ހެނދުނުގެ ހިތްގައިމު ވަގުތެވެ. ކޮޓަރި ތެރޭގައި ހިފާފައިވާ އޭސީގެ ފިނިކަމުގެ ސަބަބުން ބޮލާއި އެއްކޮށް ރަޖާ އަޅައިގެން އަލްކާ އޮތެވެ. ކުއްލިއަކަށް އެނދުގެ ސައިޑްޓޭބަލް މަތީގައި އޮތް ފޯނު އެލާރމް ވާން ފެށީ ހަތެއް ޖެހީކަން އިއުލާން ކުރަމުންނެވެ. އެލާރމް ކަނޑާލުމަށްފަހު ތެދުވި އަލްކާ މޯޅިއަކަށް ދެމިލިއެވެ. އަދި އާފުރިލަމުން ފާޚާނާއާއި ދިމާއަށް ހިނގައިގަތީ ފެންވަރާ ތާޒާވެލުމަށެވެ. ފެންވަރައިގެން ނިކުމެ ހެއަރ ޑްރައިއަރ އިން ބޯހިއްކަން ހުރި އަލްކާ އަށް ކުއްލިއަކަށް އޭނާގެ ފޯނާއި ދިމާއަށް ނަޒަރު ހިންގާލެވުނެވެ. ނޮޓިފިކޭޝަން އެއް ލިބުމުން ދިއްލިފައި އޮތް ފޯނުން އެދުވަހުގެ ތާރީޚް ބަލައިލިއެވެ. އެއާއެކު ކުއްލިއަކަށް އަލްކާ ގެ ދެލޮލުގައިވި ނިދީގެ އަސަރު ފިލައިގެން ގޮއްސިއެވެ. އަވަސް އަވަހަށް ތައްޔާރުވެލުމަށްފަހު ބަދިގެއާ ދިމާލަށް މިސްރާބު ޖެހިއެވެ.
“ހާދަ އުފާވެފަ.. މިއަދު ދެވޭތީ ދޯ..” މާ ކުރިން ގޮސް ސައިބޯން އިން ސަމާ އަށް އަލްކާގެ މޫނުމަތީގައި ވި އުފާވެރިކަން ފާހަގަ ކުރެވުމުން އަހާލިއެވެ. “އާނ..” އަލްކާ ސައިބޯން އިށީންނަމުން ބުންޏެވެ. ސައިބުއިމުގެ ވަގުތުގައި ދެމީހުން އެކި ވާހަކަ ދެއްކިއެވެ. “ދާންވާނެ އިނގޭ އަލް އާ އެކީ ޝޮޕިންގ އަށް މިއަދު..؟” އަލްކާ ސައިބުއި ތަށިތައް ދޮވެލަމުން ސަމާ ކައިރިން އެދުނެވެ. “އޯކޭ..” ސަމާ އެއްބަސްވިއެވެ.
ސައިބޮއެ ނިމިގެން އަލްކާ ކޮޓަރިއަށް ވަދެ އޭނާގެ އެއްޗެހި ޕެކްކުރަން ފެށިއެވެ. އަލްކާ މެލޭޝިޔާ އަށް ބިޒްނަސް އެންޑް މެނޭޖްމެންޓް އިން ‘ހަޔާ ސްޓަޑީޒް’ ހެދުމަށް ގޮސް ހުންނަތާ 2 އަހަރު ވަނީއެވެ. ގްރެޖުއޭޝަން ނިމުމުން މިއަދު އޭނާ އެ ތައްޔާރުވަނީ އެނބުރި ރާއްޖެ ދިއުމަށެވެ. އަލްކާގެ އާއިލާގައި ހުންނަނީ ހަމައެކަނި އޭނަގެ ބޭބެ، އަލްކަން އެވެ. އަލްކާ ދުނިޔެއަށް ލީ އެންމެ ފުރަތަމަ ނޭވާ އާއި އެކު އޭނާގެ މަންމަ މިދުނިޔެއާއި އަލްވިދާއު ކިޔައިފިއެވެ. އޭނާގެ ބައްޕަ އެހެން މީހަކާއި އިނދެގެން ދިޔުމުން އޭނައަށް އަޅައިލީ އޭނާގެ ބޭބެއެވެ. އަލްކާ ރާއްޖެއަށް ދެވޭތީ އުފާވެފައި ހުންނަ އެންމެ ބޮޑު އެއްސަބަބަކީ އޭނާގެ ލޯބިވެރިޔާ، ލިޔާމް އާއި ބައްދަލު ކޮށްލުމަށް ކުރެވޭ އިންތިޒާރެވެ. މެލޭޝިޔާ އަށް އައުމުގެ ފަހުގައި ލިޔާމް އާއި ވާހަކަ ނުދެއްކުނު ނަމަވެސް މިއަދު އޭނަގެ އެދުން ފުރިހަމަ ވާނެއެވެ.
