މަންޒިލް ތިއޭ 3
ކޮފީ ޝޮޕް ކައިރިން ކާރު ޕާކު ކުރާނެ ތަންކޮޅެއް ނުލިބުމުން އިޝަލްއަށް ކާރު ޕާކު ކުރަން ޖެހުނީ ފުދޭވަރަކަށް ދުރުގައެވެ. ހިނގާފައި ކޮފީ ޝޮޕާއި ހަމައަށް ދަމުން ގޮސް އޭނާއަށް ހުއްޓެން މަޖުބޫރުވީ މަގުގެ އަނެއް ފަރާތުގައި އޭނާއަށް ފުރަގަސްދީގެން ހުރި އަންހެން ކުއްޖާ ފެނުމުންނެވެ. އާދައިގެ އިސްކޮޅެއްގެ ވެރި އެ އަންހެންކުއްޖާގެ ކޮނޑުން ތަންކޮޅެއް ތިރިއަށް އޮތް ރާޅު ބާނީ ބްލޮންޑް އިސްތަށިގަނޑު އޮތީ މިނިވަންކަމާއެކު ދޫކޮށްލާފައެވެ. އެ ކުއްޖާގެ މޫނު ބަލާ ނުލާ ދާން އިޝަލްގެ ހިތްދެކޮޅު ހެދިއެވެ. ދަގަށްފާނަށް ދަމާހެން އެ އަންހެން ކުއްޖާއާ ދިމާއަށް އިޝަލް ދަމަމުން ދިޔައެވެ. އެ އަންހެން ކުއްޖާއާ ކައިރިވަމުން ދިޔަ ވަރަކަށް އިޝަލްގެ ހިތް އަވަސް ވަމުން ދިޔައެވެ. އެކުއްޖާ ގާތަށް ނުދާށޭ އޭނާގެ ސިކުނޑި އެތައް ފަހަރަކު ބުނަމުން ދިޔަ ނަމަވެސް ހިތް ގޮވަމުން ދިޔައީ ދާށޭއެވެ. ސިކުނޑި އާއި ހިތާއި ދެމެދު ކުރެވެމުން ދިޔަ ހަނގުރާމައިން ގަދަވަމުން ދިޔައީ ހިތެވެ. އެކުއްޖާއާ ދާތި ގާތު ހުއްޓިފައި އިޝަލް ފުން ނޭވާއެއް ދޫކޮށްލިއެވެ. އިޝަލްއަށް އެއްޗެކޭ ނުބުނެވިގެން އުޅެނިކޮށް އެކުއްޖާ ފަހަތަށް އެނބުރުނެވެ. އިޝަލް ފެނުމާއެކު ސިއްސައިގެން ގޮސް އެކުއްޖާ އަތު އިން ހޫނު ކޮފީތަށި އިޝަލް ގަޔަށް އެޅުނެވެ.
**
ކޮލެޖުން ގެއަށް ދިޔަ މަގުމަތީ ބަނޑުހައިވެފައި ހުރުމުން ކޮފީއެއް ގަނެގެން މިއާ ނުކުތެވެ. ހޫނުކޮށް ހުރުމުން އެ ނުބޮއެ ހިނހުންވަންދެން އެ ނުބޮއެ އިނީއެވެ. މަގުގެ ވަކި ހިސާބަކަށް ދިޔަ ތަނުން އެކުވެރިއެއް ގުޅުމުން އެކުވެރިޔާއާ ވާހަކަ ދައްކަން މަޑުކޮށްލިއެވެ. އެކުވެރިޔާ ފޯނު ބޭއްވުމުން ފަހަތަށް އެނބުރުނު މިއާ ސިއްސައިގެން ދިޔައީ އޭނާއާ ނުހަނު ގާތު މީހަކު އިނުމުންނެވެ. އެމީހަކު އިނީ ކިރިޔާ އޭނާ ގައި ނުޖެހޭ ހިސާބުގައެވެ. ސިހުނުލެއް ބޮޑު ކަމުން އޭނާ އަތުގައި އިން ހޫނު ކޮފީތަށި އެމީހާ ގަޔަށް ބަންޑުން ވިއެވެ. “އޯނޯ އައި އޭމް ސޯ..” އަވަހަށް މާފަށް އެދުމުން އެ މީހާގެ މޫނަށް ބަލާލި މިއާގެ ބަސް ހުއްޓުނެވެ. ދެލޯ ބޮޑުވުމާއެކު އަނގަވެސް ހުޅުވިގެން ދިޔައެވެ. އޭނާ ހޫނު ކޮފީތަށި އެ ވަރާލީ އާސެނަލްގެ ގޯލް ކީޕަރު އިޝަލް ގަޔަށެވެ. އިޝަލް ހުރީ ކުޑަކޮށް ފަހަތަށް ޖެހި ދެއަތް އުފުލާލާއިގެން ދެލޯވެސް މަރައިގެންނެވެ.
