Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

އެކުއްޖާ 2 – 29

yooon
yooon 10 Stories100 Comments100 Login100 Stories500 Comments
May 1, 2021 8 Mins Read
1 Comment

* ތެމިފައިވާ ބުޅި އިސްތަށިގަނޑު ތުވާލިން ހިއްކަމުން ދިޔައިރު ކޮޓަރީގައި ޖައްސާފައިވާ އޭސީގެ ފިނިކަމުން އިޒްކާން ތުރުތުރު އެޅިއެވެ. އެނދުމަތީ ބާއްވާފައި އޮތް ގަމީސް ނަގަން އުޅެނިކޮށް އިޒްކާންގެ ފޯނަށް ނޮޓިފިކޭޝަނެއް އައެވެ. ހިޔާންގެ މެސެޖެކެވެ. އިޒްކާންގެ ނިތަށް ރޫގިނަވިއެވެ. މޫނަށް ވައްތަރެއް ޖައްސާލެވުނީވެސް ބޭއިޚްތިޔާރުގައެވެ. އޭނައާއި ހިޔާން ދިމާނުވީތާ ވާހަކަވެސް ނުދައްކާތާ އެތަކެއް ދުވަހެއް ވެއްޖެއެވެ. މިއަދު ކުއްލިއަކަށް ހިޔާންގެ މެސެޖެއް ލިބުމުން އެ ބަލާލަން އިޒްކާންގެ ހިތުގައި ޝައުގުވެރިކަން އުފެދުނެވެ. *

“ނުވައެއް ޖަހަން ވާއިރަށް އޮންލައިންގައި ހުންނައްޗޭ..” ހިޔާންގެ އެ ކުރު މެސެޖް ފެނިފައި އިޒްކާން އަށް އަދިވެސް އޮޅުން އެރީއެވެ. “މިހާރު އެންމެން ހުސް އަރަތް އަރަތުން ވާހަކަ ދައްކަނީ ހުވާ.. އިޒް ދިސް އަ ނިއު ޓްރެންޑް އޯ ސަމްތިން..؟” ނިތްކުރިމަތީގައި އަތް އަޅާލާފައި އިޒްކާންއަށް މަޑު އާހެއް ދޫކޮށްލެވުނެވެ. މިމީހުންނަށް ތަންކޮޅެއް ސާފުކޮށް ވާހަކައެއް ބުނިއްޔާ ގައިން ބަޔެއް އުނިވަނީ ހެއްޔެވެ.؟ އަނެއްކާ އަނެއް ކަންތަކެވެ. މިރޭ ނީޝަލް ގޮވައިގެން ހިނގާލަން ގޮސްފައިވެސް ހުންނަން ޖެހޭނީ ހިޔާންގެ މެސެޖެއް އާދޭތޯ ފާރަލައިގެން ކަންނޭނގެއެވެ. ބޯ ހޫރާލާފައި އިޒްކާން ގޮސް ހުއްޓުނީ ލޯގަނޑު ކުރިމަތީގައެވެ. ތެމިފައިވާ އިސްތަށިގަނޑުގައި ހަލުވިކޮށް އަތް ހިންގާލުމުން މުޅިތަނަށް ފެންތިކިތައް ބުރައިގެން ދިޔައެވެ. އިސްތަށިގަނޑު ގޮތަކަށް ހަދާލާފައި ގަމީސް ލައިގެން އިޒްކާން ބޮޑީސްޕްރޭ ފުޅި ގަޔަށް ޖަހާލިއެވެ. ހިތްހަމަޖެހޭވަރަށް ގަޔަށް ބޮޑީސްޕްރޭ ފުޅި ޖަހާ ނިމުނުއިރު މުޅި ކޮޓަރިހެން ވަނީ ސެންޓުން ފުރިފައެވެ.

ހަތްގަޑި ބައިވާން ފަނަރަ މިނެޓަށް ވެއްޖެއެވެ. ތެޅިތެޅި އޮތް ހިތަކާއި އެކީގައި އާހިލް މިސްރާބު ޖެހީ މައި ކޭކްސް ކެފޭ އާއި ދިމާލަށެވެ. އައިހަމް މެސެޖްކޮށް އެތަނުން ބައްދަލު ކުރުމަށް އެދުމުންނެވެ. ކޮނޑުގައި ދަބަސް އަޅުވައިގެން ރީނދޫ ޓީޝާޓަކާއި ކަޅު ރިޕްޑް ޖިންސެއް ލައިގެން ހުރިއިރު ފިނިވާ ވަރުން އާހިލް ދެއަތް ދެއަތާއި އުނގުޅަމުން ދިޔައެވެ. އިސްތަށިގަނޑު ނިވާކުރަން ތޮތްޕެއް އަޅާފައިވީ ނަމަވެސް ތޮފީގެ ހައްޔަރުން މިންޖުވެ ބައެއް އިސްތަށިކޮޅުތައް ނިތްމައްޗަށް ވެއްޓިފައި ހުއްޓެވެ.

