Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

އެކުއްޖާ 2 – 24

yooon
yooon 10 Stories100 Comments100 Login100 Stories500 Comments
March 17, 2021 7 Mins Read
4 Comments

* “ކައިޔަން..” މާޔާ ހުވަފެނީ ގޮތަކަށް ހީނލިއެވެ. އަވްލީންއަށް އޭނާގެ މާޒީގެ ވާހަކަ ކިޔައިދިން އިރު މާޔާ އެއްކަމެއް ސިއްރުކުރިއެވެ. ކައިޔަން އަކީ މާޔާގެ ހިތުގައި ވިކާލި އެންމެ ފުރަތަމަ މީހާ ކަމެވެ. އަނެއް ގޮތަށް ބުނާނަމަ ކައިޔަން އަކީ މާޔާއަށް އެންމެ ފުރަތަމަ ލޯބިވެވުނު މީހާ ކަމެވެ. *

“މާޔާ.. ފެންތައްޓެއް ގެނެސްދީބަލަ..” ކައިޔަން އެހެން ބުނެލި އަޑަށް މާޔާއަށް ޚިޔާލުތަކުން ބޭރު ވެވުނެވެ. “އާނ މި ގެނެސްދެނީ..” މާޔާ ކައިޔަންއަށް ފެންތައްޓެއް ގެނެސްދިނެވެ. “ޝުކުރިއްޔާ..” ކައިޔަންގެ ދުލުން އެ ނުކުތް ބަހުން މާޔާއަށް ކައިޔަން ބަދަލުވެފައިވާވަރު އެނގުނެވެ. ކުރިން ކައިޔަން އަކީ ޝުކުރިއްޔާ ބުނެނުލާތާ ފޮނިކަމުން ކަމެއް ކޮށްދޭ މީހާ އާއި ހަތަރުކަޅިވެސް ހަމަކޮށްނުލާ މީހަކަށް ވާތީއެވެ. އަވްލީން ކައިޔަންއަށް އެވަނީ ބޮޑު ބަދަލެއް ގެނެސްފައެވެ.

“މާޔާ..” މާޔާ ހިނގައިގަންނަން އުޅުމުން ކައިޔަން މާޔާގެ އަތުގައި ހިފާ ހުއްޓުވިއެވެ. އެވަގުތު މާޔާއަށް ހީވީ އޭނާގެ ގައިގައި ކަރަންޓު ޖެއްސި ހެންނެވެ. ވަގުތުން ހިނިތުންވެފައި މާޔާ ފަހަތަށް ބަލާލިއެވެ. “ކިހިނެތްވީ..؟” މާޔާ އެއްސެވެ. “މާފަށް އެދެން.. އަހަންނަށް އިނގޭ ކުރިން އަހަންނަށް މާޔާ އާއި ދޭތެރޭ ކަންތައްތައް ކުރެވުނީ ރަނގަޅަށް ނޫންކަން.. އެހެންވެ އެކަމަށް ވަރަށް ބޮޑަށް އަހަރެން މައާފަށް އެދެން..” ކައިޔަން މައާފަށް އެދުނެވެ. މާޔާ ރަކި ހިނިތުންވުމަކުން ހީނލާފައި އެއީ އެއްވެސް ކަމެއް ނޫނޭ ބުނެލިއިރު ހިތް ޑަންޑަންލާފައި ތެޅެމުން ދިޔައެވެ.

“ތޭންކްސް.. މިއީ މާޔާގެ ގެ ކަމަށް ހީކޮށްލާ.. މިގޭގައި މާޔާއަށް މަނާ ކަމެއް ނޯންނާނެ.. އަދި ތިއީ މިގޭގެ ނޯކަރެއް ކަމަށް ހީވެސް ނުކުރާތި..” ކައިޔަން ބުންޏެވެ. މިފަހަރުވެސް މާޔާ ބޯ ޖަހާލީ އެއްޗެއް ބުނަން ނުކުޅެދުމުންނެވެ. އެތައް އަހަރެއް ކޮށްފައިވެސް ކައިޔަން ފެނުމުން އެހިތުގައި ކައިޔަން ދެކެ ވެވުނު ލޯބި އޮތްކަން މާޔާއަށް ޔަގީންވިއެވެ.

ދުވަސްތައް ފާއިތުވަމުން ދިޔައީ ހަލުވިކޮށެވެ. ކައިޔަން އާއި އަވްލީންގެ އެހީތެރިކަމާއި އެކީގައި މާޔާ ރޫހާން ނީޝަލް އާއި އެއް ސްކޫލަކަށް ފޮނުވިއެވެ. ގޭތެރޭގައި އުޅޭއިރުވެސް މާޔާ އަވްލީންއަށް އެހީ ވެއެވެ. ކެއްކުމުގައި އަދި އެހެނި ގޭތެރޭގެ ކަންކަމުގައިވެސް ދެމީހުން މަސައްކަތްކުރަނީ އެކީގައެވެ.

