ހެނދުނު ތެދުވެ ނައިޝާ ފެންވަރައިގެން ބަދިގެއަށް ވަދެ، ހެނދުނުގެ ނާސްތާ ތައްޔާރުކުރަން އުޅުނެވެ.ބަދިގެެތެރޭގައި ނައިޝާ އުޅެނިކޮށް ސައިފް ވެސް ކޮޓަރިން ނިކުމެ ސޯފާގައި އިށީނދެ ޓީވީ ހުޅުވާލިއެވެ.ބަދިގެތެރޭގައި ހުރި ނައިޝާ، ސައިފާ ދިމާލަށް ބަލައިލި އެވެ.އޭރު ސައިފް ޓީވީ ބަލަން އިނެވެ.
ރޭގައިވީ ކަންތަކުން ނައިޝާ އަދިވެސް ހުރީ ދެރަވެފަ އެވެ.ނައިޝާ ބޭނުންވަނީ އޭނާގެ ފިރިމީހާއާއި ރީތިކޮށް ވާހަކަ ދައްކައިގެން މައްސަލަ ހައްލު ކުރާށެވެ.ނަމަވެސް ސައިފް އަނގައިން ނުބުނާތީވެ، އިސްވެ ނައިޝާ އަށް ސައިފާ ވާހަކަ ދައްކާކަށް ނުކެރުނެވެ.
ޓީވީ ބަލަން އިން ސައިފް ކުޑައިރުކޮޅެއްފަހުން ކޮޓަރިއަށް ވަނެވެ.އޭރުވެސް އޭނާ ނައިޝާއަށް ބަހެއް ނުބުނެއެވެ.
ކައްކާނިމި ސުފުރާ މަތި ތައްޔާރު ކުރަން ނައިޝާ އުޅުނެވެ.އެވަގުތު ސޯފާކައިރި އިންނަ ކުޑަ މޭޒުމަތީގައި އޮތް ސައިފްގެ ފޯނު ރިންގުވާން ފެށިއެވެ. ގުޅަނީ ކާކުތޯ ބަލާލަން މޭޒުމަތީގައި އޮތް ފޯނާ ދިމާލަށް ނައިޝާ ހިނގައިގަތެވެ.އެވަގުތު ސައިފް ކޮޓަރިން ނިކުމެ އަވަސްއަވަހަށް ގޮސް ނައިޝާ އަށް ވުރެ ކުރިން ފޯނު ނަގާ ރިންގު އޮފް ކޮށްލިއެވެ.
ސައިފްގެ ހަރަކާތްތައް ހުރިގޮތުން ނައިޝާއަށް ކަމެއް ސިއްރުކުރާހެން ޝައްކުވިއެވެ. “ކާކު ގުޅީ؟”ކޮޓަރިއާ ދިމާލަށް ދިޔަ ސައިފް ކުރެން ނައިޝާ ރީތިކޮށް އަހާލިއެވެ. “އަނެއްފަހަރު އަނެކައްޗެކޭ ކިޔަންވީ ދޯ؟…. ރައްޓެއްސެއް އެއީ”ރުޅިވެރިކަމާއި އެކު ސައިފް ޖަވާބުދިނުމަށްފަހު ކޮޓަރިއަށްވަނެވެ.
ކުރިއާ ޚިލާފަށް، މިފަހަރު ނައިޝާ އޭނާގެ ފިރިމީހާއަށް އަށް އެވަރަށް ގުޅާމީހަކު ބަލަން ބޭނުން ވިއެވެ.ސައިފްގެ ދުލުން ޖަވާބު ނުލިބޭނެކަން ޔަގީންވާތީ ނައިޝާ ނިންމީ އޭނާ އަމިއްލައަށް ސައިފަށް ގުޅަނީ ކާކުތޯ ހޯދާށެވެ.
ނައިޝާ ހުރީ ސައިފް ފޯނު ތަނެއްގައި ބާއްވާނެ ވަގުތަކަށެވެ.ނަމަވެސް އެދުވަހަށްފަހު ސައިފް އުޅެނީ އަބަދުވެސް އޭނާގެ ފޯނު ހިފައިގެންނެވެ.