މިފަދަ ފޮނި އުންމީދުތަކެއް ކުރަމުން އެކި ޚިޔާލުތަކުގައި ހުރެ އަލްކާ ފޮއްޓަށް އެއްޗިހި އަޅަމުން ދިޔައެވެ.
***
ފަހެއް ޖެހި އިރު ރާއްޖެ ދިއުމަށް ފްލައިޓް ނައްޓާލިއެވެ. އިން ސީޓުގައި ހަމަޖެހިލަމުން އަލްކާ، ލިޔާމްގެ ޚިޔާލުތަކަށް ގެއްލުނެވެ. ނުފެނި ދުވަސްތަކެއް ވެފައި ފެނުމުން ލިޔާމް އަށް އޭނަ ވަކިކުރަން އިނގޭނެ ބާއޭ އަލްކާގެ ހިތަށް އެރިއެވެ. “ކޮންމެތާކުން ކޮންމެ އިރަކު ފެނުނަސް ޔާމް އަށް އަލް އިނގޭނެ..” އަލްކާ މަޑުމަޑުން ހީލަމުން އަމިއްލަ ނަފްސަށް ބުނެލިއެވެ. “އައި.. ލަވް ޔޫ ބޭބީ..” އަލްކާ މަޑުމަޑުން މިހެން ބުނެލިއިރު އޭނާގެ މޫނު މައްޗަށް ރަތްކަން ވެރިވެގެން ދިޔައެވެ. އަދި އަވަސްއަވަހަށް އިސްޖަހާލިއެވެ.
***
ތިންގަޑިއިރު ގެ ދަތުރަކަށްފަހު އަލްކާ އަށް މާލެ ދެވުނެވެ. އަދި އަވަސްއަވަހަށް އޭނަ ގޮސް ހުންނަން ހަމަޖައްސާފައިވާ ކޮޓަރިއަށް ވަނެވެ. އަލްކަން އަށްވެސް ނޭނގި ރާއްޖެ އައުމުން އޭނަ ވަނީ މެލޭޝިޔާ ގައި ހުރެފައި ރައްޓެއްސެއްގެ އެހީގައި މާލެއިން އޭނަ ހުންނާނެ ތަނެއް ހަމަޖައްސާފައެވެ.
ފެންވަރާ ތާޒާ ވެލުމަށްފަހު އަލްކާ، ކޮޓަރީގައި ހުރި އެނދުގައި އޮށޯވެލީ އަރާމު ކޮށްލުމަށެވެ. ނަމަވެސް ވެފައި ހުރި ވަރުބަލީގެ ސަބަބުން އޭނައަށް ފަސޭހަކަމާއި އެކު ނިދުނެވެ. ހޭލެވުނު އިރު އިރުއޮއްސި ހައެއް ޖަހައިފިއެވެ. އަލްކާ ތެދުވެ އެނދުމަތީގައި އިށީނދެލިއެވެ. އަދި ކުޑައިރުކޮޅަކު އެހެން އިނުމަށްފަހު ގޮސް ކުޑަގޮތަކަށް ފެންވަރާލިއެވެ. އަދި ނިކުމެ ފޯނު ނަގައި އޭނާގެ ރަށަށް ދިއުމަށް ލޯންޗެއް ހަމަޖެއްސިއެވެ. އޭނާ ގަސްތުކޮށްގެން ހުރީ މާދަމާ ދިއުމަށެވެ. ނަމަވެސް އިތުރަށް މަޑުކުރާކަށް އޭނަ ބޭނުމެއް ނުވިއެވެ.
