ނިކަން ލޯބިން-27
” އާން ކުއްޖަކު ގޮވައިގެން އަންނަ ވާހަކ ބުނި ކުރިންވެސް. ވަޒީފާއަށްދާ ކުއްޖެކޯ. ކުއްޔަށްތަނެއް ހޯދާތީ ހުސްކޮށް އެހެރަ ކޮޓަރީގަ ބަހައްޓަން ގެނައީއޯ” މަންމަ އަހަރެންނަށް ތަފްސީލް ދިނެވެ.
” އަނެއްކާ އަންހެން ކުއްޖެއްތަ މަންމާ” އަހަރެން ހެމުން ހެމުން އެހެން ބުނެލީމެވެ.
“ނޭގެ ދަރިފުޅާ މަންމަވެސް ނުދެކެން އަދި. އަންހެން މަންޖެއެއްވެއްޖެއްޔާ ތިގެއަށް ބަދަލުކޮށްލަ ފާނަމޭ. ހާސްނުވޭ” މައިދައިތަވެސް އަހަރެންނާ އެއްބައިވެލާ ސަކަރާތްޖަހާލިއެވެ.
ކާން ހަދާ ނިމުމުން މަންމަ ދިޔައީ ބައްޕަ ހޯދަން އަހަރެމެންގެއަށެވެ. އަހަރެންވެސް އިޖާޒް ބަލާ ކޮޓަރިއަށް ދިޔުމަށް ދޮރުން ނުކުމެ ނުކުމެ ހުއްޓައި ގޯތިތެރެއިން އެތެރެއަށް ވަންނަން އައިމީހެއްގައިގައި ބާރަކަށް ލައިގަތެވެ. ހަމަ އެވަގުތު “އައުޗް އޭ” އަހަރެންނަށް ބުނެވުނެވެ. އެމީހަކު ސޮރީއޭވެސް ބުންޏެވެ. އެކަމަކު ހަމަ އެ ސިކުންތުކޮޅު ތެރޭގައި އެމީހާގައިން އެ ދުވިވަސް އަހަރެންނަށް ދެނެގަނެވުނެވެ. ހިތް ތެޅެންފެށީ އޮބި ނޯންނަހާ ބާރަށެވެ. އިސްނަގާ ބަލާލަންވެސް އަހަރެން ބޭނުންނުވިއެވެ. ދެ އަހަރަށް ވުރެ ގިނަދުވަސް ފަހުން ދިމާވިއިރުވެސް ސެންޓު ބަދަލެއް ނުވެއެވެ. އިޖާޒް ޔަޤީނަށްވެސް ޓޮމް ފޯޑް ނުޖަހާނެއެވެ. އޭނާއަކީ ހޫގޯ ގެ މާ ބޮޑު ފޭން އެކެވެ. އެހެން ނޫނަސް އެ ބީހުން، އެހަށިގަނޑު އަހަރެންނަށް އޮޅޭނޭ ހެއްޔެވެ. އަހަރެންގެ ހިތުގެ އެންމެ ފުންމިނުން ލޯބިވި ހަމަ އެކަނި އިންސާނަކީ އެއީއެވެ. އަހަރެންގެ ދަރިފުޅު ފިޔަވައެވެ.
އިސްދަށަށް ޖެހިގޮތަށް އަހަރެން ބާރުބާރަށް ގޮސް ކޮޓަރިއަށް ވަނީމެވެ. އިޖާޒް އޭރި އީރާ ބާއްވާފައި ބޭރަށް ނުކުންނަން ހިނގައި ގަންގަނީއެވެ.
“އާޔާ؟ ކިހިނެއްވީ ހާދަ ބިރުގަނެފަ؟ ކޮޓަރިއަށްވަތްއިރުވެސް އަހަރެންގެ މޫނުމަތިން ސިހި ބިރުގަނެފައިވާވަރު ހާމަވާން ހުއްޓެވެ.
” ކުއްލިއަކަށް ބުޅަލެއް ކުރިމައްޗަށް ފުންމާލީއޭ” އަހަރެން އައިސް ސޯފާގައި އިށީންނަމުން ބުނީމެވެ.
“އެއީއެވަރު ކަމެއް ނޫނޭ! ހިނގާ ކާންދާން. ކޮން ދުވަހެއް އެކީގައި ނުކާތާ؟” އިޖާޒް އައިސް އަހަރެންނާ ޖެހިގެން އިށީނެވެ.
