‘އާނ ދޯ.. ހިނގާ ފަންސާސް އެވީ..’ ގަޑިއަށް ބަލާލާފައި ޒައިކް ބުނެލިއެވެ.
******
‘މެލޯ.. ކިހިނެއް މިހާރު..’ ސައިކަލުން ފޭބުންތަނާ ފެނުނީ އާލާ އައިސް މަލްކާގެ ގައިގައި ބައްދާގަތް ތަނެވެ.
‘މިހާރު ރަނގަޅު.. އަހަރެން ދިޔައީ ސިއްސައިގެންނޭ.. މި އާލް ވެސް ކުރާ ކަންތައް..’ މަލްކާ މޭމަތީގައި އަތް އަޅައިގެން ބަރު ނޭވާއެއް ދޫކޮށްލި އެވެ.
‘ހޭ..’ ސައިކަލު ޕާކު ކޮށްލާފައި އައި ޒައިކްއަށް އާލާ ބުނެލިއެވެ. ބަދަލުގައި ހިނިތުންވަމުން ޒައިކް ހިނގައިގަތީ އޮފީހާ ދިމާއަށެވެ.
‘ހިނގާ ދާން.. އިއްޔެގެ ފިލާވަޅުތައް ދޭތި ގަޑި ނިންމާފަ.. މިއަދު ދެން އަހަންނަށް ޖެހޭނީ ރަފްޕޭޑް ކުޅިގަނޑު ކުޅެން..’ މޫނަށް ވައްތަރެއް ޖައްސާލަމުން މަލްކާ އާލާއަށް ބަލައިލިއެވެ. އާއެކޭ ބުނެފައި އާލާ ވެސް މަލްކާއާ އެކު ކްލާހަށް ދާން އަވަސްވެގަތެވެ.
‘އޭ އިއްޔެ ބުނީމެއްނު ކޮންމެވެސް ކުއްޖަކު ރޭޕް ވިއޭ.. ގެސް ވަޓް.. އެއީ މިކްލާހުގަ ކުރިން އުޅުނު ލަޔާލްގެ ވާހަކަ.. ވަރަށް ބޮޑަށް އަނިޔާވެސް ކޮށްފައޯ އޮތީ..’ ކްލާހުގެ ތެރެއަށް ވަންގަޑީގައި އެތެރެއިން ދެކުއްޖަކު ދައްކަމުން ދިޔަ ވާހަކަތައް މަލްކާގެ ސަމާލުކަން ހޯދިއެވެ. ބިރުވެރިކަމުގެ ރާޅެއް އޭނަގެ ހިތުގެ ތެރެއަށް ބިންދާލިއެވެ. މޫނުމައްޗަށް އަނދިރިވާން ފެށުމުން އޭނާއަށް ހިފުނީ އާލާގެ ހެދުމުގެ ފަސްބާގައިއެވެ. ހެދުން ތަނެއްގައި އަޅައިގަތީ އޭ ހިތާ ފަހަތަށް އެނބުރިލި ވަގުތު ކުރިމަތީގައި ހުރި މަލްކާ ހުރި ގޮތް ފެނުމުން އާލާއަށް ވަގުތުން ވީގޮތް ނަގައިގަނެވުނެވެ. މާކުރީގެ ހަނދާން ތަކެއް މަލްކާއަށް އުދަނގޫ ކުރަން ފެށިއެވެ.
‘ކޮންޓްރޯލް..’ މަޑުމަޑުން މަލްކާގެ ތުންފަތް ހަރަކާތް ކޮށްލިއެވެ.
‘މެލޯ.. ޔޫ އޯލް ރައިޓް.. ހިނގާ އިހަށް މިތަނުން..’ އާލާ މަލާކް އާ ވާހަކަ ދެއްކީ ސިއްރުންނެވެ. ކްލާހުގައި ތިބި ކުދިންނަށް އަޑު އިވިއްޖެއްޔާ ސުވާލު ކުރާނެ ކަން އެނގޭތީއެވެ.
******
‘އަޅެ.. އާއެކޭ ބުނޭ ކަލާ، ރަން ނޫޓުން ހިތް ފުރާނަމޭ..’ ފޯނަށް ބަލައިގެން އިދެ އައިކަން ފާޑުފާޑުގެ ލަވަތައް ކިޔާވަރުން ޒައިކް އިނީ ހެވިފައި އެވެ.
