ނިކަން ލޯބިން-28
“އާޔާ ކޮބާ އީރާ؟” އަހަރެން ހިނގައިގަތް ތަނުން ބައްޕަ ވާހަކަ ދެއްކުމުން ފަސްދީފައި ދާކަށް ނުކެރުނެވެ.
“އިޖާޒް މަންމަ އަތުގައި.” އަހަރެން މަޑުމަޑުން ބުނެލުމަށްފަހު އިތުރު އެއްޗެއް ބައްޕަ ބުނަންވާއިރަށް ބަދިގެއަށް ވަދެފީމެވެ. އަހަރެންގެ މޭތެޅެއެވެ. ގައިބާރު ދޫވެދާހެން ހީވިއެވެ. އަވަސް އަވަހަށް ގޮސް އަލަމާރިން ފެންފޮދެއް ނަގާ ބޯލީމެވެ. ބިރިޔާނީ ކައްކާ ނިންމާ ސެލެޑް ތައްޔާރުކުރަނިކޮށް އީރާ ރޯ އަޑު އިވުނެވެ. އެ ވަގުތު އިޖާޒްގެ މަންމަ އައިސް ބަދިގެއަށްވަނެވެ.
“ދަރިފުޅާ އެމަންޖެ ބަނޑުހައިވެގެން އެ އުޅެނީ. މަންމައަތަށް ގެނޭ ދެން. ދޭ އަވަހަށް” އަހަރެން ތަރުކާރީ ތަށި ނަގާ މޭޒުމަތީގައި ބެހެއްޓީމެވެ.
އަހަރެން ބޭރަށް ނުކުތް އިރު ބައްޕަ އާއި އިޖާޒް ވިޔަފާރިއާއި ގުޅޭ އޮލަ ވާހަކައެއްގައި ތިއްބެވެ. ކުޑަ ދޮރު ކައިރީ ލައިތް އީރާ އުރައިގެން ސަކަރާތް ޖެހޭތޯ އުޅެއެވެ. އީރާ އުރަން ދާންވެސް އަހަރެން ފަސްޖެހެވުނެވެ. ލައިތް އާއި އެހާގާތްވާކަށް އަހަރެން ބޭނުމެއްނޫނެވެ.
“އިޖާޒް. އީރާ ގޮވައިގެން ހިނގާބަ. އަހަރެން މި ހިރީ ވަރަށް ހަޑިކޮށް. ބަނޑޫހައިވެގެން އެ ރޮނީ” ބައްޕަ އާއި އިޖާޒް ދައްކަން ތިބި ވާހަކަ މެދު ކަނޑާލާފައި ތެދުވިއެވެ.
” އާނ މަންމަ ގޮވައިގެން އައިރު ވަރަށް ރުއި. ލައިތް އުރާލާއިރަށް ހުއްޓާލައިފި. ވަރަށް ޗެނަލް ދިމާވެއްޖެ ލައިތްއާ.” އީރާ އުރަން ދަމުން އިޖާޒް ވާހަކަ ދެއްކިއެވެ.
“ތެދެއް ދޫނީ! ބޭބެ ރަށްޓެއްސެކޭ މީ ދޯ” ލައިތް ވާހަކަ ދެއްކީ އީރާ އުރައިގެން ހުރެއެވެ.
“ދަރިފުޅަށް ލައިތް ނޭނގޭތަ؟ އީދަށް ގޮސް އުޅުން އިރު ދިމައެއްނުވޭ؟ އެގޭގައެއްނު ހުރީ” ބައްޕަ ވާހަކަ ދެއްކީ އަހަރެންނަށް ނިސްބަތްކޮށެވެ.
“އަޅުގަނޑު ވަރަށް ނުނިކުންނަން ބޭރަށް. މަދު މަދުން ފެނުން ދޯ” ލައިތް އަހަރެންނަށް ދޯ އެއްއެއްލިއެވެ.