އެ އަންހެން ކުއްޖާގެ މޫނު ނުފެންނަނީސް އޭނާ ގަޔަށް ހޫނުވެގެން ދިއުމާއެކު ދެއަތް އުފުލާ އިޝަލްއަށް ދެލޯ މަރާލެވުނެވެ. ލޯ މަރައިގެން ހުރިނަމަވެސް އެކުއްޖާގެ އަޑު ކަންފަތުގައި ޖެހުމުން އެއީ އޭނާ ހީކުރި ކުއްޖާ ނޫންކަން އިޝަލްއަށް އެނގުނެވެ. އެކުއްޖާ މާފަށް އެދެން އުޅެފައި ޖުމްލަ ފުރިހަމަ ނުކޮށް ހުއްޓާލުމުން އިޝަލް ލޯ ހުޅުވާލިއެވެ. އޭރު އެ އަންހެން ކުއްޖާ ހުރީ ދެލޯ ބޮޑުކޮށްގެން އަނގަ ހުޅުވިފައި އޭނާއަށް ބަލާށެވެ. އިޝަލް އެކުއްޖާއަށް ރީތި ހިނިތުންވުމެއް ހަދިޔާ ކުރުމާއެކު އެކުއްޖާ ބުނި ތިން ލަފްޒުން އިޝަލްއަށް ޝޮކެއް ޖެހި ބުނާނެ އެއްޗެއް ނޭންގުނެވެ.
ކުޑައިރުންސުރެ މިއާއަކީ ފުޓުބޯޅައަށް ޝައުޤު ހުންނެ ކުއްޖެކެވެ. އެހެން އަންހެން ކުދިން ފިލްމު ކުޅޭ މީހުންނާއި ލަވަ ކިޔާ މީހުންގެ ވަނަވަރު ހޯދާއިރު މިއާ ބަލާނީ ފުޓުބޯޅަ ކުޅޭ މީހުންގެ ވަނަވަރަށެވެ. އާ ސީރީޒެއް ނުވަތަ ފިލްމެއް ބާލާފައި އެ ސީރީޒެއް ނޫނީ ފިލްމެއްގެ ކާސްޓް ގޫގުލްކޮށް ސޯޝަލް މީޑިއާ އެކައުންޓްތައް ހޯދާފަދައިން މިއާ ހޯދަނީ ފުޓުބޯޅަ ޓީމުތަކުގައި އުޅޭ ކުޅުންތެރިންނެވެ. އެންމެ ފުރަތަމަ އިންސްޓަގްރާމް އެކައުންޓް ހެދި ދުވަހުވެސް ހުރިހާ ފުޓުބޯޅަ ކުޅުންތެރިންނަށް ކަހަލަ ގޮތަކަށް މިއާ ފޮލޯ ކުރިއެވެ. ޕްރިމިއާރ ލީގުން މިއާ އެންމެ ސަޕޯޓު ކުރާ ޓީމަކީ އާސެނަލެވެ. ލަންޑަނަށް ބަދަލުވީންސުރެ އާސެނަލް ކުޅޭ މެޗެއް ބަލަން ދާން އޭނާ އެހުންނަނީ ކެއްމަދުވެފައެވެ. އާސެނަލް ޓީމުން މިއާގެ ‘ފޭވަރިޓް’ ކުޅުންތެރިއަކީ އިޝަލްއެވެ. ސޯޝަލް މީޑިއާގައި ވެސް އިޝަލްއަށް ތާއިދުކޮށް އޭނާ އަބަދުވެސް ވާހަކަ ދައްކާ ހަދައެވެ. އިޝަލްެގެ ކުޅުން ދަށްވެގެން އެހެން ސަޕޯޓަރުން އިޝަލްއާ ދިމާއަށް އެއްޗިހި ކިޔާ ހެދުމުން އިޝަލްގެ ދިފާއުކޮށްފައި އެމީހުންނަށް