“އަހަރެން ބަނޑު ހައެއް ނުވޭ! ތަންކޮޅެއް ފަހުން ކިރުތަށްޓެއް ބޯލާނަން” އިޖާޒް އާއިއެކު ގެއަށް އައީކާކުތޯ ޔަޤީންކުރާކަށް އަހަރެން ބޭނުމެއްނޫނެވެ. އެހާ ހިތްވަރެއްވެސް އަހަރެންގެ ނެތެވެ.
“އާޔާ ނުކަންޔާ އަހަރެންވެސް ނުކާނަން. އާޔާއާއެކީ ފަހުން ކޮފީ އެއް ބޯލާނީ އެހެންވީމާ” އިޖާޒް ބޮޑާހާކާލިއެވެ.
“އުނހު. އިޖާޒް ބުނީމެއްނު ވަރަށް ބަނޑުހައޭ. ދެން ދޭބަކާން” އަހަރެން ކިތަންމެ ވަރަކަށް ކީނަމަވެސް އިޖާޒް ހުރީގޮތްދޫކުރާގޮތަކަށް ނޫނެވެ.
“ދަރިފުޅުމެންއާދޭ ކާން. އެންމެން މިތިބީ މަޑުކޮށްގެންނޭ” ބޭރުން ބައްޕަ ގޮވާލިއަޑުއިވުނެވެ.
“ބައްޕަމެން ފަށާ. އީރާ ނިދީމަ މިދަނީ” އިޖާޒް ގޮވާލިއެވެ.
އިރުކޮޅަކު އެހެން ތިބުމަށްފަހު ގޮތްދޫކޮށްގެން އަހަރެން އިޖާޒް ފަހަތުން ކާންދާން ނުކުތީމެވެ. ދެފައި ތުރުތުރު އަޅަމުން ކަހަލަގޮތަކަށް ބަދިގެއާއި ހަމައަށް ދެވުނު އިރުމަންމަ އާއި ބައްޕަ ކާން ތިއްބެވެ.
“އަވަހަށް އާދޭ ކާން! ދަރިފުޅާއެކީ އައި ސޮރު ގޮވައިން އާޔާ ބައްޕަ ހިނގައްޖެ އެގެއަށް. އާޔާ މަންމަގެ ފަހަރިއެއްގެ ކޮއްކޮއެކޯ އެއީ ދޯ” އަހަރެމެން ފެންނައިރަށް މަންމަ ވާހަކަ ދައްކަން ފެށިއެވެ.
“އާނ! އާޔާއަށް ލޭދިނީ އޭނައޭ! އެއާޕޯޓް ޑިޔުޓީގަ އުޅޭއިރު އެތަނުން ފެނިފެނި ވަރަށް ރަށްޓެހިވި. ހުރިހާ ގަޑިއެއްގަ ކާންދަނީ އެކީގަ. ކަންދިމާކުރި ގޮތުން ދެމީހުންވެސް އުޅެވުނީ އެއްގެއެއްގަހުރި ދެ އެޕާޓްމަންޓްގަ. ކުރިން ޕައިލެޓްއަކަށް އުޅެފަ ކޮންމެސްކަމެއް ވެގެން އެ ވަޒީފާއިން ވަކިވެގެން މެނޭޖްމަންޓް އާ ޖޮއިންކުރީ. އެހެން ދިމާވި ދުވަހެއްގަ ވާހަކަ ދައްކަމުން އަހަރެން ހަނިމާދޫއޭ ބުނީމަ ބުނީ އެއާޕޯޓް ހިންގުމާ ހަވާލުވާން ދާން ޖެހެޔޭ. ޑުބާއީގަ އުޅެފަ މި ތަނުން ޖޮބް ހޯދައިގެން އައިސް ޓްރެއިނިންގަޔޯ ހުރީ. ދެން މިގޭގަ ހުސްކޮޓަރިއެއްހުރީމަ މަ ބުނީ އޭނައަށް ފެންނައެއްޗެއ ދީގެން ގޭގަ ހުންނަން. ވަރަށް ނާންނާން އުޅުނު. އެކަމަކު މާދަން ޖޮއިންކުރަން ޖެހިފަ ތަނެއްވެސް ނުލިބޭތީ އައީ. މަ ބުނިން ފަހުން ބަދަލު ވެވިދާނެ ނޫންހޭ”
އިޖާޒް ލައިތް އާއި ދިމާވިގޮތް ކިޔާދިނެވެ. ކަނުލާ އަޑުއަހަން އަހަރެން އިނީމެވެ. އެންމެން ކައި ނިމުމުން އަހަރެންނާއި މައިދައިތަ ތަށިތަށް ނެގުމުގައި މަސްއޫލުވީމެވެ.
