ހަވީރު ފަހެއްޖެހި ވަގުތު ފިހާރަ ހުޅުވައިގެން ނައިޝާ އެންމެންގެ އިންތިޒާރުގައި ހުއްޓެވެ.މަޑުމަޑުން މީހުންތައް އައިސް ހަމަވުމުން، އެމީހުންނަށް ސިސްޓަމާ ކުޅޭގޮތް ކިޔައިދިނުމުގައި ނައިޝާ އުޅުނެވެ.އައްކިޔުންގެ ޚަބަރެއް ނުވާތީ ނައިޝާ އަށް އެއްވެސް ހިތްހަމަޖެހުމެއް ނުލިބެއެވެ.އެހެންނަމަވެސް މަސައްކަތުގެ މާހައުލުގައި އޭނާ އެކަންތަކެއް ނުދައްކައެވެ.އޭނާއަށް ބަލައިފި މީހަކުނަމަ އޭނާ އެހުރީ މަޔޫސްވެފައޭ ނުުބުނާނެއެވެ.މީހުންގެ ތެރޭގައި ހުންނަ ވަގުތު އެމޫނުމަތިން ހިނިތުންވުމެއް ނުކެނޑެއެވެ.ނަމަވެސް އެންމެ ސިކުންތަކަށްވެސް އޭނާއަށް އައްކިޔުންގެ ޚިޔާލަކާ ދުރަކަށް ނުދެވެއެވެ.
ވަޒީފާގެ މާހައުލުގައި އަވަދިނެތި ނައިޝާ އުޅެމުންދާއިރު، އައްކިޔުންގެ ހާލަތު އަންނަނީ ގޯސްވަމުންނެވެ.ނައިޝާއަށް ނުގުޅި ދާ ކޮންމެ ސިކުންތެއް އައްކިޔުން ހާސްކޮށްލައެވެ.މުޅި މީހާ ނެގިމަޑުވެ ކަންތައްތައް ކުރަން ފޫހިވާން ފެށުމުގެ ސަބަބުން، ވަޒީފާއިން ނޯޕޭ ލީވެއް އިތުރު ހަފްތާއަކަށް އައްކިޔުންް ނެގިއެވެ. ކެއުމެއް ބުއިމެއްނެތި އައްކިޔުންގެ ކަމަކީ މިހާރު ނައިޝާގެ ހަނދާން އާކޮށް ވިސްނުމެވެ. ވީކީއްކަމެއް ނޭނގޭ ހާލު ނައިޝާގެ ކުއްލި ޚަބަރުނުވުމުގެ ސަބަބުން ޖަވާބު ބޭނުންވާ އެތައްހާސް ސުވާަލުތަކެއް އައްކިޔުންގެ ސިކުނޑިތެރޭގައި އެނބުރެމުންދެއެވެ.
ދުވާލުގެ ވަގުތުތަކުގައި ބުރަކޮށް މަސައްކަތް ކޮށްފައި ރޭގަނޑު އެކަނިވާ ވަގުތުތަކުގައި އައްކިޔުންގެ ހަނދާން އާކޮށް ނައިޝާވެސް ގެންދިޔައީ ހިތާމަކުރަމުންނެވެ.އައްކިޔުންނަށް ނުގުޅޭތީީ ނައިޝާގެ ސިކުނޑިއަށްވެސް އެތައްހާސް ސުވާލުތަކެއް އަރާ ފައިބަމުން ދިޔައެވެ.
************
އެންމެނަށް ސިސްޓަމާކުޅޭ ގޮތް ދަސްކޮށްދިނުމަށްފަހު ނައިޝާ ފިހާރަ ބަންދުކުރަން އުޅުނެވެ. އެންމެންތައް ނިކުތުމުން ފިހާަރަ ތަޅުލުމަށްފަހު، ރޫމަށްދާން ހިނގައިގަތް ވަގުތު ވަޒީފާއަށް ހޮވުނު މީހުންގެ ތެރެއިން އަންހެނަކު ނައިޝާ ކައިރިއަށް އައިސް ނައިޝާއަށް ޝުކުރު އަދާކުރިއެވެ.
“އަހަރުމެންނަށް މި ވަޒީފާ ވަރަށް މުހިންމު…ވަޒީފާ ލިބުނީމަ ވަރަށް އުފާވެއްޖެ… ޝުކުރިއްޔާ” އަންހެންމީހާ އާއި އެކު އައި ސަނާ ނައިޝާއަށް ބުނެލިއެވެ
“އަޅުގަނޑު އެއްވެސް ކަމެއް ނުކުރަން..ތަނުގެ ވެރިޔާ ތިކުދިން ހޮވީ” ހިނިތުންވެލަމުން ސަނާއަށް ނައިޝާ ބުނެލިއެވެ.
