ނައިޝާގެ މޫނުމައްޗަށް ދޮރުޖެހުމުން، ހުރިތާ ގުނޑިލަންވެސް ނޭނގިފައިހުރި ނައިޝާ ސިއްސައިގެން ދިޔައެވެ.ތެޅި ތެޅި އޮތް ހިތާ އެކު އަވަސް އަވަހަށް ނައިޝާ ކޮޓަރި ތަޅުގައި ހިފައި ތަޅުވާލިއެވެ.ނަމަވެސް ބޭރުން ތަޅުލައިފައި ހުރުމުން ނައިޝާއަށް ދޮރު ހުޅުވޭ ގޮތެއް ނުވިއެވެ.
ހަދާނެ ގޮތެއް ނޭނގި ޝޮކެއްގެ ތެރޭގައި ހުރި ނައިޝާ އަށް އިހުސާސް ކުރެވުނީ އޭނާއަށް މިއުޅެވެނީ ބިރުވެރި ހުވަފެނެއްގެ ތެރޭގައި ހެނެވެ.އެހެންނަމަވެސް ނައިޝާއަށް އުޅެވެނީ ބިރުވެރި ހުވަފެނެއްގައި ނޫން ކަން ޔަގީންވީ އޭނާ ވިކާލި އަތުން ދިލަނަގަން ފެށުމުންނެވެ.
“މީ ސުހާ…މަގޭ ލޯބި…މަގޭ އަނބިމީހާ…. މިއަދު ކައިވެނި ކުރީ” ” މީ ސުހާ… މަގޭ ލޯބި… މަގޭ އަނބިމީހާ… މިއަދު ކައިވެނި ކުރީ” ދާދި ދެންމެއަކު ސައިފް ބުނި ޖުމުލަ ނައިޝާގެ ބޮލުތެރޭގައި އެނބުރެން ފެށިއެވެ. އެއަޑު ނައިޝާގެ ކަންފަތުގައި ގުގުމަން ފެށުމުން ނައިޝާ ހާސްވާން ފެށިއެވެ. ނޭވާލާން އުދަނގޫ ވިއެވެ.
އޭސީ ޖައްސާފަ ހުއްޓަސް މުޅި ކޮޓަރިތެރެ ނައިޝާ އަށް ހޫނުވާން ފެށިއެވެ.ނައިޝާގެ ބޮލަށް ބަރުވެ ނިތްކުރިމަތިން ދާތިކިތައް ފާޅުވާން ފެށިއެވެ. ކޮޓަރީގެ ވައި ބޭރުކުރަން ކުޑަދޮރާ ދިމާއަށް ދާން ނައިޝާ ހިނގައިގަތް ވަގުތު މުޅިތަން އެނބުރެން ފެށިއެވެ.މަޑުމަޑުން ތަންތަނުގައި އަތް ޖައްސަމުން ނައިޝާ ކުޑަދޮރު ކައިރިއަށް ދިޔައެވެ.
ދޮރުފޮތިގަނޑު ކަހާލުމަށްފަހު ކުޑަދޮރު ނައިޝާ ހުޅުވާލީ އޭސީ ޖައްސާފައި ހުރިކަންވެސް ހަނދާނުގައި ނެތިއެވެ.ކުޑަދޮރުން ބޭރަށް ބޯދިއްކޮށްލުމަށްފަހު،ފުން ނޭވާތަކެއް ނައިޝާ ދޫކޮށްލިއެވެ.
އެވަގުތު ސުހާ، އެއް އަތުން އޭނާ ލައިގެން ހުރި ވެޑިން ޑްރެސް ބޮޑިކޮށްލުމަށްފަހު އަނެއް އަތުން ސައިފްގެ އުޅަބޮށީގައި ހިފާލައިގެން ދިޔައިރު އެމީހުންގެ ފަހަތުން ސަނާއާއި މައިދައިތަ ވެސް ދާތަން ނައިޝާއަށް ފެނުނެވެ.އެންމެންވެސް ނަލަހެދިލައިގެން ހުރިއިރު އެމީހުން އެދަނީ ޕާޓީއަށް ކަން ނައިޝާ އަށް ޔަގީންވިއެވެ.
