ތިޔަ ލޯތްބަށް އެދެމޭ 2 – 20
” މިޝް އިނާ އާދޭ ސައިބޯން… ” މަޔާން ދޮރު ހުޅުވާލިއެވެ. އޭރު އިންޝާ ރީތިވެގެން އޮތެވެ. މިޝްޔާ އޮތީ ފެން ނުވަރައެވެ.” އަދިވެސް މިޝް ފެންނުވަރާ ދޯ… އަވަހަށް ދޭ ފެންވަރައިގެން ސައިބޯން އަންނަން… ” މަޔާން އެދުނެވެ. ނަމަވެސް މިޝްޔާ އަނެއް ފަރާތަށް އެނބުރުނެވެ.” ބައްޕާ ކާހިތެއް ނެތް… ފަހުން… ” އިންޝާގެ ޖަވާބު އިއްވާލިއެވެ. އިންޝާ ފަހުންނޭ ބުނުމުން މަޔާން މާ ބޮޑު ކަމަކަށް ނުހަދައި ދޮރު ލައްޕާލާފައި ނިކުތެވެ.” އިނާ… ” މިޝްޔާ ގޮވާލިއެވެ.” ހްމްމް..؟ ކިހިނެއް ވީ.. ” އިންޝާ އަހާލިއެވެ.” މިޝް ބޭނުން ގެއަށް ދާން… ބައްޕަމެން އަތުން ވަގަށް ތަޅުދަނޑި ހޯދައި ދީބަ… ” މިޝްޔާ އެދުނެވެ.” ބަލާނަން… ބޮޑަށް ހީވަނީ ރާއިލްބެ އަތުގަހެން އޮންނާނީ… ” އިންޝާ ލަވައެއް ޖަހާލިއެވެ.
**20 ވަނަ ޕާޓު**
އަތުގައި އޮތް ރުބިކްސް ކިއުބް އާއި ކުޅެމުން ދިޔަ މާއިން ވަނީ ހިޔާލީ ދުނިޔެއެއްގައެވެ. މިއަދު ބިޒީކޮށް އުޅޭތީ އަލްވާއަށް ނުވެސް ގުޅެއެވެ. މިގަޑީގައި ގުޅަން ވަގުތު އޮތް ނަމަވެސް ހަމަ އެކަކާ ވާހަކަ ދައްކާ ހިތެއް ނެތެވެ. ލުޔާގެ ކުއްލި ވަކިވުމުގެ ސަބަބުން އެންމެންނަށް ވެސް ވަނީ ބަޔާންކުރަން ދަތި ވޭނެއް ތަހައްމަލް ކުރަން ޖެހިފައެވެ. މާއިންމެންނަށް މިވަރު ވާއިރު އަދި މިޝްޔާމެންނަށް ކިހާ ވަރެއް ވާނެބާއޭ ހިތަށް އެރިއެވެ. އާއިލީ ގުޅުން ނެތް ނަމަވެސް އިޔާންމެންނާއި އެމީހުންގެ މައިންބަފައިން ވެސް ވަނީ އިންތިހާއަށް ދެރަވެފައެވެ. ހިޝާ ކާން ގޮވުމުން ރާކިން ދިޔަ ނަމަވެސް މާއިން ނޫނެކޭ ކިޔާފައި މަޑުކުރީ އެވެ. ހިތްހަމަ ޖައްސާލަން ވެގެން ކުޑަދޮރު ހުޅުވާލާފައި ވައިޖެހޭ ހިސާބުގައި މާއިން އިށީނެވެ. މާއިން ހީކުރި ވަރަށް ވުރެ ބޮޑަށް ވައިގަދައެވެ.