ރައްދުދެއެވެ. މިއާ މާ ވަރަކުން އިޝަލް ދިފާއުކޮށްފައި އުޅޭތީ އެރިކް އޭނާއާ ދިމާވެސް ކުރެއެވެ. އެއްވެސް މީހަކަށް އެއީ އޭނާކަށް ނޭންގޭ ގޮތަށް ބޭބެ އެރިކްއަށް ވެސް ސިއްރުން އިޝަލްގެ ފޭން ޕޭޖް އެކައުންޓެއް މިއާ އިންސްޓަގްރާމް އަދި ޓިކްޓޮކްގައި ގެންގުޅެއެވެ. އިޝަލްއާ ބައްދަލުވެ އޭނާގެ އޮޓޮގްރާފް ހޯދުމަކީ މިއާގެ ހުވަފެނެކެވެ. އޭނާ އިޝަލްއާ ދިމާވި ފުރަތަމަ ދުވަހުވެސް އިޝަލް ގަޔަށް އެ އަޅާލީ ހޫނު ކޮފީއެވެ. އިޝަލް ހިތަށް އަރާނެ އެއްޗެއް ނޭންގުމުން މިއާ ލަދުގަތެވެ. އޭނާގެ ހިތްނެގިނެގިފައި ތެޅެމުން ދިޔައެވެ. އަތްފައި ވަނީ ފިނިވެފައެވެ. އިޝަލް އޭނާއާ ދިމާއަށް ރުޅި އައިސްގެން އެއްޗެކޭ ބުނެފާނެތީ ވެސް މިއާ ކަންބޮޑުވިއެވެ. އެހެނަސް ރުޅި އައުމުގެ ބަދަލުގައި އިޝަލް އޭނާއަށް ބަލާލާފައި ހިނިތުންވެލީއެވެ. އެހާ ގާތުން އިޝަލްގެ ރީތި ހިނިތުންވުން ފެނުމުން މިއާ ގައިން ހީބިހި ނަގައިގެން ދިޔައެވެ. އޭނާއަށް ހީވީ ހުވަފެނެއް ތެރޭގައި އުޅެވޭހެންނެވެ. ދެންމެ ދެންމެ އެ ހުވަފެނުން ހޭލެވިދާނެހެން ވެސް ހީވިއެވެ. “އައި ލަވް ޔޫ” އެ ތިން ލަފްޒު މިއާގެ އަނގައިން ނުކުތީ ބޭއިޚްތިޔާރުގައެވެ. ބުނެވުނީ ކިހާ ވަރެއްގެ އެއްޗެއްކަން މިއާއަށް ރޭކައިލީ އިޝަލްގެ މޫނަށް ވެރިވި ކުލަވަރުންނެވެ. “މި ބުނީ ފުޓުބޯޅަ ކުޅުންތެރިއެއްގެ ގޮތުގަ ލޯބިވާ ވާހަކަ. އިޝަލް ތިއީ އެންމެ ފޭވަރިޓް ޕްލޭޔާރ. މިހާ ތަނަށް އާސެނަލަށް އައި އެންމެ މޮޅު އެއް ގޯލު ކީޕަރު ތިއީ. ކޮންމެސް ދުވަހަކުން އިޝަލްއާ ދިމާވުން އެއީ އަބަދުވެސް ދެކެމުން އައި ހުވަފެނެއް. މިގޮތަށް ބައްދަލުވުން މިއީ އެއްވެސް ވަރަކަށް އުއްމީދު ކުރި ގޮތެއް ނޫން. ވަރަށް ބޮޑަށް މާފަށް އެދެން” މިއާ އަމިއްލަ ނަފްސު ހަމައަކަށް އަޅުވާލުމަށް ފަހު އޮޅުންފިލުވަދިނެވެ.
