ސައިފްގެ ރަށުގައި މަހެއް ހޭދަވެގެން ދިޔައިރުވެސް ސައިފްގެ ފަރާތުން އަޅާލުން ނުލިބުމާއި ނައިޝާއަށް ވަގުތުނުދޭތީ ނައިޝާ މާލެ ދާން ނިންމި އެވެ.

“ސައިފް ނައި މާލެ ދާން ބޭނުންވަނީ” ބޭރުގައި އުޅެފައި ފެންވަރަށް އާދައިގެމަތިން ކޮޓަރިއަށް ވަތް ސައިފަށް ނައިޝާ ބުންޏެވެ. “ދެން ޓިކެޓު ނަގައިގެން ދޭ” ނައިޝާ ދިޔަޔަސް ސައިފަށް އެއްވެސް އަސަރެއް ނުކުރާނެހެން އޭނާ ވާހަކަ ދެއްކި ރާގުން ނައިޝާއަށް އިހުސާސް ކުރެވުނެވެ.

މާލެ ދާން ފުރަން ޓިކެޓް ނަގާ ވާހަކަ ނައިޝާ ސައިފްގެ މައިންބަފައިންނަށް އެންގި އެވެ. ” ކީއްވެ ފުރަނީ ދަރިފުޅާ؟…ކަމެއް ގޯސްވީތަ؟….ހިތްހަމަ ނުޖެހޭ ކަމެއް އޮތިއްޔާ ބުނައްޗޭ” ދެރަވެފައި ހުރެ ބަފައިބެ ނައިޝާ ގާތުު އަހާލިއެވެ. ” ދާން ބޭނުންވާ މީހުން ދާން ފޮނުވާލާ….އާދޭސް ކުރާނެ ކަމެއްނެތް” ނައިޝާ ރައްދު ދިނުމުގެ ކުރިން ސައިފް ބުނެލި އެވެ. “ސައިފް ދަރިފުޅު ނުދަންތަ އެމަންޖެއާ އެކު؟” ބަފައިބެ ސައިފަށް ބުންޏެވެ. “އާނ…އަހަރެން އަދި ދާހިތެއް ނުވޭ…އެހާ ދުވަސްކޮށްފަ މިފެނުނީ މަންމަމެން..އަހަންނެއް ނުދާނަން…ދާން ބޭނުންވާ މިހަކު ދާންވީ” ކައިނިމި މޭޒުދޮށުން ތެދުވަމުން ސައިފް ބުންޏެވެ.ބަފައިބެ ދެރަވެފައި ހުރުމުން ނައިޝާ މާލެ ނުގޮސް މަޑުކުރަން ނިންމިއެވެ.

ދުވަސްތައް އާދައިގެމަތިން ގޮސް އެއްމަހާއި ދެހަފްތާ ފަހުން ބަފައިބެއަށް މުސާރަ ރަނގަޅު ވަޒީފާއެއް ރަށާ ކައިރި ރަށަކުން ލިބުމުން ފުރަން ޖެހުނެވެ. “ނޭނގެ…އާދެވޭނެ ދުވަހެއް….ރަނގަޅު މުސާރައެއް ލިބޭ ވާހަކަ ބުނީމަ މިދަނީ…ނައިޝާ އަށް އެންމެންވެސް ރަނގަޅަށް ބަލައްޗޭ…އެމަންޖެ ފޫހިވިޔަ ނުދޭތި” ދަމުން ބަފައިބެ ގޭ އެންމެނަަށް ބުންޏެވެ.

ނައިޝާގެ ބަފައިބެ ފުރުވަން މައިދައިތަ އާއެކު ނައިޝާ އާއި ސަނާ ބަނދަރު ކައިރީގައި ތިއްބާ ސައިފް ވެސް އައެވެ. “ސައިފް އައިތަން ފެނުމުން ނައިޝާ އަށާއި ސައިފަށް ގޮވާ އެދެމީހުން ބަފައިބެ ކައިރިއަށް ގެނުވިއެވެ. ” ސައިފް ދަރިފުޅާ ބައްޕަ ބުނާނެ ވާހަކަ އަކީ ނައިޝާ އަކީ ދަރިފުޅުގެ އަންހެނުން ކަމުގަ ވާތީ އޭނާއަށް ހެޔޮކޮށް ހިތަންވާނެ…އަޅާލާ ވަގުތު ދޭން ވާނެ…. ދަރިފުޅު އަބަދު ތިއުޅެނީ ބޭރުގަ ބައްޕަ އަހާއިރަށް ބުނަނީ މިވެނި ގެއެއްގަ މިވެނި ކަމެެއް ކުރާތީ ބުރަކޮށޭ އުޅެނީ…ނައިޝާ އެހުރީ ދަރިފުޅުގެ ރަށަށް އައިއްސަ ދަރިފުޅު ޖެހޭނެ އެމަންޖެއަށް ކަމޭހިތަން…ނައިޝާ ރަނގަޅުވާހަކަ ދަރިފުޅުވެސް މާލެ ހުރިއިރު ބައްޕަ ކައިރި ބުނީމެއްނު” ބަފައިބެ ސައިފަށް ނަސޭހަތް ދިނެވެ.

