އެ އުޚްތާގެ ވާހަކަ ނަމާދު ވަގުތައް ނިންމާލި އިރުގައި ހުރިހާ ބައިވެރިންވެސް ތިބީ ދިރިއުޅުމުގެ އެތައް ޞޮފްހާތަކެއްގެ ހިތްދަތިކަމުން އަރައިގަނެވޭނެ އަލިމަގު ލޮލުކޮޅައް ފެންނަ ހިސާބުގައެވެ. ދެން އޮތީ ހިތްވަރު ކޮށްގެން އެމަގުން އެއަލީގެ އަސްލާއި ހަމައަށް ވާސިލު ވެވޭތޯ އަމަލުން މަސައްކަތް ކުރުމެވެ.

އަހަރެންގެ ދިރިއުޅުން އޮތީ ކޮންހިސާބެއްގައި ހެއްޔެވެ؟ އަހަންނައް އެއަލިކަމާއި ހަމައަށް ވާސިލުވެވިދާނެ ހެއްޔެވެ؟ މި ހިތާމަތަކުން މިންޖުވެވިދާނެ ހެއްޔެވެ؟ ހިތުގައި މިވާ އަހަރުތަކެއްވީ ޒަޙަމްތައް ފިލާ ގޮސްފާނެ ހެއްޔެވެ؟ އަހަރެން އަމިއްލަ ނަފްސައް އެ ސުވާލުތައް ކުރަމުން ދިޔައީމެވެ. ނަފްސާނީ ބަލިތަކާއި ބެހޭގޮތުން ކުރިންވެސް އަހަރެން ބައެއް ލިޔުންތައް ކިއީމެވެ. އޭގެއިން ލިބުނު މައުޟޫމާތުގެ އަލީގައި އަހަރެންގެ ގައިގައި ޑިޕްރެޝަން އަދި އެންޒައިޓީގެ އެތައް އަލާމާތެއް ހުންނަކަން އަހަންނައްވަނީ އެނގިފައެވެ. ނަމަވެސް އެކަންކަމައް ފަރުވާ ކުރުމަށް އަހަރެން ޑޮކްޓަރެއްގެ އެހީއާއި ހަމައަށް ނުދާ އެންމެ ބޮޑު ސަބަބަކީ އަހަރެންގެ ހިތާމަތައް ގުޅިފައިވަނީ މުޅިންވެސް އަހަރެންގެ ވަށައިގެންވާ މީހުންގެ އަމަލުތަކުގެ ސަބަބުން ކަމަށްވާތީއެވެ. އަހަރެން ހިތްދަތިވަނީ ހިތައް އަސަރުކުރަނީ އެމީހުންގެ އަމަލުތައް އަހަންނާއި މެދު ބަހައްޓާ ގޮތުން ކަމުގައި ވެފައި، އަހަރެން ބަދަލުވެ، އަހަންނަށް ކިތަމެ ފަރުވާއެއް ކުރި ނަމަވެސް އެމީހުންގެ އަމަލުތައް ބަދަލު ނުވާނަމަ އަހަރެންގެ މި ހިތާމަތައް ނުނިމޭނެ ކަމަށް ޤަބޫލު ކުރެވޭތީއެވެ.

ނަމަވެސް މިއަދު އެ އުޚްތާގެ ވާހަކަތައް އެ ނިސްބަތް ކުރީ އަމިއްލަ ނަފްސު ރޫޙާނީ ގޮތުންނާއި އަމަލީ ގޮތުންވެސް އެތައް ގޮތަކައް ބަދަލު ކުރުމާއިމެދުގައެވެ. ސުވާލަކީ އަހަރެންގެ ނަފްސު ބަދަލު ކުރުމުން އެމީހުންގެ އަމަލުތައް ބަދަލު ވާނެ ހެއްޔެވެ؟ ނުވަތަ އަހަރެން އެބުނުއްވި ގޮތައް ބަދަލުވުމުން އަހަރެންގެ ހިތައް ލުޔެއް ލިބޭނެ ހެއްޔެވެ؟  މި ސުވާލުގެ ޖަވާބު ލިބޭނެ ހަމައެކަނި ގޮތަކީ އަހަރެން އެކަމަށް މަސައްކަތް ކުރުމެވެ.