ހައިރާންކަންވީ އިޝަލްގެ މޫނުމައްޗަށް އުފާވެރިކަން ވެރިވިއެވެ. ފުޓުބޯޅަ ކުޅޭތާ ދުވަސްތަކެއްވީ ނަމަވެސް އަދި މި ގޮތަށް ‘ފޭން’އަކާ ބައްދަލެއް ނުވެއެވެ. އެ އަންހެން ކުއްޖާގެ ވާހަކަ ތަކުން އޭނާގެ ހިތަށް އުފާވެރިކަން ލިބިގެން ދިޔައެވެ. ފަހަކަށް އައިސް މުޅިންވެސް އޭނާއަށް އަޑުއިވެނީ ސަޕޯޓަރުންގެ ނުރުހުމުގެ ބަސްތަކެވެ. ސަޕޯޓަރެއްގެ ފަރާތުން ކުޑަވެސް ތައުރީފުގެ ބަހެއް ލިބުމުން ނަފްސަަށް ނޭންގޭ އުފާވެރިކަމެއް ލިބުނެވެ.
“ހެހެހެ. ވަރަށް ބޮޑަށް ޝުކުރިއްޔާ. އަސްލު އަހަރެން މާފަށް އެދެން ޖެހޭނީ. އަހަރެންގެ ކުށުން މިހެން މިވީ. އުމް”
“މިއާ” އިޝަލް އޭނާގެ ނަން އެނގެން ބޭނުންވާ ފަދަ ގޮތަކަށް ބަލާލުމުން މިއާ އޭނާގެ ނަން ބުންޏެވެ. އޭރު އޭނާގެ ހިތާއި ސިކުނޑި ދިޔައީ އުފަލުން ހަޅޭއްލަވަމުންނެވެ. އިޝަލްއަށް އޭނާއަކީ ދުނިޔޭގައި އުޅޭ މީހެއްކަން ވެސް އެނގޭނެ ދުވަހެއް އަންނާނެ ކަމަކަށް ފަހަރުގައި ވެސް މިއާ އުއްމީދެއް ނުކުރެއެވެ.
“މިއާއަށް އެއްވެސް މައްސަލައެއް ނެތިއްޔާ ކޮފީއެއް ބޯން ވަންނަންވީނު؟” އެ ވަގުތު ކުރެވެމުން ދިޔަ އިޙްސާސްތައް ދުލުން ބަޔާން ކުރުމަކީ މިއާއަށް ފަސޭހަކަމަކަށް ނުވާނެއެވެ. މިއަދު ހެނދުނު އޭނާ ހޭލިއިރު އިޝަލްއާ ދިމާވެ އޭނާއާއެކު ކޮފީއަކަށް ދާން ދަޢުވަތު ލިބޭނެ ކަން އެނގުނު ނަމަ މިއަށް ވުރެ ފުރިހަމައަށް އޭނާ ތައްޔާރުވީހެވެ. އޭނާ މިއަދު ލައިގެން ހުރީ އަޅިކުލައިގެ ޓޮޕަކާއިއެކު ނޫ ކުލައިގެ ޖިންސެކެވެ. ޓޮޕް މަތިން ހުރީ ކަޅު ކުލައިގެ ލެދާރ ޖެކެޓެއް ލާފައެވެ. އަރައިގެން ހުރެވުނީ އޭނާއަތު އިން އެންމެ ބާކޮށް ހުރި ހުދުކުލަ އެހެންނަމަވެސް ގިނަ ދުވަސްވުމުން އަޅިކުލަ އަރާފައި ހުރި ސްނީކާރސް ބޫޓަކަށެވެ. ކޮލެޖުގައި ގިނައިރުވުމުގެ ސަބަބުން އޭނާގެ އިސްތަށިގަނޑު ވެސް ވަނީ ހޭވިފައެވެ.
