“އެހެންފަހަރަކުން.. އެހެންފަހަރަކުން އަހަރެން ލިލީއަށް ހުރިހާ ވާހަކައެއް ކިޔައިދޭން.. މިރެޔަކު ނޫން.. މިރޭ އަހަރެން ބޭނުމީ ލިލީއާއެކު އުފާވެރި ވަޤުތުކޮޅެއް ހޭދަކޮށްލަން..” ދިޔާން ލިލިއަންގެ ގައިގާ ބައްދާލަމުން ލިލިއަންގެ ބޮލުގައި ދަތްދޮޅި އަޅުވާލިއެވެ. ދިޔާން އެދައްކަނީ ކޮންވާހަކައެއްކަން ފަޙުމް ނުވިޔަސް ލިލިއަން އެކަމާ އިތުރަށް ސުވާލު ކުރާކަށް ނަހަދައެވެ. އޭނާވެސް ދިޔާން އެކޭ އެއްފަދައިން ބޭނުންވީ ހަމަހިމޭން އުފާވެރި ވަޤުތުކޮޅެކެވެ. ދިޔާންގެ މޭގައި މޫނު ޖައްސާލަމުން ދިޔާންގެ ގައިން ދުވަމުން ދިޔަ ފިރިހެންވަންތަ ސެންޓުގެވަސް އެތެރެއަށް ދަމާލަމުން ލިލިއަން ދެލޯ މަރާލިއެވެ.
ދިޔާންގެ ފޯނު ރިންްގްވާން ފެށީ އެވަޤުތުއެވެ. ސަދޫފްގެ ފޯނު ކޯލެއްކަމުން ދިޔާން ލަސްނުކޮށް ފޯނު ނެގިއެވެ. ފުރަންޖެހޭ ވަޤުތު އައީ ކަމަށް ބުނުމުން ދިޔާން މިދަނީ ކަމުގައި ބުނެ ފޯނު ބޭއްވިއެވެ.
” ފުރާ ވަޤުތު ޖެހުނީތަ..؟” ދިޔާން ފޯނު ބޭއްވުމުން ލިލިއަން ސުވާލު ކުރިއެވެ. ދިޔާން ބޯޖަހާލަމުން ލިލިއަންގެ މޫނަށް ފުންކޮށް ބަލައިލިއެވެ.
” އައި ލަވް ޔޫ..” ލިލިއަންގެ ކޯތާފަތުގައި އަތް ޖައްސާލަމުން ދިޔާން ހާމަކުރިއެވެ. އެ ދެލޮލުން ފާޅުވަމުންދާ ވިދުވަރުގެ ތެރެއިން ލިލިއަން އަށް ވަންހަނާވުމެއްނެތްނެތި ފެނުނީ އޭނާ ދެކެ ދިޔާން ވާ ސާފު ތެދުވެރި ލޯތްބެވެ. ހިތުގައި ފުން ވަމުން އައި އިޙްސާސްތަކާއެކު ދެލޯ ފެންކަޅިވެގެން ދިޔުމާއެކު ލިލިއަން އަށް ދިޔާންގެ މޫނު ފެނިގެން ދިޔައީ ކަރުނައިގެ ތެރެއިން ފުސްވެގެންނެވެ.
ދިޔާން ނުހަނު ފަރުވާތެރިކަމާއެކު ލިލިއަންގެ ދެލޯ ފޮހެލަ ދިނެވެ. މަޑު މަޑުން ލިލިއަންގެ މޫނާ ކައިރިވެލަމުން ދިޔާން ލިލިއަންގެ ނިތްކުރީގައި ބޮސްދިނެވެ.
” ހިނގާ ދާން.. ލޯންޗަށް ފުރަން ލަސްވެދާނެ..” ދިޔާންގެ ހަރަކާތާއެކު ހުއްޓުން އަރާފައި ހުރި ލިލިއަން އަށް ހޭވެރިކަންވީ ދިޔާން ލިލިއަންގެ އަތުގައި ހިފައިގެން ރަށުކޮޅަށް ހިނގައިގަތުމުންނެވެ.
