މިރޭ ވަރަށް މާއިރާ ނިދަން އޮށޯތީމެވެ. ނަމަވެސް ނިދޭ ގޮތެއް ނުވެއެވެ. ފަށްޖެހިއެނދު ހިފައިގެން ގޭ ފެންޑާއަށް ނުކުތީ ނިދިއަންނަ ގޮތް ވުމުން އެތެރެއަށް ވަނުމުގެ ނިޔަތުގައެވެ. މާދަމާއަކީ އަހަރެންގެ އުފަން ރަށް ދޫކޮށް މާލެއަށް ހިޖުރަ ކުރަން ފުރާ ދުވަހެވެ. ގޭ މީހުން އަދި ނުނިދައެވެ. މަންމައާއި ބައެއް އަވަށްޓެރިން ވެސް ގޭތެރޭގައި ހޭލިމޭލިވެ އުޅެއެވެ. އަހަރެން ފުރާތީ ދަތުރު މައްޗަށް ގެންދާ ބޯކިބާ ފިހުމުގައެވެ.

އަހަރެންގެ ރަށަކީ ހއ.އުތީމެވެ. ނަލަ ރީތި ހިތް ފަސޭހަ ރަށެކެވެ. ރަށުގެ ފަސްގަނޑު އުސްވެފައި އަދި ދޮންފަސް ގިނައެވެ. ރަށުން ފުރައިގެން މާލެއަށް ދެވޭނީ ތިން ހަތަރު ދުވަހުންނެވެ. އެއީ ވެސް ވައިރޯޅި ހުރިނަމައެވެ. ރަށުގައި އޮންނަނީ އިންޖީނު އެޅި އެންމެ ދޯންޏެކެވެ. އެއީ މަސް ދޯންޏެކެވެ. ދެން މުޅިން ވެސް ހުންނަނީ ރިޔާނެގި ކުދި ދޯނި ފަހަރެވެ. މާލެ ދަތުރު ކުރާ ދެ ބައްތެއްލި އޮވެއެވެ.

އަހަރެންގެ އުމުރުން މިހާރު 12 އަހަރު ފުރިއްޖެއެވެ. ރަށު މަކުތަބުން ކިޔެވޭނެ އެންމެ ރަނގަޅަކަށް މިހާރު ކިޔެވިއްޖެ ކަމުގައި ބައްޕަ ބުނުއްވައެވެ. ބައްޕައަކީ މަސްވެރިއެކެވެ. ބައްޕައަށް ލިބޭ މަސްކޮޅު ކައްކާ ހިއްކައެވެ. އަދި އެ މަސްކޮޅު މާލެ ފޮނުވައިގެން ލިބޭ ފައިސާކޮޅުން އަހަރެމެންގެ އާއިލާގެ ޚަރަދު ބަލަހައްޓައެވެ. މާ މޮޅު ދިރި އުޅުމެއް ނޫނެވެ.

މިސްކިތުން ފަތިސް ނަމާދުން ފައިބާއިގެން ގެއަށް އައީ މަންމައާ އެކުގައެވެ. އެހެން ދުވަސް ދުވަހާ މިއަދު ވަރަށް ތަފާތެވެ. މަންމަ ހުރީ އަހަރެންގެ އެއް އަތުގައި ހިފަހައްޓައިލައިގެންނެވެ. މޫނު މަތިން ފެންނަނީ ފިކުރެއްގެ ތެރެއަށް ގެއްލިފައި ވާތަނެވެ.
ބައްޕަޔާ އެކު ރޭހުރި ބަތާއި ގަރުދިޔައާއި ބަނޑު ފުރެންދެން ކެވޭތޯ އިށީނީމެވެ. ނަމަވެސް މިއަދު ނޭނގޭ ގޮތްތަކެއް ވަނީއެވެ. މެއަށް ތަދުވާހެން ވެސް ހީވެއެވެ. މޭ ބޮޑު ވާހެން ވެސް ހީވެއެވެ. ނުކައި އިނުމުން، ދަތުރު މައްޗަށް މަންމަ ފިހުނު ދެވައްތަރުގެ ބޯކިބާ ގެނެސް ދިނެވެ. ބޯކިބަލަކީ އަހަރެންނަށް ވަރަށް މީރު އެއްޗެކެވެ. އެކަމަކު މިއަދު ބޯކިބާ ވެސް ކެވޭ ގޮތެއް ނުވިއެވެ. ހީވަނީ އަބަދުވެސް އަތިރިއަށް ދާން ޖެހިފައި ހުންނަހެންނެވެ.