” ހަމަ އެކަކު ކާކަށް ނައިދޯ ކިން ނުލައި… ” ކާގޭގައިވާ ހަމަހިމޭންކަން ނާއިފް ނަގާލިއެވެ.” ހްމްމް… ” ރާއިލް ޖަވާބުދިނެވެ.” ދެން އެކުދިން ނުކައިތަ ތިބެނީ.. ސާމިޔާ އަހާލިއެވެ.” އެކުދިން ކާން ގެންނާނަން… މިވަގުތުގެ ގޮތުން ފަހަރެއްގާ ނުކައިފާނެ… ” ޔަޒާން ޖަވާބުދިނެވެ.” ކާން ހަދަން ވެއްޖެއްޔާ އަހަރެންނަށް ނޫނީ ނީމާއަށް ގޮވާލާ އިނގޭ… ” ސާމިޔާ ބުންޏެވެ. އެންމެން ބޯ ޖަހާލުމުން އަނެއްކާ ވެސް ވެރިވީ ހަމަހިމޭންކަމެވެ.
ހޫނު ކޮފީ ޖޯޑެއް ހިފައިގެން ބޭރު ޖޯލީގައި އަލްވާ އިނީ މާއިން ގުޅާނެ އިރެއްގެ އިންތިޒާރުގައެވެ. އެހެން އިންދައި އަޝްލީން ވެސް ނިކުތެވެ.” ކިހިނެއްވެފަ ތީނީ.. ” އަޝްލީން އަހާލިއެވެ.” މާން ގުޅާނެ އިރެއްގެ އިންތިޒާރުގަ މީނީ… ” އަލްވާ ޖޯޑާއި ކުޅެލިއެވެ.” މާއިންމެންގެ ތިއްތަ މަރުވެގެން އެމީހުން އެއުޅެނީ… ކިން މިއަދު ގުޅާފަ ބުނި… އެހެންވެގެން ކަންނެ މާއިން ވެސް އެއުޅެނީ…” އަޝްލީން ބުންޏެވެ.”އޯހ ދެން އޯކޭ ވާނެ… އޭނަ ވެސް ދެރަ ވާނެނުން… ” އަލްވާ ބުންޏެވެ.” ހްމް ގުޅާފަނެ ވަރަށް އަވަހަށް… ދެން އެތެރެއަށް ވަންނަންވީނުން…. މިހާރު ވާރޭވެހެން އެއުޅެނީ… ” އަޝްލީން ބުންޏެވެ. އަލްވާ ހީލަފާައި އަޝްލީން އާއި އެއްކޮށް ގެއަށް ވަނެވެ.
މިޝްޔާ އޮތީ ފުން ނިންޖެއްގެ ތެރޭގައެވެ. އުނދަގޫ ނުކޮށް އިންޝާ ގޯތިތެރެއަށް ނިކުތެވެ. އޭރު ތުނި ތުނިކޮށް ވާރޭ ވެހެން ފަށައިފިއެވެ. އިންޝާ ހަނދާންވިއެވެ. ލުޔާ އަކީ ވާރޭ ދެކެ ވަރަށް ބިރު ގަންނަ މީހެއްކަމެވެ. ނަމަވެސް މިއަދު ބިރުގަނެގެން އުޅޭކަށް ލުޔާއެއް ނެތެވެ. އިންޝާ ދެލޮލަށް ކަރުނަ ޖަމާވިއެވެ. އެހެން އިންދައި އިންޝާއަށް ފެނުނީ އިޔާން އޭނައާއި ދިމަ ބަލަހައްޓައިގެން ހުއްޓައެވެ. ވީ ފޫއްސާއި އެކީ ބިރުވެސް ގަތެވެ. އެވަގުތު ބޭރަށް ނިކުތް މާއިން ފެނުމުން އިންޝާ ފުން ނޭވާއެއް ލިއެވެ.” އަދިވެސް ރޮނީތަ.. ” މާއިން އަހާލިއެވެ. އިންޝާ އެއްޗެކޭ ނުބުނެ ދުރު ބަލާލިއެވެ.
