އަލިފުއްޓަށް އަދި ނަޒަރު ހިންގާލަމާ ހިނގާށެވެ. އެއްކަލަ މީހާ އެއްގަމަށް އެރިއިރު ރަށުގެ ކުދި ބޮޑު އެންމެންވެގެން އަލިފާންގަނޑުތަައް ނިއްވުމުގައި އުޅުނެވެ. އެމީހަކަށް ލިބުނު ފެންއެޅޭ ޒާތުގެ އެއްޗެއްސަށް ފެންއަޅައިގެން އައިސް އަލިފާނގަނޑު ތަކަށް ފެން ޖަހަމުން ގެންދިޔައެވެ. މުށި ބަނޑިޔަލާއި, ރުނބަޔާއި, ތެއްޔާއި, ކަހަނބާއި, މިފާޑު ފާޑުގެ އެއްޗެއްސަށެވެ. އެމީހާއާ ދިމާވި ފުރަތަމަ މީހާ ގާތު ވެސް އަހާލީ ދެންމެ މިރަށުން ފުރި މީހުން އެދިޔަ ރަށެއް އެނގޭތޯއެވެ. ޖަވާބުގައި ނޫނެކޭ ބުނެ, މިރަށުގެ މޫސާއަަަށް ފަހަރުގައި އެނގޭނޭ ބުންޏެވެ. މިހެންވެ އެމީހާ އަވަސްވެގަތީ މޫސާ ހޯދާށެވެ. މޫސާގެ ގެއަކީ މިރަށު ވެރިޔާގެ ގެއަށް ވުމުން އެގެއަށް ދިޔައެވެ. އެގެއަށް ގޮސް ބެލި އިރު އަތޮޅުވެރިޔާ އާއި ރަށުވެރިޔާއާއި އަދި އެގޭގެ ގިނަ މީހުން ތިބީ ފިލަން ވަދެއެވެ. އެމީހާ ގޮސް ކަނޑުގެރި ފައިބައިގެން ގޮސްސިއޭ, ހަރު އަޑުން ގޮވާލުމުން އެނދު ތަންދަށުންނާއި, ގިފިލީގެ ވަޅުން މީހުންތައް ނިކުތެވެ. 

މޫސާގާތު އެއީ ކޮންރަށެއްގެ ބައެއެއްކަން އެނގޭހޭ އެހުމުން ބުނީ އޭނައަށް ނޭނގޭ ކަމަށެވެ. އަދި އެމީހުން އިއްޔެ ގަފޫރުބޭ ގެއަށް ދިއަކަމަށް ބުންޏެވެ. ފަހަރުގައި ގަފޫރުބެއަށް އެނގިދާނޭ ބުންޏެވެ. މިހެންވެ އެމީހާ އަވަސްވެގަތީ އެބުނާ ގަފޫރުބެއެއްގެ ގެއަށް ދިއުމަށެވެ. މޫސާއާއި އެކު އޭނާ ގަފޫރުބޭގެ ގެއަށް ދިއައެވެ. އެއިރު ވެސް ރަށުގައި އަނދަ އަނދާހުރި އަލިފާންގަނޑުތައް ނުނިވެއެވެ. އަދި ގަފޫރުބެ ގޭގަ ވެސް ހުރީ އަލިފާން ރޯވެފައެވެ. މިހެންވެ އޭރު ގަފޫރުބެ އުޅުނީ އަލިފާން ނިންވުމުގައެވެ. 

ގަފޫރުބެ ފެނުމުން އެއްކަލަ މީހާ އޭނަގެ ގާތައް ގޮސް ސުވާލުކުރިއެވެ. ފުރަތަމަ އުޅުނީ ނުބުނާށެވެ. ނަމަވެސް އެމީހާ ބުނެލިއެވެ.

”ބަލަ އޭނަ އެދިއައީ ކަލޭގެ ގޭގަ ވެސް ރޯކޮށްލާފަ އެއްނު. އެވަރު މީހެއް ދިފާއު ކުރަން ތިއުޅެނީ ކީއްކުރަން؟“

އެއީ ކޮން ރަށެއްގެ ބައެއްކަން ނުބުނެފިނަމަ ގަފޫރުބެއަށް ކޮށްލަފާނެވަރު ވިސްނި, އެންމެ ފަހުން ގަފޫރުބެ ބުނީ އެމީހުންނަކީ ށ. މަރޮށީން އައި ބައެއްކަމަށެވެ. ގަފޫރުބެއަށް ޝުކުރު އަދާކޮށް އެމީހާ އެނބުރި ރަށުވެރިޔާގެ ގެއާދިމާލަށް ދިޔައެވެ. 