ބަދިގޭ ތެރޭގައި ހުރި ކުޑަ ގޮނޑިއެއްގައި މަންމަ އިށީދެލައިގެން އިނެވެ. އަހަރެންނާ ބައްޕަ އިނީ ކުޑަ މޭޒެއްގެ ދޮށުގައެވެ. އަހަރެންނަށް މި ދެވެނީ ބޭރު ބައެއްގެ ގާތަށްކަމަށާއި އެގޭގައި އުޅޭ އިރު އަދަބު އަޚުލާގު ބަހައްޓަން ވީ ގޮތުގެ ފިލާވަޅު މަންމަ ދެމުން ގެންދިޔައެވެ. މުރާލި ކުއްޖަކަށްވެ ކިޔަވައިގެން ރަށަށް އައިސް ރަށު އޮފީހުގައި ޚިދުމަތް ކުރާތަން މަންމަ ދެކެން ބޭނުންވާ ކަމުގައެވެ. އަހަރެންނަކީ އަންހެން ކުއްޖަކަށްވުމުން ރައްކާތެރިކަން ބޭނުންވާނެކަމަށެވެ. ހިފަހައްޓަން ޖެހޭ އަދަބު އަޚުލާގެވެ. އަމިއްލަ ނަފުސަށް އިތުބާރު ކުރުމަށެވެ. ދޮގު ނުހެދުމާއި ތެދުބުނުމުގެ މުހިންމު ކަމެވެ. ނުހަނު ގިނަ ހެޔޮ ނަސޭހަތް ދިނެވެ. ދުވަހަކު ނުދައްކާ ވަރަށް އަސަރާއެކު ވާހަކަ ދެއްކިއެވެ. އަހަރެންގެ މަންމައަކީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާ ވެސް މެއެވެ. އަހަރެން ދެކެ ވަރަށް ލޯބި ވެއެވެ. އެކަން އަބަދު ވެސް އަހަރެންނަށް އައީ އިހުސާސް ކުރެވެމުންނެވެ.

ހާލާއި ކާޅުގެ އަޑު ވެސް އިވެން ފަށައިފިއެވެ. އެއީ އެ ސޮރުމެންގެ އާދައެވެ. ކޮންމެ ދުވަހަކު ހެނދުނާއި ހަވީރު މަންމަ ގެންގުޅޭ ކުކުޅުތަކަށް ކާންދެނީ އަހަރެންނެވެ. މާލޭގައި އަހަރެން ހުންނަގޭގައި ކުކުޅަށް ކާންދޭން ލިބޭނެ ބާވައޭ ހިތަށް އެރިއެވެ. އަހަރެން މާލެ ފޮނުވަނީ ދެ ހިތެއްގައި ހުރެގެންނެވެ. ހިތުން ރުހުމަކުން ނޫނެވެ. ނަމަވެސް އަހަރެންގެ މުސްތަގުބަލަށް ޓަކައެވެ.
ބަދިގޭގައި ހުރި އަތްބައްތިން މަންމަގެ މޫނަށް އަލި އެޅިފައި ހުއްޓެވެ. ފެންނަނީ މާޔޫސްކަމެވެ. ދެ ފަހަރަކު މޫނު ފޮހެލިތަން އަހަރެން ދުށީމެވެ. ކަރުނަ ފައިބާކަން އަހަރެންނަށް ނުދެއްކުމަށެވެ. އަހަރެންނަށް ވެސް ބުނެދޭން ނޭނގޭ ފުން އަސަރެއް ދިޔައީ ކުރަމުންނެވެ. ބަސް ހުސްވެ ގަބު އަރާފައި އިނދެވުނީއެވެ. އެންމެ ފަހުން ތެދުވެގެން ގޮސް މަންމަ ގައިގައި އޮޅުލައި ގަނެވުނެވެ.

