ވަކިވެދިޔައީ އަންގާނުލައި…..

 

” އިޔާޝް އެވެ. އަހަންނަށް މަޢާފު ކުރާށެވެ. އަންގާނުލައި އިޔާޝާއި ވަކިވާން ޖެހުނީތީއެވެ. އެއްގޮތަކަށްވެސް ހީނުކުރައްޗެވެ. އަހަރެން އިޔާޝް ދެކެ ލޯބި ނުވާތީއެއް ނޫނެވެ. އެހެނަސް އަހަރެންނަށް އިތުރު ގޮތެއް ނެތެވެ… ފަހަރުގައި ނަމަ އިޔާޝް އަހަރެންގެ މި ސިޓީ ކިޔަން ވެސް ބޭނުން ނުވެދާނެއެވެ. އަހަރެންނަކީ އިޔާޝްގެ ދިރިއުޅުމަށް އައި މައްސަލަ ބޮނޑިއެއްތާއެވެ. މަޢާފު ކުރާށެވެ. އިޔާޝްގެ ދިރިއުޅުމަށް ހުރަސް އެޅުނީތީއެވެ…”

 

އަހަރެން އެ ސިޓީގެ ބައެއް ކިޔާލީމެވެ. ސިޓީ އައިސްފައިވަނީ ކާކުގެ ފަރާތުންކަން އަހަންނަށް ރަނގަޅަށް އެނގުނެވެ. ތެދެކެވެ. އަހަރެން އެ ސިޓީ ކިޔާކަށް ބޭނުމެއް ވެސް ނޫނެވެ. ކެހިވެރިޔެއްގެ ސިޓީއެއް ކިޔާކަށް އަހަރެން ބޭނުމެއް ނޫނެވެ. ނަމަވެސް އެ ސިޓީ އިން އަހަރެންގެ އަތް ދުލެއް ނުކުރެވުނެވެ. އެ ސިޓީ އަހަރެންގެ އަތުގައި ތަތްލާފައި ވާކަހަލައެވެ.

އަހަރެންގެ ސިކުނޑި އެ ސިޓީ އެއްލާލުމަށް އެދުމުން، ރޮމުން އާދޭސް ކުރަމުން ދިޔަ ނަމަވެސް އަހަރެންގެ ހިތް އެކަމަކަށް އިޖާބައެއް ނުދިނެވެ. 4 އަހަރު ފަހުން، އަހަރެންނަށް ދޯކާދީ، އަހަރެންގެ ހިތުގެ ހަމަޖެހުން ނަގާލި ސާހިބާގެ ފަރާތުން ސިޓީއެއް ލިބުމުން ކަމަށް ވެސް ވެދާނެއެވެ.

 

“… އިޔާޝް އެވެ. އިޔާޝްގާތު އަހަރެންގެ މަންމަ ބުނީ ތެދެކެވެ. އަހަރެން އިޔާޝާއި ރައްޓެހިވީ ލޯބިވެގެނެއް ނޫނެވެ. އަހަރެމެންގެ ދެމެދުގައި ކައިވެނީގެ ގޮށް ޖެހިގެން ދިޔައިރުވެސް އަހަރެންގެ ހިތުގައި އިޔާޝާމެދު އެފަދަ އެއްވެސް އިޙުސާސެއް ނެތެވެ.. އަހަރެން އިޔާޝާއި ކައިވެނި ކުރީ ހަނާގެ މައްޗަށް ބަދަލު ހިފުމުގެ ނިޔަތުގައި ކަން އިޔާޝަށް މިހާރު އޮތީ އެނގިފައި ނޫން ހެއްޔެވެ؟ ނަމަވެސް އިޔާޝަށް ހުރިހާ ހަޤީޤަތެއް ނޭނގެއެވެ…

އިޔާޝް ގާތު މަންމަ ހެދީ ދޮގެވެ. ހުސް ދޮގެވެ. އަހަރެން އިޔާޝްގެ ކިބައިން ބަދަލު ހިފަން އުޅުނީ ބޭނުން ވެގެނެއް ނޫނެވެ. އަހަރެންގެ މައްޗަށް މަންމަ މަޖުބޫރު ކުރީއެވެ. އަހަރެންނާއި މަންމަ އާއި ދެމެދު އޮތް ގުޅުން އުމުރަށް ކަނޑާލާނެ ކަމަށް ބުނުމުނެވެ. ހަނާ އަކީ އަހަރެންގެ ދައްތައެވެ. އެއްމާބަނޑު ދައްތައެވެ. އަހަރެން އޭރު ލޯބި ވަނީ އިނާސް ދެކެއެވެ. އާއެކެވެ. އިޔާޝްގެ ކޮއްކޮ ދެކެއެވެ…”

އަހަރެންގެ ދެއަތް މުށްކެވިގެން ދިޔައެވެ. އަހަރެންގެ ކޮއްކޮގެ ވާހަކަ އޭނާ މީގެ ތެރެއަށް ވައްދަން ޖެހޭހެއްޔެވެ؟ އަހަރެންގެ ކޮއްކޮ މި ދުނިޔެ ދޫކުރީ އެ ނުލަފާ އަންހެނާގެ ސަބަބުނެވެ.