ފޯނު ބޭއްވުމަށްފަހު އަލްކާ، ރަށަށް ދިއުމަށް ތައްޔާރު ވާންފެށިއެވެ. ކުޑަގޮތަކަށް ރީތިވެލިއެވެ. އަދި އޭނާގެ ފޮށި ހިފައިގެން ބޭރަށް ނިކުތުމުގެ ކުރިން އަދި އެއްފަހަރު ލޯގަނޑުގެ ކުރިމަތީގައި ހުއްޓިލިއެވެ.
އެކާވިސް އަހަރުވެފައިވާ އަލްކާ އަށް ލިބިފައިވަނީ ކުރު އިސްކޮޅެކެވެ. ހިމަ ބުމައަކާއި ރަތް ތުންފަތެކެވެ. ދިގު އެސްފިޔަތަކެކެވެ. ގަދަ މުށިކުލައިގެ ލޮލެކެވެ. މުށިކުލައިގެ ދިގުއިސްތަށިގަނޑަށް ރަންކުލައެއް އަރާފައިވެއެވެ. ހުދު ގަނޑުފެންކޮޅެއްފަދަ ރީތި ހުދު ދަތްޕިލައެއްލިބިފައިވެއެވެ. ހީލުމުން ދެ ކޮލަށް އެޅޭ އަޑިކޮޅު އޭނާގެ ރީތި ސިފަ އިތުރަށް ފުރިހަމަކުރުވައެވެ. އަލްކާ އަށް ބޭއިޚްތިޔާރުގައި ހީލެވުނެވެ. އަހަރުތަކެއް ވަންދެން އޭނާ ކުރި އިންތިޒާރު ނިމުމަކަށް އަންނަނީއެވެ. އަލްކާ އަށް ޚިޔާލުތަކުގެ ކަނޑުން ބޭރުވެވުމާއި އެކު އަވަސްއަވަހަށް ބޭރަށް ހިނގައިގަތެވެ.
***
ލޯންޗުގައި ދެ ގަޑިއިރުން އޭނާގެ ރަށަށް ދެވުނެވެ. ފޮށި ހިފައިގެން އަލްކާ ބަނދަރަށް ފޭބިއެވެ. ދުވަސްތަކަކަށްފަހު އޭނާގެ އުފަން ފަސްގަނޑުގައި ފައިޖެހުމުން ބުނަންނޭނގޭފަދަ ހިތްހަމަ ޖެހުމެއް ލިބުނެވެ. ކުރިއަށް ހިނގައިގަންނަމުން އަލްކާ ބަނދަރަށް ނަޒަރު ހިންގާލިއެވެ. އެއާއެކު އޭނާ ކުރިއަށް ނެގި ފިޔަވަޅު ހުއްޓުނެވެ. ހިތުގައި ޖަހަމުން ދިޔަ ވިންދުވެސް އެ ހިނދުކޮޅަށް ހުއްޓިލިހެން ހީވިއެވެ.
އޭނަ އާއި މާ ދުރު ނޫން ހިސާބުގައި އެއިނީ ލިޔާމް އެވެ. ނަމަވެސް.. .. އޭނާގެ ސައިކަލުގެ ފަހަތުގައި އެއިނީ ހީނާ އެވެ. ނުހަނު ގައިގޯޅިކޮށް އެ ދެމީހުން ތިބި އިރު އެއީ ލޯބިވެރިންކަން ހާމަވެއެވެ. އަލްކާގެ ހިތް ފުނޑުފުނޑު ވެގެން ދިޔަ ކަހަލައެވެ. އޭނާ މިހާ ދުވަހަށް ފަހު ރަށަށް ދިޔައީ ކިހާ ފޮނި އުންމީދުތަކާއި އެކުގައި ހެއްޔެވެ؟ ނަމަވެސް.. ..