ހައެއް ޖެހެމުގެ ކުރިން އޮޑިއަށް އަރާންޖެހެވެ. ތަންމަތިތައް ހިފައިގެން އަތިރިމައްޗަށް ނިކުތް އިރު އިރުއެރުމުގެ ކުލަވަރު އިރުމަތީ ފަރާތުން ފެންނާން ފަށައިފިއެވެ. މަޑުމަޑުން މޫނު އަނދިރިކަން ދަނީ ފިލަމުންނެވެ. އަހަރެންނަށް ހުރެވުނީ ފެންކަޅި ވެފައެވެ. މަންމައާއި ބައްޕަ ދޫކޮށްފައި ދާން ޖެހޭތީއެވެ. އަހަރެންގެ ހިމާޔަތުގައި އެކަކު ވެސް އެ ގޭގައި ނޫޅޭނެކަން އިހުސާސް ވަނީއެވެ. ކޮއްކޮމެން ދޫކޮށްފައި ދާހިތެއް ނުވެއެވެ. މި ދަތުރު އަހަރެން ގޮވައިގެން މާލެ ދަނީ ބޮޑުބެއެވެ. އަހަރެން ބަހައްޓަން ހަމަ ޖެހިފައި އޮތް ގެއާއި ބޮޑުބެގެ ގުޅުން ވަރަށް ބޮޑެވެ. އެ ގޭ މީހުން އިސްކޫލު ޗުއްޓީއެއްގައި މިރަށަށް ވަރަށް ފަހުން ވެސް އައެވެ. އެ މީހުންނަށް ސައި ހަދާފައި އަހަރެމެންގެ ގެއަށް ވެސް ގެނައެވެ. އެއީ މާ ބޮޑު އާއިލާއެއް ނޫނެވެ. ހަތަރު މީހުންނެވެ. އަހަރެންނާ އެއް ފުރައިގެ ކުއްޖަކު ވެސް ހުއްޓެވެ. ދެން ހުރީ ތަންކޮޅެއް ބޮޑު ކުއްޖެވެ. އެ މީހުން އަޅައިގެން ތިބި ހެދުމުން އެއީ ވަރަށް ފޯރާ ބައެއް ކަން އެނގެއެވެ.

މަންމައާއި ބައްޕައާއި ކާފައާއި މާމަ ވެސް އަހަރެން ފުރުވަން އައިސް ތިއްބެވެ. އެ މީހުންގެ މޫނު މަތިން ވެސް މޮޅި ވެރިކަން ފެނެއެވެ. އެކަމަކު ވަރަށް ހިތްވަރު ދިނެވެ. ސަލާން ގަލާން ކުރުމަށް ފަހު ބޮއްކުރަޔަށް އަރަން ހިނގައިގެންފީމެވެ. އަހަރެން ތެންމާ ނުލައި ބޮއްކުރަޔަށް ލީ ބޮޑުބެއެވެ. އަހަރެންނަށް ޓަކައި މަންމަ ކަށިކެޔޮ ފަތުން ވިޔެދީފައި އޮތް ބާލީސް ވެސް އެރުވިއެވެ. އަހަރެމެން ރަށުގެ ގިނަ ގޭގޭގައި އެ ދުވަސް ވަރު ބާލީހާ ކަންނޭލުގެ އުރައިގެ ގޮތުގައި ބޭނުން ކުރަނީ ކަށިކެޔޮ ފަތު އުރައެވެ. އަހަރެންގެ މި ބާލީހަށް މިއަދު ވަނީ އެހެން ދަރަޖައެއް ދީފައެވެ. ބާލީހުގެ ބޭރުން ވަނީ ފޮތިން އުރައެއް ލައްވާފައެވެ. އެ އުރައިގައި މަންމަގެ އަތުން ނުހަނު ރީތިކޮށް ފަށުވީގެ މާކޯޅިއެއް ވަނީ ޖަހައިދީފައެވެ. އެއީ އަހަރެންގެ އެދުމަށެވެ. އަހަރެންނަށް އެންމެ ރީތި ރަތްކުލައިގެ ސައިމަލެކެވެ. މަންމަ މިކަން ދަސްކުރީ ވަރަށް ޒުވާން އިރުގައެވެ. މާލެ ފައިބާ ގެ އެއްގައި ހުރި ދުވަސްކޮޅުގައެވެ. އެ ބާލީހުގެ ބޭރުން އޮޅައިލާފައި އޮތް ކަށިކެޔޮ ފަތުގެ ސާންތި ވެސް އެރުވިއެވެ. އޮޑި އޮތީ ވިލުގައެވެ. މިއީ އަހަރެން އަތޮޅުން ބޭރަށް ދާ ފުރަތަމަ ފަހަރެވެ. މަންމަމެންނާއެކު އަތޮޅުގެ ރަށްތަކަށް ދަމެވެ.

