“އައިލީން އަހަރެމެން މިކުރާ ކަންތަކުގައި ބައިވެރިވާން ބޭނުން ނުވާ ކަމަށް ވާނަމަ ކިޔަވަން މާލެ ދާން ވީ ނުން….. ”

ކޮޓަރީގެ ދޮރު ހުޅުވާފައި އެތެރެއަށް ވަދެގެން އައި ހާޝިމް ހިނިތުން ވުމާއި އެކު ވާހަކަ ދެއްކުމުން އައިލީން އަނގަޔަށް ގޮތެއް ހަދާލި އެވެ. ވާނީ ވެސް އެހެން ނޫން ހެއްޔެވެ؟ ލަދެއް ބިރެއް ނެތި އޭނާގެ ހަފާ ކަމުން މިއޮތް ހުރިހާ ދުވަހު އުޅެމުން އައި އިރު މި ހަތަރު ފާރު އެތެރޭގައި އޭނަ އާއި އަނގައިން ބުނެލާނެ މަޚްލޫޤެއް ނުވެއެވެ. ކިތަންމެ ކަންބޮޑުވި ނަމަވެސް އައިލީން ބޭނުން ވީ މާލެ ދިއުމަށެވެ. މިއީ ފާފަވެރި ދިރިއުޅުން މިންޖު ވުމަށް ޓަކައި އެވެ. ފަން އިސްތަށިގަނޑެއް ލިބިފައި ވީ ނަމަވެސް އައިލީން ގެ އިސްތަށިގަނޑު އޮތީ ކޮނޑާއި ހަމައަށް ކޮށާ ލާފައި އެވެ. އެހެން ނަމަވެސް އައިލީން ފާޙާނާއާއި ދިމާއަށް ހިނގައި ގަތީ ހާޝިމް ގެ އެ ވަޙްޝީ ނަޒަރުން ސަލާމަތް ވުމަށް ޓަކައި އެވެ. ހާޝިމް ކޮޓަރިން ނުނިކުންނާނެ ކަން އެނގުމުން އައިލީން އޭނާ މާލެ ދާނެ ކަމަށް ބުނެފައި މާލެ ގޮސް ކަންތައް ކުރާނެ ގޮތް ބޮލުގައި ރާވާލީ އަންނަން އުޅޭ ކޮޅިގަނޑުގެ ހިލަމެއް ވެސް ނުވާ ޙާލު ގައެވެ.

_______________________

ޝައްފާން ގޭތެރެއަށް ވަދެގެން ދިޔައީ ޝަހާދަތް އިނގިލީގައި ތަޅުދަނޑި އަޅުވައިލާގެން ހުރެ އަނބުރަމުން ނެވެ. ސިޓިންރޫމް ގެ ދެކުނު ކަނުގައި އިންނަ ސިޑިން އަރައިގެން އޭނާގެ ކޮޓަރި އާއި ދިމާއަށް މިސްރާބު ޖެހި ވަގުތު ޝައްފާން ގެ ލޮލުގައި އަޅައިގަތީ ހުހަށް ހުންނަ ކޮޓަރި ސާފު ކުރުމުގައި އަވަދިނެތި އުޅެމުން ދިޔަ ސަމާ އެވެ. ޝައްފާން ހަނދާން ހުންނަން ފެށީސުރެ އޭނާގެ މަންމަ އެއް ނުހުރެއެވެ. މަންމަ ކޮބާތޯ ސުވާލު ކުރި ނަމަވެސް ބައްޕަގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބެއެވެ. ކައްކާ ކާންދީ ގޭތެރޭގައި ކުރަން ޖެހޭ ހުރިހާ ކަމެއް ކޮށް ހަދަނީ ސަމާ އެވެ. “ދައްތާ! ކިހިނެއް ވެގެން މިހާރު މިތަން ސާފު ތިކުރަނީ؟” މިހައި ދުވަސް ވެފައި ވާ އިރު ވެސް ބައްޕަ ބުނެފައި އޮންނަނީ ބޭނުން ނުކުރާ ކޮޓަރިތަށް ސާފު ނުކުރުމަށެވެ. “ނޭނގެ ކިހިނެށް ވެގެން ކަމެއް؟ ބައްޕަ މިއަދު އައިސް އެދުނީ މި ކޮޓަރި ސާފު ކޮށްލާ ދިނުމަށް އެހެންވެ މިއުޅެނީ….. ޝައްފާން ކާން ދާން ވީ ނުން؟” އަބަދެކޭ އެއްގޮތަށް ސަމާ އެދުނީ ޝައްފާން ގާތުގައި ކާން ދިއުމަށެވެ. “އަދި މާ އަވަސް…..ތަންކޮޅެއް ފަސްކޮށްލާފައި ކާނީ….ގެނޭ މަތި ފޮހާލައި ދޭނަން” ޝައްފާން ކިތަންމެ ބަނޑުހައި ވެފައި ހުރި ނަމަވެސް އޭނާ ބޭނުންވީ ސަމާ އަށް އެހީތެރިކަމެއް ފޯރުކޮށްދެވޭތޯ އެވެ.

