އައިވިންގެ މުޅި ވުޖޫދުވެސް ކުޑަ ވަޤުތުކޮޅަކަށް ހުއްޓުމަކަށް އަތުވެފައި ވާފަދައެވެ. ފަޒްލާގެ އަނގައިން ބޭރުވެގެން ދިޔަ ކޮންމެ ވާހަކައަކާ އެކު އައިވިންގެ ހިތުގައި ހިފާ މީހަކު ބާރުކުރަމުން ދާފަދަ އިޙްސާސް އެއް ކުރެވިގެން ދިޔައެވެ. އެއްވެސް އަސަރެއް ނެތްފަދައިން އޭނާގެ މަންމަ ޒޯޔާ އަށް ޖެއްސި ހާލު ކިޔައިދެމުން ދިޔައިރު އެއީ ހަޤީޤަތުގައިވެސް އޭނާގެ މަންމަ ބާއޭ އައިވިން ހިތަށް އަރަމުން ދިޔައެވެ. ހިތުގައި އުފެދެމުން ދިޔަ ރިހުމަށް ކެތްނުކުރެވި އައިވިންގެ އަނގައިން މަޑު ވޭނުގެ އާހެއް ބޭރުވެގެން ދިޔައެވެ.
ވާހަކަ ދައްކަމުން ދިޔަ ފަޒްލާއާއި އެވާހަކަތައް ހައިރާން ކަމާއެކު އަޑުއަހަން އިން ޖޫންގެ ސަމާލުކަން ކުއްލިއަކަށް އިވިގެން ދިޔަ އަޑަށް ހުއްޓުނެވެ. އަޑު އައި ދިމާއަށް ބޯ އަނބުރާލަމުން ބަލާލި ފަޒްލާއާއި ޖޫންގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އިށީނދެގެން އިން ލައުންޖް އިން ވަޤުތުން ފަޒްލާ އަށް ތެދުވެވުނެވެ. އޭނާއަށް އައިވިން މޫނުމަތިން ފެންނަމުން ދިޔައީ މީގެ ކުރިން ދުވަހަކުވެސް ފެނިފައިނުވާ ފަދަ އިޙްސާސްތަކެކެވެ. އެދެލޮލުން އައިވިންގެ ހިތުގައި ޖެހިފައިވާ ވަރު އެއްވެސް ހުރަހެއްނެތި ސާފުކޮށް ހާމަވަމުން ދިޔައެވެ. ޝަކުވާއިން ފުރިފައިވާ ބެލުމާއެކު ފަޒްލާއާ އަމާޒުވެފައިވާ އެދެލޮލުން ކީއްވެހޭ އޭނާގެ މަންމައާ ސުވާލުކުރަމުން ދިޔައެވެ.
“އައިވިން.. މަންމަ…” ފަޒްލާގެ މޫނުމަތިން ފެންނަމުން ދިޔައީ ވަގަކު ވައްކަން ކުރަން އުޅެނިކޮށް ފަޅާއެރުމުން ފެންނާނެ ފަދަ ކުލަ ވަރެކެވެ. އަވަސް އަވަހަށް އައިވިންގެ ކުރިމަތީ ހުއްޓި އެމޫނުގައި އަތް ޖައްސާލަން ފަޒްލާ މަސައްކަތް ކުރިއެވެ. އެހެނަސް ފަޒްލާގެ މޫނު ހުތްވެގެން ދިޔައީ އޭނާގެ އަތް ފޯރުމުގެ ކުރިން އައިވިން ފަޒްލާއާ ދުރަށް ޖެހިލުމުންނެވެ. ފަޒްލާގެ އިނގިލި ކުރިިވެސް އޭނާގެ ގައިގާ ޖެހެން އައިވިން ބޭނުން ނުވާފަދައެވެ.
“މިހާރު އަހަންނަށް ވިސްނިއްޖެ.. ބައްޕަ އެބުނީ ތެދެއްކަން..” އައިވިން ހިތްވަރުކޮށްފައި ވާހަަކަ ދެއްކޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. އޭނާގެ އަޑު ކެނޑި ކެނޑިގެން ނިކުން އިރު ދެލޯވަނީ ރަތްވެފައެވެ.