އިރުވައި މޫސުމުގެ ރީތި ދުވަހެކެވެ. މުޅި އުޑު ވަނީ ނޫކުލައިގައެވެ. ހިތްގަމު ވަރަކަށް ވައި ރޯޅި ވެސް ހުރި ދުވަހެކެވެ. އޮޑީގެ ރިޔަލުގައި ރީތިކޮށް ވައިއަޅުވައިލުމަށް ފަހު ދުއްވައިލައިފިއެވެ. އޭރުވެސް ގޮނޑުދޮށުގައި ތިބި މީހުން ގެއަށް ނުގޮސް ތިއްބެވެ. އަތުގެ އިޝާރާތުން ހަނާ އަޅަމުން ގެންދިޔައެވެ. އަހަރެންގެ ލޮލުގައި ވަނީ ކަރުނައެވެ. އިރު ކޮޅަކުން މީހުން ވަކި ނުވާ ހިސާބަށް ދެވިއްޖެއެވެ. ރުއްތަކާއި ބޮޑެތި ނިކަގަސްތައް ވެސް އެކުވަމުން ގެއްލެމުން ދާން ފަށައިފިއެވެ. މަޑުމަޑުން ބައްތެލީގެ ހިޔާގަނޑަށް ވަދެ އޮށޯތީމެވެ. ބޮޑުބެ އަހަރެންނާ ދުރަކަށް ނުދެއެވެ. ބައްތެލީގެ ހިޔާގަނޑު ހަދާފައި ހުރީ ފަނުންނެވެ. އެތެރޭގައި މަޅު އަޅާ ސާންތި އަޅާފައި އޮތެވެ. އަހަރެންގެ ތަންމަތީގައި ބޯ އަޅާލައިގެން އޮތީމެވެ. ރަށުގެ މަންޒަރުތައް ހިތަށް ސިފަވަމުން ދިޔައެވެ.

މި ބައްތެލީގައި މާލެދާ އިތުރު މީހުން ވެސް ތިއްބެވެ. ވަރަށް ބައި ހެވެއެވެ. އަންހެނުންނާއި ކުޑަކުދިން ވެސް ތިއްބެވެ. އަހަރެންނާ އެއް ފުރައިގެ ދެ ކުއްޖަކު ވެސް ވަރަށް ގާތުގައި އިނެވެ. އެއީ ދުރުތާ ތިމާގެ ދެ ކުދިންނެވެ.

އިރު އޮއްސުނު ފަހުން ކުޑަކޮށް ގަދަ ވިއެވެ. ރޭގަނޑުގެ ހަނދުވަރު އަލީގައި ދުއްވަން ނުކުތުމުގެ ކުރިން ކޮންމެ ވެސް ރަށެއްގެ ނިވަލުގައި އޮޑި އަޅާފައި އޮތެވެ. ކައި ނިމުނު ފަހުން ދުއްވަން ފަށައިފިއެވެ. އަހަރެން ވެސް ނިދައި ފީމެވެ.

މާލެ ލެފުމާއެކު ބޮޑުބެ އަހަރެން އޮޑީން ބާލަން އުޅެނީއެވެ. އަހަރެން އޮޑިން ނުފައިބަން ގަދަ ހަދަނީއެވެ. ރޮއި އާދޭސް ކުރަނީ އެނބުރި ރަށަށް ދިޔުމަށެވެ. މަންމަ ކައިރިއަށް ދާން ބޭނުން ކަމަށް ބުނެ އަޑުން އަޑުނަގާ ރޮނީއެވެ. ގަދަ ވެސް ހަދަނީއެވެ. ބޮޑުބެ ދެމުން ދިޔަ ނަސޭހަތުގެ އަޑެއް ނީވެއެވެ. މީހަކު ގޮވާ އަޑަށް ކުއްލިއަކަށް ހޭލެވުނީއެވެ. އޭރު ކައިރީގައި އިނީ ބޮޑުބެއެވެ. ރޮނީ ކީއްވެތޯ ސުވާލު ކުރިއެވެ. އަހަރެން އަދިވެސް އޮތީ އޮޑީގައެވެ. އޮޑި ހަރުކޮށް ދުވާކަން އިހުސާސް ވީ ރާޅާ ޖަހާތީއެވެ. އަހަރެން ކަމެއް ނުވެއޭ ބުނީމެވެ. ބާލީސް އޮތީ ހިއްލާފައިވާ ދަލާއި ކަރުނައިން ތެމިފައެވެ. އޭރުވެސް ގިސްލާ ރޮވެއެވެ. ކަރުނަތައް މަޑުމަޑުން ފައިބަނީއެވެ. ފެނުނު ހުވަފެނުގެ ހަނދާން އާވަނީއެވެ. މަންމަ މަތިން މާ ބޮޑަށް ހަނދާން ވެއެވެ.