އަލިފުށީގައި އަނދަމުން ދިޔަ އަލިފާންގަނޑުތައް އެއްކޮށް ނިންވާލެވުނު އިރު މެންދުރުން އަނބުރާ އަސަރު ވާން ގާތް ވެއްޖެއެވެ. ރަށުގެ ގިނަ ގެތައް އަނދާ އަޅިއަށް ވިއެވެ. އަލިފާނުގެ އަސަރު ބޮޑަށް ކުރީ މޫދު ކައިރީގައި ހުރި ގެތަކަށެވެ. ފަޅުގައި ހުރި ދޯނިތައް ވެސް އަނދާ ހުލިވިއެވެ. ދޯނި ހަރުގޭގައި ހަދަން ފަށާފައިހުރި ދޯނިތައް ވެސް އަނދާ އަޅިއަށްވީއެވެ. އަލިފުށީގެ ގިނަަބައެއްގެ މޫނު މަތިން ފެންނަނީ ހިތާމަވެރިކަމެވެ. ނަސީބު ރަނގަޅު ކަމުން އެއްވެސް އިންސާނަކަށް މާބޮޑު އަނިޔާއެއް ނުލިބެއެވެ. ފިލަންދުވި އިރު ވެއްޓިގެން ނޫނީ ތަންތަނުގައި އަޅައިގަނެން ބައެއް މީހުންނަށް ކުދި އަނިޔާ ލިބުނެވެ. އަދި އަލިފާންގަނޑު ނިންވަން އުޅުނުއިރު ބައެއް މީހުންގެ ހަށިގަނޑުގެ ތަންތަން ފިހުނެވެ. އެނޫން އެހެން ބޮޑު ގެއްލުުންތަކެއް މީހުންނަކަށް ނުވެއެވެ. 

ހަވީރުގެ ވަގުތުގައި ފަތިހު މަހަށް ފުރި ދޯނިތައް ރަށަށް ލަފަންފެށިއެވެ. ރަށުގެ ހާލަތުފެނި ދޯނިތަކުގައި ތިބި މީހުންތިބީ ހައިރާންވެފައެވެ. ރަށަށް ފައިބާ ވެގެން އުޅޭގޮތް އަހާލުމުން އެމީހުންނަށް ދެރަވެ ރޮވުނެވެ. އެކަމަކު ފަތިހު މަހަށްދާން ފުރުން އެއީ އަސްލު އެމީހުންގެ ނަސީބެވެެ. ރަށަށް އައި ފުރަތަމަ ދޯނި އައުމާއެކު އެއްކަލަ މީހާއާއި އަތޮޅުވެރިޔާ, އެދޯނީގެ މީހުންގެ ހުއްދައާއި އެކު ރަސްގެތީމަށް ދިޔުމަށް ދަތުރު ފެށިއެވެ. ރަސްގެތީމަށް ގޮސް އަލިފުއްޓަށް ލިބުނު ގެއްލުންތައް މަރާމާތު ކުރުމަށް ބަޔަކު ފޮނުވާނެ ކަމުގެ ވައުދުވެފައެވެ. ނަމަވެސް މިރަށަށް ކަނޑުގެރިއެއް އެރިކަން އެނގިއްޖެނަމަ ރަސްގެތީމުގެ މީހުންނަށް އަލިފުއްޓަށް އަންނަން ކެރޭނެބާއެވެ.

ދެނަމާދު ދޭތެރެ ގަޑީގައި އެމީހުން ދަތުރުކުރަމުން ދިޔަ ދޯންޏަށް ރަސްގެތީމު ފަޅަށް ވަދެވުނެވެ. އެއިރު އަތިރިތިމަތީގައި މީހުން އެހާ ގިނައެއް ނޫނެވެ. އަތޮޅުވެރިޔާއާއި އެކު އެއްކަލަ މީހާ ރަށަށް ފޭބިއެވެ. އަލިފުށީގެ ދޯނި މިރޭ ދަތުރު ނުކޮށް އެރަށުގައި މަޑުކުރިއެވެ. އަތޮޅުވެރިޔާ ގެއަށް ލުމަށްފަހު ބާރު ހިނގުމުގައި އެއްކަލަ މީހާ އޭނަގެ ގެއަށް ދިޔައެވެ. އެ ގެއަކީ ތެޅިގަލުން ރާނާފައިވާ ގެއެކެވެ. އެހެން ގެތަކޭ އެއްފަދައިން މިގެ ވެސް ހިޔާކޮށްފައި ހުރީ ފަނުންނެވެ. 