އައިވިން އާއި ހަސަންގެ ބައްދަލުވުމުގެ ހިލަމެއް ނުވެ ހުރި ފަޒްލާގެ މޫނުމައްޗަށް ވެރިވީ ހައިރާން ކަމެވެ. އައިވިން އެ ދެއްކި ވާހަކަ އޭނާއަކަށް ފަހުމެއް ނުވިއެވެ.
“ބައްޕައޭ.. ހަސަން .. ހަސަން ތަ..؟” ފަޒްލާ ވާނުވާ ނޭނގި ހުރެ ސުވާލު ކުރިއެވެ.
“އާން.. މަންމަ އަހަރެންގެ އިޙްސާސްތަކަށް އެންމެ ފަހަރަކުވެސް ވިސްނާލިންތަ..؟” އައިވިންގެ އަޑުގައިވާ ޝަކުވާގެ ތެރެއިން ރުޅިވެރިކަން ވެރިވެގެން ދިޔައެވެ.
“ދަރިފުޅު ތިހެން ނުބުނޭ.. މަންމަ މިހުރިހާ ކަމެއްވެސް ކުރީ ދަރިފުޅަށް…” ފަޒްލާގެ ވާހަކަ މެދުކެނޑިގެން ދިޔައީ އައިވިންގެ އަޑުންނެވެ.
“މަންމަ ތިހުރިހާ ކަމެއް ތިކުރީ އަހަންނަށް ރަނގަޅަކަށް ނޫނޭ.. ކޮން އިރަކުންތަ މަންމައަށް އެކަން ވިސްނޭނީ.. މިއިން އެއްވެސް ކަމަކީ އަހަރެން ބޭނުންވި ގޮތެއް ނޫނޭ.. އަހަރެން ދިރިއުޅުން މިހާރު މިއޮތް ހިސާބު މަންމައަށް އިޙްސާސްކޮށްލެވުނުތަ..؟ ހުރިހާ ކަމެއް އޮޅުން ބޮޅުންވެގެން ގޮސް ދިރިއުޅުމުގެ މާނަވެސް އަހަންނަށް އޮޅިއްޖެ.. ފުރަތަމަ މަންމައަށް އަހަރެން ބޭނުންވާ ގޮތް އެންމެ ފަހަރަކުވެސް ވިސްނުނުތަ..؟ މިހުރިހާ ކަމަކީވެސް މަންމަ ބޭނުންވެގެން މަންމަ އަށް ރަނގަޅަކަށް ކުރިކަން ކަމޭ ނުބުނެވިގެން ތިއުޅެނީ ކީއްވެ…؟” އައިވިން އަށް ފަޒްލާއާ ދިމާއަށް ހަޅޭއްލަވައި ގަނެވުނެވެ. އޭނާގެ ކެތްތެރިކަން ކޮޅުންލައިގެން ދިޔައީއެވެ. އަމިއްލަ މަންމަގެ އަތުން ތިމާގެ ދިރިއުޅުން ހަލާކު ކުރަމުންދާއިރު އޭނާއަށް އެކަން ރެޔަކާލާންޖެހެނީ އަދި ކިރިޔާ ހެއްޔެވެ؟
“އައިވިން.. އެހަށް ތި ރުޅި މަޑުކޮށްބަލަ.. މިތާ އިށީނދެބަލަ.. މިގަޑީގަ ތިހިރީ ދަރިފުޅަށް އެއްވެސް ކަމަކާ ވިސްނޭ ވަރަށް ވުރެ ރުޅިގަދަ ވެފަ.. އެހަށް މަންމަ ދައްކާ ވާހަަކަ ރަނގަޅަށް އަޑު އަހާބަލަ..” ފަޒްލާ އައިވިންގެ ދެއަތުގައި ހިފަހައްޓަމުން އައިވިންގެ ރުޅި ފިނި ކުރެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ.