އެއްރޭ ސައިފް ނިދާކަންހާއިރު ކޮށްލާފައި ނައިޝާ އޭނާގެ ކޮޓަރިން ނިކުމެ، ސައިފް އޮތް ކޮޓަރީގެ ދޮރުގެ ތަޅުގައި މަޑުމަޑުން ހިފާލިއެވެ.އެހެންރޭރެއާ ޚިލާފަށް މިރޭ ސައިފް ހުރީ ކޮޓަރި ދޮރު ތަޅު ނުލައެވެ.އެހެންކަމުން ނައިޝާ މަޑުމަޑުން އެކޮޓަރީގެ ދޮރު ހުޅުވާލިއެވެ.އޭރު ސައިފް އެނދުގައި ނިދާފައި އޮތެވެ.
ނައިޝާ މުޅި ކޮޓަރިއަށް ނަޒަރު ހިންގާލީ،ސައިފްގެ ފޯނު ހޯދާށެވެ.އެނދުކަައިރި ހުރި ކުޑަ ކަބަޑު މަތީގައި އޮތް ސައިފްގެ ފޯނު ފެނުމުން މަޑުމަޑުން ނައިޝާ އެދިމާލަށް ދިޔައެވެ.އަދި ވަރަށް ސިއްރުން އެނދުކައިރި ހުއްޓިހުރެ ސައިފް ގެ ފޯނު ހުޅުވާލިއެވެ.
އޭގައި ވަނީ ކޯޑެއްް ޖަހާފައެވެ.ދުވަހަކުވެސް ސައިފްގެ ފޯނުގައި އަތްނުލާ ނައިޝާއަށް، އޭނާގެ ފިރިމީހާގެ ފޯނުގެ ކޯޑެއް ނޭނގުނެވެ.ވިސްނާލުމަށްފަހު ދެތިން ފަހަރަކު ނައިޝާ ހިތަށްއެރި ކޯޑެއް ޖަހާލިއެވެ.ނަމަވެސް އަރަނީ “އިންކަރެކްޓް ޕާސްވޯޑް” މިހެނެވެ.ފޯނާ ކުޅެން ހުރެ ދޭތެރެއަކުން ސައިފް ހޭލާތޯ ނައިޝާ ބަލައިލައެވެ. ފަސް ހަބުރަށް ކޯޑު ޖަހައިގެންވެސް ފޯނު ނުހުޅުވުމުން މާޔޫސްކަން މަތީ ހުރެ، ނައިޝާ އޭނާގެ ކޮޓަރިއަށް އެނބުރި ދިޔައެވެ.
ކޮޓަރިއަށްވަދެ އެނދުގައި އޮށޯވެ ސައިފާ ދޭތެރޭ ނައިޝާ ވިސްނިއެވެ.ދުވަހަކުވެސް ސައިފް ހިތްހަމަނުޖެހޭ ކަމެއް ނައިޝާ ކޮށްފައެއް ނުވާނެއެވެ.ވީއިރު ސައިފް ނައިޝާ އަށް އެހެން ހަދަންވީ ސަބަބެއް ނައިޝާ އަކަށް ނުވިސްނުނެވެ.ގޭގެ ޚަރަދުތައް ބަލަހައްޓަމުން، ވަޒީފާއަށް ދަމުން، ސައިފްގެ އާއިލާއަށްވެސް، ސައިފަށް ވެސް ޚަރަދު ކުރަމުން، ގޭގެ ހުރިހާ މަސައްކަތަކާއި،ސައިފްގެ ހުރިހާ ކަމެއް ކޮށްދޭއިރުވެސް ސައިފް ނައިޝާއާ ދުރުވާން ޖެހޭ ސަބަބެއް އޭނާއަކަށް ނޭނގުނެވެ.
އެހާ ބުރަކޮށް ނައިޝާ އުޅޭއިރުވެސް އޭނާގެ ފިރިމީހާއަށް ކޮށްދެންޖެހޭ އެއްވެސް ޚިދުމަތެއް އުނިވިއަކަ ނުދެއެވެ.ސައިފަަށް ގަނޑިން ގަނޑިއަށް ކާންހަދައެވެ.އަންނައުނުތައްވެސް ހުންނަނީ ދޮވެ،އިސްތިރިކޮށް އަލަމާރިގައި އަޅުވާފައެވެ.ސައިފް ބޭނުން ވަގުތަކު އަންނައުނު ލެވޭނެގޮތަށެވެ.
