ސައިފް ކޮޓަރިއަށް ވަނުމުން ނައިޝާއަށް ވަރަށް ބޮޑަށް ރޮވުނެވެ.އެހެންނަމަވެސް ލިބިފައިވާ ބުރޭކު ގަނޑި ހަމަވެދާނެތީ، ހިތްވަރުކޮށްފައި ކެއްކުމުގައި ނައިޝާ އުޅުނެވެ.

ކައްކާ ނިމި ސުފުރާމަތި ތައްޔާރު ކޮށްލައިފައި ނައިޝާ ގޮސް ސައިފް ގެ ކޮޓަރީގައި ޓަކިދިނެވެ.”ކާން ހެދިފަ ހުރީ” ސައިފް ކޮޓަރި ދޮރު ނުހުޅުވުމުން ނައިޝާ ކޮޓަރި ދޮރުމަތީ ހުރެ ބުނެލި އެވެ.ސައިފް ގެ ފަރާތުން ޖަވާބެއް ނުލިބުމުން ކުޑައިރުކޮޅަކު ކޮޓަރި ދޮރުމަތީގައި ހުރެފައި ނައިޝާ އޭނާގެ ކޮޓަރިއަށް ވަނެވެ.

ކޮޓަރިއަށް ވަތް ނައިޝާ އޭނާގެ ހިތުގެ އުދާސްތައް ކަރުނައިގެ ސިފައިގައި ބަންޑުން ކޮށްލިއެވެ.ކުޑައިރުކޮޅަކު ރޯން އިން ނައިޝާ، ސައިފް ގެ ކޮޓަރީގެ ދޮރު ހުޅުވުނު އަޑަށް މަޑުމަޑުން އެނދުން ތެދުވެ ބޭރަށް ބޯދިއްކޮށްލިއެވެ.އޭރު ސައިފް ކޮޓަރިން ނިކުމެ ސިޓިންރޫމަށް ހިނގައިގަތެވެ.

ސައިފް ސިޓިންރޫމަށް ނިކުތުމުން ނައިޝާ ފާހަނައަށް ވަދެ ފެންވަރާލިއެވެ.ފެންވަރައި ރީތިވެގެން ނައިޝާ މެންދުރުކެއުމަށް ސިޓިންރޫމަށް ނިކުތެވެ.އޭރު ސައިފް ފެންނާކަށް ނެތެވެ.ކާމޭޒުމަތީގައި ސައިފް ކޭ ތަށްޓާއި ޖޫސްބުއި ތަށި ހުސްކުރި ގޮތަށް ހުއްޓެވެ.ނައިޝާ އެތަށިތައް ދޮވެ ކާންއިށީނެވެ.ކައިނިމި މޭޒުމަތި ސާފުކުރުމަށް ފަހު ކުލިނިކަށް ދާން ނައިޝާ ގެއިން ނިކުތެވެ.

އާދައިގެމަތިން އިރުއޮއްސި 6 ޖެހުމުން ޑިއުޓީ ނިންމާލުމަށްފަހު ނަައިޝާ އެނބުރި ގެއަށް ވަނެވެ.އޭރު ސައިފް ސޯފާގައި ފޯނާ ކުޅެން އިނެވެ.ނައިޝާ ކޮޓަރިއަށް ވަދެ އެއްޗެހި ބަދަލުކޮށްލައިގެން ސިޓިންރޫމަށް ނިކުތެވެ. ތަށްޓަށް ކުދިގުޅަކޮޅެއް އަޅައި މޭޒުމަތީގައި ބެހެއްޓިއެވެ.އަދި ފުރިޖުން ޖޫސް ޕެކެޓެއް ނަގައި ތަށްޓައް ޖޫސްފޮދެއް އެޅުމަށް ފަހު ކާން އިށީނެވެ.

