ރުހާ، ފިހާރައަކަށް ދާން ބޭނުންވާ ކަމުގައި ބުނެފައިވުމުން، އެހެން މީހުންނާއި ވަކިވެގެން އެ ދެމީހުން ފިހާރައަށް ދިއުމަށް ހިނގައިގަތީ، ހިނގައިދިޔަ ކަންތަކުގެ ވާހަކަ ދައްކަމުން ހެވިފައި ތިބެއެވެ. ފިހާރަ ހުންނަ ގޯޅިއަށް ލަނބާލި ވަގުތު، ކުއްލިއަކަށް ރުހާގެ ފިޔަވަޅުތަކަށް ހުއްޓުން އައުމުން، މިކްޔާންވެސް މަޑުޖެހިލިއެވެ. ރުހާގެ މޫނަށް ބަލާލިވަގުތު، އޭނާގެ ނަޒަރު ސީދާވެފައިވާ ދިމާއަށް ބަލާލެވުނީ، އެ މޫނުމަތީގައިވީ އަސަރުތަކެއްގެ ސަބަބުންނެވެ. އެއްފަހަރު ފިހާރައިން ނުކުތް މީހާއަށް އަދި އަނެއް ފަހަރު ރުހާއަށް ބަލާލި މިކްޔާންގެ ހިތުގައި އެތައް ސުވާލެއް އުފެދިފައިވިއެވެ. ވާނީވެސް އެހެންތާއެވެ. ދެންމެއަކާއި ޖެހެންދެން އެ މޫނުމަތީގައިވި އުފާވެރިކަމާއި، ތުންފަތުގައިވި ހިނިތުންވުން އެކީ ފިލާ ގޮސްފައިވެއެވެ. ހާސްކަމާއި ބިރުގެންފައިވާކަމުގެ އަސަރުތައް އެ މޫނުމަތިން ފާޅުވަމުންދިޔައެވެ. ނިއްމަތީ ދާތިކިތައް ވިދަމުންދިޔައެވެ. ރުހާއަށް ވަމުންދިޔަ ގޮތްތަކަށް، ފަރުވާތެރިކަމާއިއެކު ބަލަން ހުރި މިކްޔާނަށް އަނެއްކާވެސް އެ މީހާއާއި ދިމާއަށް ބަލާލެވުނެވެ. ގާތްގަނޑަކަށް އުމުރުން ފަންސާހަކަށް އަހަރުވެފައިވާ އެ މީހާ ހުރީ ފޯނުން ވާހަކަދައްކާށެވެ. ފިހާރައިން ނުކުތްގޮތަށް ފުރަގަސްދީގެން ހުރުމުން އެ މީހާއަށް މިކްޔާންމެން ފެންނާނެހެނެއް ހިޔެއް ނުވެއެވެ.
“ކިހިނެއްވީ ރުހާ…؟؟؟ ކީއްވެ ތި މަޑުކުރީ…..؟؟؟؟” އެމީހާއަށް ބަލަން ހުރެފައި މިކްޔާން އަހާލިއެވެ. ނަމަވެސް ރުހާގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުމުން މިކްޔާނަށް ބަލާލެވުނެވެ. ހައިރާންވީ ބަހެއް ބުނުމެއް ނެތި ރުހާ ފަސްއެނބުރި ހިނގައިގަތުމުންނެވެ. ހަލުވިކޮށް ހިނގާލާފައި ރުހާ ދިޔަ ދިމާއަށް ބަލަން ހުރި މިކްޔާން ހުރީ ހަދަންވީ ގޮތެއް ނުވިސްނިފައެވެ. ހިތުގައި އެތައް ސުވާލެއް ފުނިޖެހިފައި ވާހިނދު އަނެއްކާވެސް އެމީހާއަށް ބަލާލެވުނެވެ. އޭރު އެމީހާވެސް އެ ހުރިގޮތަށް ކުރިއަށް ހިނގައިގެންފިއެވެ. އެއީ ކާކުތޯ އެނގެން ބޭނުންވެފައި ހުރިވަރުން، އެމީހާގެ ފަހަތުން ދާންވެސް ހިތަށް އެރިއެވެ. އެހެނަސް، ރުހާވެސް ދިޔައީ އެކަނިކަމުން، އޭނާ އެކަނި ދޫކޮށްލާކަށްވެސް ހިތެއް ނުރުހުނެވެ. ފިހާރައިން ނުކުތްވަގުތު އެމީހާގެ މޫނު ފެނިފައިވުމުން ފަހުން އެމީހާ ހޯދުމަށް، އެ ހިސާބަށް އައުމަށް ހިތުލައިގެން ހުރެ މިކްޔާން ހިނގައިގަތީ ރުހާގެ ފަހަތުންނެވެ. އޭރު ރުހާ ވަރަށް ދުރަށް ގޮސްފިއެވެ.
**********
ގެއަށް ވަންގޮތަށް ރުހާ ފެންނަން ނެތުމުން މިކްޔާން މިސްރާބުޖެހީ ކޮޓަރިއާއި ދިމާއަށެވެ. ތަޅުގައި ހިފާލިވަގުތު، އެތެރެއިން ތަޅުލާފައިވުމުން ދެފަހަރަކު ޓަކި ޖަހާލިއެވެ. ނަމަވެސް އެތެރެއިން އެއްވެސް ޚަބަރެއް ނުވުމުން އަނެއްކާވެސް ޓަކި ޖަހާލިއެވެ. މިފަހަރު ޖަހާލެވުނީ ތަންކޮޅެއް ބާރަށެވެ.
