ސިޓިންރޫމަށް ނައިޝާ ނިކުތްއިރު ސައިފާ ސަނާ ކާމޭޒުދޮށުގައި ކާން ތިބިތަން ފެނުމުން ނައިޝާ ވެސް އެމީހުންނާ ބައިވެރި ވެލިއެވެ. “ދައްތަ އަށް ކިތައް އަހަރު؟”ސަނާ ނައިޝާ ގާތު އެހިއެވެ. “ދައްތަ އަށް 18އަަހަރު” ހިނިތުންވެލަމުން ނައިޝާ ޖަވާބު ގައި ބުންޏެވެ. “އެހެންތަ އެހެންވީމަ ސަނާއަށް ވުރެ ދެއަހަރު ދޯ ބޮޑީ؟އެކަމް ބަލައިލާފަ ހީވަނީ ދޮންބެއަށް ވުރެވެސް ބޮޑުހެން” ސަނާ އެހެން ބުނުމުން ސައިފް މަލާމާތުގެ ރާގަށް ހިނިގަނޑެއް ޖަހާލިއެވެ.

އެވަގުތު ނައިޝާ ގެ މޫޑް ގެއްލި ދެރަވިއެވެ. “އެހެންވީމަ ދޮންބެ މާ ޔަންގް ވައްތަރު ޖަހާ ދޯ؟…ބަލާފަ ހީވެސް ނުވޭ ދޯ 23އަހަރު ހެނެއް؟” ކިބުރުވެރި ގޮތަކަށް ސައިފް ބުނެލި އެވެ.

“ކޮއްކޮ ވަރުބަލިވެފަ އެއްނު ހުންނާނީ….ތިބަހައްޓާ ނައިޝާ ދޮންނާނެ” ކޭތަށި ހިފައިގެން ސަނާ ދޮންނަން ދާން އުޅެންފެށުމުން ސައިފް ބުނެލި އެވެ.

ނައިޝާ މޭޒުމަތި ސާފުކޮށް ތަށިތައް ދޮންނަން އުޅުނު ވަގުތު ސައިިފާ ސަނާ  ސޯފާގައި އިށީނެވެ. “ވައިފައި ޕާސްވޯޑް ޖަހަން ގެނޭ ފޯނު” ސައިފް ސަނާއަށް ބުނެލި އެވެ. “ވައިފައި ވެސް ލާފަތަ؟ އޯ ގަދަ” އުފާވެފައި ހުރެ ސަނާ ބުނެލި އެވެ. “ހުއްޓެއްނު ގަނެފަ ބޭނުންނުކޮށް ހުރި ފެންވަރާ ސާމާނުތައް… އޭއްޗިހިތައް ދީ ސަނާއަށް…އޭނަ ނުގެނޭ ފެންވަރަން އެއްވެސް އެއްޗެއް” ސައިފް ނައިޝާއަށް ބުންޏެވެ.

“އާނ…ދައްތަ ފޮށީގައި ހުރި އެއްޗެހިތައް ހުސްކުރި އިރު ނުދެކެން ފެންވަރާ ސާމާނެއް” ނައިޝާ ސަނާއަށް ބުނެލި އެވެ. “އެއްޗެހި ގަންނަން އުޅެންފެށީމަ މަންމަ ބުނީ މާލެ ގޮއްސަ ގަންނާށޯ…އެހެންނޫނަސް ސަނާ އަތުގަ ނުހުންނާނެ މާބައިވަރު އެއްޗިއްސެއްވެސް ހުރި އެއްޗެހިތައް ހިފައިގެން މިއައީ”ސަނާ ބުންޏެވެ.

ތަން ސާފުކޮށް ނިމި ކޮޓަރިއަށް ނައިޝާ ވަނެވެ.ޑުރެސިން ޓޭބަލްގައި އިން ކަބަޑުގެ ދޮރު ހުޅުވާލުމަށްފަހު ދަތްއުގުޅާ ބޭސް ފުޅިއަކާއި ދަތް އުނގުޅާ ބުރުހެއްގެ  އިތުރުން، އިތުރު ސާމާނުކޮޅެއް ނަގައި  ކޮތަޅަކަށް އަޅާލުމަށްފަހު ސަނާގެ ކޮޓަރިއާއި  ދިމާލަށް ނައިޝާ ދިޔައެވެ.

ކޮޓަރި ދޮރުގައި ޓަކިޖެހުމަށްފަހު ނައިޝާ ދޮރު ހުޅުވާލި ވަގުތު ސަނާ އޭސީ ރިމޯޓާއި ކުޅެން ހުއްޓެވެ. ” މީތި ކިހިނެއް ޖައްސަނީ” ކޮޓަރިއަށް ވަދެގެން އައި ނައިޝާ އަށް ސަނާ ބުނެލި އެވެ. ނައިޝާ ސަނާއަށް އޭސީ ރިމޯޓާއި ކުޅޭގޮތް ދަސްކޮށްދިނެވެ.