މާލޭގައި ހުންނަން ހަމަޖެހުނުގޭގައި އަހަރެން ތެލި ދޮންނަން އޮތީމެވެ. އަހަރެންގެ ފިކުރުވަނީ ރަށާ ގުޅިފައެވެ. މި ގޭގައި އަހަރެންނަށް ވަރަށް ގިނަ މަސައްކަތް އޮވެއެވެ. ފުނޑުމެވެ. ގޭތެރެ ސާފު ކުރުމެވެ. ގޯތިތެރެ ކޮންމެ ދުވަހަކު ހެނދުނު ފަތިހާ ކުނި ކެހުމެވެ. ރޮށި ފިހުމެވެ. މަންމަ ވަނީ މި ހުރިހާ ކަމެއް އަހަރެންނަށް ދަސްކޮށްދީފައެވެ. މިއީ ރަށުގައި ކޮންމެ ދުވަހަކު ކުރާންޖެހޭ ކަންކަމެއް ނޫނެވެ. މި ގޭ ދެ ކުދިން ވެސް ވަރަށް ސަކަރާތް ބޮޑެވެ. އަހަރެންނާ ދިމާއަށް ކަނޑިކި ބުރިއޭ ގޮވާ ހަދައެވެ. އެއީ ހެނދުނު ކުނިކަހަން އަހަރެން އޮންނަނީ ކަނޑިކި އަނދެގެން ކަމަށް ވާތީއެވެ. އަދި ދެރަ ކުރަން ވަށްބަހުން މަލާމާތް ވެސް ކުރެއެވެ. އަހަރެން ގަމާރުކަމަށް ވެސް ބުނެއެވެ. އެކަމާ ވަރަށް ދެރަވެއެވެ. އެކަމުގެ ޝަކުވާ މިގޭ ކުދިންގެ މަންމަ ގާތުގައި ކުރެވެއެވެ. އެ ކަމާ އޭނާ މާބޮޑަށް އަޅައިލާތަނެއް ނުފެނެއެވެ. އަހަރެން އޭނާއަށް ކިޔަނީ ދައްތައެވެ.

ކިތަންމެ ރެއަކު ފިލާވަޅު ހަދަން އިންދާ ނިދެއެވެ. އިސްކޫލަށް ވެއްދިއަސް އިސްކޫލުންދޭ ބައެއް ފިލާވަޅު އަހަރެންނަށް ހަދާކަން ނޭނގެއެވެ. ޚާއްސަކޮށް އިނގިރޭސިއާއި ހިސާބެވެ. އެހީތެރިކަން ހޯދަނީ ގޭކައިރީގައި ހުންނަ އަހަރެންނާ އެއް ކިލާހެއްގައި އުޅޭ ކުއްޖެއްގެ ގާތުންނެވެ. އޭނާ ވަރަށް ރަނގަޅެވެ. މާލޭ ކުއްޖަކަސް މިގޭ ކުދިންނާ ހާސްބައި ތަފާތެވެ.
އެއްރޭ އަހަރެންނަށް ހުވަފެނުން މަންމަ ފެނެއެވެ. އަދި އަހަރެންނާ ވަރަށް ކައިރިއަށް އާދެއެވެ. އަދި ހަނާ އަޅަމުން ދުރަށް ދެއެވެ. އަހަރެން މަންމަ ފަހަތުން ދުވަމެވެ. މާނޭވާ ލެވި ވަރުބަލި ވަންދެން ދުވީމެވެ. އެކަމަކު މަންމަ ގެއްލެއެވެ. އެ ރޭ ވެސް އަހަރެންނަށް ހޭލެވުނު އިރު ރޮވެނީއެވެ. ބާލީހުގައި ބާރަށް ބައްދައިލެވުނެވެ. މިހާރު އަހަރެންގެ ގައިގައި ފިރުމާނެ މީހަކު ނެތެވެ. އަހަރެންގެ މަންމަ ވަނީ މާދުރުގައެވެ. ބައްޕައާއި ކޮއްކޮމެން ލޮލުން ނުދެކޭތާ އަހަރު ވެއްޖެއެވެ.