“މާއްތާ..!!” ސްކޫލް ނިންމާފައި އައިސް ގެއަށް ވަތް ހަ އަހަރުގެ ނީޝަލް ދިޔަގޮތަށް ގޮސް މާޔާގެ ގައިގައި ބައްދާލިއެވެ. “ޝަލް ކޮއްކޯ..” މާޔާވެސް ނީޝަލްގެ ގައިގައި ބައްދާލިއެވެ. “މިއަދު ރޫ އާއި ޝަލް މިއައީ ދެ އާ ފްރެންޑް ކުދިން ގޮވައިގެން..” ނީޝަލް ބުނެލިއެވެ. މާޔާ ފްރެންޗް ބަހުން އެދެކުދިން ގެންނާށޭ ބުނީ ލޯތްބާއި އެކީގައެވެ. ނީޝަލް އަވަހަށް ދޮރު ކައިރިއަށް ޖެހެލާފައި ބޭރުގައި ހުރި އަންހެން ދެކުދިންނަށް ފްރެންޗް ބަހުން އެތެރެއަށް ވަންނާށޭ ބުނެލީ ކުޅަދާނަކަމާއި އެކީގައެވެ. އޭރު ރޫހާންވެސް އެތެރެއަށް ވަންނަނީއެވެ. އެ މުށިކުލައިގެ ދެލޮލުން ފެންނަނީ ފޫހިކަމެވެ. “މިއަދު ވެސް މާ ގިނަ ހޯމްވޯކް ދިނީތަ ދަރިފުޅާ..؟” މާޔާ އެއްސެވެ.

“މާ ގިނައޭ..؟ ބޮޑު ހޯމްވޯކް ފުންޏެއް..” ރޫހާން ދަބަސް ސޯފާގެ މައްޗަށް ހޫރާލިގޮތަށް ސޯފާއަށް ވެއްޓިގަތެވެ. “ލަދުން ނުހުރެ ވަދެބަލަ ޒެލީ..” ނީޝަލް ބޭރުގައި މަޑުކޮށްލައިގެން ހުރި އެއް އަންހެން ކުއްޖެއްގެ އަތުގައި ހިފާ އެތެރެއަށް ވެއްދިއެވެ. އެ އަންހެންކުއްޖާގެ ފަހަތުން އެހެން އަންހެންކުއްޖެއް ވެސް ވަނެވެ. “މާއްތާ.. މީ ޒެލީ.. މިބުނީ ނެޒެލީ.. އަޅުގަނޑުގެ ބެސްޓްފްރެންޑް.. ދެން އެކޮޅުގައި އެއީ އޯރެލް.. އަސްލު އޭނައަށް ކިޔަނީ އެމީލް.. އެކަމަކު ޒެލީމެން އެމީލް އާއި ދިމާލަށް ކިޔަނީ އޯރެލް..” ނީޝަލް މާޔާއަށް އެ ދެއަންހެންކުދިން ތައާރަފް ކޮށްދިނެވެ.

މާޔާ ފުން ނަޒަރަކުން ނެޒެލީއަށް ބަލާލިއެވެ. ފަން އިސްތަށިގަނޑަކާއި ދޮން ހަންގަނޑެއް ލިބިފައިވާ ރީތި ކުއްޖެކެވެ. ފިޔާތޮށިކަމެއް އަރާފައިވާ ކޯތާފަތާއި ބޮޑު ދެލޮލުން ނެޒެލީ ފެންނަނީ ނުހަނު ލޯބި ކޮށެވެ. އެމީލް އަކީ ތަންކޮޅެއް ފަލަކޮށް ހުރި އަންހެންކުއްޖެކެވެ. މުށި ކުލައިގެ ބުޅި އިސްތަށިގަނޑެއް ހުރި އެމީލް އަކީ މަޖާ މިޒާޖެއްގެ އަނގަގަދަ ކުއްޖެކެވެ. ނެޒެލީގެ އިދިކޮޅެވެ. ނެޒެލީ ވާހަކަ ދެއްކި ނަމަވެސް އަމީލް ހާ އަނގަގަދައެއް ނޫނެވެ.

ނީޝަލް، ރޫހާން، ނެޒެލީ އަދި އެމީލް ވެގެން ދިން ހޯމްވޯކްތައް ނިންމީ އެކީގައެވެ. ނީޝަލް ބުނި ގޮތުން ނަމަ ނެޒެލީ އާއި އެމީލް އެމީހުންގެ ސްކޫލަށް ވަނީ ވަރަށް ފަހުންނެވެ. މިއަދު ކްލާހުގައި ހެދި ފިލާވަޅެއްގެ ސަބަބުން ނެޒެލީ އާއި ނުހަނު އެކުވެރިވެވުނު ވާހަކައާއި އެދެމީހުން އެންމެ ގާތް ދެ އެކުވެރިންނަށް ވީ ވާހަކަވެސް ނީޝަލް ބުންޏެވެ. އިތުރުން ނެޒެލީ އާއި އަމީލް އަކީ ތިމާގެ ދެ ކުދިންކަންވެސް ނީޝަލްގެ ވާހަކައިން މާޔާއަށް އެނގުނެވެ. ނެޒެލީ އާއި އެމީލް އެގެއިން އެދުވަހު ދިޔައީ ވެސް ހަވީރު ސައި ބޮއިގެންނެވެ.

