Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ދީނީ

މާތް ރަސޫލާގެ ދުނިޔެއާއި އާޚިރަތުގެ އަނބިކަނބަލުން ޢާއިޝަތުގެފާނުގެ ސީރަތު 05

Ali Ihsaan Level 210 Stories100 Login
August 18, 2021 3 Mins Read
0 Comments

އަބޫބަކުރުގެފާނުގެ ޚިލާފަތުގައި ޢާއިޝަތުގެފާނު

މާތް ރަސޫލާ ސުވަރުގެވަޑައިގަތުމަށްފަހު މުސްލިމުންގެ ޚަލީފާއަކަށް ހަމަޖެހިގެން ދިޔައީ އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާގެ ބަފައިކަލުން އަމީރުލް މުއުމިނީން އަބޫބަކުރުއް ޞިއްދީޤު ރަޟިޔަﷲ ޢަންހުވެ.

މާތް ރަސޫލާ ސުވަރުގެވަޑައިގަތުމަށްފަހު، އެކަލޭގެފާނުގެ އަނބިއަނބިކަނބަލުން މާތް ރަސޫލާގެ ފަރާތްޕުޅުން އެބޭކަނބަލުންނަށް ވާރުތަވާނެ އެއްވެސް މުދަލެއް ހުރިނަމަ އެބައި ލިބޭތޯ އުޅުއްވިއެވެ. އެގޮތުން އަމީރުލް މުއުމިނީން އަބޫބަކުރުއް ޞިއްދީޤު ރަޟިޔަﷲ އަންހުގެ އަރިހަށް ޢުޘްމާން ބިން ޢައްފާން ރަޟިޔަﷲ ޢަންހު ފޮނުއްވައިގެން ވާރުތަ މުދާ ލިބޭނެ ގޮތެއްވޭތޯ މަސައްކަތް ކުރައްވަން ޤަޞްދުކުރެއްވިއެވެ. އެކަން އުއްމުލް މުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާއަށް އެނގިވަޑައިގެން ވިދާޅުވިއެވެ.

[މާތް ރަސޫލާ މިހެން ވިދާޅުވެފައެއް ނުވޭ ހެއްޔެވެ؟ ނަބީބޭކަލުންގެ މުދަކީ ވާރުތަ ކުރާނެއް އެއްޗެއް ނޫނެވެ. އެބޭކަލުން ދޫކުރައްވައިފައި ވަޑައިގަންނަވާ މުދަލަކީ ޞަދަޤާތުގެ ގޮތުގައި ދޫކުރައްވައިފައިވާ ތަކެއްޗެވެ.] {ޞަޙީޙު މުސްލިމު، كتاب الجهاد والسير، باب قَوْلِ النَّبِيِّ صلى الله عليه وسلم ‏”‏ لاَ نُورَثُ مَا تَرَكْنَا فَهُوَ صَدَقَةٌ ‏”‏ ، ޙަދީޘް 1758}

އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާ ވިދާޅުވެފައިވެއެވެ. އެއްފަހަރަކު އަބޫބަކުރުގެފާނު ވަރަށް ފިނިދުވަހެއްގައި ނާނޭފުޅު ފިއްލެވިއެވެ. އެއަށްފަހުން އެކަލޭގެފާނަށް އަވަހާރަވުމުގެ އާލާސްކަންފުޅު ޖެހިވަޑައިގެންފިއެވެ. އެކަލޭގެފާނު އާލާސްކަންފުޅާ 15 ދުވަސްވަންދެން އުޅުއްވިއެވެ. އެދުވަސްތަކުގައި މީސްތަކުންނާއިގެން އިމާމުވެވަޑައިގެން ނަމާދު ކުރެއްވުމަށް ޢުމަރުގެފާނަށް އެންގެވިއެވެ. އަބޫބަކުރުގެފާނު އާލާސްކަންފުޅާ އުޅުއްވި ދުވަސްތަކުގައި މީސްތަކުން އެކަލޭގެފާނުގެ ޙާލުކޮޅު ދުށުމަށްޓަކައި އައިސް އުޅެއެވެ. އެގޮތުންވެސް އެންމެ ގިނައިން ވަޑައިގެން އުޅުއްވީ ޢުޘްމާނުގެފާނެވެ.

