“ޝުކުރިއްޔާ މަންމާ އާއި ބައްޕައަށް ވެސް” އުފަލުން ނައިޝާ ބުންޏެވެ.ނަައިޝާގެ ދެމެފިރިންނާއި،މަންމައާއި ބައްޕަގެ އިތުރުން ނުހައިކު ވެސް މޭޒުދޮށުގައި ސައިބޯން އިށީނެވެ. “ހާދަ ދުވަހެއް ފަހުންނޭ މި ދިމާވީ…ގުރޭޑް އަށަކަށް މާލެ ބަދަލުވީފަހުން އަދި ކިރިޔާ މި ބައްދަލުވީ….އެވެސް ނައި ހަޔާތެއް ފެށިފަހުން…” ކާމޭޒު ދޮށުގައި އިނދެ ނައިޝާގެ މަންމަ އެހެންބުނުމުން ނައިޝާ ހިނިގަނޑެއް ޖަހާލިއެވެ. “ކުޑާ ކޮއްކޮދިން ގިފްޓް ކަނޑައްޗޭ އިނގޭ” ނުހައިކު ނައިޝާއަށް ބުނެލި އެވެ. ” އާނ ކުޑާގެ ދޫނީ…ކުޑާ ކަނޑާނަމޭ ތެންކިޔު” ނުހައިކު ގެ ބޮލުގައި ފިރުމާލަމުން ލޯތްބާއެކު ނައިޝާ ބުންޏެވެ.

ކައި ނިމިގެން ކޮޓަރިއަށް ވަދެ، ނައިޝާ ނުހައިކު ދިން ހަދިޔާ ކަނޑާލިއެވެ.އޭގައި އޮތީ ސެންޓު ފުޅި އަކާއި ޗޮކޮލެޓެއްގެ އިތުރުން ކާޑެކެވެ.ނައިޝާ ކާޑު ހުޅުވާލުމަށްފަހު،ހިނިތުންވެލިއެވެ.ނުހައިކުގެ އަތުން ޑިޒައިންކޮށް ރީތިކޮށްފައިވާ އެކާޑުގައި “ހެޕީ މެރީޑް ލައިފް ލޯބިވާ ކުޑާއަށް” އަތުލިޔުމުން ލިޔެފަވެއެވެ.ނައިޝާ އެކާޑު އޭނާގެ ހޭންޑު ބޭގަށް ލުމަށްފަހު، ދެމަފިރިންވެސް އަރާމުކޮށްލަން އެނދުގައި ޖައްސާލިއެވެ.

ލަންކާގެ ދަތުރު ނައިޝާމެން ވަރަށް އުފަލުގައި ހޭދަކުރި އެވެ.އެކި ތަންތަން ބަލައިލާ، ދަތުރުގޮސް ހެދިއެވެ.ސައިފްވެސް މި ދަތުރު އާދެވުމުން ހުރީ ވަރަށް އުފާވެފައެވެ.ނައިޝާވެސް މަންމަމެނާ ދުރަށް ދާކަށް ބޭނުމެއްނުވިއެވެ.

“ހަފްތާއެއް ދިޔަ ހެނެއްވެސް ހީނުވޭ… ދުވަސްތައް ހިނގާލެއް އަވަސްކަމުން” އެންމެން އެއްކޮށް ރޭގަނޑު ކެއުމަށް ޖަމާވުމުން ނައިޝާ ބުނެލި އެވެ. ” ދަރިފުޅު ނުވޭ ދޯ ދާހިތެއްވެސް” ހިނިގަނޑެއް ޖަހާލަމުން ނައިޝާގެ ބައްޕަ ބުނެލި އެވެ. ” އާނ…މާދަން ރޭ ފުރަންވީ މާލެ ދާން” ނައިޝާ އެހެންބުނުމުން އަދި މަޑުކުރުމަށް އޭނާގެ މަންމަ އެދުނެވެ.

“މަޑު ކުރަން ވަރަށް ބޭނުންވޭ…އެކަމް ސައިފްގެ ޗުއްޓީ ހަމަވާނެ މާދަންނޫން އަނެއްދުވަހު”ނައިޝާ ބުންޏެވެ. “އާނ..ވަޒީފާގަ އުޅެންޏާ ނުހުރެވޭނެ ބޭނުން ދުވަހަކު….ކޮން ވަޒީފާއެއް އަދާކުރަނީ ސައިފް” ނައިޝާގެ ބައްޕަ ސައިފަށް ބުންޏެވެ. ” އެއާޕޯޓް ސެކިއުރިޓީގެ ވަޒީފާ” ސައިފް އެހެންބުނުމުން ލިބޭ އުޖޫރަ ބައްޕަ އަހާލިއެވެ.” 12ހާސް ރުފިޔާ” ސައިފް ޖަވާބު ގައި ބުންޏެވެ.

