Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ނޭދެމޭ ވަކިވުމެއް-52

Wonder Level 910 Stories100 Login100 Comments500 Login500 Comments100 Stories
March 30, 2021 4 Mins Read
1 Comment

ދެއަތް ދެއަތާ މޮޑެމުން ދިޔަ ޒޯޔާގެ މޫނުމަތިން ހާސްކަން ފާޅުވަމުން ދިޔައެވެ. ފަޒްލާގެ ކުރިމަތީ އިށީން ވަޤުތުން ފެށިގެން މުޅިހަށިގަނޑަށް މަޑު ތުރުތުރު ލުމެއް ވެރިވެފައިވާ ފަދައެވެ. ފަޒްލާ ދައްކަން އުޅޭ ވާހަކައަކާ މެދު ޒޯޔާއަށް ވިސްނެމުންދިޔައީ އިންތިހާ އަށެވެ.

“ޒޯޔާ މިގެނައީ ވަރަށް ބޮޑު ވާހަކައެއް ދައްކަން.. އަހަންނަށް ހީވަނީ މިކަމުން ދެމީހުންނަށްވެސް ކުރާނީ ފައިދާހެން..” ފަޒްލާ ދުރު ދުރުން ދައްކަން ފެށި ވާހަކައިގެ މިސްރާބު ހުރީ ކޮންދިމާއަކަށްކަން ލަފާކޮށްލަންވެސް ޒޯޔާއަށް ދަތިވިއެވެ.

“ޒޯޔާ ބޭނުންތަ ޒައިކް ހޯދަން..؟” ފަޒްލާގެ ސުވާލާއެކު އިސްޖަހައިގެން އިން ޒޯޔާއަށް ހައިރާންކަމާއެކީ އިސްއުފުލާ ފަޒްލާގެ މޫނަށް ބަލައިލެވުނެވެ. އެއީ ފަޒްލާގެ ފަރާތުން އޭނާ އުންމީދުކޮށްގެން ހުރި ފަދަ ސުވާލެއް ނޫނެވެ.

“ޖަވާބެއްްދީބަލަ.. އާއެކޭ ނުވަތަ ނޫނެކޭތަ..؟” ޒޯޔާގެ ފަރާތުން ޖަވާބެއް ނުލިބުމުން ފަޒްލާގެ މޫނުމައްޗަށް ފޫހިކަން ވެރިވެގެން ދިޔައެވެ.

ޒޯޔާ އަވަސް އަވަހަށް ބޯ ޖަހާލިއެވެ. ޒައިކް ވީތަން ފަޒްލާއަށް އެނގެނީ ބާވައެވެ؟ ޒައިކް ހޯދަދޭން ފަޒްލާ އެހީވަނީ ބާވައެވެ؟ އެފަދަ އެތައް ސުވާލު ތަކަކާއެކު ޒޯޔާގެ ހިތުގެ ހިނގުން އަވަސްވެގެން ދިޔައެވެ.

“އެންމެ ރަނގަޅު.. އަހަންނަށް ޒައިކް ހޯދަދެވޭނެއޭ ބުނެފިއްޔާ ޒޯޔާ ޤަބޫލު ކުރާނަންތަ..؟” ފަޒްލާ އަނެއްކާވެސް ކޮށްލީ ސުވާލެކެވެ.

“ މިފައިލްގަ މިވަނީ ޒައިކް ހޯދުމަށް ބޭނުންވާނެ ހުރިހާ މަޢުލޫމާތެއް..” ފަޒްލާ އޭނާއަށް ލައިލާ ދިން ފައިލް ޒޯޔާއަށް ދައްކާލަމުން ބުނެލިއެވެ.

“އެކަމަކު…” ފަޒްލާ ވާހަކަ ދައްކަން ފެށުމާއެކު ޒޯޔާއަށް ނުތަނަވަސްކަން ލިބިގެން ދިޔައެވެ.

“ޒައިކް ހޯދަދޭން އަހަރެން އެހީވާނީ ޝަރުތެއްގެ މަތިން..” ފަޒްލާ ހަރުކަށިކަމާއެކު ބުނެލިއެވެ. ޒޯޔާއަށް އިތުރަށް ކެތެއް ނުކުރެވުނެވެ. ގޮނޑިން ތެދުވަމުން ފަޒްލާއާ އޭނާ ކުރިމަތިލިއެވެ.