“ތިހެން ފިލައިގެން އޮވެ އޮވެ އޭ މީހަކާ ނީންދެވިފަ ތިހުރީ. ލައިތް ދައްތަ ބުނީ މިރަށުން މީހަކާ ދެވާފަ ފޮނުވާށޯ” އިޖާޒް ހެމުންހެމުން ވާހަކަ ދެއްކިއެވެ
” ފިލައިގެން އުޅުނަސް ދިމާވާން ޖެހޭ މީހަކާ ދިމާވާނެއޭ. ތަޤުދީރުގަ ލިބެން ނެތީމަ ނުފެންނާނީ. އެހެން ނޫނަސް އިޖާޒް ހާ އެންމެން ނަސީބު ގަދައެއް ނުވާނެއޭ.” ލައިތް އެ ބުނީ ސީދާ އަހަރެންނަށް ނިސްބަތްކޮށްކަން އެނގުނެވެ.
“އާނ. އަލްހަމްދުލިﷲ. މީ އަހަރެންގެ ނަސީބު. އެކަމް ބުނަން އަގު ބޮޑެތި އެއްޗެހި އެހާ ފަސޭހައިން ނުލިބޭނެ އެނގޭ” އިޖާޒް އަހަރެންގެ އުނަގަނޑުގައި ހިފާލިއިރު އަނެއް އަތުގައި އީރާ އިނެވެ. ހަމަ އެވަގުތު އީރާ ރޯންފެށިއެވެ. އެހެން ކަމުން އަހަރެމެން ގެއަށް ދިޔުމަށް އަވަސްވެގަތީމެވެ.
އެ ދުވަހު އީރާ ބޮޑާ ވާތީ ކަމަށް ބުނެ އަހަރެން ކާންދިޔައީ އެންމެން ކައި ނިމުމުންނެވެ. އެވެސް އަނެއްކާވެސް ލައިތްއާއި ކުރިމަތިލުމަށް ބޭނުންނުވާތީއެވެ. ކައި ނިންމާލައިގެން ނުކުމެ ސޯފާގައި އަހަރެން އިށީންދެލީދުފާލުމަށެވެ. އޭރު ގޭގައި އެކަކުވެސް ނެތެވެ. ކުއްލިއަކަށް ސިއްސައިގެން ދިޔައި ލައިތް އައިސް ސޯފާގައި އިށީންނުމުންނެވެ. އަހަރެން ވަގުތުނެ ތެދުވެ ހިނގައިގަންނަން އުޅުމުން ލައިތް ވާހަކަ ދައްކަން ފެށިއެވެ.
“އިށީނދެބަލަ. ދެތިން މިނެޓްއަށް” ލައިތް އާއި ދިމާއަށް ބަލާލުމަށްފަހު ސޯފާގައި އިށީނީމެވެ. އަދި ފޯއްތަބައް ނަގާ އުނގަށްލީމެވެ.
“ވަރަށް އުނދަގޫވޭދޯ އަހަރެން ފެންނާތީ؟” އަހަރެން މަޑުމަޑުން ލައިތްއާއި ދިމާއަށް ބަލާލީމެވެ.
“އާނ! ކީއްކުރަން މިރަށަށްއައީ” އަހަރެން ހިތުގައިވާ ސުވާލުތަކަށް ޖަވާބު ހޯދަން ބޭނުންވިއެވެ.
“އާޔ އަހަރެން ބްލޮކް ނުކުރިނަމަ މިއަދު މިރަށަކު އަހަރެން ނުހުންނާނެ.އަހަރެން ބޭނުން އާޔާ ހިތުގައިވާ ހުރިހާ ސުވާލަކަށް ޖަވާބު ދޭން. އަދި އަހަރެންގެ ސުވާލުތަކަށް ވެސް ޖަވާބު ބޭނުން. އެކަމަކު މިހާރު ދިމާވާކަށްވެސް ނުބުނެވޭނެ. ސޯ އަންބްލޮކް ކޮށްބަ”
“މިއޮއް ވާހަކަ ދެއްކެނީނު. ލައިތް ބުނަން ބޭނުން އެއްޗެއް ބުނެބަލަ” އަހަރެން ހުރީ ލައިތް ގެ ނަންބަރު އަންބްލޮކް ކުރާ ގޮތަކަށް ނޫނެވެ. އަނެއްކާ އިޖާޒް ކައިރީ ހުއްޓާ ލައިތް މެސެޖް ކޮށްފިއްޔާ ދަންއަންނަ ސުވާލުތަކަކަށް އަހަރެންނަށް ޖަވާބެއް ނުދެވޭނެއެވެ.