މައިކޭކްސް ކެފޭއަށް ވަތްތަނާހެން މާ ދުރުނޫން މޭޒެއްގައި އިން އައިހަމް ފެނުނެވެ. ޗީޓަރގެ ހަންގަނޑުގެ ޑިޒައިނެއް ހުރި ގަމީހަކާއި ކަޅު ޖިންސެއް ލައިގެން އައިހަމް އިންއިރު ނުތަނަވަސްވެފައި ހުރި ވަރު އަންގައިދެނީ އައިހަމް ދާހިއްލާފައިވާވަރެވެ. ދޭތެރެ ދޭތެރެއިން ގާތުގައި އިން ފެންތަށިން ކޯވަރެއް ދަމާލައެވެ. އާހިލް ގޮސް އައިހަމްގެ ކުރިމަތީ އިން ގޮނޑިއަށް ވެއްޓިގަތެވެ.

“ކަލޭ މިކަން ކުރަން ބުނީމައި މިކަން ކުރަން އެއްބަސްވެވުނު މޮޔަ މަގޭ ހިތަށް އެބަ އަރާ..” ވާހަކަ ދެއްކިއިރު އައިހަމްގެ އަޑު މަޑުމަޑުން ތުރުތުރުލާކަން އާހިލަށް ފާހަގަވިއެވެ. “ސޭމް ބްރޯ ސޭމް.. މި ކަން ކުރަން ޚިޔާލު ދެވުނުކަމުގެ މޮޔަ މަގޭ ހިތަށް އެބަ އަރާ..” އާހިލްވެސް އިނީ އައިހަމް ހާ ބިރު ގަނެފައެވެ. “ހުދާ އަދި ރައުލާ އެތަނުގައި ހައްޔަރުވީ އަހަރެމެންނާއި ހެދި.. އަހަރެމެން އެ ދެމީހުން ދެކެ ލޯބިވެޔޭ ބުނީމައި އަހަރެމެންނަށް ބްލެކްމެއިލް ކުރަން ހިޔާން އެދެމީހުން ހައްޔަރު ކުރީ.. އެދެމީހުން ސަލާމަތް ކުރަން ޖެހޭނީވެސް އަހަރުންނަށް..” އައިހަމް އެމީހުންގެ މައިގަނޑު ބޭނުން ހަނދާން ކޮށްދިނެވެ. “ޔަޕް..” އާހިލް ދިނީ ކުރު ޖަވާބެކެވެ. އަދި ހާސްކަން ފިލާތޯ އައިހަމް ބޯން އިން ފެންތަށި ނަގާ އެ ބޯން ފެށިއެވެ.

ކުއްލިއަކަށް ފޯނު ވައިބްރޭޓްވީ ކަމުގެ އިހުސާސް ވުމުން އާހިލް ފެންބޮމުން ޖީބުން ފޯނު ނަގާ އެއަށް ބަލާލިއެވެ. މެސެޖެކެވެ. “ނުވައެއް ޖަހަން ވާއިރަށް އޮންލައިންގައި ހުންނައްޗޭ..” ހިޔާންގެ މެސެޖެކެވެ. ފެންބޮއިބޮއި އިންދާ އާހިލް ކޮށިއެރިއެވެ. ކެއްސަމުން ކެއްސަމުން ކަހަލަ ގޮތަކަށް އާހިލް އައިހަމްގެ އަތަށް ފޯނު ލައިދިނެވެ. އެވަގުތު ހިޔާން އައިހަމަށްވެސް މެސެޖް ކުރިއެވެ. ހަމަ އެއް މެސެޖެކެވެ.

“އަނެއްކާ އޭނަ އެއުޅެނީ ކީއްވެގެންބާ..؟” ފޯނު މޭޒުމަތީގައި ބާއްވާފައި މައި ކޭކްސް ކެފޭގެ ބޭރުގައި ފެންނަން ހުރި ގަސްތަކަށް ނަޒަރު ދޫކޮށްލަމުން އައިހަމް ފުން ވިސްނުމެއްގެ ތެރެއަށް ދިޔައެވެ.

“އޯޕެން ޔޯ އައިޒް..” ނީޝަލްގެ އިސްތަށިގަނޑާއި މޭކަޕްގެ ކަންތައްތައްކޮށް ނިންމާލާފައި ޒީޝް ބުނެލިއެވެ. ޑްރެސިންގ ޓޭބަލްގެ ގޮނޑީގައި އިށީނދެލައިގެން އިން ނީޝަލް ލޯ ހުޅުވާލިއެވެ. އަދި ލޯގަނޑާއި ދިމާލަށް ބަލަހައްޓައިގެން ހުރެވުނީ އެއީ ހަގީގަތެއްކަން ގަބޫލު ކުރަންވެސް ނޭނގިފައެވެ. “ޔޫ ލުކް އިންސޭންލީ ބިއުޓިފުލް ނީޝީ.. މިރޭ އިޒްކާންއަށް ނީޝީ ފެނިފައި ހހޭނުނެތުނިއްޔާ ވީހާވެސް ރަނގަޅު.. ނޫން ނޫން އިޒްކާން އެކަންޏެއް ނޫން.. ނީޝީ ފެންނަ ކޮންމެ މީހެއްވެސް ނީޝީގެ މޫނުން ލޯ ދުރުކޮށްލަން ނޭނގޭނެ.. އެމީހުން މާޝާ ﷲ އޭ ބުނިއްޔާ ވީހާވެސް ރަނގަޅު..” ޒީޝް ބުނެލިއެވެ.

