Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހީވޭ ކަލާވާހެން-4

Wonder Level 910 Stories100 Login100 Comments500 Login500 Comments100 Stories
August 25, 2021 4 Mins Read
0 Comments

“މެސީ ބަން” އަކަށް ޖަހާފައިވާ ހުޅިއާއި ލައިގެން ހުރި ޓީޝާޓައި ދޫ ހަރުވާޅުން ލިލިއަން ފެންނަނީ ނުހަނު ސާދާކޮށެވެ. އެހެނަސް އެ ސާދާކަން ލިލިއަންގެ ރީތިކަން އިތުރުކޮށްދޭހެން ދިޔާން އަށް ސިފަވީ ކީއްވެ ކަމެއް ނޭނގެއެވެ.

“އަވަހަށް އިށީނދޭ ކާން..” ސިންކު ކައިރީ ތަށިތައް ދޮންނަން ހުރި މާޔާ ދިޔާން ހުއްޓި ހުރުމުން ބުނެލިއެވެ. ހޭވެރިކަން ލިބި ދިޔާން ގޮނޑިއެއް ދަމާލަމުން އިށީނދެ ހަމަޖެހިލިއެވެ.

“ލިން.. ފިނިކުރަން ފްރިޖްއަށް ލީ ފަނި ފުޅި ނަގާބަ..” މާޔާ ބުނެލުމާއެކު ލިލިއަން އެކަމަށް އަވަސްވެގަތެވެ.

“ގޭގަ އަންހެންވެރިއެއް ނެތަސް ހާސްވާކަށް ނުޖެހޭ މިހާރު.. މާޔާ އާ ލިންގެ ކެއްކުން އެއީ ހަމަ އެއްވަނަ އިނގޭ..” ސަދޫފް ދެމީހުންނަށް ތަޢުރީފް ކުރަމުން ދިޔާން ކައިރީ ބުނެލިއެވެ.

“ކޮންމެހެން ގޯނި ފުލަށް ލާނެ ކަމެއް ނެތް އިނގޭ.. ކޮންމެ ދުވަހަކު ކައްކަ ދޭނެ ކަމަައްތަ ތިހާ ތަޢުރީފް ތިކުރަނީ..؟” މާޔާ ސަދޫފް އަށް ލޯ އަޅާލަމުން ބުނެލި ގޮތުން ދިޔާންގެ ގާތަށް ހިނިއަންނަ ގޮތްވިއެވެ.

“ކިހާ ރަނގަޅު އެހެންވާނެ ނަމަ..” ސަދޫފްވެސް މާޔާ އަށް ދޫނުކުރަން ވެގެން ބުނެލިއެވެ.

“އިން ޔޯރ ޑްރީމްސް..” މާޔާ ސަދޫފް އާ ދިމާއަށް ދޫ ނެރެލަމުން ބުންޏެވެ.

ދެ ލޯބިވެރިންގެ ޒުވާބަށް ހީލަ ހީލަ އިން ދިޔާންގެ ސަމާލުކަން އަތުލީ އޭނާގެ ކައިރިން މީހެއްގެ އިޙްސާސް ވުމުންނެވެ. އޭނާގެ ކަނާތް ފަރާތުގައި ބެހެއްޓި ތައްޓަށް ފަނި އަޅައިދެމުން ދިޔައީ ލިލިއަން އެވެ.

“ތި ދެމީހުންވެސް އިށީނދެބަލަ އަހަރެމެންނާ އެކު ކާން…” ސަދޫފް ކޮޅަށް ތިބި ލިލިއަން އާއި މާޔާ އަށް ބަލާލަމުން ބުނެލިއެވެ.

ސުފުރާމައްޗަށް ހުރިހާ އެއްޗެއް ހަމަވެއްޖެކަން ޔަޤީންކުރުމަށްފަހު މާޔާވެސް ލިލިއަން ގޮވައިގެން އިށީނީ ކެއުމަށް އިންސާފުކުރުމައްޓަކައެވެ. ކާ އެއްޗެހީގެ މީރުކަމަށް ދެ ފިރިހެނުންވެސް ތަޢުރީފް ކުރަމުން ދިޔައެވެ.