________________

މަންމަ އާއި ބައްޕަ ހިތުގައި ޖެހި ދެރަވާ ފަދަ ގޮތަކަށް އުޅެން ބޭނުން ނުވި ނަމަވެސް އަރްޔަން އަށް އެގޮތަށް އަމަލު ބެހެއްޓެނީ ހިތަށް ހިތްހަމަޖެހުން ލިބި ހިތާމަތައް މަތިން ކުޑަ ހިނދުކޮޅަކަށް ނަމަވެސް ހަނދާން ނެތިގެން ދާތީ އެވެ. ކޮޓަރީގައި ހުރި ކިންގް ސައިޒުގެ އެނދުގައި އޮތް އިރު އަރްޔަން ގެ ނަޒަރު ހުއްޓާލައިގެން އޮތީ އެނބުރެމުން ދިޔަ ފަންކާ އަށެވެ. ކުޑަ އިރުކޮޅެއް ފަހުން އަރްޔަން ނޭވާއަށް އުނދަގޫވެ މުޅި ގައި ހިރުވަން ފެށި އެވެ. ބައެއް ފަހަރު މޫނުމައްޗަށް އަނދިރި ވާހެން ވެސް ހީވެއެވެ. ނަމަވެސް އަރްޔަން ހުރީ ކެތްތެރިކަން އިސްކުރަން ނިންމާގެން ކަހަލަ އެވެ. އެ ހާލުގައި ވެސް އޭނާ އެތަނުން ތެދުވެ އެހީ ހޯދުމުގެ ވިސްނުމެއް ނެތް ކަހަލަ އެވެ. ކެތްތެރިކަން ކޮޅުން ލުމުން ކަންނޭނގެ އެވެ. އަރްޔަން ތެދުވެ އެނދުގެ އެއްފަރާތުގައި ހުރި ސައިޑް ކަބަޑު ގެ ވަތްގަނޑު ދަމާ ލުމަށް ފަހު ކުޑަ ޕެކެޓު ތަކެއް ނަގައި އަނގަޔަށް އަޅަން ފެށި އެވެ. އިސާހިތަކު ދެން ފެނުނީ އަރްޔަން އެނދުމައްޗަށް ދެމުނު ތަނެވެ.