“އަދި ނަމެއްވެސް ނުބުނަމެއްނު..ކޮންނަމެއްތޯ ކިޔަނީ؟”އަންހެންމީހާ ނައިޝާ ގާތު ނަން އަހާލިއެވެ. އެވަގުތު އެމީހާ ކައިރީގައި ސަނާވެސް ހުރުމުން، ނައިޝާގެ ހިތް ކުއްލިއަކަށް ތެޅިގަނެގެން ދިޔައެވެ.ހިނިތުންވެލައިގެން ހުރި ނަައިޝާގެ މޫނުމަތިން ހިނިތުންވުން ކެނޑި، ކައިރީގައި ހުރި ސަނާއަށް ބަލައިލެވުނީ ބޭއިޚްތިޔާރުގައެވެ.
ހާސްވާންފެށި ނައިޝާގެ ފުށުން ޖަވާބަކަށް އިންތިޒާރުކޮށްލައިގެން، ހިނިތުންވެލައިގެން ސަނާއާއި ވަޒިފާއަށް ހޮވުނު އަންހެންމީހާ ހުއްޓެވެ.ހިންދިރުވާލުމަށްފަހު ނައިޝާ އޭނާގެ ނަން ބުނަން އަނގަ ހުޅުވާލީ ހަދާނެ އިތުރުގޮތެއް ނެތުމުންނެވެ.
ނަމަވެސް ވަގުތު ދުރުން އައި ފާއިޒް ނައިޝާއަށް “އޭ” ކިޔާފައި ގޮވާލިއެވެ. “ހިނގާދާން ނުނިމި ހުރި ފޯމުތައް ނިންމާ އެކޮޅަށް ފޮނުވަން…ވަރަށް އަވަހަށް އެބަ ބޭނުންވޭ އެފޯމުތައް” ފާއިޒް އެހެންބުނުމުން އަވަހަށް ފާއިޒާ ދިމާއަށް ނައިޝާ ހިނގައިގަތީ، އަންހެންމީހާއަށް އޭނާގެ ނަން ބުނުމެއް ނެތިއެވެ.ފާއިޒާ އަރާ ހަމަވުމަށްފަހު ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލުމަށްފަހު، ފާއިޒާ އެކު ދާން ނައިޝާ ހިނގައިގަތެވެ.
**********
ހެނދުނު ހައެއް ޖެހުމުން ތެދުވެ ކަސްރަތުކުރަން ދާން ނައިޝާ ތައްޔާރުވެލިއެވެ.ބަނދަަރުމަތީގައި ދުވެލުމަށްފަހު ރޫމަށް އެނބުރި ނައިޝާ ވަނީ މުޅިމީހާ ދަލުން ފޯވެހުރެގެންނެވެ.
ކޮޓަރިތެރޭގައި އިން އޮޓޯ މެޝިނަށް އެއްޗެހިތައް ދޮންނަން ލުމަށްފަހު، ފާހަނައަށް ފެންވަރާލަން ނައިޝާވަނެވެ.ފާހަނައިން ނިކުމެ ދޮވުނުއެއްޗިއްސާއި ނައިޝާ ދުވަން އެރި ބޫޓާއި އިސްޓާކީނުވެސް ބެލްކަންޏަށް އަތްވަށްލާން ނެރުނެވެ.
ބެލްކަނީގައި އެއްޗެހި ހިއްކަން އެޅުވޭގޮތަށް ދަމާފައިވާ ރޯނުގައި އަންނައުނުތައް އަޅުވާލުމަށްފަހު، ބެލްކަނީގައި އިން ގޮނޑީގައި ވާޅުފިލުވާލަން ނައިޝާ އިށީނެވެ.
ސައިފްގެ ރަށަށް ނައިޝާ އައިތާ މިއަދަށް ފަސްދުވަސްވެ ހުޅުމާލެ ދާން ދެދުވަހަށްވީއެވެ.ނަމަވެސް އަދިވެސް އައްކިޔުންގެ ޚަބަރެއް ނައިޝާއަކަށް ނުވެއެވެ.އެކި ޚިޔާލުގައި ހުރެ ގޮނޑިން ތެދުވެ ބެލްކަނިން ބޭރު ނައިޝާ ބަލައިލިއެވެ.ހެނދުނުގެ މިވަގުތުގައިވެސް މީހުންތައް ބަނދަރުމަތީގައި އުޅެމުންދާ މަންޒަރު ނައިޝާއަށް ފެނުނެވެ.
އެމީހުންގެ ތެރެއިން މިއަދުވެސް ހަނީފާއްތަ ފެނޭތޯ ނައިޝާ ހޯދާލިއެވެ. ނަމަވެސް ހަނީފާއްތަ އެތާކު ފެންނާކަށް ނެތެވެ.
