އަލީގެ އުމުރުން އެއްއަހަރާއި ބައި ވީއިރު އެ ސޮރަށް ހިނގާބިނގާވެ އުޅެވެއެވެ. ނަމަވެސް އެއްކަލަ ކޮވެލި އަދިވެސް އޮތީ ކުޑަކުޑަ ކޮވެއްޔެއްގެ ގޮތުގައެވެ. އެކަމަކު ފަތްފަޅާ ޑިންޑިން ކޮވެއްޔެއްކަން އެނގޭވަރުވެއެވެ. އާދަނުމެން ހައިރާން ކުރުވާ ކަމެއް އެ ކޮވެލީގެ ފަރާތުން ފެންނަން ފެށީ މިދުވަސްވަރުއެވެ. އެއީ ކުއްލި ކުއްލިއަށް އާދަނުމެންގެ ލޯމަށްޗައް އެ ކޮވެލި ގެއްލުމެވެ. ގެއްލުމަށްފަހު ދެން އަނެއްކާވެސް ފެންނަނީ އަލީގެ ކައިރި ހިސާބަކުންނެވެ. ގެއްލޭ ކޮންމެ ފަހަރަކުހެން އަލީ ވެސް ނުފެންނަ އެއްޗަކާ ވާހަކަ ދައްކާ ކުޅެ ހަދާކަން އާދަނުމެންނަށް ފާހަގަ ކުރެވުނެވެ. މިކަމާ ބިރުން އަނެއްކާ ވެސް އާދަނުމެން ނިންމީ މޫސަބޭގެ އެހީއަކަށް އެދުމަށެވެ.

ކުރިއެކޭ އެއްފަދައިން މިފަހަރު ވެސް މޫސަބޭ، ދުންއަޅާ ކިޔެވެލި ކިޔެވިއެވެ. ނަމަވެސް ޖިންނިއެއްގެ އެއްވެސް އުނދަގުލެއް އަލީއަށް ވާކަމަކަށް ނުފެނުނެވެ. މިހެންވެ މޫސަބޭ އެންމެ ފަހު ނިންމުމަކަށް އޭނަގެ އެކުވެރި ފަންޑިތަވެރިއެއް ކަމުގައިވާ ކާސިންބެގެ އެހީ ހޯދުމަށް އުޅެމާހޭ ބުންޏެވެ. ކާސިންބެ އަކީ ރ. އަލިފުށީގައި އުޅޭ މީހެއްކަމުން މަރޮށްޓައް އައުން ލަސްވިއެވެ. ދެ ހަފްތާއެއްހާ ދުވަސް ފަހުން ކާސިންބެއަށް މަރޮށްޓައް އާދެވުނެވެ.

ކާސިންބެ މަރޮށްޓައް އައި ދުވަހުގެ ހެނދުނުގެ ވަގުތެވެ. އޭނާ ބަލާގޮސް, އާދަނުއާއި މޫސަބޭ އަތިރި މަތީގައި އެދުވަހު ތިއްބެވެ. ކާސިންބެގެ ރިޔާދޯނި މަރޮށީގެ ފަޅަށް ވަދަގެން އައިސް އަތިރިމަށްޗައް ބީއްސާލިއެވެ. ރުކުގެ ލަކުޑިން ބަނދެފައިވާ ބޮޑު ދޯންޏެކެވެ. އެ ދޯނީގައި ކާސިންބެގެ އިތުރުން ދެ ފަޅުވެރިޔަކު ތިއްބެވެ. ކާސިންބެ ލައިގެން ހުރީ ހުދުކުލައިގެ ގަމީހެކެވެ. އަނދެގެންހުރީ ކަޅާއި ހުދު ފޭއްޔެކެވެ. ބޮލުގައި ހުދު ރުމާލެއް އަށްސާލާފައި ހުއްޓެވެ. އުނަގަނޑުގައި އަށްސާލެވިފައިވާ ފޮތިގަނޑަކު އެތެރެއަށް ކުޑަ ފިޔޮށްސެއް ޖަހާލާފައި އިނެވެ. އެ ފިޔޮހީގެ އަތްގަނޑު އޮތީ ކަޅު އެނދެރިންނެވެ.