” މީހުން ބުނެއެއްނު ފާރުތަކުގަވެސް ކަންފަތް ހުރެއޭ. އާޔާ ފޮރުވާ ފަސްއެޅި މާޒީ އަހަރެން ބޭނުމެއްނޫން އެއްވެސް މީހަކަށް ދެން އެނގޭކަށް. ޔަޤީންކުރޭ އިޖާޒް ހުއްޓައި އަހަރެން އާޔާއަކަށް މެސެޖްއެއް ނުކުރާނަން” ލައިތް އެހެން ބުނި ނަމަވެސް އަހަރެންގެ ހިތް އެކަމަށް އެއްބަހެއް ނުވިއެވެ. ނަމަވެސް އަހަރެން އިނީ އިންތިހާއަށް އެތަނުން ތެދުވެގެން ދާން ބޭނުންވެފައެވެ.
“ވިސްނާލާނަން” އެހެން ބުނުމަށްފަހު އަހަރެން ސޯފާއިން ތެދުވީމެވެ. އަދި ބޭރަށްދާން ނުކުންނަން ހިނގައިގަތްތަނުން މަންމަ ސިޑިން ފޭބިއެވެ.
“އަނެއްކާ މަންމައަށް އިވުނުބާ” އަހަރެންގެ ހިތަށް ނުތަނަވަސްކަމެއް ވެރިވިއެވެ.
އޭގެ ފަހުން ދެން އައި ދުވަސްތަކުގައިވެސް އަހަރެން ލައިތް އަން ބްލޮކް ނުކުރަމެވެ. ނަމަވެސް ލައިތްގެ ފަރާތުން އިތުރު ކަމެއް ނުފެންނާތީ އޭނާ ފެނުނަސް ކުރިންއުޅުނުހެން ބިރުން އުޅޭކަށް ނުޖެހެއެވެ. ލައިތް އަހަރުމެން ގޭގައި އެއްމަސްދުވަސް ހޭދަ ކުރިއިރު ދެ އާއިލާ އާއިވެސް ވަރަށް ގުޅޭ މީހަކަށް ލައިތްވިއެވެ. އިޖާޒް ނުހުންނަ ވަގުތުތަކުގައި ބައްޕައާއި އެކު ވަރަށް ގިނަ ވަގުތު ލައިތް ހޭދަކުރެއެވެ. އަދި އިޖާޒް އާއި އެކީ ކޮފީ އަށްގޮސް ވެސް ހަދައެވެ. ދެ މީހުންގެ ގުޅުން ވަރަށްބޮޑަށް ބަދަހިވިކަން އަހަރެންނަށް ފާހަގަވިއެވެ. ބައެއްފަހަރު އީރާ އުރާލައިގެން ސަކަރާތްޖަހަންވެސް ލައިތް އުޅެއެވެ.
އެއްދުވަހެއްގެ ހަވީރެވެ. އަހަރެން އީރާ ގޮވައިގެން މަގުމައްޗަށް ނުކުމެލިތަނާ މަންމައައެވެ.
“ދަރިފުޅާ އީރާ ދީފަ ދޭބަލަ ލައިތް ނިދާ ކޮޓަރި ރަޖާގަނޑަށް އުރަ ލައްވާލަ ދޭން. ހަމަ އެއްގޮތަކަށްވެސް އެކަން ނުވެގެން މިއައީ”
“ލައިތް އެބައުޅޭތަ ގޭގަ؟ ” އަހަރެން އެހެންއެހީ ލައިތް އުޅޭނަމަ އެކޮޓަރިއަށް ވަންނަން އަހަރެން ބޭނުން ނުވާތީއެވެ.
