
އެކުއްޖާ 2 – 23
* އިޒްކާން ދެން ސުވާލު ކުރީ އެތަނުގައި ހުރި ފިރިހެން ކުއްޖަކާއެވެ. “ނޭނގޭތަ..؟ ކޮލެޖް އަންހެން ކުއްޖެއް ސީދާ ކޮލެޖް ތެރޭގައި ރޭޕް ކޮށްލައިގެން އެބައުޅޭ..” އެ ފިރިހެން ކުއްޖާ އިއްވާލި ޚަބަރު ވެގެން ދިޔައީ އިޒްކާންގެ ކަންފަތް ދޮށުގައި ޖަހާލި ހޮނު ގުގުރިއަކަށެވެ. *
“ކަލެއަށް އިނގެއެއްނު އެއީ އަހަރެމެންގެ ކަމެއް ކަން ދޯ..؟” އެހެން އެންމެންނާއި ތަންކޮޅެއް އެކަހެރި ވެގެން ހިޔާން އާއި ފައިލަމް ހުރީ އައިހަމް ގޮވައިގެންނެވެ. “އިނގެއެއްނޫން.. މަށަށް ހަމަ ޔަގީން ކަލޭމެން ދެމީހުންގެ ކަމަކަށް ނޫނީ ނުވާނެކަން..” އައިހަމް ދުރު ބަލާލާފައި ބުނެލިއެވެ. “އާނ އެހެންވީމައި ކަލޭ އެބަ ޖެހޭ ކުޑަ ކަމެއް ކުރަން..” ހިޔާން ބުނެލިއެވެ. ކުޑަކޮށް ހައިރާންވެފައި އައިހަމް ހިޔާން އާއި ހަތަރުކަޅި ހަމަކޮށްލިއެވެ.
“މީހެއްގެ ކައިރީ އެކަން ކުރީ އަހަރެމެންނޭ ނުބުނާތި.. ދެން ބުނެފިއްޔާ ވާނެ ގޮތް ކަލެއަށް ވެސް އިނގެއެއްނު..؟” ހިޔާން ލުއި ހިނިގަނޑެއް ޖަހާލިއެވެ. “ކިހިނެތްވާނީ..؟” އައިހަމް އެއްސެވެ. ނޭނގިގެންނެއް ނޫނެވެ. ޔަގީން ކުރާށެވެ. “ކަލޭ މީހެއް ގާތުގައި މި ވާހަކަ ބުނަން ބޭނުމިއްޔާ ހަނދާންކޮށްލާ ހުދާ ވީ އަހަރެމެންނާއި އެކީގައޭ..” ހިޔާން އައިހަމްގެ ކަންފަތްބުޑުގައި އެހެން ބުނެލީ ވައި އަޑުންނެވެ.
އައިހަމްގެ ލޭ ކެކިގަތެވެ. “މިވެސް ހާދަ ކަންތައް ބޮޑުވެއްޖެ ބައެކޭ..” އައިހަމް އަތް މުއްކަވާލާފައި ހިތާހިތުން ބުނެލިއެވެ. އައިހަމްގެ ދެލޮލަށް ބަލާލާ މީހަކަށް އެދެލޮލުގައިވާ ނަފްރަތުގެ ހުޅުގަނޑު ސިއްރެއް ނުވާނެއެވެ.
“އޭތް އިޒްކާން..!” ހާސްވެގެން އެނބުރެނިކޮށް މީހަކު ގޮވާލި އަޑަށް އިޒްކާން ފަހަތަށް އެނބުރުނެވެ. “އާހިލް..؟” އިޒްކާންއަށް އެއް ބުމަ އަރުވާލެވުނެވެ. “އާނ މަށޭ.. ކާކު ކާކަށް ކިހިނެތް ހަދައިގެން އެ އުޅެނީ..؟” އާހިލް ވަނީ ދަލުން ފެންވެރިފައެވެ. ވަރަށް ބާރަށް ދުވެފައި އައިސް ހުރިކަން އެވަރުން ޔަގީންވެއެވެ. “ޝޫރާ ކިޔާ އަންހެންކުއްޖެއް..” އިޒްކާން ބުނެލިއެވެ. “ކާކު އޭނަޔަށް އެހެން ހެދީ..؟” އާހިލް ހީވަނީ އިންވެސްޓިގޭޝަނަށް އައިސް ހުރި ފުލުހެއް ހެންނެވެ. “މަށަކަށް ނޭނގެ.. ޔާން ކޮބާ..؟” އިޒްކާން ބޭނުންވީ ހިޔާން ހޯދާށެވެ.
