ދުނިޔެ ހިނގަނީ ތޮށަލިދުޅަ އަށޭ ބުނާހެން ކޮންމެ މީހެއްގެ ހަޔާތުގައި ވެސް އަޑިގަނޑަކަށް ފަހު އުސްގަނޑެއް އާދެއެވެ. އަނދިރިކަމަކަށް ފަހު އަލި ކަމެއް ވެއެވެ. އަހަރެންގެ އުމުރުން 12 އަހަރު ވީއިރުވެސް އަހަންނަކީ ކިޔަވަން މޮޅު ކުއްޖެއް ނޫނެވެ. މަސައްކަތް ކުރިޔަސް ދިވެހި މާއްދާއެއް ނޫނީ ފާހެއް ވެސް ނުލިބެއެވެ. ކުލާހުގެ ކުދިން މިކަމާ އަހަރެންނަށް މަލާމާތް ކުރަން ފެށިއެވެ. އެންމެ ފުރަތަމަ އަހަރެން ކުދިން ކިޔާ އެއްވެސް އެއްޗަކަށް އަޅައެއް ނުލަމެވެ. އޭރު އަހަރެން އުޅުނީ ގުރޭޑު 7 ގައެވެ.

ކުދިން އެގޮތަށް ދިމާކުރާތާ 2 މަސް ވީއިރު އަހަރެންގެ ހިތުގައި ވެސް ނަފުރަތުގެ ހުޅު ރޯވާން ފަށައިފިއެވެ. ނަމަވެސް އަހަރެންގެ ހިތް ދެރަކަމުން އެއިން ކުއްޖަކާ ދިމާ އަށް އެއްޗެކޭ ބުނާކަށް ނުކެރެއެވެ. އަހަރެން ކިޔެވުން މަތިން ފޫހިވާން ފެށީ އެ ހިސާބުންނެވެ. މަންމަ ފޮތް ކިޔާށޭބުންޏަސް ހަމަ އެކަނި ފޮތް ހިފައިގެން އިންނަނީއެވެ. އެއިން އެންމެ އަކުރެއް ވެސް ނުކިޔެއެވެ. ކިޔަވަން ހިތަށް އަރާ ކޮންމެ ފަހަރަކު ކުދިންގެ މަލާމާތް ހަނދާންވެ ރޮވެން ފެށެއެވެ.

 

މަންމަ އަށް އަހަރެންގެ ބަދަލުވަމުންދާ ދިރިއުޅުން ފާހަގަ ވިއެވެ. މަދުމަދުން އަހަންނާއި ސުވާލުކުރަން ފެށިއެވެ. ނަމަވެސް އަހަރެން ޖަވާބެއް ނުދެމެވެ. ކުރާ ކޮންމެ ސުވާލަކަށް ދެނީ ބީރު ކަންފަތެކެވެ. މިގޮތަށް ހަލުއި ކަމާއެކު ދުވަސްތަށް ގުނަމުން ގޮސް ގުރޭޑު 7 ނިމުނު އިރު ކުލާހުން އެންމެ ދަށް ނަތީޖާ ލިބުނީ އަހަނަނަށެވެ. ދެރަވެ ކިތަންމެ ވަރަކަށް ވެސް ރުއީމެވެ. މަންމަގެ ހުވަފެންތަށް ޙަޤީޤަތަކަށް ނުވާނެހެން އަހަންނަށް ހީވާން ފެށީއެވެ.