********
ރަށަށް ލެފުން އިރު ފުދޭވަރަކަށް ލަސްވެއްޖެއެވެ. ގަޑިން ބާރަ ޖަހަން ދެތިން މިނެޓަށް ވެފައި ވުމުން އެންމެންވެސް ބެލީ އަވަހަށް ގެޔާ ހަމައަށް ފޯރާތޯއެވެ. ވަރަށް އުނދަގުލުން ލިބުނު ޓެކްސީގައި އެންމެނަށް ގެއަށް އާދެވުނެވެ. ލިލިއަންވެސް އެންމެންނަށް ރޭގަނޑުގެ ވަދާޢީ ސަލާމް ކޮށްލަމުން ގޭތެރެއަށް ވަންނަން ހިނގައިގަތީ ފަހުފަހަރަށް ދިޔާން އަށް ބަލައިލަމުން ހިނިތުންވެލުމަށްފަހުއެވެ. އޭރު ދިޔާންވެސް ހުއްޓި ހުރީ ލިލިއަން އާ ނަޒަރު އަމާޒުކޮށްލައިގެން ހިނިތުންވެފައެވެ.
ލިލިއަން އޭނާ ދަތުރު ގެންދިޔަ ދަބަސް ކޮނޑުގައި އަޅުވައިގެން ހުރެ ގޭގެ ދޮރު ހުޅުވާލަމުން އެތެރެއަށް ވަނެވެ.
އަލިކަމެއްނުވާ ސިޓިންގް ރޫމްގެ ބޮކި ދިއްލާލަމުން މުޅިތަނަށް އަލިވެގެން ދިޔައެވެ. ގޭތެރެއަށް އަޅާލި ފުރަތަމަ ފިޔަވަޅާއެކުވެސް އާދަޔާޚިލާފު ތަފާތުކަމެއް ހިތަށް އިޙްސާސްކުރެވިގެން ދިޔައެވެ. ގެނބިގެން ދިޔަ ހިތާއެކު ލިލިއަންގެ ނިތްކުރިއަށް ރޫތައް ޖަމާވެގެން ދިޔައެވެ. ޚުދު އޭނާއަށްވެސް އެހެން އިޙްސާސްކުރެވެން ޖެހުނު ސަބަބެއް ނޭނގުނެވެ. ނަފްސު ހަމަޔަކަށް އަޅުވަން މަސައްކަތް ކުރަމުން ލިލިއަން މަޑު ފިޔަވަޅުތަކެއްގައި ކޮޓަރިއާ ދިމާއަށް މިސްރާބުޖެހިއެވެ.
ކޮޓަރިއާ ދިމާއަށް ދަމުން ދިޔަ ލިލިއަންގެ ފިޔަވަޅުތައް ހުއްޓުނީ މީހެއްގެ ކުކުރުމުގެ އަޑު އިވުންހެން ހީވުމުންނެވެ. ހަރަކާތެއް ކޮށްނުލާ ހުރި ލިލިއަން އެއަޑު އަންނަ ދިމާއަށް ސަމާލުކަން ދިން އިރު އޭނާގެ ނިތްކުރީގައި ދާތިކިތައް ވިދަމުން ދިޔައެވެ.
ދެވަނަ ފަހަރަށްވެސް އެއަޑު އިވުމާއެކު ލިލިއަން އަށް ކާގެއާ ދިމާ ބަލައިލެވުނެވެ. އެއަޑު އައީ ކާގޭގެ ތެރެއިންހެން ލިލިއަން އަށް ހީވިއެވެ. ބަރު ފިޔަވަޅުތަކެއްގައި އައިސް ލިލިއަން ކާގޭގެ ދޮރުމަތީ ހުއްޓުނެވެ. ދޮރު ނުލައްޕާ ހުރި ކާގޭގެ ތެރެއަށް ވަންނަމުން ތުރުތުރު ލަމުން ދިޔަ އަތުން ކާގޭގެ ސުއިޗު ދިއްލާލިއެވެ.
