭނާ ދޫކޮށް ނުދިޔުމަށް ބުނަމުންދާ ފަދައެވެ. ލިލިއަންގެ ބެލުމުގައިވާ މާނަ ދޭހަވުމާއެކު ދިޔާން އަނެއްކާވެސް ކުރިން އިންގޮތަށް ލިލިއަންގެ ކައިރީ އެނދުގައި އިށީނެވެ.

***********

“ޔާން.. އަހަރެން.. ބިރުގަނޭ…” ލިލިއަންގެ މޫނުމަތިން ހަޤީޤަތުގައިވެސް ފާޅުވަމުންދަނީ އިންތިހާ ދަރަޖައިގެ ބިރުވެރިކަމެވެ. އެދެލޮލުގައިވީ ސިހުން ދިޔާން އަށް އިޙްސާސްކުރެވުނެވެ.

” ކޮންކަމަކާތަ ބިރުގަންނަނީ.. ؟” ދިޔާންގެ ހިތުގައި އުފެދުނު ސުވާލު ފަރުވާތެރިކަމާއެކު ކޮށްލިއެވެ. އެއްފަހަރާ ހިތަށްވެރިވާ ހުރިހާ ސުވާލެއް ކުރުމުގެ ބަދަލުގައި ލަސްލަހުން ލިލިއަން އާ ވާހަކަ ދެއްކުމަށް ދިޔާން އިސްކަން ދިނެވެ.

” ސު..ހެ.އިލް..” ލިލިއަން އަށް އެނަން އަރު ތެރޭން ބޭރުކުރަންވެސް ވީ ބޮޑު ވޭނަކަށެވެ. 

ކުއްލިއަކަށް ލިލިއަންގެ ފަރާތުން ސުހެއިލްގެ ނަން އަޑުއިވުމާއެކު ދިޔާން އަށް ލިބުނީ ހައިރާންކަމެކެވެ. 

” ސުހެއިލް..؟ އޭނަ ކިހިނެއްވީ.. ؟” ދިޔާން އަށް ވަޤުތުން ސުވާލު ކޮށްލެވުނެވެ.

ލިލިއަން އަށް ދެއްކުމަށްޓަކައި ޕޮލިހުން ގެނައި ރަބަރު އުރައިގާ އޮތީ ކަންފަތުލާ މުންޖެކެވެ.  ދޫނި ފަތެއްގެ ބައްޓަމަށްވާ އެކަންފަތުލާ އެތިކޮޅު އޭނާއަށް ފެނުނީ ފުރަތަމަ ސުހެއިލް އާ ދިމާވި ރެއެވެ. އެރޭ އޭނާގެ ވައާތު ކަންފަތުގެ ފޫޅު ދަނޑީގައި ހަރުކުރެވިފައިވާ ކަންފަތު މުންޖަކީ އެއީކަން ވަޤުތުން ލިލިއަން އަށް ދެނެގަނެވުނެވެ. އެއާއެކު އޭނާގެ މަންމަގެ މަރުގެ ފަހަތުގައިވަނީ ކާކުކަން ދެނެގަންނާކަށް ލިލިއަން އަކަށް އުނދަގުލެއް ނުވިއެވެ. އެވަޤުތު އޭނާއަށް އެފަދަ ބޮޑު ބަދަލެއް އައީ އެހެންވެއެވެ.

ލިލިއަން އުނދަގުލުން ސުހެއިލްގެ ހުރިހާ ވާހަކައެއް ދިޔާން އަށް ކިޔައިދިނެވެ. ފުރަތަމަަ ސުހެއިލްއާ ބައްދަލުވިރޭ ދެމެދުގައިވީ ކަންކަންވެސް ދިޔާން އާ ހިއްސާކުރިއެވެ. އެހެނަސް ލިލިއަން އަށް އަދިވެސް ނޭނގޭ ހަޤީޤަތަކީ އޭނާގެ މަންމައަށް އެފަދަ ކަމެއްކުރަން ޖެހުނު ސަބަބެކެވެ. 

އެވަޤުތު ހައިފާގެ ބަސްތައް އޭނާގެ ކަންފަތުގައި ގުގުމައިގެން ދިޔައެވެ.