“އެއީ ކޮން ޝަރުތެއްތޯ..؟ އަޅުގަނޑަށް ކުރެވޭވަރު ކޮންމެ ކަމެއްވެސް ކޮށްދޭނަން.. އެކަމަކު ޒައިކް އަޅުގަނޑަށް ބޭނުން” ޒޯޔާ ދެއަތް ޖޯޑު ކޮށްލަމުން ފަޒްލާގެ ކުރިމަތީ އާދޭސްކުރިއެވެ. ޒައިކް ފެންނާނެ ކަމުގެ އުންމީދު އާލާވުމަށްފަހު މާޔޫސްވެ ހުސް އަތާ އެނބުރި ދާކަށް ޒޯޔާ ބޭނުމެއް ނޫނެވެ.

ކެތްމަދުވެ ގޮތްހުސްވެފައިވާ ޒޯޔާގެ މޫނު ފެނުމާއެކު ފަޒްލާގެ ތުންފަތައް ވެރިވީ ނުލަފާ ހިނިތުންވުމެކެވެ. އޭނާ އެދެން އުޅޭކަންތައް ޒޯޔާއަށް ނުބައި ހުވަފެނަކަށް ވެގެން ދާނެކަން ޔަޤީނެވެ.

“ޒައިކް ބޭނުމިއްޔާ އައިވިން ދޫކޮށްލާ!” ޒޯޔާއަށް ގަނޑުވެފައި އިރުކޮޅަކު ހުރެވުނެވެ. ފަޒްލާ ދެއްކި ވާހަކަ އޭނާގެ ކަންފަތަށް އިވުނުގޮތް ނުބައިއީހެއްޔެވެ؟ ހަރަކާތް ކުރަން ވެސް ހަނދާންނެތިފައި ހުރި މީހަކުހެން ފަޒްލާއަށް ބަލަހައްޓައިގެން ހުރުން ފިޔަވާ އިތުރު ކަމެއް ޒޯޔާއަކަށް ނުކުރެވުނެވެ.

“އަދި އެއްފަހަރު ތަކުރާރު ކޮށްދެންވީތަ..؟” ޒޯޔާގެ ކުރިމަތީ މޫނު ޖެހޭހާ ގާތުގައި ފަޒްލާ ހުއްޓެމުން ކަންފަތް ދޮށުގައި ބުނެލިއެވެ.

“ޒައިކް ބޭނުމިއްްޔާ އައިވިން ދޫކޮށްލާ.. ޒޯޔާއަށް ލިބެން އޮތީ އެތަނުން އެކަކު..” ފަޒްލާގެ އަޑުގައި އެއްވެސް ރަޙުމެއް ކުލުނެއް ނެތެވެ. ޒޯޔާގެ ލޮލަށް ބޮނޑިވެގެން ކަރުނަތަައް އޮހިގެން އައީ އެވަޤުތުއެވެ. އޭނާއަށް ކުރިމަތިވެފައިމިވަނީ ކޮންފަދަ އިމްތިޙާނެއް ހެއްޔެވެ؟

“އެކަމަކު.. ކީއްވެ..؟” ޒޯޔާގެ ކަރުނަވީ ލޮލުގައިވަނީ އެތަކެއް ހާސް ޝަކުވާއެކެވެ. އޭނާއަށް އެންމެ މުހިއްމު ދެމީހުންގެ ތެރެއިން އެކަކު އިޚްތިޔާރު ކުރަން ޖެހެންވީ ކީއްވެހެއްޔެވެ.؟ އޭނާގެ ފުރިހަމަވެފައިވާ އާއިލާއާއެކު އުޅެވެން ނެތީ ކީއްވެހެއްޔެވެ..؟”