” މަންމާ…!!!” ލިލިއަން އަށް އަޑުގެ ކޮޅަށް ހަޅޭއްލަވައިގަނުވުނު އިރު އޭނާގެ ދެލޯ ވަނީ ބޮޑުވެފައެވެ. މޭޒު ދޮށަށް ވެއްޓިފައި އޮތް ހައިފާގެ ކައިރީ މުށިތަކުގައި ވަނީ ލޭގެ ކޯރެއް ހެދިފައެވެ. ބަނޑުގައި އަތް އަޅާ ބާރުކޮށްލައިގެން އޮތް ހައިފާ އޭނާގެ ގައިގާ އަޅަމުންދާ ވޭނަށް ކެތްނުކުރެވިގެން އުޅޭކަން ފެންނަމުންދިޔައެވެ. ދެލޯ މެރެމުން ދިޔަ ހައިފާގެ ކައިރިއަށް ލިލިއަން އަށް ދެވުން ގޮތްވެސް ނޭނގުނެވެ.
” މަންމާ.. ކިހިނެތްވެފަތަ މީ..؟ ކާކު؟ ކިހިނެތް..؟” ލިލިއަން އަށް ކިޔޭ ނުކިޔޭއެއްޗެއްވެސް އިޙްސާސްނުވާފަދައެވެ. ގިސްލެވުމާއެކު ހައިފާގެ ބަނޑާދިމާއިން އަތް އަޅާ ބާރުކޮށްލީ ލޭ އަންނަމުން ދިޔައީ އެތަނުން ކަމަށް ވާތީއެވެ.
” ލިން.. މަން..މަ އަށް މަޢާފް.. ކުރޭ…ދަރި..ފުޅަށް ރަނގަޅު މަންމަ އަކަށް… ނުވެވުން ކަމަށްޓަކާ މަންމަ.. އަށް މަޢާފް .. ކުރޭ.. ދަރިފު..ޅު މަންމަ ނެތަސް އުފަލުގެ ހުންނާތި… ” ހައިފާ ނެތްހިތްވަރު ނެރިގެން ދައްކަން ފެށި ވާހަކަ ހުއްޓުނީ އައި ކެތްސުންވަރި އާއެކުއެވެ. ކެތްސާލުމާއެކު އަނގައިންވެސް ކަޅު ލޭތައް ފައިބަން ފެށިއެވެ.
” މަންމާ.. ކޮންކަހަލަ ވާހަކައެއްތަ ތި ދައްކަނީ…ނޫން..ނޫން..މަންމާ ޕްލީސް.. ލޯ ނުމަރައްޗޭ.. އަހަރެން.. އަހަރެން މިގުޅަނީ އެންބިޔުލެންސް އަށް…” ލިލިއަން އަށް އެންބިޔުލެންސް އަށް ގުޅަންވެސް ހޭވެރިކަން ވީ ދެނެވެ. ލެއިން ތަތްތެޅިފައިވާ ދެއަތުން ފޯނު ނަގަމުން އަވަސް ހަރަކާތާއެކު ލިލިއަން އެންބިޔުލެންސް އަށް ގުޅާލިއެވެ. ތުރުތުރުލަމުން ދިޔަ އަޑާއެކުވެފައިވާ ގިސްލުމާއެކު ލިލިއަން އަށް ވާހަކަ ދެއްކުން ވީ އުނދަގޫ ކަމަކަށެވެ.
” މަންމާ.. އެންބިޔުލެންސް އިރުކޮޅަކުން އަންނާނެ.. ހޮސްޕިޓަލަށް ދެވެންދެން.. މަންމަ ހިތްވަރު ކުރައްޗޭ..” ލިލިއަން ގިސްލަމުން ބުންޏެވެ. ހޭވިފައިވާ އިސްތަށިގަނޑާއި ހިފެހެއްޓުމެއްނެތި ފައިބަމުން ދިޔަ ކަރުނަތަކުން ހަޑި ވެފައިވާ މޫނަށް ފަރުވާލެއް ނެތި ލިލިއަން ކާގެ ކައުންޓަރު މަތި ބަލައިލީ ލޭމަނާ ވާނެ އެއްޗެއް ފެނޭތޯއެވެ. ކައުންޓަރު މަތީ އޮތް ހުދު ފޮތިގަނޑު ފެނުމާއެކު އެ ހިފައިގެން ދުވެފައި އައިސް ހައިފާ ކައިރިއަށް ތިރިވެ ޒަޚަމް ވެފައިވާ ހިސާބުގައި ފޮތިގަނޑު އަޅާ ބާރުކޮށްލިއެވެ. އެހެނަސް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ލެއިން ފޯވެގެން ދިޔަ ހުދުކުލައިގެ ފޮތިގަނޑު ފެނުމުން ލިލިއަންގެ ރުއިންވީ ހައްތަހާ ބާރެވެ.