“ނޫން.. ދެން މަންމަ ދައްކާ ވާހަކަ އަޑު އަހާކަށް އަހަރެން ނެތިން.. މިހުރިހާ ދުވަހުވެސް އަހަރެން އުޅުނީ މަންމަ ދައްކާ ވާހަކަ އަޑުއަހައިގެން މަންމަ ބުނި އެއްޗެއް ޤަބޫލުކޮށްގެން.. އޭގެ ބަދަލުގަ އަހަންނަށް އަހަރެން ލޯބިވާ އެންމެން ގެއްލިގެން ދިޔައީ…” އައިވިން ފަޒްލާގެ ދެއަތް ފޮޅުވާލަމުން ބަލައިލިއިރު އެދެލޮލުގައި ފަޒްލާ އާ މެދު ވީ ނަފްރަތެވެ.
“މަންމަ ޒޯޔާ އަށް އެހާލު ޖެއްސި އިރު އެނގޭތަ ތިކުރެވުނީ ކިހާ ބޮޑު ކަމެއްކަން.. މަޔަކަށް ވެހުރެ އަމިއްލަ ދަރިފުޅާ ފިރިމީހާ ކުރެން އެކަކު އިޚްތިޔާރު ކުރަން ބުނަން މަންމަގެ އިންސާނިއްޔަތު ކަން ކޮބާތަ؟ އެންމެ ފަހުން މަންމަ ބޭނުންވިހެން އަހަރެން ޖޫން އާ ކައިވެނި ކުރީ.. އެކަމުން އަހަންނަށް ލިބުނު އުފަލެއް މަންމަ މިއަދު ދައްކަބަލަ.. ؟” އައިވިން އޭނާގެ ހިތުގައިވާ ހުރިހާ ނަފްރަތަކާއި ޝަކުވާއެއް ފަޒްލާއާ އަމާޒު ކުރަމުން ދިޔައެވެ.
“ދަރިފުޅުގެ ދިރިއުޅުން އުފާވެރިކަން ނުފެންނަނީ އަދިވެސް ދަރިފުޅުގެ މާޒީގަ ދިރިއުޅެން ބޭނުންވާތީ.. އެޚިޔާލު ދޫކޮށް މިހާރަށް ވިސްނަބަލަ.. އަންބަކާ ލޯބި ލޯބި ދަރިފުޅެއް އެބައޮތް.. ކޯއްޗެއްތަ އައިވިން އަށް މަދުވެގެން ތިއުޅެނީ..؟” ފަޒްލާއަކަށް އައިވިންއަށް އޭނާ ހޯދައިދިން ދިރިއުޅުން ކަމުނުދަންވީ ސަބަބެއް ނުވިސްނުނެވެ.
“ލޯބި… އަހަންނަށް މަދުވެގެން މިއުޅެނީ ލޯބި.. މަންމަ އަހަންނަށް ތިހޯދައިދިން ދިރިއުޅުމުގައި ލޯބީގެ ޒައްރެއްގެ މިންވަރުވެސް ނެތްކަން އިޙްސާސްވޭތަ..؟ އަހަންނަށް މަތީ މަޤާމަކާއި ދިރިއުޅޭނެ ތަނަވަސް ދިރިއުޅުމެއް މަންމަ ހޯދައިދިން ނަމަވެސް އެއީ އެއްވެސް ކުލައެއް ނެތް އަނދިރި ދިރިއުޅުމެއް.. ދިރިއުޅުމަކީ ކިހާ އުފާވެރި ހިތްގައިމު އެއްޗެއްކަން އަހަންނަށް އިޙްސާސްކޮށްދިނީ ޒޯޔާ…
ލޯބި ލޯބި ދަރިއެއްގެ ވާހަކަ ދައްކާ އިރު އެއުފާވެރިކަން އަހަރެން ހޯދަން ބޭނުންވީ ޒޯޔާއާއެކު.. މަންމަ އެންމެ ފަހަރަކުވެސް .. އެންމެ ފަހަރަކުވެސް އަހަރެން ބޭނުންވާގޮތް… ” އައިވިންގެ އަޑު ކެނޑިގެން ދިޔައިރު ދެލޮލުގެ ތެރެއަށް ޖަމާވަމުން ދިޔަ ކަރުނަތައް ހިފަހައްޓަން މަސައްކަތް ކުރަމުން ދެއަތް މުށްކަވާ ބާރުކޮށްލިއެވެ.