ކޮފީ ޝޮޕުގެ ދޮރު ހުޅުވުމުން ދޮރާއި ދިމާއަށް ބަލާލި މިންހާގެ ދެލޯ ބޮޑުވެ އަނގަ ހުޅުވިގެން ދިޔައެވެ. މިންހާއަށް ވީ ގޮތުން ޒާޔާ އަދި އަހާން ވެސް ދޮރާ ދިމާއަށް ބަލާލިއެވެ. އެ ދެމީހުންނަށް ވެސް ވީ ހަމަ މިންހާއަށް ވީ ފަދަ ގޮތެކެވެ. “ކަލޯގަޔާ. މަށަށް ފެންނަ ގޮތްތަ ނޫނީ އެލެކް ހަމަ އަސްލަށް ވެސް ‘ބްލޮންޑް’ އަންހެން ކުއްޖެއް ގޮވައިގެން ކޮފީ ޝޮޕަށް ވަނީތަ؟” އިޝަލް އަދި އޭނާއާއެކު ވަން އަންހެން ކުއްޖާއިން ނަޒަރު ވަކި ކުރުމެއް ނެތި އެހިއެވެ. އޭނާ ބްލޮންޑްއޭ ބުނިއިރު އަތުން ކޮމާކޯޅިއެއް ހެދިއެވެ. އިޝަލްއާ ނުގުޅޭ ކަމެއް އިޝަލް ކުރުމުން ތިން ކުދިން ވެސް ތިބީ ބުނާނެ އެއްޗެއް ނޭންގިފައެވެ. އަންހެން ކުއްޖެއް ގޮވައިގެން ކޮފީ ޝޮޕަަށް ކީއްކުރަން އަންހެން ކުއްޖެއްގެ ވާހަކަ ވެސް އިޝަލް އެމީހުން ގާތު މިހާރު ނުދައްކައެވެ.
އެކުވެރިން ތިބި މޭޒަށް ދިއުމުގެ ބަދަލުގައި މިއާ ގޮވައިގެން އިޝަލް އިށީނީ އެމީހުންނަށް ނުވެސް ފެންނާނެ ހިސާބެއްގައެވެ. އޭނާ މިއާ ގޮވައިގެން ވަނުމުން އެކުވެރިންގެ މޫނަށް އެރި ކުލަވަރު ރީއްޗަށް އިޝަލްއަށް ފެނުނެވެ. އަހާން،ޒާޔާ އަދި މިންހާ ހީވީ އަޖައިބެއް ފެނިގެން ބަލަން ތިބިހެންނެވެ. މިއާއަށް އެތިން މީހުން ތިބި ގޮތް ފެނުމުގެ ކުރިން އަވަހަށް އެ ކުއްޖާ ގޮވައިގެން އިޝަލް ކައުންޓަރަށް ދިޔައެވެ. ޒާޔާ ޑިއުޓީގަޑި ނިމިފައި ހުރިކަން ނަސީބެކޭ އިޝަލް ހިތަށް އެރިއެވެ.
އިޝަލް ބޭނުން އެއްޗެއް ނަގަން ބުނުމުން މިއާ ނެގީ ކަޕަޗީނޯއެކެވެ. އަޝަލް ކާއެއްޗެއް ނަގަން ބުނުމުން އޭނާ ދެކޮޅު ހެދުމުން ވެސް އިޝަލް އޭނާއަށް ޗީޒްކޭކު ފޮއްޗެއް ނަގައިދިނެވެ.
މިއާގެ ހިތް އަވަސްވެފައި ކިތަންމެ ބާރަށް ތެޅެމުން ދިޔަ ނަމަވެސް އޭނާ ބެލީ ހަމަޖެހިގެން އިނދެވޭތޯއެވެ. އިޝަލް އޭނާ ކުރިމަތީ އިނދެގެން ހަމަޖެހިލައިގެން ސްޓްރޯރބެރީ މިލްކް ޝޭކް ބޮމުން ކޭކު ކަމުން ދިޔައެވެ. މިއާ ކޮފީ ތަށިން އެތި ފޮދެއް ބޯލުމަށް ފަހު ސަމްސަލުން ޗީޒް ކޭކް ކޮޅެއް ކާލިއެވެ. “ވާއު ދިސް އިޒް ޑިލިޝަސް” ޗީޒްކޭކު ކޮޅު އަނގަޔަށް ލީ ވަގުތު ލީ މީރު ރަހައިން މިއާއަށް ދެލޯ މަރާލެވުނެވެ. “މިތަނުގަ ހުންނަ ހުރިހާ އެއްޗެއް ވެސް ވަރަށް މީރު ވާނެ” ލުއި ހުނުމަކާއެކު އިޝަލް ބުންޏެވެ. މިއާ ބޯ ޖަހާލާފައި އަނެއްކާވެސް ޗީޒް ކޭކު ކޮޅެއް ކާލިއެވެ.