ކާސިންބެ މަރޮށްޓައް ފޭބުމުން މޫސަބޭ ގޮސް ސަލާމް ކޮށް ހާލު އަހުވާލު އަހާލިއެވެ. އަދި ކާސިންބެއަށް އާދަނު ތައާރަފު ކޮށްދިނެވެ. އެއަށްފަހު ދޯނީގެ ފަޅުވެރިން ގާތު ދޯނި އަޅާފައި ރަށަށް އަރާށޭ ބުނެ ކާސިންބެމެން މިސްރާބު ޖެހީ އާދަނުގެ ގެއާއި ދިމާލަށެވެ. އެއިރު އަތިރިމަތީގައި ތިބި މީހުންގެ ނަޒަރު ހުއްޓިފައި ހުރީ ކާސިންބެއާއި ދިމާލަށެވެ. އަތިރިމަތީގައި ތިބި މީހުން ރަށުގެތެރެއަށް ގޮސް އަލިފުށީން ދަންނަބޭކަލަކު އައިސްގެން އުޅޭ ވާހަކަ ބުންޏެވެ. އަދި އެބޭފުޅަކު މިހާރު އެދަނީ ރައިވެރި އާދަނުގެ ގޭދޮށަށޭ ބުންޏެވެ. މިހެންވެ ރަށުގެ ގިނަބަޔަކު ވެސް އާދަނުގެ ގޭ ދޮށަށް އެއްވާން ފެށިއެވެ.

އާދަނުގެ ގެއަށް ގޮސް މޫރިސާގާތު އަލީއާއި ކޮވެލި ގޮވައިގެން މައިގެއަށް އައުމަށް ބުންޏެވެ. އެއިރު މޫސަބެއާއި ކާސިންބެ ތިބީ ގޭގެ މައިގޭގައި ހުރި އޮށި ގޮނޑިތަކުގައި މަޑުކޮށްލައިގެންނެވެ. އަލީއާއި ކޮވެލި ގޮވައިގެން މޫރިސާއައެވެ. އަދި ކޮވެލި ގެނެސް ކާސިންބެއަށް ދެއްކިއެވެ. ކާސިންބެގެ މޫނުމަތިން ފެނުނީ ނުތަނަވަސް ކަމެވެ. ވަގުތުން ދުންއަޅާ ތަކެތި ގެނެސްދިނުމަށް މޫސަބޭ ގާތު ބުންޏެވެ. ތި ކޮވެއްޔަކީ ޖިންނިއެކޭ, ތިއީ ވަރަށް ނުރައްކާތެރި އެއްޗެކޭ ބުންޏެވެ. ކާސިންބެ މިހެން ބުނުމުން, ގައިމު އަހަރެން ވެސް ދުންއަޅައިގެން ކިޔެވެލި ކިޔެވީމޭ, އެކަމަކު އެސޮރަށް އެއްވެސް ގޮތެއް ނުވެއޭ މޫސަބޭ ބުނެލިއެވެ. ޖަވާބުގައި, ތިއައީ އާދައިގެ ޖިންނިއެއް ނޫނޭ, އާދައިގެ ފަންޑިތައަކުން ތި ކޮވެއްޔަކަށް އެއްވެސް ގެއްލުމެއް ނުވާނޭ, ކާސިންބެ ބުންޏެވެ. އަދި ގަބޫލު ނުކުރަންޏާ ހެކި ދައްކަފާނަމޭ ބުންޏެވެ. އެގޮތުން އޭނާ ބުނީ, އަލީގެ ހަށިގަނޑަށް ގެއްލުމެއްދީ، ބާރަށް ވިކައިގަނެން ރޮށްވާލާ, ނޫނީ އެނޫން ގޮތަކުން ވެސް އަލީއަށް ގެއްލުމެއް ދީފިނަމަ އެސޮރުގެ އަސްލު ސިފައަށް ބަދަލުވާނެކަމުގައެވެ. މިހެންބުނެ އަލީގެ ކައިރިޔަށް ގޮސް, ކާސިންބެގެ އުނަގަނޑުގައި އޮތް ފިޔޮހިން އަލީގެ އަތުގައި ޖައްސާ ކުޑަކޮށް ކަނޑާލިއެވެ. އިސާހިތަކު އަލީގެ އަތުން ލޭއަންނަން ފެށިއެވެ. ވަގުތުން އަލީ ފެށީ ރޯށެވެ. އެހިނދު އެއްކަލަ ކޮވެލި ކުއްލިއަކަށް ބޮޑުވިއެވެ. އެއިރު އެސޮރުގެ އިސްކޮޅު އާދައިގެ އިންސާނަކާއި އެއްވަރެވެ. ބިޔަ އެ ކޮވެލި ވައްތަރީ ބޮޑު ޑިންޑިން ކޮވެއްޔަކާއެވެ. އެސޮރު ހުރީ ރުޅިއައިސް ކާސިންބެއާއި ދިމާލަށް ބަލާށެވެ. އޭތީގެ ލޯހުރީ ރަތްކުލައިގަ ނޫންކަމުން ކާސިންބެއަށް އެ ކޮވެލީގެ ބާރުތައް އަދި ފުރިހަމަ ނުވާކަން އެނގުނެވެ.