ކޮޓަރީގައި ދެކޮޅަށް ހިނގާލަ ހިނގާލާ ހުރި ރުހާ ސިހިގެން ދިޔައީ ދޮރުގައި ޓަކި ޖަހާލުމުންނެވެ. ދޮރު ހުޅުވުމުގެ ބަދަލުގައި ހާސްވީވަރުން ދެއަތް ދެއަތާ މޮޑެވެން ފެށުނެވެ. އަނެއްކާވެސް ވަރަށް ބާރަށް ޓަކި ޖަހާލި އަޑު އިވުނެވެ. އެފަހަރުވެސް އޭނާ ދިޔައީ ސިހިގެންނެވެ. ދޮރާއި ގާތްވެލާފައި ކާކުތޯ އަހާލެވުނީ ކަންބޮޑުވެފައި ހުރެއެވެ. ބޭރުގައި ހުރި މިކްޔާން އޭނާގެ ނަން ބުނުމުން ކުޑަކޮށް ހަމެޖެހިލެވުނެވެ. އަތުގެ ނުފުށުން ނިއްކުރިއާއި މޫނަށް ޖަމާވެފައިވާ ދާތައް ފުހެލިއެވެ. ފުންކޮށް ދެތިން ނޭވާލުމަށްފަހު، މީހާ ހަމައަކަށް އެޅެން މަސައްކަތްކުރިއެވެ. ކުރިއަށްވުރެ ހަމަޖެހިލުމުން ރުހާ، ކޮޓަރީގެ ދޮރު ހުޅުވާލިއެވެ.
ދޮރު ހުޅުވުނު އަޑަށް ފާރުގައި އަތް އަޅުވާލައިގެން ހުރި މިކްޔާން އަވަސްއަވަހަށް ކޮޓަރިއަށް ވަނީ، ރުހާ އަނެއްކާވެސް ދޮރު ލައްޕާފާނެހެން ހީވުމުންނެވެ. މިކްޔާން ކަންތައް ކުރިގޮތުން ރުހާގެ ގާތަށް ކުޑަކޮށް ހިނިއަންނަ ގޮތްވިއެވެ. ރުހާގެ މޫނު ފެނިފައި މިކްޔާން ހައިރާންވިއެވެ. އޭނާ ހީކުރި ގޮތާއި ޚިލާފަށް ކުރިން އެ މޫނުމަތީގައިވި އެއްވެސް އަސަރެއް މިހާރު ފެންނާކަށް ނެތެވެ. ރުހާ ފެންނަނީ ހަމަޖެހިފައި ވަނިކޮށެވެ.
“ރުހާ ކިހިނެއް ތި ހެދީ…؟؟؟؟ އަންގާވެސް ނުލާ ތި އައީ…؟؟؟؟ އަހަރެން ހުރީ ރުހާއަށް ވީގޮތެއް ނޭނގިފައި….” އެނދުގައި އިށީންނަމުން މިކްޔާން ބުނެލިއެވެ. އަޑުން ފާހަގަ ނުވިނަމަވެސް، އޭނާ ހުރީ ރުހާ އެގޮތަށް ކަންތައް ކުރުމުން ކުޑަކޮށް ހިތްހަމަ ނުޖެހިފައެވެ.
“ސޮރީ…. ކުއްލިއަކަށް ކަމެއް ހަނދާންވެގެން އައީ…. އަހަރެން ހީކުރީ އަހަރެން އައިކަން މިކްޔާނަށް އެނގޭނެކަމަށް……” ރުހާ ޖަވާބު ދިނީ މިކްޔާނަށް ފަސްދީގެން ހުރެއެވެ. މިކްޔާން އެވާހަކަ ފެށުމުން އޭނާއަށް އުނދަގޫވިއެވެ. ދެން ކޮށްފާނެ ސުވާލަކާމެދު ހާސްވާން ފެށިއެވެ. ރުހާގެ ޖަވާބު އިވިފައި މިކްޔާނަށް ބަލާލެވުނީ ދެ ލޯ ހަނިކޮށްލަމުންނެވެ. އޭނާގެ މޫނުމަތީގެ ކުލަވަރުތަކުން އެ ވާހަކަތައް ޤަބޫލުކުރިހެނެއް ހިޔެއް ނުވެއެވެ.
“އެހެންތަ….؟؟؟؟ އަހަރެން، ގާތުގައި ހުރިއިރު ބުނުން މުހިއްމުކަމަކަށް ނުވިތަ…..؟؟؟” މިފަހަރު މިކްޔާންގެ އަޑުގައި ހިތްހަމަނުޖެހިފައިވާ ކަމުގެ އަސަރުތައް އެކުލެވިފައި ވިއެވެ. ރުހާއަށް މިކްޔާނާއި ދިމާއަށް ބަލާލެވުނީ ކުށްވެރިއެއް ފަދައިންނެވެ. އޭނާއަށް ކަންތައް ކުރެވުނީ ރަނގަޅަށް ނޫންކަން ރުހާއަށްވެސް ޤަބޫލުކުރެވުނެވެ. ނަމަވެސް، އެވަގުތު އޭނާގެ ސިކުނޑި ރަނގަޅަށް މަސައްކަތް ނުކުރުމުން ވަށައިގެންވި ކަންތައްތަކަށް މާ ބޮޑު ސަމާލުކަމެއް ނުދެވުނީއެވެ. އެގޮތަށް ކަންތައް ކުރެވުނީ އެހެންވެއެވެ.
