ތިޔަ ލޯތްބަށް އެދެމޭ 2 – 19
” ޕްލީޒް… މިޝްޔާއަށް ކޮންމެވެސް ދުވަހަކުން އިނގޭނެ ހުރިހާ ހަގީގަތެއް… އަހަރެންގެ މަރު ވަރަށް ގާތުގަ… ޔަޒާން އަހަރެން ވަރަށް ބޮޑަށް ލޯބިވޭ.. ” ލުޔާ ވާހަކަދައްކަމުން ދިޔައިރު އިނީ ރޮވިފައެވެ. ޔަޒާންއަށް ހަދާނެ ގޮތެއް ނޭނގުނެވެ.” ފެން.. ދީބަ.. ” ލުޔާ އެދުނެވެ. ޔަޒާން އެންމެ ސިކުންތެއްވެސް ބޭކާރުކޮށްނުލާ ފެން ތައްޓެއް ގެނެސްދިނެވެ. ނަމަވެސް ފެންތަށި ހިފައިގެން އައިއިރު ލުޔާ އޮތީ ލޯ މަރައިލައިގެންނެވެ. ތުންފަތުގައި ފަނޑު ހިނިތުންވުމެއް ވީއިރު ލޮލުން ފޭބި ކަރުނަތައް އޮތީ ހިކިފައެވެ. ލުޔާ ނޭވައި ލައިތޯ ޔަޒާން ބެލިއެވެ. ޔަޒާން އަތުން ފެންތަށި ދޫވެ ތަޅައިގެން ދިޔައެވެ. އާނއެކެވެ. ލުޔާ މި ދުނިޔެ ދޫކޮށްފި އެވެ. އެވަގުތު ޔަޒާންގެ ލޮލުން ކަރުނަ ފައިބަންފެށިއެވެ.
**19 ވަނަ ޕާޓު**
” ލޫ… ނޫން… ” ޔަޒާންއަށް ހަޅޭއްލަވައި ގަނެވުނެވެ. ހިތް ކުދިކުދިވެ ޒަހަމްވިއެވެ. އަވަސް އަވަހަށް ފޯނު ނަގާފައި ރާއިލްއަށް ގުޅާލީ ކުރާނެ އިތުރު ކަމެއް ސިކުނޑިއަށް ނައުމުންނެވެ.” ހަލޯ… ” ރާއިލްގެ އަޑު އިވުމާއެކު ޔަޒާންއަށް އިހްތިޔާރަކާއި ނުލައި ހިންދިރުވައިލެވުނެވެ.” ހަލޯ؟ ޔަޒާން..؟.. ” ރާއިލް އަނެއްކާ ވެސް ގޮވާލިއެވެ.” ރާލް ހެލްޕް މީ… ” ޔަޒާން ސިކުނޑި ވަނީ ސުމެއްގެ އެވެ.” ކިހިނެއް ވީ.. ލޫ ކޮބާ.. ” ރާއިލް އަހާލިއެވެ.” ލޫ މަރުވެއްޖެ… އަހަރެން.. ދެން ކިހިނެއް ހަދާނީ… ރާއިލް… ” ޔަޒާންއަށް ރޮވުނެވެ. ރާއިލް ސިއްސައިގެން ދިޔައެވެ.” މަރުވިއްޔޭ؟؟!!.. ” ރާއިލް އަހާލިއެވެ.” އާނ… އަޅެ ބުނެބަލަ ކިހިނެއްތަ ހަދަންވީ… ” ޔަޒާން އަނެއްކާ ވެސް ބުންޏެވެ.” ޔަޒާން އެހާ ފިނޑި ނުވައްޗޭ… މިޝްމެން ގޮވައިގެން މާލެ އަށް ދާނަން ވަރަށް އަވަހަށް… މިޝް އަށް ކޮންމެފަދަ ގޮތެއް ވެސް ވެދާނެ ތި ހަބަރު ދިނީމަ… އެހެންވެ ޔަޒާން ޖެހޭނީ ހިތްވަރު ގަދަކުރަން… ” ރާއިލް ޔަޒާންއަށް ވިސްނައިދިނެވެ.