“މި ސޮރު ނުވެސް ބުނެޔޭ އެއްވެސް މީހެއްކައިރީ މިރަށަށް އަންނަ ވާހަކައެއް. ފެނުނީމަ އެނގުނީ!. މީ ހަސީނު އަންހެނުންގެ ކޮއްކޮއެއް. ދިއްފުށީ މަރިޔަންފުޅު އާއިލާ ކުދިންމީ. ނުލާހިކު ހެޔޮ ބައެއް އެއީ. ތިމާގެވެސް ވާނެ އަހަރެމެންނާ. އަހަރެމެން ގޭގަ ބަހައްޓާނީ އެނގޭ” އަހަރެން ބައްޕަގެ އަޑު ސިޓިން ރޫމުން އިވުނެވެ.
“އެ ސޮރަށް ފެންނަގޮތެއް ހެދީމަ ރަނގަޅުވާނެ.” ބޭރުން ދައްކާ ވާހަކަ އަޑު އިވި އަހަރެންގެ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ.
ބަދިގޭގެ ކަންކަން ނިންމާލުމަށްފަހު ލައިތްއަށް ނުފެނި ކޮޓަރިއަށް ވަދެވުނީތީ އަހަރެން ހިތްހަމަ ޖެހުނެވެ. އަހަރެން ނިދަން ރެޑީވެގެން ގޮސް އީރާ ނަގައިގެން ބުއްދިނުމަށްފަހު ކުޑައެނދުގައި ބާއްވަން ގުދުވެލިތަނާހެން އިޖާޒްއައިސް ފަހަތުން އަހަރެންގެ ގައިގައި ބައްދާލިއެވެ. އެ ބައްދާލުމުންނާއި އިޖާޒްގެ ހަރަކާތްތަކުން އިޖާޒް ގެ ބޭނުން ކިތަންމެ ރަނގަޅަކަށްވެސް އަހަރެންނަށް އެނގުނެވެ. ނަމަވެސް އިޖާޒް ގެ އެދުމަކަށް ނޫނެކޭ އަހަރެންނަށް ބުނެވުނު ފުރަތަމަ ރެއަކީއެއީއެވެ. އީރާއަކީ ނިދި މަޑު ކުއްޖެއްކަމުން އޭނާ ބާއްވާފައި ބާރަށް އަހަރެންގެ އަތްދަމައިގަތީ އެހެން ހަދައިފިނަމަ އީރާ ހޭލެވޭނެކަން އަހަރެންނަށް ޔަޤީންވާތީއެވެ. އީރާ ނިދުމުން އެނދަށްލާފައި އަތްނަގަން ޖެހެނީ ވަރަށް މަޑުމަޑުންނެވެ. އެވަރުންވެސް ބައެއް ފަހަރު ހޭލައެވެ. އޭނާ އަބަދުވެސް ނިދަން ބޭނުންވާނީ އަހަރެންގެ ގައިގެ ވަސް ޖެހޭ ހިސާބުގައެވެ.
އަހަރެން ހީކުރި ފަދައިން އީރާ ވަރަށް ބާރަށް ރޯންފެށިއެވެ. އަހަރެން ވަގުތުން އީރާ އުރާލީމެވެ. އިޖާޒް ލާނެތް ގޮތަކަށް އީރާގެ ކޮލުގައި ހިފާލިއެވެ.
“މަންމަ ވެރިކުރަނީތަ ދަރިފުޅު! ބައްޕަވެސް ބޭނުމޭ މަންމަ!”
އީރާނަގައިގެންގޮސް އެނދުގައި އޮށޯތީމެވެ. ދެމީހުންގެ މެދުގައި އީރާ ބޭއްވީ ވެއްޓި ދާނެތީއެވެ.
” ސޮރީ!” ހަގީގަތުގައި އަހަރެން ސޮރީއޭ ބުނީ އިޖާޒްގެ އެދުމަށް ނޫނެކޭ ބުނެވުމުންނެވެ. ނަމަވެސް އެކަން ނޭގޭ ހާލު އިޖާޒް އަހަރެން ބޮލުގައި ފިރުމާލިއެވެ.
