ޝާން މިސްކިތުން ފައިބައިގެން އަންނަމުން ފޯނު ހުޅުވަން ހަނދާނެއް ނެތެވެ. ދެ އެކުވެރިން މިއަދު ސައިބޯން ދިޔައޭ މިސްކިތު ކައިރީ އިންނަ ހޮޓަލަކަށެވެ. މީހުން ގިނަ ކަމުން ސައި ބޮވޭ ވަރު ވީ ތަންކޮޅެއް ލަހުންނެވެ. ހޮޓަލުން ނިކުމެ ގަޑި ބަލާލުމުގެ ނިޔަތުގައި ޝާން ފޯނު ނެގިއެވެ. “އަނހާ މިއޮތި ފޯނު ވެސް ނުހުޅުވި” އެހެން ކިޔާ ޔުހާން ފޯނު ހުޅުވާލިއިރު އާލާގެ 10 މިސްޑް ކޯލް އިނެވެ. ޔުހާން ގާތު އެވާޙަކަ ބުނެލަމުން ޝާން އާލާ އަށް ގުޅާލިއެވެ. “އަދި މަ ކައިރީ ބުނަން ވާނެ އާލާގެ ކިތެންމެ ކުޑަ ވާޙަކަ އެއް ވިޔަސް” ޔުހާން ހިތާ ހިތުން ކިޔާލިއެވެ. ޝަން ފޯނު ބާއްވަމުން އައިސް ބުނީ ގެއަށް ދާން ޖެހޭބަ އޭ އެވެ. “އެކީއްކުރަން ގެއަށް ދަނީ. ތުނޑި އަށް ނުދަނީ ތަ” ޔުހާން އަހާލީ ކުޑަކޮށް ހާސް ވެފައި ހުރެއެވެ. އާލާ އަށް ކަމެއް ވީ ކަމަށް ހީކޮއްށެވެ. “އާލާ ބުނީ ކެމެރާ ހިފައިގެން ދައްޗޯ ފޮޓޯ ނަގަން އެހެންވެ. އަދި އިނގޭތަ އާލް އަށް އެންމެ ރީތި ގޮތައް މަ މިއަދު ހެދުން އަޅައިގެން މިހުރީވެސް.” ޝާންގެ އަޑުގައި ހުރީ އުފާވެރިކަމެވެ. “ކައެ އަސްލު ވެސް ވަރަށް ލޯބިވޭ ދޯ އާލް ދެކެ” ޖަވާބު އިނގި ހުރެ ވެސް ޔުހާން އަށް އެހެން އަހާލެވުނީ އަމިއްލަ އިހުތިޔާރުން ބޭރުގައެވެ. “އާނ.. އަހަރެން ދުވަހަކިވެސް ހުވަފެނުގައި ވެސް ހިޔެއް ނުކުރަން އަހަންނަށް އާލް ލިބޭނެ އެކޭ އެކަމް އަހަރެން ކިހާ ނަސީބު ގަދަ ދޯ. އަހަރެން އެހާ ލޯބިވަ ކުއްޖެއް ލިބުނީމަ ދެން ވާނު ދޯ ލޯބިން ގެންގުޅެން” ޝާންގެ ވާހަކަ ކޮންމެ ލަފުޒަކުން ޔުހާންގެ މޭއަށް އެތައް ޒަހަމު ތަކެއް ދިނެވެ. ނަމަވެސް އަބަދެކޭ ވެސް އެއްފަދައިން ހިނިތުން ވެލަމުން ހިތުގައި އަޅަމުން ދިޔަ ވޭންތައް ފޮރުވާލިއެވެ.

