ހަވީރުގެ ވަގުތެވެ. މަޑުމަޑުން ވައި ޖެހިލަ ޖެހިލާ ހުއްޓެވެ. ފެންނަމުންދަނީ ށ. މަރޮށީގެ ރުއް ގިނަ ވަލުތެރެއެވެ. ރާވެރި އާދަނު އެއިރު ވަލުގައި ހުރި އޭނަގެ ރާކުރާ ރާރުކަކުން ރާބާލައިގެން ފައިބަނީއެވެ. އެ ރުއްތަކަކީ ކާބަފައިންގެ ފުށުން ވާރުތަވެފައިވާ ރުއްތަކެކެވެ. އާދަނަކީ އާދައިގެ ހަށިގަނޑަކާއި އިސްކޮޅެއް ލިބިފައިވާ ޒުވާން އުމުރުފުރާގެ މީހެކެވެ. އޭނަގެ ކަޅުކުލަ ގަދަ އިސްތަށިގަނޑު ހުރީ ކުރުކޮށް ކޮށާލާފައެވެ. ހުސްގަޔާ ހުރި އިރު މީހާގެ މުޅިގައިން ހުރީ ދާހިއްލާފައެވެ. އަނދެގެން ހުރި އަޅިފުސް ކުލައިގެ މުންޑު އޮތީ އަރުވާ ޖަހާލާފައެވެ. ކުޑަ ފިޔޮށްސެއް މުންޑާއި އުނަގަނޑާ ދޭތެރެއަށް ޖަހާލާފައި އިނެވެ. ކަނާއަތުން ބިޔަ ދެ ރާގުޑި ހިފައިގެން ހުއްޓެވެ. ރާގުޑިތައް ދޮވުމަށް ގެންގުޅޭ ފިންދަނޑިއާއި ފެންއަޅައިގެން ގެންގުޅުނު ރާގުޑި އަނެއްއަތުގައި އޮތެވެ. އެ ތަކެތި ރުއްކައިރީގައި, ރާގުޑި އަޅުވަން ހަދާފައިހުރި ރާކަނިގަނޑުގައި އަޅުވާލިއެވެ. އެވަގުތު ކުއްލިއަކަށް އޭނާ ސިއްސައިގެން ދިޔައީ ފަހަތުން އައި ކުޑަކުއްޖަކު އޭނައަށް ބައްޕާއޭ ކިޔާ ގޮވާލި އަޑަށެވެ. ފަހެއް ބަލާލިއިރު އޭނަގެ އެންމެ ދޮށީ އަންހެން ދަރި, ފާތިމާ, ދުވަމުން ދުވަމުން އައިސް އޭނައާ އަރާ ހަމަވަނީއެވެ.

އެ ކުއްޖާގެ ކަޅުކުލަ ގަދަ ދިގު އިސްތަށިގަނޑު އޮތީ ފަހަތަށް ވާގޮތަށް ގަތާލާފައެވެ. އެ ލޮބުވެތި މޫނުމަތިން ފެންނަނީ ހާސްކަމެވެ. ލައިގެން ހުރި މަޑުފެހި ލިބާސް އޮތީ ދަލުން ފޯވެފައެވެ. އެ މަންޖެއަށް ހުރީ ދުވެ ދުވެ ވަރުބަލިވެގެން މާނޭވާ ލެވިލެވިއެވެ. އާދަނާއި އަރާހަމަވުމުން, މާނޭވާލަމުން, އަވަހަށް ގެއަށް އަންނާށޭ, މަންމަގެ ބަނޑުގައި ރިއްސާތީ އެބަ އުޅެއޭ އެ މަންޖެ ބުންޏެވެ. ވަގުތުން އާދަނުގެ އަތުގައި ހުރި ރާގުޑިތައް ރާކަނިގަނޑުގައި އަޅުވާލުމަށް ފަހު ފަޔަށް ބާރުލައި ދުއްވައިގަތެވެ. ފާތިމާ ވެސް ވަގުތުކޮޅަކު މަޑުކޮށްލުމަށް ފަހު އާދަނުގެ ފަހަތުން ދުވެފައި ދިޔައެވެ.