“ސޯ ޔޫ ލަވް ފުޓްބޯލް؟” ދެމެދުގައިވި ހިމޭންކަން ނައްތާލީ އިޝަލްއެވެ. އިޝަލްގެ ސުވާލާއެކު މިއާ ފުންކޮށް ހިނިތުންވެލިއެވެ. “ޔެއާ އައި ލަވް ފުޓްބޯލް. ކުޑައިރުންސުރެ ވެސް އަބަދުވެސް ފުޓުބޯޅަ ބަލަން. ވަރަށް ކުޅޭ ހިތްވެސް ވޭ. ކުޑައިރު ބޭނުންވި ފުޓްބޯލް ޕްލޭޔަރަކަށް ވާން. ޓްވިން ބޭބެއާއެކު ދަން ކުޅެން ވެސް. ފަހުން ވަކި އުމުރަކަށް ދިޔާމަ މައިންޑް ޗޭންޖްވީ. ބޭނުންވީ ފުޓްބޯލް ޕްލޭޔާރސްއަށް ހެލްޕް ވެވޭނެ ކަމެއް ކުރަން. އެހެންވެ މިހާރު ސްޕޯޓްސް ސައިކޮލަޖީ ކިޔަވަނީ” ފުޓުބޯޅައާ ބެހޭ ގޮތުން މީހަކު ސުވާލެއް ކޮށްފިނަމަ އެއަށް ކުރުކޮށް ޖަވާބު ދިނުމަކީ އެއް އިރެއްގައި ވެސް ކުރާކަމެއް ނޫނެވެ. ކުޑަ ވަގުތުކޮޅަކަށް ނަމަވެސް އޭނާ މި ވާހަކަ ދައްކަނީ އިޝަލްއާ ކަން މިއާ ހަނދާން ނެތުނެވެ.
މިއާގެ ޖަވާބުން އިޝަލް ހަނދާންވީ އަލައިލާ އަދި މާނީ މަތިންނެވެ. އޭނާގެ ދައްތަ އަދި ބޮޑުދައިތަ ސްޕޯޓްސް ޖާނަލިސްޓުންނަށް ވީ ފުޓުބޯޅައަށް ހުންނަ ޝައުޤެއްގެ ބޮޑުކަމުންނާއި ފުޓުބޯޅައަށް އެހީތެރި ވުމަށެވެ. މިއާ ވެސް ސްޕޯޓްސް ސައިކޮލަޖީ އެ ކިޔަވަނީ ކުޅުންތެރިންނަށް އެހީވާށެވެ. ނަފްސާނީ ގޮތުން އަސަރުކުރާ ކުޅުންތެރިނަށް ރަނގަޅު ތެރަޕީއެއް ލިބުމަކީ ކިހާ މުހިންމު ކަމެއްކަން އޭނާއަށް އެނގެއެވެ. މިއާ އެ ދާއިރާއިން ކިޔަވަމޭ ބުނުމުން އިޝަލްއަށް ނޭންގޭ އުފާވެރިކަމެއް ލިބިގެން ދިޔައެވެ.
“ސޯ ޔޫ އާރ ފްރޮމް ލަންޑަން؟”
“ނޫން. ވިންޓާރ ބްރޭކްެއަށް ފަހު މިކޮޅަށް ޗޭންޖްވީ ބޭބެއާ އެއްކޮށް. މްމްމް މިއީ އެރިކްގެ ކޮއްކޮ” ބުނަން ނުބުނަމް ކަހަލަ ގޮތަކަށް ހުރެފައި ވެސް މިއާ ބުނެލިއެވެ.
“އުމް އެރިކް ވެއިޓް އޭޒް އިން އެރިކް ޙައްދިދް؟ ޗެލްސީއަށް ގެނައި؟” ޔަޤީން ކުރުމުގެ ގޮތުން އިޝަލް އަހާލިއެވެ. އެއާއެކު މިއާ ލަސް ލަހުން ބޯ ޖަހާލިއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
3 Comments!
Comments are closed.






Salam all here is the 3rd episode of Manzil thiey. How are u guys liking new version soo far? What do u guys think of Mia’s character? Hope u all enjoyed reading. Stay safe everyone
vvvvvv salhi… miage character v salhi ingeyy..waiting for next part curiously
Masha Allah the new version is better… keep it up.. and Mia’s character is also great
loved this part… waiting for the next part
Lots of luv from me