ގެއަށް ގޮސް ކެމެރާ ނަގައިގެން ނިކުމެ ޝާން ގުޅާލީ އާސިމް އަށެވެ. ފޯނު ބާއްވަމުން ޝަން ހިނގައިގަތެވެ. ޔުހާން ވެސް ޝާން ގެ ފަހަތުން ހިނގައިގަތެވެ. ދަނީ ކޮންތާކައް ތޯ ސުވާލެއް ވެސް ކުރުމެއް ނެތިއެވެ. އިސްޖަހާލައިގެން ހުރެ ކުޑަ ކުއްޖަކު އެކުއްޖާގެ މަންމަ ގެ ބަހައް ކިޔަމަން ވެގެން ދާ ފަދައަކުން ޝާންގެ ފަހަތުން ހިނގަމުން ދިޔައެވެ. އާސިމް މެން ގެއާއި ހަމަވި އިރު އާސިމް ނިކުމެ ހުރުމުން ދެން ތިން މީހުން ދިޔައީ ތުނޑި އާއި ދިމާލަށެވެ. ‘ ކީއްވެ މާ މަޑުން ތިހުންނަނީ. ހީވަނީ ކަރު ކަނޑާލާފަ ހުރި ހާލެއް ހެން’ އާސިމް އެހެން ބުނުމުން ނޫނެކޭ ކިޔާފައި ޔުހާން ހޭން ފެށިއެވެ. މީހަކަށް ޝައްކު ވެދާނެތީ ވަރަށް ހަމަޖެހިލައިގެން އުޅެން ޔުހާން ނިންމިއެވެ. ނަމަވެސް އޭނާގެ ޒަމޭރު އެކަމުގައި އޭނާ އާއި ބައިވެރިއެއް ނުވެއެވެ. ތިން މީހުން ގޮސް އިށީނދެލީ ތުނޑީގައި އޮންނަ ރުއް މަތިގައެވެ، އިރުކޮޅަކުން އައިލާ އާލާ އަދި ޒާރާ އަންނަ ތަން ފެނުނެވެ. ތިން ކުދިން ވެސް ތިބީ ހަމަ އެއްގޮތަކަށެވެ. ތަފާތަކީ ތިން ކުދިންގެ ހޫޑީގައި ލިޔެފައި އިން ނަމެވެ. އައިލާ ހޫޑި ގައި ބެސްޓް، ޒާރާ ހޫޑީގައި ފްރެންޑް އަދި އާލާ ހޫޑީގައި ފޯއެވާ ލިޔެފައި އިނެވެ. ތިން ފިރިހެން ކުދިންގެ ނަޒަރު ވެސް ހުއްޓިފައި ވަނީ އެމީހުން ނާއި ވިއްސަކަށް ފޫޓު ދުރުން ހިނގާފައި އަންނަ އަންހެން ކުދިންނަށެވެ. ޔުހާން އައިލާ އަށް ބަލަނީ އޭ ހިތާ އައިލާގެ ހިތް ނަށާލިއެވެ. ނަމަވެސް ހަގީގަތަކީ ޔުހާންގެ ލޯ ހުއްޓިފައިވަނީ އާލާ އަށް ކަމެވެ.

ތިން އަންހެން ކުދިން އައިސް އަރާ ހަމާ ވުމުން އިރުކޮޅަކު އެތާ ވާހަކަ ދައްކަން ތިބެފައި އާލާ އާއި ޝާން ތުނޑީގެ އުތުރު ކޮޅާއި ދިމާލަށް ހިނގައިގަތެވެ. އަދި ޒާރާ އާއި އާސިމް ދެކުނު ކޮޅާއި ދިމާލަށް ހިނގައިގަތެވެ. އައިލާ އާއި ޔުހާން އެކަނި ވިއެވެ. ބަސް ހުސްވެފައި ތިބި ބަޔަކު ފަދައިން ތިބެފައި ވާހަކަ ދައްކަން މިފަހަރު ވެސް އިސްނެގީ އައިލާ އެވެ. “އެއްޗެއް އަހަންތަ؟” މަޑުމައިތިރި ކަމާއެކު އައިލާ އަހާލިއެވެ. “އަދިވެސް އެއްކަލަ ކުއްޖަ ދެކެ ހާން ލޯބިވޭތަ؟” ޔުހާން ހުއްދަ ދިނުމުން އައިލާ ވާހަކަ ދައްކަން ފެށިއެވެ.” އާނ ލޯބި އެއީ އެހާ ފަސޭހައިން ހަނދާން ނައްތާ ލެވޭ އެއްޗެއް ނޫނެއްނު” ޔުހާޏް ދިނީ ކުރު ޖަވާބެކެވެ. ނަމަވެސް އެކުރު ޖަވާބުން އައިލާގެ ހިތައް ގެނުވި އުފާވެރިކަން އައިލާ އަށް ބަޔާން ވެސް ނުކުރެވޭނެ އެވެ. “އަސްލު މިއަދު ވަރަށް ބޮޑު ވާހަކައެއް ބުނަން ބޭނުން. އަންހެން ކުއްޖަކު މިކަހަލަ ވާހަކައެއް ދެއްކުން އެހާ ރަނގަޅެއް ވެސް ނުވާނެ. އެކަމް ވެސް ދެން އަހަންނަކަށް އިތުރަށް ސިއްރު ކޮއްގެން ނުހުރެވޭނެ. ” ލަދު ގަން ނަމަވެސް އައިލާ ވާހަކަ ކުރިއަށް ގެންދިޔައެވެ. ” ކިހިނެއް ވީ އަނެއްކާ. ކިޔާބަލަ” އައިލާ އާއި ދިމާލަށް އެނބުރެމުން ޔުހާން ވާހަކަ ދެއްކިއެވެ. “އަހަރެން ބޭނުން ޔުހާން. މިއޮއް ހުރިހާ ދުހު އެއްކޮއް އުޅުން އިރު ޔުހާން އަށް މިކަން އިނގިފަ ވެސް އޮވެދާނެ. އެކި ފަހަރު މަތިން އަހަރެން ޔުހާން އަށް މިކަން އަނގަދޭން މަސައްކަތް ކުރިން އެކަމް އަހަންނަކަށް އެހާ ހިތްވަރެއް ނުލިބުން. ޔުހާން އަށް ކަމުދާ ކުއްޖަކީ އަހަރެން ހެން ހީވާތީ މިއަދު މި ވާހަކަ މި ބުނީ. އައި ނޯ އައި ސައުންޑް އޮކްވާޑް ބަޓް ސްޓިލް އައި ލަވް ޔޫ. އަހަރެން ވަރަށް ލޯބިވޭ ޔުހާން ދެކެ. ވަރަށް ވަރަށް ކުރިން ސުރެ ފަށައިގެން ވެސް ޔުހާން އަހަރެންގެ ހިތުގައި ރަސްކަން ކުރަން ފަށައިފި. އަހަރެމެންގެ އެކުވެރިކަމުގެ ގުޅުން ފެށުމުގެ ކުރިން ވެސް އަހަރެންގެ ހިތުގައި ޔުހާންގެ ނަން ވަނީ ފެވިފައި. އަހަރެންގެ ހިތުން ޔުހާން ޖާގަ ހޯދި ފަދައިން ޔުހާންގެ ހަޔާތުން އަހަންނަށް ވެސްޖާގައެއް ލިބޭނެ ކަމަށް ހީކުރަން. ” އައިލާ ލަދުން ޔުހާން އަށް ފުރަގަސް ދިނެވެ. ޔުހާން ހުރީ ބަސް ހުއްޓިފައެވެ. ދުނިޔެވެސް ހުއްޓުން ކަހަލައެވެ. ހަތަރު އުދަރެސް ފެނު ޖެހިފައި އިން ޔުހާން އަށް ހީވީ ރިހޭ ފައި މައްޗައް މީހަކު ފޮއެ ވައްޓާލި ހެންނެވެ. “އަބަދު ވެސް އަހަންނަށް ކީއްވެތަ މިހެން ވަނީ. އަހަރެން ދެން އައިލާ އަށް ދޭނީ ކޮން ޖަވާބެއް. އަހަރެންނާ ހެދި އަހަރެންގެ ހުރިހާ އެކުވެރިންގެ ދިރިއުޅުން ހަލާކު ވާތަން ދެކޭނީ ކިހިނެތް. މީ ކޮން ފަދަ ބޮޑު އިމްތިހާނެއް” ޔުހާން ހިތާއި ހިތުން ކިޔަމުން ދިޔައެވެ. ޔުހާން އެއްޗެއް ނުބުނެ މާ ގިނަ އިރު ވާން ފެށުމުން އައިލާ ފަސް އެނބުރި ބަލާލާ ޔުހާންގެ ނަމުން ގޮވާލިއެވެ. އިސްޖެހިފައި އިން ޔުހާން އިސް އުފުލާލި އިރު ތާޒާ ކަރުނަތައް ޔުހާންގެ ލޮލުގައި ބަބުޅަމުން ދިޔައެވެ. މިވީ ކިހިނެއް ބާއޭ ޔުހާންގެ ހިތައް އެރިއެވެ. ކިހިނެއް ވީ ތޯ ސުވާލު ކުރުމުން ޔުހާން ތެދުވެ ދެލޯ ފުހެލަމުން އަނެއް ފަރާތައް އެނބުރުނެވެ. ” އަހަރެން ބޭނުމެއް ނޫން އަހަރެންގެ ސަބަބުން އައިލާ ގެ ހަޔާތް ބަރުބާދު ވާކަށް. އަހަރެން ބޭނުމެއް ނޫން ދޮގު ތަކެއް ހަދައިގެން އައިލާ އަށް ހުވަފެން ތަކެއް ދައްކާކަށް ވެސް. އެކަމް އަހަންނަކަށް ނޭނގެ އައުލާ ގާތު މި ވާހަކަ ބުނާނެ ގޮތެއް ވެސް. އަސްލު ތެދައް ބުނަންޏާ ދުވަހަކު ވެސް އައިލާ އަހަރެން ބޭނުން ވެދާނެ އެކޭ އަހަރެންގެ ހިތަކަށް ނާރަ. އަހަރެން މިހުރީ ހަމަ ބުނާނެ އެއްޗެއް ވެސް ނޭނގިފައި. އަ އެމް ސޮރީ. ބަޓް އައު ޖަސްޓް ކާންޓް. އައި ކާންޓް ބީ ވިތް ސަމްވަން ދެޓް އައި ޑޯންޓް ލަވް. އަހަންނަށް މާފު ކުރޭ. އައިލާ ގެ އެއްވެސް އުނި ކަމެއް ހުރެގެނެއް ނޫން. އައިލާ އަކީ މީހަކު އެންމެ ބޭނުން ވާނެ ފަދަ ކުއްޖެއް. ފުރިހަމަ ރީތި ރަނގަޅު ހެޔޮލަފާ ކުއްޖެއް. އެކަމަކު އަހަރެންގެ ހިތް ވަނީ މަ ކުރިން އެހެން މީހަކަށް ދެވިފައި. އައިލާ އެކޭ އެއް ފަދައިން އަހަރެންގެ ވެސް ނަސީބު ދެރަ ކަމުން އެކުއްޖާ އަހަރެންގެ މިލްކަކަށް ނުވި އެކަމް އަހަރެން ވަރަށް ލޯބިވޭ އެކުއްޖާ ދެކެ. އައިލާ ދެކެ ލޯބި ނުވާ އިރު ރައްޓެހި ވެގެން އައިލާ އަށް އިތުރު ވޭން ތަކެއް ދޭކަށް ބޭނުމެއް ނޫން” ޔުހާން ގެ ވާހަކަ މެދު ކަނޑާލީ އައިލާގެ ގިސްލުމުގެ އަޑު އިވުމުން ނެވެ. ” ކީއްވެ ޔުހާން. އަހަރެން ގެ ކޮން ސިފައެއް ނެތީ. އަހަރެން ވަރަށް ލޯބިވޭ ޔުހާން ދެކެ. ޕްލީސް އެންމެ ޗާންސެއް ދީ. އަހަރެންގެ މައްޗައް ޔުހާން ގެ ހިތް ލެނބިވެސް ދާނެ އެއްނު. ލޯބި ނުވެ ރައްޓެހި ވިޔަސް ފަހުން ލޯބި ވެވިދާނެ އޭ. ބަލާ އާލް އާ ޝާން ވެސް. އެމީހުން ވެސް ވަކި ލޯބިވާތީ އެއް ނޫން ދޯ ރައްޓެހި ވީ. އެކަމް ބަލާ ދޭ އާ ހެޕީ ނައު.” ޔުހާންގެ އަތުގައި ހިފައިގެން ހުރެ ގިސްލަ ގިސްލާފާއި އައިލާ ވާހަކަ ދެއްކިއެވެ. “އާލާ ގެ ވާހަކަ ނުދައްކަފާނަންތަ ޕްލީސް” ޔުހާން އަށް ބުނެވުނެވެ. “ވެއިޓް. ޔުހާން ލޯބި ވަނީ އާލް ދެކެ ތަ؟” އައިލާ ޔުހާންގެ އަތުން ދޫކޮއްލަމުން އަހާލިއެވެ.

0

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!