“އައިވިން… ” ޖޫންއަަށް އައިވިންގެ ހާލު ފެނި އިތުރަށް ދުރުގައެއް ނުހުރެވުނެވެ. ކައިރިއަަށް އައިސް އައިވިންގެ ކޮނޑުގައި ޖޫޫންގެ އަތް ޖައްސާލިއެވެ.
“ކާމް ޑައުން.. ” ޖޫން މަޑު މަޑުން ބުނެލިއެވެ. އެހެނަސް އައިވިން ޖޫންގެ އަތް ފޮޅާލިއެވެ. އައިވިން އެހެން އެއްވެސް މީހަކަށް އޭނާއަށް ގޮތްކިޔައިދޭން ދެން ޖާގައެއް ނުދޭނެއެވެ.
“އަހަންނަށް ރަނގަޅީ ޖޫން މިކަމާ ދުރުގަ ހުރިއްޔާ..” އައިވިން އޭނާގެ އެތެރެހަށީގައި އަނދަމުން ދިޔަ އަލިފާންގަނޑު ފިނިކުރަން މަސައްކަތް ކުރަމުން ދަތްކުނޑި ވިކާލިއެވެ.
“ފެށުނީއްސުރެވެސް އަހަރެމެން ދެމީހުންގެ ވިސްނުން އުޑާބިމާހާ ތަފާތު.. ދެމީހުން ދިރިއުޅުމާ މެދު ދެކޭ ނަޒަރިއްޔާތު ތަފާތު.. ޖޫން އަކަށްވެސް އަހަންނަކަށްވެސް މިދިރިއުޅުމުން ލިބޭނެ ފައިދާއެއް ނޯންނާނެ..މިހާ ދުވަސް ވީއިރު ޖޫން އަށްވެސް އެކަން ވިސްނޭނެ..”
“އެހެން ފިރިހެނެއްގެ ކައިރިއަށް ޖޫން އަށް ދާން ޖެހުނު ސަބަބަކީ އެއީ އެންނު..” ކުއްލި އަކަށް ޖޫންގެ މޫނު ހުދުވެގެން ދިޔައެވެ. އޭނާ ހީކުރިފަދައިން އައިވިން އަށް އޭނަަގެ ސިއްރު ފަޅާއެރީއެވެ. ފަޒްލާވެސް ކުއްލިއަކަށް ދެލޯ ބޮޑުކޮށްފައި ޖޫން އަށް ބަލައިލެވުނީ އިވުނު ވާހަކަ ޤަބޫލުނުކުރެވިގެންނެވެ.
“އަހަރެން ޖޫން ކުށްވެރިއެއް ނުކުރަން.. މިކައިވެންޏަކީ ދެފަރާތުން ކުރެ އެއްވެސް ފަރާތަކަށް ހިތްހަމަ ޖެހުން ލިބޭނެ ކައިވެންޏެއް ނޫން.. ދެން އެންމެ ރަނގަޅުވާނީ އެއްވެސް މާނައެއް ނެތް މިގުޅުން ނިމުމަކަށް ގެނައްޔާ.. އޭރުން ޖޫން ބޭނުން މީހަކާ އެކު އުޅުމަށް ޖޫން އަށް މިނިވަންކަން ލިބޭނެ..
“ނޯ.. އައިވިން ޕްލީސް.. އައި ލަވް ޔޫ..” ޖޫން އައިވިންގެ މިޒާޖަށް އައިސްފައިވާ ކުއްލި ބަދަލާއެކު ހާސްވިއެވެ. މިފަދަ ދަނޑިވަޅެއްގައި އައިވިން ކޮންމެ ފަދަ ކަމެއް ކޮށްފާނެކަމަށްވެސް ޖޫން އަށް ހީކުރެވުނެވެ. އައިސްފައިހުރި ރުޅީގެ ތެރޭގައި ޖޫންގެ އަތުން އައިވިން ބީވެ ދާކަށް އޭނާ ބޭނުމެއް ނޫނެވެ. އަދިވެސް އައިވިންގެ އަންބެއްގެ މަޤާމުގައި ހުންނަން ޖޫން ބޭނުން ވެއެވެ.