___________________________

އިރު ފެނުން ތޮޅެލި ހިތްގައިމު މަންޒަރަށް ގެއްލި ހުސްވެފައި އިން އައިލީން ގެ ހިޔާލުތަށް ގުޅިފައިވަނީ މިސްރާބެއް އަޒުމެއް ބޭނުމެއް ނެތް އޭނާގެ ހަޔާތާއި މެދުގައެވެ. ކުޑައިރު އޭނާ ވެސް އެހެން ކުދިންނެކޭ އެއްފަދައިން އުފާވެރި ދިރިއުޅުމެއްގެ ހުވަފެން ދެކުނެވެ. ނަމަވެސް ބޮޑު ވަމުން އައިސް ފުރާ ފުރިހަމަ ވީއިރު މިއަދު އޭނާގެ އުއްމީދުތަށް ވެފައި ވަނީ ބިލާހަކަށެވެ. ހިޔާލުތަކުގެ ކަނޑުގެ ތެރޭގައި ފީނަމުން ދިޔަ އައިލީން އަށް ހޭވެރިކަމެއް ވީ ބައެއްގެ ހުނުމުގެ އަޑު ކަންފަތުގައި ޖެހުމުންނެވެ. “ބަލާބަލަ… އެއިނީ އެއްކަލަ ހަވަރު ތުންފުހި… ލަދެއް ވެސް ނުގަނޭތަ ބޭރު ތެރެއަށް ނިކުމެގެން އުޅޭކަން ؟” ކިތަންމެ ހިތުގައި ޖެހުނު ނަމަވެސް މީހުންނާއި ދިމާއަށް ރައްދު ދީ އުޅުމަކީ އައިލީން ގެ އާދައަކަށް ނުވުމުން އައިލީން މިސްރާބު ޖެހީ އެތަނުން ދުރަށް ދިއުމަށެވެ. “ހައްހައްހައްހާ…..މަންޖޭ ލަދުން ތަ؟ ނޫނީ ގަޑި ޖެހެން ވާއިރަށް ފަރިވާން ތަ ތި ދަނީ.؟” އިވުމުން ދިޔަ އަޑުތަކަކަށް ބީރު ކަންފަތެއް ދީގެން ހުރެ ހިނގަމުން ދިޔަ އައިލީން ވަނީ ހަދާނެ ގޮތް ހުސްވެ ހަތަރު އުދަރެސް ފެނުޖެހިފައެވެ.

_______________

އިރުގެ ރަން ދޯދިތަކުން ލޮލަށް އުނދަގޫ ވާން ފެށުމުން ކަންނެތް ގޮތަކަށް ތެދުވެ އަރްޔަން ލޯ ހުޅުވާލި އެވެ. އެއަށްފަހު ވަށައިގެން ވާ މާހައުލަށް ނަޒަރު ހިންގައި ލިއެވެ. އާނއެކެވެ. އޭނާގެ މަގުސަދު ހާސިލު ކުރުމުގައި މިއަދު ވެސް ނާކާމިޔާބު ވެއްޖެ އެވެ. އުމުރުން އެންމެއަހަރުގައި 18 އަހަރުގައި ވެސް އަރްޔަން ފެންނަނީ 19 ނުވަތަ 20 އަހަރުގެ ޒުވާނެއްގެ ގޮތުގައި އެވެ. ރީތި ވަރަކަށް ދިގު ކޮށްލާފައި ހުރި އިސްތަށި ގަނޑު ހޭވިފައި ވީއިރު ފެންނަ ކޮންމެ އަންހެން ކުއްޖަކު ފިދާވާނެކަން ގައިމެވެ. އިރުކޮޅަކު އިސްތަށިގަނޑާއި ކުޅެން އިނުމަށް ފަހު އަރްޔަން ފޯނު ނަގައި ސްކްރީނަށް ބަލާލުމާއެކު އަރްޔަން ގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އާނއެކެވެ. މިއަދަކީ އޭ ލެވެލް އިމްތިހާނުގެ ނަތީޖާ ދައްކާ ދުވަހެވެ. ގަޑިން 40 7 ވެފައި ހުރި އިރު ނަތީޖާ ބަލައި ދާން އޮތީ 8 ޖަހާއިރު އެވެ. އެނދުމަތިން ތެދުވެ އަރްޔަން ދުއްވައި ގަތީ ފާޚާނާ އާއި ދިމާއަށެވެ. ހެނދުނުގެ ނާސްތާ ތައްޔާރު ކުރުމަށް ފަހު އަރްޔަން ގެ ހަބަރެއް ނުވުމުން ބަލަން އައި އާޒިމާ ދެފަރާތަށް ބޯ ހޫރުވާލީ ދުވެފައި ފާޙާނާއަށް ވަދުނު އަރްޔަން ފެނިފައެވެ. އަރްޔަން އަށް ގޮވާލުމަށް ފަހު އަވަސް ކުރުމަށް ބުނެފައި އާޒިމާ މިސްރާބު ޖެހީ އައިދާން އޮފީސް އަށް ދާން ތައްޔާރު ވަމުން ދިޔަ އައިދާން ގެ ގާތަށެވެ.