ކައިނިމިގެން ކާނެ ފޮނި އެއްޗެއްގެ ގޮތުގައި ތައްޔާރު ކުރި ޗޮކޮލެޓް ފަޖް ތަށި ތައްޓަށް އަޅައިގެން އެންމެން ސިޓިންގް ރޫމަށް ނިކުމެ ސޯފާތަކުގައި ހަމަޖެހިލަމުން ޓީވީ އަޅުވާލިއެވެ.

“މީތިވެސް ވަރަށް މީރު އިނގޭ.. މިއަދު ބަނޑު ފަޅައިގެން ދާނެ.. ” ސަދޫފް ޗޮކްލެޓް ފަޖް ރަހަ ބަލަމުން ބުނެލިއެވެ.

“ދިޔާން ބުނެބަލަ.. ކޯއްޗެއްތަ މިއަދު ހަދާފަ ހުރި އެއްޗެހި ތަކުގެ ތެރެއިން އެންމެ މީރީ..؟” މާޔާ ޝަޢުޤުވެރިކަމާއެކު ދިޔާން އާ ސުވާލުކޮށްލިއެވެ. އެއާއެކު ސަދޫފްވެސް ޖަވާބަކަށް ބޭނުންވެ އިނދެ ދިޔާންގެ މޫނަށް ބަލައިލިއެވެ. ނޫންކަމަށް ހެދެން ޓީވީއަށް ބަލަހައްޓައިގެން އިން ނަމަވެސް ލިލިއަންވެސް އިނީ ދިޔާން ދޭނެ ޖަވާބަކަށް ކެތްމަދުވެފައެވެ.

“ޕާސް..ތާ..” ދިޔާން އާގަންނަމުން ކަހަލަ ގޮތަކަށް ޖަވާބު ދިނެވެ. އޭނާއަށް މިކުރިމަތިވި އިމްތިޙާނުން ފާސްވާނީ ކޮން ކަހަލަ ޖަވާބެއް ދީގެންކަމެއް ލަފާކޮށްލަންވެސް ދިޔާން އަށް ދަތިވިއެވެ. ކޮންމެގޮތެއް ވިޔަސް ވަރިހަމަކަމަށް ދިޔާން ތެދު ތެދަށް ޖަވާބު ދިނެވެ.

“ވާއު… އެހެންވެއޭ ލިން ގެނައީވެސް.. ލިން މިއީ ޕާސްތާ ހެދުމަށް އެއްވަނަ ހަމަ..” މާޔާ ފޯރިއާއެކު ޖަވާބު ދިނުމުން ދިޔާންއަށްވެސް ލިލިއަންގެ މޫނަށް ނަޒަރު ހިންގާލެވުނެވެ. ލިލިއަންގެ މޫނު ކުޑަކޮށް ރަތްވެފައިވާރު ފެންނަލެތް ނުހަނު ލޯތްބެވެ. ނޭނގިނަމަވެސް ލިލިއަންގެ އަތުން ހެދި އެއްޗެއް އޭނާއަށް އެންމެ މީރުވި ކަމައްޓަކައި ދިޔާންގެ ހިތް އުފަލުން ފޮޅުނެވެ. ހިނިތުންވެލަމުން ހިތްހަމަޖެހުމުގެ ނޭވާއެއް ބޭރުކޮށްލެވުނީ ޓެސްޓުން ފާސްވެއްޖެ ކަމުގައި ހިތް ބުނެލުމުންނެވެ. އަނެއްކޮޅުން ލިލިއަންގެ މޮޅު ކެއްކުމަށް އޭނާގެ ހިތް ދިޔަޢީ ތަޢުރީފު ކުރަމުންނެވެ. ރާއްޖެއާއި ރާއްޖޭން ބޭރުގެ ފަސްތަރީ ފެންވަރުގެ ރެސްޓޯރެންޓުތަކުންނާއި މިޝެލިން ސްޓަރ ހޯދާފައިވާ ރެސްޓޯރެންޓް ތަކުން އޭނާއަށް ވަނީ އެތައް ކެއްކުމެއްގެ ރަހަ ބެލިފައެވެ. އޭގެ ސަބަަބުން ކާއެއްޗެހީގެ ފެންވަރު އަންދާޒާ ކުރުމަށް އޭނާއަށް ދަތިކަމަކަށްނުވެއެވެ. ލިލިއަންގެ ކެއްކުން ފެންވަރު ރަނގަޅުކަން އޭނާއަށް އެނގެނީ އެހެންވެއެވެ.