ރޭގަނޑު ކައި ނިމިގެން ނައިޝާ ފޮށި ތައްޔާރު ކުރަން އުޅުނެވެ. “އަދި މަޑުކޮށްލަން މަށަށް ފެންނަނީ” ސައިފް ނައިޝާއަށް ބުންޏެވެ. އެހެންނަމަވެސް ސައިފްގެ ވަޒީފާ ގެއްލިދާނެތީ އެކަމަށް ނައިޝާ އިންކާރުކުރިއެވެ.

“ދަރިފުޅު އާދެބަލަ” ކޮޓަރީގައި ޓަކި ދިނުމަށް ފަހު ނައިޝާގެ މަންމަ ނައިޝާއަށް ގޮވާލި އެވެ.ދޮރު ހުޅުވާލުމަށްފަހު މަންމައާއެކު ނައިޝާ، އޭނާގެ މައިންބަފައިންގެ ކޮޓަރިއަށް ވަނެވެ. “ކިހިނެތްވީ މަންމާ؟….ކޮބާ ބައްޕަ؟” އެނދުގައި އިށީނދެލުމަށްފަހު ނައިޝާ އަހާލިއެވެ. “ބައްޕަ އާއި ކޮއްކޮވީ ދުއްވާލަން ގޮސް މަންމަ މިގޮވީ ދަރިފުޅަށް އެއްޗެއް ދޭންވެގެން” އަލަމާރި ހުޅުވާލުމަށްފަހު ޕޯހެއް ނަގަމުން ނައިޝާގެ މަންމަ ބުންޏެވެ.

އަން…މީ ނައިގެ އެއްޗެއް….މަންމަމެން  ކޮންމެ ކުއްޖަކުވެސް އުފަންވީއްސުރެ އަމިއްލަ ހަޔާތެއް ފަށަންދެން، ކޮންމެ ކުއްޖަކަށްވެސް ރުފިޔާ އެއްކޮށްދެމުން މިގެންދަނީ”ނައިޝާގެ އަތަށް ކޭޝް ކާޑެއް ދެމުން އޭނާގެ މަންމަ ބުންޏެވެ. “ތީގަ އިންނާނެ މިލިއަނަކާ ގާތްކުރާ ވަރަށް ރުފިޔާ…..ދޮންތަގެ އާއި ތުއްތަގެ ކާޑު މަންމަ ދީފިން އެމީހުން ކައިވެނި ކުރި ދުވަހު….މިހާރު ނައިގެ ކާޑު މިދެނީ….ދެން އިނީ ނުހައިކު ކޮއްކޮގެ ކާޑު އެކަނި….ކާޑުގެ ކޯޑު ނައިގެ ފޯނަށް މަންމަ ފޮނުވާފަ އިންނާނީ” ނައިޝާ ކޭޝް ކާޑުގައި ނުހިފަން އުޅުމުން އޭނާގެ މަންމަ ބުންޏެވެ.

” ދެން ތި ނުދިނަސް ބޭނުންވާ ކަންތައްތައް ނަައިއަށް ކޮށްދެމެއްނު” ނައިޝާ ބުންޏެވެ. “އުހު… ކޮންމެ ކުއްޖަކަށް ދޭ އެއްޗެއްވީމަ ނައިއަށްވެސް ލިބެން ވާނެ…ނައިގެ ފުލޯގެ ތަޅުދަނޑި ދޮންތަ އަތުގަ އޮންނާނެ…ނައި ދިޔާމަ ދޮންތަ ދޭނެ…އެތަން ޝަރޫނާ ލައްވަ ދޮންތަ ސާފުވެސްކޮށްފި މިހާރު”ނައިޝާގެ މަންމަ ބުންޏެވެ. ” ދަރިފުޅު ހާސްނުވެބަލަ ﷲ އިރާދަފުޅުން މަންމަމެންނަށް ރުފިޔާ ލިބޭ…ތިންކުދިންނަށް ތިން ފުލޯ ދީފަވެސް ބާކީ ހުރި 17 ފުލޯގެ ކުލިއާއި ދެފިހާރައިން ލިބޭ އާމްދަނީގެ އިތުރުން މިތާ މަންމަމެން ހުޅުވައިގެން އުޅޭ ފިހާރައިންވެސް އާމްދަނީ ލިބޭ…މިގެޔާއި ފިހާރަ މަންމަމެން އެއްފަހަރާ އަގު ދީފަ ގަނެފަ ހުރުމުން މިތަންތަނަށް ކުލި ދޭކަށް ވެސް ނުޖެހޭ” ނައިޝާ އަށް އޭނާގެ މަންމަ ބުންޏެވެ.