އާދަނުއާއި, މޫރިސާއާއި, ދެކުދިން ތިބީ ބިރުން އޭތީގެ ހަރަކާތަކަށް ބަލާށެވެ. މޫސަބޭ ވެސް ހުރީ ހައިރާންވެފައެވެ. އަދި ގޭގެ ބޭރުގައި އެއްވެ ތިބި މީހުންނަށް އެ މަންޒަރު ފެނި ބައެއްމީހުން ބިރުން އެ ގެއާއި ދުރަށް ދިއުމަށް މިސްރާބު ޖެހިއެވެ. އެ ބިޔަ ކޮވެލި ކުއްލިއަކަށް ބަރު އަޑަކުން ރުޅިއައިސް “ކޮއޮ، ކޮއޮ” ގޮވާލުމަށް ފަހު ކާސިންބެއަށް ހަމަލާދޭން އުޅުނެވެ. އެހިނދު ކާސިންބެގެ ހުށިޔާރު ކަމުން އަވަހަށް އަލީގެ އަތުގައި ހިފާ ގެނެސް އަލީ އުރާލިއެވެ. ކާސިންބެއަށް އެކަމީ އައުކަމެއް ހެނެއް ހިޔެއްނުވެއެވެ. ކޮށްކޮށް އާދަވެފައި ހުރި ކަހަލައެވެ. އަލީ އުރާލުމުން އެ ކޮވެލި ކާސިންބެއަށް ހަމަލާނުދީ މަޑު ކޮށްލިއެވެ. އަދި ކާސިންބެ އަލީ މައްލަވަކޮށް ރުއިން ހުއްޓުވިއެވެ. އިސާހިތަކު އެ ކޮވެލި ކުޑަވެ ކުޑަ ކޮވެއްޔަށް ބަދަލު ވިއެވެ. މިހުރިހާކަމެއް ފެނި އާދަނު ހުރީ ބިރު ގަންފައެވެ. މިހެންވެ ކާސިންބެ ގާތު އޭނަގެ ދަރިފުޅު އެ ކޮވެލީގެ ފަރާތުން ސަލާމަތް ކޮށްދިނުމަށް އެދުނެވެ. އާދަނުގެ އެ އެދުމުގެ މަތިން މޫސަބޭގެ އެހީއާއެކު ދުންއަޅާ ކިޔެވެލި ކިޔަވަން ތައްޔާރުވިއެވެ.

މެންދުރުން އަނބުރާލި ވަގުތު ކާސިންބެއާއި މޫސަބޭއާއި ދެމީހުން ވެގެން ދުންއަޅާ ކިޔެވެލި ކިޔަވަން ފެށިއެވެ. އެ ރަށުގެ ގިނަ ބަޔަކުވެސް އެ ގޭގެ ކައިރިއަށް އެއްވެ ތިއްބެވެ. އާދަނު އާއި އޭނަގެ ދަރިންނާއި މޫރިސާ ވެސް ކުޅިބަލަން ތިއްބެވެ. އަލީ އެއިރު އޮތީ މައިގޭގައި ހުރި އެނދުގައި ނިންދަވާފައި ބާއްވާފައެވެ. އަދި ކުޑަ ކޮވެލި އަލީގެ ގާތުގައި އިނެވެ. ކާސިންބެ ކިޔެވެލި ކިޔަވަމުން ގޮސް ކޮވެލި ނަގައިގެން ގެނެސް އޭނަގެ ކަޅު އެންދެރި, ރިހި ތިލަ ލީ ފިޔޮހިން އެ ކޮވެލީގެ ކަރުގައި ޖައްސާ ކަތިލިއެވެ. އެވަގުތު ކުއްލިއަކަށް އަލީ ރޮއެގަނެފައި ހޭލިއެވެ. މޫރިސާ ދުވެފައި ގޮސް އަލީ ނެގިއެވެ. އެސޮރު ހީވަނީ ބޮޑު ކަމެއްވެގެން ރޯހެނެވެ. އެ ވަގުތު ކޮވެލި އޭތީގެ އެންމެ ބޮޑު ސިފައަށް އަނެއްކާވެސް ބަދަލު ވިއެވެ. ބާރު އަޑަކުން ރޮއެގަތެވެ. ނަމަވެސް ދެން ކުއްލިއަކަށް އެންމެގެ ލޯމައްޗަށް ކޮވެލި ގެއްލުނެވެ. ބިންމަތިން ހުދު ދުންތަކެއް އަރައިގެން ދިއައެވެ. އެއަަށްފަހު އަލީގެ ރުއިން ހުއްޓުނެވެ. ޑިންޑިން ކޮވެލި މަރުވީއެވެ.