“ސޮރީ…. އަވަސް އަރުވާލެވިފައި ހުރީމަ….. ވަރަށް ބޮޑަށް ސޮރީ…. ދެން އެހެނެއް ނުވާނެ…..” ރުހާ ހުރީ ޙަޤީގަތުގައިވެސް ވަރަށް ދެރަވެފައެވެ. އެކަން އޭނާގެ އަޑާއި، ރާގުން އަދި އެ މޫނުމަތިންވެސް މިކްޔާނަށް ފާހަގަވިއެވެ.
“އެންމެ ރަނގަޅު…. އެކަމަކު ދެން އެކަހަލަ ކަމެއް ތަކުރާރު ނުކުރައްޗޭ…. ކިތަންމެ އަވަހަށް ދާން ވިޔަސް އަހަރެންގާތުގައި ބުނެލައްޗޭ…..” މިފަހަރު މިކްޔާންގެ އަޑު މަޑުވެ. އެ އަޑުގައި އޯގާތެރިކަމާއި އަޅާލުން ވިއެވެ. ރުހާގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވީ މިކްޔާން އެކަންތައް މާ ބޮޑު ކަމަކަށް ނުހަދާ ދޫކޮށްލުމުންނެވެ. ރުހާ، ބޯ ޖަހާލަމުން ދެން އެކަހަލަ ކަމެއް ތަކުރާރު ނުކުރާނެކަމުގައި ބުނެލިއެވެ.
“ރިދާމެންވީ އެފަރާތުގައި ކަންނޭނގެ…. ހިނގާ ދާން…..” މިހެން ބުނެފައި ރުހާ ކޮޓަރިން ނުކުންނަން ހިނގައިގަތީ، މިކްޔާން ބޯ ޖަހާލުމުންނެވެ.
“އޭރު ފިހާރައިން ނުކުތީ ކާކު….؟؟؟؟ ރުހާ ދަންނަންތަ އެ މީހާ…..؟؟؟؟” ކުރިއަސް ހިނގައިގަތް ރުހާ، އަޅައަޅާ ހުރި ފިޔަވަޅަށް ހުއްޓުން އެރީ ފަހަތުން މިކްޔާންގެ އަޑު އިވުމުންނެވެ. ހުއްޓުނު ނަމަވެސް، ރުހާ ފަސްއެނބުރި ބަލައެއް ނުލައެވެ. އަނެއްކާވެސް އޭނާގެ މޫނުގެ ކުލަވަރު ބަދަލުވިއެވެ. ނިއްކުރިން ދާހިއްލަން ފެށިކަމުގެ އިޙްސާސް ކުރެވުނެވެ.
ދެ ޖީބަށް އަތް ޖަހާލައިގެން ހުރި މިކްޔާން އިންތިޒާރު ކުރަމުން ދިޔައީ ރުހާގެ ޖަވާބަށެވެ. ނަމަވެސް ރުހާގެ ފަރާތުން އިޝާރާތެއް ނުވުމުން އަނެއްކާވެސް އެ ސުވާލު ތަކުރާރުކޮށްލަމުން ރުހާގެ ކުރިމައްޗަށް އެރިއެވެ. ހާސްވެފައިހުރި ރުހާ އެކަން ފޮރުވަމުން ނުގޮތަކަށް ނިއްކުރިމަތީހުރި ދާތިކިތައް ފުހެލިއެވެ.
“ފިހާރައިން ނުކުތް މީ…..” ރުހާގެ ޖުމްލަ ފުރިހަމަ ނުކޮށް ހުއްޓާލީ، އޭނާއަށް ގޮވަމުން ލީނާ އައުމުންނެވެ. ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނީ ޓަކި ޖަހާލުމަށްފަހު، ލީނާ އެތެރެއަށް ވަނުމުން މިކްޔާންގެ ސަމާލުކަންވެސް އޭނާއަށް ހުއްޓުމުންނެވެ.
“ދަރިފުޅު ބިޒީތަ….. ބިޒީ ނޫނީއާ އާދެބަލަ މަންމައަށް އެއްޗެއް ހޯދާލަ ދޭން…..” ދެފަހަރު ދެމީހުންގެ މޫނަށް ބަލާލަމުން ލީނާ ބުނެލިއެވެ. ރުހާއަށް ބަލާލެވުނީ މިކްޔާނާއި ދިމާއަށެވެ. ލޮލުގެ އިޝާރާތުން މިކްޔާން ދާށޭ ބުނުމުން ރުހާ އަވަހަށް ލީނާ ގޮވައިގެން ނުކުތެވެ.
