ރަތްވިލާ އޮއްސި އަނދިރިވާތަން ބަލަން އަހަރެން ބްރިޖް ވިއުގައި ހުރީ އެއްވެސް ފޫހިކަމެއްނެތިއެވެ. އުޑުމަތީގައިވާ ވިލާކޮޅުތައް ފަވާލެވިފައިވާ އިރުގެ ރަތް ދޯދި ތަކުގެ ރީތިކަން ބަލަން ބޭނުންނުވާނީ ކާކުހެއްޔެވެ؟ އަހަރެން މި އިންނަނީ ޖޫގޯ އެއް ބޯލަ ބޯލާ މިތާ އުޅޭ ޖޯޑުތަކުގެ ކުޅިވަރު ބަލާށެވެ. ބަޔެއްފަހަރު ލަދުން މޫނުމަތީ އަތް އަޅާވަރުވެސް ވެއެވެ. މިހެން އެތައް އިރެއް ވަންދެން އިނދެފައި އަހަރެން ހިނގައިގަތީ އާރޓިފިޝަލް ބީޗާ ދިމާއަށެވެ. އާދައިގެ މަތިން ހުއްދަ ލިބިފައިވާ ދުއްވާއެއްޗެއް ނޫނީ މަގުމަތިން ނުފެނެއެވެ. ވަކި ހަމާއަކަށް ދެވުނުތަނާހެން އަހަންނަށް އައި ފޯނުކޯލަކަށް ޖަވާބުދޭން އަވަސްވެގަތީމެވެ. “ހަލޯ..” މަހު މުސާރަ ޖަމާވި ވާހަކަ ބުނެލަން ގުޅީ ބޮޑު މީހާއެވެ. އަހަރެން ހުރީ އޭޓީއެމް ކައިރީ ކަމަށް ވުމުން މަގު ހުރަސް ކުރަން ހިނގައިގަތީ ރުފިޔާއެއް ނަގާށެވެ. ނަމަވެސް ކަންތައްތައްވީ ހީކުރިގޮތަކަށް ނޫނެވެ. ޒިބްރާ ކްރޮސް މަތިން ހިނގާފައި އަހަރެން މަގު މެދަކާ ހަމައަށް އެރިތަނާހެން ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ އަހަރެންގެ ގައިގައި ޖައްސާފިއެވެ. ހަނދާންވަނީ ވަރަށް ދުރަށް ވިސްސައިގެން ގޮސް ބޯ ޖެހުން ހާނދާނެކެވެ. ލޯހުޅުވޭތޯ އެތައް މަސައްކަތެއް ކުރިނަމަވެސް އެކަމެއް ނުވެއެވެ.

ކައިރީ ބައިވަރު މީހުން އުޅޭ އަޑު އިވެއެވެ. އެމްބިއުލެންސް ގެ ވަރުގަދަ ސައިރެންގެ އަޑުން މުޅި ހިސާބުގެ ހަމަ ހިމޭންކަން ނަގާލާފައި ވެއެވެ. އަހަރެންގެ ގައިން އަޅަމުންދާވޭން އެހެން މީހަކަށް އިޙުސާސް ނުކޮށްލެވޭނެއެވެ. ހީވަނީ މުޅިމީހާ އެއްކޮށް ފުނޑިފައި ވާހެނެވެ. ނަމަވެސް އެވަގުތުކޮޅު އަހަރެންގެ އަތުގައި މީހަކު ހިފިކަން އިނގުނެވެ. އެ ހޫނު އަތުން އަހަރެންގެ އަތުގައި ހިފާ އަނެއްއަތުން އަހަރެންގެ މޫނުގައި ބީއްސައިލައިގެން ހުރި މީހަކީ ކާކުކަމެއް އަހަންނަކަށް ނޭނގެއެވެ. ގަދަ ނޫކުލައިގެ ހެދުމެއް އަޅައިގެން ހުރި މިމީހާ ގެ މޫނު ސާފު ނުވީ ލޯމައްޗަށް އަނދިރިވެފައިވާލެއް ބޮޑުކަމުންނެވެ.

ކޮންމެދުވަހަކު އަހަރެން ކައިރީ އެތައް ވާހަކައެއް ދައްކާ މަޖާކޮށް ހަދާ ބަޔަކު އުޅޭކަން އިނގެއެވެ. އަދި އަހަރެންގެ އަތުގައި އެތައް އިރެއްވަންދެން ހިފަހައްޓައިގެން މީހަކު އިންނަހެންވެސް ހީވެއެވެ. މިއީ ނުނިމޭ ހުވަފެނެއްހެއްޔެވެ؟ ހޭލަން ބޭނުންވިޔެއް ކަމަކު އެކަމެއްނުވެއެވެ. މިހެން ކިތަންމެ ދުވަހެއް އޮވެވިއްޖެކަން އިނގެނީ ކައިރީގައި ތިބޭމީހުން އަދިވެސް ނުހޭލައިދޯއޭ ކިޔާ އަޑު އިވޭތީއެވެ.