ކޮންމެޔަކަސް އެކި އެކި ޚިޔާލުތަކުގައި ހުރެ ގެއަށްގޮސް ފެންވަރާލައިގެން ނަމާދު ކޮށްލައިގެން އަނެއްކާވެސް ވާރކްޝޮޕައް ދިޔުމައް ތައްޔާރު ވަމުންދަނިކޮށް މެސެޖް ލިބުނީ މިއަދުގެ ބާކީ އޮތް ސެޝަން ވިއްސާރަވުމުގެ ސަބަބުން ކެންސަލް ކުރެވިފައިވާ ކަމަށެވެ. އަހަރެންގެ ހިތުގައި ހިނގަމުންދިޔަ އެކި އެކި ޚިޔާލުތަކުން ބޭރުކޮށްލަދިނީ އެ މެސެޖެވެ. އާއެކެވެ. ވަރަށް ބޯކޮށް ވާރެވެހޭ އަޑު އިވުނީ އަދި ކިރިޔާއެވެ. ބޭރުގައި ދޮވެ ހިއްކަން އެޅި އަންނައުނުތައް މަތިން ހަނދާންވީ ކުއްލިއަކަށެވެ. ހުރިހާ ހެދުންތަކެއް ތެމި ފޯވެފައިވާނެކަމުގެ ޚިޔާލުން ސިކުނޑިއަށް ބަރުބޮޑުވެގެން ދިޔައެވެ. އަވަސް ހިނގުމެއްގައި ބެލްކަންޏައް ނިކުތީމެވެ. ހަރުގަނޑުގައި އެއްވެސް އަންނައުނެއް ނެތެވެ. ހަރުގަނޑު ހުރީ ހުހަށެވެ. ކޮންމެވެސް މީހަކު އަންނައުނުތައް އެތެރެއަށް ވެއްދީކަން ރޭކާލުމުން ފުންނޭވާޔަކާއިއެކު ދުވެފައި ގެއަށްވަދެ ބެލިއިރު ހުރިހާ އަންނައުނެއް ސިޓިންރޫމްގެ ގޮނޑިސެޓް މަތީގައި މަތިމައްޗައް އަޅާފައި ހުއްޓެވެ. އަހަރެންގެ ހިތުގައި ކުއްލިއަކައް ރުޅި ވެރިކަން އުފެދުނެވެ. އެނަގާފައި ރީއްޗައް ފަތްޖަހަން ނޭނގުނުތާގައި، ގެއައް ވަންނަހާ މީހަކައް ފެންނާނެހެން ތަރުތީބެއްނެތި ގޮނޑިސެޓް މައްޗައް އަޅާފައި ހުރުމުންނެވެ. އައި ރުޅީގައި ހިތައް އައިހާ އެތިވަރެއް އަޑުހަރުކޮށް ޅީދަރިފުޅާ ދިމާލައް ކިޔާލަން އުޅެނިކޮށް އެ އުޚްތާގެ ވާހަކަތައް ސިކުނޑިއަށް ވަނެވެ. ކަންކަމައް ރިއޭކްޓްކުރާ ގޮތް ބަދަލުކުރުމަށް ބުނެފައިވާ ބުނުމެވެ. ނުލިބުނު އުފަލައްވުރެ ލިބިފައިވާ އުފަލައް ފޯކަސް ކުރުމަށް ބުނި ބުނުމެވެ. އެ ހަނދާންވުމުން ހިތައް މަޑުމައިތިރިކަމެއް ވެރިވިއެވެ. ފުންނޭވާއެއް ލާފައި ޕޮޒިޓިވްކޮއް ވިސްނޭތޯ ބެލީމެވެ. އާއެކެވެ. އެ އަންނައުނުތައް ވާރޭން ތެމި ފޯވެ އަލުން އެދޮވުމުގެ ބުރަޔައްވުރެ މިގޮތް މާ ލުޔެވެ. އަދި އެ ފަތްނުޖެހިގެން އެއްޗެހިކިޔާހާ އިރެއްވެސް ނުވާކަން ސިކުނޑިއަށް ނަގައިގަނެވުނެވެ. އެވަގުތު ޅީ ދަރިފުޅު އަހަރެންގެ މާމަ ދަރިފުޅު ގޮވައިގެން ކޮޓަރީގައި ކާންދޭން އުޅޭ އަޑުއިވެއެވެ. އެފަދަ މާނައެއް ނެތް ކުދި ކުދި ކަންކަމާއި ރުޅިއައިސް ޒުވާބު ކުރާނަމަ އެތަނެއްގެ ހަމަޖެހުން ގެއްލިގެންދާނެ ކަން އެތައް ދުވަހެއްފަހުން ފުރަތަމަ ފަހަރައް ހަނދާންވިއެވެ. އާއެކެވެ. އަހަރެންގެ ސުވާލައް ޖަވާބުލިބުނެވެ. އަހަރެން ކަންކަމާއިމެދު ރިއޭކްޓް ކުރާ ގޮތުންވެސް އަހަރެންގެ ނަފްސާނީ ދުޅަހެޔޮކަމަށް ބަދަލު އާދެއެވެ. އަހަރެން އެގޮތައް ކަމަކާއިމެދު ހިތްހަމަ ނުޖެހިގެން މީހަކައް ހަޅޭލަވައިފި ދުވަހަކު އަހަރެންގެ ހިތަކައްވެސް ހަމަޖެހުމެއް ނުލިބެއެވެ. ހިތުގައި އަބަދު އެ މަންޒަރު ތަކުރާރުވެވެ ހުރެއެވެ. އަދި ރުޅިވެރިކަންވެސް ހިތުން ނުފިލާތާގައި އަޑިއަޑިން ހިތް ރޮމުން ދެއެވެ. އަދި މާޒީގެ އެފަދަ އިތުރު މަންޒަރުތައް ލޯ މައްޗައް ސިފަވެ އިތުރައް ހިތުގައި ވޭން އުފެދެއެވެ. އޭގެ ބަދަލުގައި މިއަދު ފަދައިން އެ ލިބުނު ކުޑަކުޑަ ފަސޭހައަށް ޝުކުރުކޮށް އުފާ ކޮށްލުމުން، ހިތައް ހަމަޖެހުން ލިބުމުގެ އިތުރުން މާހައުލުގެ ހަމަޖެހުމަށާއި ދޭދޭ ގުޅުންތައް ބަދަހިކަމުގައި ދެމި އޮތުމަށްވެސް އެބަ ބާރު ލިބެއެެވެ. އެއާއިއެކު މިކަންކަމައް ވިސްނާލުމުން، އުފާވެރިކަން ގުޅިފައިވަނީ އަމިއްލަ ނަފްސުގެ އަމަލުތަކާއި، ރޫހާނީ އުފާވެރިކަމާއިކަން ޤަބޫލުކުރެވެން ފަށައިފިއެވެ. ﷲއަށް ޙަމްދު ކުރީމެވެ. އެތައް ދުވަހެއްގެ ފަހުން ޕޮޒިޓިވް ވިސްނުންތައް ސިކުނޑިއަށް ވެރިވާކަން އިހްސާސްވުމުންނެވެ.