“އޭނަ ހުރި ގޭޓް ދޮށުގައި..” އާހިލް އެހެން ބުނެފައި އިޒްކާން އާއި އެކީގައި ބޭރަށް ނުކުތީ ދުވެފައެވެ. ގޭޓްދޮށުގައި މަޑުކޮއްލައިގެން ހުރި އައިހަމްއާއި ފައިލަމްއާއި ހިޔާންއަށް ބަލާލަމުން އާހިލްއާއި އިޒްކާން ދުވުން ބާރުކޮއްލިއެވެ. އިޒްކާން ދިޔަގޮތަށް ގޮސް ހިޔާންގެ ގިރުވާނުގައި ހިފިއެވެ. ”ކައެ މޮޔަވެގެންތަ ތިއުޅެނީ..؟ ބަލަ މިއީ ކޮލެޖޭ.. ރޭގަނޑު ގަޑީގައި ކައެ ބޭނުންކަމެއް ކުރިޔަސް މަށަށް ހެވޭ… އެކަމަކު ރޯމާ ދުވާލު ކޮލެޖްތެރޭގައި..؟ ކައެއަށް ކިހިނެތް ވެގެން ތިއުޅެނީ..؟؟” އިޒްކާންއަށް އެހުނެވެ. ހިޔާން އިޒްކާންގެ އަތުގައި ހިފާ ބާރަކަށް ފޮޅުވާލިއެވެ.
“ބަލަ ކަލޭ އެއްޗެކޭ ބުނުމުގެ ކުރިން ރަނގަޅަށް ވިސްނާލާނަމައެއްނު..؟ މަށެއް ނޫނޭ އެކަން ކުރީ…” ހިޔާން ބުނެލި ޖުމްލައިން އިޒްކާން ހައިރާންވިއެވެ. “އޭނ ކީކޭ..؟” އިޒްކާންއަށް ދެން ބަލާލެވުނީ ފައިލަމް އާއި ދިމާލަށެވެ. “އެއީ ކަލޭ ކުރިކަމެއް ދޯ..؟” އިޒްކާން ފައިލަމް އާއި ދިމާލަށް ބަލާލަމުން އެއްސެވެ. “ނޫނޭ.. މަށެއްވެސް ނޫން.. މިހިރަ ފެންނަ އައިހަމްގެ ގާތުވެސް އަހާބަލަ މަ ކުރީ ކީއްތޯ މިހުރިހާ އިރަކު… މަ ހުރީ ކްލާހުގައި ބަސްއަހައިގެން ކިޔަވަން..” ފައިލަމް އެހެން ބުނުމުން އިޒްކާން އައިހަމްއާއި ދިމާލަށް ބަލާލިއެވެ.
“އެބުނީ ތެދެއް..” އައިހަމް އެހެން ބުނުމުގެ ކުރިން ފައިލަމް އާއި ދިމާލަށް ދަތްކުނޑި ވިކާލާފައި ކަޅި އަޅާލިތަން އިޒްކާންއަށް ރަނގަޅަށް ފެނުނެވެ. ހިތުގައި ޝައްކުގެ އޮއިވަރެއް ހިނގާލީ ދެނެވެ. ހީވަނީ އެހެން އައިހަމް އެބުނީ ގަދަކަމުން ހެންނެވެ.