ކޮށްފައިވާ އައިމޭކަޕް އިން ނީޝަލްގެ އެ ފެހިކުލައެއްގެ ދެލޮލުގެ ވިދުން މިރޭ މާގަދަ ހެން ހީވެއެވެ. އިސްތަށިގަނޑުވެސް ޒީޝް ހަދާދީފައިވަނީ ނުހަނު ރީތިކޮށެވެ. މާ ގޮތްބޮޑު ކޮށްފައި ނެތަސް ނީޝަލް މިރޭ މާ ރީތިހެން ހީވެއެވެ. ފެންނަ ކޮންމެ މީހެއް ފިދާވާނެހާ ރީތި ރަންޏެއްހާ ނީޝަލް ރީއްޗެވެ. އެ ރަތްކުލައިގެ ހެދުންވެސް ނީޝަލްގެ ހަށިގަނޑާއި ނުލާހިކު ގުޅެއެވެ. ތުންފަތުގައި ޖައްސާފައިވާ ފަނޑު ކުލައެއްގެ ލިޕްސްޓިކްއިން އެ ތުންފަތުގެ ރަތްކަން އިތުރުކޮށްދީފައި ވެއެވެ.

“ތިއްތަމެން މިރޭ ނީޝީ ބޭރަށް ފޮނުވާނީވެސް ކައިދޮންބެ މެންނަށް ފޮނުވަން ބޮޑު ފޮޓޯޝޫޓެއް ނަގާ ނިންމާލާފައި ކަންނޭނގެ..” ޒީޝް ހިނިގަނޑެއް ޖަހާލާފައި އެހެން ބުނީ އޭނާއަށް ޒިވީންގެ ގޮތް އިނގޭތީއެވެ. “ނައިލް އެންޑް ޒާންބެ ދިމާ ކުރާވަރުން ހަމަނޭވާލިޔަ ނުދޭނެ..” ނީޝަލް އޭރު އިނީ ހާސްވެފައި ނަމަވެސް ހިނިތުންވެލައިގެންނެވެ.

“އެހުރީ އިނގޭ ތި ހެދުމާއި އެއްކޮށް އަރަން ޖެހޭ ފައިވާން.. އަވަހަށް އިތުރަށް ނީޝީ ފިކްސްކުރަން ބޭނުންވާ ކަމެއް އޮވެއްޖެއްޔާ އެވެސް ފިކްސްކޮށްގެން އަވަހަށް ބޭރަށް އާދޭ.. އެ އއަށްގަޑި ވިހި ވީ.. ކުޑާ އެބަ އަންނަން ތިއްތަމެން ތަޅުވާލާފައި.. ނީޝްގެ ރީތިކަމުން ތިއްތަމެންވެސް ބްލައިންޑް ނުވިއްޔާ ދެރަ..” ޒީޝް އަދިވެސް އެއްފަހަރު ތައުރީފް ކޮށްލާފައި ބޭރަށް ނުކުންނަން އުޅެނިކޮށް ނީޝަލް ޒީޝްގެ އަތުގައި ހިފާ ހުއްޓުވާފައި ޒީޝްގެ ގައިގައި ބައްދާލާފައި ޝުކުރު އަދާކުރިއެވެ. “ލޯބީ ތޭންކްސް ނުބުންޏަސް އޯކޭ ވާނެއޭ…” ޒީޝް ހިނިއައިސްފައި ނީޝަލް ގަޔާ ދުރުކޮށްލިއެވެ.

ސެންޓް ފުޅިން ސެންޓް ޖަހާ ނިންމާފައި ނީޝަލް ކޮޅަށް ތެދުވެ ފައިވާނާއި ދިމާލަށް ހިނގައިގަތް އިރަށް ލޯގަނޑުން އޭނާގެ ސޫރަ ބޮލުން ފެށިގެން ފަޔާ ހަމައަށް ފެނުނެވެ. ރަތްކުލައިގެ ކަކުލާއި ހަމައަށް އަރާވަރުގެ ހާފް މާރމެއިޑް ހެދުމާއި އޭގެ ބަންދާއި ދިމާއިން ދެފަރާތަށް ވިހުރެން ދޫކޮށްލާފައި ހުރި ދެ ފޮތިގަނޑު ފެނިފައި ނީޝަލްގެ ހިތް އާދަޔާ ޚިލާފަށް ތެޅިގަތެވެ. އެވަގުތު ބޮލަށް އެރި ތޫނު ރިހުމާއި އެކީގައި ނީޝަލްއަށް އެނދުގައި އިށީނދެވުނީ ބޮލުގައި ބާރަކަށް އަތް އަޅާލަމުންނެވެ.