“މިހާ ދުވަސްވީއިރުވެސް ކީއްވެކަމެއް ޒޯޔާއަކަށް ނޭނގޭތަ..؟ ތިއީ އަހަރެން އައިވިން އަށް ހޯދަދޭން ބޭނުންވީ ކަހަލަ އަންހެނެއް ނޫން.. ކަލެއާ އައިވިން ކައިވެނި ކުރީ އަހަރެން ރުޙުމެއްގައެއް ވެސް ނޫން.. ހުރި ހަމައެކަނި ދަރިފުޅުގެ މުސްތަޤުބަލަށް އަހަރެން ކުރި އުންމީދުތައް ފުނޑު ފުނޑުކޮށްލީ ކަލޭ.. އަހަރެންގެ ދަރިފުޅު މިހާރު އެއުޅޭ ހާލު ދެކިބަލަ.. އެއްވެސް އަސްލެއްނެތް ތުޙުމަތު ތަކެއްގައި ބަނދެވިފަ.. އަނެއްކޮޅުން ކަލެއާ ކަލޭ ދަރިފުޅުގެ ހުރިހާ ބަރުދަނެއް އޭނާގެ ބޮލު މަތީގެ.. އޭނާއަށް ނޭވާލާނެ ވަޤުތުކޮޅެއް ދީބަލަ.. ތި ދެމައިން އައިވިންގެ ޙަޔާތުން ދިޔުމުންނޫނީ އައިވިން އަށް ދިރިއުޅުމެއް ނުފެންނާނެ.. އަހަރެން އެދަރިފުޅަށް އެކަންތައް ކޮށްދޭނަން..” ފަޒްލާގެ ހިތުގައި ޒޯޔާ އާ އޭނާގެ ދަރިފުޅާ މެދު ނަފްރަތާއި ރުޅިވެރިކަން ނޫން އެއްޗެއް ނެތްކަން ޒޯޔާއަށް ޔަޤީންވެއްޖެއެވެ.

”އެހެންވީމަ ޒޯޔާ ބޭނުންގޮތެއް އަވަހަށް ބުނޭ.. ޒައިކް ސަލާމަތް ކޮށްދެވެން އޮތީ އަހަރެން ބުނާގޮތް ހަދައިގެންކަން ހަނދާން ކުރާތި.. ހުދު އައިވިން އަމިއްލައަކަށްވެސް ކިތަންމެ މަސައްކަތެއް ކުރިޔަސް އެކަމެއް ނުވާނެ..”

ފަޒްލާގެ ކޮންމެ ޖުމްލައަކާ އެކު ޒޯޔާގެ ހިތުގައި އިތުރު ހައިޖާނެއް އުފެދެމުން ދިޔައެވެ. ބޮލަށް ބާރުކުރަމުންގޮސް ބޯފަޅައިގެންދާން އުޅޭހެން ހީވާން ފެށިއެވެ.

“އައިމް ސޮރީ އައިވިން..” ޒޯޔާއަށް ދެލޯ މަރާބާރުކޮށްލުމާއެކު ހިފެހެއްޓުމެއްނެތް ކަރުނަތައް ކޯރު ހަދާފައި ކޯތާފަތަށް ފައިބައިގެން ދިޔައެވެ. ހިތުގެ ކަނަކުން ފަޒްލާގެ ވާހަކަތަކަށް ޒޯޔާއަށް އެއްބަސް ވެވުނެވެ. އޭނާގެ ސަބަބުން އައިވިންގެ ހަޔާތް ހަލަބޮލިކަމެއްގެ ތެރެއަށް ވެއްދިއްޖެއެވެ. ފަޒްލާ ބުނިފަދައިން އައިވިން އަށް ހަމަޖެހުމެއް ލިބެން އޮތީ އޭނާ އައިވިންގެ ޙަޔާތަށް ޢަލްވަދާޢު ކިޔުމުން ހެއްޔެވެ؟ އެހެނަސް އެ ޚިޔާލާއެކުވެސް ޒޯޔާގެ މެޔަށް ދިލަ ތަދު އިޙްސާސްކުރެވެމުން ދިޔައެވެ. އައިވިން އާ ނުލާ އޭނާގެ ހިތަށް ލިބެން އޮތީ ކޮން ހިތްހަމަ ޖެހުމެއް ހެއްޔެވެ؟ އަނެއްކޮޅުން ލޯބިވާ ދަރިފުޅެވެ. ޒައިކް އާ ނުލާ ދިރިހުރުމަށް ވުރެ މަރުވާން އެދެވުނު ދުވަސްތައް ގިނައެވެ. އެދަރިފުޅަކީ އޭނާގެ ހުރިހާ ހިތާމަޔަކާއި އަނިޔާއަކަށް ކެތްތެރިވުމުގެ ހަމައެކަނި ބާރެވެ.