” ބޯކޮށަންށޭކިއާފަ ދިޔަތާ އިރުކޮޅެއް ވެއްޖެ. ހިއެއްނުވޭ އަދި އައި ހެންނެއް” އަހަރެން އީރާ މަންމަ އަތަށް ދީފައި ގެއަށް ވަދެ ލައިތްއުޅޭ ކޮޓަރީގެ ދޮރުގައިޓަކި ދިނީމެވެ. އެތެރޭން މަޑުމަޑުން ކޮންމެވެސް ލަވައެއްގެ އަޑު އިވެއެވެ. ނަމަވެސް ޚަބަރެއްނުވުމުން ކޮޓަރި ހުޅުވާލާފައިވަނީމެވެ.
“ކަލާ ބުނީމާ ދުރުގާ ހުރީ، ހިތާ ދެކޮޅަށް މަޖުބޫރުވީ”
“ކަލާއަށް އުނދަގުލެއްމަ ވާން ނޭދޭތީ، ކަލާ އެދުން ގޮތަށް ކަންތައްކުރީ”
“ނަމަވެސް ތިޔަ ހަނދާނޭ ވަނީ، ނަމަވެސް ތިޔަ ހަނދާނޭވަނީ”
” ދުރުވާން މަސައްކަތްކުރިއަސް އިތުރުށް ހަމަގާތޭ ވެވެނީ”
“ތިހަނދާން ފޮހެވޭތޯ އުޅުނަސް އިތުރަށް ތިޚިޔާލޭ ކުރެވެނީ”
“ފޫހިވޭތޯވެސް ބެލިން ނަމަވެސް އިތުރަށް ހަމަ ލޯތްބޭ ވެވެނީ”
ލަވައެއްގެ ރާގުގައި އިވެމުން ދިޔައީ ލައިތްގެ ހިތުގެ އުދާސްތައްކަން ޤައިމެވެ. ލައިތްއަށް ނޭނގޭކަމަކީ އެއީ ހަމަ އަހަރެންގެވެސް ހިތުގެ ހާލުކަމެވެ. ނަމަވެސް އޭރުގައި އަހަރެންނަށް ވިސްނުނީ ލައިތް އަހަރެންނާއި އެކީ ރަށަށް ބަދަލު ނުވެވޭނޭކަމެވެ. އެއީ ދުނިޔޭގެ ފެންވަރުގެ ޕައިލެޓްއަކަށްވާން ލައިތް ދުށްހުވަފެންތައް އަހަރެންނަށް އެނގޭތީއެވެ. އެހެންކަމުން ލައިތްއާއިއެކު ދިރިއުޅުމެއް ބިނާ ނުކުރެވޭނެތީ އެ ލޯބި ކަފުންކޮށްފައި އަހަރެން އިޖާޒްއާއި އިނީއެވެ. ލައިތް މިރަށަށް އައިސް އުޅެން ފަށާފާނޭ ދުވަހެއް އަހަރެންނަށް ހުވަފެނުންވެސް ނުފެނެއެވެ. ކޮންމެ ސަބަބަކާލައިގެން ވިޔަސް އަހަރެންމީ މިހާރު މީހެއްގެ އަތްބެކެވެ. ތުއްތުކުއްޖެއްގެ މަންމައެކެވެ. ލޯބިވާ މީހާއާއި ނީންދެވުނު ނަމަވެސް އަހަރެންގެ ހަޔާތް ކިތަންމެހާވެސް އުފާވެރިއެވެ.
ލައިތް އަންނަންވާއިރަށް އަހަރެން ކުރަން އައި މަސައްކަތް ނިންމާލާފައި ނުކުންނަން ހިނގައިގަތީމެވެ. ދޮރު ތަޅުގައި ހިފާލިތަނާ ފަހަތުން އަޑެއް އިވިގެން ބަލާލިއިރު ތުނބުޅީގައި ޝޭވިން ފޯމް ހާކައިގެން ތުވާޔެއް އަނދެގެން ލައިތް ފާޚާނާއިން ނުކުންނަނީއެވެ.