” ޔާން… އިލޫމެން ކައިރީ މިވާހަކަ ބުނާނީ ކިހިނެއް… ” ފޯނު ބާއްވާފައި ރާއިލް އަހާލިއެވެ.” ކޮން ވާހަކައެއްތަ…. ” މަޔާން އަހާލިއެވެ.” ލޫ މަރުވި ވާހަކަ… އިލޫ އަށާ މިޝްއަށް މިކަން އިނގިއްޖެއްޔާ އޯ… އެމީހުންނަށް ވާނެ ގޮތެއް ނޭނގެ.. ” ރާއިލް އެހެން ބުނުމުން މަޔާންގެ ދެލޯ ބޮޑުވިއެވެ.” ޔަޒާންގެ ހާލު ކިހިނެއް އަނެއްކާ… ” މަޔާން އެނދުގައި އިށީނެވެ.” އެހާ އޯކޭއެއް ނޫން.. ” ރާއިލް ބުންޏެވެ.” އަވަހަށް ހައިމަން އަށް ގުޅަން ހިނގާ… މާލެދާ ކަންތައްތައް ހަމަޖައްސަން ޖެހޭނެ މިރޭ ވަންނައިރަށް.. ” ރާއިލް ބުންޏެވެ. މަޔާން އޯކޭއޭ ބުނެފައި ކޮޓަރިން ނުކުމެގެން ދިޔައެވެ.
” އިލޫ.. މާލެދާން ރެޑީވޭ… ” މަޔާން ކޮޓަރިއަށް ވަދެފައި ބުންޏެވެ.” އެކީއްވެ ކުއްލިއަކަށް… ” އިސްތިރި ކުރަން ހުރެފައި އިލްޔާ އަހާލިއެވެ.” އެއީ….. ” މަޔާން ޖެހިލުންވިއެވެ.” އެއީ؟؟؟؟؟.. ” އިލްޔާ މަޔާން އާއި ދިމަ ބަލާލިއެވެ.” ލޫ… ލޫ.. މަރުވެގެން… ” މަޔާން ނުބުނަން ހުރެފައި ވެސް ބުންޏެވެ. އިލްޔާގެ އިސްތިރި އަތުގައި ނުޖެހުނީ ކިރިޔާއެވެ.” އޭނ… ނުވާނެ މަރެއް… ” އިލްޔާ ވަގުތުން ދެކޮޅު ހެދި އެވެ. މަޔާން ވަރަށް ވިސްނައިދިނެވެ.” އިލޫ… އެމީހެއްގެ ވަގުތު ޖެހުނީމަ އެމީހަކު މަރުވެގެން ދާނެ… އެއީ އަހަރެމެންނަށް ހުއްޓުވޭނެ ކަމެއް ނޫން… އެކަން ވާނެ އިލޫ ގަބޫލު ކުރަން… ” މަޔާން އިލްޔާގެ ދެކޮނޑުގައި ހިފިއެވެ. އިލްޔާ އެއްޗެއް ނުބުނެ ހުރެފައި އަލުން އިސްތިރި ކުރަން ފެށިއެވެ. ހަމަ އަސްލު ވެސް ލުޔާ މަރުވީ ހެއްޔެވެ؟ އެހެން ވާންވީ ކީއްވެބާއެވެ؟ އިލްޔާ ރޯންފެށިއެވެ. އެއަޑަށް ފާޚާނާއަށް ވަންނަން އުޅުނު މަޔާން އަނބުރާލާފައި އިލްޔާ ކައިރިއަށް އައެވެ.
” މިޝް އިނާ… ” ރާއިލް ގޮވާލިއެވެ. އޭރު ނީމާ އާ އެކީގައި ވާހަކައިގައި އެމީހުން ތިއްބެވެ.” އަވަހަށް ދޭބަލަ ރެޑީ ވާން… ވަރަށް އަވަސް… މާލެ ދާން ވެއްޖެ… ” ރާއިލް ބުންޏެވެ.” ކީއްކުރަން މާލެ.. ” މިޝްޔާ އަހާލިއެވެ.” އަވަހަށް ދޭބަލަ… ނީމާ މެންވެސް ގޮވައިގެން ދާންމިއުޅެނީ… ނީމާގެ މަންމައާ ބައްޕައާ އިޔާން ވެސް ދޭ.. ” ރާއިލް ބުންޏެވެ. މިޝްޔާ އާއި އިންޝާ ސުވާލު މާކެއްގައި ހުރެގެން ކޮޓަރިއަށް ވަނެވެ. އަދި ވަރަށް އަވަހަށް ތައްޔާރު ވެގެން ނިކުތެވެ. މަޔާން އާއި އިލްޔާ ކޮޓަރިން ނުކުތްއިރު އެންމެން ތިބީ ތައްޔާރުވެގެންނެވެ. މިޝްޔާ އާއި އިންޝާ އަށް ފިޔަވައި އެހެން މީހުންނަށް ވެގެން އުޅޭގޮތް އިނގެއެވެ. އަވަސް އަވަހަށް ގެއިން ނިކުތީ ހައިމަން ގުޅައިފާނެތީއެވެ.