އެވަޤުތު ޒޯޔާ ނިންމި ނިންމުމަކީ އޭނާގެ ހަށިގަނޑުން އެއްފަޅި މަދުވެގެން ދިޔަ ކަމުގެ އިޙްސާސް ކުރެވުނު ނިންމުމެކެވެ. އެހެނަސް ޒޯޔާއަށް ލިބިގެން ދިޔަ ހިތާމައިގެ ބަދަލުގައި ފަޒްލާއަށް އިންތިހާ ދަރަޖައިގެ އުފާވެރިކަން ލިބިގެން ދިޔައެވެ.

ފަޒްލާގެ މަސައްކަތުން ޒައިކް ހޯދިގެން ދިޔައެވެ. އެއްބަސްވެވުނު ގޮތާއި އެއްގޮތަށް އައިވިން ދޫކޮށްލާފައި ޒޯޔާ ދާން ޖެހޭވަޤުތު އައީއެވެ. އޭނާއަށް ވީވަރަކުން އައިވިން އަށް އެކަމުގެ ހިލަމެއް ވިއަނުދޭން މަސައްކަތް ކުރިއެވެ. އައިވިން ގޭގައި ނެތްވަޤުތު ބަލާ ޒޯޔާ ޒައިކް ގޮވައިގެން ގެއިން ނިކުތީ ހުސް އަތާއެވެ. ރީތިވާ މޭޒުގައި އަމިއްލަ އަތުން ލިޔުނު ހަޤީޤަތެއް ނެތް ލިޔުންކޮޅު ޒޯޔާ ބޭއްވީ ހިތާއި ދެކޮޅަށެވެ. ހިތްމަތީ ހިލަގަނޑެއް ބާއްވަމުން ޒޯޔާ އައިވިންގެ ދިރިއުޅުމާއި ދުރަށް ހިނގައިގަތީ ދުވަހަކުވެސް އެދިރިއުޅުމަށް ނާންނަން ނިންމަމުންނެވެ.

******
އެކި މީހުންގެ ދިިރިއުޅުމަށް އެކި ކުލަތައް ވެރިކުރަމުން ދިރިއުޅުން ކުރިއަށް ދަމުންދިޔައެވެ. ވަޤުތު އޭގެ ޒިންމާ އަދާކުރަމުން ދިޔައިރު ޙަޔާތުގެ ޞަފްޙާތައް ގަނޑަކަށް ފަހު ގަނޑެއް މާޒީއާ އެކުވަމުން ދިޔައެވެ.

ދެފަރާތަށް ކެހިގެން ދިޔަ ދޮރުގެ ތެރެއިން ދުވެފައި ކަހަލަ ގޮތަކަށް ޒޯޔާ ވަދެގެން ދިޔައެވެ. އަތުގައި އޮތް ގަޑިއަށް ބަލައިލަމުން ކޮނޑުގައި އަޅުވާފައި އޮތް އަތްދަބަސް ރަނގަޅު ކޮށްލިއެވެ.

”ޒޯ.. ކިރިޔާ އިނގޭ ގަޑިއަށް ތިއާދެވުނީ..” ރިސެޕްޝަނުގައި އިން އަންހެން ކުއްޖާ ޒޯޔާ ފެނުމާއެކު ހިނިތުންވެލަމުން ބުނެލިއެވެ. ވަށްމޫނަކާއި ރީތި ކަޅިރަވައެއް ލިބިފައިވާ އަންހެން ކުއްޖާގެ ފަރާތުން ފެންނަނީ ހިތްހެޔޮ ކަމެވެ. އަޅާފައިވާ ލޯ ބޮޑު އައިނުގެ ސަބަބުން ފޮތްކިޔުމަށް ލޯބިކުރާ ކުއްޖެއް ކަމަށް ދައްކައެވެ.

”ހީކުރީ މިފަހަރު ގަޑި ޖެހޭނެ ކަމަށް.. ޒައިކް ނިދާ ހޭލައިގެން ބޮޑާހާކަން ފެށީމަ ލަސްވީ އަސްލު..” ޒޯޔާވެސް އެ އަންހެން ކުއްޖާއަށް ހިނިތުންވުމެއް ރައްދުކުރަމުން ޖަވާބު ދިނެވެ.