މޫދަށް ނަަޒަރު ހުއްޓާލައިގެން ހުރި ނައިޝާގެ ސިކުނޑިއަށް އެކި ޚީޔާލުތައް ވަންނަން ފެށިއެވެ. އިއްޔެ ސަނާއަށް ނައިޝާގެ ނަން ހާމަ ނުވީ ކިރިޔާއެވެ. އަނެއްކޮޅުން އިއްޔެ ފާއިޒް ސަނާމެން ކުރިމަތީގައި ނައިޝާގެ ނަމުން ނުގޮވިކަން އެއީ ނަސީބެވެ. މިކަހަކަ އެކި ޚިޔާލުތަކެއް ނައިޝާ ކުރަމުން ދިޔައެވެ.
ޚިޔާލުކުރަން ހުރި ނައިޝާ ފުން ނޭވާއެއް ދޫކޮށްލީ ހުރިހާ ފަހަރަކު ނަސީބު އޭނާއަށް ހީނުލާނެކަން އެނގޭ ހާލުގައެވެ. އަދި ވަރަށް އަވަހަށް ސަނާއަށް ނައިޝާ އެނގިދާނެކަންވެސް އެނގޭތީއާ އެކު އިތުރަށް ފަސްނުޖެހެން ނައިޝާ ނިންމިއެވެ. ކޮންމެ ގޮތެއް ވިޔަސް، ސައިފާ ކުރިމަތިލާން ޖެހުނަސް، މިއަދު ހަނީފާއްތަ ދެކެން ރަށުތެރެއަށް އަރަން ނައިޝާ ބޭނުންވެއެވެ.
ކޮންމެ ދުވަހަކު ހަނީފާއްތަ ފެނޭތޯ ބެލްކަނިން ބެލުމުގެ ބަދަލުގައި މިއަދު ޚުދު އޭނަ ހަނީފާއްތައާ ބައްދަލުކުރަން ނިންމީ، އެހާ ރަނގަޅު މީހަކާ އެއް ފަސްގަނޑެއްގައި ހުރެ، ބައްދަލުނުވެ ފުރަން ބޭނުންނުވާތީއެވެ.
**********
ވަޒީފާއަށް ހޮވުނު ކުދިންތަކުގެ ތެރެއިން ހެނދުނުގެ ޝިފްޓަށް ކުރިމަތިލި ކުދިން ހެނދުނު ނުވައެއް ޖެހިއިރު ފިހާރައަށް އައިސް ތިއްބެވެ. ފަހަރަކު މީހެއްގެ އަތަށް ފިހާރައިގައި އުޅޭއިރު ލާން ،ފިހާރައިގެ ނަން ޖަހާ ފަރުމާ ކޮށްފައިވާ ޖެކެޓްތައް ދެމުން ނައިޝާ ދިޔައެވެ.އެންމެންވެސް ޖެކެޓް ލުމަށްފަހު ނައިޝާގެ ފަހަތުން ދިޔައެވެ. ފިހާރައިގެ ކައުންޓަރު ބަޔަށް ދެމީހަކު ނައިޝާ ލިއެވެ.
“ކައުންޓަރުގަ މިއަދު މިދެކުދިން އިނިއްޔާ މާދަން އިންނާނީ އެހެން ދެކުދިން…އެގޮތަށް ކޮންމެ ދުވަހަކުވެސް ކައުންޓަރުބަޔާ ހަރުތައް ކައިރީގަ ތިބޭކުދިން ޖެހޭނެ ބަދަލުވެލަން” ނައިޝާ ކިޔައިދެމުން ދިޔައެވެ.
ދެބުރިޔަށް ހަދައިފައިވާ ސުޕާ މާކެޓެއް ފަދަ އެބޮޑު ފިހާރައިގެ ތިރީ ފުލޯގެ ހަރުތަކުގައި ތިން މީހުން ތިބޭއިރު، ފުރަތަމަ ފަންގިފިލާގެ ހަރުތަކުގައިވެސް ތިބެނީ ތިން މީހުންނެވެ. އެންމެނަށް ކުރުކޮށް އަދިއެއްފަހަރު ގަވާއިދުތަކާ އެއްޗެހި ކިޔާލަ ދިނުމަށްފަހު، ފިހާރައިން ނިކުންނަން ނައިޝާ ދިޔައެވެ. އެވަގުތު ތިރީ ފުލޯގެ ހަރުތައް ކައިރީގައި ހުރި ސަނާ ނައިޝާއަށް ހިނިތުންވެލީ ޝުކުރުވެރި ގޮތަކަށެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.