މާލެއަށް ގޮސްފައި ޔަޒާންއަށް ގުޅައިލުމާއެކު ބުނީ ހޮސްޕިޓަލްގައި ކަމެވެ. ބާރަ މީހުން ތިބުމުން އެންމެ ކާރަކުން ނުދެވޭނެއެވެ. އެހެންކަމުން ތިން ކާރު ހޯދާފައި އޭޑީކޭ ހޮސްޕިޓަލަށް ދާން ބުންޏެވެ. އެރޭވެސް މިޝްޔާ އާއި އިންޝާ ތިބީ ވާނުވާ ނޭނގިފައެވެ. ލަސްތަކެއްނުވެ އޭޑީކޭ އަށް އާދެވުނެވެ. ކާރުން ފޭބިއިރު ޔަޒާން ދޮރުމަތީގައި ހުއްޓިގެން ހުރީ އެމީހުންގެ އިންތިޒާރުގައެވެ. އޭރު ޔަޒާންގެ ރީތި ދޮން މޫނު ވަނީ ރުއިމުގެ ސަބަބުން ދުޅަވެ ރަތްވެފައެވެ. ލޮލަށް ބަލައިލައިފަ ވެސް އެކަން އިނގެއެވެ.
” ބައްޕާ ކޮބާ މަންމަ… ” މިޝްޔާ ދުވެފައި ގޮސް އަހާލިއެވެ. ޔަޒާންއަށް ދޭނެ ޖަވާބެއް ނޭނގުނެވެ.” ކޮބާތަ…. ހޮސްޕިޓަލުގަތަ..؟.. ” މިޝްޔާ އެނެއްކާ ވެސް އަހާލިއެވެ. ޔަޒާން އެއްޗެކޭ ނުބުނެ ހިނގައިގަތެވެ. މަޔާން މެންވެސް އައެވެ. އިންޝާ އާއި މިޝްޔާ ކައިރީގައި ރާކިން އާއި މާއިން ތިބީ ސަމާލުވެގެންނެވެ. ޔަޒާން ގޮސް ރޫމަކަށް ވަދުނެވެ. އޭރު މޫނުގަޔާއި އެއްކޮށް ހުދު ފޮތިގަނޑު އަޅާފައިވާ މީހެއް އޮތެވެ.” މިތާކު ނެތެއްނު މަންމައެއް… ” މިޝްޔާ ވަށައިގެން ބަލާލިއެވެ. ޔަޒާން ހިންދިރުވާލާފައި އެ މީހައާއި ދިމާއަށް ގޮސް މޫނުގައި އަޅައިފައިވާ ފޮތިގަނޑު ނެގިއެވެ. މިޝްޔާއަށާއި އިންޝާއަށް އެއްފަހަރާ ހަޅޭއްލަވައި ގަނެވުނެވެ. އެއަޑަށް ދެތިން ނަރުހަކު ރޫމަށް ވަދުނެވެ.
” މަންމާ… ” މިޝްޔާ ދުއްވައި ގަތެވެ. އަދި ލުޔާގެ ފުރާނަ ނެތް ހަށިގަނޑުގައި ހިފާފައި ތަޅުވަން ފެށިއެވެ.” މިޝް… ދެން މަންމައެއް ނާންނާނެ… ” ޔަޒާން މިޝްޔާ ކޮނޑުގައި އަތް ބާއްވާލިއެވެ.” ޕްލީޒް މަންމަ ގެނެސްދީ…. އޭރުން ކޮންމެއެއްޗެއް ވެސް ދީފާނަމޭ… ޕްލީޒް.. ބައްޕާ… ” މިޝްޔާ އާދޭސް ކުރަމުން ދިޔައެވެ. ޔަޒާން ހުރީ ހުއްޓުން އަރާފައެވެ. ޚުދު އޭނާގެ ހިތުގައިވާ ބަހަކީ ވެސް އެޔެވެ.” މިޝް… ތީ އެހާ ބަލިކަށި ކުއްޖެއް ނޫނެއްނު… ވަރަށް ހިތްވަރު ގަދަ ކުއްޖެއްނު… ” ރާކިން މިޝްޔާ ކައިރިއަށް ޖެހިލިއެވެ. ނަމަވެސް މިޝްޔާގެ އާދޭސްތަކަށް ބަދަލެއް ނާދެއެވެ. އިންޝާ ވެސް ހުރީ ރޯންށެވެ. އެތާ ތިބި އެންމެން ކަހަލައިންނެވެ. ކިރިޔާ ވެސް ހިތްވަރެއް ހުރީ ފިރިހެނުންނެވެ.