” ކޮބާ މިޝް… ” މާއިން އަހާލިއެވެ.” ނިދިފަ.. ” އިންޝާ ޖަވާބު ދިނެވެ. ދާނަންތަ މިލްކްޝޭކް ބޯން… ” އިންޝާ ހިތްހަމަ ޖައްސާލުމުގެ ބޭނުމުގަ މާއިން ބުންޏެވެ.” މި ގަޑި އަކު ނޫން… ” އިންޝާ ބުންޏެވެ. ކުރިން އިންޝާގެ އަޑުގައިވާ ފޯރިއެއް ނެތެވެ. މާއިން އިންޝާ ކައިރިއަށް ޖެހިލާފައި ކޮނޑަށް އަތް ވައްޓާލިއެވެ.” ދެން ދޮންބޭ… ” އިންޝާ ތުން ދަމާލިއެވެ.” ކިހިނެއްވީ… ދޭބަލަ މިޝް ގޮވައިގެން އަންނަން… ތިއްތިއާ އެންމެން ގޮވައިގެން ބޭރަށް ނިކުމެލަން… ” މާއިން އެދުނެވެ.” އިންޝާ މިހިރީ ތަނަކަށް ދާ މޫޑަކު ނޫން… ދަނީ ދެން… މިހާރު ވިއްސާރަ ވެހެން ފަށައިފި..” އިންޝާ ގޭތެރެއަށް ވަނެވެ. މާއިން ވެސް އިންޝާ ފަހަތުން ވަނެވެ. އޭރު ރާކިންމެން ވެސް ސައިބޮއިން ނިމިގެން ކޮޓަރިއަށް ވަދެއްޖެ އެވެ.
ރޭގަނޑުވީއިރު ވެސް ވާރޭ ނުހުއްޓާލިއެވެ. އިންޝާ އޮތީ އެންމެން ނީދާނެ އިރެއްގެ އިންތިޒާރުގައެވެ. ދެފަރާތަށް ފުރޮޅި ފުރޮޅި އޮވެފައި އިންޝާ ތެދުވީ ބާރަ ޖެހިފަހުންނެވެ. ލަސްލަހުން ކޮޓަރިން ނިކުތް އިރު ގޭތެރޭގައި ވަނީ މަރުފަދަ ހިމޭންކަމެވެ. އަވަސް ފިޔަވަޅު ތަކެއްގެއްގައި ރާއިލްމެންގެ ކޮޓަރިއާއި ދިމާއަށް އިންޝާ މިސްރާބު ޖެހިއެވެ. ތަޅުގައި ހިފިއިރު ނަސީބަކުން ތަޅު ހުރީ ހުޅުވާފައެވެ. އެއްވެސް އަޑެއްބަޑެއް ނުލައްވާ އިންޝާ އެކޮޓަރި ތެރެއަށް ދެމިގަނެފައި ވަށައިގެން ބަލާލިއެވެ. އޭރު ރާއިލް އާއި މަޔާން އަދި ޔަޒާން އޮތީ ނިދާފައެވެ. އިންޝާ ކޮޓަރިތެރެ ހާވަން ފެށީ ތަޅުދަނޑި ހޯދަންށެވެ. އޭތި އޮވެދާނެ ހުރިހާ ތަނެއް ބެލުމަށްފަހު ވެސް އެ ތަޅުދަނޑިއެއް ނުފެނުނެވެ. އޭތި ވާނީ އިލްޔާމެން ކޮޓަރީގައި ކަމަކަށް ބަލާފައި ނިކުންނަން ދިޔަ ވަގުތު ލޮލުގައި އަޅައިގަތީ ޑްރެސިންގް ޓޭބަލް މަތީގައި ބައިންދާފައި އިން ތަޅުދަނޑިފަތިއެވެ. އަވަސް އަވަހަށް އެ ނަގައިގެން އިންޝާ ކޮޓަރިން ނިކުތެވެ.
