ކުއްލިއަކަށް ކަންފަތުގައި ޖެހުން އަޑަކީ ކޮޓަރި ދޮރުގައި މީހަކު ޓަކިޖަހައި އަޑެވެ. އަލްތާފް ގޮސް ކޮޓަރި ދޮރު ހުޅުވައިލިއެވެ. ދޮރުމަތީ ހުރީ ވަރުދާއެވެ. އެ ހިސާބުން އަލްތާފްއަށް ހޭލެވުނެވެ. އަލްތާފްއަށް ފެނުނީ ހުވަފެކެވެ. އަދި ހެނދުނެއް ނުވެސް ވެއެވެ. އަދި ދަންވަރެވެ. އަލްތާފް އަލުން ނިދަން އޮށޯތެވެ. އަދި ހާރުކާން ހޭލާންވެސް ޖެހޭނެއެވެ.
“އަލްތާފް އަލްތާފް ” އާމިނާ ގޮވަންފެށިއެވެ. އަލްތާފް ހޭލިއެވެ. ދެލޯ އުނގުޅަންފެށިއެވެ. ” ދަރިފުޅާ ހާރުކާން ތެދުވޭ” އާމިނާ ބުނެލިއެވެ. އަލްތާފް ފާޙާނާއަށްވަދެ ދަތްއުނގުޅައި މޫނުދޮވެލައިގެން ހާރުކާން ދިޔައެވެ. މަންމައާއި ކޮއްކޮ އޭރު ކާކޮޓަރީގައި އިނެވެ. ހާރަށް ހުރީ ގަރުދިޔައާއި ބަތާއި ފިހުނުމަހެވެ.ކިރު ހަކުރުވެސް ހުއްޓެވެ. އަލްތާފް ހާރުކައިގެން ކޮޓަރިއަށް ގޮސް ފަތިސްނަމާދު ބަންގިގޮވަންދެން އެނދުމަތީ އޮއްތާލައި އޮތެވެ. ފަތިސް ނަމާދުވަގުތު ވުމުން ނަމާދުކޮށްގެން އަނެއްކާވެސް ނިދަން އޮށޯތެވެ.
އަލްތާފްއަށް ހޭލެވުނީ ނުވައެއްޖަހާއިކަށް ހާއިރެވެ.ދުވަސްދިޔައީ ވަރަށް ފޫހިކޮށެވެ. ޓީވީ ބަލާހިތެއް ގޭމެއް ކުޅެލާހިތެއް އެސްފިޔަ ވާހަކަ ސައިޓަށްވަދެ ވާހަކައެއް ކިޔަން އޮންނަ ހިތެއް ނުވިއެވެ. އިންތިޒާރު ކުރެވެނީ ހަވީރަށެވެ.
އެތައް ވަގުތަކަށްފަހު އެ ވަގުތު އަތުވެއްޖެއެވެ. ހަވީރުވެއްޖެއެވެ. އަލްތާފް ފެންވަރައިލައި ގަޔަށް ސެންޓު ބުރުވައިލިއެވެ. ފިޔާތޮށިކުލައިގެ އަތްދިގު ގަމީހަކާއި އަޅިކުލައިގެ ފަޓުލޫނެއްލިއެވެ. އެއަށްފަހު ބޮލުގައި ޖެލްލައި ފުނާއަޅަންފެށިއެވެ. އެވަގުތު މީހަކު ދޮރުގައި ޓަކިޖެހިއެވެ. އަލްތާފް ދޮރުހުޅުވައިލިއެވެ. ދޮރުމަތީ ހުރީ އަލްތާފްގެ މަންމަ އާމިނާއެވެ. ” މަންމާ ކަމަކުތަ؟” އަލްތާފް އެހިއެވެ.

” ކޮންތާކަށް ދާން ހާދަ ރީތިވެގެން؟” އާމިނާއެހިއެވެ. ” މި މި ތުނޑިއަށްދާން” އަލްތާފް ބުނެލިއެވެ. ” ތުނޑިއަށް ދާށޭ. ތިހައި ރީތިވެގެން. އެކަނިތަ؟ ކޮއްކޮވެސް ގޮވައިގެން ދާންވީނު.
ގޭގައި އެކަނިއިންނަން ފޫހިވާނެއްނު”އާމިނާ ބުނެލިއެވެ.