 

ބޮޑުބަންދު ނިމުމަށްފަހު އައު ސަހަރާއަށް އައު ގުރޭޑަކަށް އައު ކުލާހަކަށް މަރުހަބާ ކިޔަމުން ސްކޫލުތަށް ހުޅުވުނެވެ. ރަނގަޅު ފާހެއް ނުލިބުނަސް އަހަރެންގެ ގުރޭޑު ބަދަލުވެއެވެ. ގުރޭޑު 8 ގައި ދިމާވި ކުދިންކޮޅެއް އަހަރެންނާ ވަރަށް ގާތްވިއެވެ. އެ ކުދިންނާއި ނުލާ އަހަންނަށް އެއްކަމެއްވެސް ނުކުރެވެއެވެ. އެއީ ކިޔަވަން މޮޅު ކުދިންކޮޅެކެވެ. އިބާ އާއި އީނާ އެވެ. އެއީ އަހަންނަށް އެންމެ އެހީވި 2 އެކުވެރިން ނެވެ. އަނެއްކާ ވެސް ކިޔަވާ ހިތް ނުވީ ނަމަވެސް އެކުދިންގެ ބަހަށް ކިޔަވަން މަސައްކަތް ފެށީމެވެ. ރަނގަޅު އެކުވެރިންނަކީ އެއީ އެވެ. ކިޔެވުމުގައި އަހަންނަށް ހިތްވަރު ދޭން ފެށިއެވެ. އެ އަހަރު ވެސް ނިމި ނަތީޖާ ލިބުނު އިރު ކުރީއަހަރަށް ވުރެ މަތިން މާކުސް ލިބުނެވެ. ނަމަވެސް ސްޓްރީމް ނެގިއިރު އަހަރެން “ބީޓެކް” ނެގީ އެ ވަރަށް މޮޅަށް ކިޔެވޭނޭ ކަމުގެ ޔަގީންކަން ނެތުމުން ނެވެ. އެކުގައި އުޅުނު 2 ރަޙުމަތްތެރިން ވެސް 2 ކުލާހަށް ދިޔައީ އެވެ.

 

ގުރޭޑު 9 ގައި އަނެއްކާވެސް ދިމާވީ އާ ކުދިންކޮޅެކެވެ. ކިޔެވުން ދޫކޮށް މަގުމައްޗަށް ނިކުންނަން ފެށީ އެ ކުދިންނާއި އެކު އެވެ. އެހެންކަމުން ގޮސް ފިރިހެން ކުއްޖަކާ އަހަރެން ވެސް ހިތާވީ އެވެ. އަހިވަކަކާޖެހި އަހިވަކެއް ފާ ވާނޭ ބުނާހެން އެކުގައި އުޅޭ އެހެން ކުދިން ވެސް ލޯބިވެރިން ގެންގުޅޭތީ އަހަންނަށް ވެސް އެކަން މާ “ކޫލް” ކަމަކަށް ވީއެވެ. ކޮންމެ ދުވަހަކު ހަވީރު 16:00 ޖަހާއިރު ގެއިން ނިކުމެގެން ދާމީހާ އަނބުރާ ވަންނަނީ 18:30 ގައެވެ. ވިސްނުމެއް ނެތި ހިތަށް އަރާހާ ގޮތަކަށް އުޅެން ބޭނުންވީއެވެ. ފުރުސަތު ވެސް ލިބެއެވެ. ހުރަހަކީ މަންމަ އެވެ. މަންމަގެ އާދޭހާ ޝަކުވާ ތަކުގައި ކޮޅުފައިން ޖަހަން ބޭނުން ނުވީ އެވެ. ނަމަވެސް އަހަރެން ބޭރަށް ދިއުމަކަށް ބަދަލެއް ނުގެންނަމެވެ. ސްކޫލަކީ އަހަރެން ބޭރަށް ދާން ޕްލޭން ނިންމަން ދާ ތަނަކަށް ވެއްޖެއެވެ. ގޭގައި ފޮތް ކިޔުމަކީ އަހަރެންގެ ‘ޝެޑިއުލްގައި’ އޮންނަ ކަމެއް ނޫނެވެ.