އާދަނަށް ގެއާއި ހިސަބާށް ދެވުނުއިރު ހުރީ ދާހިއްލާ ފޯވެ, މާނޭވާ ލެވިލެވިއެވެ. އެއިރު އޭނަގެ އެންމެ ހަގު އަންހެން ދަރި, ހަދީޖާ, ފޫޅުމައި ދައިތައާއި, އެހީތެރިއަކު ގޮވައިގެން އަންނަނީއެވެ. އެތަން ފެނި އާދަނުގެ ހިތައް ހަމަޖެހުމެއް ލިބޭ ގޮތްވިއެވެ. ހަދީޖާ ވެސް ލައިގެން ހުރީ މަޑުފެހި ލިބާހެކެވެ. އަދި އޭނަގެ އިސްތަށިގަނޑު ވެސް ހުރީ ފާތިމާގެ ބޮލުގެ އިސްތަށިގަނޑު ހުރި ގޮތަށް ގަތާލާފައެވެ. ފާތިމާގެ އުމުރަކީ އަށް އަހަރެވެ. ހަދީޖާގެ އުމުރުން ހަ އަހަރެވެ. ހަދީޖާމެން އާދަނާއި އަރާ ހަމަވުމުން, ހަދީޖާނޫން އެހެން އެންމެން އެކުގައި ގޭގެ އެތެރެއަށް ވަނުމަށް އަވަސްވެގަތެވެ. އެ ގެއަކީ ފަނުން ހަދާފައިހުރި ކުޑަ ގެއެކެވެ. ހިޔާކޮށްފައި ވަނީ ވެސް ފަނުންނެވެ. ހަދީޖާ އޭނަގެ ދައްތަ، ދުވެފައި އަންނަތަން ފެނި ބޭރުގައި މަޑުކޮށްލިއެވެ.

ފޫޅުމައި ދައިތަ މެންނަށް, ގެއަށް ވަދެވުނު އިރު އާދަނުގެ އަންހެނުން މޫރިސާ, އޭނަގެ ކޮޓަރީގައި އޮވެ ބަނޑުގައި ރިއްސާތީ ރޮނީއެވެ. އާދަނު ގޮސް މޫރިސާގާތު އަހަރެން މިއައީއޭ ބުނެ މޫރިސާ ހަމައަކަށް އެޅުވޭތޯ އުޅުނެވެ. ފޫޅުމައި ދައިތަ އައިސް މޫރިސާގެ ބަނޑުގައި އަތްލާ ހޭނުމަށް މަސައްކަތް ފެށިއެވެ. އަދި އާދަނުގާތުގައި ފޫޅު ކާފައަކު ގެނެއުމަށާއި, އަލަފަތާއި ކެޔޮފަތް ގެނެއުމަށް ބުންޏެވެ. އަދި ކާށި ތެލާއި, ފެނާއި, ފޫޅު ކެނޑުމަށް ތިލައަކާއި, ރޮދި ގެނެއުމަށް ބުންޏެވެ. އޭގެ އިތުރުން ކުޑަ ގޮނޑިއަކާއި, ސާފު ތާހިރު ފޮށްޗާއި, ބޮޑު ތެއްޔެއް ގެނެއުމަށް ވެސް ބުންޏެވެ.