“އެހެންވިއްޔާ ކާކު..؟ އާހިލް ކައެތަ..؟” އިޒްކާން އަހާލިއެވެ. “ބަލަ މަ ހާ ސާލިހް އަޅަކު ތިވަރުގެ ކަމެއް ކުރަން ހިތަށްވެސް އަރުވާފާނެހެން ހީވޭތަ..؟” އާހިލް ވަރަށް ޅަވެފައި ބުނެލިއެވެ. “އެހެންވިއްޔާ ކާކު..؟” އިޒްކާންއަށް އެހުނެވެ. “އަހަރެމެން ނޫން ބަޔަކުވެސް އުޅެނީކަމަށް ވެދާނެއްނު..؟ އިނގޭތަ ކޮޕީކެޓް ކްރައިމްސް..؟ އަހަރެމެން އެކަހަލަ ކަމެއް ކުރާއިރަށް އެހެން ބަޔަކުވެސް އަހަރެމެންނާއި އެއްގޮތަކަށް އެކަމެއް ކުރުން.. އެކަހަލަ ގޮތަށް.. ކޮޕީ ކެޓް ކްރައިމްސް..” ހިޔާން ބުނެލިއެވެ. “ޔާ ތިހެންވެސް ވެދާނެ.. ޔާން ބުނެބަލަ.. ހަމަހުވާ ކަލޭއެއް ނޫން..؟” އިޒްކާންއަށް އެހުނެވެ. “އާނއެކޭ…! ކައެގެ ބެސްޓްފްރެންޑަށް މިހާރު އިތުބާރު ނުކުރެވެނީތަ..؟؟” ހިޔާން އެއްސެވެ. “އުހުން އިތުބާރު ނުކުރަނީކީއެއް ނޫނޭ.. ޔަގީން ކުރީ..” އިޒްކާން އެހެން ބުނެފައި އަލުން އައިހަމްގެ މޫނަށް ބަލާލާފައި ކުރިއަށް ހިނގައިގަތެވެ.
“އައިހަމް.. ވަރަށް ރަނގަޅު.. މަގޭ ޕްލޭން ކުރިއަށް ދާނީ ކައެގެ އެއްބާރުލުންވެސް ލިބިގެން… ކައެ އިޒްކާންގެ ގާތުގައި ހަގީގަތަށް ބުނަން ހިތަށް އަރުވާލިޔަސް އެ ހުދާ ގެ ކަންތައްތައް ނިންމާލާނަން..! އެގޮތަށް ބޭނުންނޫނިއްޔާ ތިއަނގަ ލައްޕައިގެން ހުރޭ..!” ހިޔާން ބުނެލިއެވެ. އައިހަމް ހިންދިރުވާލާފައި ފަހަތަށް ޖެހުނީ މަޖުބޫރު ވެގެންނެވެ. ހުދާއަށް އަނިޔާއެއް ލިބެން ނޭދޭތީއެވެ. އާހިލް ހައިރާންވިއެވެ.
“ހިޔާން ކަލޭތަ އެކަން ކުރީ..؟” އާހިލް ހުރީ ހިޔާން އެކަން ކުރީ ތިމަންނައެއް ނޫނޭ ބުނުމުން އަދި އެކަން ލޮލުން ބޮލުން ގަބޫލު ކޮށްގެންނެވެ. “ކުޑަ ސޮރާ ކަލޭވެސް އަނގަ މައިތިރިކޮށްގެން ހުންނާތި.. އެނޫނީ ރައުލާ……..” ހިޔާން ހިނިގަނޑެއް ޖަހާލާފައި ހިނގައިގަތެވެ.
އައިހަމް އާހިލްގެ މޫނަށް ބަލާލާފައި ހިނގައިގަތެވެ. އާހިލް އެތަނުގައި ޖެހި ބުދެއް ހެން ހުއްޓެވެ. ވާންވީ ގޮތެއް ނޭނގިފައެވެ.
“އެންމެ ރަނގަޅު ގެއަށް ދިޔަޔަސް..” ލެކްޗަރާ ހުރިހާ ކުދިން ހަމަތޯ ޗެކްކޮށް ނިންމާފައި ބުނެލިއެވެ. ނީޝަލް އާއި ހޫރީން ހޯލުން ނުކުތީ އެކީގައެވެ. ދެމީހުންވެސް ފުރަތަމަ ވަނީ ކްލާހަށެވެ. އޭރު އެހެން ކުދިންތައް ދަބަސް ހިފައިގެން ކްލާހުން ނުކުތުމުން ދެމީހުން ކްލާސްތެރޭ އެކަނިވިއެވެ. “ނީޝަލް..” ކްލާސްތެރެއަށް ހަމަހިމޭންކަން ވެރިވެގެން ދިޔުމުން ހޫރީން ގޮވާލިއެވެ. “ކީކޭ..؟” ނީޝަލް ހުރީ ބިރު ގަނެފައެވެ. “އަހަރެން މިއުޅެނީ މި ކޭސް ސޯލްވް ކުރަން..” ހޫރީން އެހެން ބުނުމުން ނީޝަލްއަށް އެބުނި އެއްޗެއް ފަހުމެއް ނުވިއެވެ. “ކީކޭ..؟” އެބަސް ނީޝަލްގެ ދުލުންވެސް ބޭރުވީ އެހެންވެއެވެ. “މިބުނީ މި ކުރިއަށް ދަނީއެއްނު ކަންތައްތަކެއް..؟ ކުދިން ގެއްލުމުގެ ކޭސް.. އަދި މިއަދު މި ހިނގި ކަންތައްގަނޑު.. ޝޫރާގެ ކޭސް.. ކުދިން ގެއްލުމުގެ ކޭސް އާއި ޝޫރާއަށް މިއަދު އެ ވީގޮތުގެ ކޭސް އާއި ގުޅުމެއް އެބަ ހުރިހެން މަށަށް ހީވަނީ..” ހޫރީން އެކުވެރިޔާ އާއި އެންމެފަހުން އެ ވާހަކަ ހިއްސާކުރިއެވެ.
“ދެން ފުޓޭޖްތައް ބަލައިފިންތަ..؟” ނީޝަލް ހޫރީން ދައްކަން ހުރި ވާހަކަތައް އަޑުއަހަން އިނދެފައި އެއްސެވެ. “މިއަދު ބަލަން މިއުޅެނީ..” ހޫރީން ދިނީ ކުރު ޖަވާބެކެވެ. “އާދޭ ގެއަށް ދާން.. މިހާރު މާ ލަސްވެސް ވެއްޖެ..” ނީޝަލް ދަބަސް ކޮނޑުގައި އަޅުވަމުން ކޮޅަށް ތެދުވަން އުޅުނެވެ.
ކުއްލިއަކަށް މީހަކު ދޮރުގެ ތަޅުގައި ހިފާލި އަޑު އިވުނެވެ. ތެދުވަން އުޅުނު ނީޝަލްގެ އަތުގައި ހިފާ ހޫރީން ހުއްޓުވިއެވެ. “ކޮންމެވެސް މީހަކު މިތަނަށް ވަންނަން އެބަ މަސައްކަތް ކުރޭ…” ހޫރީން ވައި އަޑުން ބުނެލިއެވެ. ނީޝަލް ހިންދިރުވާލިއެވެ. ބޭރުގައި ހުރި މީހާގެ ތަޅުގައި ހިފުން ޓަކިޖެހުމަކަށް ބަދަލުވެގެން ދިޔައެވެ. ޓަކިޖެހުން ތެޅުމަށް ބަދަލުވެގެން ދިޔައެވެ.
ކުއްލިއަކަށް އެމީހަކު ތެޅުން ހުއްޓާލިއެވެ. ތަނަށް ވެރިވެގެން ދިޔައީ ހިމޭންކަމެކެވެ. އެހަމަހިމޭންކަން ފޫދުއްވާލީ ކްލާހުގެ ދޮރު ހުޅުވުނު އަޑަށެވެ.
ހިފައިގެން ހުރި ހޫރީންގެ އަތަށް ނީޝަލްއަށް ބާރުކޮއްލެވުނެވެ. ދެމީހުން މަޑުމަޑުން ފިރުކިފައި ގޮސް ލެކްޗަރާގެ ޑެސްކުގެ ފަހަތުން ނިވާކަން ހޯދިއެވެ. އޭރު ދެމީހުންވެސް ހުރީ ބިރުންގޮސް ނޭވާ އަވަސް ވެފައެވެ. ދެން އިވެން ފެށީ މީހެއްގެ ފިޔަވަޅުތަކެއްގެ އަޑެވެ. އެފިޔަވަޅު އެމީހުން ހުރިދިމާލަށް އަންނަ އަޑު އިވެންފެށިއެވެ. ނީޝަލްއަށް ހޫރީންގެ އަތަށް ބާރު ކޮށްލެވުނެވެ.