” ގުޑް މޯނިންގް.. ” މާއިންގެ އަޑަށް އިންޝާއަށް ހޭލެވުނެވެ. އޭރު މާއިން ހުރީ ކޮންމެވެސް ވަރަކަށް ހަމައަކަށް އެޅިފައެވެ.” ތެދުވޭ… އިއްޔަ ނުވެސް ކައި ތިއޮތީ… ” މާއިން އެނދުގައި އިށީނެވެ. އޭރު ވެސް މިޝްޔާ އޮތީ ނިދާފައެވެ.” ދޮންބޭ ކާހިތެއް ނެތޭ… ” އިންޝާ ބުންޏެވެ.” އެންމެ ރަނގަޅު… ތިހެން ކިޔައިގެން ދުވަހަކު ކާހިތްވާ ވަގުތެއް ނާންނާނެ… އަޅެ ޕްލީޒް… ” މާއިން އިންޝާގެ އަތުގައި ޖަހާލިއެވެ. އިންޝާ ނޫނެކޭ ބުނެފައި ފާޚާނާއަށް ވަނެވެ. މާއިން މިޝްޔާއަށް ގޮވަންފެށިއެވެ. ނަމަވެސް މިޝްޔާ އޮތީ މާ ފުން ނިންޖެއްގައެވެ. މިޝްޔާ އަރާމުކުރަން ބާއްވާފައި މާއިން ކޮޓަރިން ނުކުތްއިރު ރާކިން އިނެވެ. ރާކިން ވެސް ވަނީ ރަނގަޅު ވެފައެވެ. ނަމަވެސް ޔަޒާން އާއި މިޝްޔާގެ އިތުރުން އިލްޔާއަށް ފުދޭވަރަކަށް ދުވަސް ނަގާނެކަން މާއިންމެންނަށް އިނގެއެވެ.
” ކޮންތާކަށް ދާން ތައްޔާރު ވެގެން ތީނީ މިއޮއް ހެނދުނު… ” މާއިން އަހާލިއެވެ. ރާކިން އިންގޮތުން ހީވަނީ ތަނަކަށް ދާން ލަސްވެފައި އިންހެންނެވެ.” އަޝްއާ އެއްކޮށް… ދެން އިތުރަށް ދެރަ ވާނީ ގޭގަ ހުރިއްޔާ… އަނެއްކާ އިއްޔަ ވެސް މީޓް އެއް ނުވޭ.. ” ރާކިން ބުންޏެވެ.” ދޮގެއް ނޫން.. މަޑު ކުރޭ މަ ވެސް މީ އަންނަނީ.. ” މާއިން ވެސް އަލްވާ މަތިން ހަނދާން ވިއެވެ.” އަވަސް ކުރާތި.. ” ރާކިން އިނީ ކެތްމަދުވެފައެވެ. ވަދެފައި ދެތިން މިނެޓް ނުވަނީސް މާއިން ކޮޓަރިން ނިކުތެވެ. ދެމީހުން އެކީ ހިނގައިގަތީ އަޝްލީންމެންގެ ގެއާއި ދިމާއަށެވެ.
އިންޝާ ކޮޓަރިން ނިކުތް އިރު އިޔާން ފިޔަވައި އިތުރު މީހަކު ފެންނާކަށް ނެތެވެ. ވީ ފޫހިން ކޮޓަރިއަށް ވަންނަން އުޅުނު ވަގުތު އިޔާން ގޮވާލިއެވެ.” އާދެބަލަ… ” އިންޝާ ދެބުމަ ގޮއްޖަހާލާފައި އިޔާން އާއި ދިމާއަށް އެނބުރުނެވެ.” ހާދަ ރުޅިއެއް އައިއްސަ.. ” އިޔާން ބުންޏެވެ.” ކީއްކުރަންތަ ގޮވަނީ… ” އިޔާން އާއި ދިމާއަށް އިންޝާ ލޯ އަޅާލިއެވެ. އިޔާންގެ މަގްސަދަކީ އިންޝާގެ އެ ސިއްރު ހޯދުމެވެ. ފޯނު މޭޒުމަތީ ބާއްވާފައި އިޔާން އިންޝާ އާއި ދިމާއަށް ހިނގައިގަތެވެ. އިޔާން ކައިރިވި ވަރަކަށް އިންޝާގެ މޫނުމަތީގައި ހުރީ ރުޅިވެރިކަން ފިލައި ނުތަނަވަސްކަމަށް ބަދަލުވަމުން ދިޔައެވެ.” އި.. އިޔާން… ދުރަށް ދޭބަލަ… ” އިންޝާ ފަހަތަށް ޖެހެމުން ބުންޏެވެ. އިޔާންގެ މޫނުމަތީގައިވި ނުލަފާ ހިނިތުންވުން ފެނި އިންޝާ ފެންކަޅިވިއެވެ. ކުއްލިއަކަށް އިންޝާގެ އަތުގައި ހިފައިގެން އިޔާން ބޭރަށް ނިކުމެފައި ބިންމައްޗަށް ވައްޓާލިއެވެ. އޭރު އިންޝާ ހުރީ ވާނުވާ ނޭނގިފައެވެ. އެވަގުތު މީހަކު ކޮޓަރި ހުޅުވާލި އަޑު އިވުނެވެ. އިޔާން ހަމަޖެހޭކަމަށް ހަދާލަމުން އިންޝާ ނަގަން އަތް ދިއްކޮށްލިއެވެ. އިޔާން އަށް މައުލޫމާތެއް ނުލިބުނެވެ. ނަމަވެސް ދެން އަންނަފަހަރަށް ފަސްކޮށްލީއެވެ. އިންޝާ އިޔާންގެ އަތުގައި ހިފިއެވެ. ބުނާ ކަމެއް ނުކުރީމަ ޒުމާން ހަދާލިގޮތް އިންޝާ ހިތަށް އެރުމުންނެވެ.
ތެދުވެގެން ދިޔަ ގޮތަށް އިންޝާ ވަނީ ކޮޓަރިއަށެވެ. އޭރު ކަރުނަތައް އޭގެ މަގާމު ދޫކޮށް ފައިބައިފިއެވެ. މިޝްޔާ އޭރު އުޅެނީ ފާޚާނައިގައެވެ. އިންޝާ ދެލޯ ފުހެލާފައި ކުޑަދޮރު ކައިރިއަށް ޖެހިލިއެވެ. އެހެން އެތަށް އިރެއްވަންދެން އިންޝާ ހުއްޓެވެ. ސިހުނީ މާއިން އިންޝާ ސިއްސުވާލުމުންނެވެ.” އަންނާށޭ ސައިބޯން… އިއްޔަ ވެސް ނުކައި މިއަދު ވެސް… ” މާއިން އިންޝާ ބޮލުގައި ޖަހާލިއެވެ ” ޔަޒާންބެ އެ ގެންދިޔައީ މިޝް… އިނާ ވެސް ހިނގާބަލަ… ” މާއިން ބުންޏެވެ. އިންޝާ ބޮލުގެ އިޝާރާތުން ނޫނެކޭ ބުންޏެވެ.” ކީއްވެ… އިނާ ރޮނީތަ… ” ހިކިފައި ހުރި ކަރުނަތައް މާއިންގެ ލޮލުގައި އަޅައިގަތީ އަދި ކިރިޔާއެވެ. އިންޝާ ވަކި އެއްޗެކޭ ނުބުނެ އެވެ.” ކިހިނެއްވީ… ” މާއިން އަހާލިއެވެ.” ކަމެއް ނުވޭ.. ދެން ދޮންބޭ ދޭބަލަ.. ” އިންޝާ ބޭނުންވީ އެކަން ސިއްރެއްގެ ގޮތުގައި ބޭއްވުމަށެވެ.