އޭނާގެ ލޯބި ގެއްލިއްޖެއެވެ. ލިޔާމް އޭނާ ދޫކޮށްލީއެވެ. އަދި އެވެސް ހީނާ އަށްޓަކައި ހެއްޔެވެ؟ އެއީ އެންމެ ކުރިންފެށިގެންވެސް އަލްކާ ދެކެ ހަސަދަވެރިވާ، އޭނަ އާއި ދެކޮޅަށް އެތައް ކަމެއް ކޮށްފައި ވާ މީހެކެވެ. ޚުދު ލިޔާމްވެސް ހީނާ އާއި ދިމާލަށް އަލްކާގެ ދިފާއުގައި ބަސް ބުނެފައި ވެއެވެ. ނަމަވެސް .. މިއަދު އެއީ ލިޔާމްގެ ލޯބިވެރިޔާއެވެ. އަލްކާގެ މޫނުމައްޗަށް އަނދިރިވާން ފެށިއެވެ. ލިޔާމް އަށް ގޮވައިލެވުނެވެ. ދެން ވީގޮތެއް ނޭނގުނެވެ.
އަލްކާ އަށް ހޭލެވުނު އިރު އޮވެވުނީ ހޮސްޕިޓަލުގައެވެ. އޭނާ އޮތް އެނދުގެ ކައިރީގައި ގޮނޑިއެއްގައި އިން އަލްކަން ގެ މޫނުމަތިން ހާސްކަން ފެންނަމުން ދިޔައެވެ. “އަލް..” އަލްކަން މަޑުމަޑުން ގޮވާލިއެވެ. “ޔާމް.. ..” އަލްކާ އަށް ބަލިކަށި އަޑަކުން ބުނެވުނެވެ. އެއާއެކު އޭނާގެ ދެލޮލުން ނީރާލި ކަރުނަތަށް ބޯއަޅައިގެން އޮތް ބާލީހުގެ ތެރެއަށް ފޭދިގެން ދިޔައެވެ. އަލްކަން އަށް ވީގޮތް ވިސްނުނެވެ. އަދި އިސްޖަހާލިއެވެ.
އަލްކަން އަށް ކުރިންވެސް ލިޔާމް އާއި ހީނާގެ ކަންތައް ވަނީ އެނގިފައެވެ. ނަމަވެސް އަލްކާ ހާސްކުރުވަން ބޭނުން ނުވުމުން އެވާހަކަ އޭނާ ކައިރީގައި ނުބުނީއެވެ.
***
ހޮސްޕިޓަލުން ދޫކޮށްލުމުން އަލްކާ ، އަލްކަން އާއި އެކު ގެއަށް ދިޔައެވެ. އަލްކާ އަށް އެނދު މައްޗަށް ވެއްޓިގަތުމަށްފަހު ރޮވެން ފެށުނެވެ. އޭނާ ކިޔެވުމަށް ސަމާލުކަން ދިނުމަށް ބުނެފައި ވާހަކަ ދައްކަން މެދުކަނޑާލީ އޭނާ އިތުރަށް ބޭނުން ނުވުމުން ހެއްޔެވެ؟ އޭނާ ލިޔާމް އަށް ކިހާ އިތުބާރެއް ކުރި ހެއްޔެވެ؟ ނަމަވެސް މިހާރު… ..
އަލްކާ ހީކޮށްގެން ހުރީ މިއަދު ވެގެން ދާނީ އޭނާގެ ހަޔާތުގެވެސް އެންމެ އުފާވެރި ދުވަސްކަމަށެވެ. ނަމަވެސް އޭނާ އަށް ފެނުނު އެންމެ ހިތާމަވެރި ދުވަހަށް މިއަދު ވެއްޖެއެވެ. ހިނިތުންވުމާއި އުފާވެރިކަމުގައި އުޅެން ޚިޔާލު ކުރި ދުވަހުގައި މިޖެހުނީ އޭނާ ދުވަހަކުވެސް ރޮއެފައި ނުވާ މިންވަރަށް ރޯށެވެ. މިހެން އޮއްވައި އޭނާ އަށް ނިދުނެވެ.