“ޕީ ކަ ބޫ..!!!” އެމީހަކު ލެކްޗަރާގެ ޑެސްކްގެ ބިތްދޮށަށް ބޯދިއްކޮއްލަމުން ގޮވާލިއެވެ.
ގަތްބިރުން ދެމީހުންވެސް ހަޅޭއްލަވައިގަތެވެ. ހޫރީން ފައި ނެގިގޮތަށް އެމީހާގެ ބޮލުގައި ބާރުބާރަށް ޖަހައިފިއެވެ. “އައްދިއްޔޯއެކޭ ހޫރުޕަރީ.!! ކޮންތާކުން ދަސްކޮށްގެން އުޅޭ ކަރާޓޭއެއް ތީ..؟” ހިޔާންގެ އަޑު ޖެހުމުން ހޫރީންއަށް ބަލާލެވުނެވެ. ހަޅޭއްލަވަން އިން ނީޝަލްވެސް ހުއްޓާލިއެވެ. “ދޮންބެތަ..؟” ހޫރީން ގޮވާލިއެވެ. “ނޫނެކޭ.. ކާފަ…!!” ހޫރީންގެ އަތުގައި ހިފާ ނަގަމުން ހިޔާން ބުނެލިއެވެ. “އަޅެ އެކަހަލަ ގަޑިއެއްގައި ދެންވެސް ސިއްސުވާނުލާތި..!! އަހަރެމެންނަށް ހާރޓްއެޓޭކެއް ނުޖެހުނުކަން އެއީ ނަސީބެއްނު..؟” ހޫރީން ބުނެލިއެވެ.
“އާދޭ ގެއަށް ދާން..” ހިޔާން ބުނެލިއެވެ. “އެކަމު ކޮބާ އިޒްކާން…” ނީޝަލްގެ އަނގައިން އިޒްކާންގެ ނަންބޭރު ވުމުން ހިޔާން މޫނު ކުނިކޮށްލިއެވެ. “އިޒްކާން އައިސްދާނެއެއްނު..؟ މުހިންމީ ގެއަށް ދިޔުން މިގަޑީ..” ހިޔާން ވަރަށް އޯގާތެރިވާކަމަށް ހެދެމުން ބުނެލިއެވެ. ނީޝަލް ކޮޅަށް ނަގާފައި ހިޔާން ގަޔާއި ލައްކޮއްލައިގެން ކަހަލަގޮތަކަށް ކްލާހުން ނުކުތް ވަގުތަކީ އިޒްކާން ކްލާހާއި އަރާހަމަވި ވަގުތެވެ. ބިރުން ވިރިފައި ހުރެ އިޒްކާންގެ ގާތަށް ދާން ނީޝަލްއަކަށް ނުވެސް އެނގުނެވެ. ނީޝަލް ހުރީ ހިޔާންގެ ގާތުގައެވެ. ނީޝަލް އިތުރަށް ގަޔާއިލާ ބޮނޑި ކޮއްލަމުން ހިޔާން ކްލާހުން ނުކުތްއިރު އެ ތުންފަތުގައި ވަނީ ކާމިޔާބީގެ ފަޚުރުވެރި ފޮނި ހިނިތުންވުމެކެވެ.
މާޔާ އިނީ އޭނާ އާންމުކޮށް އަންނަ ޕާރކްތެރޭގައެވެ. މާޔާގެ ހިޔާލުގައި އެނބުރެމުން ދިޔައީ އެ ދުވަސްތަކެވެ. އޭނާގެ ހަޔާތުގެ އެންމެ ކަޅު ދުވަސްތައް އަވްލީންއަށް ކިޔައިދިން ދުވަހެވެ.