“ހިނގާ ދަމާ…ބްރޭކް ގަޑިވެސް ހަމަވަނީ..” ސަދޫފް އަތުގައި އަޅާފައި އޮތް ގަޑިއަށް ބަލާލަމުން ބުނެލިއެވެ. ދެމީހުން އެކުގައި މަސައްކަތައް ދިޔުމަށް ނިންމަމުން ދިޔާންވެސް ސަދޫފްގެ ފަހަތުން ގެއިން ނިކުންނަން ހިނގައިގަތެވެ. މާޔާއާއި ލިލިއަން އަށް އެމީހުންގެ ކެއްކުމަށް ޝުކުރު އަދާކުރަމުން ދިޔާން ދޮރުގެ ތަޅުގައި ހިފާލިއެވެ. ބޭއިޚްތިޔާރުގައި ފަހަތް ބަލާލަމުން އޭނާގެ ލޯ އަމާޒުވީ ލިލިއަން އާއެވެ. އޭނާގެ ސިހުމަށް ލިލިއަންގެ ލޯވެސް އަމާޒުވެފައިހުރީ ދިޔާން އަށެވެ. އެހެނަސް ދިޔާން ބަލާލުމާއެކު ލިލިއަން އިސްޖަހާލިތަން އޭނާއަށް ފެނުނެވެ. އެއްވެސް ބާރާކާ ނުލާ އެހިނދު ދިޔާންގެ ތުންފަތަށް ވެރިވި ހިނިތުންވުން ސިއްރެއްނުވިއެވެ.
*******

ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް ހައުސިންގް ޔުނިޓްގެ މަސައްކަތްވެސް ދިޔައީ ބާރުމިނުގައި ކުރިއަށެވެ. އިމާރާތްތަކަށް ގެންނަން ޖެހޭ ބަދަލުތައް ނިންމުމާއެކު އެ މަސައްކަތްތައް ކުރެވެމުންދާގޮތް ދިޔާން އައީ ކައިރިން ބަލަމުންނެވެ. އޭނާއަކީ ފެށުނީއްސުރެ ކުރާ ކޮންމެ މަަަސައްކަތެއް އެންމެ ފުރިހަމައަށް ނިންމަން ބޭނުންވާ ” ޕާފެކްޝަނިސްޓް” އެކެވެ.

ލިބޭ ހުސްވަޤުތު ތަކުގައި ސަދޫފް އާއެކު ދިޔާން ގިނަ ވަޤުތުތަކެއް ހޭދަކުރެއެވެ. އޭގެ ސަބަބުން ދެމީހުންގެ ދެމެދުގައި ގާތް ރަޙުމަތްތެރިކަމެއް ވަނީ އުފެދިފައެވެ. ދޭތެރެއަކުން މާޔާއާއި ލިލިއަންވެސް އެމީހުންނާއެކު އެކި ކަންކަމުގައި ބައިވެެރިވެއެވެ. ލިލިއަން ފެންނަ ކޮންމެ ފަހަރަކު ދިޔާންއަށް އަންނަ ބަދަލުން ޚުދު އޭނާވެސް ހައިރާންވެއެވެ. އެންމެންގެ ތެރެއިން އެމޫނަށާއި އެ އަޑަށް ސަމާލުކަން ދެވެނީ ކީއްވެކަމެއް ދިޔާން އަކަށް ނުވިސްނެއެވެ. އެ ރީތި ދެލޮލާ ނަޒަރު އަމާޒުވާ ކޮންމެ ފަހަރަކު މީގެ ކުރިން އޭނާގެ ހިތަށްނުވާ ގޮތެއް ވަމުން ދެއެވެ. ނަން ނޭނގޭ ބީރައްޓެހި އިޙްސާސެއް އޭނާގެ ހިތުގައި މަޑު މަޑުން އުފެދޭހެން ހީވާން ފެށިއެވެ.
*********