އަނެއް ދުވަހުގެ ހެނދުނު ތެދުވުމަށްފަހު ސައިވެސް ނުބޮއި އޭނާ މިސްރަބު ޖެހީ ލިޔާމްގެ ގެއާއި ދިމާލަށެވެ. ދެތިން ފަހަރަކު ޓަކި ޖެހުމާއިއެކު ލިޔާމް ދޮރު ހުޅުވާލިއެވެ. އަލްކާ ފެނުމުން ލިޔާމްގެ މޫނުމައްޗަށް ހިތްހަމަ ނުޖެހުން ފިޔަވާ އިތުރު ކުލަވަރެއް ނޭރިއެވެ. “ޔާމް.. އަ..” އަލްކާ ވަރަށް ހިތްވަރު ކޮށްފައި ވާހަކަ ދައްކަން ފެށިއެވެ. “ޔާމް.. އަ.. އަލް.. އަށް ރޭގަ ފެނުނީ ދޮގެއް.. ދޮ.. ދޯ..” އަޑު ބެދިފައިވިނަމަވެސް ވަރަށް މަސައްކަތުން އަލްކާ އަހައިލިއެވެ. “ނޫން.. އެއީ ތެދު..” ލިޔާމް ވިހަ ހިނިތުން ވުމަކާއި އެކު ބުންޏެވެ. “ހި.. ހީ.. ނާ.. ..؟” އަލްކާގެ އަޑު ނިކުތީ ކެނޑި ކެނޑިގެންނެވެ. “އާނ.. މަ ލޯބިވަނީ ހީނާ ދެކެ..” ލިޔާމް ބުނެލިއެވެ. އަލްކާގެ ދެލޮލުން ކަރުނަތަށް އޮހިގަތީ އިޚްތިޔާރަކާއި ނުލައެވެ. “އެކަމް.. އަލް..ގެ.. ކުށަކީ ކޮބާތަ..؟” އަލްކާ އަށް އަހާލެވުނެވެ. ނަމަވެސް ލިޔާމް އެއްޗެއް ނުބުނެ އަލްކާގެ މޫނުމައްޗަށް ދޮރު ޖެހިއެވެ. އަލްކާ އަށް އިތުރަށް ރޮވެން ފެށުނެވެ. އަދި އެ ގޭގެ ދޮރު ކުރިމަތީގައި ހުރެގެން އޭނާ ދޫކޮށްލާފައި ނުދިއުމަށް އެދި އެތައް އާދޭހެއް ކުރިއެވެ. ނަމަވެސް ލިޔާމް އަށް މީގެން އެއްވެސް އެއްޗެއް އަޑު ނީވޭފަދައެވެ. އަލްކާ ގިސްލަމުން ދޮރު ކައިރިއަށް ތިރިވިއެވެ. އޭނާގެ ކަންފަތުގައި ގުގުމަމުން ދިޔައީ ލިޔާމްގެ ބަސްތަކެވެ. “ނޫން..” އޭނާ ކަންފަތުގައި އަތް އަޅާލިއެވެ. “ޔާމް.. ..” އަލްކާ އަށް ހަޅޭއްލަވައިގަނެވުނެވެ.