ކާސިންބެ އާދަނު ގާތު އަލީ އެ ޖިންނީގެ ކިބައިން ސަލާމަތް ވިއްޔޭ ބުންޏެވެ. މިހެންވެ އާދަނުއާއި މޫރިސާ ވެސް ހުރީ އެކަމާ ވަރަށް ހިތްހަމަ ޖެހިފައެވެ. ގޭދޮށަށް އެއްވެ ތިބި މީހުން ވެސް އެކަމާ އުފާކުރާ ހާލު އެނބުރި ގެއަށް ދިޔުމަށް މިސްރާބު ޖެހިއެވެ. އަދި އާދަނު ކާސިންބެ ގާތުން އެ ކޮށްދިން ކަންތަކުގެ ބަދަލުގައި ދޭންވީ ކޮންއެއްޗެއްތޯ އެހިއެވެ. އާދަނަކީ ރާވެރިއެއްކަން އެނގޭތީ, ކާސިންބެ އެދުނީ އާދަނުގެ ރުއްތަކުން ހަތަރު ބައިކޮށް އެއްބައި ކާސިންބެއަށް ދިނުމަށެވެ. އެ އަޑުއަހާ އާދަނު މޫރިސާއާއި ދިމާލަށް ބަލާލިއެވެ. އެހާ ބޮޑު ކަމެއް ކޮށްދިނުމުން ކާސިންބެގެ އެދުމަށް ނޫނެކޭ ބުނަން ނުކެރުނެވެ. މިހެންވެ ކާސިންބެއަށް އާދަނުގެ ރުއްތަކުން ހަތަރު ބައިކޮށް އެއްބައި ދިނެވެ. ކާސިންބެ އަކަމާ އުފާކޮށް, ރަށަށް ގޮސް އެ ރުއްތައް ކެނޑުމަށް ބަޔަކު ފޮނުވާނަމޭ ބުނެ މޫސަބޭގެ ގެއަށް ދިއުމަށް ހިނގައިގަތެވެ.

އޭގެ ދެ ހަފްތާ ފަހުން އަލިފުށިން ބަޔަކު އައިސް ކާސިންބެއަށް ދިން ރުއްތައް ކަނޑައިގެން ގެންދިޔައެވެ. އާދަނުގެ ބައްޕަ އެ ރުއްތައް ހަވާލުކުރަމުން، އޭނާގާތު ވީވަރަކުން ރުއްތައް ނުކެނޑުމަށް އޮތީ ވަސިއްޔަތް ކޮށްފައެވެ. މިހެންވެ އާދަނު ހުރީ، ރުއްތައް ކަނޑާތީ ހިތްހަމަ ނުޖެހިފައެވެ. ނަމަވެސް ދީފައި ހުރި އެއްޗެއްގެ ބޭނުން ހިފާނީ އެ މީހަކު ބޭނުން ގޮތަކަށް ކަމުން އެއްޗެކޭ ނުބުނެ ހުރީއެވެ. ކާސިންބެއަށް ދީފައި ހުރި ރުއްތައް ކެނޑީ، އެރުއްތަކުގެ ބުޑުން އެއްކޮށް ނަގައިގެން ނޫންކަމުން، އެ ރުއްތައް ހުރިހިސާބު އެނގެން ހުއްޓެވެ.

-ނުނިމޭ-

0

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!