ލިލިއަން ކިޔައިދިން ވާހަކަ ތަކާއެކު ހާލަތު އޮތް ނާޒުކު ފައްތަރު ދިޔާން އަށް ދެނެގަނެވުނެވެ. ލިލިއަން ގަންނާނެ ބިރާއި ގޮތް ހުސްވާނެ މިންވަރު އިޙްސާސް ކޮށްލެވުމުން މޭތެރޭ ދިލަ ރިހުމެއް އުފެދިގެން ދިޔައެވެ. ލިލިއަން ގެނެސް އޭނާގެ އަތުގެތެރޭގައި ބޮނޑިކޮށްލަމުން ހިތްވަރުދޭން މަސައްކަތް ކުރިއިރު ދިޔާންގެ ސިކުނޑި ވިސްނަމުން ދިޔައީ އެ ޢަމަލު ހިންގި ފަރާތަކާމެދުއެވެ.

ހަމައެވަޤުތު ހޮސްޕިޓަލުގެ ތެރެއަށް ވަދެގެން އައި ޕޮލިސް އޮފިސަރުން ލިލިއަން މެން ކައިރިއަށް އައިސް ހުއްޓުނެވެ. ލިލިއަންގެ ބަޔާން ނަގަން ބޭނުންވާ ކަމުގައި ޕޮލިހުން ހާމަކުރިއެވެ. ދިޔާން ލިލިއަން އަށް ބަލައިލަމުން ހިތްވަރު ދިނުމުގެ ގޮތުން ކޮނޑުގައި ހިފާލިއެވެ.

**************

އެމަރޖެންސީ ރޫމުގެ ކައިރީ ހުރި ގޮނޑިބަރީގައި އެންމެން އިށީނެވެ. ޕޮލިހުން ކުރި ސުވާލުތަކަށް ފުރިހަމައަށް ޖަވާބު ދެވޭތޯ ކަށިން ހިތްވަރު ނެރިގެން ލިލިއަން މަސައްކަތް ކުރިއެވެ. އޭނާގެ މަންމައަށް އެހެން ހެދި ފަރާތެއް ވީ އެންމެ އަވަހަކަށް އިންސާފުގެ ކުރިމައްޗަށް ގެންނަން ލިލިއަން ބޭނުންވިއެވެ. އެމީހަކު މިހާރުވެސް މިނިވަންކަމާއެކު އުޅެމުންދާނެކަން ސިފަވުމުން ލިލިއަންގެ ހިތުގައި ނަފްރަތު އުފެދިގެން ދިޔައެވެ.

އެފަދަ ކަމެއް ކޮށްފާނެ ކަމަށް ޝައްކު ކުރެވޭ ފަރާތެއް އެބަހުރިތޯ ޕޮލިހުން ސުވާލު ކުރުމުން ލިލިއަން އަށް ވިސްނާލެވުނެވެ. އޭނާގެ ގެއަކީ އެތަކެއް ފިރިހެނުންނެއް ކޮންމެ ދުވަހަކުވެސް ވަދެ ނިކުމެ އުޅޭ ތަނެކެވެ. ޝައްކު ކޮށްފަ ނުކުރަންވީ ކާކުކަމެއް ލިލިއަން އަކަށް ނޭނގުނެވެ. އެއިން އެކަކަށްވެސް ލިލިއަން އިތުބާރެއް ނުކުރެއެވެ.

މަންމަގެ ފަރާތުން ފަހަކަށް އައިސް ތަފާތު ކަމެއް ފާހަގަ ކުރެވުނުތޯ ސުވާލު ކުރުމުން ލިލިއަންގެ ވިސްނާލުމާއެކު ކުޑައިރުކޮޅަކަށް ހުއްޓުން އެރިއެވެ.

ހައިފާ އޭނާގެ ކައިރީ މީގެ ދުވަސްކޮޅެއް ކުރިން ބުނި ވާހަކަ ހަނދާނަށް އައީ ދެނެވެ. ރޭގަނޑު ގެއަށް އައިސް ކޮޓަރިން ނުނިކުތުމަށް އޭނާގެ މަންމަ އެދުނު ސަބަބެއް ލިލިއަން އަކަށް ނުވިސްނުނެވެ. އެވަޤުތު އެކަމަށް މާ ބޮޑު ސަމާލުކަމެއް ނުދެވުނަސް މިހާރު އެކަމުގެ ސަބަބުން ހިތުގައި އެތަކެއް ޝައްކެއް އުފެދިއްޖެއެވެ. މަންމަ އެފަދަ ކަމަކަށް އެދުމުގެ ފަހަތުގައި ބޮޑު ސަބަބެއް އޮންނާނެކަމުގައި ލިލިއަން އަށް ޔަޤީން ކުރެވުނެވެ.