އޭގެ ފަހުން އެ ހަތަރު މީހުން ކުރާ ހުރިހާ ކަމެއްވެސް ކުރަނީ އެކުއެކީގައެވެ. ނަމަވެސް މަހެއް ހާ ދުވަސް ފަހުން އެމީލް އެކުދިންނާއި ވަކިވާން ޖެހުނެވެ. އެމީލްގެ މާމަ ނިޔާވުމާއި ގުޅިގެން އެމީލްގެ މައިންބަފައިން އެހެން ތަނަކަށް ބަދަލުވާން ގަސްތު ކުރުމުންނެވެ. ނަމަވެސް އިންޓަރނެޓްގެ ޒަރިއްޔާ އިން ނީޝަލްމެން އެވަރުންވެސް އެމީލް އާއި ގުޅުން ބޭއްވިއެވެ.

އެމީލް އެހެން ތަނަކަށް ބަދަލުވިތާ ތިން ހަފްތާ ފަހެވެ. އެއީ ނީޝަލްއާއި ކައިޔަންއަށް އެމީހުންގެ މުޅި ހަޔާތުގައި ވެސް ލިބުނު އެންމެ އުފާވެރި އެއް ޚަބަރު ލިބުނު ދުވަހެވެ. އާނއެކެވެ. އަވްލީން ވިހެއީއެވެ. ލޯބިލޯބި ފިރިހެން ކުއްޖަކަށެވެ. ނީޝަލްއަށް ކޮއްކޮއެއް ލިބިގެން ނުހަނު ފޯރި އަރައިގެން އުޅުނެވެ. އެދުވަހަކީ މާޔާގެ ހިތުގައި އަވްލީން އާއި ދޭތެރޭ އޮތް ހަސަދަވެރިކަން އުފަންވީ ދުވަހެވެ.

ކައިޔަންމެންގެ ގެއަށް ބަދަލުވީ ފަހުން މާޔާ ބޭނުންވީ ކައިޔަން އާއި ދޭތެރޭ ހިތުގައިވީ އިހުސާސްތައް ފުހެލުމަށެވެ. ކައިޔަންގެ ދަރިއެއްވެސް ހުރުމާއި އެކީގައެވެ. ނަމަވެސް އެކަން އުޅެއުޅެ މާޔާއަކަށް ނުވިއެވެ. ގޭތެރޭގައި ހުންނައިރުވެސް މާޔާއަށް ހުރެވެނީ ކައިޔަން ކަމަކު އެދި ގޮވާލާނެ އަޑަކަށް ކަންފަތް ހުޅުވައިގެންނެވެ. ކައިޔަން ކިރިޔާވެސް ކަމަކު ކިޔައިފިނަމަ ވައިސޫރިއެއް ހާ ހަލުވިކޮށް މާޔާއަށް ކައިޔަންގެ ގާތަށް ދެވެއެވެ. އެކަމެއް ކޮށްދެވެނީވެސް ކޮށްދޭހިތުންނެވެ. އިރުފާންދެކެވެސް މާޔާއަށް މިހާ ލޯބިވެވުނު ހަނދާނެއް މާޔާގެ ނުހުރެއެވެ.

ނަމަވެސް އަވްލީން ވިހޭ ދުވަހު ކައިޔަންގެ މޫނުމަތީގައިވާ އުފާވެރިކަމުގެ ކުލަވަރުން މާޔާގެ ހިތުގައި ފޫހިކަމެއް އުފެދުނެވެ. އޭނާ ކައިޔަން ބުނާ ކޮންމެ ކަމެއް އެއްވެސް ޝަކުވާއަކާއި ނުލާ ކޮށްދޭން މި ހުރީ ތައްޔާރަށެވެ. ކައިޔަން އެދޭ ކަންތައްތައް މާޔާ ފުރިހަމަ ކޮށްދޭއިރުވެސް ހިނިތުންވުމަކާއި އެކީ ޝުކުރިއްޔާ ނޫން އެއްޗެއް ކައިޔަންގެ ފަރާތުން މާޔާއަކަށް ނުލިބެއެވެ. އަވްލީން އާއި އެކީގައި ވަގުތު ހޭދަ ކުރާއިރު އެ ހުންނަ ހިނިތުންވުމަކާއި އުފާވެރިކަމުގެ ޒައްރެއްގެ މިންވަރުވެސް މާޔާއާއި އެކީގައި އުޅެ ވާހަކަ ދައްކާއިރު ވެސް ކައިޔަންގެ ފުށަކުން ނުފެނެއެވެ. މާޔާގެ ހިތުގައި އުފެދުނު ކުޑަކުޑަ ހަސަދައިގެ ހުޅުކޮޅަށް ޕެޓްރޯލް އެޅުނީ އަވްލީން ގެއަށް ދޫކޮށްލި ފަހުންނެވެ. ކައިޔަން އަވްލީން އަށާއި އެ ތުއްތު ފިރިހެން ކުއްޖާއަށް އަޅާލާ ވަރު ފެނިފައި މާޔާގެ ހިތް ހުރީ އަނދައަނދާއެވެ.