ފޫޅުމައި ދައިތަ އެހެން ބުނުމުން އާދަނު ގެއިން ނިކުތެވެ. އެއިރު އޭނަގެ ދެ ދަރިން ގޭގެ ބޭރުގައި ހުރި ޖޯލިފަތީގައި ތިއްބެވެ. އެ ދެކުދިން ގާތު ފޫޅު ކާފަގެ ގެއަށް ގޮސް އެބޭބެ ގާތު މިގެއަށް އައިސްދޭށޭ ބުނަން ދާށޭ ބުންޏެވެ. އެ ކުދިން އަވަސް އަވަހަށް ދުވެފައި ފޫޅުކާފަގެ ގެއާ ދިމާލަށް ދިއައެވެ. އާދަނު ދެން އަވެސްވެ ގަތީ ފޫޅުމައި ދައިތަ ގެންނަށް ބުނި އެއްޗެހި ހަމަ ކުރެވޭތޯއެވެ. މިހެންވެ ގޭގެ ބިއްދަށް ފަރާތަށް ގޮސް ކެޔޮފީނުން ކެޔޮފަތާއި, އަލަފީނުން އަލަފަތް ކަނޑައިގެން ގެނައެވެ. އަދި އެ ގޭގެ ބަދިގޭގައި ހުރި ކާށި ތެޔޮ ހޯދިއެވެ. އެއަށް ފަހު ވަޅު ދޮށަށް ގޮސް މުށި ރުނބާއަކަށް ފެންއަޅައިގެން ގެންގޮސް ކޮޓަރިއަށް ލިއެވެ. އެއިރުވެސް އަދި މޫރިސާ ނުވިހައެވެ. ދެން އާދަނު އަވަސްވެ ގަތީ ރޮށްޖާއި, ތިލައެއް ހޯދުމަށެވެ. ތިލަ ހޯދައިގެން ގޮސް ރަނގަޅަށް ފެނު ކެއްކުމަށްފަހު, ސާފު ރީތި ހުދު ފޮތި ހިފައިގެން ކޮޓަރިއަށް ދިޔައެވެ. މޫރިސާ ވިހެއިމުގެ ވޭންވަރު އައި އިރު ފޫޅުމައި ދައިތައަށް ކުޑަ ގޮނޑިއަކާއި, ބޮޑު ތެއްޔެއް ހިފައިގެން އާދަނު އައިސް ކޮޓަރިއަށް ވަންނަނީއެވެ. އަދި އެވަގުތު ފޫޅުކާފައަށް ވެސް އާދަނުގެ ގެއަށް އާދެވިއްޖެއެވެ.

ފޫޅުކާފައާއި އެކު އާދަނު ވެސް މައިގޭގައި ކިޔަވަން އިނެވެ. އާދަނުގެ ދެކުދިން އޭރު ތިބީ ގޭގެ ބޭރު ޖޯލީގައި އެކުދިންގެ ކޮށްކޮ ދެކިލަން ބޭނުންވެ ކެތްމަދުވެފައެވެ. އިރުކޮޅެއް ފަހުން ކޮޓަރިން އިވިގެން ދިޔައީ ކުޑަ ކުއްޖެއްގެ ރުއިމުގެ އަޑެވެ. އެ އަޑު އިވުމާއެކު ފޫޅުމައި ދައިތަ އާއި ފޫޅުކާފަ އެކުގައި ބަންގި ގޮވަން ފެށިއެވެ. މަސްތުރަ ވަންދެން ފޫޅު ނުކަނޑާ ފޫޅުމައި ދައިތަ މަޑުކޮށްލިއެވެ. އެވަގުތު ކޮޓަރީގައި ތިބި ފޫޅުމައިދައިތައާއި، އެހީތެރިއާއަށް ފެނުނު މަންޒަރުން ތިބީ ހައިރާންވެފައެވެ. އެ ކުޑަ ކުއްޖާގެ ކައިރިން ފާޅުވީ ކުޑަކުޑަ ޅަ ކޮވެއްޔެކެވެ. އާދައިގެ ކޮވެއްޔަށް ވުރެ ބޮޑު ކޮވެއްޔެކެވެ. އެ ކޮވެލި އޮތީ ބިހުން ކޮވެލި ނުކުންނައިރު އޮންނަ ގޮތަށް ފަތް ނުފަޅާ, ތެމިފައެވެ. އެކަމަކު އެތަނުން އެކަކަށް ވެސް ނޭނގޭކަމަކީ އެސޮރު އެތަނަށް އައި ގޮތެވެ. މިހެންވެ ފޫޅުމައި ދައިތައާއި އެހީތެރިއެއްގެ ގޮތުގައި ހުރި ދައިތަ ވެސް އަޖައިބުވެ އަންތަރީސް ވިއެވެ.