“އީރާ އަށްޓަކައި ހުރިހާކަމެއްވެސް ޤުރުބާން! ދެން ވަގުތު ހޯދާނީ ނު އެހެން ކަންކަމަށް”
އަހަރެންނަށް އެއްގޮތަކަށްވެސް އެރޭ ނިދޭ ގޮތެއް ނުވިއެވެ. ރީތި ފިލްމެއްގެ މަންޒަރުތަކެއްހެން އަހަރެންގެ މާޒީ ކުރިމަތިން ފެންނަމުންދިއެވެ. ލައިތްއާއިއެކު އަހަރެން ހޭދަކުރި މަދު ނަމަވެސް އުފާވެރި ދުވަސްތަކެވެ. އަލަށް ލައިތް އާއި ދިމާވޮ ގޮތެވެ. ޗެޓްކުރުމުގައި ދެމީހުން ހޭދަ ކުރި ދުވަސްތަކެވެ. އަދި މާލެއިން ލައިތް ފެނުން ދުވަހާއި އޭނާގެ ލޮލުން ވިދަ ވިދާހުރި ކަރުނަތަކެވެ. ލައިތް އަހަރެމެން ގެއަށް ބަދަލުކުރުމަކީވެސް އަހަރެންނަށް ނަސީބެކެވެ. ނަމަވެސް ލައިތްއަށް ނުފެނި ކިހާދުވަހަކު އަހަރެންނަށް އުޅެވިދާނެ ހެއްޔެވެ؟ މި ހުރިހާ ކަމަކަށްވުރެ އަހަރެންގެ ހިތުތެރޭގައި ނުތަނަވަސްކަން އުފެދުނު އެހެން ސުވާލުތަކެއް ސިކުނޑީގައި އެނބުރެން ފެށިއެވެ. ލައިތް މި ރަށަށް އައީ ކީއްކުރަން ބާވައެވެ؟ ޕައިލަޓް ކަމުން ވަކިވީ ކީއްވެ ބާވައެވެ؟ ލައިތް އަނެއްކާ އަހަރެންނާއި އިޖާޒް ގެ ދެމެދަށް ވަންނަން މަސައްކަތްކުރަނީ ބާވައެވެ؟
ނޫނެކެވ. ކިތަންމެ ލޯބިވިއަސް އެ ލޯބި އަހަރެން ހިތުގެ އެންމެ ފުނުގައި ފަސްއަޅާ ފޮރުވައިފީމެވެ. އަހަރެންނާއި އިޖާޒް އާއި ދެމެދަށް ލައިތް ވަންނަން ފުރުސަތެއް އަހަރެން ނުދޭނަމެވެ. އަހަރެންގެ އާއިލާގެ ފިރިހެންދަރިއަކީ އެއީއެވެ. ގޭގައި ބައްޕަގެ ހުރިހާކަމެއްގައި އެހީވެދެއެވެ. އެހެން ނޫނަސް އަހަރެންގެ ދެލޮލުގެ ކޮއެފަދަ އިރާމް ގެ ބައްޕައަކީވެސް އެއީއެވެ. ފިރިއެއްގެ ގޮތުން ބެލިއަސް އެވަރެއް ނެތެވެ.”ރާނީ” އެއްހެން އިޖާޒް އަހަރެން ބަލަހައްޓައެވެ. ދެން ލޯބިވާތީއޭ ކިޔާފައި އަހަރެން އެނބުރި ލައިތްކައިރިއަށްގޮސްފިނަމަ އަހަރެންގެ އަމިއްލަ ނަފްސުވެސް އަހަރެންނަށް މަލާމާތްކުރާނެއެވެ.
އެފދަ އެކި ޚިޔާލުތަކުގައި އިއްވައި ފަތިސް ނަމާދަށް ބަންގި ގޮވިއެވެ. އަހަރެން ތެދުވެ ފާޚާނާގައި އުޅެނިކޮށް އިރާ ރޯންފެށިއަޑު އިވުނެވެ. ނަމަވެސް އިރުކޮޅަކުން އަޑުކެނޑުނެވެ. ފާޚާނާއިން ނުކުތް އިތު އިޖާޒް އިރާ ގޮވައިން ބޭރު އުންދޯލީގައި ނާނާ ކިޔަން އިނެވެ.