އަބޫބަކުރުގެފާނު އާލާސްކަންފުޅު ވަރަށް ބޮޑުވުމުން އެއްފަހަރަކު މީހަކު އެކަލޭގެފާނަށް ދެންނެވިއެވެ. [ބޭސްވެރިއަކަށް ދައްކަވައިލެއްވުން ކިހިނެއްތޯއެވެ؟] އެކަލޭގެފާނު ވިދާޅުވިއެވެ. [އަހަރެން މިހާރު ބޭސްވެރިއަކަށް ދައްކައިފީމެވެ.]

އަދިވެސް ޢާއިޝަތުގެފާނު ވިދާޅުވެފައިވެއެވެ. އަބޫބަކުރުގެފާނު އަވަހާރަވުމުގެ އާލާސްކަންފުޅުގައި އޮންނަވައި އަހަރެމެންނަށް ވިދާޅުވިއެވެ. [ތިޔަބައިމީހުން ގޮސް އަހަރެންގެ އަތުގައި ހުރި މުދާތައް ގުނާށެވެ. އެ މުދާތަކުން ބާކީ އެއްޗެއް ހުރިނަމަ އެ އެއްޗެއް އަހަރެންނަށްފަހު ޚަލީފާއަކަށް ޢައްޔަން ކުރެވޭ މީހަކަށް ދޭށެވެ.] ޢާއިޝަތުގެފާނު ވިދާޅުވެފައިވެއެވެ. ދެން އަހަރެމެން އެކަލޭގެފާނު މުދާތައް ޗެކުކޮށްފީމެވެ. އެ މުދާތައް ބެލުމުން އަހަރެމެންނަށް ފެނުނީ ނޫބީއަޅެކެވެ. އަދި ބަގީޗާއަށް ފެން އުފުލާން ގެންގުޅޭ ޖަމަލެކެވެ. ދެން އަހަރެމެން އެ ތަކެތި ޢުމަރުގެފާނުގެ އަރިހަށް ފޮނުވައިފީމެވެ. އެތަކެތި ލިބިވަޑަގެންނެވުމުން ޢުމަރުގެފާނު ކީރިތި ކުރެއްވިއެވެ. އަދި ވިދާޅުވިއެވެ. [މާތްﷲ ޢަބޫބަކުރުގެފާނަށް ރަޙްމަތް ލައްވާށިއެވެ. މާތް ރަސޫލާ ސުވަރުގެވަޑައިގެންނެވުމަށްފަހު އެކަލޭގެފާނު ލައްކަ ބުރަ އާއި ތުރާތައް އުފުއްލަވައިފިއެވެ.]

އަބޫބަކުރުގެފާނު އަވަހާރަވުމުގެ އާލާސްކަންފުޅުގައި އޮންނެވިއިރު، ޢާއިޝަތުގެފާނު އެކަލޭގެފާނުގެ އަރިހުގައި އިންނަވައިގެން ޅެން ބައިތެއް ވިދާޅުވިއެވެ. އެ އަޑު އައްސަވައި އަބޫބަކުރުގެފާނު ކޯފާ އިސްކުރެއްވިއެވެ. އެއަށްފަހު އެ ޅެންބައިތައް އިޝާރާތް ކުރައްވައި ވިދާޅުވިއެވެ. [ކަންތައްހުރީ ތިޔަ ވިދާޅުވި ޅެމުގައިވާ ގޮތަކަށެއް ނޫނެވެ. އެއަށްވުރެ މާތްﷲ ވަޙީ ކުރައްވައިފައިވާ ބަސްފުޅުގެ ތެދުކަންމާބޮޑެވެ.] އެއަށްފަހު ޤާފު ސޫރަތުގެ 19 ވަނަ އާޔަތް ވިދާޅުވިއެވެ. އެ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ.