އެ ތުއްތު ފިރިހެން ކުއްޖާއަށް ނައިލް އިސްމާއީލް ކައިޔަންގެ ނަމުން ނަން ދެވުނު ދުވަހަކީ މާޔާ އަޒުމެއް ކަނޑައެޅި ދުވަހެވެ. ކައިޔަންގެ ލޯބި ހޯދުމަށެވެ. ކައިޔަންގެ މިލްކަކަށް ވުމަށެވެ. އަވްލީން އާއި ބަލާފައި މާޔާ ވަކި ހުތުރެއް ނޫނެވެ. އަވްލީންގެ އެ ރީތި ދެލޮލާއި އިސްތަށިގަނޑު ނެތް ނަމަވެސް މާޔާ ހަޑިއެއް ނޫނެވެ. އެކަމާއި ހެދި މާޔާއަށް ދެމީހުންގެ ރީތިކަންވެސް އަޅާކިޔެން ފެށުނެވެ. ކޮންމެ ދުވަހަކުހެން މާޔާ އަވްލީންއަށް ވުރެ ރީތިވެވޭތޯ ބަލައެވެ. އެކަމާއި ހުރެ ކައިޔަންގެ ފަރާތުން މާޔާއަށް މަދުމަދުން ނަމަވެސް ތައުރީފު ލިބެން ފެށުނެވެ. އެއިން ކޮންމެ ފަހަރަކު މާޔާގެ ހިތަށް ލިބެނީ ބަޔާން ކުރަންވެސް ދަތި ހިތްހަމަޖެހުމެކެވެ. ނަމަވެސް ކައިޔަން އެ ތައުރީފްތައް އެ ކުރީ ގާތް އެކުވެރިއެއްގެ ހައިސިއްޔަތުންކަން މާޔާއަށް މިއަދު އިނގެއެވެ.

ކައްކާއިރުވެސް މާޔާ އޭނާއަށް ކެއްކޭހާ އެންމެ މީރުކޮށް ކައްކައެވެ. މާޔާ އެންމެ އުފާވީ ކައިޔަންއަށް އަވްލީން ހެދި ސެލެޑަށްވުރެ އޭނާ ތައްޔާރު ކުރި ފްރައިޑް ޗިކެން މީރުވި ދުވަހުއެވެ. އެދުވަހު މާޔާއަށް އަވްލީންއަށް ފޮނި ބެލުމެއްވެސް ހަދިޔާ ކުރެވުނެވެ. މި ހުރިހާ ކަމަކުން ކައިޔަން މާޔާއަށް ލިބިއްޖެނަމަ އަވްލީންއަށް ނުދެވޭނެހާ ލޯބި ކައިޔަންއަށް މާޔާގެ ފުށުން ދެވޭނެކަމުގެ ޔަގީންކަން މާޔާގެ ހިތުގައި އޮތެވެ.

އޭގެ ދުވަސްކޮޅެއް ފަހުން އަވްލީން ޑިއުޓީއަށް ނުކުންނަން ފެށިއެވެ. ކައިޔަންވެސް ކޮންޕެނީގެ ކަން ކަމާއި ދޭތެރޭ ކުރިއަށްވުރެ ބޮޑަށް ސަމާލުވެގެން އުޅެން ފެށިއެވެ. މާޔާ އަވްލީން އާއި ދޭތެރޭ ކިތަންމެ ހަސަދަ ވެރިވިއެއްކަމަކު އަވްލީންއަށް އެ ހަސަދައިގެ ހިލަމެއް ވިޔަކަ ނުދެއެވެ. އަވްލީންއަށްވެސް މާޔާ އެއުޅެނީ އޭނާގެ ފިރިމީހާ ޖަހައިގަންނަން ކަމެއް ނޭނގެއެވެ. މާޔާ އެ ހުރިހާ ތައްޔާރީއެއް ވަމުން ގެންދިޔައީ ސިއްރިއްޔާތުގައެވެ.

މާޔާގެ ބަނޑަށް ދުވަސް ފުރެން ކައިރިވެފައި ހުއްޓާ ފިހާރައަށް ދަނިކޮށް ހިނގި ހިތާމަވެރި އެކްސިޑެންޓްގެ ސަބަބުން މާޔާ ހޮސްޕިޓަލަށް ގެންދެވުނެވެ. ނަމަވެސް އެދުވަހު މާޔާއަށް ލިބުނީ ނުހަނު ހިތާމަވެރި ޚަބަރެކެވެ. އޭނާގެ ބަނޑުގައި އޮތް ދަރިފުޅު ސަލާމަތް ނުކުރެވުނު ވާހަކައެވެ.