*****************
ހަވީރު ވަގުތެވެ. ސައިބޮއިގެން މާޔާ ހުރީ ބެލްކަނީގައެވެ. ލައިގެން ހުރި ކަޅުކުލައިގެ ހެދުން ޖެހެމުން ދިޔަ ވަޔަށް ވިހުރެމުން ދިޔައެވެ. “އާރ ޔޫ ރެޑީ..؟” އަވްލީންގެ އަޑަށް މާޔާ ފަހަތަށް ބަލާލާފައި ހިނިތުން ވެލިއެވެ. ”ކޯޗަކަށް ރެޑީ..؟” މާޔާ އެއްސެވެ. “އަހަންނަށް މާޔާ ކިޔައިދޭން އޮތް ވާހަކައިގެ ބާކީ ބައި ކިޔައިދޭން ތައްޔާރު ހެއްޔޭ..” އަވްލީންވެސް ނުހަނު ރީއްޗަށް ހީނލާފައި ބުނެލިއެވެ. އެއްޗެއް ބުނުމުގެ ކުރިން މާޔާގެ ކަޅި ހުއްޓުނީ ސިޓިންގރޫމްއަށެވެ. ކުޅޭ އެއްޗެހިތައް ފަތުރާލައިގެން ކުޅެން އިން ރޫހާން އާއި ނީޝަލްއަށް މާޔާ ބަލާލީ ލުއި ހިނިތުންވުމަކާއި އެކީގައެވެ. ދިމާވިގޮތަށް ރޫހާން އާއި ނީޝަލް ނުލާހިކު އެކުވެރިވެއްޖެއެވެ. މާޔާ އަވްލީންގެ މޫނަށް ބަލާލިއެވެ. “އަހަރެން ތައްޔާރު..” މާޔާ އެހެން ބުނުމުން އަވްލީން ލޮލުގެ އިޝާރާތުން ފަށާށޭ ބުނެލިއެވެ.
“އަހަރެން އެ ބޮޑު ފިރިހެން މީހާ އާއި އެކީގައި ބާޒާރަށް ދިޔަ ދުވަހު އަހަންނާއި އިރުފާން އާއި ދިމާވީ.. އޭގެ ފަހުން އަހަރެމެން މަދުމަދުން ހަމަ ދިމާވަމުން ދިޔަ… އެ ފިރިހެން މީހާ އާއި އަހަރެންގެ ދެމެދުގައި އޮތް ގުޅުން އިރުފާންއަށް ވަންހަނާވެފައި އޮންނާކަށް މާ ގިނަދުވަހެއް ނުނެގި.. އަހަރެންގެ ހާލު އެނގުމާއި އެކީގައި އިރުފާން އަހަރެން އޭނައާއި އެކީގައި މިތަނުން ދާން އެދުނު.. އެހީތެރިކަމެއްގެ އަތަކަށް ކެތްތެރިކަމެއް ނެތި އަހަރެން ކުރަމުން ދިޔަ އިންތިޒާރަށް ނިމުމެއް އައީ އިރުފާން އާއި ހެދި.. ދެން އެއް ރޭ އިރުފާން އަހަރެން ގޮވައިގެން ފިލީ.. އޭގެ ފަހުން އިރުފާން އަހަރެން ގޮވައިގެން ފްރާންސަށް އައީ.. އަހަރެމެން ދެމީހުން އެކުގައި އަހަރެއް ވަންދެން އުޅެފައި ކައިވެނި ކުރީ.. އާނ.. ތި ހީވީ ހަމަ ރަނގަޅަށް.. ރޫހާންގެ ބައްޕަ އަކީ އިރުފާން.. އެކަމަކު ދެން…..” މާޔާގެ އަޑު ބެދުނެވެ.
“ދެން ކިހިނެތްވީ..؟” އަވްލީން ހުރީ ފަރުވާތެރިކަމާއި އެކީގައި މާޔާގެ ވާހަކަތައް އަޑު އަހަންކަން މާޔާއަށް ދޭހަވިއެވެ. އަންނަން އުޅުނު ކަރުނަތައް ދިރުވާލާފައި މާޔާ ބެލީ އަވްލީންއަށް މުޅި ވާހަކަ އެއްކޮށް ކިޔާދެވޭތޯއެވެ. “ރޫހާން ލިބުނު ފަހުން އިރުފާން މުޅިން އެހެން މީހަކަށް ވީހެން އަހަންނަށް ހީވަނީ.. ކުރިން ވީ ލޯބި ފަނާވެގެން ދިޔަ.. އިރުފާންގެ ފަރާތުން އަހަންނަށް އަނިޔާ ނޫން އެއްޗެއް ނުލިބޭ.. އެހެން ފަސް އަހަރު ވަންދެން އުޅުނިން ކެތްކޮށްގެން.. ރޫހާންއަށްޓަކައި.. މީގެ އަށްވަރަކަށް މަސް ކުރިން އަހަންނަށް އެ ރަހުމު ކުޑަ މީހާގެ ދެވަނަ ދަރިއަށް އަހަރެން ބަނޑުބޮޑުކަން އެނގުނީ.. އެކަން އިރުފާންއަށް އެނގުނީމައި އޭނަ އަހަރެންނަށް ހެޔޮކޮށް ހިތާނެ ކަމަށް އަހަރެން އޭނަގެ ގާތުގައި އެވާހަކަ ބުނީ… ދެން………” މާޔާއަށް ރޮވުނެވެ.