 

އަހަރެން ހިތާވި ފިރިހެން ކުއްޖާއާ އެކު އުޅެވުނީ 6 މަހެވެ. އޭގެފަހުން 5 ވަރަކަށް ކުދިންނާ އަހަރެން ރައްޓެހި ވީމެވެ. ކޮންމެ ކުއްޖެއް ވެސް ދަނީ ބޭނުން ނުފުދުނީމައެވެ. 5 ވަނަ ކުއްޖާ ދިއުމުން އަހަރެން ނިންމީ އިތުރަށް އެކަން ނުކުރުމަށެވެ. ދެން އަހަރެން ހުރިހާ ވާހަކައެއް ހިއްސާ ކުރީ އެންމެ ގާތް އެކުވެރިޔާ އާއެވެ. ފިރިހެން ކުއްޖެކެވެ. އެންމެ ގާތް އެކުވެރިޔާގެ ގޮތުގައި 5 އަހަރު ވީއެވެ. ނަމަކީ ލިހާން އެވެ. އަހަންނަށް ވިސްނައިދިނީ އޭނައެވެ. މަންމަ ގާތުގައި އަހަރެން މާފައްއެދުނީމެވެ. އަހަރެންނަށް ގޯސް ކަމެއް ކުރެވިފައި ވާނަމަ ތައުބާވެސް ވީމެވެ. އެންމެ ނަމާދެއް ވެސް ނާޅަމެވެ. ބަރާބަރަށް ކިޔެވީމެވެ. އެންމެ ފަހުން އަހަނަކީ ސްކޫލް ގައި ނަން ވިދާލި ތަރިއެކެވެ. އަހަރެންނަށް މަލާމާތް ކުރި ހުރިހާ ކުދިން އެދުވަހު އަހަރެން ގާތުގައި މާފައް އެދުނެވެ.

 

މިއަދު އަހަންނަކީ ވެސް 2 ކުދިންގެ މަންމަގެ ޒިންމާ އަދާ ކުރަމުން އަންނަ ޒުވާނެކެވެ. މިހާރު އަހަރެންގެ އުމުރުން 25 އަހަރެވެ. އަހަރެން ދެކެ ލޯބިވާ ހަރުދަނާ ރަނގަޅު މާތް ފިރިއެއް ލިބިއްޖެއެވެ. ލޯބި ލޯބި ބަސްއަހާ 2 މާމަ ދަރިންނާއި ހިތް ހެޔޮ ދަނބިދަރިއެއް މަންމަ އަށް އަހަރެން ހޯދައިދީފީމެވެ. މަންމަގެ ބަސް އެހުމުން އަހަންނަށް މިލިބުނީ ކިހާ އުފާވެރި ދިރިއުޅުމެއް ހެއްޔެވެ ؟ އެއްވެސް މަޔަކު ދަރިޔަކަށް ދެރައެއް ނޭދޭނެއެވެ. އެ މަންމަގެ މިންނެތް މަސައްކަތުން ރާއްޖޭގެ 2ވަނަ އަންހެން އިންޖީނިއަރ އަށް އަހަރެން މިހުރީ ވެފައެވެ. އެމް.އެން.ޑީ.އެފް ގެ އިންޖީނު ތަކުގެ ގިނަ މަސައްކަތް ތަކަކީ އަހަރެންގެ ބެލުމުގެ ދަށުގައިވާ ކަންކަމެވެ. އަހަރެންގެ ފިރިމީހާ އަކީ އަމިއްލަ ވިޔަފާރިއެއް ހިންގާ މީހެކެވެ. ދަރިންނަށް ރަނގަޅު ތަރުބިއްޔަތެއް ދީ އެކުދިންނަށް މަންމަ އެއްގެ ރީތި ނަމޫނާ ދައްކަން އަހަރެން މިހިރީ ތައްޔާރަށެވެ.

 

ނިމުނީ

******

⊱⋅ ─ ރާޔާ ─ ⋅⊰

10

1 Comment

  1. Aishath Faruha Abdulla

    August 14, 2021 at 4:05 pm

    Komme kujjakah vx mi gothah visneyne namaey hithah araa……. By the way Masha Allah….. Varah reethi😍… Adhi vaahakaige nan vx ehaa reethi… 😻Kiyaa hithun keehje…. Keep it up…. 💖Raayage ehn stry ehge Inthizaaru ga…… ❤️❤️❤️

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!