ގެއަށް ވަދެ އެމީހަކުގެ ބައްޕައަށް ގޮވާލިއެވެ. އަދި އެއާއެކު އޭނާ ކަހަލަގެ ހަށިގަނޑެއް ލިބިފައިވާ, ނަމަވެސް މުސްކުޅި ފުރާވަރުގެ މީހާކު ކޮޓަރިން މައިގެޔަށް ނިކުތެވެ. އެ މީހާ ހުރީ ހުސްގަޔާ, ކަޅާއި ހުދު ކުލައިގެ ފޭއްޔެއް އަނދެގެނެވެ. ބޮލުގައި އިސްތަށި ހުރީ ހަމައެކަނި ދެ އަރިމަތީގައެވެ. ނުރަ ޖަހާފައެވެ. މުސްކުޅި ފުރާވަރުގެ މީހަކު ކަމަކު ހިނގުމުގައި އެއްވެސް ކޮރުކަމެއް ނެތެވެ. އެއްކަލަ މީހާ, އަލިފުށީގައި ހިނގާދިޔަ ކަންކަން އަކުރުން އަކުރަށް އެ މުސްކުޅި މީހާއަށް ކިޔައިދިނެވެ. އަލިފާންގެރީގެ ވާހަކައެވެ. އަދި އެގެރި މިހާރު ދަތުރު ކުރަމުންދަނީ މަރޮށްޓައް ދިއުމަށް ކަމަށް ބުންޏެވެ. އެ މުސްކުޅި މީހާ ވާހަކަ ދެއްކިއެވެ. 

”ތި އަލިފާނގެރިއަކީ ރޫހީ މިތުރެއްކަން ޔަގީން. އެކަމަކު މަރޮށި ދަރިފުޅާ, މީގެ 33 އަހަރު ކުރިން މަރޮށީގަ ހުރި ބައްޕަގެ އެކުވެރިއެއް ބުނެގެން އެރަށަށް ދިޔައިން. ރޫހީ މިތުރަކާ އެކު އުފަންވި ކުއްޖެއް އެރަށުގައި ހުރިވާހަކަ ބުނެގެން. އެ ރަށަށް ގޮސް އެ މިތިރު ބައްޕަގެ އަތުން ކަތިލިން. އޭގެ ފަހުން އެރަށުގައި ރޫހީ މިތުރަކާއި އެކު ކުއްޖަކު އުފަންވި ކަމެއް އެނގިފައެއް ނެތް. ބައްޕަގެ އެކުވެރިޔާ ވަނީ މީގެ 15 އަހަރު ކުރިން, ކަނޑުގައި ހިނގާދިޔަ ހާދިސާއެއްގައި ނިޔާވެފަ. ވެދާނެ އެރަށުގައި ބައްޕަ ދަންނަ އެހެން މީހަކު ނެތީމަ ބައްޕައަށް އެރަށުގައި މިތުރަކު އުފަންވި ހަބަރު ނުލިބުނީ ކަމަށް. ތިޖެހުނީ ތިއީ ކާކުގެ ރޫހީ މިތުރެއްކަން ބަލާ އެ މަރާލަން. ދަރިފުޅު ތިކިޔާދިން ގޮތުން އެނގެނީ އެސޮރުގެ ބާރުތައް ފުރިހަމަ ވާން ވަރަށް ގާތްވެފަ ހުރިކަން. ވީ އެންމެ އަވަހަކާ އެ މިތުރު ހޯދޭތޯ ބަލަމާ ހިނގާ. މާދަމާ ފަތިހު މަރޮށްޓަށް ދާން ދަތުރު ހަދާ. އަދި ދަރިފުޅުގެ ކޮއްކޮ މަރީނާ ވެސް ދަތުރުގަ ބައިވެރި ކުރާތި. ބައްޕަގެ ގައިގަ މިހާރަކުނެތް ކުރީގަ އުޅުނު ގޮތައް އުޅޭހާ ވަރެއް. ވީއިރު ތި ދެކުދިން އެކުގަ މަރޮއްޓަށް ދޭ 

މިހެން އެމީހާ ބުނެ އެއްކަލަ މީހާގެ އުނަގަނޑުގައި ކަތިވަޅި ނެއްތުމުން ބުނެލިއެވެ. 