‘ޕުލީޝު.. ޕުލަޝް..ޕޮލިޝް.. ފުލޭޝް.. ފުލަޝް..’ ޓައިޕް ކުރަމުން ދިޔައިރު ދެއަތަށްވުރެ އަނގަ ހަލުވި ވެގެން އައިކަން އަނގަތަޅަމުން ދިޔައެވެ. ކުއްލިއަކަށް ޔެސް އޭކިޔާ ގޮވައިގަންނަމުން އައިކަން ތެދުވިގޮތުން ޖޯލީގައި ތިބި އެންމެން ނުވެއްޓުނީ ކިރިޔާއެވެ.
‘ކަލޯގަޔާ.. އަހަރެމެން މަރަންތަ ތިއުޅެނީ..’ ސިއްސައިގެން ދިޔަވަރުން ރާކިން އަށް ވާހަކަ ދެއްކުނީވެސް މާ ބާރަކަށެވެ.
‘ކުއްޖަކު ލިބިއްޖޭ..’ ދުލުކުރިއަށް އައި ބަސް ބުނެލިއިރު އެއިން މީހަކަށް ރަނގަޅު މާނައެއް ދޭހަވާނެތޯ ވެސް ވިސްނާނުލާ އައިކަން ދަތްޕިލަ ދައްކާލިއެވެ.
‘އޭނ.. ކާކަށް ކުއްޖަކު ލިބުނީ..’ އަދްޔަން އަހާލިއެވެ. ބުނެވުނު އެއްޗާމެދު ވިސްނާލަމުން އައިކަން ބޯ ކަހާލިއެވެ.
‘މިބުނީ ސަޓަރޑޭ ޕާރޓީއަށް އަހަރެންގެ ބަދަލުގަ..’ ކިޔަން އުޅުނު ތަފްސީލު ކޮށްލަމުން އައިކަން އިށީނދެލިއެވެ.
‘ދެން އެދުވަހު ކިހާ އިރަކު ފުރާނީ.. ފަތިހު ފުރީމަ ވަރަށް ފައްކާވާނެ.. އަނެއްކާ އިރުއޮއްސޭ ގަޑީ އަންނަން..’ ޒައިކް ހިޔާލެއް ދިނެވެ.
‘އާނ ތިގޮތް ރަނގަޅު ވާނެ.. އަހަރެން ހޯދާނަން ކޯކު ފުޅިތައް.. އައިކަންމެންގޭ ޖޫސްޕެޓީ ވިއްކައެއްނު.. އޭނައަށް ޖޫސްޕެޓީ.. ޒައިކް ވާނެ ލުއި ކާނާ ގެންނަން.. އަދްޔަން ގެންނާތި ހުތް އަނބު.. ދެން ނޫޑްލްސް ކައްކަން ބޭނުންވާ ސާމާނުތައް އެންމެންގެ މެދުގަ ބަހާލާނީ..’ ރާކިން ހުރިހާ ކަމެއް ރާވާލިއެވެ. އެންމެންވެސް އާބަސް ބުނުމުން ހަތަރު މީހުން އެކީގައި ދިޔައީ ރަށް ވަށާ ދުއްވާލާށެވެ.
******
ކޮލެޖުން އައިފަހުން ފޮތެއް ނަގައިގެން މޭޒު ދޮށުގައި އިން މަލްކާގެ ބޮލަށް ފޮތުގައި ލިޔެފައި ހުރި އެކައްޗެއް ވެސް ނުވަދެއެވެ. އެންމެ ފަހުން މޭޒުމަތީގައި ބާއްވާފައި އޮތް ފޮތް ލައްޕާލުމަށްފަހު އޭނާ ގޮސް އެނދުމައްޗަށް ވެއްޓިގަތެވެ. ހުއްޓިފައި ހުރި ފަންކާ އަށް ބަލައިގެން އުއްޑުން އޮތް އިރުވެސް ތަކުރާރުކޮށް މިއަދު ކުލާހުގައި ކުދިން ދެއްކި ވާހަކަތައް އޭނާގެ ސިކުނޑއަށް އުދަނގޫ ކުރަމުން ދިޔައެވެ. މީގެ އެއްއަހަރު ކުރީގައި ވީ ކަންތައްތައް ހަދާންވުމުން އޭނާގެ ނޭވާ ކުރުވާން ފެށިއެވެ. އަވަހަށް އޮވެގެން އޮތް ގޮތް އަރިއަކަށް ބަދަލު ކޮށްލަމުން ފުން ނޭވާއެއް ދޫކޮށްލި އެވެ. އެއް އަހަރުގެ ހަނދާންތަކުގެ ތެރެއަށް ގެބެން އޭނާއަށް ނެގީ ސިކުންތު ކޮޅެކެވެ.