އެހެން ދުވަސްތަކެކޭއެއްފަދައިން މިއަދުވެސް ފަތިސްނަމާދުގެ ބަންގީގެ އަޑުއަހާލަން އަހަރެން އޮތީމެވެ. އަހަރެންގެ ބޮލުގައި ރިހެނީ ވަކިވަރަކަށް ނޫނެވެ. ނިތް ކުރީގައި އަތް އަޅައިލެވުނީ ބޭއިޚްތިޔާރުން ތަދުވާލެއް ބޮޑުކަމުންނެވެ. އަދި މަޑުމަޑުން ލޯ ހުޅުވައިލިއިރު ކަނާތްފަރާތުގައި ބޯ ޖަހައިލައިގެން އޮތީ ފިރިހެން ކުއްޖެކެވެ. އަހަރެންގެ އަތުގައި ހިފާލައިގެން ނިދާފައި މިއޮތީ ކާކުކަމެއްވެސް ނޭނގެއެވެ. އޭނާގެ ބޮލުގައި އަހަންނަށް ފިރުމައިލެވުނީ ކީއްވެގެން ކަމެއްވެސް ޚުދު އަހަންނަކަށް ނޭނގެއެވެ. މިހެން އިންދައި، އަހަރެން ހޭއެރި ކަމުގެ ޚަބަރު ޑަކުޓަރަކަށް އެތާހުރި ނަރުސް ކުއްޖެއް ދިނެވެ. އަދި ނަރުހުން އައިސް އަހަރެން ވަށާލިއިރު ކައިރީއޮތް ކުއްޖާގެ މޫނު ބަލައިލާނެ ފުރުސަތެއްވެސް ނުލިބުނެވެ. “ސަރާ.. މާބޮޑަށް އަދި ނުވިސްނާތި. މަޑުމަޑުން ވީގޮތް އިނގޭނެ. ހުރިހާ ކަމެއްވެސް ބަރާބަރުވާނެ އިރާދަކުރެއްވީތީ” އަހަރެން ގަޔަށް ގުޅާފައިވާ ވާގަނޑުތަކެއް ވަކި ކުރަމުން ޑަކުޓަރު އަހަންނާ ވާހަކަ ދެއްކިއެވެ. “ފިއާންސޭ ތަ އެއީ. މަސްދުވަސް ވީއިރުވެސް އެހެންމީހެއް ނުދެކެން މިތާކުން.” ނަރުސް ކުއްޖާ އަހަންނާ ވާހަކަދެއްކިއިރު އަހަރެން ހުރީ ވާނުވާގައެވެ. އަހަރެން ކައިރީ އެހުރީ ކާކު ހެއްޔެވެ؟ އަހަރެން މީ މީހަކާ ރައްޓެހިވެގެން އުޅޭމީހެއްވެސް ނޫނެވެ. ނަމަވެސް މިހާރު މީކާކުތޯ ބަލަން ވަރަށް ބޭނުންވެއްޖެއެވެ.

“ސަރާ…” އެތައް އިރެއްވަންދެން އެކަނި އިންދައި އެއްކަލަ ފިރިހެން ކުއްޖާ ވަނެވެ. މަޑުމަޑުން އަހަރެންގެ ކައިރިއަށް އައި އިރު އެކުއްޖާގެ މޫނުމަތިން ފެންނަނީ އުފާވެރިކަން ނޫނީ ހިތާމަވެރިކަމެއްވެސް ނޭނގެއެވެ. ބަލަން ހުރެފައި އަހަރެންގެ ގައިގައި ބައްދާލީ ނުހަނު އޯގާތެރިކަމާއެކީ މަޑުންނެވެ. އަހަރެން އެކުއްޖާގެ ކޮނޑުގައި ހިފާ ދުރުކޮށްލާ މޫނަށް ބަލައިލިއިރު ފެންނަނީ މާޔޫސްވެފައިވާ މޫނެކެވެ. ކަރުނުން ތެމިފައިވާ ދެލޯ ފޮހެލަދިނީމެވެ. އަދި ގާތްކޮށްލާ އަހަރެންވެސް އެކުއްޖާގައިގައި ބައްދާލީ އެގަޑީ އިތުރު އެއްވެސް ސުވާލެއްކުރަން ބޭނުންނުވީމައެވެ.

3

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!