وَجَاءَتْ سَكْرَةُ الْمَوْتِ بِالْحَقِّ ۖ ذَٰلِكَ مَا كُنتَ مِنْهُ تَحِيدُ ﴿١٩﴾

މާނައީ: [އަދި މަރުގެ ސަކަރާތް حق ގޮތުގައި އަންނަހުށްޓެވެ. އެއީ ތިބާ އެޔަށް ފިލަންއުޅޭ ކަމުގައިވީ މަރެވެ.]

އެއަށްފަހު އަމީރުލް މުއުމިނީން އަބޫބަކުރުއް ޞިއްދީޤު ރަޟިޔަﷲ ޢަންހު އެކަލޭގެފާނުގެ ދަރިކަނބަލުން ޢާއިޝާ ރަޟިޔަﷲ ޢަންހާއަށް ވިދާޅުވިއެވެ.

[އޭ ޢާއިޝާއެވެ. އަހަރެންގެ އަހުލުބައިތުންގެ ތެރެއިން އަހަރެން އެންމެ ލޯބިވަނީ ދަރިފުޅުދެކެއެވެ. ނަމަވެސް ބައްޕަ ހިތްހަމަނުޖެހޭ ކަމެއް އެބަ އޮތެވެ. އެހެނީ ދަރިފުޅުވަނީ ބައްޕަގެ މޭވާދަނޑުން ބައެއް މޭވާ ގެންދަވަފައިފައެވެ. ދަރިފުޅު އެތެކެތި އަނބުރާ ބައްޕަގެ މުދާތަކުގެ ތެރެއަށް ލައްވާށެވެ. އެއީ ބައްޕަގެ މުދާތައް ވާރުތަވެރިންގެ މަތީން ހަމަހަމައަށް ބެހިވިގެން ދިޔުމަށްޓަކައެވެ.] ދެން އުއްމުލް މުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާ އެކަމަނާގެ ބައްޕާފުޅު ވިދާޅުވިފަދައިން ކަންތައް ކުރެއްވިއެވެ. {ޑރ. ޢަލީ މުޙައްމަދު އައްޞައްލާބީ، ބަޔޮގްރަފީ އޮފް އަބޫބަކްރުއް ޞިއްދީޤު، ޞަފްޙާ 732-733}

އަބޫބަކުރުގެފާނުގެ ޙަޔާތްޕުޅުގެ އެންމެ ފަހު ދުވަހުގެ އެކަލޭގެފާނުގެ އަރިހުގައި ލޮބުވެތި ދަރިކަނބަލުން އުއްމުލް މުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާ އިންނެވިއެވެ. އެކަމަނާ ވިދާޅުވެފައިވެއެވެ. އަބޫބަކުރުގެފާނު އާލާސްކަންފުޅުގެ އެންމެ ފަހުދުވަހު ތިމަންކަމަނާއަށް ވިދާޅުވިއެވެ. [މާތް ރަސޫލާ ސުވަރުގެވަޑައިގެންނެވީ ކޮންދުވަހަކު ހެއްޔެވެ؟] ދެން ތިމަންކަމަނާ ދެންނެވީމެވެ. [ހޯމަދުވަހުގައެވެ.] އަބޫބަކުރުގެފާނު ވިދާޅުވިއެވެ. [އަހަރެންގެ އަޖަލު އަންނާނެ ކަމަށް ލަފާކުރެވެނީ މިއަދު ނޫނީ މިރޭގެ ވަގުތެއްގައެވެ.] އެއަށްފަހު ވިދާޅުވިއެވެ. [މާތް ރަސޫލާ ސުވަރުގެވަޑައިގަތުމުން ކަފުން ކުރެއްވުނީ ކޮންއެއްޗެއްގަތޯއެވެ؟] ޢާއިޝަތުގެފާނު ޖަވާބު ދެއްވިއެވެ. [ޔަމަނުގެ ތިން ސުހޫލު ފޭރާމުންނެވެ. ފަގުޑިއެއް ފޭރާމެއް އެއަށް އިތުރެއް ނުކުރެވެއެވެ.]