“ޔޫ ޑޯންޓް ލަވް މީ ޖޫން.. ޔޫ ޖަސްޓް ލަވް ދި އައިޑިއާ އޮފް އިޓް..” އައިވިން ޖޫންގެ ދެލޮލަށް ބަލާލަމުން ދިން ޖަވާބާއެކު ޖޫންގެ މުޅި ހަށިގަނޑު ފިނިވެގެން ދިޔައެވެ. ދެލޯ ބޮޑުވެގެން ދިޔައިރު ޖޫންއަށް އައިވިންގެ ބަހަށް ދޭނެ ރައްދެއް ނުވިސްނުނެވެ. ކުޑަ ހިނދުކޮޅަކަށް ސިކުނޑީގެ މަސައްކަތް ހުއްޓިފައިވާ ފަދައެވެ.
“ޖޫން… ތީ މިވަޤުތުން ފެށިގެން އަހަރެންގެ އަންބެތް ނޫން.. ” އައިވިން ދެއަތް މުށްކަވާ ބާރުކޮށްލަމުން ބުންޏެވެ. ހަޤީޤަތް އިނގުމަށްފަހު އައިވިން އަށް އިތުރަށް ކެތެއް ނުކުރެވުނެވެ. މާނައެއް ނެތް ގުޅުމެއްގައި ހައްޔަރުވެގެން ދެހިތަށް އަނިޔާވޫންނޫން ކަމެއް ނުވާނެއެވެ.
ޖޫން އަށް ކަންފަތައް އިވުންގޮތް ނުބައި ކަމުގައި ހީކުރެވުނެވެ. ދެފަރާތަށް ބޯހޫރުވާލެވުނު އިރު ފެށުނީއްސުރެ އޭނާ ދުން ހުވަފެންތައް ބިއްލޫރި ތަކެއް ތެޅުންފަދައިން އެކި ދިމަދިމާއަށް ބުރައިގެން ހިނގައްޖެއެވެ. އައިވިން ބުނި ފަދައިން އޭނާއަށް ލޯބުވެވުނީ ހަމައެކަނި އައިވިން އާއެކު ވުމުގެ ޚިޔާލާ މެދުހެއްޔެވެ؟ އޭނާގެ ބަސްނާހާ ހިތް އެގޮތް ޤަބޫލުކުރަން ދެކޮޅު ހަދަމުން ދިޔައެވެ.
“ކައިވެންޏަށްފަހު އަހަރެން ޖޫން އަށް ހޯދައިދިން ކޮންމެ އެއްޗެއް ގެންދިޔަޔަސް މައްސަލައެއް ނެތް.. އެކަމަކު..އިވާން.. އިވާން ގެންދާކަށް އަހަންނަކަށް ޖޫން އަށް ފުރުސަތެއް ނުދެވޭނެ..”
“އައިވިން…! ތިހާ ހިތްހަރުވީ ކޮން އިރަކުތަ…؟ އެއީ އިވާންގެ މަންމައޭ..!” ފަޒްލާއަށް އިތުރަށް ހަމަހިމޭންވެގެން ނުހުރެވުނެވެ.
” ދެން..؟ މަންމައެއްގެ ލަޤަބު ލިބުނީމަ އެހުރިހާ ކަމެއް ނިމުނީތަ…؟ ކިތައްރޭ..؟ އަހަރެން އިވާން ރުއިން ހުއްޓާ ނުލައިގެން އުޅެންޖެހުނީ..؟ ކިތައްރޭ..؟ އިވާންގެ މަންމައަށްވެ ހުރެ ދަރިފުޅު ރޯންފެށުމުންވެސް އުރާލަން ބޭނުންނުވި އިރު ޖޫން އާ އަހަރެން އިވާން ހަވާލު ކުރަންވީތަ..؟ ދަރިފުޅުގެ ރުއިމުން އަސަރެއް ނުކުރެ އަނބުރާ ފުންނިންޖަކަށް ދާން ކެރުނު މީހެއްގެ ހިތުގަ މައިވަންތަކަމުގެ ކުލުނު ހުންނާނެހެނެއް އަހަންނަކަށް ހިޔެއްނުވޭ..”