“ބޮލަށް އަރާ ތަދުގަނޑާ މިރެއަށް ހަމައެކަނި މިރެއަށް ގޮސްބަލަ..!!” ނީޝަލްއަށް ދެލޯ މަރައިގެން ހުރެ ކުދި ކިޔެމުން ދިޔައެވެ. މިރޭ އިޒްކާން އާއި ދިމާވާއިރު ވީހާވެސް ރަނގަޅަށް ހުންނަން ނީޝަލް ބޭނުމެވެ. ނަމަވެސް ލޯ މަރާލާއިރަށް ނީޝަލްއަށް ފަނޑުކޮށް ނަމަވެސް ފެންނަނީ އޭނާ ހަމަ ރަތް ކުލައިގެ ދިގު ހެދުމެއް ލައިގެން ހުންނަ މަންޒަރެވެ. ނަމަވެސް އެއީ ކޮންއިރެއްގައި ކޮންތާކު ހުރެގެން ނީޝަލް ލީ އެއްޗެއް ކަމެއް ނީޝަލް ހަނދާނެއް ނުވިއެވެ. އެންމެ ދިގުކޮށްވެސް ނީޝަލް ލަނީ ކަކުލަށްވުރެ ކުޑަ ތަންކޮޅެއް ތިރިއަށް އަރާވަރުގެ ހެދުމެވެ. ”ކޮންކަމެއްގެ މަތިންތަ އަހަރެން މި ހަނދާން ވަނީ…؟؟” ނީޝަލްއަށް ހިތާހިތުން އެހެން އަހާލެވުނުއިރު ބޮލުގެ ރިހުން ކޮންމެވެސް ވަރަކަށް ލުއި ވެއްޖެއެވެ.

އެންމެއަވަހަށް އަތުޖެހުނު ޕެނެޑޯލް ކާޑުން ޕެނެޑޯލް ގުޅައެއް އަނގަޔަށް ލާފައި ނީޝަލް ފެން ބުއީ ވަރަށް ބަލައިގެންނެވެ. ޒީޝް އެތައްއިރެއް ވަންދެން ބުރަ މަސައްކަތާއި އެކީގައި ކޮށްދިން މޭކަޕް ހަޑި ކޮށްލާކަށް ނީޝަލް ބޭނުމެއް ނުވެއެވެ. ކޮނޑުގައި އަތް ދަބަސް އަޅުވައިގެން ނީޝަލް ނުކުންނަ އިރަށް މޫނުމައްޗަށް އެޅުނު ފްލޭޝްގެ އަލިތަކުން ނީޝަލްއަށް އަތުން ލޯ ފަރުދާ ކޮށްލެވުނެވެ. “ސޭ ޗީޒް..!!!” ޒާއިން ކެމެރާ އަދިވެސް ރަނގަޅު ކޮށްލަމުން ބުނެލިއެވެ. ބޯ ހޫރާލާފައި ނީޝަލް ޒާއިން އަދި ޒިވީންއަށް ފޮޓޯނަގަން ފަސްވަރަކަށް މިނެޓް ދިނެވެ. އެވަރުންވެސް ނުފުދިގެން ޒާއިން އަދި ޒިވީން ފޮޓޯނަގާ ނިމުނުއިރު ގަޑިވެސް ޖެހިއްޖެއެވެ.

“ކަލެއަށް ޔަގީންތަ އެމީހުން ގޭގައި ނޫޅޭކަން..؟؟” އައިހަމް އާހިލް ގޮވައިގެން ހުރީ އައިހަމް އާއި ފައިލަމްގެ ގޭ ދޮށުގައެވެ. “އާނ މަށަށް ޔަގީނޭ.. ފައިލަމް އެއީ ކަންނެތް ކަމުން ދުވަހަކުވެސް އަރާ ފައިވާން ގޭތެރެއަށް ވައްދާ މީހެއް ނޫން.. އޭނަ ފައިވާން އަބަދުވެސް ހުންނާނީ ބޭރުގައި.. ކަލެއަށް އޭނާގެ ފައިވާން ފެނޭތަ އެބަ..؟” އާހިލްގެ މޫނުގައި ހިފާ އައިހަމް ގޭ އޮޅިގަނޑާއި ދިމާލަށް ސީދާ ކޮށްލިއިރު ހީވީ އާހިލްގެ ބޯ އުފުރާލަން އުޅުނުހެންނެވެ.

“ހޫން ނެތޭ.. މަ ކަނެއް ނުވެޔޭ..” އާހިލް އައިހަމްގެ އަތް ނައްޓުވާލާފައި އައިހަމް އާއި ފައިލަމްގެ ބައްޕަގެ ކޮޓަރީގެ ބެލްކަންޏާއި ދިމާލަށް ދިޔައެވެ. “ކަލޭމެންގެ ބައްޕަ އާމިރުބެ ވީ ބޭރުގައި ދޯ..؟ ރާއްޖެ އަންނަނީ ކޮން އިރަކުން..؟” އާހިލް އެއްސެވެ. ހިތް ޑަންޑަންލާފައި ތެޅޭވަރުން އެއަށް ކުޑަ ވެސް ހިތްހަމަޖެހުމެއް ލިއްބައިދެވޭތޯއެވެ. “ނޭނގޭ.. މައުޟޫ އޮޅުވާލަން ނޫޅެ އަވަހަށް ބެލްކަންޏަށް އަރާފައި މަ އަރަން ތަން ދައްކަބަލަ..” އާހިލްގެ ބޮލުގެ ފުއްކިބައިގައި ޖަހާފައި އައިހަމް ބެލްކަންޏަށް އިޝާރާތް ކުރިއެވެ. މަޑުމަޑުން އިނަސް އަމުރު ކުރަން ދަންނަ މީހެކޭ ކިޔާ ކުދިކިޔަމުން ބެލްކަނީގެ ދަގަނޑުގައި އަތް އަޅުވާލިގޮތަށް އާހިލް ބެލްކަނީގެ ތެރެއަށް ވާސިލުވީ ފަސޭހަކަމާއި އެކީގައެވެ.

އާހިލް ދިއްކޮށްލި އެހީތެރިކަމުގެ އަތުގައި ހިފާ އައިހަމް ބެލްކަންޏަށް އެރިއެވެ. އޭރު ބެލްކަނީގެ ދޮރު ވަނީ ވާގަނޑަކުން ނިކަން ބާރަށް އައްސާފައެވެ. އެ މަންޒަރު ފެނި އެކޮޓަރީގައި ކޮންމެވެސް އެކަކު އިން ކަމުގެ ޝައްކު އާހިލްގެ ބޮލަށް ސަވާރުވިއެވެ. “މި ނައްޓާނީވެސް ކިހިނެތް..؟” އައިހަމް ގޮސް ވާގަނޑުގައި ހިފިއެވެ. “ތިކަމަށް ތައްޔާރު ވެގެން މަ މިއައީ..” އާހިލް ދަބަހުން ކަޓަރެއް ނަގާ ދައްކާލިއެވެ. އައިހަމްގެ ހިނިތުންވުން ފާޅުވިއެވެ. “ކިތަންމެ މޮޔަކޮށް އުޅުނަސް ބުއްދިއެއް ލައްވާފައިވާ ސޮރެއް މީ..” ހިތާހިތުން އެހެން ކިޔާލާފައި އައިހަމް އާހިލް އަތުން ކަޓަރު އަތުލާފައި ވާގަނޑުތައް ބުރިކުރަން ފެށިއެވެ.

އެންމެ ފަހު ވާގަނޑު ބުރިކޮށްލާފައި އައިހަމް ބަލާކަށް ނުހުރެ ބެލްކަނީގެ ދޮރުގައި ބާރަކަށް ހިފާ ދަމާލީނުން ތަޅަށްވެސް ކެތް ނުވީ ކަންނޭނގެއެވެ. ވަގުތުން ހަލާކުވެގެން ބެލްކަނީގެ ދޮރު ހުޅުވުނެވެ. އެގޭ ބޭރުގައި ހުރި ހޮޅިބުރީގެ އަލި ސީދާ އެޅުނީ ކަކުލުގައި ބޯ ޖައްސާލައިގެން އިން ރައުލާގެ ގަޔަށެވެ. “ރައުލާ..!” އާހިލް ދުވެފައި ކަހަލަ ގޮތަކަށް ގޮސް ރައުލާގެ ކޮނޑުގައި ހިފާ ތަޅުވައިގަތެވެ. “އޭތް އޭތް..!!” އައިހަމް އަވަހަށް އާހިލް ރައުލާ އާއި ދުރުކުރިއެވެ. “ކިހިނެތްވީތަ..؟ އޭނަ ދިރިހުރިތޯ ޔަގީން ކުރީއޭ..” އާހިލް ބުނެލިއެވެ. ރައުލާ ލޯ ހުޅުވާލާފައި ވަރުދެރަގޮތަކަށް އާހިލްގެ މޫނަށް ބަލާލިއެވެ. “ރައުލާ..” އާހިލް އަވަހަށް ރައުލާގެ ހަށިގަނޑުގައި ހިފޭއްޓިއެވެ.

“އަނބުރައިގަތީ ދޯ..؟ ހިޔާންމެން މިކުއްޖާއަށް ކާންވެސް ދިންކަމެއް ނޭނގޭ..” އައިހަމް އެހެން ބުނެ ނިންމާލިއިރު އާހިލް ރައުލާ އުފުލާލައިގެން ނުކުމެއްޖެއެވެ. “އޭ މަ އެބަ ގުޅަން މަގޭ ދޮންތައަށް.. ދޮންތަ ލައްވާ ރައުލާ ހޮސްޕިޓަލަށް ފޮނުވާލާނީ.. އަދި މައިހާ އާއި ހުދާ ނުފެނެއެއްނު..؟ އެމީހުން ހޯދެން ދެން މަ ހުންނަން ޖެހޭނެއެއްނު ކަލޭ ގާތު..” އާހިލް ބުންޏެވެ. އިސްތަށިގަނޑުގައި އަތް ހިންގާލަމުންނެވެ. “އާނ އޯކޭ..” އައިހަމް އެހެން ބުނެފައި ރައުލާ އިން ކޮޓަރީގެ ތަޅުގައި ހިފިއެވެ. ދޮރު ވަނީ ބޭރުން ތަޅުލާފައެވެ. “މި މީހުން މިކުދިން ސަލާމަތްވާން އޮތް އެންމެ ކުޑަ މަގު ވެސް ބަންދު ކޮށްފައި ދޯ މިއޮތީ..” އައިހަމް ފައި ހިއްލާލިގޮތަށް ޖެހިޖެހީނުން އެ ދޮރުގެ ތަޅު ހަލާކު ކޮށްލިއެވެ.