“ދައްތާ……………..” ލައިތް ހީކުރީ ކޮޓަރީގައި އުޅުނީ މަންމަ ކަމަށެވެ. ނަމަވެސް އަހަރެން ފެނުމާއިއެކު އަވަސްއަވަހަށް ފާޚާނާއަށް ވަދެ ދޮރުލެއްޕިއެވެ. އަހަރެންވެސް އަވަހަށް އެ ކޮޓަރިން ނުކުތީމެވެ.އަދި ގޮސް ޖޯލިފަތީގައި އިށީނދެ އީރާ އުރާލީމެވެ. ހަމަ އެވަގުތު އިޖާޒް އައިސް ހިނގާލަންދާން އެދުމުން އަހަރެން އިޖާޒް އާއި އެކު ހިނގާލަން ދިޔައީމެވެ.
އެހެން ދުވަހަކެވެ. އެދުވަހަކީ އީރާ ކިރަން ދާން ޖެހޭ ދުވަހެކެވެ. އީރާ ކިރަން ދާއިރު އަބަދުވެސް ދަނީ އަހަރެންނާއި އިޖާޒް އާއި ދެމީހުންއެކީގައެވެ. ނަމަވެސް އެދުވަހު ކިރަން ގޮސް ހުއްޓައި ޕޮލިސް ސްޓޭޝަނުން ގުޅާ ކޮންމެވެސް ވާހަކައެއް ބުނުމުން އަވަސް އަރުވާލާފައި އިޖާޒް ދިޔައެވެ. އޭނާ ދާނީ ބޮޑުކަމެއް ދިމާވުމުންކަން އަހަރެންނަށް އެނގޭތީ އެއްވެސް ޝަކުވާއެއް ނުކުރަމެވެ. އޭނާ ސައިކަލަށް އަރާ ނައްޓާލަމުން ކާރު ބަލާ އަންނާނޭ ވާހަކަ ބުންޏެވެ. ކިރާ ނިމިގެން ބޭރަށް ނުކުތް އިރު ގޭ ކާރު ބޭރުގައި އޮތެވެ. އާދައިގެމަތިން އަހަރެން އީރާ ގޮވައިގެން ގޮސް ކާރުގެ ކުރީ ސީޓުގެ ދޮރުހުޅުވާލާ ކާރަށް އަރާ ހަމަ ޖެހެލީމެވެ. އަދި ކިރާކާޑު ނަގާ ކާރުގެ ކުރީގައި ބާއްވަމުން ބަލާލިއިރު ކާރު ދުއްވަން އިނީ ލައިތް އެވެ. އެވަގުތު ކާރު ސްޓާޓްކޮށްލިއެވެ. އަހަރެމެން ދެމީހުންގެ ދެމެދުގައި ވީ ހަމަ ހިމޭންކަމެވެ. އީރާވެސް އޮތީ ނިދިފައެވެ. މަޑު ދުވެއްޔެއްގައި ގޮސް ގޯޅި އަޅާލިތަނުން އީރާގެ ކިރާކާޑު ހުންގާނު މައްޗަށް ވެއްޓުނެވެ. ކާޑު ނަގާ މަތީގައި ބޭއްވުމަށްފަހު އަނެއްކާވެސް ލައިތް ކާޑު ނަގާ ބަލާލިއެވެ. ހީވީ އެއިން އެއްޗެއް ފެނުނީހެންނެވެ.
“އަމަތުﷲ؟؟…..އަމަތުﷲ އިރާމް އިބްރާހިމް އިޖާޒް؟” ލައިތް އަހަރެންގެ މޫނަށް ބަލާލިއެވެ. އަހަރެން އެ ކާޑު އަތުލުމަށްފަހު އަވަސް އަވަހަށް ތިރީގައި ބެހެއްޓި ދަބަސް ތެރެއަށް ކޮށްޕާލީމެވެ. އަހަރެން އެއްވެސް ބަހެއް ނުބުނެ އިނީމެވެ. ސުވާލުން ފުރިގެންވާ މޫނަކުން އަހަރެންނާއި ދިމާއަށް ބަލަހައްޓައިގެން ލައިތް އިނެވެ. މާ ގިނައިރުތަކެއް ނުވެ ގެޔާ ހަމައަށް ދެވިއްޖެއެވެ. އަވަސް އަރުވާލާފައި ކާރުން ފޭބިއިރު އެންމެ ފުރަތަމަވެސް ނެގީ ދަބަހެވެ. ފަސް ބަލާވެސް ނުލާ އަވަހަށް ގެއަށް ވަދެގެން ދިޔައީމެވެ.