 

“އަހަރެންނާއި އިނާސާއި ދިމާވީ އިޔާޝާއި ހަނާ ކައިވެނި ކުރި ރޭ އެ ޕާޓީގައެވެ. އެރެއިން އެރެއަށް ދެމީހުން އެކުވެރިންނަށް ވީއެވެ. އެރޭ ޕާޓީ ނިމުމުގެ ކުރިން އަހަރެން ކުއްލިގޮތަކަށް ލަންކާއަށް ފުރަން ޖެހުނެވެ. އިޔާޝާއި އަހަރެންނާއި ބައްދަލު ނުވީ އެހެންވެއެވެ. އަހަރެން ލަންކާއިން ފުރީ ޖަރުމަނަށެވެ. އެތާގައި އުޅެނިކޮށް 2 އަހަރު ވީތަނާ ވިހުމުގެ ތެރޭގައި ހަނާ މިދުނިޔެ ދޫކުރި ހަބަރު އަހަރެންނާއި ހަމައަށް ފޯރިއެވެ..

އަހަރެންނަށް ލިބުނީ ހާޓް އެޓޭކްއެކެވެ. އެއްމާބަނޑު ދައްތަ އަހަރެން ދޫކޮށްފައި ދިޔައީތީއެވެ. އަހަރެމެން ދެމީހުން އެހާ ކްލޯޒްއެއް ނުވާނެއެވެ. ހަނާ ބަނޑުބޮޑު ވާހަކަ އަހަރެން ގާތު ނުބުނީ އެހެންވެ ކަމަށްވެސް ވެދާނެއެވެ. ނަމަވެސް އަހަރެން ހަނާދެކެ ވަރަށް ލޯބިވެއެވެ. އެއީ މަންމަގެ އިތުރުން ދެން މިދުނިޔޭގައި ހުރި ހަމައެކަނި އާއިލާ މެންބަރެވެ.

އަހަރެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި 2 ދުވަސް ވަން ދެން ބޭއްވިއެވެ. އަހަރެން ދޫކޮށްލުމާއި އެކު އެންމެ ފުރަތަމަ ވެސް ފުރައިގެން އައީ ރާއްޖެއަށެވެ. ރަށަށެވެ. އޭރު ދައްތަގެ ކަށުކަމާކެމީގެ ކަންތައް ވެސް ނިމިއްޖެއެވެ. އަހަރެން އެންމެ ދެރަވީ ފަހު ވަގުތު ވެސް ދައްތަގެ މޫނު ދެކިލުމުގެ ފުރުޞަތު ނުލިބުމުންނެވެ..

އަހަރެންނާއި އިނާސާއި ދެން ދިމާވީ އެރޭ އަހަރެން ރަސްފަންނުގައި އެކަނި އިންދައެވެ. އަހަރެމެން ދެމީހުން ވާހަކަ ދައްކާލުމުން އެނގުނީ ހަނާގެ ދަރިފުޅު ޔާޝާ ތިގޭގައި ވީކަމެވެ. އެހެންކަމުން އަހަރެން އެ ތުއްތުކުއްޖާ ދެކިލަން ބޭނުންވާ ކަމަށް ބުނީމެވެ. އިނާސާއި އެކު އަހަރެން އެގެއަށް ދިޔައީ އެއީ ފުރަތަމަ ފަހަރަށެވެ… ޔާޝާ ދެކިލާށެވެ.

އޭގެ ފަހުން ވެސް އަހަރެއް ވީއިރު ވެސް އަހަރެން އަނބުރާ ޖަރުމަނަކަށް ނުދަމެވެ. އޭރު އަހަރެންގެ ހިތުގައި އިނާސަށްޓަކައި ލޯބި އުފެދިއްޖެއެވެ.”

 

“އެގޮތަށް ދުވަސްތައް ދަނިކޮށް އެއްރެއެވެ. އަހަރެންގެ މަންމަ އައިސް އަހަރެން ގާތު ޔާޝާ މިގެއަށް ބަދަލު ކުރަން ޖެހޭކަމަށް ބުންޏެވެ. ހަނާ މަރާލީ އިޔާޝް ކަމަށް ބުންޏެވެ. އަހަރެން އެކަމާ ދެބަސްވީމެވެ. އިޔާޝް އެކަހަލަ ކަމެއް ނުކުރާނެ ކަމަށް ބުނީމެވެ. އަދި ޔާޝާގެ އުފަން ބައްޕައަކީ އިޔާޝް ކަމަށް ވާހިނދު އެ ކުއްޖާ ހުންނަން ވާނީ އޭނާގެ އަސްލު ބަލަދުވެރިޔާ ގާތުގައި ކަމުގައި ބުނީމެވެ. މަންމަ ގޮތްދުލެއް ނުކުރިއެވެ.