އިރުފާންދެކެ ކިތަންމެ ނަފްރަތެއް ކުރިކަމަކު މާޔާގެ ހިތުގައި އެ ދަރިފުޅާއި ދޭތެރޭ ވަނީ ވަރުގަދަ ލޯތްބެކެވެ. މުހަންމަދު އައްފާންގެ ނަމުން ނަން ދެވުނު އެ ދަރިފުޅާއި ވަކިވީ ފަހުން މާޔާ ގެ ޑިޕްރެޝަން ހާލަތު ކުރިއަށްވުރެ ގޯސްވިއެވެ. ނުކައި ނުބޮއި އަބަދު ރޮއިލަރޮއިލަ ހުރުން ނޫންކަމެއް މާޔާއަކަށް ނުކުރެވެއެވެ. އެ އެކްސިޑެންޓްގެ ސަބަބުން މާޔާ ހޮސްޕިޓަލުގައި ދެމަސް ދުވަސް ވަންދެން އޮންނަން ޖެހުނެވެ. އެދުވަސްކޮޅު އަވްލީންގެ މިންނެތް އެހީތެރިކަން މާޔާއަށް ލިބުނު ނަމަވެސް މާޔާގެ ހިތުގައިވީ ނަފްރަތުވީ ބޮޑެވެ. އަވްލީން އެކަންކަން އެ ކުރަނީ ކައިޔަންއަށް ދައްކާށޭވެސް ހިތާހިތުން ބުނެވުނެވެ.

ހޮސްޕިޓަލުގައި އޮތް އިރު އަވްލީން މާޔާއަށް ބޭސް ލިޔެދީފައި ކޮންމެ ދުވަހަކުވެސް މާޔާއަށް ބޭސް ދޭން ޖެހޭ ގަޑީގައި މާޔާއަށް ބޭސް ދެއެވެ. އަދި އަބަދުހެން ކޮޓަރި ތެރޭގައި ނުބާއްވާ ބޭރުތެރެއަށްވެސް މާޔާ ގޮވައިގެން ދެއެވެ. އަދި ހުސް ވަގުތުތަކުގައި މާޔާ އެކި ކަންކަމުގައި ޝާމިލް ކުރުވައެވެ. މާޔާގެ ހާލަތު ރަނގަޅުވިއެވެ. އެއްކޮށެއް ނޫނެވެ. ނަމަވެސް ކުރިއަށްވުރެ ބޮޑަށެވެ. މާޔާ ހޮސްޕިޓަލުން ދޫކޮށްލި ދުވަހު ގެއަށް ވަންނައިރަށް ނީޝަލް ދިޔަގޮތަށް ގޮސް މާޔާގެ ގައިގައި އޮޅުލައިގަތެވެ. ހަތް އަހަރު ފުރިފައިވާ ނީޝަލް މާޔާއަށް އޭނާގެ އުފަންދުވަހަށް ނާދެވުނީމައި އެކަމާއި ދޭތެރޭ ޝަކުވާ ކުރިއެވެ.

އެދުވަހު ނީޝަލް ފެނުމުން މާޔާ ކުރިން ވާހާ އުފަލެއް ނުވިއެވެ. ވީ ފާޑެއްގެ ފޫއްސެކެވެ. ފޫހި ހިނިތުންވުމެއް ދީފައި އެ މައުސޫމް ނީޝަލްގެ އަތް ފޮޅާލާފައި މާޔާ ކޮޓަރިއަށް ވަތްއިރުވެސް ނީޝަލް ހުރީ ހީނލައިގެންނެވެ. އެ ކުޑަކުއްޖާއަށް ވިސްނޭނީ ވަކި ކޯޗެއް ހެއްޔެވެ.؟

“ކައިޔަން އަދި އަހަރެން.. ކައިޔަން އަދި އަވްލީން.. އަހަންނާއި ކައިޔަން އެކީގައި އުޅޭއިރު މާ ރީތި.. އިޓް ލުކްސް ބިއުޓިފުލް..” މާޔާ އެރޭ އޮވެގެން ވިސްނިއެވެ. “އަހަރެން ބޭނުންވަނީ ކައިޔަން އެކަނި.. ނީޝަލް ވެސް އެ ނައިލްވެސް ބޭނުމެއް ނޫން.. އަވްލީންވެސް ބޭނުމެއް ނޫން.. އެމީހުން މަގުން އެއް ފަރާތް ކޮށްލީމައި އެވީ.. ކައިޔަން އެކަނި އަހަންނަށް ލިބޭނެ.. އަހަރެން ދޫކޮށްފައި ކައިޔަންއަށް އަނބުރާ އަވްލީން އާއި ދަރިންގެ ގާތަކަށް ނުދެވޭނެ.. އައި ވިލް ކިލް ދެމް..” ކައިޔަން ބޭނުންވެފައި ވާލެއް ބޮޑުކަމުން ކިޔޭ ނުކިޔޭ އެއްޗެއްވެސް މާޔާއަކަށް ނުވިސްނެއެވެ. ގާތުގައި ނިދާކަމަށް ހެދިގެން ކުޑަކުޑަ ރޫހާން އޮތްކަމެއް މާޔާއަކަށް ނޭނގެއެވެ. އަދި މާޔާ އެ ކީ ހުރިހާ އެއްޗެއް ރޫހާންއަށް އަކުރުން އަކުރަށް އިވުނު ކަމެއްވެސް އެރޭ މާޔާއަކަށް ނޭނގުނެވެ.