އަލްކާ ހޯދަމުން ދިޔަ އަލްކަންގެ ކަންފަތުގައި މިއަޑު ޖެހުން އަވަސްއަވަހަށް އެ ދިމާއަށް ދެވުނެވެ. ދޮރު ކައިރީގައި އިށީނދެލައިގެން ރޯން އިން އަލްކާ ފެނުމުން އޭނާ އަވަހަށް ގޮސް އަލްކާ ނަގައިގެން ގެއަށް ދިއުމަށް ހިނގައިގަތެވެ. “ނޫން.. ޔަ.. ޔާމް.. ޔާމް..” އަލްކާ ހަޅޭއްލަވަމުން ދިޔަ އިރު ހީވަނީ އޭނާގެ ބުއްދި ފިލާފައި ވާހެންނެވެ. އަލްކަން، އަލްކާ ގެއަށް ގެންގޮސް ކާން ދިނެވެ. އަދި އަލްކާގެ ރައްޓެހިން އައިސް އޭނާ އަށް ހިތްވަރު ދިނެވެ. ތިން ވަރަކަށް މަސް ވާންދެން އަލްކާ އެކަމުގައި ހިތާމަ ކުރއެވެ. ނަމަވެސް އޭނާގެ ރައްޓެހިންނާއި އަލްކަން ދިން އެހީގެ ސަބަބުން އޭނާ އަށް ހިތްވަރު ލިބުނެވެ. އެހެން ކަމުން އަލްކާ ، އަލްކަން އާއި އެކު މާލެ ދިޔައީ ވަޒީފާއެއް ހޯދުމަށެވެ. އަދި ރަށުން ބޭރަށް ދިއުމުން އެ ހަނދާންތަކާއި ވެސް ދުރުވެވޭނެ ކަމުގެ އުންމީދުގައެވެ.
***
އަށް މަސް ފަސް
***
އާޓިފިޝަލް ބީޗްގައި ހުއްޓިލައިގެން ހުރި އަލްކާގެ އަތުގައި އެކްސް އެލް ދަޅެއް އޮތެވެ. ލަސްލަހުން އެ ދަޅުބޮމުން ގެންދިޔައިރު އޭނާގެ ނަޒަރު ހުއްޓިފައިވަނީ ހިމޭން ކަނޑަށެވެ. އޮއްސެމުން ދިޔަ އިރުގެ ސަބަބުން އުޑުމަތީގެ ވިލާތަކުގެ ކުލަ ބަދަލު ވެވެ ހުއްޓެވެ. ފުދޭވަރަކަށް ހަލަބޮލި މާހައުލެއް ނަމަވެސް އަލްކާ އަށް މީގެން ހިލަމެއް ނުވެއެވެ. އޭނާ ވަނީ އޭނާގެ އަމިއްލަ ދުނިޔެއަކަށް ގެއްލިފައެވެ. މިހެން ހުރި އަލްކާ ކުއްލިއަކަށް ސިހުނީ އޭނާގެ ކޮނޑުމަތީގައި މީހަކު އަތް ބޭއްވުމުންނެވެ. އަވަސް އަވަހަށް ފަހަތަށް އެނބުރި ބަލައިލި އިރު ލިޔާމް ފެނުމުން އޭނާ ހައިރާން ވިއެވެ. އަދި އެތަނުން ދިއުމަށް އަވަސްވެގަތެވެ. ނަމަވެސް ލިޔާމް އޭނާގެ އަތުގައި ހިފެހެއްޓިއެވެ. “ދޫކުރޭ..” އަލްކާ ނުރުހުމުގެ ރާގެއްގައި ބުންޏެވެ. ލިޔާމް މަޑުމަޑުން އަލްކާ ގެ އަތުން ދޫކޮށްލިއެވެ.