އަވްލީން މާޔާގެ ކޮނޑުގައި އަތް ބާއްވާލި އިހުސާސްވުމުން މާޔާއަށް އަވްލީންގެ މޫނަށް ބަލާލެވުނެވެ. އެ ތުންފަތްމަތީގައިވާ ހިތަށް ހަމަޖެހުން ގެނުވާދޭ ހިނިތުންވުމުން މާޔާ ކުޑަކޮށް ހަމައަކަށް އެޅުނެވެ.
“އޭނަ އަހަރެންނަށް ކުރިއަށްވުރެ ބޮޑަށް އަނިޔާ ކުރަންފެށީ.. އެވަރުންވެސް ކެތްކުރިން އުންމީދުގައި.. އިރުފާން ބަދަލުވެދާނެކަމަށް.. އެކަމަކު އިއްޔެ ރޭ އަހަރެންނާއި ރޫ އިރުފާން ގެއިން ބޭރަށް ނެރެލީ.. އޭނަ ލޯބިވަނީ އެހެން އަންހެން ކުއްޖެއް ދެކެކަމަށް ބުނަމުން.. އަހަރެންގެ ހިތަށް އެވަގުތު ވީތަދު ބަޔާން ކޮށްދޭކަށްވެސް ނޭނގެ.. އެތައް ހާސް ޝަކުވާއެއް ހިތަށް އަރާ ފޭބި… އިރުފާން އަހަރެން އެ ފިރިހެން މީހާގެ އަތްދަށުން ސަލާމަތް ކޮށްދިނީ މިހާލު ޖައްސަން ވެގެން ހެއްޔޭވެސް އަޑުގެ ނެތްތަނަށް އަހާލެވުނު.. އެހެން ބުނުމާއި އެކީގައި އޭނަ އަހަރެންގެ ގައިގައި ތަޅައިގަތީ އެޔެއް މިޔެއް ނުބަލާ… އަހަރެން ހުރި ހާލުވެސް އޭނައަށް ނޭނގެނީބާއޭ ވެސް ހިތަށް އެރި.. އޭނަ އަހަރެން ވަރިކޮށްލާފައި ދޫކޮށްލީ.. އެރޭ އެ ވާރޭގެ ތެރޭގައި އަހަރެން ރޫ ގޮވައިގެން މުޅިތަނުގައި ހިނގީ.. ދެން ނޭނގެ ވީގޮތެއް.. ހީވަނީ އަހަރެންގެ ހޭވެރި ކަން ނެތުނީ ހެން.. ހޭއެރިފަހުން އެނގުނީ ކައިޔަންމެންގެ ގޭގައި ކަން މި ހުރެވުނީ….” މާޔާ އޭނާގެ ވާހަކަ ކިޔައިދީ ނިންމާލިއެވެ.
“އަހަރެން މިއަދަށް މިގޭގައި ބަހައްޓާލަދީ.. މާދަން އަހަރެން މިގެއިން ނުކުމެގެން ހިނގައިދާނަން..” މާޔާ ބުނެލިއެވެ. ”މާޔާ ދެން ދާނެ އިތުރު ތަނެއްވެސް ނެތެއްނު..؟” އަވްލީން ކަންބޮޑުވިހެން ހީވެގެން މާޔާއަށް އަވްލީންގެ މޫނަށް ބަލާލެވުނެވެ. “އެހެންވިއްޔާ އަހަރެން މިގޭގައި ބަހައްޓައިދީ.. އަހަރެން އަވްލީންއަށް އެހީވާނަން.. އަވްލީން ބުނީމެއްނު ތިއީ ސައިކޭޓްރިސްޓެކޭ..؟ އަވްލީން ޑިއުޓީއަށް ދާ ގަޑިގަޑީގައި އަހަރެން ޝަލްކޮއްކޮ އާއި ރޫހާން ބަލައިދީފާނަން..” މާޔާ ވަގުތުން އެދުނެވެ. “އެއްވެސް މައްސަލައެއް ނެތް.. މާޔާއަށް މިގޭގައި ހުރެވޭނެ..” އަވްލީންގެ ދުލުން އެ ބޭރުވި ޖުމްލައަކީ އަވްލީން އަށް އެޅުނު އެންމެ ކަތިފިޔަވަޅުކަން ކުރިން އަވްލީންއަށް ވިސްނުނު ނަމައެވެ.