**************
(އެއްއަހަރު ކުރި)
‘އެސްކިއުޒް..’ މަލްކާ ފޮތަށް ގެއްލިފައި އިންދާ އިވުނީ ކްލާސް ދޮރުމަތީގައި ހުރި ކުއްޖެއް ސަލާން ގޮވާލި އަޑެވެ. މަލްކާ އިސްއުފުލާ ބަލާލިއެވެ. ކުރިމަތީގައި ހުރީ އިސްކޮޅުން ދިގު ހިކިކޮށް ހުރި ފިރިހެން ކުއްޖެކެވެ. މޫނުމަތީގައި ލަކުނު ގިނައެއް ކަމަކު ރީތި ގޮތެއް ހުއްޓެވެ. ނަމަވެސް މަލްކާގެ ލޮލުގައި އެރީތިކަން އަޅައެއް ނުގަނެއެވެ.
‘މީ ކްލާސް 12 ސީ ތަ.؟’ ލަދުރަކި ހިނިތުން ވުމަކާއެކު އެކުއްޖާ މަލްކާ ކައިރީ އަހާލިއެވެ.
‘ތަންކޮޅެއް ފަހަތަށް ޖެހިފަ ކަނާތް ފަރާތު ފާރު ބަލާލަބަލަ..’ މަލްކާ ބުނެލިއެވެ.
‘އޮވް.. ނުދެކެމޭ އެނގޭ..’ އެކުއްޖާ އަވަހަށް ކުލާސްތެރެއަށް ވަދެ އިށީންނާނެ ގޮނޑިއެއް ހޯދާލިއެވެ. މަލްކާގެ ފަހަތަށް ވާގޮތަށް ހުރި ގޮޑީގައި ގޮސް އޭނާ އިށީނުމުން މަލްކާ އެކުއްޖާގެ ނަން އަހާލިއެވެ.
‘މުހައްމަދު ޝައިލް ބިން ޝިޔާން.. ކޯލް މީ ޝައިލް..އެން ޔޫ..’ ޝައިލް މަލްކާ ކުރި ސުވާލަށް ޖަވާބުދިނެވެ.
‘މީ ދޯ.. އައިޝަތު މަލްކާ.. މަލްކާ.. ތިއީ ދޯ ސަރ ބުނި ނިއު ސްޓޫޑެންޓް..’ މަލްކާ އަހާލިއެވެ. ހޫމް އޭ ބުނެފައި އޭނާ ފޮތްތައް ނަގައިލިއެވެ.
‘މެލޯ.. ބަލާބަ މި އަރްކާން ކިޔާ އެއްޗިހި..’ ކްލާހަށް ވަދެގެން އައިސް މަލްކާގެ ކައިރީގައި އިށީނދެމުން އާލާ އޭނާގެ ފޯނު މަލްކާއަށް ދައްކާލިއެވެ.
‘ތެދެއް އޭނަ އެބުނީ.. ހަހަހަހަ އާލްގެ ޑްރެސިންގް ޓޭބަލް ފެނުނީމަވެސް މީހަކު ފެއިންޓް ވެދާނެ.. މޭކަޕް ކިޔާއެއްޗެއް ދުނިޔެއަށް އައިއްޔާ ފުރަތަމަވެސް ފެންނާނީ އާލްގެ ޑްރެސިންގް ޓޭބަލް އިން..’ މަލްކާވެސް އަރްކާންގެ ބަހަށް އެއްބަސްވެލިއެވެ.