އަހަރެންގެ ޢުމުރުގައި ވެސް ފުރަތަމަ ފަހަރަށް މަންމަ އަތް އިސްކުރި ފަހަރަކީ އެއެވެ. އަހަރެންގެ ކޯތާފަތް މައްޗަށް މަންމަގެ ހޫނު ޙަމަލާ އައުމާއި އެކު އަހަރެން ދުވެފައި ގޮސް ކޮޓަރިއަށް ވަދެ ތަޅުލީމެވެ. އަދި އެތަކެއް އިރެއް ވަންދެން ރޯން އޮތީމެވެ.

އަހަރެން އެންމެ ތުއްތު އިރުއްސުރެ މަންމަ އާއި ބައްޕަ އަހަރެންނަށް ބަރުބަހެއް ވެސް ނުބުނާނެއެވެ. އަބަދުވެސް ބަލަނީ އުފަލުގައި ގެންގުޅެވޭތޯއެވެ. ނުރޮއްވޭތޯއެވެ. ހިތުގައި ނުޖެއްސޭތޯއެވެ. އަހަރެން މުޅިން ވެސް ހީކުރީ އެއީ އަހަރެން ފަސޭހައިން ދެރަވެ ރޮވޭތީ ކަމަށެވެ.

އެރޭ އަހަރެން އަނބުރައި ގަނެގެން ހޮސްޕިޓަލަށް ގެންދެވުނެވެ. އެޑްމިޓްކޮށްފައި ހޭއެރުމުން ދޫކޮށްލިއެވެ. އަހަރެންނަށް ޙަޤީގަތް އެނގުނީ އެހިސާބުންނެވެ. އަހަރެން އުފަންވީއްސުރެ ހިތުގައި ލޯވަޅެއް އިންނަކަމެވެ. އެހެންކަމުން އަހަރެންގެ ހިތުގެ މައްސަލަ ހުރެއެވެ. ކަމެއް ވާއިރަށް ރޮވުމާއި، ފަސޭހައިން ހިތުގައި ޖެހި، ކަންކަން ވަނީ އެހެންވެގެން ކަން އެނގުނެވެ.

އަހަރެން ހީކުރީ އެރެއަށްފަހު މަންމަ އެ މަޢުޟޫއަށް ދެން ވާހަކަ ނުދައްކާނެ ކަމަށެވެ. ނަމަވެސް އަހަރެން ހަމައަކަށް އެޅުމާއިއެކު މަންމަ އަނެއްކާވެސް އެވާހަކަ ފެށިއެވެ. މިފަހަރު ވެސް އަހަރެން އިންކާރު ކުރުމުން މަންމަގެ ޙަމަލާތަކާއި ކުރިމަތި ލާން ޖެހުނެވެ. އެންމެފަހުން މަންމަ އަހަރެން ގާތުން އެދުނީ އިޔާޝާއި އިނުމަށެވެ. އަހަރެން ދެކޮޅު ހެދީމެވެ. އަދި އަހަރެން ލޯބިވަނީ އެހެން މީހަކު ދެކެ ކަމަށް ބުނީމެވެ. ނަމަވެސް މަންމަ އަޑެއްނޭހިއެވެ. އެންމެ ކުޑަ މިނުން އަހަރެން ލޯބިވަނީ ކާކުތޯ ވެސް ނާހައެވެ. ކާކުކަން ބުނިޔަކަ ވެސް ނުދިނެވެ.” އަހަރެންގެ ދެބުމަ ގޮށް ޖެހުނެވެ.

 

“އަހަރެން އެކަން ނުކޮށްފިއްޔާ އަހަރެންނަކީ މަންމަގެ ދަރިއެއް ނޫން ކަމަށް ބުނުމުން އަހަރެންގެ ހިތް އެއްކޮށް ހަލާކުވިއެވެ. އަހަރެންނަށް ލިބުނު 3 ވަނަ ހާޓް އެޓޭކްއަކީ އެއެވެ. މިފަހަރު އަހަރެން އެޑްމިޓްކޮށްފައި 3 ދުވަސް ވަންދެން ބޭއްވިއެވެ. ޑޮކްޓަރ އަހަރެން ހިތުގައި ޖެހޭނެ ފަދަ އެއްވެސް ކަމެއް ނުކުރުމަށް ތަކުރާރުކޮށް މަންމަ ގާތު އެދުނެވެ.