“އައިމް ސޮރީ.. އަލް..” އެތަނުން ދިއުމަށް އަލްކާ ނެގި ފިޔަވަޅު ހުއްޓުނީ ލިޔާމްގެ މި ޖުމުލައިންނެވެ. “އަލް.. އަހަންނަށް ކަންތައް ކުރެވުނީ ވަރަށް ގޯސްކޮށް.. އަހަންނަށް މާފުކުރޭ..” ލިޔާމް އަނެއްކާ ވެސް ވާހަކަ ދެއްކިއެވެ. އަލްކާ އެއްޗެއް ނުބުނެ އެ ހުރިގޮތަށް ހުއްޓެވެ. “ހީނާ މަ ދެކެ ލޯތްބެއް ނުވޭ.. އޭނަ ބޭނުންވީ މަގޭ ފައިސާ.. އޭނައަށް ޚަރަދުކޮށް އެ ހުސްވީމަ އޭނަ އިތުރަށް މަ ބޭނުމެއް ނުވި.. އަލް އަށް އެހެން ހެދުނީމަ ވަރަށް ދެރަވޭ.. އަލް މަދެކެ ވީ ލޯބި އަގުވަޒަން ނުކުރެވުން..” ލިޔާމްގެ އަޑުގައި ހިތާމަވެރި ކަމާއި ލަދުވެތިކަމުގެ އަސަރު އެކުލެވިފައި ވެއެވެ. “ތިހުރިހާ އެއްޗެއް މަ ކައިރީގަ ތި ކިޔައިދެނީ ކީއްވެ.. .؟” އަލްކާ ސުވާލު ކޮށްލިއެވެ. “އެއީ އަލް ބޭނުން ވާތީ.. އަލް ދެކެ ލޯބިވޭ..” ލިޔާމް މަޑުމަޑުން ބުންޏެވެ.
“ލޯބި..؟ ލޯތްބަކީ ކޯޗެއްކަމެއް ޔާމް އަކަށް ނޭނގޭނެ.. މިއަދު މިތަނުގަ ތި ހުރީ އަލް ދެކެ ލޯބިވާތީ އެއް ނޫން.. މިއަދުވެސް ހީނާ ހުރިނަމަ އަލް ކައިރިއަށް އައީމުސްތަ؟ އެދުވަހު އަލް ވީ ދެރަޔަކަށް ނުބަލާ ދިޔައީ.. އަލް ދެއްކި ވާހަކަ އެއް އަޑު އަހާވެސް ނުލާ.. އަލް ހާދަ ލޯތްބެއް ވީމޭ ޔާމް ދެކެ.. ހާދަ އިންތިޒާރެއް ކުރީމޭ ޔާމް އަށް..” އަލްކާ، ލިޔާމް އާއި ދިމާއަށް އެނބުރިލަމުން ވާހަކަ ދެއްކިއެވެ. “އެދުވަހު ޔާމް، އަލް ކައިރިއަށް އައި ނަމަ އަލް އަށް ދެވުނިސް ކަންނޭނގެ.. އެއީ އޭރު ޔާމް ދެކެ ލޯބި ވާތީ.. އެކަމް މިހާރު.. މިހާރު ޔާމްގެ ގޮތް ދަސް ވެއްޖެ.. އަނެއްކާވެސް އެހެން މީހެއް ފެންނަ އިރަށް އަލް ދޫކޮށްލާފަ ނުދާނެކަމެއް އިނގެނީ ކިހިނެތް؟.. އަލް ޔާމް އަށް ކުރި އިތުބާރު ގެއްލިއްޖެ.. ވީ ލޯބި މަރުވެއްޖެ.. ދެން އިތުރަށް ޔާމް އާ އެކު އުޅޭކަށް އަލް ނުދާނަން..” އަލްކާ، ލިޔާމްގެ މޫނަށް ބަލަން ހުރެ ވާހަކަ ދެއްކިއެވެ. އިސްޖަހައިގެން ހުރި ލިޔާމްގެ މޫނުމަތިން ލަދުވެތިކަމުގެ ކުލަވަރު ފެންނަން ހުއްޓެވެ.