“ނަމާދުކޮށްލައިގެން އާދޭ” އަހަރެން ފެނުމާއިއެކު އިޖާޒް ބުނެލިއެވެ. އަހަރެންގޮސް ނަމާދުކޮށްލައިގެން އީރާ ރީތިކޮށް ނެޕީ ބަދަލުކޮށް ގައިގައި ތެޔޮ ލައްވައިގެން ބޭރަށް ނުކުތީމެވެ. އާދައިގެ މަތީން އިޖާޒްގެ ބައްޕަ އީރާގެ އިންތިޒާރުގައި ހުއްޓެވެ.
“ކާކަ ދޮނާ! އަވަހަށް ހިނގާ އަތްވަން ނުކުމެލަން!” އީރާ އުރައިގެން ބަފައިބެ ދިޔުމުން އަހަރެން ބަދިގެއަށްވަނީމެވެ. ނަމަވެސް މައިދައިތަ އޭރު ރޮށި ފިހެ ނިމެނީއެވެ.
“ދޭ އިޖާޒްއަށް ގޮވަން. މަންމަ މި ނިމެނީ.”
” އިޖާޒް ހޭލަ ކަންނޭގެ. ” އަހަރެން ސައި ހަދަންފެށީމެވެ. މަންމ ހުރީ އޮށްދަޅުވެސް ހަދާފައެވެ.
ސައި ހަދައި ނިމިގެން އިޖާޒް ކޮބައިތޯ ބަލާލަން ކޮޓަރިއަށްވަނީމެވެ. އޭރު ފެންވަރައި ނިމިގެން ފާޚާނާއިން އިޖާޒް ނުކުންނަނީއެވެ. ތުވާލުއަނދެލައިގެން ހުރިއިރު އިޖާޒްގެ ފިރިހެންވަންތަކަން ކިތަންމެ ރީއްޗަކަށްވެސް ފާޅުވޭވޭ ހުއްޓެވެ. އަހަރެން ފެނުމުން އައިގޮތަށް އަހަރެން ކައިރީ ހުއްޓި ބޮލުގައި ހުރި ފެންތައް އަހަރެން ގަޔަށް ބުރުވާލިއެވެ. އަދި ލޯތްބާއެކު އަހަރެންގެ އުނގަނޑުގައި ހިފާ ގާތްކޮށްލާ ތުންފަތަށް ބޮސްދިނެވެ.
“ދަރިފުޅާ! ދޮނާ މިއަދު ވަރަށް ފީ ދުވަހެއް. ރޯންފެށިގޮތަށް ހުއްޓާވެސްނުލި. ބަނޑުހައިވީކަންނޭގެ” ބޭރުން އިވުނީ ބަފައިބެ ގޮވާލިއަޑެވެ.
“އީރާ ރޮނީއޯ” މަޑުމަޑުން އިޖާޒް ކަންފަތްދޮށުގައި އަހަރެން ބުނެލީމެވެ.
“ޝިޓް! އީރާއަށް އެނގެނީ ކަންނޭގެދޯ އަހަރެން އާޔާ އާ ގާތްވަންޔާ!” އަހަރެން މަޑުމަޑުން ދުރަށްޖެހިލާ ގޮސް ދޮރުހުޅުވުމަށްފަހު އީރާ އުރާލީމެވެ. އަހަރެން އުރާލުމާއިއެކު ހުއްޓާލިއެވެ.
” ދަރިފުޅާ! ބައްޕަ އާއި ޒާތީ ވަނީތަ ތި! ބައްޕަ ގެ ރަންކޮޅު ގެ މަންމި އެއް އެކަނިތަ މީ؟” އިޖާޒް އައިސް އީރާ އުރާލުމަށްފަހު ވާހަކަދައްކަންފެށިއެވެ. ހީހީފައި ކުޑަކުޑަ އިރާމް ގެންނަ ހަރަކާތުން ހީވަނީ އިޖާޒް ދައްކާވާހަކަ އެނގޭހެންނެވެ.
ދުވަސް ނިމިގެން ދިޔައިރުވެސް ލައިތް ނުފެންނާތީ އަހަރެން ހުރީ ވަރަށް ހިތްހަމަޖެހިފައެވެ. ލައިތް އާއި ދިމާވެދާނެތީ އަހަރެން އެދުވަހު ހަވީރު ބޭރަށްވެސް ނުނިކުންނަމެވެ. އީރާ އަހަރެންގެ މަންމަ އާއި ހަވާލުކޮށްފައި އަހަރެން އިނީ ފޮތެއް ހިފައިގެން އުނދޯލީގައެވެ.