މަންމަ އެކަން ކަމަށް އެއްބަސްވި ނަމަވެސް ޑޮކްޓަރ ނިކުތުމާއި އެކު އެންމެ ފުރަތަމަ ވެސް އެވާހަކަ ފެށިއެވެ. އެންމެފަހުން އިތުރު ގޮތެއް ނެތުމުން އަހަރެން އެއްބަސްވީމެވެ. އަދި މަންމަ އަހަރެންނަށް އަމުރު ކުރީ ލޯބިވާ ކުއްޖާ އާއި ދެން ބައްދަލު ނުކުރުމަށެވެ. އަހަރެން ބަދަލުގައި އެދުނީ ހަމައެކަނި އެދުވަހަށް އަހަރެން އޭނާ އާއި ބައްދަލު ކުރުމަށް ހުއްދަ ދިނުމަށެވެ. އަދި އެދުވަހަށް ފަހު ދުވަހަކުވެސް ބައްދަލު ނުކުރާނެ ކަމަށް ވަޢުދު ވީމެވެ.

އެދުވަހު އަހަރެން އިނާސާއި ބައްދަލު ކުރަން ދިޔައީމެވެ. ނަމަވެސް އަހަރެންނަށް ދެންވެސް ލިބުނީ ވޭނެވެ. އިނާސް އައީ އަންހެން ކުއްޖަކު ގޮވައިގެނެވެ. އަދި ބުނީ އެއީ އޭނާ އިންނަން އުޅޭ ކުއްޖާ ކަމަށެވެ. އަހަރެން އަމިއްލަ ނަފްސަށް ހިތާމަ ކުރާ ޙާލު އިނާސަށާއި ޖީނާއަށް ޓަކައި އުފާކުރީމެވެ..

 

އޭގެ ފަހުން އަހަރެން އިނާސާއި ވާހަކަ ދެއްކުން ހުއްޓައިލީމެވެ. އަދި ގިނަގިނައިން އިނާސް ނޫޅޭ ގަނޑިތަކުގައި ތިގެއަށް ދާން ފެށީމެވެ. ޙާއްޞަކޮށް އިޔާޝް އުޅޭނެ ގަނޑިތައް ބަލައިގެނެވެ. އިޔާޝް އަހަރެންދެކެ ލޯބިވާން ނެގީ ދޮޅު އަހަރެވެ. އިޔާޝް އަހަރެން ދެކެ ވީ ތެދުވެރި ލޯތްބެވެ. އެވަރުން ވެސް އަހަރެންގެ ހިތުން އިނާސްގެ ނަން ފޮހެވިގެން ނުދިޔައެވެ.

އަހަރެންގެ ޙަޔާތުގައި ދެން އައި އެންމެ ހިތާމަވެރި ދުވަހަކީ އަހަރެމެން ދެމީހުން ކައިވެނި ކުރި ދުވަހެވެ. އެދުވަހު އަހަރެމެންނާއި އެއްކޮށް އިނާސްވެސް ޖީނާ އާއި ކައިވެނި ކުރީއެވެ… ނަމަވެސް އަހަރެން ހިތާމަ ކުރާކަން މޫނުމައްޗަކުން ނުދައްކަމެވެ. އޭރު އަހަރެންނަށް އަމިއްލަ އިޙުސާސްތައް ސިއްރު ކުރުމަކީ މާ އުނދަގޫ ކަމެއް ނޫނެވެ.. އެއީ އަހަރެންނަށް އާދަވެފައިވާ ކަމެކެވެ.

އަހަރެން ޔާޝާ އާއި މެދު ދެކުނީ އަމިއްލަ ދަރިއެއް ފަދައިންނެވެ. އަދި އިޔާޝް ދެކެ ލޯބި ނުވި ނަމަވެސް އަންބެއްގެ ހައިސިއްޔަތުން ކޮށްދޭން ޖެހޭ އެއްވެސް ޚިދުމަތެއް އުންޏެއް ނުކުރަމެވެ. އަހަރެންގެ ހިތުގައި އިޔާޝާއި ދޭތެރޭ ވީ ހަމްދަރުދީއެވެ. އަމިއްލަ ނަފްސާ، މަންމަ އާއި، ޖީނާ އަދި އިނާސާއި ދޭތެރޭގައި ވީ ޝަކުވާއެވެ.

 

އަހަރެންގެ ހިތުގައި އިޔާޝާއި ދޭތެރޭ ލޯބި އުފެދެން ފެށީ އޭގެ އަދި އަހަރެއް ވަރު ފަހުންނެވެ. އޭރު އަހަރެން އުޅުނީ ފުދޭވަރަކަށް ބަލިކޮށެވެ. އަހަރެން އެވާހަކަ އެއްވެސް މީހަކު ގާތު ނުބުނަމެވެ. އަހަރެންގެ ނޭވާ މާ އަވަސް އަވަހަށް ކުރުވެ، ވައަތްފަރާތު މެޔާ ދިމާއަށް ތަދު އަރާ ކަމެއް އެއްވެސް މީހަކަށް ނޭނގޭނެއެވެ… އަހަރެން ވެސް މާބޮޑު ފަރުވާލެއް ނުބަހައްޓަމެވެ..