“ފުރަތަމަ އެ ނައިލް.. ދެން ނީޝަލް.. ދަރިން ދިޔައީމައި މައިމީހާ ހުންނާނީ ބަލިކަށިވެފައި.. ހަމަ ނައިލް އާއި ނީޝަލް ދިޔުމުން އަވްލީންއަށްވެސް ވާނީ އެހެން.. ދެން އަވްލީން މަރާލުން އަހަންނަށް އުނދަގުލެއް ނުވާނެ..” މާޔާ ރަނގަޅަށް ކިޔާ ނިންމާލިއެވެ. އެހުރިހާ ކަމެއް ރޭވިއިރު ކުރަން މި ވިސްނެނީ ކިހާ ބޮޑު ފާފައެއްކަންވެސް މާޔާގެ ހިތަކަށް ނޭރިއެވެ.

ޖެހިގެން އައި ދުވަހު ވެސް އާދައިގެ މަތިން އަވްލީން ހޮސްޕިޓަލަށް ދިޔައީ މާޔާގެ އަތްމައްޗަށް ނައިލް އާއި ނީޝަލް ދޫކޮށްލާފައެވެ. އަވްލީން މާޔާއާއި ދޭތެރޭ ދެކެނީ ކޮއްކޮއެއް ފަދައިންނެވެ. އެހާވެސް ބޮޑަށް މާޔާއަށް އަވްލީން އިތުބާރު ކުރެއެވެ. މާޔާ އެކްޓްކުރަން މޮޅުކަމުން އަވްލީން ވަނީ ކަނުވެފައެވެ. މާޔާ އަވްލީންއަށް ކުރާ ނަފްރަތާއި މާޔާ ކައިޔަން އާއި އެކީގައި އުޅެމުން އެދާ ގޮތް އަވްލީންއަށް ސިއްރުވެފައި ހުރުން އެކަނިވެސް ހެއްކަކަށް ފުދެއެވެ.

އެދުވަހު ނީޝަލް އަމިއްލައަށް ކޯންފްލޭކްސް ތައްޔާރުކޮށްފައި ރޫހާން ބަލާ ދިޔުމުން އެ ތައްޓަށް މާޔާ ސްޓްރޯބެރީ ޔޯގަޓް އަޅާފައި ނީޝަލް އެ ކެޔަދިނީވެސް ހަމަ ގަސްތުގައެވެ. ނީޝަލް އެލާޖިކް ވާނެކަން ރަނގަޅަވެސް ވެސް ދެނެހުރެއެވެ.

ޔޯގަޓްގެ ކުޑަ މިންވަރެއް ކެވުނަސް ނީޝަލްއަށް ވަރަށް ބޮޑުވަރުވާކަން އަވްލީންމެންނަށްވެސް އެނގޭނެއެވެ. އެ ދުވަހު ނީޝަލް ޔޯގަޓްގެ މުޅި ތައްޓެއް ހުސްކޮށްލާފައި ވުމުން ޑޮކްޓަރުންނަށްވެސް ނީޝަލް ސަލާމަތް ކުރެވުނީ ކިރިޔާއެވެ. މާތް ﷲގެ ކުޅަދުންވަންތަކަމެވެ. އޭގެ ދެ ހަފްތާއެއް ވަންދެން ނީޝަލްގެ މުޅި މޫނު ރަތްވެ ދުޅަވެފައި ހުއްޓެވެ. ގައިގެ އެތަން މިތަނުގައި ހަންވެސް ފޮޅިފައި ހުއްޓެވެ. ނީޝަލް އަނބުރާ ރަނގަޅު ސިއްހަތަކަށް ދިޔައީ ވަރަށް ދުވަސް ފަހުންނެވެ. އަވްލީން އާއި ކައިޔަން ޔޯގަޓަށް އެލާޖިކް ވާކަން އެނގިހުރެ ނީޝަލް އެ ކެއީ ކީއްވެގެންތޯ އެތައް ފަހަރަކު ސުވާލު ކުރި ނަމަވެސް ނީޝަލްގެ ޖަވާބަކަށް ތަކުރާރުކޮށްވެސް ވީ ޔޯގަޓް ކޭ ކޯންފްލޭކްސްގެ ތެރެއަށް އެޅި މަތި ހަނދާން ނުވާ ކަމަށެވެ.

އެ ހާދިސާގައި ކައިޔަން މާޔާ ކުށްވެރި ނުކުރުމުން މާޔާއަށް ލިބުނީ އާދަޔާޚިލާފް ހިތްހަމަޖެހުމެކެވެ. ނީޝަލް ހުރީ މާޔާގެ ބެލުމުގެ ދަށުގައި ކަމުން އެކަމަށް މާޔާ ފަރުވާކުޑަ ކުރީތީ މާޔާ ދެކެ ކުޑަކޮށް އަވްލީން ރުޅިއައި ނަމަވެސް އެކަން ދިގުދެމިގެން ދިޔައީ އެންމެ ދެތިން ދުވަހަށެވެ. އޭނާއަށް އަލުން ކައިޔަން ނުވަތަ އަވްލީން ޝައްކު ކޮށްފާނެތީ މާޔާ ގަސްތުކުރީ އެފަދަ ކަމެއް ތަންކޮޅެއް ފަހުން ކުރުމަށެވެ. މިގޮތަށް އަވަސް އަވަހަށް ކުރިއަށް ދާނަމަ މީހަކަށް ފަޅާ އަރާފާނެތީ މާޔާ ހުރީ ތަންކޮޅެއް ބިރުގަނެފައެވެ.