މިއަޑު އައްސަވައި އެކަލޭގެފާނު ވިދާޅުވިއެވެ. [އަހަރެންގެ ކަފުންގެ ގޮތުގައި ބޭނުންކުރުމަށް އަހަރެން ލައިގެން މިއޮތް ފޭރާން ދޮވެލާށެވެ. އެއަށްފަހު އެޔާއެކު ދެ ކަފުން ބޭނުން ކުރާށެވެ.]

މިއަޑު އައްސަވައި އެކަލޭގެފާނުގެ އަރިހުގައި ތިއްބެވި ބޭކަލުން ވަރަށް ޙައިރާންވިއެވެ. އެއީ ކަފުނުގެ ތެރޭގައި ބައުވެފައިވާ ހެދުންކޮޅު ހިމެނުއްވުމަށް އެދިވަޑައިގެންނެވުމުންނެވެ. އެއްވެފައިވާ މީސްތަކުން އެކަމާ ބެހޭ ގޮތުން ސުވާލު ދެންނެވުމުން ވިދާޅުވިއެވެ.

[އައު ފޭރާމަކުން ނިވާވުމަށް ބޭނުން ޖެހިފައިވާ އެތައް ބަޔަކު ނުވަތަ ޙައްޤުކަން ބޮޑު އެތައް ބަޔަކު ދިރިތިބީންގެ ތެރޭގައި އެބަވެއެވެ. މަރުވާ މީހުންވާނީ ބިމުގައި އުޅޭ ސޫފިތަކުގެ ކާނާއަށެވެ.]

އުއްމުލް މުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާގެ ބަފައިކަލުން އަމީރުލް މުއުމިނީން އަބޫބަކުރުއް ޞިއްދީޤު ރަޟިޔަﷲ ޢަންހު މި ފަނާވަނިވި ދުނިޔެއާ އަލްވަދާޢު ވިދާޅުވީ ހިޖުރައިން 13 ވަނަ އަހަރުގައެވެ. އެ އަހަރުގެ ޖުމާދުލްއާޚިރާމަހުން 22 ވީ އަންގާރަ ދުވަހުގައެވެ. {ޑރ. ޢަލީ މުޙައްމަދު އައްޞައްލާބީ، ބަޔޮގްރަފީ އޮފް އަބޫބަކްރުއް ޞިއްދީޤު، ޞަފްޙާ 735}

އަބޫބަކުރުގެފާނު އަވަހާރަވުމުން ފަސްދާނުވެޑުވުނީ އެކަލޭގެފާނުގެ ލޯފުޅުގެ ނޫރުފުޅު ކަމުގައި ހިމެނިވަޑައިގަންނަވާ ދަރިކަނބަލުން ޢާއިޝަތުގެފާނުގެ ކޮޓަރިކޮޅުގައެވެ. މާތް ރަސޫލާގެ މަހާނާފުޅުގެ ކައިރީގައެވެ. އޭގެ ދެކަލުން ފަސްދާނުވެޑުމަށްފަހުވެސް ޢާއިޝަތުގެފާނުގެ ދިރިއުޅުއްވަމުން ގެންދެވީ އެކޮޓަރިކޮޅުގައެވެ. އެއްވެސް ފަރުދާއެއް ކުރެއްވުމަކާ ނުލައެވެ. ޢާއިޝަތުގެފާނު ވިދާޅުވެއެވެ. [މިތަނުގައި މިހާރު ފަސްދާނުވެޑުވިފައިވަނީ އަހަރެންގެ ފިރިކަލުންނާއި، އަހަރެންގެ ބަފައިކަލުންނެވެ.]…ނުނިމޭ…

Share Article

Follow Me Written By

Ali Ihsaan

Level 210 Stories100 Login

Other Articles

Previous

ގާތުގާވުމަށް ހިތް އެދެނީ (8)

Next

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ފަންސަވީސް ވަނަ ބައި)

Next
August 18, 2021

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ފަންސަވީސް ވަނަ ބައި)

Previews
August 17, 2021

ގާތުގާވުމަށް ހިތް އެދެނީ (8)



All Right Reserved!