ކުއްލިއަކަށް އެމަރޖެންސީ ރޫމުގެ ދޮރު ދެފަރާތައް ކެހިގެން ދިޔަ އަޑަށް އެންމެންގެ ނަޒަރު އެދިމާއަށް އަމާޒުވިއެވެ.  ދޮރުން ނިކުން ޑޮކްޓަރު ފެނުމުން ލިލިއަންގެ ހިތް ނޭނގޭ ބާރުމިނެއްގައި ތެޅެމުން ދިޔައެވެ. އޭނާގެ މަންމަގެ ހާލު އެނގެން ބޭނުންވި ނަމަވެސް ނޭނގޭ ސަބަބަކާހުރެ އެ ސުވާލު ކުރަން ފަސްޖެހެވުނެވެ.

ލިލިއަން އަށް ބުނާނެ އެއްޗެއް ނޭނގިފައި ހުއްޓާ ފުރަތަމަ ސުވާލު ކުރީ ދިޔާން އެވެ. ޕޭޝަންޓް ކިހިނެއްތޯ ސުވާލު ކުރުމުން ޑޮކްޓަރު ފުންނޭވާއެއް ދޫކޮށްލިއެވެ. 

” ހޮސްޕިޓަލަށް ގެނެވުނު އިރުވެސް މާ ބޮޑަށް ލަސްވެފަ ވަނީ… އަޅުގަނޑުމެން ވަރަށް މަސައްކަތް ކުރިން.. އެކަމަކު… ޕޭޝަންޓްގެ ފުރާނަ ސަލާމަތެއް ނުކުރެވުން…” ޑޮކްޓަރުގެ ވާހަކަތައް ލިލިއަން އަށް އިވުނީ ހޮނު ގުގުރިއެއްގެ ސިފައިގައެވެ. ކަންފަތުގައި އެކޯވަމުން ދިޔަ ބަސްތަކާއެކު ލިލިއަން އަށް ދެފަރާތަށް ބޯ ހޫރުވާލެވުނެވެ. މިހުރިހާ ކަމަކީ ހުވަފެނަކަށްވާން އޭނާ ބޭނުންވިއެވެ. ޖެހިފައިވާ މުސީބާތުން ދުވެފިލަން ބޭނުންވިއެވެ. ސިކުނޑިއާއި ހިތަށް ލިބިފައިވާ ޝޮކު ލިލިއަން އަކަށް ބަރުދާސްތެއް ނުކުރެވުނެވެ. މޫނުމައްޗަށް އަނދިރިވެގެންދިޔަ ވަޤުތު ވެއްޓެން ދިޔަ ލިލިއަންގެ ގައިގާ ދިޔާން އަށް ހާސްވެ ހުރެ ހިފަހައްޓާލެވުނެވެ.

ލިލިއަން އަށް ވީގޮތް ފެނުނު ދިޔާންގެ ހިތް ކުޑަ ހިނދުކޮޅަކަށް ހުއްޓުނު ފަދައެވެ. 

” ލި..ލީ… ލި..ލިއަން..” ދިޔާން އޭނާގެ ތުރުތުރުލަމުން ދިޔަ އަތުން ލިލިއަންގެ ކޯތާފަތުގައި ހިފަހައްޓާލިއެވެ. ބޯހާސްވަމުން ދިޔަ ދިޔާން ލިލިއަން އަތްދަނޑި މައްޗަށް އުފުލައިލައިގެން ގެންގޮސް ވޯޑުގައި ހުރި ހުސް އެނދެއްގައި ބޭއްވިއެވެ. އެވަޤުތު ޑޮކްޓަރަކު އައިސް ލިލިއަން ޗެކް ކުރުމަށްފަހު ހާސްވާން ޖެހޭ ކަމެއް ނެތްކަމުގައި ހާމަ ކުރިއެވެ.