މަސްތުރަ ވުމުން ފޫޅު ކަނޑަމުން ފޫޅުމައި ދައިތަ ގޮވާލިއެވެ. ”އާދަނުގެ ފިރެހެން ދަރީގެ ފޫޅު ކަނޑަމެ“. އެ އަޑު އިވި އާދަނުގެ ހިތައް އުފާވެރިކަން ވެރިވެގެން ދިޔައެވެ. ފިރެހެން ކުއްޖަކު ލިބުނީމައެވެ. ފޫޅު ކެނޑުމަށްފަހު ރޮދިން ފޫޅުގައި އެއްސިއެވެ. އެއަށްފަހު ކުއްޖާ ސާފު ކޮށް ސާފު ހުދު ފޮތިގަނޑަކަށް ކުއްޖާއާއި ކޮވެލި ލިއެވެ. އަދި އަލަ ފަތުގެ ތެރެއަަށް މަސް ލައި ބަންދުކުރިއެވެ. އެނދު ތަންމަތި ސާފުކޮށް ފޫޅުމައި ދައިތަ ކުޑަކުއްޖާ ގޮވައިގެން ކޮޓަރީގެ ދޮރު ކައިރިޔަށް ގޮސް, ދެވަނަފަހަރަށް ބަންގި ގޮވައިދިނުމަށް ފޫޅުކާފަގާތު ބުންޏެވެ. ބަންގި ގޮވާ ނިމުމުން އާދަނާއި, ފޫޅުކާފައާއި, އާދަނުގެ ދެކުދިން ގޮސް ކޮޓަރިއަށް ވަނެވެ. އެއިރު ފޫޅުމައިގެ އެހީތެރިޔާ މޫރިސާ ސާފުކޮށް ނިންމައިފިއެވެ.

އާދަނުމެން ކޮޓަރިއަށް ވަދެވުނުއިރު ކުޑަކުއްޖާ އޮތީ މޫރިސާ ގާތު ބާއްވާފައެވެ. ފާތިމާ އާއި ހަދީޖާ ދުވެފާ އެކުދިންގެ ކޮއްކޮ ބަލާލަން ދިޔައެވެ. އެއިރު ފޫޅުމައި ދައިތައާއި އެހީތެރިޔާ ފޮތިގަނޑަށް ލައިފައި އޮތް ކޮވެލި ހިފައިގެން އާދަނާއި ފޫޅުކާފަ ގާތަށް އަންނަނީއެވެ. ފޫޅުމައި ދައިތަ އައިސް އެ ކޮވެލި އާދަނު މެންނަށް ދައްކާ, އާދަނު މި ކޮޓަރީގައި ކޮވެއްޔެއް ގެންގުޅެނީހޭ އެހިއެވެ. ޖަވާބުގައި އާދަނު, ނޫނެކޭ, އަނެއްކާ ތި ކޮވެއްޔަކީ ކޮންތާކުން ގެނައި ކޮވެއްޔެއްހޭ އެހިއެވެ. ފޫޅުމައި ދައިތަ ބުނީ އެ ކޮވެލި ފާޅުވީ ކުއްޖާ ވިހާ އިރުކޮޅެއް ވީތަނާ އެކުއްޖާ ކައިރިން ކަމަށެވެ. އެ ކޮވެލި އެތަނަށް އައި ގޮތެއް އެމީހުންނަށް ނޭނގުމުން ތިބީ އެންމެން ވެސް ހައިރާންވެ ބިރު ގަންނަ ގޮތްވެފައެވެ. މިހެންވެ އެންމެން ވެސް ނިންމީ ރަށުގައި ހުރި މޮޅު ފަންޑިތަވެރިއެއް ގެނެސް އެ ކޮވެލީގެ ހަގީގެއް ހޯދުމަށެވެ.

އެގޮތަށް އެއްބަސްވެ ފޫޅުމައި ދައިތަގެ އެހީތެރިއާއި ފޫޅުކާފަ ދިޔައީ ގެޔަށެވެ. އާދަނުއަށް އެ ކޮވެލި ހަވާލު ކުރުމަށް ފަހު ފޫޅުމައި ދައިތަ ވެސް ދިޔައީ ގެޔަށެވެ. އާދަނު ކޮވެލި ހިފައިގެން މޫރިސާ ގާތަށް ގޮސް އެ ކޮވެލި ދައްކާ ވީގޮތް ކިޔައި ދިނެވެ. މޫރިސާގެ މޫނުމަތިން ވެސް ފެނުނީ އަޖައިބުވި ކަމުގެ ކުލަވަރު ތަކެވެ. ނަމަވެސް މިއަދު އާއިލާއަށް އިތުރުވި ކުޑަ ފިރެެހެން ސޮރު ފެނި އެންމެންގެ މޫނުމަތިން ދެން ފެންނިގެން ދިޔައީ އުފާވެރިކަމެވެ. މާދަމާ ފަންޑިތަވެރިޔާ އައުމުން ކޮވެލީގެ ހަގީގެއް ބަލަން ނިންމާ އެންމެ ވެސް ތިބީ ހަމަ ޖެހިލައިގެންނެވެ.