**********
ރަށަށް ދިއުމުގެ ކުރިން މަލަކް ދަތުރު ދާން ބޭނުންވެގެން އުޅުމުން ދެ ފަރާތުގެ ޢާއިލާ އެކުގައި، އެރަށުގައި ދަތުރު ދިއުމަށް ހަމަޖައްސާފައިވާ ސަރަޙައްދަށް ދަތުރު ދިޔައީ ލައިނީގެ ޙާލަތަށް ވިސްނާލާފައި ފަޅުރަށަކަށް ނުދާންވެގެންނެވެ. އެމީހުން ދަތުރު ދިޔައީ އެދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. ދަތުރުދާ ސަރަޙައްދަށް ގޮސް ހަމަޖެހެލިތަނާ މިކްޔާންގެ ފޯނު ރިންގުވާން ފެށުމުން ބަލާލިއެވެ. ގުޅަނީ ކުންފުނީގެ ފަރާތުން މަސައްކަތްތައް މިވަގުތަށް ޙަވާލުކޮށްފައިވާ ފަރާތްކަމުގައި ވުމުން، މިކްޔާން އެއްފަރާތަކަށް ޖެހެލީ އެއީ މުހިއްމު ކޯލަކަށް ވުމުންނެވެ. ފޯނުން ވާހަކަ ދައްކަމުން ކުރިއަށް ހިނގަމުން ގޮސް އޭނާއަށް މަގަށް ނުކުމެވުމުން މަޑުކޮށްލިއެވެ. ފޯން ކޯލް ނިންމާލުމަށްފަހު، ދަތުރުދިޔަ ސަރަޙައްދަށް ދާން އެނބުރެން އުޅުނު ވަގުތު، ދުރުން ސައިކަލްގައި އައި ޒުވާނަކު ފެނިފައި އޭނާ މަޑުކޮށްލީ އޭނާއަށް ހީވީ ރަނގަޅަށްތޯ ޔަޤީންކޮށްލުމަށެވެ.
އޭނާއަށް ހީވި ހީވުން ޔަޤީންވީ ސައިކަލްގައި އައި ނައިޒަކް، އޭނާއާއި ދާދި ގާތަށް އާދެވުމުން، އޭނާ ފެނިފައި ނިއް އެއްލާލި ގޮތުންނެވެ. އަދި އެ ތުންފަތަށް ވެރިވި ލުއި ހިނިތުންވުން ފެނިފައެވެ. އެއީ ނައިޒަކްކަން ޔަޤީންވުމުން މިކްޔާންވެސް އަތުން ހަނާއަޅާލިއެވެ. ނައިޒަކް އައިސް މިކްޔާންގެ ގާތުގައި މަޑުކޮށްލިއެވެ.
“މިކީ….. މިރަށުގައި ކީއްކުރަނީ….؟؟؟؟” މިކްޔާނާއި ސަލާމް ކޮށްލަމުން ނައިޒަކް ސުވާލުކޮށްލީ ހައިރާންވެފައި އިނދެއެވެ.
“މިލާންގެ ކައިވެންޏަށް އައީ…. ދެން އަހަރެންގެ އަންހެނުންވެސް އެއީ މިރަށު ކުއްޖެކޭ…… އޭނާގެ ކޮއްކޮއަކާ މިލާން ކައިވެނިކުރީ……” ނައިޒަކްގެ ކޮނޑަށް އަތް ވައްޓާލަމުން މިކްޔާން ބުނެދިނެވެ. ނައިޒަކް “އެހެން” ހޭ އަހާލިއެވެ.
“ހޫމް…. ނައިޒަކް މި ރަށްތަ….؟؟؟؟ އެކަން އެނގުންނަމަ ކުރިން ގުޅާލީހޭ….. މިހާރު ދެތިން ދުވަސްވެއްޖެ މިކޮޅުގައި އުޅޭތާ….”
“ކިތައް ފަހަރު ބުނީމަތަ ހަނދާންވަނީ…. އެކަހަލަ ކަންތައް ހަނދާންކުރުން އެއީ މިކީއަށް ވާވަރުގެ ކަންތަކެއް ނޫން….” ހިނިގަނޑެއް ޖަހާލަމުން ނައިޒަކް މިކްޔާނާއި ދިމާކޮށްލިއެވެ.
“ތަންކޮޅެއް ކުރިން ބުނިން ދޯ ކައިވެނިކުރަން އުޅޭ ވާހަކަ….. ކޮބާ އަންހެނުން…؟؟؟؟” ނައިޒަކް ކައިވެނިކުރަން އުޅޭ ވާހަކަ ބުނި ހަނދާނެއްވުމުން މިކްޔާން އަހާލިއެވެ. ނައިޒަކްގެ މޫނުގެ ކުލަވަރު ބަދަލުވެގެން އައި ނަމަވެސް ނިކަން އަވަހަށް އެކަން ފޮރުވާލިއެވެ. އަދި ފާޑަކަށް ހީގަންނަމުން ކައިވެނި ނުވަނީސް އެކަން ނިމުމަމަކަށް އައި ވާހަކަ ބުނެލިއެވެ. އެކަމާއި ގުޅޭގޮތުން މިކްޔާން ސުވާލުކުރުމުން ދެން އެވާހަކަ ނުދައްކަމާހޭ ބުނެލިއެވެ.
“މި ހިސާބުގައި ކީއްތަ ތި ކުރަނީ….؟؟؟ އަންހެނުން ގޮވައިގެން ދަތުރު އައިސްތަ ތި އުޅެނީ….؟؟؟ އަނބިމީހާއަށް ކިޔަނީ ކޮން ނަމެއްތަ….؟؟؟” މިކްޔާނަށް ބަލާލަމުން ނައިޒަކް އަހާލީ އެމީހުންގެ ވާހަކައިގެ މިސްރާބު ބަދަލުކޮށްލުމުގެ ނިޔަތުގައެވެ.
“އާން…. ނަމެއް ނުބުނާނަން…… ހިނގާ ތަޢާރަފްކޮށްދޭނަން….. ނައިޒަކްވެސް ހިވަނީ މޫދަށް އެރެންހެން ތި އައީ…. އެހެންވީމަ ދެން ހިނގާ މިއަދު އަހަރެމެންނާ ބައިވެރިވެލަން… މަންމަމެންވެސް އެބައުޅެއޭ…. އޭރުން މަންމަމެންނާވެސް ބައްދަލްކޮށްލެވޭނު…..” މިކްޔާން ނައިޒަކަށް ދަޢުވަތު ދިން ނަމަވެސް، ނައިޒަކް މަނާވެގަތެވެ. ނަމަވެސް މިކްޔާން ހުރީ ދޫ ދޭގޮތަކަށް ނޫނެވެ. އެހެންކަމުން އެންމެ ފަހުން ނައިޒަކަށް ޖެހުނީ ގޮތް ދޫކޮށްފައި މިކްޔާނާއިއެކު ދާށެވެ.