އެގޮތުގައި ދުވަސްތައް ދަނިކޮށް އަހަރެންގެ މަންމަ އަނެއްކާވެސް އަހަރެންނާއި ވާހަކަ ދެއްކިއެވެ. މަންމަ އެދުނީ އަހަރެން އިޔާޝްގާތުން ވަރިވުމަށެވެ. ކީއްވެތޯ ސުވާލު ކުރުމުން މަންމަގެ ޖަވާބަކަށް ވީ އިޔާޝްގެ ހިތުގައި ޖެއްސުން ކަމަށެވެ. އަހަރެން މިފަހަރު އެއްބަހެއް ނުވަމެވެ.

މަންމަ އެތަކެއް އިންޒާރު ދިނުމުން ވެސް އަހަރެން ދެކޮޅު ހެދީމެވެ. އެއީ އަހަރެން އިޔާޝް އާއި ޔާއްކޮ ދޫކޮށް ދާން ހިތް ނޭދޭތީއެވެ.. އެވަރު ކަމެއް ކުރާނެ ހިތްވަރެއް އަހަރެންގެ ގަޔަކު ނެތެވެ. އަހަރެންގެ އާއިލާ ދޫކޮށް ދާން ވެއްޖެނަމަ އަހަރެން މޮޔަ ވެދާނެއެވެ..

އެއާ ޖެހިގެން އައި ދުވަހު ގޭގައި ތިބީ އަހަރެންނާއި އިނާސާއި، ޖީނާ އަދި ޔާޝާ އެކަންޏެވެ. އަހަރެން މެޔަށް ތަދުވާތީ އުޅޭކަން އެންމެ ފުރަތަމަ ފާހަގަ ކުރެވުނީ ޖީނާއަށެވެ. ޖީނާ ގޮސް އެވާހަކަ ބުނީ އިނާސް ގާތުގައެވެ. އެހެންކަމުން އެދެމީހުން ކިޔާވަރުން އަހަރެން ޑޮކްޓަރަށް ދައްކަން ދާން ނިންމީމެވެ. އެމީހުން ވެސް އަހަރެންނާއި އެކު އައެވެ. ކާރުގައި އެންމެން ދިޔައީ ސަކަރާތްޖެހަމުންނެވެ. ޖީނާ ބަނޑުބޮޑު ކަން އެނގުމުން އަހަރެން ވެސް ވަރަށް އުފާވިއެވެ.

 

ވީގޮތް މާބޮޑަށް އަހަރެންގެ ހަނދާނަކު ނުހުރެއެވެ. އަހަރެން ހަނދާން ހުންނަނީ އިނާސް ހަޅޭއްލަވައި ގަންނަމުން ކާރު ވަރަށް ބާރަށް އަނބުރާލި ކަމެވެ. ދެން އިވުނީ އެންމެންގެ ހަޅޭކާއި، ޔާޝާގެ ވޭނީ ރުއިމުގެ އަޑެވެ. އަހަރެންނަށް ވާނުވާ ރޭކާނުލަނީސް އަހަރެންގެ ބޮލަށާއި މެޔަށް ބާރު ތަދެއް އެރިކަން ހަނދާންވެއެވެ.

އަހަރެންނަށް ހޭލެވުނު އިރު އޮއެވުނީ ހޮސްޕިޓަލެއްގައެވެ. އަހަރެން އެންމެ ފުރަތަމަ ވެސް ހޯދަން ފެށީ ޔާޝާއެވެ. ނަމަވެސް އެ ރޫމްގައި އޮތީ އަހަރެން އެކަންޏެވެ. ކައިރީގައި މަންމަ އިނެވެ. މަންމަގެ ތުންފަތްމަތީގައި ވިހަ ހިނިތުންވުމެއް ވިއެވެ. އަހަރެންނަށް ވާނުވާ އެނގުނީ އެހިސާބުންނެވެ. އަހަރެން ރޯން ފެށީމެވެ. މަންމައާއި ދިމާއަށް ހަޅޭއްވެސް ލެވުނެވެ. ޝައްކު ޔަގީން ކުރަން ސުވާލު ވެސް ކުރީމެވެ. ޖީނާމެން ކޮބައިތޯ ވެސް ސުވާލު ކުރީމެވެ.