އެމީހުން ދާ މަންޒަރު ބަލަން ހުރި ނައިޝާގެ ލޮލަށް ކަރުނަ ޖަމާވިއެވެ.ނައިޝާ އެންމެ ލޯބިވި އަދި އެމީހަކަށްޓަކައި ޖާނާ މާލުން ޤުރުބާންވި އޭނާގެ ފިރިމީހާ، ސައިފް މިރޭ އެހެންމީހަކާ ކައިވެނި ކޮށް އުފަލުން ޕާޓިއަށް ދާ މަންޒަރު ބަލަން ވޭނުން ފުރިފައި ނައިޝާ ހުއްޓެވެ.
ނައިޝާ ސައިފަށް ގޮވަން މަސައްކަތް ކޮށްލިއެވެ.ނަމަވެސް އަރުތެރެ ބާރުވެ އޭނާގެ އަޑެއް ނުނިކުތެވެ.އެމީހުންގެ ފަހަތުން ދާން ނައިޝާ ބޭނުންވިއެވެ.ނަމަވެސް އެމީހުން ގޮސް ލޮލުގެ ކޮޅަށް އޮބާލިއެވެ.
ކުޑަދޮރު ކައިރި ނައިޝާ ރޯން ހުއްޓާ ރަށުގެ އަންހެންވެރިންތަކެއް އަންނަ ތަން ފެނުނެވެ. އެވަގުތު ކޮޓަރިީގެ ކުޑަދޮރު ކުޑަކޮށް ނައިޝާ ގާތްކޮށްލިއެވެ.
“ސުކޫލުގެ ދޯޯ ސައިފްގެ ޕާޓީ އޮތީ” އެތަނުން އެކަކު އެހި އަޑު ނައިޝާއަށް އިވުނެވެ. “އާނ…ދެއަތްބަށޯ ކައިވެނި ކުރަނީ…ދޮށީ އަަނބި އޯކޭއޯ ބުނި އަޑުއެހިން” އިސްކޮޅުން ދިގު މެދުފުރައިގެ އަންހެނެއް ޖަވާބުގައި ބުންޏެވެ.
އެއަޑު އިވުމުން ލޯފުހެލާ ބުރުގާ އެޅުމަށް ފަހު، އަންހެން ވެރިން ގެއްލެންދެން ނައިޝާ ކުޑަދޮރު ކައިރީގައި ހުއްޓެވެ.އަންހެންވެރިން ލޮލުގެ ކޮޅަށް އޮބާލުމުން ނައިޝާ ވަރަށް ހާލުން ކުޑަދޮރުން ބޭރަށް ފޭބިއެވެ.
ފައިވާނަށް އެރުމަށްފަހު ތެޅިތެޅި އޮތް ހިތާ އެކު ނައިޝާ ރަށު ސުކޫލާ ދިމާއަށް މިސްރާބު ޖެހިއެވެ. ސުކޫލުގައި ދިއްލާފައިވާ ބޮކިފަތީގެ އަލި ސުކޫލުމަގަށް އެޅިފައި ހުރިތަން ނައިޝާ އަށް ފެނުނެވެ. ސުކޫލާ ދިމާއަށް ނައިޝާ ހިނގައިގަތް ވަގުތު ބަޔަކު ސުކޫލުން ނުކުތުމުން ކައިރި ހުރި ގަހުގެ ބިއްދޮށަށް ނައިޝާ ވަނެވެ.
އެމީހުން ދިޔުމުން މަޑު ހިނގުމެއްގައި ނައިޝާ ސުކޫލާ ދިމާއަށް ހިނގައިގަތެވެ.ސުކޫލާ ކައިރިވި ވަރަކަށް ނައިޝާގެ ހިތުގެ ވިންދު ދިޔައީ ގަދަވަމުންނެވެ.ސުކޫލު ދޮރުމައްޗަށް ނައިޝާ ހުއްޓި، ފަރުމާކޮށްފައިވާ ބޯޑަށް ބަލައިލި އެވެ. “Saif Weds suha” އިނގިރޭސި ބޮޑު އަކުރުން ޖަހާފައިވާ ތަން ފެނި ނައިޝާގެ ހިތަށް ތޫނު ހަންޖަރެއް ހަރާލިހެން ހީވިއެވެ.