“ނަސީބެއްނު ބައްޕަ މިދޮރުގެ ތަޅުތައް އާ ނުކުރާކަން..” ނިތްމަތީގައިވާ ދާތައް ފޮހެލާފައި އައިހަމް އަވަސްވެގަތީ ބާކީ ހުރި ކޮޓަރިތައް ބަލާށެވެ. ހުދާ އާއި މައިހާ އެއިން ކޮޓަރިއެއްގައި ހުންނާނެކަމަށް އުންމީދުކުރަމުންނެވެ. ރައުލާ އިން ކޮޓަރި އާއި ޖެހިގެން އެންމެ އަވަހަށް ޖެހެން އޮތް ކޮޓަރިއަށް ވަންނަން ވެގެން އައިހަމް ތަޅުގައި ހިފާލިއެވެ. އެއީ ފައިލަމްގެ ކޮޓަރިއެވެ. ހީކުރިގޮތާއި ޚިލާފަށް އެ ކޮޓަރި ތަޅުލާފައި ނެތުމުން އައިހަމް ހައިރާންވިއެވެ. ހަރަކާތް އަވަސްކޮށްލާފައި އެކޮޓަރިއަށް ވަދެވުނީ ވެސް އެހެންވެގެންނެވެ. ކޮޓަރިއަށް ވަދެވުނުތަނާހެން ފެނުނު މަންޒަރުން އައިހަމްގެ ފިޔަވަޅުރައް މަޑު ޖެހޭގޮތްވިއެވެ.

“ތިއްތާ ގަޑި ޖެހިއްޖެޔޭ..!” ނީޝަލް އަވަހަށް އިސްތަށިގަނޑު ރީތި ކޮށްލާފައި ގެއިން ބޭރަށް ނުކުތެވެ. އޭރު އާދައިގެ މަތިން އިޒްކާން ބޭރުގައި ސައިކަލުގައި މަޑުކޮށްގެން އިނެވެ.

ފަހަތުން ފިޔަވަޅުތަކެއްގެ އަޑު އިވުމުން އިޒްކާންއަށް ފަހަތަށް ބަލާލެވުނެވެ. ފަހަތުގައި ހުރި ހޫރެއްހާ ރީތި ނީޝަލް ފެނިފައި އިޒްކާންގެ އަނގައިން ބަސް ހުސްވިއެވެ. ހީވަނީ ދުލުގައި ގޮށެއް ޖެހުނު ހެންނެވެ. ނޫނީ ބުނަން އުޅުނު ބަސްތައް އަނގައިގެ ވަކި ހިސާބެއްގައި ތާށިވީހެންނެވެ.

ރަތްކުލައިގެ ހެދުމެއްގައި ހުރި ނީޝަލް ފެނިފައި އިޒްކާންއަށް ހީވީ ވަގުތު ހުއްޓުނު ހެންނެވެ. އެ ރީތިކަން ބަޔާން ކޮށްދޭނެ ގޮތް ގަލަމަކަށްތޯ ދުލަކަށްވެސް ކުޅަދާނައެއް ނުވާނެއެވެ. މިރޭ ނީޝަލްގެ ހަންގަނޑުގެ އޮމާންކަން އިތުރުވެފައިވާހެން ހީވެއެވެ. ދެލޮލުގެ ވިދުމާއި ސިހުރުވެރިކަން ނުހަނު އަޅައިގަނެއެވެ. ހުދުކުލައިގެ ރީތި ދަތްތައް ދައްކާލައިގެން ހުރެ އެ ހީލާ ހިނިތުންވުމުން އެކަނި ވެސް އެތައް ހިތްތަކަކަށް ވެސް އަސަރު ކުރާނެކަން ގައިމެވެ. މަޑު ރަތްކަމެއް ވާ އެ ކޯތާފަތުގައި އަތް ބީއްސާލަން އިޒްކާންގެ ހިތް އެދެމުން ދިޔައީ އެހެނެއް ބަލާފައެއް ނޫނެވެ. އެ ވަށް ކުޑަ މޫނުގައި ދެ އަތުން ހިފާލާފައި އެ ރީތި ލޮލަށް ބަލާލާފައި ލޯބިވާވަރު ހާމަކޮށްދޭން އިޒްކާން އެވަގުތު ނުހަނު ބޭނުންވިއެވެ. ހަށިގަނޑަށް ފުދޭވަރަކަށް ހިފާލާފައިވާ ރަތްކުލައިގެ ހާފް މާރމެއިޑް ކޮށް ހުރިއިރު އެ ހެދުމުގެ މަތީގައި ރަތްކުލައިގެ ކުދި މާތަކެއް ހަރުކޮށްލާފައި ވާތީ ހެދުމުގެ ފުރިހަމަކަމަށް އިތުރު ބާރެއް ދެއެވެ. އުނަގަނޑާއި ހަމައިގައި ހުރި ބަންދާއި ދިމާގައި ޑައިމެންޑްގެ ބައްޓަމަށް ހުރި އެއްޗެހި ތަކެއް ސްލައިޓަރން އަކަށް އަތުރާލާފައިވެއެވެ. އަދި އެ ހެދުމުގެ ބަންދުގެ ދެ އަރިމަތިން ލޭސް ޝިފޯން ފޮތީގެ ދެ ފޮތިކޮޅު ވަނީ ވަޔަށް ވިހުރެން މިނިވަން ކޮށްލާފައެވެ. ޖެހޭ ވައިރޯޅިއަށް އެ ދެ ފޮތިގަނޑާއި އެއްވަރަށް ނީޝަލްގެ ދިގު އިސްތަށިގަނޑުވެސް ވިހުރެމުން ދިޔައެވެ. އިސްތަށިގަނޑުގައި ޒީޝް ވަނީ އެކި ހިސާބު ހިސާބުގައި ކުދިކުދި ރަތް މާދަތި ތަކެއް ހަރުކޮށްލާފައެވެ. ލުއި މޭކަޕެއް ކޮށްފައިވާ އެ މޫނު ފެންނަލެއް ރީތިކަމުން އިޒްކާންއަށް ނީޝަލް އާއި ދުރުގައި ސައިކަލުގައި މައިތިރި ވެގެން އިނދެވޭ ކަމެވެ. ހަމަ ރަނގަޅަށްވެސް އިޒްކާންއަށް ހުރެވުނީ ދެމިޔަކަނުން ސޮނި ފައިބާ ހާލުގައެވެ.