ނަައިޝާ ކައްކަނީވެސް ސައިފަށް މީރުވާނެހާ ކާއެއްޗިއްސެވެ.ނައިޝާ ކައްކާ އެއްޗެހި މީރު ވާހަކަ ސައިފްވެސް ކުރިން ނައިޝާ ކައިރި ބުނެއެވެ. ކާން ހަދާ ކޮންމެ ފަހަރަކު ޖޫސްތައްޓެއް ނޫނީ ސައިތަށްޓެއް ހުރެއެވެ. ދުވަހަކުވެސް ސައިފް ނައިޝާ ކައިރި މިވެނިކަމެއް ކުރުމަށް ބުނާކަށް ނުޖެހެއެވެ.އެހާވެސް ނައިޝާގެ ޚިދުމަތްތައް ފުރިހަމައެވެ.
ގޭތެރެވެސް ހުންނަނީ ފޮޅާ ސާފުކޮށްފައެވެ.ތަނަަވަސްކަން ބޮޑު އެ އެޕާޓްމެންޓުގަައި އެންމެ ހިރަފުސްކޮޅެއްހާ ހިސާބުވެސް ނުހުންނާނެއެވެ.އެހާވެސް ނައިޝާ ސާފުތާހިރެވެ.ތަނުގެ ސާފުތާހިރުކަމުން ހީވަނީ ދެންމެ ހަދާ ނިންމާފައިވާ ތަނެއްހެނެވެ.ވީއިރު ސައިފަށް ކޮށްދެންޖެހޭ ކަމެއް ނުކޮށްދެވިގެން، ނައިޝާއަށް ގޮތް ހަދާލުމުގެ އެއްވެސް ފުރުސަތެއް ސައިފަކަށް ނޯންނާނެއެވެ.އެކި ޚިޔާލުތަކުގައި އޮތް ނަައިޝާ އަށް ނިދުނީ ވަރަށް ލަހުންނެވެ.
ހެނދުނު 7 ޖެހިއިރު ފެންވަރައިގެން ނައިޝާ ނިކުތީ އާދައިގެމަތިން ސައިހަދާށެވެ.ރޮށި ފިހަން ފުށްގަނޑު މޮޑެން ނައިޝާ ބަދިގޭގައި ހުއްޓާ ސައިފް ސިޓިންރޫމަށް ނުކުތެވެ.ނައިޝާ ފެނުމާއެކު ސައިފް މޫނު ހަދާލިއެވެ.އެމަންޒަރު ފެނުމުން ނައިޝާއަށް ވަރަށް އަސަރު ކުރިއެވެ.
ނައިޝާ ފެނުނަސް ސައިފް ހިތްހަމަ ނުޖެހޭ ކަން ސައިފްގެ ޢަމަލުތަކުންނާއި އޭނާގެ މޫނުމައްޗަށް އަރާ ކުލަވަރުން ނައިޝާ އަށް ދޭހަވިއެވެ.
ޓީވީ ބަލަން ކުޑައިރުކޮޅަކު އިނުމަށް ފަހު، ސައިފް އެނބުރި ކޮޓަރިއަށް ވަނެވެ. ނައިޝާއާއި އެއްތަނެއްގައި މާގިނަ އިރަކު ސައިފެއް ނުހުރެއެވެ.ގޭތެރޭގައި އަވަދިނެތިކޮށް ނައިޝާ އުޅޭއިރު، ކައިވެނިކޮށްގެންވެސް އެންމެފަހަރަކު ނަމަވެސް، ސައިފް އޭނާގެ އަނބިމީހާއަށް ގޭތެރޭގެ މަސައްކަތުގައި އެހީވެދީއެއް ނުހަދައެވެ.