މަޑުމަޑުން ނައިޝާ ވަށައިގެން ނަޒަރު ހިންގާލިއެވެ. އެވަގުތު ސައިފާ ސުހާ އެކުގައި ކޮޅަށް ތިބިތަން ނައިޝާ އަށް ފެނުނެވެ.އެދެމީހުން ފެނުނު ވަގުތު، ދަރުބާރު ގޭގައި ބޭއްވި ނައިޝާ އާއި ސައިފްގެ ކައިވެނި ހަފްލާ މަތިން ނައިޝާ ހަނދާން ވިއެވެ.
ސައިފާ ސުހާ ލޯބިން ފުރިގެންވާ ނަޒަރަކުން އެކަކު އަނެކަކަށް ބަލާލުމަށްފަހު ހިނިތުންވެލާ އަތުގައި ހިފާލި މަންޒަރުން ނައިޝާގެ ލޮލަށް ކަރުނަ ޖަމާވިއެވެ.އެދެމީހުނާ ދިމާއަށް އަސަރުން ފުރިގެންވާ ނަޒަރަކުން ބަލަހައްޓައިގެން ނައިޝާ ހުއްޓާ މައިދައިތަ އާއި ސަނާ ސައިފްމެން ކައިރިއަށް އައިސް ހުއްޓުނެވެ.
މައިދައިތަ ސުހާގެ ބޮލުގައި ލޯބިން ފިރުމާލާ ބައްދާލިއެވެ.އަދި ހަތަރު މީހުން އެކުގައި ހީހީފައި ވާހަކަ ދައްކަން ފެށިއެވެ.އެހުރިހާ މަންޒަރެއް ބަލަން ހުރި ނައިޝާ އަށް ރޮވެން ފެށިއެވެ.
ސުކޫލުތެރެއަށް ދާން ހިތަށް އަރައިފައިވެސް ރޮމުން ގެއާ ދިމާއަށް ނައިޝާ މިސްރާބު ޖެހިއެވެ.ވަރަށް އުދަނގޫ ކަމާއެކު ކުޑަދޮރުން ކޮޓަރިތެރެއަށް ވަދެ، ކުޑަދޮރު ނައިޝާ ލައްޕާލިއެވެ.
އެނދުގައި އިށީނުމާއެކު ނައިޝާ އަށް ވަރަށް ބޮޑަށް ރޮވެން ފެށިއެވެ.ނައިޝާ އޭނާގެ މައިންބަފައިން މަތިން ހަނދާން ވެގެން އެމީހުންނަށް ގުޅަން ފޯނު ނަގާ ޑޭޓާ ޖައްސާލިއެވެ.ނަމަވެސް ޕެކޭޖް ހުސްވެފައި ހުރުމުން ނައިޝާ އަށް އޭނާގެ މަންމައަށް ގުޅޭގޮތެއް ނުވިއެވެ.
ރޮމުން ގޮސް ނައިޝާއަށް ގިސްޖެހެންފެށިއެވެ.މުޅިމީހާ ހޫނުވެ ތަލިން ކުޅު ހިކުނެވެ.ނައިޝާ އެންމެ ހިނދުކޮޅަކަށް ވެސް ރަށުގައި ހުންނާކަށް ބޭނުމެއްނުވިއެވެ.ނައިޝާގެ ފޮއްޓައް އޭނާގެ އަންނައުނާއި އަތްދަބަހުގެ އިތުރުން ނައިޝާ ބޭނުންކުރާ ހުރިހާ އެއްޗެއް އަޅާ ފޮށި ތައްޔާރު ކޮށްލިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.