އަލްތާފްއަކަށް ހަދާނެގޮތެއް ނޭނގުނެވެ. އާމިނާ އަފާފްއަށް ގޮވައި އަފާފް ގެނައެވެ. ” ދަރިފުޅާ ބޭބެ އެދަނީ ތުނޑިއަށޯ . ދަރިފުޅުވެސް ދާންވީނު ބޭބެއާއިއެކު” އާމިނާ ބުނެލިއެވެ.
“ތުނޑިއަށޭ” އަފާފްއަށް ބުނެވުނެވެ. އަލްތާފް އިޝާރަތުން ނޫނެކެ ބުނުމަށް އެންގިއެވެ. ” ނޫން މަންމާ ދާހިތްނެތް”އަފާފް ބުނެލިއެވެ. ” ދެން ދޭބަލަ” އާމިނަ ބުނެލިއެވެ.
“އެކަމަކު އަޅުގަނޑު މިއުޅެނީ އުޝާގެޔަށްދާން” އަފާފް ބުނެލިއެވެ.
ހިތްއުފަލުން ފޮޅިފައިވާހާލު އަލްތާފް ތުނޑިއަށް އަވަސް ފިޔަވަޅުތަކެއްގައި ހިނގަމުންދެއެވެ. އަލްތާފްގެ ހިތް އުދުހެނީއެވެ. ނަށަނީއެވެ. ލަވަކިޔައި މަޖާކުރަނީއެވެ.
ތުނޑިމައްޗަށް އާދެވިއްޖެއެވެ. ސާފުވައިޖެހެއެވެ. ރުއްރުކުގެ ފަންތައް ވަޔާއެކު ހެލިލައެވެ. ރުކުގެ އިތުރުން މަގޫގަސްތަކާއި ފުނަގަހާއި ދިއްގާގަހާއި ކުރެދިއާއި ކަށިކެޔޮލާއި ބޯކެޔޮގަހާއި މިދިލި ގަސްތައް ހެދިފައިވެއެވެ. ސާފު ހުދުހުދު ހިމުން ވެއްޔެއެވެ. ސާފު ނޫ މޫދެކެވެ. މަޑުމަޑުން ރާޅުތައް އައިސް ހިމުންހުދުވެލީގެ ފަސްގަނޑުގައި ބީހިލައެވެ. ބިޔަރާޅެއްނުނަގައެވެ.
ކުދި ކުދިކަކުނިތައް ދޮންވެލިގަނޑުމަތީ ދުވެއުޅެއެވެ. އަލްތާފް ސައުދާއާއި ވަރުދާ ފެނޭތޯ އެކިދިމަ ދިމާ ބަލައި ހަދަމުން ގެންދެއެވެ. އެންމެފަހުން އެދެމީހުންނާއި ދިމާވެއްޖެއެވެ.
“އަހާނ އަލްތާފް މިތާތަ؟” ސައުދާ އެއްޗެއް ނޭނގޭ ކަމަށް ހަދައި އެހިއެވެ. ވަރުދާ އަލްތާފްއަށް އިސްއުފުލައި ބަލައިލެވުނެވެ. ވަރުދާ ހުރީ ހުދުކުލައިގެ އަތްކުރު ހުދު ޓީޝާޓެއް ލައިގެންނެވެ. ދަށުން ބޮޑީޝޫޓަކާއިއެކުއެވެ. އެ ޓީޝާޓުގައި ބޮޑު ރަތްހިތެއް އިނެވެ. ނޫ ޖިންސެކެވެ. ހިމަ ރަތްކުލައިގެ ކުރުބެލްޓެއް އަޅައިފައެވެ. ރަތް ބުރުގަލެކެވެ. ” ސައުދާއާއި ވަރުދާ ކީއްކުރަނީ؟” އަލްތާފް އެހިއެވެ. ” މިއީ ދެން ހަވީރު ފިންޏަށް ރޯދަކުރުކޮށްލަން ތުނޑިއަށް އައިސްލީ” ސައުދާ ބުނެލިއެވެ. އަލްތާފްއަށް ހިނިތުންވެވުނެވެ. ” އޭ ވަރުދާ އަހަރެން އަންނާނަން” އިޝާރަތުން ކުޑަގިފިލިކުރަން ދަނީކަމަށް އޭނަ ބުނެފައި ހިނގައްޖެއެވެ. ހަގީގަތުގައި އެ ދިޔައި އެހެންވެގެންނެއްނޫނެވެ. އަލްތާފް އާއި ވަރުދާ ދެމީހުން އެކަނިކޮށްލާށެވެ.