މަދު މަދުން ލައިތްއާއި ދިމާވި ނަމަވެސް އަހަރެން ބަލަނީ ވީހާވެސް ބޮޑަކަށް އޭނާއަށް ނުފެނި އުޅެވޭތޯއެވެ. ހަޤީގަތަށް ބުނަނީނަމަ ލައިތް އާއި ކުރިމަތިލާނޭ ހިތްވަރެއް އަހަރެންގެ ނެތެވެ. އަހަރެން ފިނޑިވެދާނެތީ ބިރުގަނެއެވެ. ކަފުންކޮށްވަޅުލި އެ ލޯބި އަލުން އަހަރެންގެ ހިތުގެ ތެރޭގައި ދިރި އާލާވެދާނެތީ ބިރުގަނެއެވެ. ނަމަވެސް ކޮންމެވެސް ދުވަހަކުން ލައިތް އަހަރެންނާ ކުރިމަތިލާނޭކަން އަހަރެންނަށް ޔަޤީންވެއެވެ. އަހަރެން މިހެން ހެދީ ކިހިނެއްވެގެންތޯ އަހާނެއެވެ. އޭނާ އަދިވެސް “ނިކަން ލޯބިން” އަހަރެންގެ އިންތިޒާރުގައި އެބަހުރީމޭ ބުނެފާނެތީ އަހަރެން ބިރުގަނެއެވެ.
ހިތް ނުތަނަވަސްކަމާއިއެކު ދުވަސްތައް ހޭދަވަމުން ދިޔަސްވެސް އެއްވެސް މީހަކަށް ޝައްކެއް ވެދާނޭފަދަ އެއްވެސް ކަމެއް ހިނގިއަކަ ނުދެމެވެ. ނަމަވެސް ގޭތެރެއިން ލައިތް އާއި އަހަރެން ވާހަކަ ދެއްކި ދުވަހުގެ ފަހުން މަންމައަށް ކޮންމެވެސް އެއްޗެއް ހީވާކަމުގެ އިހްސާސްއެއް އަހަރެންނަށް ކުރެވެއެވެ. ނަމަވެސް އެކަމާއިގުޅޭގޮތުން މަންމަވެސް އެއްވެސް ވާހަކަ އެއް ނުދައްކާތީ އަހަރެން އެކަމާ މާބޮޑަކަށް އަޅައެއްނުލަމެވެ. އަހަރެންގެ އީރާވެސް ހެދި ބޮޑުވަމުން އަންނަ ވަރަކަށް އިޖާޒް އާއި ސިފަ ވައްތަރުވަމުން އާދެއެވެ. އީރާއަށް އަހަރުވީ އިރު އީރާގެ އިސްތަށިގަނޑު ފިޔަވާ ދެން ހުރި ހުރިހާ ސިފައެއްވެސް ވައްތަރީ އިޖާޒް އާއެވެ. އީރާ އިޖާޒްއާއި ހެދި ވަރަށް ފޯރި ހުރެއެވެ. އިޖާޒް ގެއަށް އައިސް ވަދޭތޯ ބަލަބަލަ ހުރެއެވެ. އީރާނުލާ އިޖާޒްއަށް ބޭރަށް ނުކުތުންވެސް ދަތިވެއެވެ. ހެނދުނު އޮފީހަށް ދަނީވެސް ގިނަ ދުވަސް ދުވަހު އީރާ ރޮއްވާލާފައެވެ. ހަމަ މި ގޮތަށް އީރާ ލައިތްއާއި ވެސް ވަރަށް ގުޅެއެވެ. ބައެއްފަހަރު އިޖާޒް އީރާ ބަހައްޓާފައި ދާތަންފެނި ރޯންފެށުމުން ލައިތް އައިސް އޭނާ މަސަލަސްކުރަންވެސް އުޅެއެވެ. އިޖާޒް އާދައިގެ މަތިން 3 މަހުން ޑޮކްޓަރަށް ދައްކަން ދާއިރު އަހަރެންގެ ބައްޕަ ނުވަތަ އިޖާޒް ގެ ބައްޕަ ދެއެވެ. އަދި އެދުވަސްތަކުގައި ވިޔަފާރީގެ ކަންކަން ބެލެހެއްޓުމުގައި ލައިތް އެހީތެރިވެދެއެވެ.