‘ކިހާ ތާހިރު.. ދެން ކޮއްކޮ އާ ބޭބެ ވެގެން އަހަރެންގެ ބޮލަށް ހުރިހާ އެއްޗެއް ޖަހާ..’ އާލާ ތުން ފިއްތާލިއެވެ.
‘ހޫނ މާ މާތްވާނެ ކަމެއް ނެތް.. އާލާ އާ ހެދިއެއްނު އަހަރެމެން ބްރޯ ސިސްއަށް ބަދަލުވީ ވެސް..’ މަލްކާ ހީގަތެވެ. ލެކްޗަރަރ ކްލާސްތެރެއަށް ވަނުމުން ދެމީހުންވެސް ހުނުން ހުއްޓާލާ ފިލާވަޅަށް ސަމާލުކަން ދިނެވެ.
******
މެންދުރުގެ ވަގުތެވެ. އާލާއާއި މަލްކާ ކޮލެޖުން ނިމިގެން އެކި ވާހަކަތަކުގައި ތިބެގެން ދިޔައީ އަތިރިމައްޗާ ދިމާއަށެވެ. އެއީ އެކްސްޓްރާ ނޯންނަ ދުވަހެއް ވިއްޔާ އޭރު އާންމުކޮށް ދެމީހުން ކޮލެޖުން ނުކުމެގެން ދާ ތަނެވެ.
‘މާދަން ގެންދަންޖެހޭ ދޯ އެސައިންމަންޓްތައް ނިންމައިގެން.. އަހަރެން އަދި އެއްބައި ނުނިމި..’ އާލާ ބިންމަތީގައި ޖައްސާލަމުން ބުންޏެވެ.
‘އަޅެ ސޭމް ބްރޯ ސޭމް.. އެހެންވާނީވެސް ވީކް ޑޭސްގަ އެދޭގޮތަށް އެންމެ ފަސްދުވަހުގެ މުއްދަތެއް ދޭނީ.. ދެން ހެދޭތަ އެއްޗެހި..’ މަލްކާވެސް ބިންމަތީގައި އިށީނދެ ހަމަޖެހިލި އެވެ.
‘އެހެންވިއްޔަ އަހަރެމެން ގެއަށް ހިނގާ ފުރަތަމަ.. އަހަރެން ފެންވަރާލައިގެން އެސައިންމަންޓްތައް ހިފައިގެން ދެމީހުން އެކީ މެލޯގެ ގެއަށް ދާނީ ގޮސް ނިންމިދާނެއްނު.. އެ ބަހަނާގަ މިރޭ ފިލްމެއްވެސް ބެލިދާނެ ދޯ..’ އާލާ އެއްލޯ މަރާލާފައި ހީގަތެވެ. އާއެކޭ ބުނެފައި މަލްކާ ތެދުވެގެން ހިގައިގަތެވެ. އާލާވެސް އަވަސް އަވަހަށް ތެދުވެގެން ހިގައިގަތެވެ.
******
‘މަލްކާ ދަރިފުޅާ.. ބަލާބަ ދަރިފުޅާ ބައްދަލު ކުރަން އައިސް ތިބި މީހުން..’ ގެއަށް އައިސް ވަނުމާއެކީ ޒުލްފާ ބުނެލިއެވެ.
‘ކާކުތަ..؟’ މަލްކާއަށް ފުރަގަސް ދީގެން އަންހެން މީހަކާއި ކުޑަ ދެއަންހެންކުދިން ތިބެފައި ދެން އިނީ ހީވާގޮތުންނަމަ މަލްކާމެންނާ އެއްވަރެއްގެ ފިރިހެން ކުއްޖެކެވެ.
‘މީ މަންމަ ބުނީމެއްނު ޝަހީމައްތަމެންގެ ވާހަކަ..’ ޒުލްފާ ހިނިތުންވެލިއެވެ.
‘އާނ ދޯ.. ޝަހީމައްތަ.. ދުވަހަކުވެސް ނުދެކެން ވިއްޔަ ނޭނގޭނެއްނު..’ މަލްކާ ބުނެލިއެވެ. ޝަހީމާއަކީ ޒުލްފާގެ ކުޑައިރުގެ އެކުވެރިއެކެވެ. މީހަކާ އިނދެގެން ޝަހީމާ ރަށުން ދިޔަފަހުން އޭނާ ނުވަތަ އޭނާގެ ދަރިއަކުވެސް ރަށަށް މިއައީ އަލަށެވެ. އެތާ އިން ފިރިހެން ކުއްޖާ ފަހަތަށް ބަލާލުމުން މަލްކާއަށް އެއްބުމަ މައްޗަށް އަރުވާލެވުނެވެ.