**********
ދަތުރުދިޔަ މަންޒިލަށް ދެވުމާއިއެކު، މަލަކްއާއި މިލާނަށް އެހިސާބުގެ ރީތިކަމުގެ ވާހަކައާއި، ޚާއްސަ ވާހަކަތައް ކިޔައިދެމުން ރިދާ، އެ ދިމާލުން ގަސްތަކު ތެރެއަށް ވަނެވެ. ރަޔާންގެ ދެމެފިރިން ތިބީ ހުދު ފަސްގަނޑުމަތީ އިށީނދެލައިގެން އެތަނުގެ ހިތްގައިމުކަމުގެ އުފާ ލިބިގަންނާށެވެ. ރަޔާން އިނީ ލައިނީގެ ކޮނޑުގައި ހިފަހައްޓާލައިގެންނެވެ. އެ ދިމާލުގައި ހުރި މޭޒެއްގެ ދޮށުގައި ރުހާއާއި، ލީނާގެ އިތުރުން މިލްނާ ހެނދުނުގެ ނާސްތާއަށް ސޭންޑްވިޗް ތައްޔާރުކުރުމުގައި އުޅުނެވެ. ނިމާލާއި ޖާވިދު އެތާ ތިބީ ކޮންމެވެސް ވާހަކައެއް ދެއްކުމުގައެވެ.
” މިކްޔާން އައީ އެ……” ނައިޒަކާއެކު އެ ދިމާއަށް ހިނގާފައި އައި މިކްޔާން ފެނުމުން ނިމާލް ބުނެލީ ދޭތެރެއަކުން މިލްނާ މިކްޔާން ކޮބާހޭ އަހާލާތީއެވެ. ނިމާލްގެ އަޑަށް އެންމެން އެއްފަހަރާކަހަލަ ގޮތަކަށް އެ ދިމާއަށް ބަލާލިއެވެ. އެވަގުތުވީ ރިދާމެންވެސް އެތަނަށް އައި ވަގުތު ކަމުން އެމީހުންނަށްވެސް ބަލާލެވުނެވެ. މިކްޔާންގެ ގާތުގައި ހުރި ނައިޒަކް ފެނިފައި ރުހާގެ އަތުގައި އޮތް ޕާންފޮތިވެސް ވެއްޓުނެވެ. އެހެން މީހަކަށް އެކަން ފާހަގަނުވީ، އެންމެންގެ ސަމާލުކަންވެސް މިކްޔާންމެނަށް ދެވިފައިވުމުންނެވެ. ޖާވިދާއި ލީނާއަށް ނައިޒަކް ފެނުމުން ދެމީހުން އެކަކު އަނެކަކަށް ނަޒަރު ބަދަލުކޮށްލަމުން، ދެ މީހުންވެސް ރުހާއަށް ބަލާލިއެވެ. ރިދާއާއި ލައިނީގެ އިތުރުން ރަޔާނަށްވެސް ރުހާއަށް ބަލާލެވުނެވެ. އޭރުވެސް ރުހާގެ ނަޒަރު ސީދާވެފައިވީ ނައިޒަކާ ދިމާއަށެވެ. ދެލޯ ބޮޑުކޮށްލައިގެން ހުރި ގޮތުން ހީވަނީ ދެ ލޮލަށް ފެންނަމުންދިޔަ މަންޒަރު ޤަބޫލުނުކުރެވިފައި ހުރިހެންނެވެ.
މިކްޔާނާއިއެކު ހިނގާފައި އައި ނައިޒަކްގެ ފިޔަވަޅުތަކަށް ހުއްޓުން އެރީ އެންމެންތެރޭ ހުރި ރުހާ ފެނުމުންނެވެ. އެ އެންމެންގެ ތެރެއިން އޭނާގެ ލޮލުގައި އެންމެ ފުރަތަމަވެސް އަޅައިގަތީ ރުހާއެވެ. ދެން ތިބި މީހުން އޭނާއަށް ފެނުނީ އެއަށްފަހުއެވެ.
“ކިހިނެއްވީ….؟؟؟؟ އާދޭ… ދުރުހިލޭ ބަޔަކު ނުތިބޭނޭ އެތާކު…. އެއީ އަހަރެންގެ ޢާއިލާއާއި އަންހެނުންގެ ޢާއިލާ މީހުން……” ނައިޒަކް ހުއްޓުމުން މިކްޔާން ބުނެލިއެވެ. އޭނާ ހީކުރީ ނައިޒަކަށް ހުއްޓުން އެރީ ނުދަންނަ ބަޔާކާ ބައްދަލްކުރަން ޖެހުމުން ކަމަށެވެ.