“މަންމަ އަކަަށްވެ ހުރެ އެޒިންމާ އަދާނުކުރެވުނު ބަޔަކަށް ތިގޮތަށް ވާހަކަ ދެއްކުމުގެ ހައްޤެއް ނޯންނާނެ.. މަންމަވެސް.. އަހަރެން ބައްޕައާ ދުރުކުރުވީ.. އެއީވެސް އަހަންނަށް ރަނގަޅަކަށް ކުރި ކަމެއްތަ..؟ ކީއްވެ..؟ ކީއްވެ އަހަރެން އަނދިރީގަ ބެހެއްޓީ..؟ މިހުރިހާ ދުވަހު.. ހުރިހާ ކަމަކާ މެދު މަންމަ އަހަންނަށް އޮޅުވާލީ.. އަހަރެންގެ މުޅި ދިރިއުޅުން އޮޅުން ބޮޅުންގަނޑަކަށް ހެދީ ހަމަ މަންމަ.. ތިފަދަ މަންމައިންނާ އެމީހެއްގެ ދަރިފުޅު ވީހާވެސް ދުރުގައި ބެހެއްޓިއްޔާ އެންމެ ރަނގަޅުވާނީ..” އައިވިން އޭނާގެ ދެލޮލުން ފައިބަމުންދިޔަ ކަރުނަތައް އިތުރަށް ހިފަހައްޓާކަށް މަސައްކަތެއް ނުކުރެެއެވެ. ހިތުގައި އަޅަމުންދިޔަ ހުރިހާ ވޭނަކާއި ކެކުޅުމެއް އައިވިން ބޭރުކޮށްލުމަށްފަހު އިތުރަށް އައިވިން އެތާ މަޑުނުކޮށް ދާން ހިނގައިގަތެވެ.
“ދަރިފު..ޅާ.. ” ފަޒްލާ ތުރުތުރު އަޅަމުން ދިޔަ އަޑުން ގޮވާލިއެވެ. އައިވިންގެ ކޮންމެ ޖުމްލައެއް އޭނާގެ މެޔަށް ހަންޖަރެއްހެން ހެރިގެން ދިޔައެވެ. ހަޤީޤަތުގައިވެސް އޭނާއަކީ މައިންނަށް ހުރި ހުތުރެއްކަމުގައި ހީކުރެވެން ފެށުނެވެ. ދަރިފުޅުގެ ލޮލުން ފައިބައިގެން ދިޔަ ކަރުނަތަކާއެކު އެދެލޮލުގައިވީ ވޭން އެހިތަށް އަސަރު ކުރުވައިފިއެވެ. ފުރަތަމަ ފަހަރަށް އަމިއްލަ ކުށް ފަޒްލާއަށް ޤަބޫލުކުރެވުނެވެ.
“ކޮންތާކަށް..މަންމަ ދޫކޮށްފަ.. ނުދޭ.. މަންމައަށް މަޢާފް ކުރޭ” ފަޒްލާގެ އިޙްސާސްތައް ކޮންޓްރޯލް އެއް ނުކުރެވުނެވެ. އަޑު ބެދިގެން ދިޔައިރު ފަޒްލާގެ ތުންފަތް ތުރުތުރު އަޅަމުން ދިޔައެވެ. އޭނާގެ ދަރިފުޅު އޭނާގެ އަތުން ބީވެގެން ހިނގައްޖެ ކަމުގެ ހިތި ރަހަ ކަރުބުޑުގައި ލާން ފެށިއެވެ.
“އަހަރެން މިދަނީ ޒޯޔާ ގާތަށް.. އަހަންނަށް ރަނގަޅީ އަހަރެން ހުއްޓުވަން އިތުރަށް މަންމަ މަސައްކަތް ނުކުރިއްޔާ..” އައިވިން ޖަވާބު ދިނުމަށްފަހު ފަޒްލާއާ ފުރަގަސްދީ ހިނގައިގަތެވެ. އައިވިން ދިޔަ ދިމާއަށް ބަލަން ހުރި ފަޒްލާ މުށިތައް މައްޗަށް ތިރިވިއެވެ. ކުށްވެރި ކަމުގެ އީހްސާސުން މުޅި ޖިސްމު ފޯވެ އިތުރަށް ގިސްލާ ރޮވެން ފެށުނެވެ. އެހެނަސް އޭނާ އައިވިން ހުއްޓުވާކަށް އިތުރަށް މަސައްކަތެއް ނުކުރެއެވެ. އޭނާގެ ސަބަބުން އައިވިންގެ ދިރިއުޅުން މިހާރަށްވުރެ ބޮޑަށް ހަލާކުވެގެން ދާކަށް ފަޒްލާ ބޭނުމެއް ނުވެއެވެ.