މަންމަގެ ޖަވާބުން އަހަރެންގެ ހިތް ކުދިކުދި ވިއެވެ. ޔާޝާ މި ދުނިޔެއާ އަލްވަދާޢު ކިޔައިފިއެވެ. އިނާސާއި، ޖީނާގެ ބަނޑުގައި ވާ ތުއްތު ދަރިފުޅު ވެހެވެ. ސަލާމްވީ ހަމައެކަނި އަހަރެންނާއި، ޖީނާއެވެ. އަދި ޖީނާގެ ސިކުނޑިއަށް ލޭ އެޅުމުގެ ސަބަބުން ވަރަށް ހާލު ދެރަކަމެވެ. އެ އެކްސިޑެންޓަކީ މަންމަ ލާރިދީގެން މީހަކު ލައްވާ ކުރުވި ކަމެއް ކަމަށް ވެސް އެއްބަސްވިއެވެ.

 

އަދި އަހަރެން އޭރު އޮތީ އިނގިރޭސި ވިލާތުގެ ހޮސްޕިޓަލެއްގައި ކަމަށް ވެސް ބުންޏެވެ. އަހަރެން ރާއްޖެއިން އެތަނަށް ގެނައީ ކީއްވެތޯ ސުވާލު ކުރީމެވެ. މަންމަ ބުނީ އެއީ އަހަރެން އެ އެކްސިޑެންޓުން ފިލުމުން އިޔާޝަށް ހީވާނީ މިއީ އަހަރެންގެ ރޭވުމެއް ކަމަށެވެ. އަދި މަންމަ އިޔާޝް ގާތު އަހަރެން އިޔާޝާއި ކައިވެނި ކުރީ ލޯބިވެގެން ނޫން ކަމަށް ވެސް ބުނީ އަހަރެން އިތުރަށް ބައްދަން ވެގެނެވެ. އޭރުން އަހަރެން ފިލައިގެން ދިޔައީ ސަލާމަތްވާން ކަމަށް ހީވާނެ ކަމަށެވެ. އަދި އަހަރެން އެހާ ބޮޑު ދޯކާއެއް ދިނުމުން އިޔާޝްގެ ހިތުގައި އަހަރެންނާއި މެދު ނަފްރަތު އުފެދޭނެ ކަމަށް ބުންޏެވެ.

އަހަރެން ހިތަށް އެންމެ އަސަރު ކުރީ އަދި އެވާހަކަ އަކުން ނޫނެވެ. އަހަރެންގެ ޑޮކްޓަރ އައިސް އަހަރެންގެ އަތަށް ދިން ލިޔުންތަކުގެ ސަބަބުންނެވެ. އޭގައި ބުނާގޮތުން އަހަރެން ވަނީ އެބޯޝަން ހަދާފައެވެ.”

 

އަހަރެންގެ ދެލޯ ބޮޑުވިއެވެ. ދެލޯ ފެންކަޅިވީ ހިނދުކޮޅެއްގެ ތެރޭގައެވެ.

 

“އަހަރެން އިނީ ބަލިވެކަމެއް އަހަރެންނަކަށް ކުރިއަކުން ނޭނގެއެވެ. އެހެންނަމަވެސް އޭރު ވަގުތު އޮތީ ފާއިތުވެފައިއެވެ. މަންމަ ލާރި ދީގެން އެހާ ވިޔާނުދާ ޢަމަލެއް ހިންގާނެ ކަމަކަށް އަހަރެން ދުވަހެއްގެ ކޮޅުން ވެސް ހިއެއް ނުކުރަމެވެ. އަހަރެން ރަނގަޅަށް ވެސް މޮޔަވާވަރު ވިއެވެ. އަހަރެން ރޮއެ ރޮއެ ގޮސް ހަލާކު ނުވީ ކިރިޔާއެވެ. އެންމެފަހުން އަހަރެން އަނބުރައިގަނެ، ކޮމާއަކަށް ދާން ޖެހުނެވެ. އަހަރެން ހޭ އެރީ އޭގެ ހަފްތާއެއްވަރު ފަހުންނެވެ.”

ކިޔަމުން ދިޔަ ވަރަކަށް އަހަރެންގެ އަތްފައި ތުރުތުރު އަޅަމުން ދިޔައެވެ.

އަހަރެންގެ ހިތުގައި ސުވާލުތައް ފުނިޖެހެމުން ދިޔައެވެ. އަހަރެންގެ އަނާތު މިހާރު ކޮބައިބާވައެވެ؟ އަދިވެސް ހުރީ އެ އަނިޔާވެރި އަނީސާގެ ގާތުގައި ބާވައެވެ؟ 4 އަހަރު ވީއިރުވެސް އަހަރެންނަށް މިކަންކަން އަންގާނުލީ ކީއްވެ ބާވައެވެ؟

 

“އިޔާޝެވެ. އެދުވަހު އަހަރެން މަންމަ ގާތު އުޅެން ޖެހިލުންވިއެވެ. ބިރުގަތީއެވެ. އަހަރެން ބަނޑުއަޅައި ވިހޭ މައިމީހާ އާއި މެދު އޮތް އިތުބާރު ގެއްލުނީއެވެ. އެހެންކަމުން އަހަރެން ހޮސްޕިޓަލުން ފިލީއެވެ. އަތުގައި އެއްވެސް ލާރިއެއްނެތި އުޅެން ޖެހުނީ ބީރައްޓެހި ގައުމެއްގައި މަގުމަތީގައެވެ. ރޭގަނޑު ވުމުން ނިދަނީ ގޭގޭގެ ފެންޑާގައެވެ. އެއޮށް ގަދަ ފިނީގައި ކެތްނުކުރެވޭ ދުވަސްތައް ވެސް އާދެއެވެ.