ދަރިފުޅާ ހަމީދޫ, ދަރިފުޅުގެ ބޮޑު ކަތިވަޅި ކޮބާ؟

ހަމީދު ލަދުން ހުރި ގޮތަކަށް ބުންލިއެވެ.

”އެ އަލިފާންގެރި އެވަޅި ކަނޑަށް އެއްލާލައިފި ބައްޕާ, ކީއްކުރަންތަ މަރީނާ ތިފޮނުވަނީ. އަޅުގަނޑަށް އެކަނި ވެސް ވާނެ. އަދި އާ އަހަރަމެން ދިޔަ ދޯނި ވެސް އެމީހުން ގެންގޮށްސި.“

ހަމީދުގެ އެ ވާހަކަ އަޑު އަހާފައި އެ މުސްކުޅި މީހާ, ޗުސްޗުސް ލައްވާލިއެވެ. އަދި މަރީނާއަށް ގޮވާލިއެވެ. އެވަގުތު އެގޭ ބަދިގެ ފަރާތުން ގެއަށް ވަނީ ފުރިހަމަ ހަށިގަނޑެއްގެ ވެރި ރީތި އަންހެނެކެވެ. ދިގު ކަޅު އިސްތަށިގަނޑު އޮތީ ގަތާލުމަށްފަހު ބޮލުގެ މެދައްވާގޮތައް ހުޅިއެއް ޖަހާލާފައެވެ. ލައިގެން ހުރީ ބޯވަޅުލީ ފެހި ލިބާހަކާއި ކަޅާއި ހުދު ފޭއްޔެކެވެ. މޫނުގައި ދާހިއްލާފައި ހުރުމުން އެނގެނީ ވަރަށް ބުރަ މަސައްކަތެއް ކުރަން އުޅެފައި އައިކަމެވެ. އެހެނަސް އޭނަގެ މޫނުމަތީގައި ވީ ފުރިހަމަކަމެވެ. އިސްކޮޅުން ހަމީދުއަށް ވުރެ ތަންކޮޅެއް ކުރެއެވެ. ހަމީދު އަކީ 40 އަހަރުގެ މީހެކެވެ. މަރީނާ އަކީ 33 އަހަރުގެ މީހެކެވެ. 

މަރީނާ މައިގެއަށް އައުމުން އެމީހުންގެ ބައްޕަ, ކާސިމު ކަލޭގެފާނު ވާހަކަ ދެއްކިއެވެ. 

”ދަރިފުޅާ މަރީނާ ހަމީދުބެއާއެކު މާދަމާ މަރޮއްޓަށް ދާން ތައްޔާރުވޭ. ރޫހީ މިތުރެއްގެ ކަންތައް މާމަށްޗައް ގޮސްގެން މިއުޅެނީ. ދަރިފުޅާ ހަމީދު ދަރިފުޅަށް އެނގޭ ދޯ މަރީނާ މިފޮނުވަނީ ރޫހީ މިތުރު އިންސާނެއްގެ ސިފައަށް ބަދަލުވުމުން މަރީނާއަށް ފެންނާތީކަން. ދަރިފުޅު އެކަނި އެ މިތުރާއި ހަމަލާދޭން އުޅުމުން ވާގޮތް އެނގިއްޖެއްނު ދޯ މިހާރު? ވީއިރު މާދަމާ މަރޮއްޓަށް ދާނީ މަރީނާ ވެސް ގޮވައިގެން. އަދި ބައްޕަގެ ބޮޑު ކަތިވަޅި ހިފައިގެން ދޭ. އަދި ބައްޕަގެ ދޯނީގައި ދިއުމަށް ދަތުރު ހަދާ. ދެ ކުދިން އެކަކު އަނެކަކަށް ބަލައިގެން އުޅޭތި.“

ކާސިންބޭ މިހެން ބުނުމުން ހަމީދުއާއި ދިމައަށް މަރީނާ ބަލާލުމަށް ފަހު ފާޑަކަށް ހިނިތުންވިއެވެ. އަދި ދެމީހުން އެކުގައި ގެއިން ބޭރަށް ނިކުތެވެ. އަދި މަރީނާ އޭނަގެ ބޭބެއާއި ވާހަކަ ދެއްކިއެވެ. 