ނީޝަލްއަށް ވެސް ވީ އެކަހަލަ ގޮތެކެވެ. އެހާ ފުރިހަމައަށް ތައްޔާރު ވެގެން އިޒްކާން ހުރިއިރު މީ އަނެއްކާ ތަނެއްގެ ޕްރިންސެއް ނޫންބާއޭ ނީޝަލްގެ ހިތަށް އެރިއެވެ. ކަނދުރާ އާއި ހހަމައަށް ދިގު ވެފައިވާ ބުޅި އިސްތަށިގަނޑު އެހާ ވަރަށް ފުނާ ނާޅާ ފުދޭވަރަކަށް ހޭވިފައިވާތީ ބަލާލަން ނުހަނު ހިތްގައިމެވެ. ގަދަ ބުމައިގެ ދަށުގައިވާ ޖާދުވީ ދެލޮލުގެ ތޫނު ނަޒަރު އަމާޒު ވެފައިވަނީ ސީދާ ނީޝަލް އަށް ކަން އެނގޭތީ ނީޝަލް ރަކިވާގޮތްވިއެވެ. ބައިމަތި ފުޅާ ހަށިގަނޑު ސައިކަލަށް ދޫކޮށްލައިގެން އިން އިރު މޮޑެލަކަށް ދޫނުކުރާނެކަން ގައިމެވެ. ނީޝަލް ފެނުމާއި އެކީގައި ބަހެއް ބުނަން ނޭނގިގެން އިޒްކާން ހަދިޔާކޮށްލި އެ ރީތި ހިނިތުންވުން އެކަނިވެސް ނީޝަލްގެ ހިތް އެތައްގުނައެއް ބާރަށް ތަޅުވާލުމުގައި ކާމިޔާބު ކުރިއެވެ. ލައިގެން ހުރި ކުދި ރަތް މާ ތަކެއް ޖަހާފައިވާ ކަޅު ގަމީހާއި ކަޅު ޖިންސު ލައިގެން ކަޅު ބޫޓަކަށް އަރައިގެން ހުރި އިޒްކާން ފެންނަނީ އަންހެން ކުދިންގެ ހިތްތަކަށް އެތައް ތީރެއް ހަރާލާހާ ރީތިކޮށެވެ. އެ ރީތިކަމުން މޮޔަ ނުކޮށްލާނެ އަންހެންކުއްޖެއް މި އުޑުހިޔާ ދަށުގައި ވާނެކަމެއް ނޭނގެއެވެ. ނީޝަލްވެސް އެ ޖާދޫގައި ޖެއްސީވިއްޔާއެވެ.

ލުއި ފިޔަވަޅުތަކެއްގައި ނީޝަލް ކުރިއަށް ދިޔައިރު ފައި އޮޅޭހެންވެސް ހީވިއެވެ. ބެލެންސް ކަޓައިގެން ވެއްޓިދާނޭ ހީވުމުން ނީޝަލް އިހުނަށްވުރެ މަޑުން ހިނގާލާފައި ގޮސް އިޒްކާންގެ ގާތުގައު ހުއްޓުނެވެ. “ޔޫ ލުކް…” ބުނާނެ އެއްޗެއް ދުލުކުރިއަށް ނައިސްގެން އިޒްކާންއަށް ޖެހުނީ އިސްތަށިގަނޑަށް އަތް މަހާލާށެވެ. އެވަގުތުވެސް އިޒްކާން އުފާވެފައިވާ މިންވަރު އެނގޭނީ ހެއްދެވި ފަރާތަށެވެ. ނީޝަލް އެއް ބުމަ އަރުވާލިއެވެ. “ޔޫ ލުކް ގޯޖެސް.. އޭޒް އޯލްވޭސް.. ވަރަށް ވަރަށް ވަރަށް ރީތި.. ޔަގީން ނީޝް ފެންނަ ކޮންމެ މީހެއް ވެސް ނުބަލާ ނުހުންނާނެކަން..” އިޒްކާން ހިނިތުންވެފައި ބުންޏެވެ. ނީޝަލްގެ ގާތަށް ހިނިއައެވެ. “އެކަމް އައި ޑޯންޓް ލައިކް އިޓް ވެން ޕީޕަލް ލުކް އެޓް ޔޫ ޓޫ މަޗް..” ނީޝަލްގެ ކަންފަތްދޮށަށް ގުދުވެލާފައި އިޒްކާން ވައިއަޑުން އެހެން ބުނެލިއިރު އެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވެފައިވެއެވެ. ނީޝަލް ރަކި ކުރުމަކީ އިޒްކާން އެންމެ ކުރާހިތްވާ ކަމަށް ވާތީއެވެ. އެކަން ކާމިޔާބުވެސް ވިއެވެ. އިޒްކާން ދުރުވެފައި ނީޝަލްގެ މޫނަށް ބަލާލިއިރު ހީވަނީ ރަތް ޖަންބެއް ހެންނެވެ.