” ދަރިފުޅާ..ރައްކާތެރިވާތި..އޭނާ ދަރިފުޅުގެ ފަހަތުން އަންނާނެކަން ޔަޤީން..” އެބަސްތައް ހަނދާންވުމާއެކު ލިލިއަންގެ މޫނު ހުދުވެގެން ދިޔައެވެ. ސުހެއިލް ބޭނުންވެގެން އެއުޅެނީ ކޮންކަމެއްހެއްޔެވެ؟ އޭނާގެ ފަހަތުން ސުހެއިލް އަންނަންވީ ކީއްވެހެއްޔެވެ؟

ދިޔާން އަށް އެނގުނު ވާހަކަތަކާއެކު އޭނާގެ ބޮލުގައި ގަދަ ރިހުމެއް އުފެދިގެން ދިޔައެވެ. ސުހެއިލްގެ ސަބަބުން ލިލިއަންގެ ދިރިއުޅުން އެވަނީ ނުރައްކަލެއްގެ ތެރެއަށް ވެއްޓިފައެވެ. ހައިފާއަށްފަހު ސުހެއިލް ލިލިއަން އާ ދިމާކޮށްލަފާނެކަމުގެ ވިސްނުމަކީވެސް ދިޔާން އަށް ބަރުދާސްތުކުރެވޭވަރުގެ ކަމެއް ނޫނެވެ. ސުހެއިލްގެ ގޮތް އެނގިހުރެ އޭނާއަކީ އެހާފަސޭހައިން ބަލި ޤަބޫލުކުރާނެ މީހެއް ނޫންކަންވެސް ދިޔާން އަށް އެނގެއެވެ. އޭނާ ދިޔާން އަށް ދީފައިވާ އިންޒާރުގެ މަތިން އަދިވެސް އޭނާ ހަނދާން ނުނެތެއެވެ. މިހުރިހާ ހައިޖާނެއްގެ ތެރެއިން އޭނާ ފުރަންޖެހޭ ވަޤުތު ކުޑަތަން ވަމުން އައުން ވެގެން ދިޔައީ ދިޔާންގެ ބޮލަށް އިތުރުވި ދިލަ ރިހުމަކަށެވެ.

” އަހަރެން.. ހިޔެއް ނުކުރަން މިގޮތަށް ކަންތައްވެގެން ދާނެކަމަކަށް..މަންމަ.. މަންމަ މިދުނިޔެ ދޫކޮށް އެދިޔައީ އަހަރެންގެ ސަބަބުންތަ..؟” ލިލިއަންގެ ދެލޯ އަނެއްކާވެސް ކަރުނުން ބަރާވެގެން ދިޔައެވެ. ހިތުގައި އެތަކެއް ކުށްވެރިކަމުގެ އިޙްސާސެއް އުފެދެމުން ދިޔައެވެ. އޭނާ މަންމައާ އޮންނަ ގުޅުން ބަދަހިކުރަން މަސައްކަތް ކުރި ނަމަ މިހެން ނުވީހެވެ. މަންމަ ކޮޓަރިން ނުނިކުންނަން އެދުމުން އެކަމާ ސުވާލު ކުރެވުނު ނަމަ މަންމަގެ ފުރާނައަށް ނުރައްކާ ނުވީހެވެ. އޭނާގެ ޢަމަލުންނާއި ހަރަކާތްތަކުން ގަސްދުގައި މަންމަ ދުރުކޮށްލެވުނީއެވެ. ހުރިހާ ކަމެއް ގޯހުން ގޯހަށް ދިޔައީ އޭނާގެ ފަރުވާ ކުޑަކަމާއި އަޅާލުން ކުޑަކަމުގެ ސަބަބުން ކަމުގައި ލިލިއަން އަށް ނިންމުނެވެ.

” މިއިން އެއްވެސް ކަމަކީ ލިލީއާ ހެދި ވީކަމެއް ނޫނޭ.. ތިގޮތަށް އަމިއްލަ ނަފްސު ކުށްވެރިނުކޮށްބަލަ. އަހަރެމެން އެކަކަށްވެސް ތަޤުދީރުގައި ވާންހުރިކަމެއް ނުހުއްޓުވޭނެ.. އެއީ އެއަށްވުރެ ބާރުވެރި ފަރާތެއްގެ ތަދުބީރު.. ” ވެގެންދިޔަ އެއްވެސް ކަމަކީ ލިލިއަންގެ ކުށެއް ނޫންކަން ދިޔާން އަންގައިދޭން ބޭނުންވިއެވެ.

-ނުނިމޭ-

0

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!