“މިއީ މިރަށުގައި ހުރި އެންމެ ދުވަސްވީ މިސްކިތް.. ވޯލްޑް ހެރިޓޭޖް ކަލްޗަރަލް ލިސްޓުގަ މިތަން މިހާރު ވަނީ ހިމަނާފަ… މި މިސްކިތް ބިނާ ކުރެވިފައިވަނީ ހިރިގަލުންނާއި ދިވެހި ރުކު ވަކަރު ބޭނުން ކުރެވިގެން.. ހިރިގަލުން ކަނޑާނެގިފައިވާ އަތްތެރި އެތަކެއް މަސައްކަތްތަކެއް މި މިސްކިތުން ފެނިގެންދާނެ.. ތާރީޚު ހެކިދޭ ގޮތުން މި މިސްކިތް ބިނާ ކުރެވުނީ…” ރަށުގައި ދިރިއުޅޭ ތާރީޚު ދިރާސާ ކުރާ ފަރާތުން އެ ރަށުގައި ހުރި އާސާރީ މިސްކިތާ ބެހޭ ގޮތުން ދެމުންދިޔަ މަޢުލޫމާތުތައް ދިޔާން އަޑު އަހަމުންދިޔައެވެ. އޭނާއަށް ފާހަގަ ކުރެވުނު ތަންތަނުގެ ފޮޓޯތައް ދިޔާން އޭނާގެ ކެމެރާގައި ރައްކާކުރަމުން ދިޔައެވެ. އާކިޓެކްޗަރެއްގެ ހައިޞިއްޔަތުން ރާއްޖޭގެ ދުވަސްވީ އިމާރާތްތަައް ފަރުމާކުރެވިފައިވާ ގޮތާއި އެކަމަށް ބޭނުންކުރެވިފައިވާ އުކުޅުތައް ދެނެގަތުމަކީ އޭނާގެ ޚިޔާލު އިތުރަށް މުއްސަނދިވެގެންދާނެ ކަމެއްގެ ގޮތުގައި ދިޔާން ދެކުނެވެ.

މިސްކިތް ބަލާ ނިމުމާއެކު ދިޔާން އެތަނާ ބެހޭގޮތުން މަޢުލޫމާތު ދިން ފަރާތަށް ޝުކުރުއަދާކުރިއެވެ. އިރުއޮއްސޭ އަތަށް އެޅުމާއެކު ދިޔާން ހިނގައިގަތީ އޭނާ ހުންނަ ގެސްޓް ހައުސް އަށެވެ. ހިޔާޖެހިފައިވުމުން ޓެކްސީގައި ދިޔުމުގެ ބަދަލުގައި ދިޔާން ބޭނުންވީ ހިނގާފައި ދާށެވެ. މަގުގެ އެއްފަރާތަކުން މަޑު ހިނގުމެއްގައި ހިނގާފައި އައި ދިޔާން އަށް އެތައް ބައެއްގެ ނަޒަރު ހުއްޓެމުން ދިޔައެވެ. އެހެންމީހުންގެ ލޯތައް އަޅައިގަންނަ ފަދަ ސިފަތައް ދިޔާންއަށް ޤުދުރަތުން ލިބިފައިވަނީ ކަންނޭނގެއެވެ. އެއަށް އިތުރު ބާރެއް ލިބިގެންދަނީ ދިޔާން އޭނާއަށް ބަލާލާ ކޮންމެ މީހަކަށް ހަދިޔާ ކޮށްލާ ރީތި ހިނިތުންވުމެވެ. ދޭތެރެއަކުން ދިޔާންގެ ހިނިތުންވުން ފެނުމާއެކު ޒުވާން އަންހެން ކުދިން އެމީހުންގެ މޭގައި އަތް އަޅާލާތަން ފެންނަމުންދިޔައެވެ.