“އަދިވެސް ކާންތަވީ؟” ފޫހި ރާގަކަށް ސައިފް ނައިޝާއަށް ބުންޏެވެ. “ވަރަށް ބޮޑަށް ބަނޑުހައިވެފަ ހުރީމަ” ނައިޝާ މަޑުމަޑުން ސައިފަށް ބުންޏެވެ. “މަ ހިތަށް އަރާ މީހާ ހުރި ސިފަ ލޯގަނޑުން ނުފެންނަނީ ބާއޭ!”ރުޅިއައިސްފައި ހުރެ ކޮޓަރިއާ ދިމާއަށް ހިނގައި ގަންނަމުން މަލާމާތުގެ ރާގަށް ސައިފް ނައިޝާއަށް ބުންޏެވެ.އެވަގުތު ނައިޝާ ފެންކަޅިވިއެވެ. ސައިފް ބަދަލުވެފައިވާ މިންވަރު ނައިޝާ އަށް ވަރަށް ބޮޑަށް އިހުސާސް ކުރެވުނެވެ.

ރޭގަނޑު 10ޖެހުމުން ސުފުރާމަތި ނައިޝާ ސާފުކުރަން އުޅުނެވެ.އެވަގުތު ސައިފް ކައިނިމި އޭނާ ނިދާ ކޮޓަރިއަށް ވަނެވެ.ސުފުރާމަތި ސާފު ކޮށްލުމަށްފަހު ނައިޝާ ސައިފްގެ ކޮޓަރީގައި ޓަކި ޖަހަން އަތް ދިއްކޮށްލިއެވެ.އެވަގުތު ކޮޓަރި ތެރެއިން ސައިފް ވާހަކަ ދައްކާ އަޑު ނައިޝާއަށް އިވުނެވެ.ޓަކި ޖަހަން ދިއްކުރި އަތް ތިރިކޮށްލުމަށްފަހު ދޮރުގައި ނައިޝާ ކަންފަތް ޖަހާލިއެވެ.

ވަރަށް ގިނައިރު ނައިޝާ އެގޮތުގައި ހުރި ނަމަވެސް ސައިފް ދައްކާ ވާހަކަ ނައިޝާ އަށް ސާފުވާގޮތެއް ނުވިއެވެ.ސައިފް ވާހަކަ ދައްކަން ހުއްޓާ ނައިޝާ ކޮޓަރި ދޮރުގައި ޓަކިޖެހިއެވެ.

ކުޑައިރުކޮޅެއް ފަހުން ސައިފް ކޮޓަރި ދޮރު ހުޅުވިއެވެ. “ކިހިނެއްވީ؟” ހިތްހަމަ ނުޖެހި ހުރެ ކޮޓަރި ދޮރު ހުޅުވާލަމުން ސައިފް ބުންޏެވެ.ސައިފް ދޮރު ހުޅުވާލުމުން އެކޮޓަރިއަށް ނައިޝާ ނަޒަރު ހިންގާލިއެވެ.އޭރު އެނދުމަތީގައި ސްކްރީން ދިއްލިފައި ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަވާ ސައިފް ގެ ފޯނު ނައިޝާއަށް ފެނުނެވެ.އެފޯނުގެ ޑިސްޕުލޭގައި ވަނީ ކޯލެއް އަރާފައެވެ.ނަމަވެސް ދުރުން އެއީ ކާކުގެ ކޯލެއް ކަމެއް ނައިޝާ އަކަށް ނޭނގުނެވެ.

“މީ..ސަނާ ކޮއްކޮ އަންނަ ވާހަކަ ބުނީމެއްނު ކޮންތާކު އޭނަ…”

“މިކޮޮޓަރި އޭނައަށް ތައްޔާރުކުރޭ…މާދަމާރޭ އެއްނޫންތަ އޭނަ އަންނަނީ…މި ތަންތަން ސާފުކޮށްފައެއްނޫންތަ އަބަދު މި ހުންނަނީ… އެހެންވީމަ މާބޮޑު ތައްޔާރީތަކެއް ވާންޖެހޭތަ؟…މާދަން ހަވީރުވެސް ތައްޔާރު ކުރެވޭނެއެއްނު…އަހަރެންގެ އަންނައުނާ ހުރިހާ އެއްޗެއް ނައިޝާ ގެ ކޮޓަރިއަށް މާދަންލާ” ނައިޝާ ގެ ވާހަކަ މެދުކަނޑާލުމަށްފަހު ސައިފް އެހެން ބުނެ ކޮޓަރި ދޮރު ޖެހިއެވެ.

ސައިފްގެ ކޮޓަރި ދޮރު މަތީގައި ހުރި ނައިޝާ ވިސްނާލީ އޭނާގެ ފިރިމީހާ ފޯނުން ގުޅައިގެން ވާހަކަދައްކާ މީހަކާ ދޭތެރޭގައެވެ.