މިގޮތުގެމަތިން އިޖާޒް ޑޮކްޓަރަށް ދައްކަން އަހަރެންގެ ބައްޕައާއިއެކު ދިޔަ ފަހަރެކެވެ.އަހަރެންގެ މަންމަވީ ސްކޫލްގައެވެ. މަންމައަށް ގެއަށް އާދެވޭނީ ޢާންމުކޮށް ދޭއްގެ ފަހުންނެވެ. އިޖާޒްގެ މަންމަ އާއި ބައްޕަވެސް އެދުވަހު ދިޔައީ ކުޅުދުއްފުށްޓަށް މަންމަ ޑޮކްޓަރަށް ދައްކާލަންށެވެ. އަހަރެންނާ އީރާ ނުދިޔައީ ކަނޑުގަދަވީމައެވެ. މަންމަމެން ދިޔައީ ހެނދުނު ގޮސް ހަވީރު އަންނަގޮތަށެވެ. އެހެންކަމުން ގޭގައި ތިބީ އަހަރެންނާއި އީރާ އެކަންޏެވެ. އަހަރެން މަންމަ އިންޓަވަލް އަށް ގެއަށް އައިސް ލައިތްއަށް ސައި ހަދާދީފައި ، ލައިތް އައުމުން ސައިތަށްޓެއް ހަދާލަދޭން ބުނެފައި ދިޔައެވެ. އަހަރެންއިނީ އީރާ ގޮވައިގެން އަހަރެމެންގޭ މަތީ ޓެރަސްމަތީގައި ބާތް ޓަބަކަށް ފެން އަޅައިގެން ކުޅޭށެވެ. ލައިތް ގެއަށް ވަންނަން އައިއިރު އަހަރެން ފެނިގެން އައިގޮތަށް މައްޗަށް އެރިއެވެ. އަހަރެން ލައިތް ކައިރީ އީރާކައިރީ މަޑުކޮށްލަދޭން އެދުމަށްފަހު ތިރިއަށް ގޮސް ސައިތަށްޓެއް ހަދާ ދިނީމެވެ. އަދި އީރާގޮވައިގެން ގެއަށް ގޮސް އީރާ ފެންވަރުވާ ނިންދެވުމަށްފަހު ބަތްކައްކަން އުދާލާފައި އައިސް ގޯތިތެރޭގައި އިން އުނދޯލީގައި އިށީނީމެވެ. އަހަރެން އެތާ އިށީންތާ މާގިނައިރެއް ނުވެ ލައިތްވެސް އައިސް އަހަރެންނާއި ޖެހިގެން އިށީނެވެ. އެގަޑީ ގެއަށް މީހަކު ނާންނާނޭކަން ޔަޤީންކޮށް ލައިތްއައީ އޭނާގެ ހިތުގެ ސުވާލުތަކަށް ޖަވާބު ހޯދާށެވެ. ފުރުސަތުގެ ބޭނުންހިފާ އަހަރެންވެސް ބޭނުންވީ ލައިތްއާއި ވާހަކަ ދައްކާ މި ގުޅުން ނުކެނޑި އިންވާފަށް އަބަދަށްޓަކައި ސުލްހަ ވެރިކަމާއިއެކު ނިންމާލާށެވެ. އަދި ލައިތްކައިރީ މިރަށުން ދިޔުމަށް އެދޭށެވެ.
(ނުނިމޭ)
One Comment
Comments are closed.
މިހާރު ތިވަނީ ކަޑަ ލައިތް އާ އަޔާ ގުޅުވަބަ