” ލިބުނު ޝޮކެއްގެ ސަބަބުން ވީ ކަމެއްގެ ގޮތުގައި ލަފާކުރެވެނީ. ހޭ އަރަންދެން އަޅުގަނޑުމެން ޕޭޝަންޓްގެ ހާލު މޮނިޓަރ ކުރަމުން ދާނަން..” ޑޮކްޓަރުގެ ވާހަކަތަކަށް ބޯ ޖަހާލަމުން ދިޔާން ޝުކުރު އަދާކުރިއެވެ. އެނދު ކައިރީގައި ހުރި ގޮނޑީގައި ދިޔާން އިށީނުމަށްފަހު ލިލިއަންގެ ދެއަތްތިލައިގާ މަޑު މަޑުން ހިފަހައްޓާލަމުން ގެނެސް ތުންފަތުގައި ޖައްސާލިއެވެ.

” ހައު ކޭން އައި ލީވް ޔޫ ލައިކް ދިސް..” ދިޔާންގެ އަޑުގައި ވަނީ މޮޅިވެރިކަމެވެ. އޭނާގެ އަމިއްލަ ނަފްސާވެސް ދިޔާން ބޮޑު ހަނގުރާމައެއްގައި ވީފަދައެވެ. އޭނާ ފުރަން އެންމެ ދުވަހަކަށްވެފައި ވަނިކޮށް މިވީ ކިހިނެއްހެއްޔެވެ؟ ލިލިއަންއަށް ލިބިފައިވާ ޝޮކުން އަރައިގަންނަން ނުހަނު ގިނަ ވަޤުތު ބޭނުންވާނެއެވެ. އޭނާގެ މަންމައަށް ދިން ހަމަލާގެ ފަހަތުގައިވީ ކޮންބައެއްކަމެއްވެސް އަދި އެމީހެއްގެ މަޤްސަދަކީ ކޮބައިކަމެއްވެސް ދިޔާން އަކަށް ނޭނގެއެވެ. އެއާއެކު ލިލިއަންގެ ރައްކާތެރިކަމާމެދުވެސް ދިޔާން ކަންބޮޑުވާން ފެށިއެވެ.  ލިލިއަންގެ މަންމައަށް އެހެން ހެދި ބަޔަކު  ލިލިއަންގެ ފަހަތުންވެސް ނާންނާނެކަމެއް އިނގެނީ ކިހިނެއްހެއްޔެވެ؟ ލިލިއަން އަށް ކަމެއް ވެދާނެކަމުގެ ޚިޔާލާއެކުވެސް ދިޔާންގެ ސިކުނޑި ސުމަކަށް ދިޔައެެވެ. ލިލިއަންގެ ދެއަތްތިލަ އޭނާގެ ދެއަތުގެ ތެރޭ ފޮރުވާލައިގެން އިނީ އެއަތުން ދުވަހަކުވެސް ދޫކޮށްލަން ބޭނުންނުވެފައެވެ.

*******

ހައިފާގެ މަރާއެކު ޕޮލިހުންނަށް ކުށްވެރިޔާ ހޯދުމަށް އޮތް މަގު އަނދިރިވެގެން ދިޔައެވެ. ނަމަވެސް މައްސަލައަށް ކިރިޔާވެސް ބާރެއް ލިބިދާނެކަމަށް އެމީހުން ހައިފާގެ ހަށިގަނޑު ބަލާ ފާސްކުރިއެވެ. ޑޮކްޓަރުންނާ ވާހަކަ ދައްކާ ހައިފާއަށް ދީފައިވާ ހަމަލާއާ ބެހޭ މަޢުލޫމާތު އެއްކުރިއެވެ. އަދި ލިލިއަންމެން ދިރިއުޅޭގެ ޗެކް ކުރަމުން ޕޮލިހުން ދިޔައީ ހަމަލާދޭން ބޭނުންކުރި ހަތިޔާރެއްފަދަ އެއްޗެއް ފެނޭތޯ އަތްފުނާ އަޅަމުންނެވެ. ފޮރެންސިކް ޓީމުން ކްރައިމް ސީނުގެ ފޮޓޯ ނަގާ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަނެވޭތޯ ހޭބޯނާރާ މަސައްކަތް ކުރަމުން ދިޔައެވެ.   