” ލިން… ނުރޮއެ.. ދަރިފުޅު.. ރައްކާތެރި.. ވާތި.. އޭނަ.. ދަރިފުޅުގެ ފަހަތުން އަންނާނެކަން.. ޔަޤީން..” ހައިފާ އުނދަގުޅުން ބުނި ވާހަކައާއެކު ލިލިއަން ހުއްޓުން އެރިއެވެ.
” ކާކު.. ކާކުތަ މަންމާ.. މަންމައަށް މިހެން ހެދީ ކާކު..؟ ކޮން ބޭނުމަކު.. އެމީހެއްގެ ނަން ބުނެބަލަ..” ލިލިއަން އަވަސް އަވަހަށް ސުވާލު ކުރިއެވެ.
” ދަރިފުޅާ ލިން..” ހައިފާ އުނދަގުޅުން އޭނާގެ ކަނާއަތް ނަގާ ލިލިއަންގެ ކޯތާފަތުގައި ޖައްސާލިއެވެ.
” މަންމަ.. ދަރިފުޅު.. ދެކެ ވަރަށް ލޯބި..ވޭ.. ތިއީ މިދުނިޔޭގަ މަންމައަށް.. ލިބުނު ހަމައެކަނި… އުފަލަކީ..” ކަރުނަވީ ދެލޮލާއެކު ހައިފާގެ ދުލުން ހާމަކުރި ބަސްތަކާއެކު ލިލިއަންގެ ދެލޮލުން އޮހޮރެމުން ދިޔަ ކަރުނަތަކާއެކު ނޭވާވެސް ކުޑަ ހިނދުކޮޅަކަށް ހުއްޓުނެވެ. ހައިފާގެ ދެލޮުލުން ފެންނަމުން ދިޔަ ލޯތްބާއި ކުލުނާއި މައްސުނިވެފައިވާ ކުށްވެރި އިޙްސާސް ލިލިއަންގެ ދެލޮލުގައި ފެވެމުން ދިޔައިރު އެތަކެއްހާސް ހަންޖަރުތަކެއް އޭނާގެ ހިތަށް ހެރެމުން ދިޔައެވެ. މަންމަގެ އެފަދަ ލޯބިވެތި ބަސްތަކަކަށް އޭނާގެ މުޅި އުމުރުގައިވީ ފެންބޮވައި ގަނެފައެވެ. އެހެނަސް އެ ޖުމްލަތަށް މިވަޤުތު އަޑުއަހާކަށް ލިލިއަން ބޭނުމެއް ނުވިއެވެ. ކޯތާފަތަށް ވެރެމުންދިޔަ ކަރުނަތަކާއެކު ދެލޯ މަރާ ބާރުކޮށްލަމުން ލިލިއަން ދެފަރާތަށް ބޯ ހޫރުވާލިއެވެ.
“މިވަޤުތަކު ނޫން.. މަންމަ ހެޔޮހާލުގަ ހުރެގެން އަހަރެން ކައިރީ އަލުން ތިހެން ބުނޭ.. އޭރުން ނޫނީ އަހަރެން ޤަބޫލެއް ނުކުރާނަން..” ލިލިއަން ހައިފާގެ މޭގާ ނިތްކުރި ޖައްސާލަމުން ރޮމުން ގެންދިޔައެވެ.