އެއްބައި ދުވަސް ދުވަހު ކާނެ އެއްޗެއް ލިބުނިއްޔާ ދެން ލިބޭނީ ވަރަށް ހާލުންނެވެ. އަހަރެން މީހުނަށް ގުލާނު ކުރަން ފެށީ އެހިސާބުންނެވެ. އެއިން މީހެއްގެ ހިތުގައި ހަމްދަރުދީގެ ކަން ފުޅެއް ވެސް ނުވެއެވެ. އަހަރެންނެކޭ އޮޔާދާ ލަކުޑިގަނޑެކޭ އެއްވަރެވެ. މަގުމައްޗަށް އުކާފައި ހުންނަ ކުންޏެކޭ ތަފާތެއް ނެތެވެ.” އަހަރެންނަށް ދިޔައީ ރޮވެމުންނެވެ. އަހަރެންގެ އަނބިމީހާ އުޅޭ ހާލު އެނގިފައި އަހަރެންގެ ކެތްތެރިކަން ކޮޅުން ލައިގެން ދިޔައީއެވެ.

“އަހަރެންގެ އަތުގައި ނަސީބު ހިފީ އޭގެ 3 ވަރަކަށް އަހަރު ފަހުންނެވެ. އަހަރެންނާއި އެމީލިއާ އާއި ދިމާވީއެވެ. އޭނާ އަކީ 52 އަހަރުގެ ވަރަށް މަޝްހޫރު ބިޒްނަސް މީހެކެވެ. އޭނާ އަހަރެންނަށް އެހީ ވެދިނެވެ. އަހަރެންނަށް އޭނާގެ ޕީއޭގެ މަގާމު ދިނެވެ. އަހަރެން ލާރި އެއްކުރީ ރާއްޖެ އަންނާށެވެ. އޭނާ އަހަރެންނަށް އޭނާގެ ހަރަދުން ވެސް އެހީވެދެންވެސް އުޅުނެވެ. އެކަމަކު އަހަރެން އެގޮތް ބޭނުން ނުވީއެވެ.

އެހެން އުޅެނިކޮށް އަހަރެން ވަރަށް ބޮޑަށް ބަލިވީއެވެ. ނޭވާ ނުލެވިގެން 4 ވަރަކަށް ފަހަރު ހޮސްޕިޓަލުގައި އެޑްމިޓް ވެސް ކުރިއެވެ. ގިނައިން ހުން އައިސް، އަބަދު ބަލިވާން ފެށިއެވެ. މާގަދައަށް ކެއްސާއި، އަނގައިން ލޭ އަންނަން ވެސް ފެށިއެވެ. އަހަރެން ހުރީ ހިތުގެ ކެންސަރުގެ އެންމެ ފަހު ސްޓޭޖްގައި ކަން އެނގުނީ އޭގެ ފަހުންނެވެ. އެއީ ހަމަ އެއްޔެއެވެ. އަހަރެން މި ސިޓީ މި ލިޔުނީ އަހަރެން އިޔާޝާއި ދެން ބައްދަލު ނުވެ ދުނިޔެއާއި ވަކި ވާން ޖެހިދާނެ ކަމުގެ ބިރު ހީވާތީއެވެ.

އިޔާޝަށް މި ސިޓީ އެމީލިއާ ފޯރުކޮށް ދީފި ނަމަ މާނައަކީ އަހަރެން މިދުނިޔެއަށް އަލްވަދާޢު ކިޔައިފިއެވެ. އަހަރެންނަށް މަޢާފު ކުރާށެވެ. އަހަރެންގެ ހިތަށް ހަމަޖެހުމެއް ލިބޭނީ އޭރުނެވެ. އަހަރެންގެ ހިތުގެ އެންމެ ފުނުން އަހަރެން އިޔާޝް ދެކެ ލޯބިވަމެވެ. އަހަރެންގެ ހިތުގައި ބިންވަޅު ނެގިފައިވަނީ ހަމައެކަނި ތި ސޫރައެވެ. ވަރަށް ވަރަށް ލޯބިވެއެވެ. އަހަރެން އިޔާޝާއި ދޭތެރޭގައި އެއްވެސް ވަރަކަށް ހިތް ބުރައެއް ނުކުރަމެވެ. އަދިވެސް އެއްފަހަރު އަހަރެން އެދެމެވެ. އަހަރެންނަށް މަޢާފު ކުރާށެވެ. އަންގާނުލައި ވަކިވާން ޖެހުނީތީއެވެ.. މަޢާފު ކުރާށެވެ. އަހަރެންނަށްޓަކައި ހެޔޮދުޢާ ކޮށްދޭށެވެ.