‘ޝައިލް..’ އިރުކޮޅަކު ބަލައިގެން ހުރެފައި މަލްކާ ގޮވައިލިއެވެ.
‘މަލްކާ ޒުލްފާއްތަގެ ދަރިއެއްތަ..’ ޝައިލްވެސް ފާޑަކަށް މަލްކާއަށް ބަލައިލިއެވެ.
‘ތިދެކުދިން ދަންނަންތަ..’ ދެމީހުންގެ މޫނަށް ފަރުވާތެރިކަމާއެކު ބަލަން ހުރެފައި ޝަހީމާ އަހާލިއެވެ.
‘މެލޯ އެއީ ކްލާހަށް މިއަދު އަލަށް އައި ކުއްޖާދޯ.. ކީކޭ ކިޔަނީ.. އާ ޝައިލް..’ މަލްކާގެ ފަހަތުން ވަން އާލާ ބުނެލިއެވެ.
‘ތެދެެއް މަންމާ މީ އަހަރެމެން ކްލާސްމޭޓެއް..’ މަލްކާވެސް އާލާ އާ އެއްބަސްވުމުގެ ގޮތުން ބޯ ޖަހާލިއެވެ. އޭރު ޝައިލްވެސް އާއެކޭ ބުނެލިއެވެ.
‘މިވީ މާ ރަނގަޅަކަށްނު.. އަހަރެމެންގެ ދެދަރިން އެއް ކުލާހެއް ވިއްޔާ..’ ޒުލްފާ ހެވިފައި އިނދެ ބުނެލިއެވެ.
‘މިއިންދީ ދެން ކޮން ދެކުއްޖެއްތަ..’ ސޯފާގައި އިން އަށްވަރަކަށް އަހަރުގެ ދެކުދިން ދައްކާލަމުން މަލްކާ އަހާލިއެވެ. އެއީ އެއްމާބަނޑު ދެ ކުދިންކަން އޭނާއަށް އެނގުނީ އެކުދިން ފަހަތަށް އެނބުރުމުން ނެވެ.
‘އެއިންދީ ޝަޔާ ދެން މީ ޝައިނާ.. ދެކުދިން އެއީ މަލްކާ ދައްތަ އެނގޭ..’ ޝަހީމާ ބުނެލިއެވެ.
‘މަންމާ އަހަރެމެން ދަނީ އެނގޭ.. މާދަމައަށް ނިންމަން ޖެހޭ އެސައިންމަންޓްތަކެއް އެބަހުރި.. އާލް ހިނގާ..’ އެންމެނަށް ހިނިތުންވަމުން މަލްކާ އާލާއާއި އެކު ކޮޓަރިއަށް ވަނެވެ.
‘އެއީ ރިލޭޓިވް އެއްތަ.؟’ މިހާއިރު އަނގަ ނުހުޅުވައި ހުރި އާލާ އަހާލިއެވެ.
‘ކައިންޑް އޮފް.. އަސްލު މަންމަގެ ފްރެންޑް އެއް ޝަހީމައްތަ އެއީ.. އަހަރެން މިދެކުނީ އަލަށް.. މީހަކާ އިނދެގެން ރަށުން ދިޔަފަހުން އެއައީއޯ މަންމަ ބުނީ..’ މަލްކާ ކިޔައިދިނެވެ. ދެމީހުން ދެން އުޅެގަތީ އެސައިންމަންޓްތައް ހަދާށެވެ.

*

މިޕާރޓް ތަންކޮޅެއް ކުރުވާނެ ބަޓް ޑޫ އެންޖޯއި އިޓް.. ނެކްސްޓް އިންޝާ ﷲ ޓުމޯރޯ އޯރ ޑޭއާފްޓާރ ޓުމޯރޯގަ ގެނެވޭތޯ ބަލާނަން.. ޓޭކް ކެއަރ އެން ހޭވް އަ ބްލާސްޓް..

💖💖💖💖💖

0

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!