” ނުދާނަން….. ވީ ގޮތް ބުނީމަ ދާނީ… ” މާއިން އިންޝާގެ މޫނަށް ބަލާލިއެވެ. އިންޝާ ދުރަށް މޫނު އަނބުރާލިއެވެ.” ބުނޭ… އިންޝާ… ” މާއިން ހާސްވިއެވެ. އިންޝާ ފެން ކަޅިވިއެވެ. ނަމަވެސް ތުންފަތުގައި ދަތް އަޅާލައިފައި ކަރުނަތައް ހިންދާލިއެވެ.” ދޮންބޭ… ކީއްވެތަ އެންމެން އިންޝާ ޔޫޒް ކުރަނީ… އެންމެން އިންޝާ ދެކެ ރުޅި އަންނަނީ ކީއްވެ… ހުރިހާ ބޯއިޒް ކީއްވެތަ އިންޝާއަށް އެގޮތަށް ކަންތައް ކުރަނީ… އިންޝާ ކޮން ކަމެއް އެމީހުންނަށް ކުރީ…. އިންޝާ އަށް ނޭނގިގެން ނަމަވެސް ގެއްލުމެއް ދެވިފައެއް ނޯންނާނެ… ދެން ކީއްވެ… އިންޝާ އާ ހެދި އެމީހުންނަށް އުނދަގޫ ވަނީތަ… ” އިންޝާ ހުރިހާ ސުވާލެއް މާއިން އާއި ކޮށްލިއެވެ. މާއިން ދެލޯ ހަނި ކޮށްލިއެވެ.” ކާކު މިފަހަރު… ޒުމާންތަ…؟ ” މާއިން އަހާލިއެވެ.” އި… އިޔާން… ” އިންޝާ އިސްއުފުލާ ބަލާލިއެވެ. އޭރު އެ ލޮލުގައި ކަރުނަ ވިދަން ހުއްޓެވެ.” އޭނނ…؟؟؟!!!!!؟… އިޔާން؟؟؟؟؟… ” މާއިން ސިހުނެވެ. އަވަސް އަވަހަށް ކޮޓަރިން ނުކުމެގެން ދިޔައީ އިޔާން ހޯދަންށެވެ.
” އިޔާން… !!!!! ކަލޭ ކީއްކުރަން އިންޝާއާ ބެހެން އުޅުނީ… ” އިޔާންގެ ކޮޓަރިއަށް ވަދެފައި މާއިން އަހާލިއެވެ.” މަށެއް ނުބެހެން… ކާކު ދެއްކި ބުހުތާނު ދޮގު ވާހަކަ ތަކެއް… ” އިޔާން ހަމަޖެހިލާފައި އަހާލިއެވެ.” ކާކު ކަމެއް ބަލާނެ ކަމެއް ނެތް މަށަށް އެނގޭ ކަލޭ ނުބެހޭކަން ސުވާލަކީ ކީއްކުރަންހޭ ބެހެން އުޅުނީ… !!!!.. ” މާއިން ހުރީ ރުޅިއައިސްފައެވެ.” މަ ބޭނުންވީ އިންޝާ އެހާ ބިރުގަންނަ ސަބަބެއް… ރޭޕް އޭ ބުނީމަ މަރުވާ ވަރަށް ބިރުގަންނަން ވެއްޖެ ކިޑްނެޕް އޭ ބުނީމަ މީހާ ޝޮކަކަށް ދާވަރު ވޭ… ” އިޔާން އަނގަ ހަދާލާފައި ބުންޏެވެ.” އޭނާއަށް ދިމާވެފަ ހުރި ކަމެއްގެ ސަބަބުން އެހެން އެވަނީ… ތި ސަބަބެއް އޮޅުން ފިލުވަން މަގޭ ކައިރިއަށް އައިނަމަ އިންޝާ އޭނީ ބިރުން ހަލާކުވެފަ އިޔާން ދެކެ… ” މާއިން ބުންޏެވެ.” އާނ އޯކޭ… ބުނެބަލަ ވީ ކީއްކަން.. ” އިޔާން މާއިން އާއި ދިމަ ބަލާލިއެވެ.