ދިޔާން ސަދޫފަށް ގުޅާލީ ކަންތައް ކަންތައް ގޮސްފައި އޮތް ހިސާބު އޭނާއަށާއި މާޔާއަށް އެނގިފައި އޮތުން މުހިންމު ކަމުގައި ދެކިގެންނެވެ. ލިލިއަންއާ އެންމެ ގާތްކޮށް އުޅޭ ދެމީހުންނަކީ އެއީ ކަމުގައިވާތީއެވެ. 

ދިޔާންސަދޫފް އާ ގުޅާލަމުން ވީގޮތް ކުރުކޮށް ކިޔައިދިނުމުން އޭނާއަށްވެސް ލިބުނީ ޝޮކެކެވެ. ހޮސްޕިޓަލަށް ވަރަށް އަވަހަށް އެބަ ދަންކަމުގައި ބުނަމުން ސަދޫފް ފޯނު ބޭއްވިއެވެ.  ހާސްކަމެއްގައި ހުރެގެން ގެއިން ނިކުމެ ސައިކަލަށް އަރާ ސްޓާޓް ކޮށްލުމާއެކު ޖީބުގައި އޮތް އޭނާގެ ފޯނު ރިންގްވާން ފެށިއެވެ.  ސަދޫފް އަށް އެވަޤުތު ގުޅީ މާޔާއެވެ. އޭނާ މީގެ ކުޑައިރުކޮޅެއް ކުރިން މާޔާއަށް ގުޅާފައި ހޮސްޕިޓަލަށް ދާން ތައްޔާރުވުމަށް ބުނުމުން މާޔާ ހުރީ ވާނުވާގައެވެ.

” ލިން ހޭ އެރީތަ..؟” ހޮސްޕިޓަލަށް ވަދެގެން އައި ސަދޫފް ދިޔާން ފެނުމުން ސުވާލު ކޮށްލިއެވެ.

“ލިން؟؟. ލިން އަށް ކިހިނެއްވީ..؟” އަހަންނަށް މިވެގެން އުޅޭގޮތެއް ކިޔައިދީފާނަންތަ..؟” މާޔާ އަދިވެސް އިނީ ވާނުވާއެއްގެ ތެރޭގައެވެ.  ލިލިއަން ހޭނެތުނުގޮތުގެ މާބޮޑު ތަފްސީލެއްވެސް މާޔާއަކަށް ނޭނގެއެވެ. ސަދޫފް ވީގޮތް ފަހުން ކިޔައިދޭނަން ކަމަށް ބުނަމުން އޭނާ ގޮވައިގެން ހޮސްޕިޓަލަށް އައީ އަވަސް އަރުވާލައިގެންނެވެ.

” ލިން މަންމަ…” ސަދޫފް އަށް އިތުރަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ވީކަންތައް އޭނާއަށްވެސް ހަޖަމް ކުރަން ދަތިވެފައިވާއިރު މާޔާކައިރީ އެވާހަކަ ބުނާނީ ކިހިނެއްހެއްޔެވެ؟

 “ހައިފައްތަ ކިހިނެއްވީތަ..؟” މާޔާގެ އަޑުގައިވީ ކެތްތެރިކަން ކުޑަކަން ސަދޫފް އަށް އިޙްސާސްކޮށްލެވުނެވެ.

” ޝީޒް ނޯ މޯރ..” ސަދޫފް ދެލޯ މަރާލަމުން ބުނެލިއެވެ.

މާޔާ ހުރީ ބުދެއްހެން ހަރަކާތް ކޮށްލަން ހަނދާން ނެތިފައެވެ. އޭނާގެ ކަންފަތަށް އިވުނުގޮތް ޤަބޫލުކުރަން އޭނާ ނުކުޅެދުނެވެ. 