އޭގެ އަނެއް ދުވަހު ހެނދުނުގެ ވަގުތެވެ. އާދަނު އެއިރު އުޅުނީ އެ ރަށުގެ މޮޅު ފަންޑިތަވެރިއެއް ކަމުގައިވާ ހުސޭނުބޭ ގޭގައެވެ. ހުސޭނުބޭ ގާތު އިއްޔެ ވީކަންކަން ކިޔައިދިނުމުން އެ ކޮވެލި ބަލާލަން ބޭނުން ވިއެވެ. މިހެންވެ އަވަހަށް ދެމީހުން އެކުގައި ދިޔައީ އާދަނުގެ ގެއަށެވެ. ހުސޭނުބޭގެ ފަންޑިތަ ހެދުމަށް ގެންގުޅޭ ބައެއް ސާމާނު ހިފައިގެންނެވެ. ގޭ ދޮށަށް ދިޔައިރު މޫރިސާއާއި އޭނަގެ ދެ އަންހެން ކިދުން ތިބީ ކޮޓަރީގައި އެ ކުދިންގެ ކޮއްކޮގެ ގާތުގައެވެ. ކުޑަ ކޮވެލި އެ ކުޑަކުއްޖާގެ ގާތުގައި ބާއްވާފައި އޮތެވެ. އެ ކޮވެލީގެ އަޖައިބުވާ އެއްކަމަކީ ކާންދޭން ނުޖެހުމެވެ. އާދަނުއާއި ހުސޭނުބޭ ކޮޓަރިއަށް ވަނެވެ. އަދި އެ ކޮވެލި ފެނި ހުސޭނުބޭ ވެސް ހައިރާންވިއެވެ. އެއީ އެ ކޮވެލި އާދައިގެ ކޮވެއްޔަށް ވުރެ ބޮޑުކަމުންނެވެ. ހުސޭނުބޭގެ އެދުމުގެ މަތިން ކޮވެއްޔާއި އެ ކުޑަކުއްޖާ މައިގެއަށް ނެރި, މައިގޭގަައި ހުރި އެނދެއްގައި ބޭއްވިއެވެ. މޫރިސާއާއި ދެކުދިން ދުރުގައި ކުޅިބަލަން ތިއްބެވެ.

މޫސަބޭ ގެނައި, ކަށިކެޔޮ ފަތުން ވިޔެފައިވާ ވައްޓަކުން ދުންއަޅަން ގެންގުޅޭ ދުންކިބައެއް ނެގިއެވެ. ކުޑަ ކުއްޖާ ބާއްވާފައި އޮތް އެނދު މަތީގައި ދުންކިބަ ބެހެއްޓިއެވެ. އަދި ދުން އެޅުމަށް ބޫނުން ކުރާ ބައެއް ސާމާނު ވެސް އެއްކަލަ ވަށިން ނެގިއެވެ. ކުމުންޒާނިއާއި, ބޮކަރާއި, ހައިވަކަރާއި, ލާދަން އަދި ދުންސާމަރާނި ނެގިއެވެ. މިތަކެތި ނެގުމަށްފަހު ދުންކިބައަށް އެއެއްޗެހި އެޅިއެވެ. އަދި އަލިފާން ރޯކޮށްލިއެވެ. އިސާހިތަކު މުޅިގެއިގާ ހިފާލީ މީރުވަސް ގަނޑެވެ.