އެއާޕޯޓަށް ނައިޝާމެން ފުރުވަން އޭނާގެ މައިންބަފައިން ދިޔަައެވެ.ޗެކިންނަށް ވަނުމުގެ ކުރިން ނައިޝާމެނަށް އެމީހުން، ކައިވެންޏާއި ބެހޭ ގޮތުން ވަރަށްގިނަ ނަސޭހަތް ދިނެވެ.ޗެކިންތެރެއަށް ވަންނަން ދިޔަ ނައިޝާ ހުރީ ފެންކަޅިވެފައެވެ.މަންމަނެނާ ދެން ބައްދަލުވެވޭނެ ދުވަހެއްގެ ނޭނގޭތީ އެވެ  “ދެރަނުވޭ ނައީ…މީ މުޅިއުމުރަށް ވަކިވަނީކީ ނޫނެއްނު….ވަރަށް އަވަހަށް ނައިއަށް މަންމަމެނާ ބައްދަލުވެވޭނެ.” ދެރަވެފަ ހުރި ނައިޝާ ގަޔާ ކައިރިކޮށްލަމުން ސައިފް ބުންޏެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އިން ނުކުމެގެން ނައިޝާގެ ދެމަފިރިން އައިސް ހުއްޓުނެވެ.އޭރު ޑުރައިވަރު ކަމާލް ދޮންތަގެ ކަޅު ޕުރައިވެޓް ކާރުގައި މަޑުކޮށްގެން ހުއްޓެވެ.ނައިޝާމެން އައިސް ކާރަށް އެރުމުން ކަމާލް ކާރު ދުއްވާލިއެވެ. “މެޑަމް ހަނީމޫން ދަތުރު ކިހިނެއް؟…ބޮޑު ބޮސްމެނާ ކޮއްކޮ ރަނގަލުތަ؟” ޑުރައިވަރު ކަމާލް އެހިއެވެ. “އަލްހަމްދުލިއްލާހި ރަނގަޅު” ހިނިތުންވެލަމުން ނައިޝާ ޖަވާބު ގައި ބުންޏެވެ.

ގޭދޮރުމައްޗަަށް ކާރު މަޑުކޮށްލި ވަގުތު ނައިޝާގެ ދޮންތަ ތިރިއަށް ފޭބުމަށްފަހު ތަޅުދަނޑި ނަައިޝާ އަތަށް ލަައިދިނެވެ. ލިފްޓަށް އަރާ ތިންވަނަ ފުލޯ އަށް ނައިޝާމެން ފޭބިއެވެ.ތަޅަށް ތަޅުދަނޑި ޖެހުމަށްފަހު ދޮރުން އެތެރެއަށް ނަައިޝާގެ ދެމަފިރިން ވަނުމުން ފަހަތުން ކަމާލް ވެސް ފޮށި ހިފައިގެން ވަނެވެ. “ކަމާލް އޯކޭ ތޭންކްސް “ފޮށީގައި ހިފަމުން ނައިޝާ ބުންޏެވެ.

“އާދޭ ދޮންތަ ބަޔަށް ކާން” ނައިޝާގެ އެޕާޓްމެންޓަށް ބޯދިއްކޮށްލުމަށްފަހު އޭނާގެ ދޮންތަ ބުނެލި އެވެ. ނައިޝާގެ ދެމަފިރިން މެންދުރުކެއުމަށް ދޮންތަގެ އެޕާޓުމަންޓަށް ދިޔައެވެ.

“މިތާ ހުރި ނައިގެ އެއްޗެހިތައް ޝަރޫނާ ނައިގެ އެޕާޓުމެންޓަށް ލާފަހުންނާނެ” ނައިޝާއަށް އޭނާގެ ދޮންތަ ބުނެލި އެވެ.  “އެހެންތަ” ނައިޝާ ބުންޏެވެ.

ކައި ނިމިގެން ނައިޝާމެން އެނބުރި އެޕާޓުމެންޓަށް އައެވެ. “ކެއުމަށް ނުބެލެން ފެށީމަ އަނެއްކާ ވެސް ފަަލަވެއްޖެ ޑައިޓް ފަށަން އުޅެންވީ” ނައިޝާ ސައިފަށް ބުންޏެވެ. “ނަައިވެސް ބޭރުމީހެއް ހޯދަންވީއެއްނު ގޭގެ ކަންކަން ބަލަހައްޓަން” ސައިފް ބުންޏެވެ “ނޫން….ނައި ބޭނުމެއްނުވޭ… ގޭގެ ކަންކަން ނައިއަށް ވާނެ”ނައިޝާ އިންކާރުކުރިއެވެ. “އެކަމް ތިގޭ އެންމެންވެސް އެއުޅެނީ މީހުން ލައިގެން ވިއްޔަ” ސަައިފް އެހެން ބުނުމުން އެހެން މީހުންނަށް ކަންކަން ކުރަން ހަވާލުކުރަން ބޭނުން ނުވާ ކަމަށް ނައިޝާ ބުންޏެވެ.

 

 

86