“ނޫން..” މާޔާ ލުއި އާހަކާއެކު ބުނެލީ ވައި އަޑުންނެވެ. ކައިރީގައި ހުރި އެނދުގައި ބާއްވާފައި އޮތް ލިލިއަންގެ މެރިފައިވާ ދެލޮލަށް މާޔާ ބަލައިލިއެވެ. ލިލިއަންގެ ދިރިއުޅުމަށް ކުރިމަތިވަމުން މިިދަނީ ކޮންފަދަ އިމްތިޙާނު ތަކެއް ހެއްޔެވެ؟ ކުރިމަތިވަމުން އަންނަ އަޑިގުޑަންތަކަށް ނިމުމެއް ނެތީ ކީއްވެހެއްޔެވެ؟

މާޔާ ލިލިއަންގެ ކައިރީ އިށީނުމުން ސަދޫފް އެއްކައިރިއަކަށް ޖެހިލަމުން ދިޔާން އާ އިތުރު ސުވާލުތައް ކުރިއެވެ. ކަންހިނގިގޮތް އެނގުމުން ސަަދޫފްގެ ނިތަށް ރޫތައް ޖަމާވެގެން ދިޔައެވެ. ހައިފާގެ މަރުގެ އަސްލުގެ ފަހަތުގައުވަނީ އެފަދަ ރަޙުމް ކުޑަ ޢަމަލެއްކަމެއް އޭނާއަކަށް ނޭނގެއެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ކަންކަން ބަދަލުވެގެން ދިޔަ ގޮތުގެ މައްޗަށް ސަދޫފް އަށް ވިސްނާލެވުނެވެ. ދަތުރުގައި އެތަކެއް މަޖާ ތަކެއް ކޮށްފައި ރަށަށް އައީ މިދަފަ ކަމަކަށް ކުޑަކޮށްވެސް އުންމީދުކޮށްގެނެއް ނޫނެވެ. ސިކުންތެއްގެ ތެރޭގައި  ކޮޅިގަނޑު އައިސް ބޯމަތިވީ އެއްވެސް އިންޒާރެއް ނެތިއެވެ.

 ދިޔާން އާއި ސަދޫފް އެނބުރި އައިސް ލިލިއަން ބާއްވާފައި އޮތް އެނދުކައިރީ ހުއްޓުނެވެ.

“ދިޔާން.. މިތާ މަޑު ކޮށްލަދެވިދާނެތަ.. އަހަރެން ބޭނުން ސަދޫފް އާ ވާހަކައެއް ދައްކާލަން..” ލިލިއަން އަށް ނަޒަރު ހުއްޓާލައިގެން ހުރި ދިޔާން އަށް ބަލާލަމުން މާޔާ އެދުނެވެ. ދިޔާން މަޑު މަޑުން ބޯ ޖަހާލުމާއެކު މާޔާ ސަދޫފްގެ އަތުގައި ހިފައިގެން ބޭރަށް ނިކުންނަން ހިނގައިގަތެވެ.

މާޔާ ސަދޫފް ކުރެން އެދުނީ ކަން ހިނގިގޮތް ތަފްސީލުކޮށް ކިޔައިދިނުމަށެވެ. އޭނާގެ ސިކުނޑީގައި ވަނީ އެތަކެއް ސުވާލުތަކެއް ފުނިޖެހިފައެވެ. ސަދޫފް ފަރުވާތެރި ކަމާއެކު މާޔާއަށް ވީގޮތް އޭނާއަށް އެނގުނު މިންވަރަށް ކިޔައިދިނެވެ. ހައިފާއަށް ވީގޮތް އެނގުމާއެކު މާޔާއަަށް އޭނާގެ އަނގަ މަތީގައި އަތް އަޅާލެވުނެވެ. އޭނާ ހީކުރީ ހައިފާ ނިޔާވީ އާދައިގެ މަރަކުން ކަމަށެވެ. އެހެނަސް މީހަކު ނުވަތަ ބަޔަކު ހައިފާ ރަހުމުކުޑަކޮށް މަރާލީކަން އެނގުމާއެކު މާޔާއަށް ރޮވެން ފެށުނެވެ.

” ލިން ހޭލާވަޤުތު ވަރަށް ބޮޑު ޝޮކެއްގަ ހުންނާނީ.. އަހަންނަށް ހީވަނީ ލިން އަށް ކަންނޭނގެ އެމަންޒަރު ފުރަތަމަ ފެނުނީ.. ސޯ ޔޫ ހޭވް ޓު ބީ ސްޓްރޯންގް ފޯ ހަރ..” ސަދޫފް މާޔާގެ ދެކޮނޑުގައި ހިފަހައްޓާލަމުން ބުނެލިއެވެ. ސަދޫފް ބުނި ވާހަކައަށް އެއްބަސްވުމުގެ ގޮތުން މާޔާ ބޯ ޖަހާލަމުން އޭނާގެ ކަރުނަތައް ފޮހެލިއެވެ.