“މީ ކީއްކުރާ ބޯ ރަޖާގަނޑެއް؟” އެނދުމަތީގެ ފައިލާ ކޮޅުގައި ފަތްޖަހާފައިވާ ޑުއެޓް ކަވަރު ދައްކާލަމުން ސަނާ އަހާލިއެވެ. “ތިއަށް ކިޔަނީ ޑުއެޓް ކަވަރ….ތީ އޭސީ ޖައްސާފަ ހުންނަ އިރު ފިނިވާނެއެއްނު…. އެހެންވެ ގައިމަތީ އަޅަން ގެންގުޅޭ އެއްޗެއް ތީ” ހިނިތުންވެލަމުން ނައިޝާ ޖަވާބު ދިނެވެ.

“ހާދަ ބޮޑު އެއްޗެކޭ” ޑުއެޓް ކަވަރު ނިއުޅުވާލަމުން ސަނާ ބުންޏެވެ. “މިހިރީ އެއްޗެހިތައް” ސާމާނު އަޅާފައި ހުރި ކޮތަޅު ސަނާއަށް ދެމުން ނައިޝާ ބުންޏެވެ. “ހާދަ ބައިވަރު އެއްޗިއްސޭ…މީ ދައްތަ ބޭނުން ކުރާ އެއްޗިހިތަ އަނެއްކާ….ނުވެސް ކަނޑާ މިއޮތީ ދަތްއުނގުޅާ ބުރުސްވެސް….” ކޮތަޅު ހާވަމުން އުފަލުން ހުރެ ސަނާ ބުންޏެވެ.

“ދައްތަ ކޮންމެ ފަހަރަކު އެއްޗެހި ގަންނަ އިރު އެކްސްޓްރާ ކޮށްވެސް ގަންނަން….އޭރަށް އެކަތި ހުސްވިއަސް އަނެކަތި އިންނާނެއެއްނު..ތީގަ ހުންނާނެ އަންހެން ކުދިން ބޭނުން ކުރާ ސާމާނު ވެސް” ނައިޝާ ސަނާއަށް ބުނެލި އެވެ.

“އަޅޭ ބިއްލޫރި ސެންޓު ފުޅިއެއް ވެސް އެބައިން….ވަރަށް މީރުވަސް ވެސް ދުވާ” ސެންޓު ފުޅި ނޭފަތުގައި ޖައްސާލަމުން ސަނާ ބުންޏެވެ. “ތީ ކޮއްކޮއަށް ދައްތަ ދިން ހަދިޔާއެއް” ނައިޝާ ބުންޏެވެ.

މިކޮޮޓަރި އެނދުސް ހާދަ ބޮޑޭ…ސަނާ އާއި ދޮންބެގެ ރަށު ކޮޓަރީގަ އިންނަނީ ސިންގަލް އެނދެއް….މަންމަމެން ނިދަނީ މިވަރު އެނދެއްގަ” ސަނާ ބުންޏެވެ. ” މީ ޑަބަލް ބެޑެއްނު…އަދި ހުންނާނެ މިއަށްވުރެ ބޮޑު އެނދުވެސް….ކުއީން ސައިޒާ ކިންގ ސައިޒުވެސް….” ނައިޝާ ބުންޏެވެ.

“ވާވް…ބާތު ޓަބެއް ވެސް ލާފަ ގަދަ އިނގޭ” ފާހަނަ ދޮރު ހުޅުވާލަމުން، ފަހާނައިގައި އިން ހުދުކުލައިގެ ބިލިގާ ފެނި ސަނާ އުފަލުން ފޮޅުނެވެ. “ހާދަ ބައިވަރު އިސްކޫރެއް” ފަހާނައިގައި ހުރި އިސްކޫރުތައް ފެނި ސަނާ ނައިޝާ ގާތު އަހާލިއެވެ. ” މީ ހޫނު ފެން…މީ ނޯމަލް ވޯޓަރ” ނައިޝާ ސަނާއަށް ކިޔައިދިނެވެ.

“ހިނގާބަ ދައްތަގެ ކޮޓަރި ދައްކާލަން” ސަނާގެ އެދުމަށް ނައިޝާ އޭނާގެ ކޮޓަރިއަށް ސަނާ ގެންދިޔައެވެ. ” ވާާ…ހާދަ ބޮޑޭ މިކޮޓަރީގެ ބާތުޓަބުވެސް…. އެނދުވެސް” ހައިރާންވެ ހުރެ ސަނާ ބުންޏެވެ. ” މީ ކުއީން ސައިޒް ބެޑެއް….” ހިނިގަނޑެއް ޖަހާލަމުން ނައިޝާ ބުންޏެވެ.