ދުންކިބައިން އަރަމުން ދިޔަ ދުންތައް މޫސަބޭގެ އެއްއަތުން އެ ކުޑަކުއްޖާއާއި ކޮވެއްޔާއި ދިމާލަށް ގެންދަމުން ދިޔައެވެ. އަދި މޫސަބޭ މަޑުމަޑުން އެއްޗެއް ކިޔަވާލަ ކިޔަވާލަ އިނެވެ. އެ ކޮވެއްޔަކީ ޖިންނިއެއްތޯ ނޫނީ އެ ކުޑަކުއްޖާއަށް ޖިންނިއެއްގެ އުނދަގުލެއް ވޭތޯ ބެލުމަށް ކިޔަވަނީއެވެ. ނަމަވެސް އެ ކިޔެވެލީގެ ސަބަބުން އެތަނުން އެކަކަށް ވެސް އަސަރެއް ކުރާތަން މޫސަބޭއަށް ނުފެނުނެވެ. މިހެންވެ މޫސަބޭގެ ކިޔެވުން އިހުނަށްވުރެ ވަރުގަދަ ކޮށްލިއެވެ. އެކަމަކު ވެސް އެއްވެސް ކަމެއް އެސޮރަށް ވެސް އަދި ކޮވެއްޔަށް ވެސް ނުވެއެވެ. ކުޑަމިނުން އުނދަގުލެއް ވެގެން ރޮއެ ވެސް ނުގަނެއެވެ. އެންމެ ފަހުން އާދަނުގެ މޫނަށް ބަލާލުމަށްފަހު, މޫސަބޭގެ ކިޔެވެލި ހުއްޓާލިއެވެ. އަދި އެ ކޮވެއްޖަކީ ޖިންނިއެއް ނޫންކަމަށާއި, އެ ކުޑަކުއްޖާއަށް ޖިންނިއެއްގެ އުނދަގޫ ޖެހިފައި ނުވާކަމުގައި ބުންޏެވެ. މޫސަބޭގެ އެބަހުން އެންމެން ވެސް ތިބީ ހިތްހަމަ ޖެހިފައެވެ. އާދަނުއާއި މޫރިސާ, މޫސަބެއަށް ޝުކުރުވެރި ވިއެވެ. މިހެންވެ ދުންއެޅުން ހުއްޓާލުމަށްފަހު މޫސަބޭ ގެނައި ތަކެތި ހިފައިގެން އެދުވަހު ގެއަށްދިޔައެވެ.

އާދަނުގެ ފިރެހެން ދަރިއަށް ހަތްދުވަސް ވީދުވަހު އެ ސޮރުގެ ބޯބާލާ, ކުކުޅުހާ ކަތިލުމަށް ފަހު އަލީ އާދަނުގެ ނަމުން ނަންކިޔުނެވެ. އަދި ކުޑަވަރެއްގެ ކެއުމެއް ކައްކާ އަވަށްޓެރި މީހުންނަށް ކާންދިނެވެ. އާދަނާއި މޫރިސާ އެއްކަލަ ކޮވެލި ގެންގުޅުނީ މީހުންނަށް ނުފެންނަހެން ފޮރުވައިގެންނެވެ. ނަމަވެސް ފޫޅުމައި ދައިތަގެ ފަރާތުންނާއި އޭނަގެ އެހީތެރި މީހާގެ ފަރާތުން ރަށުގެ އެހެން މީހުންނަށް އެ ކޮވެލީގެ ވާހަކަ އޮތީ އިވިފައެވެ. މިހެންވެ ގެއަށް އައި ކޮންމެ މީހަކު ވެސް އެ ކޮވެލި ބަލާލުމަށް ބޭނުންވިއެވެ. އާދަނު ފުރަތަމަ ހީކުރީ އެންމެން ވެސް އެ ކޮވެލި ފެނި ބިރުގަންނާނެ ކަމަށެވެ. ނަމަވެސް މޫސަބޭގެ ފަރާތުން އެ މީހުންނަށް އެއީ ޖިންނިއެއް ނޫންކަން ވަނީ އެނގިފައެވެ.

-ނުނިމޭ-

 

10

1 Comment

  1. Shaya Shaya

    September 30, 2021 at 12:11 pm

    Vv reethi waiting for next part ❤️✨
    Kon iraku next part upload kuraany 😊

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!