____________________

މާލެ ދިއުމަށްޓަކައި ވާން ޖެހޭ ތައްޔާރީތަށް ވަމުން ދިޔަ އައިލީން ގެ ސިނކުޑީގައި ރަސްކަން ކުރަމުން ދިޔައީ އޭނާގެ ޙަޔާތައް އަންނާނެ ބަދަލުތަކެވެ. ކޮންމެ ހާލެއްގައި ވެސް އޭނާގެ ބޭނުމަކީ ކިޔަވައިގެން ރަނގަޅު ނަތީޖާއެއް ހޯދައި އަމިއްލަ ފައި މައްޗަށް ތެދުވުމެވެ. “ކޮންމެހެން ޙިޔާލީ ފޮލާ ކައްކާނެ ކަމެއް ނެތް… އަވަސްކޮށްގެން ނިކުމޭ ސައި ހަދަން މަ މިހާރު ބަނޑަށް މަރުވަނީ މިއޮށް” ދޮރުމަތީގައި ހުއްޓި ހުރި މަންމަ ގެ އަޑަށް އައިލީން ދިޔައީ ސިހިގެން ނެވެ. ފުރަން ކިތަންމެ ބައިވަރު ތައްޔާރުކުރަން ހުރި ނަމަވެސް މަންމަ ބަނޑުހައި ހޫނުކަން މަތީ ބެހެއްޓުމަކީ އައިލީންގެ ހިތަށް ކެތް ވާވަރު ކަމެއް ނޫނެވެ. އެކަން ސާބިތުކޮށް ދެނީ ކުރަން ހުރި މަސައްކަތް މަޑުޖައްސާލުމަށް ބަދިގެޔާ ދިމާއަށް ހިނގައި ގަތުމުން ނެވެ.

_____________________

“ދަރިފުޅު ކޮބާ މިއަދު ވެސް ލަސްވީނުން……..މިހާރު ތިއޮއް ގަޑި ޖެހެނީ….. މަންމަ ވެސް މިހާރު އެއިނީ ތައްޔާރު ވެގެން ” ކާކޮޓަރީގެ ދޮރުން ވަދެގެން އައި އަރްޔަން ފެނުމުން އައިދާން ބުނެލި އެވެ.” ޑޭޑް ސޮރީ… އެކަމް ސައިބޯ ގެންދާ ދެން ވަގުތެއް ނެތެއްނު….7 ގަޑި 50 ވެއްޖެ…. ” އަރްޔަން އަތުކުރީ ގައި އޮތް އެންމެ ފަހުގެ ސްމާޓް ގަޑިއަށް ބަލާލަމުން ބުނެލި އެވެ.” އުހޫން……. ސައިނުބޮއި ނުވާނެ ސްކޫލަށް ދާކަށް… ކޮފީ ތަށި އެކަނި ނަމަވެސް ބޯލައިގެން ދާން ހިނގާ އަވަހަށް.. ” މަންމަ ގެ ބަހަށް ކިޔަމަންތެރި ވާ ކުޑަކުއްޖެއް ފަދައިން ކޮފީ ތަށި ނަގައި ބޯލުމަށް ފަހު އަރްޔަން މިސްރާބު ޖެހީ އަވަހަށް ނަތީޖާ ބަލާ ދިއުމަށެވެ.