ބޯޓު ރަށު ބަނދަރަށް ލެފުމުން ފުރަން ބޯޓާއި ދިމާއަށް ބަފައިބެ މިސްރާބު ޖެހިއިރު ނައިޝާ ހުރީ ފެންކަޅިވެފަ އެވެ. ބަފައިބެ ފުރުވާލުމަށް ފަހު ނައިޝާމެން އެނބުރި ގެއަށް އައެވެ.

ރޭގަނޑު 10 ޖެހިއިރު ބަދިގެތެރެ ރީތިކޮށްލުމަށްފަހު، ނިދަންް ކޮޓަރިއާއި ދިމާއަށް ނައިޝާ މިސްރާބު ޖެހިއެވެ.އެވަގުތު ސައިފާ އޭނާގެ އަންހެން އެކުވެރިޔާ އާއި ދެމީހުން ގޯތިތެރެއަށް ވަދުނެވެ.ސައިފްގެ އަންހެން އެކުވެރިޔާ ބޭރު ޖޯލީގައި އިށީނުމުން ސައިފްވެސް އޭނާ އާއި އިންވެގެން އިން ޖޯލީގައި އިށީނެވެ.

ހިލޭ އަންހެނަކާ މާ ގާތްވެގެން ސައިފް އުޅޭތީ ނައިޝާގެ ހިތަށް އުދަނގޫވިއެވެ.ސައިފް އަބަދުވެސް އެ އަންހެންކުއްޖާ އާއި އެކީ ފެންނަން ފެށުމުން އެމީހުންގެ ދެމެދުގައި ވާ ގާތްކަން ނައިޝާއަށް އިހުސާސް ކުރެވުނެވެ.

އެއަންހެން ކުއްޖާއަކީ ކައިވެނި ކުރަން އުޅޭ ކުއްޖާ ކަމުގައި ނައިޝާ ފުރަތަމަ އެރަށަށް އައި ދުވަހު އޭނާގެ މައިދައިތަ ބުނި ހަނދާން އާވިއެވެ. “ކައިވެނި ކުރަން އުޅޭ އިރު އުޅެންޖެހޭނީ ވާން އުޅޭ ފިރިމީހާ އާއި އެކުގަ އެއްނު…. ކީއްވެބާ ފިރިހެން މީހާ ނުފެންނަނީ” ބަދިގެ ތެރޭގައި ހުރެ، މަޑުމަޑުން ނައިޝާ އޭނާގެ ޟަމީރަށް ސުވާލު ކޮށްލިއެވެ.

އަންހެން ކުއްޖާއަކީ ސައިފްގެ އެކުވެރިއަކަށް ވާތީ އޭނާއަށް މެހެމާންދާރީ އަދާކުރުމުގެ ގޮތުން ނައިޝާ އެމީހުން ކައިރި ބޭރަށް ނިކުތެވެ. “އަހަ…ސައިފް އައީތަ؟….ހިނގާ އެއްޗެއް ބޯލަން” ސައިފް ވަތްކަން އެނގި ހުރެވެސް ނޭނގޭ ކަމަށް ހަދަމުން ނައިޝާ ބުނެލި އެވެ.

ނައިޝާ ފެނުމުން ދެމީހުންގެ މޫޑު ސަކަރާތް ވިކަން، އެދެމީހުންގެ މޫނުމައްޗަށް އެރި ކުލަވަރުން ނައިޝާ އަށް ދޭހަވިއެވެ. “ހޫމް ދޭބަލަ ގެންނަން” ސައިފް އެހެން ބުނުމުން ނައިޝާ ބަދިގެއަަށް މިސްރާބު ޖެހިއެވެ.