ނީޝަލްގެ އުމުރުން އެގާރަ އަހަރުގައި އަވީނާގެ އަޖަލު ހަމަވިއެވެ. އެދުވަހު އަވްލީން ކުރި ހިތާމަ މާޔާއަށް ވަނީ ނުހަނު ގާތުން ފެނިފައެވެ. ހިލަގަނޑެއްހާ ހިތް ހަރުކޮށްގެން ހުރި ނަމަވެސް މާޔާގެ ހިތަށް އަސަރު ކުރިއެވެ. އަވީނާއަކީ އޭނާއަށް ރަނގަޅު މީހެކެވެ. ނުބައީ އަވްލީން އާއި އޭނާގެ ދަރިން އެކަންޏެވެ. އެދުވަހު ނީޝަލް ހޮސްޕިޓަލުން ނުކުމެ ދުއްވައިގަތް އިރު ފަހަތުން ދެވުނު މަތިން މާޔާ ހަނދާންވިއެވެ. އަދި ނީޝަލް އާއި ބައްދަލުވީ ކުޑަ ފިރިހެން ކުއްޖާގެ މަތިން ހަނދާންވިއެވެ. އެ ފިރިހެންކުއްޖާ ވެސް ވަނީ ކޮންމެވެސް ކަމެއް ވެގެން ހިތާމަކުރަންކަން މާޔާއަށް އެނގެއެވެ. ނަމަވެސް އެ ނާޒުކު ދަނޑިވަޅުގައިވެސް އެ ފިރިހެން ކުއްޖާ އޭނާގެ ހިތާމަތައް އެއްފަރާތް ކޮށްލާފައި ނީޝަލްއަށް އެހީވިގޮތްވެސް ފެނުނެވެ.

އެދުވަހަށް ފަހު ނީޝަލް އެ ފިރިހެން ކުއްޖާ ނީޝަލްއަށް ދިން ކުޑަ ގެންގުޅޭކަންވެސް ހަނދާންވިއެވެ. އެ ކުޑައަށް އެތަންމެ ދުވަހެއް ވިޔަސް ނީޝަލް އެ ކުޑަ އެއްލާނުލާ ގެންގުޅުނެވެ.

އަވީނާގެ މަރަށް ތިން އަހަރުވީ ފަހެވެ. ނީޝަލް އާއި ރޫހާންއަށް މިހާރު ސާދަ އަހަރު ވެއްޖެއެވެ. ނައިލް ވެސް ސްކޫލަށް ދާންފަށައިފިއެވެ. ނީޝަލް އެކޭ އެއްފަދައިން ނައިލްވެސް ވީ ކިޔެވުމަށް ނުހަނު ހިތްއަލި މޮޅު ކުއްޖަކަށެވެ. ވޭތުވެ ދިޔަ އަހަރު ތަކުގެ ތެރޭގައިވެސް މާޔާ އެކި ކަހަލަ ނުބައި ކަންތައް ކުރިއެވެ. ނީޝަލް ނުވަތަ ނައިލްގެ ފުރާނަ އުދުއްސާލުމަށެވެ. ނަމަވެސް އެއިން ކޮންމެ ފަހަރަކު މާތް ﷲ މާޔާގެ އެ މަސައްކަތް ނާކާމިޔާބު ކުރެއްވިއެވެ. މާޔާއަށް އެކަމުން ކާމިޔާބެއް ނުލިބުނެވެ.

ނަމަވެސް މާޔާއަށް ކައިޔަން އާއި ގާތްވުމުން ކޮންމެވެސް ވަރަކަށް ކުރިއެރުމެއް ލިބެމުން ދިޔައެވެ. ކައިޔަން މިހާރު ކުރިއަށްވުރެ ބޮޑަށް މާޔާއަށް ވަގުތު ދެއެވެ. ވާހަކަ ދައްކައެވެ. ސަމާސާ ކުރެއެވެ. އަވްލީން އާއި ކައިޔަން މަޑުމަޑުން ދުރުވަމުން ދާހެންވެސް މާޔާއަށް ހީވިއެވެ. އެއީ ވަރަށް ބޮޑު ކުށްހީ އެކެވެ. ނަމަވެސް މާޔާގެ ނަޒަރުން އެއީ އޭނާއަށް ލިބުނު ޓްރޮފީއެކެވެ.

