އާޅެން
ޙަޤީޤީ ރީތިކަމަކީ……
އިސްމާޢީލް ޢަލީ ކަނދޮޅުދޫ
ތިބާގެ ހިނިތުންވުން މާތައް ފޮޅޭފަދައެވެ.
ދެތުންފަތުގެ ރަތްކަން ޗެރީފަދައެވެ.
ކޯތާފަތުގައިވަނީ ޖަންބުކުލަކަން ކަށަވަރެވެ.
ހިތިފަތުފަދަ ދެބުމަ ފެންނަހިނދު ހިތްތެޅެއެވެ.
ކަޅިރަވައިގެ ތޫނުކަމުން ގެނބިގެންދާހެން ހީވެއެވެ.
އެންދެރިފަދަ އިސްތަށިގަޑުއަނދިރިރެއެއްފަދައެވެ.
ތިބާއަށް ލިބިފައިވާ ކޮންމެ ރީތިކަމަކީ ﷲގެ މަދަދެވެ.
ޝުކުރުވެރި ވުމުގެ ބަދަލުގައި ބޮޑާވީތީ ދެރައެވެ.
އަގުބޮޑުގަހަނާތަކުން ޖަރީވެ ޒީނަތްތެރިކަން ފާޅުކުރީއެވެ.
މަލުގެ ފޮނިބޯން ބޭނުންވި ކޮންމެ ކޮކާލަކަށް ޖާގަދިނީއެވެ.
ވަފާތެރި އެކަކަށްޓަކައި ފޮރުވާނެ އެއްޗެއް ނެތުނީއެވެ.
މިއަދު ތިބާގެ ޙާލަކީ މިލާ މޯޅިވެފައިވާ މަލެކެވެ.
ބިންމަތީގައިއޮވެ ފައިދަށުވެ ޗިސްޗިސްވަނީއެވެ.
ފުރުސަތަކީ އަބަދު ލިބޭނޭ އެއްޗެއްނޫނެވެ.
މީހާގެ ޙަޤީޤީ ރީތިކަމަކީ މަތިވެރި އަޚްލާޤެވެ.
އަޚާލާޤީ ރީތިސިފަތަކުން ޖަރީވެވުނުނަމައެވެ.
އަޚާލާޤީ ރީތިސިފަތައް މުތީތަކެއްފަދައިން ވިދައެވެ.
One Comment
Comments are closed.



Maasha Allah