އެކަމަކު އަހަރެންގެ މާޒީ އަހަރެން ހަނދާން ނައްތާލާނީ ކިހިނެއް ހެއްޔެވެ؟ އެކި ފަހަރުމަތިން ލިބިފައިހުރި ހިތްދަތި ހާދިސާތައް ހަނދާން ނައްތާލެވޭނެ ހެއްޔެވެ؟ އެ އަނިޔާތަކަކީ، ނުވަތަ އެ ޒަހަމްތަކަކީ އަހަރެން ގަސްތުގައި އަހަރެންގެ ހިތައް ވައްދައިގެން އުޅޭ ކަންކަމެއް ނޫނެވެ. އަހަރެންގެ އެއްވެސް އިޚްތިޔާރަކާއި ނުލާ އެ ހަނދާންތައް އާވެ ހިތުގެ ރިހުން އިތުރުވެއެވެ. އަދި އެ ޒަހަމް ތަކާއި ގުޅިފައިވާ މީހުންނާއިމެދު ހިތުން ޝަކުވާކުރެވި އަދި ބައެއް ފަހަރު އަމަލުންވެސް ހިތް ނުރުހޭކަން ދެއްކެއެވެ. އެކަންކަން އަހަންނައް ހުއްޓިދާނެ ހެއްޔެވެ؟ އެ ޒަހަމްތަކައް ފަރުވާނުލިބޭހިނދު، އެމީހުންނަށް ހިނިތުންވެ ގުޅުން ބަދަހި ކުރެވޭނެ ހެއްޔެވެ؟

އަދި އަހަރެންގެ އެއްވެސް އިޚްތިޔާރަކާއި ނުލާ މިގަންނަ ބިރު ހުއްޓުވޭނެ ހެއްޔެވެ؟  ކިރިޔާ ވައިގަދަވެލިޔަސް އެވެނި ކަމެއް މިވެނިކަމެއް ވެދާނެ ކަމުގެ ބިރުން ހިތައް އުނދަގޫކުރެއެވެ. ރޭގަނޑުގެ އަނދިރިކަމުގައި އެކަނި ގެއިންބޭރައް ނިކުންނާކައް ނުކެރެއެވެ. ސިއްޙީ ގޮތުންވެސް ހަށިގަނޑައް އުނދަގުލެއް ވާނަމަ ބޮޑެތި ބަލިތައްމަތިން ހަނދާންވެ، އެފަދަ ކަމެއް ވެދާނެކަމައް ބިރުގަނެ ބަލި ބޮޑުވެއެވެ. އެފަދަ ގޮތްގޮތައް ނުވިސްނުމަށް މަސައްކަތް ކުރިނަމަވެސް ހިތުން އެ ބިރުތައް ފިލާ ނުދެއެވެ. މި ހިތާމަތަކާއި ބިރުތަކުން އަހަރެން ސަލާމަތްވާނެ ދުވަހަކައް ހާދަ އިންތިޒާރު ކުރެވެއެވެ. އެ ދުވަހަކުން ހިތައް ލިބޭނެ ލުޔާއި، ސިކުނޑިއަށް ލިބޭނެ ހަމަޖެހުމަކީ އަހަރެންނައް މިއިން ދުވަހަކު އިހްސާސް ކުރެވިފައިނުވާ ކަންކަމެވެ. ފަހަރެއްގައި އެ ދުވަސް ލިބުން އޮތީ އާޚިރަތުގައި ހަމައެކަނި ސުވަރުގޭގައި ކަންނޭނގެއެވެ.