މިގޮތުގެމަތީން 3 ދުވަސް ފާއިތުވެގެން ހިނގައްޖެއެވެ. ނަމަވެސް ލައިތް އާއި ދިމައެއްނުވެއެވެ. އެހެނަސް ލައިތްއަށް ފިލައިގެން އަހަރެންނަށް އަބަދަކު ނޫޅެވޭނޭކަންވެސް އަހަރެންނަށް އެނގެއެވެ. ލައިތްގެ ކުރިމައްޗަށް އަހަރެން އަރަން ޖެހުނީ ހުކުރު ދުވަހު ގޭގައި ކައްކަން އުޅުމުގެ ތެރޭގައެވެ. ބައްޕަ އާއި އިޖާޒް އަދި ލައިތް ގެއަށް އައިސްވަނީ އަހަރެންނާއި މަންމަ ބަދިގޭގައި އުޅެނިކޮންނެވެ. އޭރު އީރާ ވީ އިޖާޒް މަންމަ ކައިރީގައެވެ. އަހަރެން އެ ދުވަހު ބަދިގެއަށްވަނީ ބައްޕަ ބިރިޔާނީ ކާހިތުން އުޅޭތީއެވެ. ކޮންމެއަކަސް 3 މީހުން ގެއަށް ވަތްކަމެއް އަހަރެންނަކަށް ނުވެސް އެނގެއެވެ. ބަދިގެއާއި ސިޓިން ރޫމް އިންނާނީ ޕާޓިޝަންއަކުން ވަކިކޮށްފައިކަމުން ބަދިގޭގައި އުޅޭއިރު ބޭރު ނުފެނެއެވެ. ބައްޕަ އައިސް މަންމަ ކައިރީ 3 ތަށި ޖޫސް ތައްޔާރުކޮށްދޭން އެދުނެވެ. އެވަގުތު މަންމަ ހުރީ ކުކުޅު ކޮށަން ކަމުން އަހަރެން ގޮސް އަލަމާރިން 2 އަނބު ނަގާ ޖޫސްތައްޔާރު ކުރީމެވެ. އަދި އެ ހިފައިގެން ބޭރަށް ނުކުތްވަގުތު ކުރިމަތީއިން ލައިތް އަހަރެންގެ ލޮލުގައި އަޅައިގަތެވެ. އެވަގުތު ޖޫސްތަބައް އަތުން ދޫނުވީކިރިއާއެވެ. ނަމަވެސް ހިތްވަރުކޮށްލުމަށްފަހު ހަމަޖެހެމުން ގޮސް ކުޑަ މޭޒުމަތީ ޖޫސްތަބައް ބެހެއްޓުމަށް ފަހު އަވަސް އަވަހަށް ބަދިގެއަށް ވަންނަން ހިނގައިގަތީމެވެ.
“އާޔާ ކޮބާ އީރާ؟” އަހަރެން ހިނގައިގަތް ތަނުން ބައްޕަ ވާހަކަ ދެއްކުމުން ފަސްދީފައި ދާކަށް ނުކެރުނެވެ.
“އިޖާޒް މަންމަ އަތުގައި.” އަހަރެން މަޑުމަޑުން ބުނެލުމަށްފަހު އިތުރު އެއްޗެއް ބައްޕަ ބުނަންވާއިރަށް ބަދިގެއަށް ވަދެފީމެވެ. އަހަރެންގެ މޭތެޅެއެވެ. ގައިބާރު ދޫވެދާހެން ހީވިއެވެ. އަވަސް އަވަހަށް ގޮސް އަލަމާރިން ފެންފޮދެއް ނަގާ ބޯލީމެވެ. ބިރިޔާނީ ކައްކާ ނިންމާ ސެލެޑް ތައްޔާރުކުރަނިކޮށް އީރާ ރޯ އަޑު އިވުނެވެ. އެ ވަގުތު އިޖާޒްގެ މަންމަ އައިސް ބަދިގެއަށްވަނެވެ.
“ދަރިފުޅާ އެމަންޖެ ބަނޑުހައިވެގެން އެ އުޅެނީ. މަންމައަތަށް ގެނޭ ދެން. ދޭ އަވަހަށް” އަހަރެން ތަރުކާރީ ތަށި ނަގާ މޭޒުމަތީގައި ބެހެއްޓީމެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