ލުޔާގެ ޖަނާޒާގެ ކަންތައްތައް ނިމި ވަޅުލެވިއްޖެއެވެ. ލުޔާގެ ހަށިގަނޑު ގެއްލުނީއްސުރެ ފަށައިގެން މިޝްޔާ އާއި އިންޝާ ތިބެނީ ގަބު އަރާފައެވެ. މާ ގިނަ ވަގުތެއް މާލޭގައި މަޑުނުކޮށް އެމީހުން ރަށަށް އައެވެ. މުޅި އާއިލާ ފުން ހިތާމައެއްގައި ބެދިފައިވާ ކަހަލައެވެ. ރަށަށް އައި ގޮތަށް އިންޝާ އާއި މިޝްޔާ ކޮޓަރިއަށް ވަދުނެވެ. މިޝްޔާ އެނދުގައި އޮށޯތް ގޮތަށް ވިސްނެން ފެށިއެވެ. ލުޔާ އާއެކު ހޭދަކުރެވެމުނު އުފާވެރި ވަގުތު ތަކެވެ. ލޯ މަރާލިޔަސް ސިފަ ވަނީ ލުޔާއެވެ. އެހެން ފުދޭވަރަކަށް ގިނައިރު އޮއްވައި ޔަޒާން އެ ކޮޓަރިއަށް ވަނެވެ. އޭރު އިންޝާ އޮތީ ނިދާފައެވެ.
” ދަރިފުޅު މިހާރު ކިހިނެއް… ” ޔަޒާން މިޝްޔާގެ ބޮލުގައި ފިރުމާލިއެވެ.” ވަރަށް ވަރުބަލި ވެފަދޯ…. ނިދާލާ.. ” ޔަޒާން މިޝްޔާ ކައިރީގައި އޮށޯތެވެ. ޔަޒާން ބުނިހެން މިޝްޔާ އޮތީ ވަރަށް ވަރުބަލި ވެފައެވެ. މިޝްޔާއަށް ލޯ މެރި މެރި އޮއްވައި ލުޔާ ގޮވާލި އަޑު ކަންފަތުގައި ޖެހުނެވެ. ކުއްލިއަކަށް ދެލޯ ބޮޑުކޮށްލާފައި ވަށައިގެން މިޝްޔާ ބަލާލިއެވެ. ޔަޒާން ވެސް އޭރު އޮތީ ވަރުބަލި ވެފައެވެ. ވަރަށް އަވަހަށް މިޝްޔާ ފުން ނިންޖެއްގެ ތެރެއަށް ގެނބުނެވެ. ޔަޒާން އަށް ވެސް ނިދުނެވެ.
” މަންމާ… އާދޭ… ” ޔަޒާންއަށް ހޭލެވުނީ މިޝްޔާ ވާހަކަދައްކާ އަޑަށެވެ. އޭރު މިޝްޔާ ނިދީގައި ވާހަކަ ދައްކަނީއެވެ.” މިޝް.. ” ޔަޒާން މިޝްޔާގެ މޫނުގައި މަޑުމަޑުން ޖަހާލިއެވެ. ދެތިން ފަހަރަކު އެސްފިޔަ ތަޅުވާލުމަށްފަހު މިޝްޔާ ލޯ ހުޅުވާލިއެވެ.” އަދި ތިއޮތީ ފެން ނުވަރާނުން… އަވަހަށް ދޭ ފެންވަރައިގެން އަންނަން… އިނާ ވެސް އެއުޅެނީ ފެންވަރަން… އަދި ސައި ވެސް ބޯން ޖެހޭނެ.. ” ޔަޒާން ކޮޓަރިން ނިކުތެވެ. މިޝްޔާ ތެދުވެ އެނދުގައި ހަމަޖެހިލިއެވެ. ކުއްލިއަކަށް ސިފަވާންފެށީ ލުޔާއެވެ. ލޯމަރާލައިގެން އޮތް ގޮތެވެ.” މަންމާ… ” މިޝްޔާ އަށް އަނެއްކާވެސް ރޮވުނެވެ. ފެންވަރަން ދާހިތް ނުވެފައި އަނެއްކާ ވެސް މިޝްޔާ އޮށޯތެވެ. އެނބުރެމުން ދިޔަ ފަންކާ އަށް ބަލަމުން ދިޔައިރު މިޝްޔާގެ ބޯ ވަނީ ހާސްވެފައެވެ.