އެންބިޔުލެންސްގެ ސައިރެންގެ އަޑާއެކު ލިލިއަން އަށް އަވަސް އަވަހަށް ކޮޅަށް ތެދުވެވުނެވެ. ހެލްތު އޮފިސަރުންތައް ގެއަށް އައިސް ވަނީ އެވަޤުތުއެވެ. ލިލިއަންވެސް އެމީހުންނާއެކު ހޮސްޕިޓަލަށް ދާން އެންބިޔުލެންސަށް އެރިއިރު ހައިފާއަށް އަވަސް ފަރުވާ ދިނުމަށް އެމީހުން މަސައްކަތް ކުރަމުން ދިޔައެވެ.
************
އެމަރޖެންސީ ރޫމަށް ގެންދިޔަ ހައިފާގެ އަތުން ލިލިއަން އަށް ޖެހުނީ އަތް ދޫކޮށްލާށެވެ. ދެފަރާތުން ލެއްޕިގެން ދިޔަ ދޮރާ ދިމާއަށް ބަލަހައްޓައިގެން ހުރި ލިލިއަންގެ މުޅި ހަށިގަނޑުވެސް ތުރުތުރު ލަމުން ދިޔަފަދައެވެ.
ކުއްލިއަކަށް ޖީބުގައި އޮތް ލިލިއަންގެ ފޯނު ރިންގްވާން ފެށިއެވެ. ދިޔާންގެ ނަން އަރާފައިވާތަން ފެނި ލިލިއަންގެ ލޮލުން އޮހޮރެމުން ދިޔަ ކަރުނަ އިތުރުވިއެވެ. އޭނާ އެވަނީ އިތުރު މީހެއްގެ އަޅާލުމަށް ނުހަނު ބޭނުންވެފައެވެ.
” އަދި ނުނިދަންތަ..؟ ލިލީގެ އަޑުއަހާލާ ހިތުން މިގުޅީ ނުނިދިގެން..” ދިޔާން ފެންވަރާލައިގެން އައިސް އެނދުގައި ޖައްސާލި ނަމަވެސް ދެލޮލަށް ނިދި އަންނަ ގޮތެއް ނުވިއެވެ. ލިލިއަން އަދި ނުނިދަ ހުރެ ފާނެކަމަށް އުންމީދުކޮށް ދިޔާން ލިލިއަން އަށް ގުޅާލަމުން އެނދުގެ ހެޑް ބޯޑުގައި ލެނގިލިއެވެ.
ލިލިއަންގެ ފަރާތުން ޖަވާބެއް ނުލިބުނެވެ. އެހެނަސް ލިލިއަންގެ ގިސްލުމުގެ އަޑު އިވުނުހެން ދިޔާން އަށް ހީވިއެވެ.
ނިތްކުރި މައްޗަށް ވެރިވެގެން ދިޔަ ރޫތަކާއެކު ދިޔާންގެ ހަށިގަނޑު ސީދާ ވެގެން ދިޔައެވެ.
” ލިލީ ރޮނީތަ..؟” ދިޔާން ކަންބޮޑުވުމާއެކު ސުވާލު ކުރިއެވެ.
” ޔާން..” ލިލިއަންގެ ބަޑިފަޅައިގެން ދިޔައީ ދެނެވެ. ލިބުނު ހާސްކަމާއެކު ދިޔާން އެނދުން ތެދުވަމުން ދޮރާ ދިމާއަށް މިސްރާބުޖެހިއެވެ.
” ކޮންތާކު ތިހުރީ..؟” ދިޔާން އަވަސް އަވަހަށް ސުވާލު ކޮށްލިއެވެ. ލިލިއަން ހޮސްޕިޓަލުގައި ހުރިކަން އެނގުމުން އޭނާއަށް ލިބުނީ އިތުރު ޝޮކެކެވެ.
***********
އަވަސް ފިޔަވަޅުތަކުގައި ހޮސްޕިޓަލަށް ވަދެގެން އައި ދިޔާން އަށް އެމަރޖެންސީ ރޫމްގެ ކައިރީ ހުރި ފާރުގައި ލައްގަނެގެން ހުރި ލިލިއަން ދެލޮލުގައި އަޅައިގަތެވެ. އިސްޖަހާލައިގެން ހުރި ލިލިއަންގެ މޫނަށް ތަރުތީބެއްނެތި ވެރިފައިވާ އިސްތަށިތަކުން ލިލިއަންގެ މޫނު ފެންނަ ގޮތެއް ނުވިއެވެ.