އެއްޗެހިތައް ތަރުތީބު ކުރުމަށް ފަހު ސަނާ އާއި ނައިޝާ ސިޓިންރޫމަށް ނިކުތެވެ.އޭރު ސައިފް ސޯފާގައި އިނެވެ.”ކޮއްކޮ ދެން ނިދަން ދޭ މިހާރު އެހެރަ ރޭގަނޑު 11ޖެހީ” ސަނާއަށް ސައިފް ބުންޏެވެ. “ސައިފްވެސް ހިނގާ ނިދަންދާން” ނައިޝާ ސައިފަށް ބުންޏެވެ.

“އުހުނ…މަ ނިދާނީ ސޯފާގަ…ނައިޝާ ދޭ ކޮޓަރިއަށް” ސައިފް އެހެން ބުނުމުން ނަައިޝާ ދެރަވިއެވެ.އަދި ކައިރީގައި އިން ސަނާއަށް ނައިޝާ ބަލައިލިއެވެ. ” ނައި އޮވެ ދާނަން ސޯފާގަ ސައިފް ދޭ ކޮޓަރިއަށް” ނައިޝާ ބުންޏެވެ. ” މި ސޯފާގަ ނައިޝާ އަށް އޮވެވޭނެތަ….ފުރަތަމަ ސޯފާއަށް ފިޓުވެގެންނު އޮވެވޭނީ” މަލާމާތުގެ ރާގަށް ސައިފް އެހެންބުނުމުން ސަނާ ހޭންފެށިއެވެ.

ދެރަވެފައި ހުރެ ނައިޝާ އޭނާގެ ކޮޓަރިއަށް ވަނެވެ.އިރުގަނޑެއް ފަހުން ސައިފް ކޮޓަރިއަށް ވަދެ ދެބާލީހާއި ރަޖާގަޑެއް ހިފައިގެން ކޮޓަރިން ނިކުމެ ސޯފާގައި އޮށޯތެވެ.ސައިފާއެއްކޮށް ނިދަން އުންމީދުކޮށްގެން ހުރި ނައިޝާ މާޔޫސްކަން މަތީ އޮވެ ނިދިއެވެ.

ހެނދުނު އިރު އެރުމުން ނައިޝާ ބަދިގެއަށް ވަނެވެ.ސައި ހަދަން އުޅެނިކޮށް މައިދައިތަ ގުޅިއެވެ. ” ސަނާ ކޮއްކޮ ވަރަށް އުފާވެފަ ހުރީ..ބުނީ ވަރަށް ފިނި އޭސީ ކޮޓަރިއެއްގަޔޯ ނިދަނީ…އެއްޗެހިކޮޅެއް ލިބުނު ވާހަކަވެސް ބުނި” މައިދައިތަ ހިތްހަމަ ޖެހިފައިވާ ރާގަށް ބުނެލި އެވެ.ނައިޝާ މައިދައިތައާއި ވާހަކަ ދެއްކުމަށް ފަހު ފޯނު ބޭއްވި އެވެ.އަދި ހެނދުނުގެ ނާސްތާ ތައްޔާރުކުރަން އުޅުނެވެ.އޭރު ސަނާ އާއި ސައިފް އޮތީ ނިދާފައެވެ.

ނައިޝާ މޭޒުމަތި ތައްޔާރުކޮށްނިމި ސައިފާ ސަނާއަށް ހެނދުނުގެ ނާސްތާ ކުރަން ގޮވިއެވެ.ތިން ތަށި މޭޒުމަތީގައި ބެހެއްޓުމަށްފަހު ސައިފް ކައިރި ނައިޝާ އިށީނެވެ.އެވަގުތު ފޯނާ ކުޅެމުން އައި ސަނާވެސް އެމީހުންނާއެކު މޭޒުދޮށުގައި އިށީނެވެ.

ސައިފް ކައި ނިމި ކޭތަށި މޭޒުމަތީގައި ބެހެއްޓުމަށްފަހު އަތްދޮވެގެން ކޮޓަރިއަށް ވަނެވެ..”ފޯނު ބާއްވާފަ ހަމަޖެހިލައިގެން ކާލާ… ކައިނިމިގެން ވެސް ފޯނާ ކުޅެވޭނެނު” ފޯނާ ކުޅެމުން ކަމުން ދިޔަ ސަނާއަށް އޯގާތެރިކަމާއި އެކު ނައިޝާ ބުންޏެވެ.އެހެންނަމަވެސް ނައިޝާއަށް ރައްދެއް ދިނުމެއްނެތި ސަނާ ކަމުން ފޯނާއި ކުޅުން ކުރިއަށް ގެންދިޔައެވެ.

ނައިޝާއަށް ވުރެ ކުރިން ކައިނިމިގެން ކޭތަށި ހުރިގޮތަށް ނުދޮވެ މޭޒުމަތީގައި ބެހެއްޓުމަށްފަހު، އަތްދޮވެގެން ސަނާވެސް ކޮޓަރިއަށްވަނެވެ.ސަނާ ކޭތަށްޓާއި ހުރިހާ ތަށިތަކެއް ނަގާ ސާފުކުރަން ޖެހުނީ ނައިޝާ އަށެވެ.

 

 

1

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!