މިއަދު ކެންސަލްވި ސެޝަން މިރެއަށް ތާވަލް ކޮށްފައިވާ ކަމުގެ ޚަބަރު ލިބުމާއިއެކު އަހަރެންގެ މި ސުވާލުތައް އެ އުޚްތާއަށް ފޮނުވުމަށް ނިންމީމެވެ. ވާރކްޝޮޕް އިންތިޒާމް ކުރި ފަރާތުންވަނީ ބައިވެރިންގެ ސުވާލުތައް ހުށައެޅުމަށް ހާއްސަ ނަމްބަރެއް ދެއްވާފައެވެ. އެ ނަމްބަރައް ފޮނުވާ ސުވާލުތައް އެ އުސްތާޒާ އަށް ފޯރުކޮށްދޭނެ ކަމައްވަނީ އަންގާފައެވެ. ވީމާ އެ ސުވާލުތައް ލިޔެލާފައި އެ ނަމްބަރައް ފޮނުވާލީމެވެ. އަދި ރޭގަނޑުގެ ސެޝަނައް ދާންވާއިރައް ގޭގައި ކުރަންހުރި ކުދިކުދި މަސައްކަތްތަކައިގެން ކުރިއަށް ދިޔައީމެވެ. އަދި ޝާތިރާ މަތިން ހަނދާންވުމުން އޭނާއަށް ގުޅާފައި އޭނާގެ ދަރިފުޅުގެ ހާލު އަހުވާލު އޮޅުންފިލުވީމެވެ. އަދި ވާރކްޝޮޕްގައި ދެއްކި ބައެއް ވާހަކަތައް ޝާތިރާއަށް ކިޔައިދިނީމެވެ. ދެމީހުންގެ ވާހަކަތަކައްފަހު މިރޭގެ ވާރކްޝޮޕްގައި އުސްތާޒާ އަހަރެންގެ ސުވާލުތަކައްދޭނެ ޖަވާބާއިމެދު ވިސްނި ހިތް އަވަސްވަމުންދިޔައެވެ. އަދި އެ ސުވާލުތައް ފޮނުވުނީތީވެސް އަމިއްލަ ނަފްސައް ޝަކުވާވެސް ކުރެވުނެވެ. އެ އުސްތާޒާގެ ހިތުގައި އަހަރެންގެ ދިރިއުޅުމާއިމެދު ސުވާލު އުފެދޭނެކަމުގެ ޚިޔާލުތައް އައިސް ނޭދެވޭ ޚިޔާލުތަކުން ހިތްފުރެމުންދިޔައެވެ. އެ ޚިޔާލުތަކުގެ ސަބަބުން ހިތުގެ ހަމަޖެހުން ގެއްލި ހިތްއަވަސްވެފައިވިއެވެ.

ގެޔާއި ވާރކްޝޮޕް އޮންނަ ހޯލާއި ދުރުކަމުން ތިރީހަކައް މިނަޓް ކުރިން ގެއިން ނިކުތީ މަޑުމަޑުން ހަމަޖެހިލައިގެން ދެވޭތޯއެވެ. ގިނައިން ދެވެނީ އަވަސްއަރުވާލައިގެން ގަޑިޖެހެން ކައިރިވެފައިވަނިކޮށް ކަމަށްވާތީއެވެ. ނަމަވެސް ވަކި ހިސާބަކައް ދެވުނުތަނުން މެސެޖް ލިބުނީ ބައިގަޑިއިރުފަހައް ސެޝަން ލަސްކުރެވުނު ވާހަކައެވެ. ހިތައް ފޫހިކަން ވެރިވުމާއިއެކު ހުއްޓިލެވުނީ އަނބުރާ ގެއަށްދާންވީތޯ ނޫންތޯ ވިސްނާލުމަށެވެ. އެވަގުތު ފަސްއެނބުރިލެވުނީ ޝާއިޤާގެ ކުރިމައްޗަށެވެ. އޭނާ ހިނގާފައި އައި ބާރު ސްޕީޑުން އެ މެސެޖް އަދި ނުފެންނަނީކަމަށް ނިންމާ އެވާހަކަ ބުނެލީމެވެ. އެޔާއިއެކު ޝާއިޤާވެސް މަގުގެ ދެފަރާތައް ބަލާލާފައި ގަޑިއަށް ބަލައިލީ އަހަރެންފަދައިން ދާންވީ ކުރިއަށްކަމެއް ފަހަތައްކަމެއް ނޭނގޭތީހެން ހީވުމުން، އަހަރެން އެތާ ކައިރީއިން ރެސްޓޯރެންޓައް ކޮފީއެއް ބޯލަން ހިނގާށޭ ބުނެ ދައުވަތު ދިނީ އެވަގުތުކޮޅައް އަނބުރާ ގެއަށްދާހިތް ނުވީމައެވެ. ޝާއިޤާވެސް ހިނިތުންވުމަކާއިއެކު އެކަން ޤަބޫލުކޮށް، ދެމީހުންއެކުއެކީގައި އެ ރެސްޓޯރެންޓައްވަދެ އޯޑަރުދިނީމެވެ.