” އޭނަ އެކަހަލަ މީހެއްގެ ޝިކާރައަކަށް ވެފަ ހުރީމަ ބިރުގަންނާނެ ހާއްސަކޮށް ތިގޮތަށް އުޅޭ މީހުންދެކެ… ތަންކޮޅެއް ސިކުނޑި ރަނގަޅު ކުރަން ވެއްޖެ އިޔާންގެ… ” މާއިން ކޮޓަރިން ނިކުންނަން ދިޔައެވެ.” އެހެން… ދެން މަށަށް މާ ވަރަކަށް ނަފްރަތު ކުރަނީ ކީއްވެތަ… ފިރިހެނެއް ވީމަ؟؟.. ” އިޔާން އަހާލިއެވެ.” މަށަކަށް ނޭނގެ ތިއެއް… ” މާއިން ޖަވާބު ދިނުމަށް ފަހު ކޮޓަރިން ނިކުތެވެ. އިޔާން ބޮލުގައި ޖަހާލީ އަމިއްލަ މޮޔަ ކަމާމެދު ވިސްނާލާފައެވެ. އިޔާން ދެކޭ ގޮތުގައި އޭނަ ކަހަލަ މީހަކު އިންޝާ ދެކެ ލޯބިވާކަށް ނުޖެހެއެވެ. ނަމަވެސް އިންޝާއަށް ދިމާވެފައިވާ މައްސަލައިގައި އިންޝާއަށް އެހީވާން އިޔާން ބޭނުމެވެ.
އެކިދުވަސްތައް ފާއިތުވަމުން ދިޔައެވެ. އިލްޔާ އާއި މިޝްޔާ މޫޑް ރަނގަޅުވެ ކުޑަކޮށް ސަކަރާތް ޖަހަން ފެށައިފިއެވެ. ނަމަވެސް ޔަޒާން އަށް އެއްގޮތަކަށް ވެސް އެ ހަނދާންތަކަކުން ދުރެއް ނުވެވުނެވެ. ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކޮށްގެންވެސް ނުވިއެވެ. ވީކަމަކަށް ވެސް ލުޔާގެ ހަނދާންތައް އާވަނީއެވެ. އަބަދުވެސް ލުޔާ ކައިރީގައި އުޅޭހެން ހީވަނީއެވެ. މިޝްޔާގެ ހައްގުގައި ހިނިތުންވެގެން ހުރި ނަމަވެސް މީހާ އެކަށް ހަލާކު ވެއްޖެއެވެ.
އެއް ރެއެއްގެ ދަންވަރެވެ. މިޝްޔާ ކޮޓަރިން ނުކުމެގެން ދިޔައީ އެމީހުންގެ ގެއާއި ދިމާއަށެވެ. އޭރު ފުދޭވަރަކަށް ރީތިކޮށް އެގެ ހަދާފައި ހުއްޓެވެ. މިޝްޔާ ގޭތެރެއަށް ވަދެފައި ލުޔާ އާއި ޔަޒާންގެ ކޮޓަރިއަށް ވަނެވެ. އެކޮޓަރި ވެސް ވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. މިޝްޔާ މަޑުމަޑުން ގޮސް އެނދުމަތީގައި އިށީނެވެ. އެކޮޓަރިއަށް ވަދުމާއެކު އަނެއްކާވެސް މިޝްޔާ ފެންކަޅިވިއެވެ. ހީވަނީ ލުޔާ އެކޮޓަރި ތެރޭގައި އުޅޭހެންނެވެ. ކުއްލިއަކަށް މިޝްޔާ ލޮލުގައި އަޅައިގަތީ ކުއްލިއަކަށް ތިރިއަށް ވެއްޓުނު ގަނޑެކެވެ. މިޝްޔާ ގޮސް އެ ބަލާލިއިރު މިޝްޔާގެ އުފަންދުވަހުގެ ސެޓްފިކެޓެވެ.
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.



Masha Allah… Mi part vx varah reethi… ❤️❤️ kon irakun next part…