އިރުއޮއްސުމުން ޑިއުޓީ ނިންމާލުމަށްފަހު ނައިޝާ ގެއަށް ވަދެ ސަނާއަށް ކޮޓަރި ތައްޔާރު ކުރަން އުޅުނެވެ. އެނދުގެ ބެޑްޝީޓް ބަދަލުކޮށްލުމަށް ފަހު ކުޑަކޮށް ކޮޓަރިތެރެ ރީތިކޮށްލިއެވެ.އަދި ސައިފް ގެ އަންނައުނު ތަކާއި ރީތިވާ ސާމާނު ނައިޝާ އޭނާގެ ކޮޓަރިއަށް ލައި ތައްޔާރު ކޮށްލިއެވެ. ދުވަސްތަކަކަށްފަހު ފިރިމީހާ އޭނާ އާއި އެކު ނިދާތީ ނައިޝާ ހުރީ ހިތްހަމަ ޖެހިފައެވެ.

ރޭގަނޑު 9ޖެހިއިރު ސަނާ ގޮވައިގެން ނައިޝާ އާއި ސައިފް ދޮންތަގެ ކާރުގައި، ގޭދޮރުމައްޗަަށް ހުއްޓުނެވެ.ޑިކީތެރެއިން، ކަމާލް ފޮށި ބޭލުމުން ސައިފް ލިފްޓަށް ފޮށި ހިފައިގެން އެރިއެވެ. “މީ ކޮއްކޮގެ ކޮޓަރި” ސައިފް ފޮށި ކޮޓަރިއަށް ވައްދަމުން ސަނާއަށް ބުނެލި އެވެ. “ހާދަ ރީތި ގެއެކޭ” މުޅިތަނަށް ވަށައިގެން ނަޒަރު ހިންގާލަމުން 16އަހަރުގެ ސަނާ ބުނެލި އެވެ.”ފޮށީގަ ހުރި އެއްޗެހިތައް ބަހައްޓާފަ އާދޭ ކާން…. ކޮއްކޮ އަންނަންވާއިރަަށް ދައްތަ ކެއުމެއް ވެސް ހަދާފަ ހުންނާނީ” ނައިޝާ ހިނިތުންވެލަމުން އޯގާތެރިކަމާއި އެކު ސަނާއަށް ބުނެލި އެވެ.

“އޭނަ ވަރުބަލިވެފަ ހުންނާނީ…ނައިޝާ އޭނާގެ ފޮށި ހުސްކޮށްފަ އެއްޗެހިތައް އަލާމާރިއަށް އަޅާ ތަރުތީބު ކުރޭ…. އަހަންނާ ސަނާއާ މިދަނީ ކާން”އެމީހުންނާއި އެއްކޮށް ކާމޭޒުދޮށަށް ދާން އުޅުނު ނައިޝާ އަށް ސައިފް ބުންޏެވެ. ސައިފް އެހެން ބުނުމުން ނަައިޝާ ބޯޖަހާލިއެވެ.އަދި ސަނާއާއި ސައިފަށް ޖޫސް ނެގުމަށްފަހު ސަނާގެ އެއްޗެހިތައް ނަގާ ތަރުތީބު ކުރަން ކޮޓަރިއާއި ދިމާލަށް ނައިޝާ ހިނގައިގަތެވެ.

ނައިޝާ ސަނާގެ ފޮށި ހުޅުވާލިއެވެ.ކުޑަކުޑަ އެފޮށިގައި ހުރީ ދެތިން އަންނައުނެވެ.ރީތިވާންވެސް އޮތީ ތެޔޮފުޅިއަކާއި ބޮލުގައި އަޅާ ފުނަލެއްގެ އިތުރުން މޫނުގައި ހާކާ ފުށްދަޅަކާއި ބޮޑު ސްޕްރޭ ފުޅިއެކެވެ. އަންނައުނުތައް ނަގާ ފަތްޖަހާ އަލަމާރިއަށް ލުމަށްފަހު ރީތިވާ ސާމާނު ޑުރެސިން ޓޭބަލްގެ މަތީ ނައިޝާ ބެހެއްޓިއެވެ.

 

 

0

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!