“އަލް.. އަހަންނަށް.. މާފެއް ނުކުރާނަންތަ.. .؟” ލިޔާމް މަޑުމަޑުން އަހާލިއެވެ. “މާފަށް އެދުނީމަ މާފު ކޮށްފިން.. ޔާމް އަށް ތި ގެއްލުނީ ޔާމް ދެކެ ވަރަށް ލޯބި ވީ މީހެއް.. އެހެން މީހަކަށް ލޯބި ދެވޭ ފެންވަރު ހުއްޓަވެސް ޔާމް ޚިޔާރު ކުރީ ޔާމް ދެކެ ކުޑަކޮށްވެސް ލޯބި ވީ މީހެއް ނޫން.. ދެން ފަހަރަކުން ކުރާކަމެއް ވިސްނާލާފަ ކުރާތި.. އަލް ބުނާނެ އިތުރު އެއްޗެއް ނެތް..” އަލްކާ މިހެން ބުނުމަށް ފަހު އެނބުރި ދިޔުމަށް ހިނގައިގަތީ އޭނާ އެތައް އަހަރު ތަކެއް ވަންދެން ވީ ލޯބި ކަފުން ކޮށްފައެވެ. ލިޔާމް، އަލްކާ ހުއްޓުވަން ކިތަންމެ ބޭނުން ވިނަމަވެސް ބުނާނެ އެއްޗެއް އޭނާ އަކަށް ނޭނގުނެވެ. އެހެންކަމުން އެހުރި ގޮތަށް އެތަނުގައި ހުރެވުނީ އަލްކާގެ ބަސްތަކާއި ދޭތެރޭގައި ވިސްނުމަށެވެ.
އަލްކާ އޭނާގެ ލޯ ހުޅުވާލަދީފިއެވެ. މިހާރު އޭނައަށް ކުރެވުނު ކުށުގެ އިހްސާސް ކުރެވިއްޖެއެވެ. އަލްކާ ރޮއެފައި ކުރި އާދޭސްތަކަށް ބީރު ކަންފަތެއް ދީފައި ލިޔާމް، އަލްކާގެ ހިތުގައި ޖެއްސިއެވެ. އަލްކާ، އޭނައަށްޓަކައި ކުރި ފޮނި އުންމީދުތަށް ހިތި ޒަހަރަށް ހެދިއެވެ. އޭނާ ދެކެ ވީ ލޯތްބަށް ކޮޅުފައިން އެރިއެވެ. ނަމަވެސް މިއަދު އޭނާ މާފަށް އެދުމުން މާފުކޮށްފައި އެދަނީ މިއިން އެއްވެސްކަމެއް ވީކަމަށް ވެސް ހަދާނުލައެވެ. އޭނައަށް ފިލާވަޅެއް ދަސްކޮށްދީފައެވެ.
އަބަދުވެސް ލިޔާމް، އަލްކާ އަށް އިންތިޒާރު ކުރާނެއެވެ. އެނބުރި ނާންނާނެކަން އެނގި ހުރެވެސްމެއެވެ. މިހާރު އޭނައަށް ލޯބީގެ އަގާއި މާނަ ދަސްވެއްޖެއެވެ. ރަނގަޅު މަގު އެނގިއްޖެއެވެ. ނަމަވެސް މިހާރު އޭނަގެ ހިތުގައި ނުފުހެވޭވަރަށް ލިޔެވިފައިވަނީ އަލްކާގެ ނަމެވެ. ލިޔާމް އަށް އިސް އުފުލާލުމަށްފަހު އޭނައާއި ދުރަށް ހިނގަމުން ދިޔަ އަލްކާ އާ ދިމާ ބަލާލިއެވެ. ދުނިޔެ މަތިން ގެއްލެމުން ދިޔަ އިރު ފަދައިން އޭނަ އަށް އަލްކާ ގެއްލުނީއެވެ. ތަފާތަކީ ދެން ދުވަހަކުވެސް އަލްކާ، އޭނައަށް އަނބުރާ ނުލިބޭނެ ކަމެވެ. ކަރުނަވީ ދެލޮލުން، އަލްކާ އާއި ދިމާއަށް ބަލަން ހުރެ ލިޔާމްގެ ދުލުން ބޭރުވި ހަތަރު ލަފްޒަކީ އޭނާ އަލްކާ ކައިރިގައި އެންމެ ފުރަތަމަ ލޯބިން ބުނި ބަސްތަކެވެ. އެ ބަސްތަކުގެ ސަބަބުން އަލްކާގެ ތުންފަތަށް ހިނިތުންވުމެއް ގެނުވި ބަސްތަކެވެ.
“އައި ލަވް ޔޫ ބޭބީ..”

ނިމުނީ

0

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!