“ނޭނގެ އޭނަ ގެންނަ އެތި ބޮވޭނެ ކަމެއްވެސް…މިހާރުވެސް ހަމަ ކިރިޔާ މިހިފަހައްޓާ ލެވެނީ ހޮޑުނުލެވި” ފޫހިގޮތަކަށް ސައިފްގެ އަންހެން އެކުވެރިޔާ ބުނި އަޑު ނައިޝާއަށް އިވުނެވެ. ފުރިޖުން ނޫސް ޕެކެޓް ނަގަން އުޅުނު ނައިޝާ މަޑުކޮށްލިއެވެ.ނައިޝާ ދެކެ ސައިފްގެ އަންހެން އެކުވެރިޔާ އެހާ ފޫހިވާން ޖެހޭ ސަބަބެއް އޭނާއަކަށް ނޭނގުނެވެ.

“އޭނާ އެހެން ހުއްޓަސް އަސްލު އޭނަ ވަރަށް ސާފުތާހިރު….ފެންވެސް ވަރާނޭ އެކަމް އެހެން ކަޅުކޮށް ހުންނާތީ ހީވަނީ ފެންނުވަރައޭ” ސައިފް އަންހެން ކުއްޖާއަށް ބުންޏެވެ. “ހާދަ ތައުރީފެކޭ ދޯ” ހިތްހަމަނުޖެހިފައި ވާ ރާގަކަށް އަންހެން އެކުވެރިޔާ ސައިފަށް ބުނި އަޑު ނައިޝާއަށް އިވުނެވެ.

“ނޫނޭ…ދެން އިނގެއެއްނު އަހަރެން ތަޢުރީފު ކުރާނީ އެންމެ މީހެކަށްކަން….އެއީ..” ސައިފް ގެ ޖުމުލަ ފުރިހަމަ ނުވަނީސް އޭނާގެ އަންހެން އެކުވެރިޔާއަށް ފޯނެއް އައެވެ.ފޯނަށް ޖަވާބުދޭން ޖޯލިން އަންހެން އެކުވެރިޔާ ތެދުވުމުން ނައިޝާ ޖޫސް ޕެކެޓް ދެތަށްޓަައް އަޅާލިއެވެ.

ތަބަކަށް ދެ ޖޫސްތަށްޓާއި ދެ ފެންތަށި ލައިގެން ނައިޝާ އެމީހުންނާ ދިމާއަށް ދާން ބޭރަށް ނިކުމެ ފައިވާނަށް އަރާލިއެވެ.އެވަގުތު ސައިފްގެ އަންހެން އެކުވެރިޔާ ޖޯލީގައި އިށީނެވެ. ނައިޝާ އެމީހުން ކުރިމަތީގައި ހުރި ކުޑަ މޭޒުމަތީގައި ތަބައް ބެހެއްޓުމަށް ފަހު ޖޫސްތަށި ސައިފަށް ދިއްކޮށްލިއެވެ. ސައިފް ޖޫސްތަށި ހިފުމުން ސައިފްގެ އަންހެން އެކުވެރިޔާ އަށް އަނެއް ޖޫސްތަށި ނަގައި ދިއްކޮށްލިއެވެ.

ފޫހިގޮތަކަށް ސައިފްގެ އަންހެން އެކުވެރިޔާ ޖޫސްތަށި ހިފިއެވެ.އެވަގުތު ނައިޝާ ބަލައިލީ އޭނާގެ އަތަށެވެ. އަތުގައި އަޅާފައިވަނީ ސަނާއަށް ގަތް ކަހަލަ ރިހި ކެވެލި ކޮޅެކެވެ. ވަގުތު ކޮޅަކަށް ނައިޝާ ހުއްޓުން އެރިއެވެ.

“ނައިޝާ ދޭ ނިދަން” ސައިފް އެހެން ބުނުމުން ނައިޝާ ސިއްސައިގެން ގޮސް ބަލައިލި އެވެ. “ތަށިތައް ދޮވެފަ…” ނައިޝާ މަޑުމަޑުން ބުނެލި އެވެ. “ތަށިތައް މަ ދޮންނާނަން ނައިޝާ ދޭ….ގޭގަ ދެން ތިބި މީހުންވެސް ނިދާފައެއްނު ތިބީ” ކުރިއަށް ވުރެ ބާރަށް ސައިފް ބުނުމުން ނައިޝާ ކޮޓަރިއާ ދިމާއަށް މިސްރާބު ޖެހިއެވެ.

 

 

 

 

0

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!