“ހިނގާ ދާން.. މިރޭގެ ޑިނަރ ވެސް އޮންނާނެ އަދި..” އިޒްކާން ސައިކަލު ސްޓާޓް ކޮށްލަމުން ބުންޏެވެ. “ޑިނަރ އޭ..؟ ހިނގާލާކަށް ނޫންތަ ދަނީ..؟” ނީޝަލް ފަރުވާތެރިވެ ހުރެ ސައިކަލަށް އަރާ ހަމަޖެހިލަމުން އެއްސެވެ. ”އޮފްކޯޒް ޑިނަރ އޮންނާނެއެއްނު..؟ ނީޝް ގޮވައިގެން ހިނގާލަން ދާއިރު ދެން ނީޝް ބަނޑުހައިވިޔަދޭނެހެން ހީވޭތަ..؟” ލުއި ހިނިތުންވުމަކާއި އެކީގައި އިޒްކާން އެއްސެވެ. “އަޅެ ޑިނަރ ނުދިނަސް އޯކޭވާނޭ..” ނީޝަލް ބުނެލިއެވެ. ނީޝަލް އެވަރަށް ކިޔުމުންވެސް އިޒްކާން ކުރެއް ނުކުރިއެވެ. އެންމެފަހުން ޑިނަރ އަށް ދާގޮތަށް ބަލި ގަބޫލު ކުރަން ޖެހުނީވެސް ނީޝަލްއަށެވެ.

ވީ އުފަލާއި އެކީގައި އިޒްކާން ސައިކަލު ދުއްވާލިއިރު ނީޝަލްގެ އަތް އޭނާގެ ގައިގައި ވަށާލެވުނު އިހުސާސް ކުރެވުނެވެ. ކުއްލިއެއް ޖަހާ އިޒްކާން ދުއްވާލި ގަޑީގައި ނީޝަލް ގޮސް ތަތްވީ އިޒްކާންގެ ބުރަކަށީގައެވެ. “އޭ ފަހަތަށް ނުޖެހޭތި.. ފަހަތަށް ޖެހިއްޖެނަމަ މަށަށް ހީވަނީ އަހަރެމެންގެ ފަހަތުން އަންނަ ސައިކަލެއްގައި ހުންނަ މީހެއް ނީޝް ރީތިކަމުން ނުހުރެވިގެން ނީޝް ޖަހައިގަނެފާނެއޭ.. ޖަސްޓް ސްޓޭ ވިތް މީ…” އިޒްކާން ނީޝަލް ފަހަތަށް ޖެހުނަނުދޭންވެގެން ބޭނުން ކުރި ބަހަނާ އާއި ހެދި ނީޝަލްއަށް ނުހީ ނުހުރެވުނެވެ. ނީޝަލް ހީގަނެފައި އިޒްކާންގެ ބުރަކަށީގައި ބޯ ޖައްސާލުމުން އިޒްކާންވެސް ހިނިއައިސްފައި ސައިކަލު ދުއްވާލިއެވެ.

ނެޒެލީ ވަގު ލޮލަކުން ބަލާލީ ގާތުގައި އިން ރޫހާންގެ ފޯނުގެ ގަޑި އަށެވެ. “އަށްގަޑި ސާޅީސްފަހެއް..” ނެޒެލީ ހިތާހިތުން ކިޔާލާފައި ރޫހާންގެ މޫނަށް ބަލާލިއެވެ. “މާޔާ އާންޓްއަށް ވެސް ރޫ އަށްވެސް ކާމިޔާބުވިޔަކަ ނުދޭނަން.. މިފަހަރު އަހަރެން ނީޝް ސަލާމަތް ކުރާނަން.. ނީޝް.. ޖަސްޓް ވެއިޓް ފޯ މީ…..” ހެދުމުގެ ޖީބުގައި އަތް ޖައްސާލިއިރު ނެޒެލީގެ ހިތުގައި ވިއެވެ.

 

= ނުނިމޭ =

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

yooon
Follow Me Written By

yooon

10 Stories100 Comments100 Login100 Stories500 Comments

Transcend reality in this little safe space <3

Other Articles

Previous

ލޯތްބަށްޓަކައި އަހަރެން ހުވާ މަރުވެސް ވެދާނަމޭ 8

Next

ހިރާސް 25

Next
May 1, 2021

ހިރާސް 25

Previews
May 1, 2021

ލޯތްބަށްޓަކައި އަހަރެން ހުވާ މަރުވެސް ވެދާނަމޭ 8

One Comment

  1. sahoo says:
    May 1, 2021 at 10:10 pm

    Wow very nice keep it up. Waiting for the next part of the story. Be safe and tc.

Comments are closed.

Next Episodeއެކުއްޖާ 2 – 30←


All Right Reserved!