“ލިލީ…” ދިޔާން ލިލިއަންގެ ސަމާލުކަން އަތުލުމުގެ ގޮތުން ގޮވާލިއެވެ.
ލިލިއަން އިސް އުފުލާލަމުން އޭނާއާ ދިމާއަށް ބަލައިލީ އެވަޤުތުއެވެ. ދިޔާންގެ ދެފައިގާ ކަސްތޮޅު އެޅުވުުނުހެން ހުއްޓި ދެލޯ ބޮޑުކޮށްލެވުނެވެ. މީގެ ކުޑައިރުކޮޅެއްކުރިން އޭނާއަށް ފެނުނު ލިލިއަން އާ މިހާރު ފެންނަން ހުރި އަންހެން ކުއްޖާ ހާސްބައި ތަފާތެވެ. ރަތްވެ ދުޅަވެފައިވާ ދެލޮލާއި ހޭވިފައިވާ އިސްތަށިގަނޑެކެވެ. ލިލިއަންގެ މޫނާއި މުޅި ހެދުމުގައި ހޭކިފައިވާ ލޭތައް ފެނުމުން ދިޔާންގެ ހަމަބުއްދިގެއްލިގެން ދިޔަފަދައެވެ.
” މީ ކޮން ލެޔެއް..ލިލީ ކިހިނެއްވެފަ ތިހިރީ.. ކީއްވެ ހޮސްޕިޓަލަށް އައީ..” ދިޔާން ހާސްކަމާއެކީ ލިލިއަންގެ ކޯތާފަތުގައި ހިފަހައްޓާލަމުން ސުވާލުކުރިއިރު އެ އަޑުގައިވަނީ ބިރުވެރިކަމާއި ޖެހިލުންވުމެވެ.
ނުރޯން ހިތްވަރު ކުރަމުންދިޔަ ލިލިއަންގެ ދެލޮލުން އަނެއްކާވެސް ކަރުނަ ފާއްދާލިއެވެ. ކިތަންމެ ވަރަކަށް ރުއި ކަމުގައި ވިޔަސް އެދެލޮލުން ކަރު ހުސްވާކަށް ނޫޅެއެވެ. ލޮލުން ނަގަމުން ދިޔަ ދިލައާއެކުވެސް އެ ކަރުނަތައް ރަޙުމެއްނެތި އޭގެ މަގާމު ދޫކޮށް ކޯތާފަތަށް ފައިބަމުން ދިޔައެވެ.
” މަންމަ..” ލިލިއަންގެ ކުރެހިފައިވާ އަޑު ނިކުތީ އުނދަގުލުންނެވެ.
” މަންމައަށް ކިހިނެއްވީ..؟” ދިޔާން ހާސްކަމާއެކު ސުވާލު ކުރިއެވެ. ލިލިއަން އުނދަގުލުން އޭނާއަށް އިނގުނު މިންވަރު ހިއްސާކުރިއެވެ. އޭރުވެސް ހުއްޓުމެއްނެތި ލިލިއަން ދިޔައީ ގިސްލަމުންނެވެ.
ލިލިއަން ކިޔައިދިން ވާހަކަ ތަކާއެކު ހާލަތު އޮތް ނާޒުކު ފައްތަރު ދިޔާން އަށް ދެނެގަނެވުނެވެ. ލިލިއަން ގަންނާނެ ބިރާއި ގޮތް ހުސްވާނެ މިންވަރު އިޙްސާސް ކޮށްލެވުމުން މޭތެރޭ ދިލަ ރިހުމެއް އުފެދިގެން ދިޔައެވެ. ލިލިއަން ގެނެސް އޭނާގެ އަތުގެތެރޭގައި ބޮނޑިކޮށްލަމުން ހިތްވަރުދޭން މަސައްކަތް ކުރިއިރު ދިޔާންގެ ސިކުނޑި ވިސްނަމުން ދިޔައީ އެ ޢަމަލު ހިންގި ފަރާތަކާމެދުއެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.