”ސާބަސް ބޭބެއަށް. އެކަނި މިތުރަކަށް ހަމަލާދޭން އުޅެފަދޯ ތިއައީ. ކޮންމެ ފަހަރަކު ވެސް އަހަރަމެން ދެމީހުން އެކުގައެއްނު ދަނީ. އަނެއްކާ މީ ކިހާ ނުރައްކާތެރި މިތުރެއްތަ؟

މަރީނާގެ އެ ސުވާލަށް ހަމީދު ޖަވާބު ދިނެވެ.

”ބައްޕަ ބުނުއްވީ އޭތީގެ ބާރުތައް ފުރިހަމަވާން ވަރައްގާތް ވެފަ ހުރިކަމަށް. އަހަރަމެން އަދި ކުރިމައްޗެއް ނުލަން އެހާ ވަރުގަދަ މިތުރަކާ. އެ މިތުރަށް ބޭނުން އިރަކު ރޫހީ މިތުރުންގެ އެންމެ ބޮޑު ސިފައަށް ބަދަލުވެވޭ. މަށެއް ނުދެކެން އޭގެ ޖަނަވާރުގެ ސިފައެއް. އެކަމަކު މަށަށް ބޮޑަށް ލަފާކުރެވެނީ ގެރިއަކާ. އެ މިތުރު ދިޔަ ދޯނީގަ ފިރެހެން މީހާގެ އިތުރުން އަދި ކުޑަ އަންހެން ކުއްޖަކު ވެސް އިން. އެ ފިރެހެން މީހާއަށް އެ މިތުރު ފެނުނެއް ކަމަކު, ބޮޑަށް ލަފާކުރެވެނީ އެއީ އެ ކުއްޖާގެ ރޫހީ މިތުރު ކަމަށް. އެކަމަކު އެ ފިރެހެން މީހާގެ އަމުރަށް ވެސް އެ މިތުރު ތަބާވޭ. އެއީ އަދި ދުވަހަކު ވެސް މަށައް ނުފެއްނަކަމެއް.“

ހަމީދުގެ އެވާހަކަތަކުން މަރީނާ ހުރީ ހައިރާންވެފައެވެ. އަދި ބުނެލިއެވެ. 

”ތިހެންވީއިރު ތިޖެހުނީ ކޮންމެހެން ވެސް ތި މިތުރުގެ ދުވަސް ދުއްވާލަންތާ. މާދަމާ ހެނދުނު ހެނދުނާ ވާނެ މަރޮއްޓަށް ދާން ފުރަން. އަހަރެން ވެސް ބޭނުން ތި މިތުރެއްގެ ހުރި ވަރެއް ބަލާލަން.“ 