“މިރޭ މިއޮތް ބޮޑު އިވެންޓާ ހެދި އަވަހަށް ގެޔަކަށްވެސް ނުދެވޭނެ ޔަޤީނުންވިއްޔާ..” ރިޗެޕްޝަނުގައި އިން ދެވަނަ ކުއްޖާ ތުން ދަމާލަމުން ބުނެލިއެވެ. އޭނާގެ ވާހަކައާއެކު ޒޯޔާގެ މޫނުމައްޗަށްވެސް ކޮންމެވެސް ވަރެއްގެ ނުތަނަވަަސްކަން ވެރިވިއެވެ. އޭނާ މަސައްކަތް ކުރާ ހޮޓެލް ގައި ބޭއްވުމަށް ހަމަޖެހިފައިވާ އިވެންޓަށް ތަނުގެ ހުރިހާ މުވައްޒަފުން ހާޒިރު ވުމަަށް ވަނީ އަންގާފައެވެ.  ހޮޓެލްގެ މެނޭޖަރު އިސްވެ ހުރެ ޙަފްލާއަށް މުޅި މާޙައުލު ތައްޔާރު ކުރަމުން ދިޔުމުންވެސް ޙަފްލާގެ ބޮޑުކަން ހާމަވެއެވެ. ޒޯޔާއަކީ އެފަދަ މީހުން ގިނަ ޙަފްލާ ތަކުގައި ބައިވެރިވާން ބޭނުންވާ މީހެއް ނޫނެވެ. އެހެނަސް ތަނުގެ މުވައްޒަފެއްގެ ޙައިޞިއްޔަތުން އޭނާއަކަށް އިތުރު ގޮތެއް ނެތެވެ.

ހީނާމާ ކޮމްޕްލެކްސް އަކީ މާލޭގައި ހުރި ޖާގައިގެ ގޮތުން އެންމެ ބޮޑު އަދި އަގުބޮޑު އެއް ހޮޓެލެވެ. ޖިމަކާއި ބިލިޔާޑު އަދި ޓެނިސް ފަދަ ތަފާތު ކުޅިވަރުތައް ކުޅެވޭނެ ފެސިލިޓީތަކުގެ އިތުރުން ސްވިމިންގް ޕޫލަކާއި އެކު ޕްރެޒިޑެންޓަލް ސްވީޓްތައް ހިމެނޭ މުއްސަނދިންގެ މާޙަޢުލެކެވެ. އޭގެ އިތުރުން ކައިވެނީގެ ޙަފްލާތަކާއި ބޮޑެތި އިވެންޓުތައް ބޭއްވުމަށް ޙާއްސަ ކުރެވިފައިވާ މާލަމެއްވެސް ހޮޓެލުގައި ޤާއިމު ކުރެވިފައި ވެއެވެ.

މިރޭ އެ ހޮޓެލުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާއަކީވެސް އާދައިގެ ޖަލްސާއަކަށް ނުވާނެކަން ޒޯޔާއަށް ޔަޤީން ކުރެވުނެވެ. ޖަލްސާއަށް ޙާޒިރުވާ މެޙެމާނުންނާއި ހަވާލުވެ އެފަރާތްތައް ބޭނުންވާ ހުރިހާ ކަމެއް ފުރިހަމައަށް ކުރުމަށް ތަނުގެ ހުރިހާ މުވައްޒަފުންނަށް ވަނީ އަމުރު ކޮށްފައެވެ. ޖަލްސާ ފެށުމުގެ ބައިގަޑި އިރެއްހާ ކުރިން ގިނަ އަދަދެއްގެ ނިއުސްކާސްޓަރުންނާއި ކެމެރާމަނުން ވަނީ ހޮޓެލަށް އައިސްފައެވެ.

ގަޑިން އަށެއް ޖެހުމާއެކު ތަފާތު އަގުބޮޑު ޝާހީ ކާރުތަކުން ހޮޓެލްގެ ދޮރުމަތި ފުރާލައިފިއެވެ. ކޮންމެ ފަރާތެއްވެސް ބޮޑީގާޑުންނާއެކު ކާރުން ނިކުމެ ހޮޓެލްގެ ތެރެއަށް މިސްރާބު ޖަހަމުން ދިޔައިރު ހަރަކާތްތަކުގައިވަނީ އަބުއި ކަމެވެ.