“މީ ނައިޒަކް….. އަހަރެން މެލޭޝިޔާގައި ކިޔެވި ދުވަސްވަރު ކޮލެޖުން ދިމާވި ރައްޓެއްސެއް…. މިލާންއަށް އެނގޭ ދޯ ނައިޒަކް… އެއްފަހަރަކު މާލެއިން ދިމާވިއެއްނު…..” މިކްޔާން އެންމެންނަށް ނައިޒަކް ތަޢާރަފްކޮށްދިނެވެ. އަދި މިލާނަށް ކުރިން ނއިޒަކް ދިމާވެފައިވާނެތީ، އޭނާއަށް އެކަން ހަނދާންކޮށްދިނުމުން މިލާންވެސް ބޯ ޖަހާލީ އޭނާއަށް ނައިޒަކް އެނގުމުންނެވެ. އަދި ހީލަމުން ނައިޒަކާ ސަލާމްކޮށްލިއެވެ. މިލާނާއި ސަލާމްކޮށްލުމަށްފަހު ބަދަލުގައި ނައިޒަކްވެސް ގަދަކަމުން ތުންފަތަށް ހިނިތުންވުމެއް ވެރިކުރުވިއެވެ. ރުހާގެ ޢާއިލާގެ ކުރިމައްޗަށް އެފަދަ ގޮތަކަށް އަންނަން ޖެހުމުން އޭނާ ހުރީ ވަރަށް އުނދަގޫވެފައެވެ. ބިން ފަޅާލާފައި އަޑިއަށް ދެވޭނެ ނަމައޭ، އެވަގުތު އޭނާގެ ހިތަށް އެރިއެވެ. ރުހާގެ ޢާއިލާ މީހުންގެ ލޯތައް އޭނާއަށް އަމާޒުވެފައިވުމުންވެސް ނައިޒަކް ހުރީ އުނދަގޫވެފައެވެ. މިކްޔާން އޭނާގެ މައިންބަފައިންނާއި މަލަކްވެސް މިކްޔާނަށް ތަޢާރަފްކޮށްދިނެވެ. ޖާވިދާއި ސަލާމް ކޮށްލުމަށްފަހު، މިލްނާއާއި މަލަކްއަށް ބަލާލަމުން ގަދަކަމުން ކުޑަކޮށް ހިނިތުންވެލިއެވެ.
“ދެން މި ހުރީ އަހަރެންގެ އަނބިމީހާ ރުހާ….. އެއްރަށެއް ވީމަ، ރުހާއާއި ރުހާގެ ޢާއިލާ މީހުން ނައިޒަކަށް އެނގޭނެ ކަންނޭނގެ ދޯ……” ރުހާގެ ކޮނޑުގައި ދެއަތުން ހިފަހައްޓާލަމުން މިކްޔާން ނައިޒަކަށް ރުހާ ތަޢާރަފްކޮށްދިނުމަށްފަހު ބުނެލިއެވެ. މިކްޔާންގެ ދުލުން ފުރަތަމަ އެ ނުކުތް ބަސްތައް އިވިފައި ހީވީ ނައިޒަކްގެ ގަޔަށް މީހަކު ހޫނު ފެން އެއްޗެއް އޮއްސާލިހެންނެވެ. ގަޔަށް ނުބައި ހޫނުގަނޑެއް އަރައިގެން ދިޔައެވެ. ރުހާ ކައިވެނިކުރިކަން އެނގުނުނަމަވެސް، އޭނާގެ ފިރިމީހާއަކީ ނައިޒަކްގެ ގާތް އެކުވެރިއަކަށް ވެދާނެކަމަކަށް ނައިޒަކް އުއްމީދެއްވެސް ނުކުރެއެވެ.
“ރުހާއާއި ރުހާގެ ޢާއިލާ މީހުން އަހަންނަށް އެނގޭ….” ރުހާއަށް ބަލަން ހުރެ ބޯ ޖަހާލަމުން ނައިޒަކް ބުނެލިއެވެ. އެ ތޫނު ނަޒަރު އޭނާގެ ދެލޮލަށް އަމާޒުވެފައިވާއިރު، ދެ މީހުންގެ ހަތަރުކަޅި ބައްދަލްވީހިނދު ރުހާއަށް އިސްޖަހާލެވުނެވެ. ހިނގަމުން މިދާ ކަންތައްތަކާއިހުރެ ހީވަނީ އޭނާގެ ދެފައިން ވާގި ދޫވެގެން ވެއްޓިދާނެހެންނެވެ. ކުރިން އެ ދެމެދުގައިވީ ގުޅުން ނައިޒަކްގެ ފަރާތުން މިކްޔާނަށް އެނގިދާނެތީވެސް ރުހާ ޖެހިލުންވިއެވެ. ދެއަތްދެއަތާ މޮޑެވެން ފެށުނީ ހާސްވީވަރުންނެވެ.
“ރުހާއަށްވެސް ނައިޒަކް އެނގޭ ދޯ……” ސިހިފައި ރުހާއަށް މިކްޔާނާއި ދިމާއަށް ބަލާލެވުނީ ،މިކްޔާން، އޭނަގެ އުނަގަނޑުގައި އަތް އަޅުވާލަމުން އެހެން އަހާލުމުންނެވެ. ރުހާގެ ބޮޑު ދެ ލޮލުން މިކްޔާނަށް ބަލަމުން ދިޔައީ އެ މޫނުމަތީގައިވާ އަސަރުތައް ދެނެގަންނަން މަސައްކަތް ކުރަމުންނެވެ. މިކްޔާން އަހާލިގޮތުން އޭނާ ހީކުރީ ހުރިހާ ކަމެއް އެނގިހުރެ އަހާލިހެންނެވެ. އެހެނަސް، އެ މޫނުމަތީގައިވި އުޖާލާ ކަމާއި ތުންފަތުގައިވި ހިނިތުންވުމުން އޭނާއަށް އެއިންކަމެއް ރޭކާ ނުލާކަމަށް ހެކިދެއެވެ.