” ކޮ.. ކޮން އިރަކުން ކަށުކަމާކެމީގެ ކަންތައް ހަމަޖެހެނީ..؟” މާޔާ ސަދޫފް ކުރެން ސުވާލު ކުރިއެވެ.

” އަދި ނޭނގެ ބުނާކަށް..  މިވަޤުތު ހަށިގަނޑު އޮތީ ޕޮލިހުންގެ ބެލުމުގެ ދަށުގަ.. ” ސަދޫފް ފުންނޭވާއެއް ދޫކޮށްލަމުން ހާމަކުރިއެވެ. 

********

 އަތަށްބާރުވެގެން ދިޔަ ކަމުގެ އިޙްސާސާއެކު އިސްޖަހައިގެން އިން ދިޔާން ބޯ ހިއްލައިލިއެވެ. ލިލިއަން އުނދަގޫ ގޮތަކަށް ލޯ ހުޅުވަން މަސައްކަތް ކުރާތަން ފެނުމުން ދިޔާންގެ ސަމާލުކަން އެކަމަށް ދެވުނެވެ. މަޑު މަޑުން ލިލިއަންގެ ކޯތާފަތުގައި ހިފަހައްޓާލަމުން އޭނާގެ ނަމުން ގޮވާލިއެވެ. އެސްފިޔަތައް ތަޅުވާލަމުން މަޑު މަޑުން ދެލޯ ހުޅުވާލި ލިލިއަން އަށް ވަށައިގެން ނަޒަރު ހިންގާލެވުނެވެ.

ލޮލަަށް ވެރިވި އަލި ކަމާއެކު އުނދަގޫ ގޮތަކަށް ދެލޯ ކުޑަކޮށްލަމުން ލިލިއަން ބޮލުގައި ހިފަހައްޓާލިއެވެ. އިސާހިތަކު އޭނާގެ މަންމަގެ ލެޔާއި ތަތްތެޅިފައިވާ ތަސްވީރު ލޮލު ކުރިމަތިން ސިފަވެގެން ދިޔައެވެ. ދެލޯ ބޮޑުކޮށްލަމުން ލިލިއަން އަށް ހަޅޭއްލަވައިގަނެވުނީ ބިރެއް ފެނުނު މީހެއް ފަދައިންނެވެ.

” ލިލީ.. އިޓްސް އޯކޭ.. ” ދިޔާން ލިލިއަން ހިފަހައްޓާލަމުން ބުރަކަށީގައި މަޑު މަޑުން ފިރުމަމުން ދިޔައެވެ. ހުރިހާ ކަމެއްވެސް ރަނގަޅުވާނެ ކަމަށް ދިޔާން އެތައް ފަހަރަކު ބުނަމުން ދިޔައެވެ. ދިޔާންގެ އަތުތެރޭގައި ބޮނޑިވެގެން އިން ލިލިއަންގެ ނޭވާލުން ކޮންމެވެސް ވަރަކަށް ހަމަޔަކަށް އެޅެމުން ދިޔަ ނަމަވެސް މުޅި ހަށިގަނޑު ތުރުތުރު ލަމުން ދިޔައެވެ.

” މަންމަ..” ލިލިއަންގެ އަރުބެދިގެން ދިޔައެވެ. އޭނާގެ ސިކުނޑީގައި ބޮޑު ހައިޖާނެއް އުފެދިފައިވާ ފަދައެވެ. ޑޮކްޓަރުގެ ފަރާތުން އިވިނު ބަސްތަކާއެކު އޭނާގެ ހަށިގަނޑުން އެއްބައި މަދުވެއްޖެ ކަމުގެ އިޙްސާސްކުރެވިގެން ދިޔައެވެ. އަދިވެސް އޭނާގެ މަންމަ މިދުނިޔެ ދޫކޮށް ދިޔަކަން ޤަބޫލުކުރަން ލިލިއަން އަށް ނުކުޅެދުނެވެ.

-ނުނިމޭ-

0

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!