ކުއްލިއަކަށް ކުޑަ ކުދިންތަކެއް ދިޔާންގެ ކުރިމަތިން ދުވެފައި ދިޔުމާއެކު ދިޔާންގެ ނަޒަރު އެކަމަށް ދެވުނެވެ. އެކުޑަ ކުޑަކުދިންތައް ދުވެފައި ގޮސް އެކުދިންގެ ބެލެނިވެރިންނާ އަތް ގުޅުވާލިތަން ފެނުމާއެކު ދިޔާން އަށް ނަޒަރު ހިންގާލެވުނީ އެކުދިން ދުވެފައި އައި ތަނަށެވެ. މަގުގެ އެއްފަރާތުގައި ހުރި ޑޭކެއަރގެ ދޮރު ހުޅުވިގެން ދިޔައީ އެވަޤުތުއެވެ.

ހަތަރު ވަރަކަށް އަހަރުގެ ލޯބި އަންހެން ކުއްޖެއްގެ އަތުގައި ހިފައިގެން ޑޭކެއަރ އިން ނިކުން ލިލިއަން ފެނި ދިޔާން ހުއްޓުން އެރިއެެވެ. ޑޭ ކެއަރގެ ދޮރު ކައިރިއަށް އައިސް ހުއްޓުނު އަންހެން މީހާ ކައިރިއަށް ލިލިއަން އެކުއްޖާ ގޮވައިގެން ގޮސް ހުއްޓުނެވެ. އެ ކުޑަ ކުއްޖާ ލިލިއަންގެ ގައިގާ އެވަޤުތު ބައްދާލިއެވެ.

ލޯތްބާއެކު ލިލިއަން އެ ކުޑަކުއްޖާގެ ގައިގާ ބައްދާލިތަން ބަލަންހުރި ދިޔާންގެ ހިތް މަޑުވެގެން ދިޔައެވެ. ލިލިއަންގެ ކޮންމެ ޢަމަލަކާއެކު އޭނާގެ ހިތަށް އެނގުން ވެގެން ދެއެވެ. އެ ކުޑަކުއްޖާ ލިލިއަން އަށް ޓާޓާ ކިޔުމަށްފަހު އޭނާގެ ބެލެނިވެރިޔާއާއެކު ދިޔައިރުވެސް ދިޔާން އަށް ބަލަހައްޓައިގެން ހުރެވުނީއެވެ.

މަންމައާ ކުއްޖާ ހަވާލު ކުރުމަށްފަހު ލިލިއަން ހިނިތުންވެލަމުން ހަނާ އަޅާލިއެވެ. ޑޭކެއަރގެ ތެރެއަށް ވަންނަން ދޮރުގައި ހިފާލި ވަޤުތު މަގުގެ އަނެއްފަރާތުގައި އޭނާއަށް ބަލަހައްޓައިގެން ހުރި ދިޔާން ލިލިއަންގެ ލޮލުގައި އަޅައިގަތެވެ. ދިޔާންގެ ފުން ބެލުމުގެ އަސަރު ކުރި ލިލިއަންގެ ގައިން ހީބިހި ހިލިގެން ދިޔައެވެ. ނަފްސަށް ވެރިވި ބަދަލު ފަޅާއެރުމުގެ ކުރިން ލިލިއަން ހަމަޖެހިލިއެވެ. ކަމަކަށް ފިލާ ބީދައިން އަވަސް އަވަހަށް ދޮރުފަތް ހުޅުވާލުމަށްފަހު ޑޭކެއަރގެ އެތެރެއަށް ލިލިއަން ދެމިގަތެވެ.