ވަޒީފާއަށް ނުދާތާ، ސައިފްގެ ކަމަކީ ގޭގައި އިންނަ ނަމަ ޓީވީ ބެލުމާއި، އަބަދު ބޭރުގައި އުޅުމެވެ. ގޭގައި ހުންނަ ވަގުތަށް ވުރެ ގެއިން ބޭރުގައި ސައިފް ހޭދަ ކުރާ ވަގުތު ގިނައެވެ.
ސައިފް ހުއްޓަސް އެއީ މިހާރު ނެތް މީހެއް ފަދައެވެ.ކޮންމެހެން ބުނަން ޖެހިއްޖެ އެއްޗެއް ފިޔަވައި،އިތުރު ބަހެއް ނައިޝާއަށް އޭނާ ނުބުނެއެވެ.
ހެނދުނު ސަައި ތައްޔާރު ކޮށް ތަށިތައް މޭޒުމަތީގައި ނައިޝާ އަތުރާލުމަށްފަހު، ސައިފަށް ސައިބޯން ގޮވަން ކޮޓަރިއަށް ވަނެވެ.
ކޮޓަރީގެ ދޮރުހުޅުވާލުމަށްފަހު ނައިޝާ ބޯދިއްކޮށްލިއެވެ. “ވަނުމުގެ ކުރިން ތި ދޮރުގަ ޓަކިދީބަލަ!” ތުވާލި އަނދެގެން ހުރި ސައިފް ދޮރު ކޮއްޕާލައި ތަޅުލަމުން ނުރުހުމުގެ ރާގަށް ނައިޝާއަށް ބުންޏެވެ.
ކޮޓަރި ދޮރުމަތީ ހުރެ ފުން ނޭވާއެއް ދޫކޮށްލަމުން އަލުން ކޮޓަރި ދޮރުގައި ނައިޝާ ޓަކި ދިނެވެ.އެއްޗެހިލުމަށްފަހު ސައިފް ކޮޓަރި ތަޅު ހުޅުވިއެވެ.
“ސައި ހެދިފަހުރީ” ދެރަވެފައި ހުރެ ނައިޝާ ބުންޏެވެ. “ތިހެން ބުނެވޭނެއެއް ނޫންތަ ކޮޓަރިން ބޭރުގަ ހުރެގެންވެސް” ހިތްހަމަނުޖެހި ހުރެ ސައިފް ބުންޏެވެ. “ސައިފް ކީއްވެތަ ނަައި އަށް ތިހެން ތި ހަދަނީ؟…ނައި މީ ސައިފްގެ ވައިފް އެއްނު…. މީ ދުރުމީހެއް ނޫނެއްނު ތިގޮތަށް ކަންތައް ކުރަން…ކީއްވެތަ ތިހާ ތި ދުރުވަނީ ނައި އާ” މޮޅިވެރިކަމާއެކު ނައިޝާ ބުންޏެވެ. “ހެނދުނު ހެނދުނާ ފަށާއިގަތީ ދޯ؟ނެތެއްނު ސަލާމަތެއް!” ރުޅިވެރިކަމާއި އެކު ސައިފް ނައިޝާއަށް ބުންޏެވެ.
“ސައިފް އާދެބަ މިތާ އިށީނދެ ނައި އާ ތިވެގެން އުޅޭ ގޮތުގެ ވާހަކަ ދައްކާލަން” އެނދުގައި އިށީނދެލުމަށްފަހު، ނައިޝާ ސައިފްގެ އަތުގައި ހިފާ އެނދުގައި ބައިންދަން މަސައްކަތް ކޮށްލަމުން އޯގާތެރިކަމާއި އެކު ބުންޏެވެ. “ގައިގަ އަތްނުލާ ހުރެބަލަ!” ނައިޝާގެ އަތް ފޮޅާލަމުން ކުރިއަށް ވުރެ ބާރަށް ބުނެލިއެވެ.ދޮރު ބާރަށް ޖެހުމަށްފަހު ކޮޓަރިން ސައިފް ނިކުތެވެ.
އެނދުގައި އިށީނދެގެން އިން ނައިޝާ ގެ މޫނުމަތިން ހޯސްލާފައި ކަރުނަތައް އޮހޮރިގަތެވެ.ސައިފް ކޮޓަރިން ނިކުތުމުން ނައިޝާ ރޯންފެށިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.