އިލްޔާ ވެސް އެއްވެސް ކަމެއް ކުރާ ހިތް ނެތް ނަމަވެސް ފެންވަރާލައިގެން ކުޑަދޮރު ކައިރީގައި ހުރި ގޮނޑިއެއްގައި އިށީނެވެ. މޫނުމަތިން ފެންނަން ހުރީ މޮޅިވެރިކަމެވެ. މިހުރިހާ ދުވަހު ލުޔާ އާ އެކީ ޖެހި ސަކަރާތް ތަކާއި ކުރި މަޖާ ކަންތައް ހަނދާންވުމުން އިތުރަށް ރޮވުނެވެ. އެހެން އިންދައި މަޔާން ކޮޓަރިއަށް ވަނެވެ.” އިލޫ ނުދާނަންތަ ކައްކާކަށް ވެސް… ހިޝް އެބަ އުޅޭ ސައި ހަދަން… ” މަޔާން އިލްޔާ ކައިރީގައި އިށީނެވެ.” ދާ ހިތެއް ނެތް… ” އިލްޔާ އެއިން ގޮތަށް އިނދެ ބުންޏެވެ.” އިލޫ… ހިޝް ވެސް ދެރަ ވެފައޭ އެ ހުރީ… އެކަމަކު މިޝްމެންނަށްޓަކާ އެ ހިތްވަރު ކުރަނީ… އިލޫ ވެސް ހިތްވަރު ކޮށްބަލަ އޭރުން ފަހަރެއްގާ އުފާވެރިކަމެއް ހޯދިދާނެ.. ” މަޔާން އިލްޔާގެ ހިމަ އިނގިލިތަކުގައި ހިފާލިއެވެ. އިލްޔާ ލޮލުން އައިސް ހުރި ކަރުނަތައް ފޮހެލާފައި ކޮޓަރިން ނިކުންނަން ދިޔައެވެ.
ޔަޒާން ފެންވަރައިގެން ރީތިވާ މޭޒު ކައިރީގައި އިށީނެވެ. ނަމަވެސް ނަޒަރު ހުއްޓިފައި ވަނީ ބޭރުން ފެންނަމުން ދިޔަ މަންޒަރު ތަކަށެވެ. އުޑުމަތި ބަނަކޮށްފައި އޮތް އިރު ދެންމެ ދެންމެ ވާރޭ ވެހި ދާނެއޭ ހީވެއެވެ. އެހެން އިންދައި މަޔާން ކޮޓަރިއަށް ވަދުނެވެ. ނީމާ މެންގޭގައި އެހާ ގިނަ ކޮޓަރީ ނުހުންނާތީ އެމީހުންނަށް ޖެހުނީ ކޮޓަރި ޝެއަރ ކޮއްގެން އުޅެންށެވެ. ޔަޒާން ، ރާއިލް އަދި މަޔާން އެއް ކޮޓަރިއެއްގައި އުޅެމުން ދިޔައިރު އިލްޔާ އާއި ހިޝާ އުޅެނީ އެހެން ކޮޓަރިއެއްގައެވެ. މިޝްޔާ އާއި އިންޝާ އެވެ. ރާކިން އާއި މާއިން އެވެ.