11 މަރޗް 2021
އަނާތު.”

 

އަހަރެންގެ އަތުން ސިޓީ ދޫވިއެވެ. ހުރި ތަނަށް ތިރި ވެވުނީ އަހަރެން މިއޮތް ހުރިހާ އަހަރުތަކެއްގައި ކުށްވެރިކުރީ އަނާތު ކަމަށްވާތީއެވެ. އަހަރެންނަށް ނޭނގޭ ގޮތަށް އަނާތު ހާދަހައިވާ ވޭނެއް ތަޙައްމަލު ކޮށްފިއެވެ. ހާދަހާ ގުރުބާނީއެއް ވެއްޖެއެވެ.

އަހަރެންނަށް އަނާތު ހޯދަން މަސައްކަތް ކުރެވުނު ނަމައެވެ. ނަމަވެސް މިއަދު ވަގުތު ފާއިތުވެއްޖެއެވެ. ކުށެއް ނެތް އަހަރެންގެ އަނބިމީހާގެ ބޮލުގައި ކުށެއް އެޅުވުނީތީ ހުދު އަހަރެން ވެސް ކުށްވެރި ވެއްޖެއެވެ. ފަހު ފަހަރަށް ވެސް ބައްދަލު ނުވެ އަބަދުގެ އަބަދަށް ވަކިވެދިޔައީއެވެ. އަހަރެން އެކަނިމާއެކަނި އިންސާފެއް ނެތް މި އަނިޔާވެރި ދުނިޔެއަށް ދޫކޮށްލާފައެވެ. އަންގާވެސް ނުލައެވެ…

 

އަހަރެންގެ ކޮނޑުގައި އެ މުސްކުޅި އަންހެންމީހާ، އެމީލިއާ އަތް ބާއްވާލިއެވެ. “ޑޯންޓް ކްރައި. ޝީ ރިއަލީ ލަވްޑް ޔޫ. ހާ ލާސްޓް ވިޝް ވޯޒް ފޯ ޔޫ ޓު މޫވް އޮން، ސްޓާޓް އޯވާ.. ޝީ ޕާސްޑް އަވޭ 2 ވީކްސް އެގޯ. އޮން 5ތު އޭޕްރިލް.”

 

އަހަރެން އެ އަންހެން މީހާ އާއި ދިމާއަށް އިސް އުފުލައި ބަލައިލީމެވެ. އަދި ބޯ ޖަހާލީމެވެ. “ތޭންކްސް ފޯ ބީއިން ދެއާ ފޯ މައި ވައިފް.” ހިނިތުންވެލަމުން އެ އަންހެންމީހާ ވެލްކަމް އޭ ބުނެލިއެވެ. “ޝީ ވޯޒް އެ ސްވީޓް ގާލް ވިތު އެ ބިގް ހާޓް.” އަދި އަހަރެންގެ ގެއިން ނިކުމެގެން ދިޔައެވެ.

އަހަރެންނަށް އަނެއްކާވެސް ރޮވުނެވެ. އަހަރެންގެ އަނާތު އަހަރެން ދޫކޮށްފައި ދިޔަކަން ގަބޫލުކުރަން ހާދަހައިވާ ދައްޗެވެ. އަހަރެންގެ އަތުން ބީވެގެން ދިޔައީ ނުވެސް ދެނެހުއްޓައެވެ.

ވަކިވެ ދިޔައީ އަންގާ ނުލާ…

 

[ނިމުނީ]

💫🦋💫🦋💫🦋💫🦋💫🦋

ހައު އިޒް މައި ފަސްޓް ޝޯޓް ސްޓޯރީ ގާއިސް؟😊

އޮހް. އެންޑް ޑޯންޓް ވޮރީ. އައިލް އަޕްޑޭޓް ‘ލޯބި އޭގެ އަސްލުގައި’ ގެ ނެކްސްޓް ޕާޓް ސޫން. 😘

ޝައީ

42

2 Comments

 1. Nayaa

  October 9, 2021 at 11:46 am

  wowww shaima sisoooooo… this was so amazing!!! hama asluvx rovijje.. sis ge short story vx hama vvv reethi… masha allah… and btw waiting for the nxt prt of “loabi eyge aslugai”.. keep the gud work up.. lysssssssssmm… stay safe & take care..

 2. Ayeshath Amaana

  October 9, 2021 at 1:50 pm

  OOOHH MY GODDDDDD
  LIKE wowwwwwwwwwwwwwww
  sooo freaking nice
  im speechlesss
  so nice
  love it love it love it
  keep it upppp
  lysm
  tvgc

Comments are closed.