“ރުހާ….. ހާދަ ވަރަކަށް ތި ބަލަނީ…. މި އެންމެންތެރޭ އަހަރެން ލަދުގަންނަވާލަންތަ ތި އުޅެނީ…. ޚާއްސަކޮށް އަހަރެންގެ އެކުވެރިޔާގެ ކުރިމަތީ….. ނޫނީ އަހަރެން މިއަދު މާ ރީތީތަ…؟؟؟” ރުހާ މާވަރަކަށް ބަލާތީ ރުހާގެ ކަންފަތްދޮށުގައި މިކްޔާން ވަރަށް ސިއްރުން ބުނެލިއެވެ. ރުހާ ބަލާލުމުން އޭނާ އެއްލޯމަރާލިގޮތުން އެ ގަޑީގައި ކިތަންމެ ހާސްވެފައި ހުރި ނަމަވެސް ރުހާގެ ދޮން މޫނަށް ފިނިފެންޖަންބުކުލަ ވެރިވެގަތެވެ. އެ މީހުންގެ ކުރިމަތީގައި މިމަންޒަރު ބަލަން ހުރި ނައިޒަކްގެ ހިތް އަނދައިގަތެވެ. ރުހާދެކެ އޭނާ އަދިވެސް ލޯބިވެއެވެ. އެހެންކަމުން ރުހާ އެހެން ފިރިހެނަކާއިއެކު ފެނުމުން، އަދިވެސް އޭނާގެ ހިތަށް އަސަރުކުރެއެވެ. އެ ހިތުގައި ހަސަދަވެރިކަމުގެ ހުޅު ރޯވާން ފަޅި ސިކުންތުކޮޅެއްވެސް ނުނަގައެވެ. ރުޅިއައިވަރުން އަތް މުށްކަވާލެވުނުއިރު، އެކުވެރިޔާއަށް އެކަން އެނގިދާނެތީ، އެ އަތް، އަވަހަށް ސޯޓުގެ ޖީބަށް ޖަހާލިއެވެ.
“އަހަރެމެންނަށް ނައިޒަކް އެނގޭ ދޯ ދަރިފުޅާ…. އެންމެންނަށްވެސް އެނގޭ…..” ރުހާ ވަކި ޖަވާބެއް ނުދީ ހުރުމުން ކުޑަކޮށް ހިނިތުންވެލަމުން ޖާވިދު ބުނެލިއެވެ. އޭނާ ބެލީ މަސްލަހަތު ހިފެހެއްޓޭތޯއެވެ. ކޮންމެ ގޮތެއްވިޔަސް، މިއަދު ނައިޒަކް އެ މީހުންގެ ކުރިމަތީ އެ ހުރީ މިކްޔާންގެ އެކުވެރިއެއްގެ ޙައިޞިއްޔަތުންނެވެ. ރުހާ ކުރިން ކައިވެނިކުރަން އުޅުނު މީހާގެ ޙައިޞިއްޔަތަކުން ނޫނެވެ. އެހެންކަމުން މާޒީގައި ކޮންމެ ކަމެއް ކޮންމެފަދަ ގޮތަކަށް ހިނގާފައި އޮތަސްވެސް އޭނާ ނައިޒަކާ ސަލާމްކޮށް ޙާލުއަހުވާލު އަހާލިއެވެ.
މިކްޔާންގެ ޢާއިލާމީހުން ނައިޒަކާ ވާހަކަ ދައްކަން ތިބުމުން ރުހާގެ އަތުގައި ހިފައިގެން ރަޔާން ކުޑަކޮށް އެއްފަރާތްވެލިއެވެ. ރިދާއާއި ލައިނީގެ އިތުރުން ޖާވިދުގެ ދެމަފިރިންވެސް އެމީހުންގެ ގާތަށް ދިޔައެވެ.
“ނައިޒަކްގެ އެއްވެސް ވާހަކައެއް މިކްޔާނަށް ކިޔައިދިނިންތަ….؟؟؟ މި ބުނީ ރުހާއާއި ނައިޒަކް ކައިވެނި ކުރަން ހަމަޖެހިފައި ކެންސަލްވީކަން މިކްޔާނަށް އެނގޭނެތަ….؟؟؟” ރަޔާންގެ އަޑުގައި ކަންބޮޑުވުމުގެ އަސަރުތައް އެކުލެވިފައިވިއެވެ. ވިސްނާލަން ހުރެފއި ރުހާ ދެފަރާތަށް ބޯ ހޫރާލީ އޭނާގެ މާޒީގެ އެއްވެސް ވާހަކައެއް މިކްޔާނަށް ޚިއްސާކޮށްފައި ނުވާނެތީއެވެ.
“އޯހް ނޯ….. މިކީ ދޮންބެއަށް ނައިޒަކްގެ ފަރާތުން އެކަންތައް އެނގިއްޖެއްޔާ އޯ… އޭނަ މިކީ ދޮންބެއަށް އެވާހަކަތައް ކިޔާދީފާނެތަ…..؟؟؟؟” ހާސްވެފައި ހުރެ ރިދާއަށް ބުނެވުނެވެ. ރަޔާންވެސް ކަންބޮޑުވީ އެކަމާއެވެ. ރުހާގެ ފަރާތުން އެނގުމުގެ ބަދަލުގައި ނައިޒަކްގެ ފަރާތުން މިކްޔާނަށް އެކަންތައް އެނގިއްޖެއްޔާ މަސްލަޙަތު ގޯސްވެދާނެތީއެވެ. އެކަމުގެ ސަބަބުން ރުހާ އަދި ރިދާގެ ދިރިއުޅުމަށްވެސް އެއްވެސް ނެދެވޭ އަސަރެއްކުރާކަށް އޭނާ ނޭދެއެވެ.