“ހައި” އަލްތާފް ވަރުދާއަށް ބުނެލިއެވެ. “ހައި ” ވަރުދާވެސް ބުނެލިއެވެ. ” ހިނގާ މިތާ ދޮންވެލިގަނޑުމަތީ އިށީނދެ ވާހަކަދައްކައިލަން” ދެފައި ތަޅުވަ ތަޅުވައި އިރުކޮޅަކު ހުރެފައި ފަޓުލޫނު ޖީބަށް އަތްޖަހައިލައިފައި އަލްތާފް ބުނެލިއެވެ. ވަރުދާ އެ ހިމުން ދޮންވެލިގަނޑުމަތީ އިށީނދެއްޖެއެވެ. އަލްތާފް ވަރުދާގެ ކައިރީގައި އިށީނނެއެވެ. އަލްތާފްގެ ހިތް ބާރުބާރަށް ތެޅެންފެށިއެވެ. އަތްފައި ފިނިވާންފެށިއެވެ. “ވާހަކަދައްކަންވީނު ދެން” އަލްތާފް މަޑުން އިނުމުން ވަރުދާ ބުނެލިއެވެ.
“ރޯދަތަ؟” އަލްތާފްއަށް އަހައިލެވުނީ އެހެންނެވެ. ވަރުދާ އާއެކޭ ބުނެ ޖަވާބުދިނެވެ. ” ރޯދަ ވަރުބަލިތަ؟” ކުޑައިރުކޮޅެއްފަހުން އަލްތާފް އެހިއެވެ. ވަރުދާ ނޫނެކޭ ބުނެ ޖަވާބުދިނެވެ. އެ ސުވާލު ވަރުދާ އަލްތާފްއާއިވެސް ކުރިއެވެ. އަލްތާފްވެސް ބުނީ ނޫނެކޭއެވެ. “ރޯދަވީއްލަން ކޯންޗެއް ހަދަނީ؟” އަނެއްކާވެސް އަލްތާފް އެހިއެވެ. ” އޯ ގޮޑް. ސައި ހަދަންދާންވީ” ވަރުދާ އިންތަނުން ތެދުވެ އަވަސްއަވަހަށް ދާން ހިނގައިގަތެވެ.
” ވަރުދާ ވަރުދާ ވަރުދާ މަޑުކޮށްބަލާ” އަލްތާފް ގޮވަންފެށިއެވެ. އެކަމަކު އޭނަ ހިނގައްޖެއެވެ. އަލްތާފް ހިތަށް އެރިއެވެ. މިއީ ރަގަޅު ކުއްޖެކެވެ. ރަގަޅު ހޮވުމެކެވެ. ހަ ރޯދަ ހިފައެވެ.ކައްކައި ކާންހަދައެވެ. އެއީ އަންހެންކުއްޖެއްގެ ކިބައިގައި ހުންނަންޖެހޭނެ ސިފައެކެވެ. ހަޔާތުގެ ބައިވެރިއަކަށް ރަގަޅުވާނީ ދީންވެރި އަޙްލާޤް ރަގަޅު ގެވެށިއަންހެންކުއްޖެކެވެ.
” ވަރުދާ ދިޔައީތާ؟ ސައުދާ އައިސް ސުވާލުކުރިއެވެ.
ހަ ރޯދަވެރިންގެ ރޯދަތައް ނިމިއްޖެއެވެ. ދެން މަޢްރިބް ނަމާދުވަގުތު ވަންދެން ނުކައި ނުބޮއި ހުންނާކަށް ނުޖެހޭނެއެވެ. ހެނދުނުގެ ނާސްތާ ކުރެވޭނެއެވެ. މެންދުރުގެ ބަތްކެވޭނެއެވެ. ދުވަހަކީ ހުކުރު ދުވަހެކެވެ. އަލްތާފް ގޭގެ ބޭރު ޖޯލިފަތީގައި ބާއްވައިފައި އޮތް ބުދެއްފަދައިން އޮތެވެ. ވަރުދާގެ ޙިޔާލްކުރަނީއެވެ. ވަރުދާ ނުފެންނަތާ ދުވަސްތަކެއްވެއްޖެއެވެ.

0

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!