އިސްކޫލު ބަންދު ވެއްޖެއެވެ. މިގޭ މީހުން ޗުއްޓީގައި ކޮންމެ ވެސް ރަށަކަށް ދާ ވާހަކަ އިވިއްޖެއެވެ. އަހަރެންގެ ރަށަށް އަހަރެން ފޮނުވައިދޭތޯ އެދުނީމެވެ. އެ ކަމާއި އެއްބަސްވެ ރަށަށް ފޮނުވައި ދިނެވެ. ރަށަށް ދިޔައިރު މަންމަ އޮތީ ބަލި އެނދުގައެވެ. ނޭނގޭ ޒާތުގެ ބައްޔެއްގެ ޝިކާރައަކަށް ވެފައެވެ. ބައެއް މީހުން ޖުޒާން ބައްޔޭ ވެސް ކިޔައެވެ. މަންމަ އޮންނަނީ މާމަމެން އުޅުނު މުސްކުޅި ގޭގައެވެ. އެ ތަނަށް ވަނުން ހެލްތް ސެންޓަރުން ވަނީ މަނާ ކޮށްފައެވެ. ދުރުގައި ހުރެ ހަނާ އަޅައިލަނީއެވެ. އަދި ބައެއް ވާހަކަ އަހައިލަނީއެވެ. ކާން ގެންދަން ގޮއްސައި ވެސް ކާތަކެތި ބޮޑު އަށި މަތީ ބަހައްޓާފައި އަންނަނީއެވެ. މަންމަގެ ހާލު އެއް ދުވަހުން އަނެއް ދުވަހަށް ދަނީ ދެރަވަމުންނެވެ.

އަހަރެން އެނބުރި މާލެ ނުދާނެ ކަމުގައި މަންމަ ކައިރީ ބުނަމެވެ. މަންމަ އެ ގޮތެއް ގަބޫލެއް ނޫނެވެ. އަހަރެން ކޮންމެ ރެއަކު ނިދާއިރު މަންމަގެ ހާލާ މެދު ރޮއި ހަދަމެވެ. މަންމަ ފަހައިދިން ރީތި ބާލީހުގައި ބާރަށް ބައްދައިގެން އޮންނަނީ ރޮއިލަރޮއިލައެވެ. ކަރުނައިން ބާލީސް ތެމެންދެން ރޮމެވެ.

މަންމަ ކުޅުދުއްފުށްޓަށް ގެންދަން ބައްޕަ މަހަށްދާ ދޯންޏަށް އެރުވި ދުވަހަކީ އަހަރެންނަށް ވަރަށް އަސަރު ކުރި ދުވަހެކެވެ. މަންމަ ދިން ރީތި ބާލީސް މަންމައާ އެކު ފޮނުވުމަށް ޓަކައި މަސްދޯންޏަށް ލީމެވެ. ދޯނި ފުރައިގެން ލޮލުކޮޅަށް އޮބައިލަންދެން އަތިރިމަތީގައި ބަލަން ހުރީމެވެ.

ގެއަށް އައިސް ކޮއްކޮމެންނާއެކު ސައިބޯން އިންދާ ބޮޑުބެ ވަރަށް ހަރުކޮށް އަތުވެއްޖެއެވެ. އަދި މަސްދޯނި އެނބުރި ފަޅަށް ވަންނަ ވާހަކަ ބުނެފިއެވެ. އަހަރެން ވެސް ދުވެފައި އަތިރި މައްޗަށް ދިޔައީމެވެ. މަންމަ ބޭލީ ފަށްޖެހި އެނދެއްގައެވެ. މަންމަގެ ލޯ ވަނީ މެރިފައެވެ. އަހަރެން މަންމަގެ އަތުގައި ހިފައި ތަޅުވައި ހެދީމެވެ. ވަރަށް ގޮވީމެވެ. ހަރަކާތެއް ނެތެވެ. މަންމަ އޮތީ ހަމަ އެ ބާލީހުގައި ރީތިކޮށް ބޯ އަޅައިލައިގެންނެވެ. އެ ބާލީސް ވަނީ މަންމަގެ ކަރުނުން ތެމިފައެވެ. އަހަރެންނާ ވަކިވެގެން މަންމަ އެދިޔައީއެވެ. އެންމެ ފަހު ވަގުތު ވެސް މަންމަ ބޯ އަޅައިގެން އެ އޮތީ އަހަރެންގެ އުފާތަކަކީ ހިތާމަތަކުގެ އެކުވެރި ބާލީހުގައެވެ.

0

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!