“އެހެންވެއޭ އަހަންނަށްވެސް މި އަހާލެވުނީ….. ކޮންމެ ގޮތެއްވިޔަސް ނައިޒަކް އެކަހަލަ ވާހަކައެއް ދެއްކުމުގެ ކުރިން ރުހާ އަމިއްލައަށް އެކަން މިކްޔާނަށް އަންގާލާ… އޭރުން މިކްޔާންގެ ހިތުގައި އެއްވެސް ޝަކުވާއެއް ނުވާނީ…. އެއީ އެންމެ މަސްލަޙަތު ރަނގަޅު ގޮތަކީވެސް…..” ރަޔާންމެން ދެއްކި ވާހަކައަކުން ރުހާވެސް ހާސްވިއެވެ. މިކްޔާނާއި އޭނާއާއި ދޭތެރޭ އެއްވެސް ކަހަލަ މައްސަލައެއް ޖެހޭކަށް އޭނާ ނޭދެއެވެ. ޚާއްސަކޮށް ތިންވަނަ މީހެއްގެ ސަބަބުންނެވެ. އިރެއްގައި އޭނާއަށް ނައިޒަކްދެކެ ލޯބިވެވުނުހެން ހީވިޔަސް، ޙަޤީގަތުގައި މިކްޔާނާއި ބައްދަލްވީފަހުން އޭނާގެ ހިތުގައި ނައިޒަކަށްޓަކައި އެފަދަ އެއްވެސް ޚިޔާލެއް ފިކުރެއް ނުވެއެވެ. މިކްޔާނާއި އޭނާއާއި ދެމެދު އަދި ރަނގަޅު ގުޅުމެއް އުފެދިފައި ނެތްނަމަވެސް، އޭނާގެ ހިތުން މިކްޔާނަށްވަނީ ޚާއްސަ ޤަދަރަކާއި މަޤާމެއް ދެވިފައެވެ. މީގެ ކުރިން އިތުރު ފިރިހެނަކަށް ދެވިފައިނުވާފަދަ މާތް މަޤާމެކެވެ. މީގެ ކުރިން ނައިޒަކާ ކައިވެނިކުރަން އުޅުނުއިރު ނައިޒަކް ފެނިގެން ނުވާ ގޮތްތަކެއް އޭނާއަށް މިހާރު މިކްޔާން ފެނުނީމާ ވެއެވެ. އެ ހިތުގައި ތަފާތު ގޮތަކަށް ވިންދު ޖަހާހެން ހީވެއެވެ. އަބަދުހެން މިކްޔާންގެ ގާތުގައިވުމަށް އެ ހިތް އެދެއެވެ. އޭނާއަށް ނޭނގޭކަމަކީ، އޭނާއަށް މިކްޔާންދެކެ ލޯބިވެވިއްޖެކަމެވެ. އެކަން އަދި ފަހުމް ނުވިނަމަވެސް، ނައިޒަކްގެ ސަބަބުން އޭނާއާއި މިކްޔާނާއި ދެމެދުގައިވާ ގުޅުމަށް އެއްވެސްކަހަލަ ހީނަރުކަމެއް އަންނާކަށް އޭނާ ފަހަރެއްގައިވެސް ނޭދެއެވެ.
“ރުހާ…… ކޮންމެ ވަގުތެއްގައިވެސް ނައިޒަކް އެ ވާހަކަ ދައްކަފާނެ… އަވަހަށް ދޭ މިކްޔާނަށް އެ ވާހަކަ ކިޔައިދޭން….” ޚިޔާލްތަކަށް ގެއްލިފައިހުރި ރުހާ ސިހިގެން ދިޔައީ ލައިނީ ގޮވާލުމަށްފަހު، ވާހަކަ ދެއްކުމުންނެވެ.
“މިހާރު….؟؟؟ މި ގަޑީގަ….؟؟؟” ރުހާއަށް އަހާލެވުނެވެ. ލައިނީއާއި ރަޔާން އެކުއެކީގައިހެން ބޯ ޖަހާލުމުން ރުހާއަށް ބަލާލެވުނީ އެ މީހުންގެ މައިންބަފައިންގެ ގަޔަށެވެ. ލީނާއާއި ޖާވިދުވެސް ޚިޔާލްދިނީ އެންމެ ވަގުތެއްވެސް ލަސްނުކޮށް މިކްޔާނަށް ޙަޤީގަތް ކިޔައިދިނުމަށެވެ. އުނދަގޫ ގޮތަކަށް ހިން ދިރުވާލަމުން ރުހާއަށް ބަލާލެވުނީ ތަންކޮޅެއް ދުރުގައި މިލާންމެންގެ ގާތުގައި ތިބި މިކްޔާނަށާއި ނައިޒަކަށެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.







Kiyuntherinnah mi baives kamudhaane kamah ummeedhukuran ?
Mihaaru mi vaahaka eem ge fb page “EamYaa ge Vaahaka” in ves kiyaaleveyne ?
https://www.facebook.com/EamYaa-ge-Vaahaka-100267119062847/
Just wow
Awesome job ❤️?? love it
Can u up next part ASAP
when next
Adhi neyge bunaakah liye nimunhaa avahah upload kohladheynan ??