ޒޯޔާވެސް އެތަނުން ބައެއް މެޙެމާނުންނަށް ޢަދަބު ވެރިކަމާއެކި ދާންވީ މަގު ދައްކައިދެމުން ދިޔައެވެ. ކެމެރާތަކުގެ ފްލޭޝްތަކާއި ކައިރީގައި ތިބި ޖާނުން ވަރުގަދަ ހަށިފާރަވެރިން ފެނި ޒޯޔާ ނުތަނަވަސް ވާގޮތްވި ނަމަވެސް އެކަން ފާހަގަ ވިޔަކަ ނުދެއެވެ.

ޙަފްލާ ބޭއްވޭ މާލަމަށް ބައެއް ފަރާތްތައް ގެނައުމަށްފަހު ޒޯޔާ އަނެއްކާވެސް މިސްރާބުޖެހީ އިތުރު ފަރާތްތަކާއި ހަވާލު ވުމަށެވެ. ހޮޓެލްގެ ހޯލަށް ނިކުން އިރު އެތަނުގައި ގިނަ އަދަދަކަށް މީހުން ތިބިކަން ޒޯޔާއަށް ފާހަގަ ކުރެވުނެވެ. ޖަލްސާގައި ބައިވެރިވާ ޢިއްޒަތްތެރިން އެކަކު އަނެކަކާ ސަލާމް ކުރަމުން ދިޔައެވެ. އެކި ދިމާއަށް ކަޅި އެއްލަމުން ދިޔަ ޒޯޔާ އަށް ހުއްޓުން އެރީ ހޮޓެލް އަށް ވަންނަ ދޮރު ކުރިމަތީ ހުއްޓުނު އައިވިން ފެނުމުންނެވެ. އޭނާ ފަދައިން ކޯޓު ފަޓުލޫނުގައި ހުރި މެދު އުމުރުގެ ފިރިހެނަކާއި ހިނިތުންވެލަމުން ސަލާމް ކޮށްލި އިރު އައިވިންގެ ބޮޑީގާޑް ޒޯޔާގެ ލޮލުގައި އަޅައިގަތެވެ. ތަނުގެ ބައިބޯ މާޙައުލުންވެސް އޭނާގެ ލޮލަކަށް އައިވިން ސިއްރެއް ނުވިއެވެ. ހަދާނެ ގޮތެއްނޭނގި ހުއްޓުން އަރާފައި ހުރި ޒޯޔާއަށް ދެލޯ ބޮޑު ކޮށްލެވުނީ ކައިރީގައި ހުރި ފަރާތާއި ސަލާމްކޮށްލުމަށްފަހު ސީދާ ޒޯޔާ ހުރި ދިމާއަށް އައިވިން އެނބުރުމުންނެވެ. އައިވިންގެ ލޮލުގައިވެސް ޒޯޔާ އަޅައިނުގަނެ ނުދިޔައެވެ. އެމޫނުމަތިން ސިހުމާއި ހައިރާންކަން ފެނުނު ކަން ޔަޤީނެވެ. އެހެނަސް އެއީ ކުޑަ ހިނދުކޮޅަކަށެވެ.

-ނުނިމޭ-

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Wonder

Level 910 Stories100 Login100 Comments500 Login500 Comments100 Stories

- Writing is an art. And Art is a way of survival- Author of vaashey mashaa eky. Author of Neydhemey vakivumeh.

Other Articles

Previous

ބީވެގެންދިޔަ އެކުވެރިން

Next

ނިކަން ލޯބިން-29

Next
March 30, 2021

ނިކަން ލޯބިން-29

Previews
March 29, 2021

ބީވެގެންދިޔަ އެކުވެރިން

One Comment

  1. imkko says:
    March 31, 2021 at 12:14 am

    Maasha allah … mi baivx v reethi … i was so excited when zoya and aivin met ekm wonder dhn vaane gothakah kehmadhu vefa hutta thi ninmaaleevx … kihaa majaa vaane zoya and aivin ah ekee masakai kuran jehuniyyaa kommes kamehga .. and i also can’t wait for a zaik and aivin scene .. v v v v v boda zaik and aivin scene eh balaahiyy vey .. btw curiously waiting for the next part ????

Comments are closed.

Next Episodeނޭދެމޭ ވަކިވުމެއް-53←


All Right Reserved!