ދެމީހުން އެކަކު އަނެކަކައް ތަޢާރަފްވީ ނަމާއި އުޅޭ ސަރަހައްދު ބުނަމުންނެވެ. ދައްކާނެ އިތުރު ވާހަކައެއް ސިކުނޑިއަށް ނައުމުން ވާރކްޝަޕް ކުރިއަށް ގެންދާ ގޮތާއިމެދު ހިތްހަމަޖެހޭތޯ އަހަރެން އަހާލީމެވެ. “އާން! ވަރަށް ރަނގަޅު މައުލޫމާތުތަކެއް އެބަލިބޭ.. އީމާންތެރިކަން އިތުރުވޭ އެފަދަ ވާހަކަތައް އަޑުއިވުމުން. އަނެއްކާ ދިރިއުޅުމުގާ ދިމާވާ ގިނަކަންކަމާއި ކުރިމަތިލާންޖެހޭ ގޮތް އެބަދަސްވޭ. އަސްލު އަހަރެން މީގައި ބައިވެރިވީ މިހާރު ކައުންސިލިން ކިޔަވަމުންދާތީ މިކަމާއި ގުޅޭ ވާރކްޝޮޕެއްވީމާ މައުލޫމާތު އިތުރުކުރަން. ވަރަށް އުފާވޭ ބައިވެރިވެވުނީމަ. ދީނީގޮތުން ކަންކަމުގައި ދޭނެ ނަސޭހަތްތައް އެބަދަސްވޭ ވިއްޔަ.” ޝާއިޤާ ހިނިތުންވަމުން ބުނެލިއެވެ. އަހަރެންވެސް އެކަމާއި އެއްބަސްވުމަށްޓަކާ ހިނިތުންވުމެއް ރައްދުކޮށްލީމެވެ. “އާކަންތައްތައް ދަސްވާ ކޮންމެ ފަހަރަކު ހިތައްއަރާ އަސްލު ހާދަގިނަ މަޢުލޫމާތެއް ދުނިޔޭގައި ﷲ ލައްވާފައިވެޔޭ. އެކަމަކު އަހަރެމެނަށް މި އެނގެނީ ހާދަހާދަ ކުޑަކުޑަ މަޢުލޫމާތެކޭ. ބައެއް ޕްރޮފެސަރުންގެ ވާހަކަތައް އަޑުއަހާފައިވެސް ހަމަ އެހެން ހިތައްއަރަނީ. އެމީހުންވެސް އެ ރޮނގުން ކިތަމެ މޮޅު ވިޔަސް އެމީހުނައްވެސް ނޭނގޭ ދަސްނުވާ ހާދަހާ ކަމެއް ވެޔޭ. އަހަރެމެންގެ ދީނަކީ ޢިލްމު އުނގެނުމަށް ނުލާހިކު ބާރުއަޅާފައިވާ ދީނެއް. އެކަމަކު ހާދަހާ ގިނަ ބަޔަކު ބޭކާރު ކަންކަމުގައި ދުނިޔޭގެ ދިރިއުޅުން ބޭކާރު ކޮށްލައޭދޯ!.. ގިނަމީހުންގެ އުފަލަކީ މުޅިންވެސް އެންޓަޓެއިންމަންޓް. ސިކުނޑީގެ ބޭނުމެއް އެއްވެސް ވަރަކައް ނުކުރޭ.” ޚިޔާލަކައް ގެއްލި އިނދެގެން ޝާއިޤާ ބުނެލިއެވެ. “ކީއްކުރާނީ؟ ދޭ ނަސޭހަތެއް ޤަބޫލު ކުރާ ކުއްޖަކު މިހާރަކު ނޫޅޭ.” ޝާއިޤާ ވިސްނުމެއްތެރެއަށް ގެއްލިފައިވީތަން ފެނި އޭނާޔާ ބައިވެރިވުމުގެ ގޮތުން އަހަރެން ޖަވާބުދިނީ އަހަރެންގެ ތަޖުރިބާއިން ފާހަގަވީ ކަމެއްގެ ވާހަކައެވެ. އެޔާއިއެކު ޝާއިޤާ އިސްއުފުލާލާފައި ބުންޏެވެ. “އަހަރެމެނައްވަނީ ހަނދާންކޮށްދިނުން. ކަންކަމަކައް އެއްވެސް މީހަކައް މަޖުބޫރެއް ނުކުރެވޭނެ. ގިނަގިނައިން ހަނދާންކޮށްދޭނަމަ އެމީހުނަށްވެސް ވިސްނޭނެކަމަށް އަހަރެން ޤަބޫލުކުރަނީ. ނަމަވެސް ވިސްނުނަސް ވިސްނެޔެކޭ އެ މީހުން ނުބުނާނެތާ. އަދި ގިނަ ފަހަރައް އެއީ ރަނގަޅުގޮތް ކަމައް ޤަބޫލު ކުރެވުނަސް އެމަގުން ކުއްލިއަކައް ހިނގަން ކޮންމެ މީހަކައްވެސް އުނދަގޫވާނެ. މިސާލަކައް ނަމާދު ކުރުމަކީ ވާޖިބެއްކަމާއި ނަމާދު ނުކުރުމުން އަޒާބު ލިބޭނެކަން އެތައް ކުދިންނެއް ޤަބޫލުކުރާނެ. އެކަމަކު ނަމާދުކުރަން ހިތުގެ ކަނަކުން ގޮވާލިޔަސް ކުއްލިއަކައް އެކަން ކުރަންވީމަ ނުކުރެވެނީ. ގައިގައި ނެތް އާދައެއް ހަރުކުރެވޭނީ ވަރަށް މަސައްކަތުން. އަނެއްކޮޅުން ޝައިޠާނާގެ ވަސްވާސް އިތުރުވެ، ދުނިޔޭގެ އެހެން ކަންކަންވެސް މާބޮޑައް އިސްކުރެވެނީ. މާދަމާ ނޫނީ ފަހުންނޭ ހިތައް އަރައަރާ ހުއްޓާ އެފަހެއް ނާންނާނެ. ހިތައް އެދުވަހު ވަތް ކުޑަކުޑަ އީމާންކަންވެސް އެފަހުން ޝައިޠާނާވާނީ ފަނޑުވާލާފަ. އެކަމަކު އަހަރެމެންގެ ގާތްބައެއްނަމަ އަހަރެމެން އަބަދުވެސް ވާނެ ޕޮޒިޓިވް ގޮތަކައް ހަނދާންކޮށްދޭން، މާދަމާއަށް ފަސްކޮށްގެންތިއްބާ ފެންނާނީ އެންމެ ފަހު ވަގުތުއައިސް ތަޢުބާގެ ދޮރު ބަންދުކުރެވޭތަންކަން ހަނދާންކޮށްދޭންވާނެ. އެކަމަކު ފާހަގަކުރެވޭ ބައެއްކުދިންގެ އަމަލުތަކުން ހީވަނީ ނަރަކައަށްދާން ތައްޔާރުވަނިއްޔޭ.. ގަސްތުގައި އެނގިތިބެ ޝައިޠާނާ ދައްކާ މަގުން ހިނގާތީ މިހެން މިބުނީ. ސައިކޮލަޖީގެ މާހިރުން ބުނާގޮތުންނަމަ، ކަމެއް އާދައަކައް ހަދަންބޭނުންނަމަ ސާޅީސް ދުވަސްވަންދެން އެކަމެއްގައި ދެމިހުރެއްޖެނަމަ، އެމީހަކައް އެކަމަކައް ރަނގަޅައް އާދަވާނެކަމަށް ބުނޭ. އަހަރެން މިއުޅެނީ ހެނދުނާއި ހަވީރުގެ ޒިކުރުތައް ކިޔަން އާދަވޭތޯ އެކަމުގާ ހިފައިގެން”.

ދެމީހުންގެ ވާހަކަތައް ކުރުކޮށްލާފައި ގަޑިޖެހެންވާއިރައް ހޯލައް ވަދެވޭތޯ އަވަސްވެލީމެވެ.

**ނުނިމޭ**

0

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!