” ތިހެން ނީނދެބަލަ އަބަދު… ހިތްހަމަ ޖައްސާލަން ބޭރަށް ނިކުންނަން ހިނގާބަލަ… ” މަޔާން އެދުނެވެ. ޔަޒާން ދެކޮޅު ނުހަދާ ކަޅު ކުލައިގެ ގަމީހަކާއި ނޫކުލައިގެ ޖީންސްއެއް އެއް ލައިގެން ބޭރަށް ނިކުތެވެ.” ކޮން ވާހަކައެއް ނުބުނެވިގެން ތި އުޅެނީ… ” މަޔާން އަށް ޔަޒާން އެއްޗެއް ބުނަން އުޅޭހެން ހީވެގެން އަހާލިއެވެ. ޔަޒާން ޖޯލީގައި އިށީންގޮތަށް އެއްޗެކޭ ނުބުނެ އިނެވެ.” ބުނެބަލަ… ” މަޔާން އަނެއްކާ ވެސް ބުންޏެވެ.” އަހަރެން އިތުރު މީހަކާ ކައިވެނި ކުރަންވީތަ… ” ޔަޒާން އެންމެ ފަހުން އަހާލިއެވެ.” ލޫ މަރުވުމުގެ ކުރިން ބުނި ބޭނުމިއްޔާ… ” ޔަޒާން ދުރަށް ނަޒަރު ހުއްޓާލިއެވެ.” ޔަޒާން ބޭނުމިއްޔާ އިންނަން ވީ އެކަމަކު މިޝްއަށް ވިސްނާލަން ޖެހޭނެ… ” މަޔާން ބުންޏެވެ.
” އެކަމާ މިހާރު މި ބޯ ގޮވަނީ… މިޝް ނޫނެކޭ ބުނެފިއްޔާ ދެން ހަދާނެ އިތުރު ގޮތެއް ނެތް… ” ޔަޒާން ބުންޏެވެ.” އަދި މިޝް އަކަށް ނޭނގޭނެ މިޝްގެ މަންމަ މަރުވީ ކެންސަރު ޖެހިގެން ކަމެއް… ” މަޔާން ވިސްނާލިއެވެ.” ހްމްމް… ދެން މަ ކިހިނެއް ހަދަންވީ… ” ޔަޒާން އަހާލިއެވެ.” މަށަށް ފެންނަނީ މިޝް ކުޑަކޮށް ހަމައަކަށް އެޅުނީމަ އަހަން… މިވަގުތު ބުނެފާނެ ނޫނެކޭ… އަނެއް ކޮޅުން ނުވެސް ހޯދާ އަދި އިންނާނެ މީހެއް ވެސް… ” މަޔާން ލަފާ ދިނެވެ.” ސައި ތައްޔާރު ވެއްޖެ.. ” ހިޝާ ނިކުމެފައި ބުންޏެވެ. ޔަޒާން ވާހަކަ މެދު ކަނޑާލާފައި ކާގެއަށް ވަނެވެ. މަޔާން ދިޔައީ މިޝްޔާ އާއި އިންޝާ ބަލައެވެ.
” މިޝް އިނާ އާދޭ ސައިބޯން… ” މަޔާން ދޮރު ހުޅުވާލިއެވެ. އޭރު އިންޝާ ރީތިވެގެން އޮތެވެ. މިޝްޔާ އޮތީ ފެން ނުވަރައެވެ.” އަދިވެސް މިޝް ފެންނުވަރާ ދޯ… އަވަހަށް ދޭ ފެންވަރައިގެން ސައިބޯން އަންނަން… ” މަޔާން އެދުނެވެ. ނަމަވެސް މިޝްޔާ އަނެއް ފަރާތަށް އެނބުރުނެވެ.” ބައްޕާ ކާހިތެއް ނެތް… ފަހުން… ” އިންޝާގެ ޖަވާބު އިއްވާލިއެވެ. އިންޝާ ފަހުންނޭ ބުނުމުން މަޔާން މާ ބޮޑު ކަމަކަށް ނުހަދައި ދޮރު ލައްޕާލާފައި ނިކުތެވެ.” އިނާ… ” މިޝްޔާ ގޮވާލިއެވެ.” ހްމްމް..؟ ކިހިނެއް ވީ.. ” އިންޝާ އަހާލިއެވެ.” މިޝް ބޭނުން ގެއަށް ދާން… ބައްޕަމެން އަތުން ވަގަށް ތަޅުދަނޑި ހޯދައި ދީބަ… ” މިޝްޔާ އެދުނެވެ.” ބަލާނަން… ބޮޑަށް ހީވަނީ ރާއިލްބެ އަތުގަހެން އޮންނާނީ… ” އިންޝާ ލަވައެއް ޖަހާލިއެވެ.
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.



Sooo nice