______________________

” އައްސަލާމު އަލައިކުމް ” ބޭރުން މީހަކު ސަލާމް ގޮވާލި އަޑު އިވުމުން އައިލީން ސިޓިންރޫމް ތެރެއަށް ނަޒަރު ހިންގައި ލިއެވެ. އެއާއެކު ފެނުނީ ހާޝިމް ގޮސް ބޭރުގައި ހުރި މީހާ އާއި ސަލާމް ކޮށްލުމަށް ފަހު އެތެރެއަށް ވަނުމަށް ތަން ދެއްކި ތަނެވެ.” އައިލީން އާދެ ބަލަ ފިނި އެއްޗެއް ހިފައިގެން.. ” ހާޝިމް ގެ އަޑު އެހެން ދުވަސް ދުވަހާ ޚިލާފަށް މަޑެވެ. އާއްމު ގޮތެއްގައި ހަޅޭއް ލަވާފައި ނޫނީ އެއްވެސް މީހަކަށް އައިލީން ކައިރީގައި ކަމަކު ކިޔޭ ކަމަކަށް ނުވެއެވެ. ޖޫސް ތައްޓަކާއި ފެން ތައްޓެއް ތަބަކަށް ލައިގެން ގޮސް އެ ފިރިހެން މީހާ ކުރިމަތީގައި ހުރި ކުޑަ މޭޒުމަތީގައި ބަހައްޓާފައި ދާން އެނބުރުނު ވަގުތު ހާޝިމް އެދުނީ އެތާގައި އިށީނދެ ލުމަށެވެ. “މީ….ޝަހީދު.. އަހަރެންގެ ވަރަށް ގާތް ރައްޓެއްސެއް މިއީ…..އައިލީން މާލެ ގޮސް ހުންނަނީ އޭގައި އެހެން ވީމާ ދެން އެންމެ ރަނގަޅު ދިޔަޔަސް..” ހާޝިމް އޭނާ ދައްކަން ބޭނުންވާ ވާހަކަ ދައްކަމުން ދިޔައިރު ވެސް އައިލީން އިނީ ޝަހީދު ގެ ބެލުން ތަކުން އުނދަގޫ ވެފައި އެވެ.

ހެނދުނުގެ ނާސްތާ ތައްޔާރު ކުރި އައިލީން ނާސްތާ ކުރުމުގެ ހިޔާލެއް ހުރި ހެނެއް ހިޔެއް ނުވެއެވެ. އަވަސްކޮށްގެން އޭނާ ދިޔައީ ފުރުމުގެ ކުރިން ފެންވަރާ ތާޒާ ބެލުމަށެވެ.

________________________

“އުއްމީދު ކުރި ވަރަށް ވުރެ ދެން ނަތީޖާ ރަނގަޅު ތާ ދޯ.. ” ނަތީޖާ ހިފައިގެން ސްކޫލް އިން ނުކުންނަމުން ޝައްފާން އަރްޔަން އަށް ދޯ ދިނެވެ.”މާ ބޮޑަށް ވެސް ރަނގަޅު….. ޝާއްޓެ ދެން ކޮން ދާއިރާ އަކުން ކުރިއަށް ދާން ތި ވިސްނަނީ…ހަމަ ޕައިލޮޓް އަކަށް ތަ؟ނޫނީ އިންޖިނޭރިއަރ އަކަށް ތަ؟” އަރްޔަން ކާރު ކައިރީގައި މަޑުކޮއްލަމުން ޝައްފާން އަށް ބަލާލި އެވެ. ޝައްފާން އަކީ ކުޑައިރު ސުރެ ވެސް ޕައިލޮޓް އަކަށް ވުމުގެ ހުވަފެން ދެކެމުން އައި ކުއްޖެކެވެ. އިރުކޮޅަކު ވިސްނަން ހުރުމަށްފަހު ޝައްފާން ދިން ޖަވާބު ވެގެން ދިޔައީ އަރްޔަން އުންމީދު ކުރި ފަދަ ޖަވާބަކަށް ނޫންކަން އަރްޔަން ގެ މޫނުމައްޗަށް އަރާ ފައިބަމުން ދިޔަ ކުލަތަކުން ވެސް ހެކި ދެއެވެ.

 

 

13

1 Comment

 1. Broken

  October 20, 2021 at 2:40 am

  Salaam readers
  Alhugadaki Kurin vxx writer eh
  Avaha Vhk submit kohlan ulheni hadhaagen aslu alhugadu pic laan hadhaan nethuni
  Love u all writers

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!