ދިޔާން އަށް ހަމަހޭވެެރިކަންވީ ލިލިއަންގެ ސޫރަ އޭނާގެ ލޯމަތިން ގެއްލުމުންނެވެ. ހިތުގައި އުތުރި އަރަމުންދިޔަ ޖަޒުބާތުތަައް ހިފެހެއްޓުމައްޓަކައި ދިޔާން އޭނާގެ ދެލޯ މަރާލަމުން އިސްތަށިގަނޑުގައި އަތް ހިންގާލިއެވެ. ފުން ނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮށްލަމުން ދިޔާން ކުރިޔަށް ހިނގައިގަތެވެ.
*******

ލިލިއަން އަށް ގެއަށް އާދެވުނު އިރު ހުރީ ދަންވެފައެވެ. ކަންނެތްގޮތަކަށް ގޭގެ ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ވަތް ލިލިއަން މަޑު ކުރުމެއްނެތި މިސްރާބުޖެހީ އޭނާގެ ކޮޓަރިއާ ދިމާއަށެވެ. އޭނާގެ މަންމަގެ ކޮޓަރި ހުރަސްކުރި ވަޤުތު އިވިގެންދިޔަ ފިރިހެނުންގެ ހުނުމުގެ އަޑުތަކުން ލިލިއަންގެ ޠަބީޢަތް ގޯސްވެގެން ދިޔައެވެ. އިވުނު އަޑުތައް ނީވޭ އަޑުތަކެއްގެ ގޮތުގައި ހަދަން މަސައްކަތް ކުރަމުން ލިލިއަން އޭނާގެ ކޮޓަރިއަށް ވަނެވެ. ގައިގާ ވަރުނެތްފަދައިން ބަންޑުން އެނދަށް ވެއްޓިގަތް ލިލިއަން އޭނާގެ ދެލޯ މަރާލިއެވެ. ނަރަކައެއްފަދަ އެ ހަތަރު ފާރުތެރޭން އޭނާއަށް ސަލާމަތްވެވޭނެ ގޮތަކާމެދު ލިލިއަންގެ ސިކުނޑި ވިސްނަމުން ދިޔައެވެ. ގެއިން ނިކުމެގެން ދުވެފިލަން ކިތަންމެ ފަހަރަކު ހިތަށް އެެރިއަސް އެ ނޫނީ އޭނާ ވަންނާނެ ހިޔާވަހި ކަމެއް ނެތެވެ. އަމިއްލަ ފައިމައްޗަށް ތެދުވެގެން ދިރިއުޅޭހާ  ތަނަވަސްކަމެއް އަދި އޭނާގެ ނެތެވެ. ކިޔެވުން ނިމުނުހާ އަވަހަކަށް ވަޒީފާއަކަށްވަދެ އެ ނަޖިސްތަނުން ސަލާމަތް ވުމަކީ ލިލިއަން ދެކޭ ހުވަފެނެވެ.

ކުރިމަގަށް ރާވަމުންދިޔަ ޚިޔާލުތަކާއެކު ލިލިއަން ބާލީހުގައި މޫނު ފޮރުވާލިއެވެ. ދެލޯ މަރާލުމާއެކު އައިނައިތަނެއް ނޭނގި ސިފަވެގެން ދިޔައީ މިއަދު ދިޔާން އޭނާއަށް ބަލަހައްޓައިގެން ހުރި ތަސްވީރެވެ. ކީއްވެކަމެއް ނޭނގި އެސޫރަ އޭނާގެ ހިތަށް ހިތްހަމަޖެހުން ވެރިކޮށްދެމުން ދިޔައެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Wonder

Level 910 Stories100 Login100 Comments500 Login500 Comments100 Stories

- Writing is an art. And Art is a way of survival- Author of vaashey mashaa eky. Author of Neydhemey vakivumeh.

Other Articles

Previous

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (އަށާވީސް ވަނަ ބައި)

Next

ޔާރު ނުބުނޭ ތިހެން … (2)

Next
August 25, 2021

ޔާރު ނުބުނޭ ތިހެން … (2)

Previews
August 25, 2021

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (އަށާވީސް ވަނަ ބައި)



All Right Reserved!