ކުރިމަތީގައި ނިއުޅެމުންދިޔަ މަންޒަރުތަކަށް ބަލަން ގަބުވެފައި ޖޫން އަށް ހުރެވުނެވެ. ލިބުނު ޝޮކުން އަދިވެސް އަރައިނުގަނެވޭއިރު ހަރަކާތެއް ކޮށްލަންވެސް ނޭނގި ގަނޑުވެފައި ހުރި ޖޫންގެ ކަންފަތުގައި އައިވިން އޭނާއަށް އަމާޒުކުރި ކޮންމެ ޖުމްލައެއް ގުގުމަމުން ދިޔައެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.







Salaam dear readers.. wonder masahkaih kury mibain vaahaka ninmaalan.. ekamaku mi part maa dhiguvaanethy ithuru bayakah fahu bai mi laskohly.. In sha Allah dhn innaany vaahakaige enme fahu bai.. hurihaa kiyuntherin ves vaahakaige nimumah inthizaaru kuraane kamah unmeedhu kuran.. vaahaka ah thidhey support ah varah bodah shukyriyya. Stay safe all❤️❤️
-wonder-
Wonderr mi part ves varh Reethi ingey
I’m curiously waiting for the last part
And are u planing to write another story after this one
Anyway take care
Saranghae??✌
Thank u soo much Naa.. v ufaavejje mi baives kamudhiyaeema.. In sha Allah last part next week thereyga up kohla dheynan.. I do actually have another plot for a story in my mind. So I think I will be writing a new story .. u too tvgc.. lymm?❤️
Maasha allah .. mi baives hama v salhi … and finally aivin knows the truth and glad mihaaru aivin mamma ah vsinuneema .. kiyaa rangalhu dhn zoya ah rangalha treat kuranya … and yo aivin go get your girl! .. cant beleive mi vaahakaa ekee ai journey dhn anna part ga nimeyne kameh vx ? v miss vaane mi story mathin .. my fav story eh viyya … love this story and please dont stop publishing new beautiful stories like these .. well always support your storys .. stay safe ???
Thank u soo much imkko.. yeah same.. I also can’t believe this is coming to an end.. In sha Allah wonder ge new stories kuriyah oih thaanga ves fennaane adhi.. support from readers like u really makes me wanna write more stories and keep moving forward so thank u a lot. U too b safe dear?❤️
Oh my goodness…. Wonder dhooneeeee… Anehkka Mi vaahaka vx ninmaalanee thr… Will miss you soooooo much again ngey my dhoonigandoooo ????????????????????????❤️❤️❤️mibai kiyaalaafa nimey kan inguneema hama handhaan vanee Rai aa Kail ge mathin….
Alhey Aivin avahah dhey dharifulhaa dhoongnaa… Gossaa Zoa aa ekee bas ahaigen ulhelaa… Mi January adhi eba dheyehnnu Aivin kairiah.. Gossa I love you ey bunefi ehnnu ??????????lwbi vaa meehun thelhey vahtharu dhw thee??????hama Azey mathin handhaan vanee ?
Ey dhoonigandooo koba thr Rai menge dharifulhu?? Nikan bodu vaane dhw E manje ??kon nameh thr kee????E goyya hingaane dhw mihaaru… Buney Aish dhahthr salaam bungney manmi ashaa bahppi ashaa kohkki ah?
Ehkala Zaraafa gandu jalun nukunnanee kon irakah thr? ?????
Bye bye dhoonigandooooo ??????????❤️?❤️??????
Corona ah visnaigen ulhehchey ngey lwbi wonderr ????????????????????