މާޔާ ނީޝަލްއަށް ކުދި އަނިޔާތައް ކުރަންފެށިއެވެ. އެކަމާއި ހުރެ ނީޝަލް ވަނީ މާޔާ އާއި ފުދޭވަރަކަށް ދުރުވެފައެވެ. ނީޝަލް އޭރުވެސް އެކަނި ނިދަން ބިރު ގަންނާތީ އަވްލީން ނައިލް ނިންދަވަން ދަމުން ދަނީ ނީޝަލް މާޔާ އާއި ހަވާލު ކޮށްފައެވެ. މާޔާ ނީޝަލްއަށް ބިރުވެރި ވާހަކަތައް ކިޔައިދީފައި ނީޝަލް ނިންދަވަނީ ވެސް ބިރުވެރި ރާގަކަށް ނާނާއެއް ކިޔައިދީގެންނެވެ. އަވްލީން ޑިއުޓީއަށް ދާއިރު ނީޝަލް އާއި ނައިލްއަށް ކާން ނުދީ ދާ ދުވަސްތައްވެސް ނުހަނު ގިނައެވެ.

ރޫހާންއަށް އެކަންތައް ފެންނަ ނަމަވެސް އަނގައިން ނުބުނެ ހުންނާތީ މާޔާވެސް އެހާވަރަކުން އަޅައެއް ނުލައެވެ. ނަމަވެސް އެދުވަހުގެ ކުރިންނެވެ.

މާޔާ ފުނާ އަޅަން އިންދާ ސާދަ އަހަރުގެ ރޫހާން އެތެރެއަށް ވަދެ މާޔާއާއި ކުރިމަތިލިއެވެ. “މަންމާ.. މަންމަ ތި ކުރާ ހުރިހާ ކަމެއް އަހަރެންނަށް އެބަ އިނގޭ.. އަވްލީން ދައްތަ އާއި ޝަލްމެން ދެކެ މަންމަ ތިކުރާ ނަފްރަތާއި އެހުރިހާ ކަމެއްވެސް އެބަ އިނގޭ..” ރޫހާން ބުނެލި އެ ދެ ޖުމްލައިން އެކަނި ވެސް މާޔާގެ ހިތް ތެޅިގަތެވެ. “އަނެއްކާ.. އަނެއްކާ ރޫހާން އަވްލީން އާއި ކައިގެ ގާތުގައިގައި އެ ވާހަކަ ބުނާނީބާ..؟” މާޔާއަށް ހިތާހިތުން އަމިއްލަ ނަފްސާއި ސުވާލު ކުރެވުނެވެ. ގޮށްޖެހިފައިވާ ދެ ބުމައިގެ ދަށުގައިވާ އެ ތޫނު ލޮލުން މާޔާއަށް ރޫހާން ބަލަން ހުރި ގޮތް ފެނި މާޔާ ކުރިއަށްވުރެ ބޮޑަށް ޖެހިލުންވިއެވެ.

 

= ނުނިމޭ =

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

yooon
Follow Me Written By

yooon

10 Stories100 Comments100 Login100 Stories500 Comments

Transcend reality in this little safe space <3

Other Articles

Previous

ކުރެވުނު އިހުސާސް

Next

ގެއްލުނު އެކުވެރިޔާާ 1

Next
March 18, 2021

ގެއްލުނު އެކުވެރިޔާާ 1

Previews
March 16, 2021

ކުރެވުނު އިހުސާސް

4 Comments!

  1. Flame Gurl says:
    March 17, 2021 at 4:59 pm

    woooow!!! mi prt vx hama best.. keep the gud work up dear. when is the nxt?

    1. yooon yooon says:
      March 18, 2021 at 10:12 pm

      Aw thanku so much Flame Gurl… That rlly means a lot to me.. These days revs and works ge ithurun tests thah ginakamun mihaaru yoon ah vrh lahun dhw up kolla dheveny 🙁 vrh bodah sorry ingey all.. Insha allah yoon try kuraanan mi ah vure vx avahah upload kolladheveythw part 25
      And kuree parts ga in coms thah fenuny comments section close v fahun.. So reply eh nukohlevun.. But thankuu sssm For all the Love and support you all keep giving me non-stop.. Huriha kudhin ge coms nufenunas mail thru koh dhey support vx vrh appriciate kurann.. Rlly love you all so much and once again thank you everyone 🙂

  2. [email protected] says:
    March 18, 2021 at 2:53 pm

    Woooow mi part vex vrh reethi .BTW sryy kurin kee part thakah comment eh nukohlevunyma ……….. ……….when is the next part?

  3. ?Ril? says:
    March 18, 2021 at 7:44 pm

    Hlw yoon❤️❤️❤️❤️?????
    Vrh reethi mi part❤️❤️??????
    Masha Allah❤️❤️❤️❤️❤️???????
    Ale maayaa haadha goohey dhw ???❤️❤️❤️❤️❤️❤️❤️❤️❤️❤️
    Past dhw mihaaru ingemun midhany ????????????❤️❤️❤️❤️??
    Vrh curious koh thi ninmaalee mi part ????♥️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    Ril ah heevee Hama vaahakaage thereygaa indevunu hen ehaavxx reethi ❤️❤️❤️????????????????❤️❤️❤️
    Thank u Yoon mihaa lovely stry eh kiyaalan deythee ???????????❤️❤️❤️
    Btw waiting for the next part ??
    Loves u soo much ❤️❤️??
    Stay safe ❤️❤️and take care ❤️❤️❤️

Comments are closed.

Next Episodeއެކުއްޖާ 2 – 25←


All Right Reserved!