އޭގެ އަނެއްދުވަހުގެ ފަތިހުގެ ވަގުތެވެ. ކާސިންބޭގެ އެދުމުގެ މަތިން މަރޮއްޓަށް ދިއުމަށް, މަރީނާއި ހަމީދު, އެކުގައި ގެއިން ނިކުތެވެ. ރަތް ލިބާހެއްލާ, ކަޅާއި ހުދު ފޭއްޔެއް އަނދެގެން ހުރި މަރީނާގެ އަތުގައި ރިހި ތިލަ ލީ ކުޑަ ފިޔޮށްސެއް އޮތެވެ. އެ ފިޔޮހީގެ މުއްގަނޑު ހަދާފައި ހުރީ ކަޅު އެންދެރިންނެވެ. މުއްގަނޑުގައި ހުދުކުލައިން އެއްޗެއް ލިޔެފައި އިނެވެ. މަރީނާގެ އަނެއް އަތުގައި ދަތުރުގެ ކޮށްތު އަޅާފައި ހުރި, ކަށިކެޔޮ ފަތުން ވިޔެފައިވާ ބޮޑު ވައްޓެއް އޮތެވެ. ހިނގަމުން ދަމުން އަތުގައި އޮތް ފިޔޮހި, އޭނަގެ ބޯއިސްތަށިގަނޑުގައި އިން ހުޅީގެ އެތެރަށް ޖަހާލިއެވެ. މަރީނާގެ އެއްފަރާތުގައި, ކަޅާއި ހުދުގެ ފޭއްޔެއް އަނދެގެން ހުސްގަޔާ ހުރި ހަމީދުގެ އަތުގައި ކަޅު އެންދެރި މުއްގަނޑުލީ ބޮޑު ކަތިވަޅިއެއް އޮތެވެ. މި ކަތިވަޅީގެ ތިލައިގައި ކަނޑައި ނަގައިގެން އަކުރު ތަކެއް ލިޔެވިފައި ހުއްޓެވެ. އަދި މުއްގަނޑުގެ ވަށައިގެން ރަތާއި ފެހި, އަދި ހުދު ކުލައިގެ ތިން ރޮނގު ދަމާފައި ހުއްޓެވެ. އޭގެ އިތުރުން ބޮނބި ނަރުން ހަދާފައިވާ, ފަލަ ދިގު ރޯނެއް އޮޅާލުމަށްފަހު ހަމީދުގެ ކޮނޑުގައި އަޅުވާލާފައި އޮތެވެ. އެ ރޯނުގެ ދެކޮޅުގައި ރިހީގެ ބަރެއް އަށްސާފައި ހުއްޓެވެ. އަދި ރޯނުގެ އެއްކޮޅުން އަނެއްކޮޅަށް ކަޅު ދެލީގެ އަކުރު ތަކެއް ލިޔެވިފައި ހުއްޓެވެ. ދެ މީހުން ހިނގާފައި އަތިރިމައްޗަށް ދިޔައިރު ބުނަމުން ދާކަހަލައެވެ. އެ އަލިފާންގެރީގެ ދުވަސް މިފަހަރު ދުއްވާލާނަމެވެ. 

ދެމީހުން އެކުގައި އަތިރިމައްޗަށް ދިއައިރު ދުނިޔެ މައްޗަށް އިރު އަރަން ގާތް ވަނީއެވެ. އުޑުމަތީގައި ވަނީ ރަތްވިލާ ލާފައެވެ. އަތިރިމަތީގައި އެހެލާފައި ހުރި ކުޑަ ބޮއްކުރާ އަކަށް ކަތިވަޅިއާއި, ރޯނުގަނޑާއި, ދަތުރުގެ ކޮށްތު ވަށިގަނޑު ލުމަށް ފަހު އެ ބޮއްކުރާ ބޭލިއެވެ. އެއަށްފަހު ބޮއްކުރާއަށް ދެމީހުން އަރައި ކުރެދި ރިތަކުން ކަނބައިގެން ކާސިންބެގެ ދޯނި ކައިރިއަށް ބޮއްކުރާ ގާތް ކުރިއެވެ. ކާސިންބެގެ ދޯންޏަކީ, އަލީމެން ގެންދިއަ ކަހަލަގެ ބޮޑު, އެހާމެ ފުރިހަމަ, ރިޔަލުގެ ދުވެއްޔަށް ކިއްސަރު ރަނގަޅު ދޯންޏެކެވެ. އެ ދޯނީގައި ވެސް އޮތީ ހުދު ކުލައިގެ ތިނެސްކަން ރިޔަލެކެވެ. ދޯނި ކައިރީގައި, ބޮއްކުރާ އެޅުމަށް ފަހު އޭގައި ހުރި ސާމާނުތައް ދޯންޏަށް އެރުވިއެވެ. އަދި އެއަށްފަހު ހަމީދު ވެސް ދޯންޏަށް އަރައި, އޭނަގެ އެހީއާއި އެކު މަރީނާ ވެސް ދޯންޏަށް އެރިއެވެ. 

ހަމީދުގެ ކުޅަދާނަކަމުން ނަގިލި ނަގާ, އެ ދޯނީގެ ރިޔާ ނެގިއެވެ. އެއިރު މަރީނާ, ކުރެދި ރިތަކުން ކަނބައިގެން ދޯނި ފުންކޮށްލިއެވެ. އަދި ރިޔަލުގައި ވައި އަޅުވާލާ, ރަސްގެތީމުގެ ފަޅުން ދޯނި ނުކުތެވެ. އެއާއެކު މަރޮއްޓަށް ދިއުމަށް ދަތުރު ފެށުނެވެ.

-ނުނިމޭ-

0

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!