މާޔާ ހީނލިއެވެ. އަވްލީންވެސް ހީނލާފައި ބެލްކަނިން ނުކުންނަން އުޅުނެވެ. “އަނދުން ނެތްތަ..؟” މާޔާ އަހާލިއެވެ. “ކީކޭ..؟” އަވްލީން އެއްސެވެ. “އަނދުން ދަޅެއް ނެތްހެއްޔޭ..؟” މާޔާ ތަކުރާރު ކޮށްލިއެވެ. “އެބަހުރި ކަންނޭނގެ.. އަހަރެންގެ މަންމަ ކައިރީ އަހާލާނަން.. މަންމަ އަތުގައި އޮވެދާނެ..” އަވްލީން އަވީނާގެ ކޮޓަރި އާއި ދިމާލަށް މިސްރާބު ޖެއްސެވެ.
“ޑެޑީގެ ބޭބީ.. ޝަލް ކޮކީ..” އޮފީހުން އައިގޮތަށް އައިސް ކައިޔަން ނީޝަލް އުރާލިތަން މާޔާގެ ލޮލުގައި އަޅައިގަތެވެ. ވިލުނޫކުލައިގެ ގަމީހަކާއި އަޅި ފަޓްލޫނެއް ލައިގެން ހުރި ކައިޔަން ފެންނަނީ ނުހަނު ފިރިހެންވަންތަކޮށެވެ. ގަމީހުގެ އަތްކުރި އުޅަނބޮއްޓާއި ހަމައަށް އޮޅާލާފައިވާތީ އެ ބާރުގަދަ އަތް ވަނީ ހާމައަށް ފެންނާށެވެ. ނީޝަލް އުރާލައިގެން ހުރި ކައިޔަންގެ ތުންފަތް މަތީގައިވަނީ އަންހެން ކުދިން ފިދާވާ ފަދަ ހިނިތުންވުމެކެވެ.
“ކައިޔަން..” މާޔާ ހުވަފެނީ ގޮތަކަށް ހީނލިއެވެ. އަވްލީންއަށް އޭނާގެ މާޒީގެ ވާހަކަ ކިޔައިދިން އިރު މާޔާ އެއްކަމެއް ސިއްރުކުރިއެވެ. ކައިޔަން އަކީ މާޔާގެ ހިތުގައި ވިކާލި އެންމެ ފުރަތަމަ މީހާ ކަމެވެ. އަނެއް ގޮތަށް ބުނާނަމަ ކައިޔަން އަކީ މާޔާއަށް އެންމެ ފުރަތަމަ ލޯބިވެވުނު މީހާ ކަމެވެ.
= ނުނިމޭ =
One Comment
Comments are closed.
Hiiii Yoon❤️❤️❤️❤️
Furathama vxx swry ingey cmnt eh nukohleveythee ????❤️❤️❤️
Vrh duvas vehje dhw I ah cmnt eh ???nukohleveythaa ISA balaana ingey dhn regular koh kureveythoo❤️❤️❤️❤️❤️
Btw mi part vxx vrh reethi ❤️❤️❤️❤️
Ale hiyaan men haadha nulafaeyy dhw Yoon ???????hiyaan mena ladeh deebala nikan varugadha ?????????☺️☺️☺️❤️❤️❤️
I hope hiyaan ah neeshal nulibeythoo ☺️☺️
Wow past revel vany dhw so exited ???
Waiting for the next part ❤️❤️
Love u soo much❤️❤️
Stay safe ❤️❤️